27 Oct 2020

ހަތް ހާސް އިސްކުރުން ދިން ވަރުގަދަ މެސެޖު

ހަތް ހާސް އިސްކުރުން ދިން ވަރުގަދަ މެސެޖު

By: Ifraz Ali

މި ފެންނަނީ ވޭލް ޝާކެއްގެ ގައިގައި ވާތަކެއް އޮޅިފައިވާ ތަނެވެ. މި އާޓްވޯކުން ދޭ މެސެޖު ސާފެވެ. ސްކްރޫއާޓްގެ މި ތަފާތު އާޓްވޯކްގެ ފަހަތުގައި ހުރި އާޓިސްޓް، ލުޖެއިން އަލީ ވަހީދު ބޭނުންވީ ވެސް މާ ބޮޑު ތަފުސީލެއް ނުދީ، މިއަށް ބަލައިލުމުން އެކަނި، އޭނާ ދޭން ބޭނުންވާ ތިމާވެށީގެ ވަރުގަދަ މެސެޖު މީހުންނަށް ލިބުމެވެ. މި ތްރީޑީ އާޓްވޯކް ނިންމާލީ 7،000 އިސްކުރު ބޭނުންކޮށްގެންނެވެ.

ފޮޓޯ؛ ލުޖެއިން އާޓް

މިއީ މިއަހަރުގެ އެންވެއިލިން ވިޝަންސްގައި މިކްސްޑް މީޑިއާ ކެޓަގަރީން އެންމެ ވައިބްރެންޓް އާޓްވޯކަކަށް ހޮވުނު ލުޖެއިންގެ "ސަވައިލަވް" އެވެ.

"ބޭނުންވީ މި ބަލައިފައި ކޮންމެ މީހަކަށް ވެސް މެސެޖެއް ލިބޭވަރުކުރަން. އޭތި ވަރަށް ބޮޑަށް ޑެލިވާވެގެން ދިޔަހެން ހީވަނީ. އެއްވެސް މީހަކު ނާހާ މިއީ ކޯއްޗެއްތޯއެއް. ހަމަ ފެނުނީމަ އެންމެނަށް ވެސް އެނގިއްޖެ މިއީ ކޯއްޗެއްކަން،" އެންމެ ބޭނުންވި މަގުސަދު ހާސިލުވެފައިވާތީ އުފާކުރާ ކަމަށް ލުޖެއިން ބުންޏެވެ.

ފޮޓޯ: ލުޖެއިން އާޓް

"މި އާޓްވޯކްގެ އެންމެ ބޮޑު މަގުސަދަކަށްވީ ދިވެހިރާއްޖޭގެ ދިރުންތައް ރައްކާތެރިކުރުމަށް މީހުން ހޭލުންތެރިކުރުން. ވަރަށް ގިނައިން މީހުން މަގުމައްޗަށާއި މޫދަށް ވެސް ކުނި އުކާ،" މި ދައްކައިދެނީ އެކަމުން ލިބޭ ގެއްލުން ކަމަށް ބުންޏެވެ.

މި މަސައްކަތް ނިންމާލަން ތިން މަސް ހޭދަކުރި

ކުރިން މެއިންސްޓްރީމް އާޓް މީޑިއަމްތައް ބޭނުންކުރަމުން އައި ލުޖައިން، ސްކްރޫ އާޓް ބޭނުންކުރަން ފެށީ މިދިޔަ އަހަރު އެވެ. މި މީޑިއަމް ބޭނުންކޮށްގެން އޭނާ އެންމެ ފުރަތަމަ ހެދީ މަންޓާއެކެވެ. އޭގެފަހުން ކަނޑުގެ އެހެން ބައެއް ދިރުންތައް ސްކްރޫ އާޓުން ހެދި އެވެ.

"ވަރަށް މެއިންސްޓްރީމް އެއްޗެހި މިހާރު ގިނަވީމަ، ތަފާތުކޮށްލަން ވެގެން އިސްކުރު ބޭނުންކޮށްގެން އާޓްވޯކްތައް ހަދަން ފެށީ،" އަންވެއިލިން ވިޝަންސްގައި މިއަހަރު މުޅިން އަލަށް ބައިވެރިވި އާޓިސްޓް ބުންޏެވެ.

View this post on Instagram

A post shared by Ludgein (@ludgein.art) on

ލުޖެއިން ބުނީ ކުރިން ކެންވަސްއެއްގައި ދެތިން ގަޑިއިރުން ރީތި އާޓްވޯކެއް ހެދުނަސް، އިސްކުރުން އާޓްވޯކްތައް ހަދަން ގިނަ ފަހަރަށް ދެތިން މަސް ހޭދަވާ ކަމަށެވެ. ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އެންމެ ފުރަތަމަ ހެދި މަންޓާ ނިންމާލަން ވެސް އޭނާ ހަ މަސް ހޭދަކުރި އެވެ. އެއީ 15،000 އިސްކުރުގެ މަސައްކަތެކެވެ.

"ފުރަތަމަ އެތީގައި ވަރަށް ޗެލެންޖިންވި. މާލެއިން އެ ހަދަން ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް ވެސް ނުލިބުނު. އެންމެ ކުޑަމިނުން ޑްރިލްކުރާ ސްޓޭންޑެއް ވެސް ނުލިބުނު. އެހެންވެ، އެ އެއްޗެހި ވެސް ބޭރުން އޯޑާކޮށް ގެނެސްގެން މަސައްކަތް ފެށީ،" ލުޖެއިން ބުންޏެވެ.

View this post on Instagram

A post shared by Ludgein (@ludgein.art) on

މިފަހަރު އެގްޒިބިޓްކުރި އާޓްވޯކަށް އޭނާ ހޭދަކުރީ ތިން މަހެވެ.

"ފުރަތަމަ މި ހަދަނީ ސްޓްރަކްޗާއެއް. އޭތީގައި އިސްކޫރުން އެންމެ އަޑިއަށް ދާނީ ކިހާވަރަކަށްތޯ އާއި އެންމެ އުސްވާނީ ކިހާވަރަކަށްތޯ އާއި އެ އެއްޗެހި އެންޓިސިޕޭޓްކުރަނީ މަސައްކަތް ކުރަމުންދާ ވަރަކަށް،" ސްކްރޫ އާޓްގެ މަސައްކަތްކުރާ ގޮތް އޭނާ ކިޔައިދިނެވެ.

View this post on Instagram

A post shared by Ludgein (@ludgein.art) on

"ޕްލައިވުޑް ބޯޑަކަށް އިސްކުރު ޖަހާފައި މި ހުންނަނީ، އެކަމަކު އިސްކުރު ޖެހުމުގެ ކުރިން ޑްރިލްކޮށްފައި. ޑްރިލްކުރަން އެކަނި ވެސް މަހެއް އެބަ ހޭދަވޭ،" ލިބޭ ހުސްވަގުތުތަކުގައި އާޓްގެ މަސައްކަތް ކުރަމުން އަންނަ ލުޖެއިން ބުންޏެވެ.

"ބައެއް މީހުނަށް ހީވީ ސްޕްރޭކޮށްފައޭ ވެސް. އެކަމަކު ހަމަ ކޮންމެ އިސްކުރެއްގައި ވެސް އެ އިންނަނީ އޮއިލް ޕެއިންޓުން ވަކިވަކިން ބްރަޝްއަކުން ޕެއިންޓްކޮށްފައި،" އޭނާ ބުންޏެވެ.

ތިމާވެށި އާޓް އެގްޒިބިޝަން އާޓިސްޓް ފެހުހިރި

Popular