27 Oct 2020

By: Ifraz Ali

މިއީ "އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަންގައި ބައިވެރިކުރި ސްޓިޕްލިން އާޓްގެ ރީތި މަސައްކަތެކެވެ. މީގައި ދައްކައިދެނީ ތޮއްޖެހިފައި އޮތް، ރާއްޖޭގެ ވެރިރަށް، މާލެ އެވެ. މީގެ އާޓިސްޓް އައިމިނަތު ޝަޒްރާ މިއަށް ދިން ނަމުން ނަމަ "މާލެ އިން މިލިއަންސް" އެވެ. މާލެ މަތިން ނަގާފައިވާ ފޮޓޯއެއް އަސްލަކަށް ބަލައިގެން، ޝަޒްރާ މި މަސައްކަތް ނިންމާލީ 1.7 މިލިއަން ތިކި ޖަހައިގެންނެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ފޮޓޯގްރާފަރު ހަސަން އިޝާން (ސީފްރޮމްދިސްކައި) މާލެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯއެކެވެ.

"އެއަށް ގެނެސްފައި އެ ހުރި ބައެއް ބަދަލުތައް އެއީ ކުރަހަން ފެށިއިރު ހިތަށް އެރީ އިން ގޮތަކަށް ނޫނޭ ކުރަހާނީ، ކުޑަކޮށް ތަފާތެއް ގެންނަން ބޭނުމޭ. ޗެލެންޖެއް ގެންނަން ބޭނުމޭ އަމިއްލައަށް. ފޮޓޯ ޕްރިންޓްކޮށްފައި ބޮނޑިބޮނޑިކޮށްލައިފައި އޭގެ ފޮޓޯއެއް ނަގާފައި ދެން ކުރެހުން ކުރިއަށް ގެންދިޔައީ،" މިއަހަރު އަލަށް އަންވެއިލިން ވިޝަންސްގައި ބައިވެރިވި ޝަޒްރާ ބުންޏެވެ.

ޝަޒްރާ ބޮޑަށް ހާއްސަ ވަނީ ފަންސޫރާއި ގަލަމުން ކުރެހުމަށެވެ. އަދި އެހެން ބައެއް މީޑިއަމްތައް ވެސް މަދުމަދުން ބޭނުންކުރެ އެވެ.

އައިމިނަތު ޝަޒްރާ އޭނާގެ ކުރެހުން ކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: ކުޑަ ރަތް މުތް

"މި ކުރެހުން ތައްޔާރުކުރިއިރުގައި ބޮޑަށް ބޭނުންވީ ކުރެހުން ބަލާ މީހާ އަށް ކުރެވޭ އިހުސާސް އެނގެން. އެކި މީހުންނަށް ސިފަވަނީ އެކި ގޮތްގޮތަށް،" މިދިޔަ އަހަރު ސްޓިޕްލިން އާޓް ފެށި ޝަޒްރާ ބުންޏެވެ. "ބޮނިޑިބޮޑިކޮށްލައިފައި އޮތީމަ އަދި މިއީ މާލެ ވީމަ ބައެއް މީހުންނަށް އެބަ ހީވޭ އާނ މި ދައްކައިދެނީ މާލެ އަކީ މިހާ ތޮއްޖެހިފައި އޮތް ތަނެއްކަން."

ފޮޓޯ: ކުޑަ ރަތް މުތް

މި މަސައްކަތް އެއްކޮށް ނިންމާލަން 81 ގަޑިއިރު ޝަޒްރާ ހޭދަކުރި އެވެ.

"ކުޑަކުޑަ ތަންކޮޅެއް ހަދާލަން ވެސް ވަރަށް ގިނަ ވަގުތު ހޭދަވޭ. މިސާލަކަށް ކުލަ ގަދަ ތަންކޮޅެއްވިއްޔާ މަޑުމަޑުން އިނދެގެން ހަދަންޏާ ވަރަށް ވަގުތު ދާނެ. ވަރަށް ފާސްޓުކޮށް ހަދަން ވެއްޖެއްޔާ މާ ބޮޑަށް އަތުގައި ވެސް ރިއްސާނެ. އެހެންވެ، ވަރަށް ބަލައިގެން ގިނަ ފަހަރަށް ދެ ގަޑިއިރު އެންމެ ގިނަވެގެން ވެސް އިނދެވޭނީ،" މި މަސައްކަތް ކުރާ ގޮތް ކިޔައިދިނެވެ.

View this post on Instagram

A post shared by Shazra (@kudaraimui) on

ޝަޒްރާގެ އެހެން ބައެއް މަސައްކަތްތައް އޭނާގެ ނަމުގެ މާނަ އާއި ގުޅުވާލައިގެން ހަދާފައިވާ އިންސްޓަގްރާމް ޕޭޖު "ކުޑަރަތްމުތް" އިން ފެންނާނެ އެވެ.

މާލެ އާޓް އެގްޒިބިޝަން އާޓިސްޓް

Popular