28 Oct 2020

ޕެޓީސް އެމްވީން ޖޫސްޕެޓީ ބަދަލުކޮށްލީ "އައިސްކްރީމް-ޕެޓީ" އަށް

ޕެޓީސް އެމްވީން ޖޫސްޕެޓީ ބަދަލުކޮށްލީ "އައިސްކްރީމް-ޕެޓީ" އަށް

By: Aminath Ibrahim

އައްޑޫ މަރަދޫ އަށް އުފަން، މަލްހާ ރަޝީދުގެ ކުޑައިރުގެ އެންމެ ހިތްގައިމު ދުވަސްތަކަކީ އެކުވެރި ކުދިންނާއެކު ކުޅެ ނިންމާފައި، ގަނޑުކުރި ޖޫސްޕެޓީއަކުން ދުވަހުގެ ހޫނުކަން ފިނިކޮށްލި މަޖާ ދުވަސްތަކެވެ. އޭރު ވެސް ހޫނު ދުވަހެއްގެ ބުއިމަކަށް އެންމެ ލޯބިކުރީ ޖޫސްޕެޓީއަށެވެ. މިހާރު ވެސް ޖޫސްޕެޓީ އެވެ.

ސައުދަތު ސޯލިހް ކިރިޔާ ހަނދާން ހުންނަން ފެށީއްސުރެ ގައްދޫގައި އޭނާގެ ދައްތަގެ ފެން ޕެޓީ އާއި ޖޫސް ޕެޓީ ވިޔަފާރީގައި އަތްގާތްކޮށްދީ އުޅެ އެވެ. ކޮތަޅަށް ޖޫސް އަޅާފައި ބަންނާނެ މޮޅު ގޮތްގޮތާއި ރީތިކޮށް ގޮށް ޖަހާނެ ގޮތް އޭރުއްސުރެ އޭނާ އަށް ހުރީ ދަސްވެފަ އެވެ. އެއީ ސައުގެ ކުޑައިރުގެ އެންމެ މަޖާ ދުވަސްތަކެވެ. އެންމެ ހަނދާން ހުންނަ ދުވަސްތަކެވެ.

އުމުރުން 28 އަހަރުގެ މަލް އާއި ސައު އަކީ މިހާރު އެއް ގެއެއްގެ ދެ މީހުންނާ އިނދެގެން އުޅޭ ދެ ފަހަރިންނެވެ. މި ދެމީހުންގެ ވާހަކަ ހާއްސަ ވަނީ، ދެ މީހުން ބައިވެރިވެގެން ފެށި ޖޫސްޕެޓީ ވިޔަފާރި، ދެތިން މަހެއްގެ ތެރޭގައި މާލޭގައި "ހިޓަކަށް"ވެ، ފެތުރިގެން ދިޔައިމަ އެވެ.

އިންސްޓަގްރާމްގައި "ޕެޓީސް އެމްވީ" ނަމުގައި ޕޭޖެއް ހަދައިގެން މަލް އާއި ސައު ދުވާލަކު އެތައް ބައިވަރު ޖޫސްޕެޓީއެއް ވިއްކަ އެވެ. އެކަމަކު ޕެޓީސް އެމްވީގެ މި ޖޫސްޕެޓީ އަކީ ޖޫސްޕެޓީއަކަށް ވުރެ ތަޕާތު ޕެޓީ އެކެވެ. މިއީ "އައިސްކްރީމް-ޕެޓީ" އެވެ.

ޕެޓީސް އެމްވީގެ އައިސްކްރީމް ޕްލޭވަޑް ޖޫސްޕެޓީ

"އަސްލު މިއީ އައްޑޫގައި ހުންނަ މަލްގެ ފަހަރިއެއް ކުރާ މަސައްކަތެއް. ވަރަށް ފަހުން އައްޑޫ އަށް ޗުއްޓީއަކަށް ގޮސް ހުރި އިރު ފަހަރި މިގޮތަށް އައިސްކްރީމް އަޅައިގެން ޖޫސްޕެޓީ ހަދާތަން ފެނިގެން ބޭނުންވީ މިކޮޅުގައި ޓްރައި ކުރަން،" އަމިއްލަ އަށް ހަދާ އައިސްކްރީމްގައި "ޕެޓީސް" ހަދަން ފެށި ގޮތް މަލް ކިޔައިދިނެވެ.

މަލް މެންގެ ޖޫސް ޕެޓީގައި ހުންނަނީ މުޅިން ވެސް އައިސްކްރީމެވެ. އެއީ އަމިއްލައަށް ސާމާނު ގަނެގެން އައިސްކްރީމްގެ އެކި ފްލޭވާތައް އަމިއްލަ އަށް ތައްޔާރުކޮށް، ރަހަ ހެޔޮވަރުކޮށްގެން ހަދާ އައިސްކްރީމުގައި ތައްޔާރުކުރާ ޕެޓީސް އެވެ.

View this post on Instagram

A post shared by Pattice (@patticemv) on

View this post on Instagram

A post shared by Pattice (@patticemv) on

"މަލްމެންގެ ޖޫސްޕެޓީ އަކީ 100 ޕަސެންޓް އައިސްކްރީމް. އެކަމަކު މާލެއިން ލިބެން ހުންނަ އެއްޗެހި ގަނެގެން، އަމިއްލަ އަށް އައިސްކްރީމް ހަދައިގެން ޕެޓީސް މި ހަދަނީ. އައިސްކްރީމްގެ އެކި ފްލޭވާތައް ހަދައިގެން ފުރަތަމަ ރަހަ ޓެސްޓު ކުރީ. ދެން ބޮޑު ފެމެލީއެއް ވީމަ، ފުރަތަމަ ހަމަ އާއިލާ މީހުންނަށް އެކަނި ރަހަ ދައްކަނީ. ދެން ފީޑްބެކް ހޯދައިގެން އެއަށް ބޭސްކޮށް ރަހަ ހެޔޮވަރުކުރުމަށްފަހު ވިކަނީ،" މަލް ބުންޏެވެ.

ޕެޓީސް އެމްވީ އިން މިހާރު ހަ ޕްލޭވާއެއްގެ ޖޫސްޕެޓީ ހަދަ އެވެ. އޭގެ ތެރޭގައި ސްޓްރޯބެރީ، ވެނީލާ، ކޮފީ، ބަނާނާ އަދި ޗޮކްލެޓް ހިމެނެ އެވެ.

"އިތުރު ތިން ފްލޭވާއެއް ޓްރަޔަލް ގައި ވެސް އެބަ ހުރި. ވަރަށް އަވަހަށް އެ ވެސް ގަންނަން ލިބޭނެ،" މަލް ބުންޏެވެ.

މަލް ބުނީ، ޖޫސް ޕެޓީއަށް ޑިމާންޑް ބޮޑުވެ، ދަތުރުދާ މީހުންނަށް ހާއްސަ "ދަތުރު ޕެކޭޖެއް" ވެސް މިހާރު ތައާރަފްކޮށްފި ކަމަށެވެ. ބައެއް ސަފާރީތަކުން ވެސް އެ ޖޫސްޕެޓީ މިހާރު ވިއްކަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރިއަށް ލިބެމުންދާ ކާމިޔާބީ އަށް މަލް އާއި ސައު ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"އެންމެ ހިތްހަމަ ޖެހެނީ، ޖޫސްޕެޓީއަށް މޮޑާން ޓުވިސްޓެއް ގެނެވުނީމަ. ޖޫސް ޕެޓީ އަކީ މީހުން ވަރަށް ލޯބި ކުރާ އެއްޗެއް. އައިސްކްރީމް ވެސް ހަމަ އެހެން. އެހެންވީމަ މި ދޭތި މީހުންނަށް ކަމުދާ ރަހަތަކަކާ އެކު ކޮމްބައިން ކޮށްލެވުނީމަ ވަރަށް އުފާވޭ."

View this post on Instagram

A post shared by Pattice (@patticemv) on

އާ ވިޔަފާރިއަށް ލިބެމުންދާ ޑިމާންޑާއެކު ސައު އާއި މަލްގެ މަސައްކަތްތައް ވެސް ދަނީ އިތުރުވަމުންނެވެ.

"ސައުގެ ބޭބީއެއް ވެސް ހުރޭ. އެގޮތުން ވެސް ބިޒީ. ދެން މަލް ވެސް ހިއެއް ނުކުރަން މިކަމޭ ކުރާނީ. ކިޔެވީ ވެސް މީޑިއާގެ ދާއިރާއިން. އެކަމަކު މިކަން މިހެން ދިމާވީމަ ދެމީހުންގެ ފޯކަސް ވެސް މިހާރު ހުރީ ވިޔަފާރިއަށް." މަލް ބުންޏެވެ.

އަންހެނުން

Popular