26 Nov 2020

މިއީ ދިވެހި ބުޅާތަކުގެ ލަންކާ "މަންމަ"

ބުޅާތަކަށް ކާންދޭން ހަފުތާއަކު 70 ޕެކެޓް ޑްރައި ފުޑާއި 28 ޕެކެޓް ވެޓް ފޫޑް އަދި 28 ޕެކެޓް ސޮސެޖް ސްރިޔާނީ ގަނޭ

ބުޅާތަކަށް ކާންދޭން ހަފުތާއަކު 70 ޕެކެޓް ޑްރައި ފުޑާއި 28 ޕެކެޓް ވެޓް ފޫޑް އަދި 28 ޕެކެޓް ސޮސެޖް ސްރިޔާނީ ގަނޭ

By: Aminath Ibrahim

ފަތިހުގެ ފަނޑު އަނދިރިކަމުގެ ތެރެއިން ވިއްސަކަށް ބުޅަލުގެ ޖަމާއަތެއް ހެންވޭރު "ދަ ހެމާ" ޖިމުގެ ކުރިމައްޗަށް އެޅިފައިވާ ފަނޑު އަލީގެ މެދަށް ޖަމާވެ އެވެ. ހިކިގެން ގޮސް އަނަރޫފަވެ، މޭ ކަށިގަނޑު ފާޅުވާ ބުޅާތަކާއި ރޫފަ ރަނގަޅު ބުޅާތަކެވެ. އެސޮރުމެން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ ހެނދުނުގެ ނާސްތާއަށެވެ. ބަރު ކޮތަޅުތަކަކުން މުށްވަރެއް ނަގައި ފަހަރަކު ބުޅަލަކަށް ކާއެއްޗެހި އަޅަމުން، އަޑު އިވޭ ފަށުގައި ނާދެވިފައި އޮތް ބުޅަލަށް ވެސް ގޮވައި ދައުވަތު ދެމުން މެދު އުމުރުގެ އަންހެނަކު ހަލުވިކަމާއެކު ބުޅާތަކުގެ މެދުގައި ހަރަކާތްތެރިވަމުން ގެންދެ އެވެ. އެ އަންހެންމީހާގެ އަޑާ އެކުވެފައިވާ އުފާވެރި "މިއާއު"ގެ އަޑުން، އެއީ އެސޮރުމެންނަށް މުހިއްމު މީހެއްކަން އެނގެ އެވެ. އެ އަންހެންމީހާގެ ނަމަކީ ސްރިޔާނީ ޕެރޭރާ އެވެ. ހަފުތާގެ ހުރިހާ ދުވަހަކު ދެއިރަށް ބުޅާތަކަށް ކާންދޭން އޭނާ އެތަނަށް ދެ އެވެ. އޭނާ އަކީ މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައިވާ ބުޅާތަކަށް ކާންދީ އަޅައިލާ މަދު ބައެއްގެ ތެރެއިން އެކެކެވެ.

"އަހަންނަކީ އޮޅުކޮށްގެން ބުޅާ ގެންގުޅޭ ހިތްވާ މީހެއް ނޫން. އެކަމަކު އެތަކެތީގެ ކެކުޅުން ބަލަން އަހަންނަށް ކެތްވާވަރެއް ނޫން. ހައި ހޫނު ކަމުގައި އުޅޭއިރު އަނިޔާ ލިބި، އަނިޔާތަކަށް ފަރުވާ ނުލިބި އެތައް ބުޅަލެއް މަގުމަތީގައި އެބަ އުޅޭ، މީގެ ތެރެއިން ގިނައީ މުޅިން ވެސް މީހުން ގެންގުޅެފައި ދޫކޮށްލާ ބުޅާ،" ސްރިޔާނީ ބުންޏެވެ.

ސްރިޔާނީ ޣާޒީ ސްކޫލްގެ ރަސްމިއްޔާތެއްގައި: އޭނާއަކީ މާލޭގެ ގިނަ ސްކޫލްތަކެއްގައި އިނގިރޭސި މާއްދާ ކިޔަވައިދީފައިވާ ޓީޗަރެއް

ސްރިޔާނީ އަކީ ދިވެއްސެއް ނޫނެވެ. ސްރީ ލަންކާގެ މިރިގަމަ އިން 1998 ވަނަ އަހަރު އަމީނިއްޔާ ސްކޫލުގެ އިނގިރޭސި މުދައްރިސެއްގެ ވަޒީފާ އަށް ބަދަލުވި ސްރިޔާނީ، މިދިޔަ 22 އަހަރުގައި އީޕީއެސް، އިމާދުއްދީން، އިސްކަންދަރު ފަދަ ސްކޫލްތަކުގައި ވެސް ކިޔަވައިދިނެވެ. އެއީ މިހާރު، ހުޅުމާލޭ ގާޒީ ސްކޫލުގެ އިނގިރޭސި ޓީޗަރެކެވެ.

މި އާޓިކަލް ގައި ސްރިޔާނީ މި ކިޔައިދެނީ އޭނާއާއި އޭނާއަށް އެހީވާ "ކެއާ ފޮ ޕޯވް" ކޮމިއުނިޓީގެ އެކުވެރިން ކުރާ މި ދީލަތި މަސައްކަތުގައި ހިމެނޭ ހުރިހާ ސިއްރެކެވެ.

ބުޅާތަކަށް ކާންދޭތާ 5 އަހަރު

"އެއްފަހަރަކު ރާއްޖެއަށް އައިސްފައި ދިޔަ ފަތުރުވެރިންތަކެއް މާލޭގެ މަގުތަކުގައި ބުޅާ އުޅޭ ނިކަމެތިކަމުގެ ވާހަކަ ދެއްކި. ދިވެހިން އެތަކެއްޗަށް ރަހުމް ނުކުރެއޭ ކިޔައިގެން ދެކެވުނު އެ ވާހަކަތައް ލަންކާގައި ވެސް އޮތް. އެ ވާހަކަތައް އިވިގެން ބުޅާތަކަށް ކާން ދޭން ފެށީ، އެއީ މިކަން ފެށުނު އަސްލު ސަބަބު،"

މަގުމަތީ ބުޅާތަކަށް ސްރިޔާނީ ކާންދޭން ފެށީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް އަހަރެއް ވަންދެން ހުރިހާ ކަމެއް ކުރީ އަމިއްލަ އަށެވެ. ބުޅާތަކަށް މީރު ކާއެއްޗެހި ގަނެގެން ދުވާލަކު ދެއިރަށް ކާއެއްޗެހި އަޅަމުން ދަނިކޮށް އޭނާގެ އަތުގައި ހިފީ އެކުވެރި ޒުވާނުންތަކެކެވެ. ބުޅަލަށް އޮތް ލޯތްބަށް ޒުވާނުންތަކެއް ހަދައިގެން އުޅުނު "ކެއާ ފޮ ޕޯވްސް" ކިޔާ ކުޑަ ކޮމިއުނިޓީއަކުން ސްރިޔާނީގެ މަސައްކަތް ބަލައިގަނެ، އެ ހިސާބުން އޭނާއަށް ކާއެއްޗެހީގެ ސްޕޮންސާ ދޭން ފެށި އެވެ.

މިހާރު މާލެ އާއި ހުޅުމާލޭގައި ކޮންމެ ދުވަހަކު ދެއިރަށް 160 އަށް ވުރެ ގިނަ ބުޅަލަށް އޭނާ ކާންދެ އެވެ. ބުޅާތަކަށް ކާން ދޭން ދުވާލަކު 10 ޕެކެޓް ޑްރައި ފޫޑް އާއި 4 ޕެކެޓް ވެޓް ފޫޑް އަދި 4 ޕެކެޓް ސޮސެޖް ގަންނަ ކަމަށް ސްރިޔާނީ ބުންޏެވެ.

ސްރިޔާނީ، ކާނިވާ ސަރަހައްދުގެ ގޯޅީގަނޑެއްގައި ބުޅާތަކަށް ހެނދުނުގެ ނާސްތާ އަޅަނީ
މާލޭގެ ހަތަރު ސަރަހައްދެއްގައި އުޅޭ ބުޅާތަކަށް ފަތިހާއި ރޭގަނޑު ސްރިޔާނީ ގަވާއިދުން ކާންދޭ

"ބައެއް މީހުން ބުނާނެ ހާދަ ފައިސާއެކޭ މި ހަރަދުކުރަނީ. އަހަރެން ދެކެނީ މިއީ މުހިއްމު ފައިސާއެއްގެ ގޮތުގައި. އެއީވެސް ދިރުމެއް. އެތަކެއްޗަށް ވެސް ކާންދޭން އެބަ ޖެހޭ. ފުރަތަމަ އެއް އަހަރު ހުރިހާ ކަމެއް އަމިއްލައަށް ކުރަންޖެހުނަސް، ބުޅާތަކަށް ކާންދޭން ގަންނަ ކާއެއްޗެހީގެ 90 ޕަސެންޓަކީ މިހާރު ސްޕޮންސާ،" ހުރިހާ ކާއެއްޗަކަށް މަހެއްގެ މައްޗަށް 4،300 އެއްހާ ރުފިޔާ އެ ޖަމިއްޔާއިން އޭނާއަށް ސްޕޮންސާކުރާ ކަމަށް ސްރިޔާނީ ބުންޏެވެ.

"އެހެންވީމަ އެހާ ދީލަތި ބަޔަކު ވަރަށް މަދުވާނެ. ޑރ ރަޒާނާ، އައިޝަތު ޝެރީން، ރިލްވާން، މުއާ، ނަވާޒް، މީނާ، މޮނީރް، ސަރާލާ، ހަސަން ހުނައިފް ގެ ނަން ފާހަގަ ނުކޮށް އަހަރެންގެ ނަން އެކަނި ހިމަނަން އިންސާފުވެރި އެއް ނުވާނެ."

އުންމީދާ އެކު މެސެޖެއް

އުފަން ފަސްގަނޑަށް ނުވިޔަސް ސްރިޔާނީގެ ހުރިހާ ހިދުމަތަކާއި ލޯތްބެއް އޮތީ ރާއްޖެއަށެވެ. މިދިޔަ ބާވީހަކަށް އަހަރު ދިވެހިންގެ ތެރޭގައި އުޅެ، ދިވެހިންގެ ލޯތްބަށް ލޯބި ޖެހި ދިވެހިންގެ ގޮތްތައް ދަސްކޮށްފި އެވެ. ދިވެހި ބަހާއި ދިވެހި އަދަބިއްޔާތު ދަސްކޮށް ވާހަކަ ދައްކަން ވެސް އޭނާ އަށް އެނގެ އެވެ. އެހެންވީމާ ގައުމުން ބޭރު މީހަކަސް، ރާއްޖެއާ މެދު ސްރިޔާނީ ދެކޭ ހުވަފެނަކާއި ކުރާ އުންމީދެއް އެބަ އޮތެވެ.

"ސިޓީ ކައުންސިލުން ވިޔަސް އިސްނަގައިގެން މި ބުޅާތަކަށް ހިޔާވަހިކަމެއް ހޯދައިދެވިއްޖިއްޔާ އެ ނުވާނެ ބޭކާރު ކަމަކަށް. ޒުލެއް ނޫނީ ކެޓް ކެފޭއެއް ކަހަލަ ތަނެއް ހަދައިގެން އެންމެ ރަނގަޅު އާމްދަނީއެއް އުފެއްދިދާނެ. އޭރުން އިތުރު ބަޔަކަށް ވަޒީފާ ވެސް އެތަނުން ލިބޭނެ. ފަތުރުވެރި ގައުމަކަށް ވާތީ އޭގެ އެޑްވާންޓޭޖް ވެސް ރާއްޖެއަށް އެބަ އޮތް. ޔޫރަޕްގެ ފަތުރުވެރިންނަކީ ބުޅާ ދެކެ ލޯބިވާ ބައެއް. އެހެންވީމަ ފައިދާ ކުރާ ގޮތަކަށް މި ނިކަމެތި ބުޅާތަކަށް ވެސް ހިމާޔަތެއް ލިބޭނެ ގޮތް އެބަ އޮތް،" ސްރިޔާނީ ބުންޏެވެ.

ސްރިޔާނީ އޭނާގެ އެކުވެރި ޓީޗަރުންތަކަކާ އެކު

އޭނާ ބުނީ، ރާއްޖޭގައި ހޭދަކުރި ގިނަ އަހަރުތަކުން ދަސްވީ ދިވެހިންގެ އެކުވެރިކަމާއި ރަހުމަތްތެރިކަމާއި ދީލަތިކަން ކަމަށެވެ. އެ އޯގާތެރިކަން ޖަނަވާރުންނާ މެދު ވެސް ބަހައްޓާ މަންޒަރު ދެކެން އޭނާ ބޭނުންވެ އެވެ.

"މާލެ ކަހަލަ ތަނަކުން ބުޅަލަކަށް މީހަކު ނުދޭ ކާއެއްޗެއް ލިބޭނީ ވަރަށް އުނދަގުލުން. އެހެންވީމާ އެއަށް ކާން ނުލިބޭ ނަމަ މަރު ވާނީ. މިއީ އެހާ އުނދަގޫ ކަމެއް ނޫން. ގަރުދިޔަ މަސް ކޮޅަކާއި ބަތްކޮޅެއް މޮޑެފަ ދިނީމާ ވެސް ކާނެ. ކޮންމެހެން ކެޓް ފޫޑް ގަންނާކަށް ވެސް ނުޖެހޭނެ."

މާލެ އާއި ހުޅުމާލޭގައި އުޅޭ މަގުމަތީ ބުޅާތަކުގެ އަދަދެއް ސްރިޔާނީ އަކަށް ނޭގެ އެވެ. އެއީ އެއްވެސް މީހަކަށް އެނގޭ އަދަދެއް ނޫނެވެ. އެކަމަކު ގެންގުޅެފައި ދުވަސްވުމުން ދޫކޮށްލާ ބުޅާތަކާއި އެ ބުޅާތައް ވިހައިގެން އިތުރުވާ ބުޅާތައް ދަނީ ގިނަވަމުންނެވެ. ނެތީ އެސޮރުމެންނަށް ކާނާ އެވެ.

ބިދޭސީ ޓީޗަރުން

Popular