3 Dec 2020

ފެނުޕަރީ އަކީ މިއީ! ލޯފަން ފުރަތަމަ ޑައިވަރުގެ ވާހަކަ

ފެނުޕަރީ އަކީ މިއީ! ލޯފަން ފުރަތަމަ ޑައިވަރުގެ ވާހަކަ

By: Aminath Ibrahim

"ފާތުން މީ ގަދަ ކުއްޖެއް. އޭނާ މިހާރު އެ ވަނީ ޕަޑި ސެޓްފިކެޓް ހޯދައި ރާއްޖޭގެ ފުރަތަމަ ބްލައިންޑް ޑައިވާ އަށް. އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން މިއަދަކީ އަހަންނަށް ވެސް އުފާވެރި ދުވަހެއް،" މަޝްހޫރު ޑައިވިން އިސްޓްރަކްޓަރު ޒޫނާ ނަސީމް އޭނާގެ ދަރިވަރު ފާތުން އަށް ތައުރީފު އޮއްސައިލީ މިހެން ކިޔައިގެންނެވެ.

ޅ.ހިންނަވަރަށް އުފަން، 28 އަހަރުގެ ފާތުން އަކީ ފެނުމުން މަހުރޫމް ވެފައިވާ ޒުވާނެކެވެ. މޫދު ބުޅާ ސެންޓަރުން ހިންގާ "ޑިސްކަވާ ޑައިވިން" ޕެޑި ޕްރޮގްރާމްގައި ފާތުން ބައިވެރިވީ، ކުޑަ އިރުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ ބޭނުމުގަ އެވެ. މިދިޔަ ފެބްރުއަރީ މަހު، ޒޫނާއާ އެކު ފާތުން ފެށި މި ދަތުރުގެ ފުރަތަމަ ތާރީހީ ޑައިވް، "ދޯ" އިން ވާނީ ގެނެސްދީފަ އެވެ.

ދިހަ މަސް ފަހުން މި ދަތުރު ނިންމާލައި ފާތުން މޫދުން އެރީ ރާއްޖޭގެ ފުރަތަމަ އޯޕެން ވޯޓާ ބްލައިންޑް ޑައިވަރުގެ ލައިސެންސް ހޯދައިގެންނެވެ. މި ގެނެސްދެނީ މި ކުޅަދާނަ އަންހެނެއްގެ ކުރު ތައާރަފަކާ އެކު އޭނާ ހާސިލްކުރި އާދަޔާ ހިލާފު ކާމިޔާބީގައި ފޮރުވިފައިވާ ހުރިހާ ސިއްރެކެވެ.

ފާތުން އަބަދުވެސް ގަދަ!

ރެހެންދި އެވޯޑާއި ގައުމީ އެހެން އިނާމުތައް ވެސް ހޯދާފައިވާ ފާތުން އަކީ، މަޑު މަޑުން ހުންނަހިތްވާ މީހެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ކަމެއް ދަސްކޮށްގެން މުޖުތަމައުގައި ތަފާތެއް ދެއްކޭތޯ މަސައްކަތްކުރާ ކަމަށް ފާތުން ބުންޏެވެ.

"އަޅުގަނޑަކީ ދުވާ މީހެއް. ވޮލަންޓިއާ މަސައްކަތްތަކުގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅެން. އެހެން އުޅޭތީ ކަމަށް ވެދާނެ، ޒޫނާއާ ދިމާވާ ފަހަރެއްގައި ނަމަ ބުނާނެ ޑައިވްއެއް ކުރަންވީ ނޫންހޭ. އެހެން ކަންތައްތައް ކުރާ އިރު އެކަން ވެސް ކުރެވޭނެ އޭ. ދެން އެހެންވެ ބޭނުންވީ މިކަމަށް ވެސް ޓްރައި އެއް ދޭން،" ފާތުން ބުންޏެވެ.

އޭނާ ބުނީ ޕެންޑެމިކާ އެކު ފާއިތުވި 10 މަސް ދުވަހަކީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ. އެކަމަކު އެއިން ކޮންމެ ދުވަހަކީ ކާމިޔާބު ހޯދަން އިތުރު އަޒުމެއް ކަނޑައެޅި ދުވަހެއް ކަމަށެވެ. އަދި ޑައިވް ކޯހުން ދަސްވި ހުރިހާ ފިލާވަޅުތަކާއި ކުރެވުނު ހުރިހާ ތަޖުރިބާއެއް އަބަދުވެސް އޭނާއަށް ހާއްސަ ވާނެ ކަމަށް ބުންޏެވެ.

"ފުރަތަމަ ޑައިވަށް ދިޔަ ދުވަހަކީ އެންމެ އުފާވެރި އިހުސާސްތަކެއް ކުރެވުނު ދުވަހެއް. މިއަދު މިލިބުނު ކާމިޔާބާއެކު ވެސް ހަމަ އެހާ އުފާވެރިކަން ލިބިއްޖެ،" ފާތުންގެ ހުރިހާ ޝުކުރެއް އޭނާގެ އިންސްޓްރަކްޓަރާއި ކޮއްކޮ އަށެވެ.

ޒޫނާ އާއި ފަތުން މޫދުގައި: ޒޫނާ ބުނާ ގޮތުން ފާތުން އާ އެކު ތަމްރީނުގައި ހޭދަކުރި ދުވަސްތަކަކީ ތަފާތު، ތާރީހީ ދުވަސްތަކެއް

"ފުރަތަމަ ދުވަހު ވެސް އެނގުނު ފާތުންއަށް ވާނެ ކަން"

އިންސްޓްރަކްޓަރު ޒޫނާގެ ނަޒަރުގައި ފާތުން އަކީ އާދަޔާ ހިލާފު މީހެކެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާތުން ދައްކަމުން އައީ ލޮލަށް ފެންނަން މީހަކަށް ވެސް ނުދެއްކޭހާ ގަދަ ހިއްވަރެއް ކަމަށް ޒޫނާ ބުންޏެވެ. އޭނާގެ ކެރުންތެރިކަމާއި ފަރުވާތެރިކަމަށް ކިތަންމެ ތައުރީފެއް ކުރިޔަސް ތައުރީފު ހުސްނުވާނެ ކަމަށް ބުންޏެވެ.

"ފުރަތަމަ ޑައިވް އަށް ގެންދިޔައިމަ ވެސް ފީލްވި އޭނަ އަށް ކުރެވިދާނޭ މިކަން. އަނެއްހެން ބުނަންޏާ ލޮލަށް ފެންނަ މީހަކަށް ވުރެ މާ ރަނގަޅު އަޑީގަ އުޅުނު ގޮތާ އެއްޗެހި. ހަމަ އެކަނި އޭނައަށް ނުފެންނަ ކަން. ގައިޑްކޮށްދޭ އިރުވެސް ބުނާ އެއްޗެހި ވަރަށް އަވަހަށް ނަގައިގަންނާނެ." ޒޫނާ ބުންޏެވެ.

"ފުރަތަމަ ފަހަރަށް ފާލަން މަތިން ފުންމާލަން ބުނީމަ ވެސް ޖެހިލުމެއް ނެތި ފުންމައިލީ،" ހިނިގަނޑަކާ އެކު ޒޫނާ ބުންޏެވެ.

ޒޫނާގެ އިރުޝާދުގެ ދަށުން ފާތުން ފުރިހަމަކުރި ކޯހަކީ އެހެން ޕަޑި ޑައިވާސް ވެސް ފުރިހަމަކުރާ ކޯހެވެ. ލޯފަން ވުމަކުން އެއްވެސް ކަމެއް ފާތުން އަށް ތަފާތެއް ނުވެ އެވެ. މި ލައިސެންސް ހޯދާ އެހެން ޑައިވަރުންނެކޭ އެއްގޮތަށް ފާތުން ވެސް 10 ސެޝަނެއްގައި ދިހަ ޑައިވް ކުރިއެވެ. އަދި އޯރަލް އެގްޒޭމް އިން 94 ސްކޯއާއި އެކު ޒޫނާ ވެސް ހައިރާންކޮށްލި އެވެ.

"އޭނަ ލޯފަން ވީމައޭ ކިޔާފަ އެއްވެސް އެއްޗެއް އުންޏެއް ނުކުރަން. އެއީ ކޯހެއް ހަދަންޏާ އޭގެ ހުރިހާ ރިކުއާމަންޓެއް ހަމަކުރަން ޖެހޭނެ. އެހެންވީމަ އެ ހުރިހާ އެއްޗެއް އޭނަ ހަމަކުރި. އެކަމަކު ފޮތްތަކާ ވީޑިއޯތައް ތަންކޮޅެއް ކުރިން ފާތުން އަށް ދިނީ. ފޮތްތަކުގައި ހުންނަ އެއްޗެހި ފާތުން ދަސްކުރަނީ އޭނަގެ ކޮއްކޮ ލައްވައި ކިޔުއްވައިގެން،" ޒޫނާ ބުންޏެވެ.

ޒޫނާ އަށް ވެސް ޗެލެންޖެއް!

ކުޅަދާނަ ޑައިވަރަށް، މިއީ އޭނާގެ ހަޔާތުގައި ވެސް ކުރެވުނު ތަފާތު ތަޖުރިބާއެކެވެ. ފާތުން ގޮތަށް އެއްގޮތަކަށް ވެސް ނުފެންނަ މީހަކަށް ފުލް ކޯހެއްގައި ކިޔަވައިދިނުމުގެ ފުރުސަތު ޒޫނާ އަށް ވެސް ލިބުނީ އަލަށެވެ. އެހެންވެ، ފާތުން ކޯހުގައި ބައިވެރިވުމުގެ ޝައުގު ފާޅުކުރި ހިސާބުން ޒޫނާ ވެސް އެކަން ނެގީ އޭނާ އަށް ވެސް ޗެލެންޖެއްގެ ގޮތުގަ އެވެ.

"ޗެލެންޖެކޭ އަޅުގަނޑު މި ބުނާ ގޮތަކީ، މިއީ މީގެކުރިން އަޅުގަނޑަށް ލިބުނު ފުރުސަތެއް ނޫން. އަނެއްކާ، ފާތުން އަކީ ލޮލަށް ނުފެންނަ ކުއްޖަކަށް ވާތީ އެހެން މީހުން ޓްރެއިން ކުރާއިރު ހޭދަވާ ވަގުތަށް ވުރެ ގިނަ ވަގުތު ފާތުން އަށް ނަގާ. އާންމުކޮށް ކިޔަވައިދޭއިރުގަ އަޅުގަނޑު މި ޖެހެނީ މަތީގަ ކިޔައިދީފަ، އަޑީގަ ސްކިލް އެއް ޑެމޮންސްޓްރޭޓްކޮށްފަ ދައްކަން. އެކަމަކު ފާތުން އަށް ނުފެންނާތީ އެހެން ނުދެއްކޭނެތާ. އެހެންވެ ކޮންމެ ފަހަރަކުވެސް މައްޗަށް ނަގާފަ ކިޔައިދީފަ އަޑިއަށް މި ގެންދަނީ." ޒޫނާ ބުންޏެވެ.

ފާތުން އާއެކު ކޯހުގައި ހޭދަކުރި ދުވަސްތަކަކީ ޒޫނާ އަށް ހާއްސަ ދުވަސްތަކެކެވެ. ފާތުން އަށް ލިބުނު ކާމިޔާބަކީ އޭނާއަށް ވެސް ލިބުނު ފަހުރެއް ކަމަށް ޒޫނާ ބުންޏެވެ.

"އެހެންވީމަ ވަރަށް އުފާވެރި ދުވަހެއް މިއަދަކީ."

ނުކުޅެދުންތެރިކަން ހުންނަ މީހުން ފީނުން

Popular