20 Jan 2021

By: Ifraz Ali

ކިރިޔާ ހަނދާން ހުންނައިރުން ފެށިގެން ވެސް ހަމްދާ އަބްދުﷲގެ މަންމަ އޭނާ ބަހައްޓަނީ ވަރަށް ނަލަކޮށްލައިފަ އެވެ. ލައްވާ ރީތި ހެދުމަކާ ގުޅޭ ގޮތަށް ގަހަނާ ވެސް އެޅުވި އެވެ. އެއީ އޭނާގެ މަންމަ ވަރަށް ލޯބިން ކުރި ކަންކަމެވެ. އެ ހިސާބުން ސްޓައިލް ކުރުމަށް އޭނާ ވެސް ހިތްޖެހުނެވެ. އަދި ފުރާވަރަށް އަޅައިގެން އައި އިރު އަމިއްލަ ޑިޒައިންތަކަށް ހެދުން ފަހަން ފެށި އެވެ. އެއީ އޭނާ އަބަދު ވެސް ލައި އުޅޭ އަބާޔާ ޑިޒައިންތަކުގެ ހެދުމެވެ.

ފާތިމާގެ ޖެނުއަރީ ކަލެކްޝަންގެ ޑިޒައިނެއް.-- ފޮޓޯ:ފާތިމާސް ވޯޑްރޯބް

އަބާޔާ އާއި ހިޖާބުގެ ސްޓައިލްތަކަށް ހާއްސަ ޑިޒައިނަރެއްގެ ގޮތުގައި ހަމްދާ ގިނަ މީހުންނަށް އެނގޭނީ ފާތިމާގެ ނަމުންނެވެ. އެއީ ހަމްދާގެ އަމިއްލަ ޑިޒައިންތައް ވިއްކުމަށް އިންސްޓަގްރާމުގައި ހެދި ޕޭޖަށް އޭނާ ދިން ނަމެވެ؛ ފާތިމާސް ވޯޑްރޯބް އެވެ. އެހެންވެ، ލިޔުމުގެ މިހާ ހިސާބުން އަހަރެމެން ވެސް ދެން ބޭނުންކުރާނީ ފާތިމާ އެވެ.

މި ޕޭޖު ހެދުމުގެ މާ ކުރިން، ފާތިމާގެ ޑިޒައިންތައް އޭނާ ދައްކާލަމުން އައީ އަމިއްލަ އިންސްޓަގްރާމު އެކައުންޓުންނެވެ. އަމިއްލައަށް ފެހި ހެދުންތައް އަމިއްލައަށް ލައިގެން ނަގައިފައި ހުރި ބައެއް ފޮޓޯތައް އިންސްޓަ އަށް ލުމުން ވަރަށް ގިނަ މީހުނަށް އެ ޑިޒައިންތައް ކަމުދިޔަ އެވެ. އަދި އޭރު ވަރަށް ގިނަ މީހުން އެގޮތަށް ހެދުން ފަހައިދޭން ކިޔެވެ. މި މަސައްކަތް ފަށަން ފާތިމާ އެންމެ ފުރަތަމަ ބޭނުންވީ ވެސް އެ ހިސާބުންނެވެ.

View this post on Instagram

A post shared by FATIMA - Abayas & Hijab styles (@fatimas_wardrobe)

ކުރިން އަދާކުރި ވަޒީފާ ވެސް ދޫކޮށްލައިފައި ހަމައެކަނި މި މަސައްކަތައް ފާތިމާ ހުސްވި އެވެ.

"ކުރީގައި ހެދުމެއް ފަހަން އެހެން މީހެއް ކައިރިޔަށް ދިޔަޔަސް ބޭނުންވާ ގޮތަށް ނުފެހޭތީ، ކިޔަވައި ނިންމައިގެން އަމިއްލައަށް ފަހަން ފެށީ،" ފަހާ ކޯސް ހަދައިގެން މަސައްކަތް ފެށި ފާތިމާ ބުންޏެވެ.

ފާތިމާގެ ޖެނުއަރީ ކަލެކްޝަންގެ ޑިޒައިނެއް.-- ފޮޓޯ:ފާތިމާސް ވޯޑްރޯބް

މިހާރު ފާތިމާގެ މަސައްކަތަށް ދެ އަހަރެވެ.

"އެންމެ ފުރަތަމަ އޮންލައިންކޮށް ވިޔަފާރި ފަށައިގަތްއިރު ވަރަށް މަދުން އޯޑަރު ލިބެން ފެށީ،" މި ވިޔަފާރީ ފެށި ދުވަސްވަރު ކުރިމަތިވި ބައެއް އުނދަގޫތައް ފާތިމާ ކިޔައިދިނެވެ.

View this post on Instagram

A post shared by FATIMA - Abayas & Hijab styles (@fatimas_wardrobe)

"އޭރު ހުންނާނެ ކަސްޓަމަރަށް ޕްރޮޑަކްޓު ރީޗުކުރުވަން ވެގެން ހަމަ ލޮސްއަކަށް ޖެހޭ ގޮތަށް ވެސް އެއްޗެހި ވިއްކައިފައި. އެއީ އެނގޭ އެ މީހުންނަށް އެ ކަމުގޮސްފިއްޔާ އަލުން އަނބުރާ އަންނާނެކަން، އެހެންވެ،" މި ކަހަލަ ލޯޔަލް ކަސްޓަމަރުން ތިބުމަކީ މި މަސައްކަތުގައި އޭނާގެ އެންމެ ބޮޑު ސަޕޯޓް ކަމަށް ފާތިމާ ބުންޏެވެ.

ފާތިމާގެ އާއިލާ އާއި ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކުރަމުން އަންނަ މި މަސައްކަތް ވަރަށް މިހާތަނަށް ކާމިޔާބު ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ފާތިމާ އާއި އޭނާގެ ފިރިމީހާއެކު: މި މަސައްކަތުގައި އޭނާގެ އެންމެ ބޮޑު ސަޕޯޓް.-- ފޮޓޯ:ފާތިމާސް ވޯޑުރޮބް

ފާތިމާ މި މަސައްކަތް ފެށިއިރު ރާއްޖޭގައި ހިޖާބަށް ހާއްސަ ޑިޒައިނަރުން ވަރަށް މަދެވެ. އޭނާ ބެލީ ވީހާ ވެސް ބޮޑަށް އަމިއްލަ "ޓޭސްޓެއް" ހުރި ޑިޒައިންތަކެއް އުފެއްދޭތޯ އެވެ. އަދި ވަކި ޓްރެންޑަކަށް ވެސް ނުބަލަ އެވެ. ޒުވާން ކުދިންގެ މެދުގައި އޭނާގެ ޑިޒައިންތައް ވަރަށް މަގުބޫލެވެ.

"އަމިއްލަ އެއްޗެއް ކްރިއޭޓްކުރެވޭތޯ ބަލަނީ. އެބަހުރި އެންމެ ފުރަތަމަ ކްރިއޭޓްކުރި ޑިޒައިންތައް، މިހާރު ދެ އަހަރު ވެގެންދާއިރު އަދިވެސް މީހުން ބޭނުންވެގެން އޯޑަރުދޭ،" ފާތިމާ ބުންޏެވެ.

ފާތިމާގެ ޖެނުއަރީ ކަލެކްޝަންގެ ޑިޒައިނެއް.-- ފޮޓޯ:ފާތިމާސް ވޯޑްރޯބް

ފާތިމާ މުޅިން ވެސް ބަލަނީ "އެވްރީޑޭ ވެއާ" އަށް ބޭނުންކުރެވޭނެ ޑިޒައިންތަކެއް ހެދޭތޯ އެވެ.

"ބޭރު މީހުން ލާ ކޮންމެ އެއްޗެއް ކަމުނުގޮސްފާނެ، އެއީ އަހަރެމެންގެ ކަލްޗާ ވެސް ތަފާތު ވީމަ. އެހެންވެ، ބަލަނީ އާންމުކޮށް ރާއްޖޭގައި މީހުން ލަނީ ކޮން ކަހަލަ ޑިޒައިންތަކެއްތޯ އާއި ކޮން ކުލަތަކެއްތޯ. އެކަމަކު އަބަދު ވެސް ބަލަން ހުސް ކަޅު ކުލައަށް ނުގޮސްވޭތޯ،" ފާތިމާ ބުންޏެވެ.

View this post on Instagram

A post shared by FATIMA - Abayas & Hijab styles (@fatimas_wardrobe)

ފާތިމާ ބުނީ މީހުން އެންމެ ޝައުގުވެރި ވަނީ އެމްބޮރިޑަރީސް އާއި ސްޓޯންސް އާއި ބީޑްސް ކަހަލަ އެއްޗެހި ބޭނުންކޮށްގެން ކޮށްފައި ހުންނަ ޑިޒައިންތަކަށެވެ. އަދި ބެލްޓު އަޅުވައިފައި ހުންނަ ޑިޒައިންތެކެވެ.

"ހީކުރި ވަރަށް ވުރެ ބޮޑު ސަޕޯޓެއް ލިބުން. މި ޕޭޖު ފެށީ މެރީކޮށްފައި، ޖޮބުން ވެސް ކެނޑިގެން. އޭރު ހިތަށް އެރީ ޖޮބަކަށް ނުގޮސް މިކަމުން އާމްދަނީ ލިބިގެން ހިފަހައްޓާލެވިދާނެތޯ. ހަމަ ހިފަހައްޓާލެވުނު. ދެ އަހަރު މި ދިޔައީ ހަމައެކަނި ލިބުނު އާމްދަނީން،" ފާތިމާ ބުންޏެވެ.

ފާތިމާގެ ޖެނުއަރީ ކަލެކްޝަންގެ ޑިޒައިނެއް.-- ފޮޓޯ:ފާތިމާސް ވޯޑުރޮބް

އެކަމަކު ކޮވިޑްއާ އެކު ކުރިމަތިލާން ޖެހުނު މާލީ ދަތިތަކުގެ ސަބަބުން ފަތިމާ މިހާރު މި މަސައްކަތް ކުރަނީ އިތުރު ވަޒީފާއެއް ވެސް އަދާކުރަމުންނެވެ. ދެ މަސައްކަތުގައި އުޅެމުން މި މަހަށް ހާއްސަ ކަލެކްޝަނެއް ވެސް އޭނާ މިހާރު ވަނީ ނެރެފަ އެވެ.

ފެޝަން އަންނައުނު

Popular