14 Jul 2021

By: Ahmed Jaishan

އެންމެ ކުޑައިރު ވެސް ޒޯޔާ މުހައްމަދު ޝިނާން އުޅުނީ ލަވަކިޔާ ހިތުންނެވެ. އެކަމަކު މީހަކަށް އިވޭ ގޮތަށް އެކަން ކުރުމަކީ އޭނާ އަށް އޭރު ކެރޭ ކަމަކަށް ނުވެ އެވެ. އާންމުންގެ ކުރިމަތީ ލަވައެއް ކިޔުމަކީ ބޮޑު ބިރަކަށް ވިޔަސް އެކަން ކުރުމަށް އޮތް ލޯބި މާ ވަރުގަދަވުމުން އުމުރުން 11 އަހަރުގައި ޒޯޔާ މިހާރު ނުކުމެ ހުރީ ކެރިގެންނެވެ.

ޒޯޔާ އެންމެ ކުޑައިރުން ފެށިގެން ވެސް ލަވަކިޔަން ލޯބިކުރާތީ އާއިލާ އިން އައީ އެ ހުނަރު ކުރިއަރުވައި އެކަމުގައި އެހީތެރިވަމުންނެވެ. އާންމުންގެ ތެރޭ ލަވަ ކިޔަން ނުކެރުނަސް ހުނަރު ތަރައްގީކުރުމުގައި ބޮޑު އެހީތެރިކަމެއް ދިނުމުގެ ނަތީޖާ ރަނގަޅެވެ.

"މަންމަ އާއި ބައްޕަގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. ކުޑައިރުން ފެށިގެން މިއުޒިކް ދަސްކުރުމަށް ވެސް ވަރަށް ބޮޑަށް އެހީވެފައިވަނީ،" ޒޯޔާ ކިޔައިދިނެވެ.

.

ޒޯޔާގެ މަންމަ ހައިފާ އިބްރާހީމް ބުނީ ޒޯޔާ މިއުޒިކަށް ލޯބިކުރާތީ އެ ހުނަރު ކުރިއަރުވަން ކްލާސް ނަގައިދީ އިންސްޓްރުމެންޓް ދަސްކުރަން އެހީވާ ކަމަށާއި އެކަމަކު މިއީ އެކަން ކުރުމަށް ޒޯޔާ އަށް ބާރު އަޅައިގެން އޭނާ ކުރާ ކަމެއް ނޫން ކަމަށެވެ.

"އެއްވެސް ވަރަކަށް ބާރެއް ނާޅަން ޒޯޔާއަކަށް. ޒޯޔާ އަށް ފެނިގެން އަމިއްލަ އަށް މިކަމެއް ކުރަން ބޭނުންވީމާ އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެނީ،" ހައިފާ ބުންޏެވެ.

ޒޯޔާ ވެސް ބުނީ މިއުޒިކް އިންސްޓްރުމެންޓް ދަސްކުރަން ބޭނުންވުމުން ޓީޗަރެއްގެ ފަރާތުން އެކަން ދަސްކުރަން ބެލެނިވެރިން އެހީވީ ކަމަށެވެ. މިހާރު ޒޯޔާއަށް ލަވަކިޔުމުގެ އިތުރުން އެކޫސްޓިކް ގިޓާ އާއި ޕިއާނޯ ވެސް ކުޅެން އެނގެ އެވެ.

2018 ވަނަ އަހަރުގައި ބޭއްވި ފަންނުގެ ދަރިން އިވެންޓުގައި ޒޯޔާ ލަވަކިޔަނީ

"މިހާރު އެންމެ ގިނައިން ކުޅެ އުޅެނީ އެކޫސްޓިކް ގިޓާ، އެކަމު އަދި ކުރިއަށް އޮތްތަނުގައި ވަރަށް ބޭނުންވޭ ބޭސް ގިޓާ ވެސް ދަސްކުރަން،" ޒޯޔާ ބުންޏެވެ.

ޒޯޔާ މިހާރު އަންނަނީ ކޮންމެ ހަފްތާއަކުހެން ތަފާތު އެކޫސްޓިކް ލަވަތައް ކަވަކޮށް އޭނާގެ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. ނަމަވެސް އެއީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ނަމަ ޒޯޔާ އަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ.

2019 ވަނަ އަހަރުގެ ފަންނުގެ ދަރިން އިވެންޓުގައި ޒޯޔާ ލަވަކިޔަނީ

"ސްޓޭޖް ފްރައިޓް ވަރަށް ބޮޑަށް ހުންނާނެ. އެހެންވެ ސްޓޭޖަށް އަރާފައި އަދި މީހުން ކުރިމަތީގައި އެއްވެސް ވަރަކަށް ލަވަ ކިޔާކަށް ނުކެރޭ،" ޒޯޔާ ބުންޏެވެ.

ޒޯޔާގެ މަންމަ ހައިފާ ވެސް ބުނީ ޒޯޔާ ސްޓޭޖަށް ވަރަށް ބިރުގަންނަކަން އެނގޭ ކަމަށާއި އެހެންވެ ޕަބްލިކްގައި ލަވަކިޔަން ބާރު ނާޅާ ކަށެވެ. އެކަމުގެ ހައްލު އައީ ހައިފާ އުންމީދުކުރި ގޮތަށެވެ. އަމިއްލަ އަށް އެ ބިރު ފިލައި ހިނގައިދާނެ ކަމަށް އުންމީދުކޮށްގެން ހުއްޓާ އެކަން ވީ ވެސް އެހެންނެވެ. އެކަމަކު ސްޓޭޖްގައި ވެސް ލަވަ ކިޔުމުގެ ހިތްވަރު ޒޯޔާގެ ހުންނާނެކަން މައިންބަފައިން އަބަދުވެސް ވިސްނައިދިނެވެ.

View this post on Instagram

A post shared by 🎶zoya🎶 (@zoya.sings)

ބިރު ފަހަނަޅައި ނުކުމެ ޒޯޔާގެ ހުނަރު އާންމުންނަށް އެންމެ ފުރަތަމަ ފެނުނީ 2018 ވަނަ އަހަރު ބޭއްވި "ފަންނުގެ ދަރިން" އިވެންޓެއްގަ އެވެ. އެ ހިސާބުން ދިޔައީ ސްޓޭޖް ބިރު މަޑުމަޑުން ފިލަމުންނެވެ.

ލަވަކިޔުމާއި މިއުޒިކާ ގުޅުންހުރި އެތައް ކަމެއް މިހާރު ދަސްކުރަމުން އަންނައިރު ޒޯޔާއަށް އެންމެ އުނދަގު ކަމަކީ ޕޭސިން ހިފެހެއްޓުމެވެ.

"އަދިވެސް ދަސްކުރަނީ މި ޕޭސިން ރަނގަޅު ކުރުމަށް. އެއްބައި ފަހަރަށް ވަރަށް ބޮޑަށް އަވަސް ވެދާނެ. އަނެއްބައި ފަހަރަށް ލަސްވެދާނެ. އެކަމަށް ވަރަށް މަސައްކަތް ކުރަން އެބަ،" ޒޯޔާ ކިޔައިދިނެވެ.

View this post on Instagram

A post shared by 🎶zoya🎶 (@zoya.sings)

ޒޯޔާ ބުނިގޮތުގައި މިއުޒިކް ވިޔަސް އަދި އެހެން ކަމެއް ކުރަން ވިޔަސް، އެއިން ކޮންމެ ކަމެއް ވެސް ކުރަންޖެހޭނީ އެ ކުރާ ހިތުންނެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަމިއްލަ އަށް ޕްރެޝާ ކޮށްގެން ކުރާ ކަމަކަށް ވެއްޖެ ނަމަ އެ ވާނީ މަސައްކަތަކަށް ކަމަށް ޒޯޔާ ބުންޏެވެ. ޒޯޔާ ބުނީ މިއުޒިކް ކުޅޭ ހިތްވާ ދުވަހެއްގައި އެކަންތައް އަމިއްލަ އަށް ފެނިގެން ކުރާ ނަމަ އެކަމަށް މޯޓިވޭޓްވާ ވަރު ބޮޑު ކަމަށެވެ.

.

ޒޯޔާގެ ހުރިހާ ވަގުތެއް ހުސްކުރަނީ ލަވަޔާއި މިއުޒިކަކަށް ނޫނެވެ. ޒޯޔާ ބުނީ މިއީ ސްކޫލު ޗުއްޓީ ދުވަސްވަރަށް ވާތީ އޭނާ ލޯބިކުރާ އެތައް ކަމަކަށް މިހާރު ވަގުތު ލިބޭ ކަމަށެވެ. ރައްޓެހިންނާ އެކު މައިންކްރާފްޓް ކުޅުމާއި ޕެއިންޓިން އާއި ބާސްކެޓް ބޯޅަ ކުޅުމަކީ އޭނާ ވަރަށް ލޯބިކުރާ ކަންކަމެވެ.

ޕެއިންޓިން އާއި ބާސްކެޓް ކުޅުމަކީ ވެސް ކުރިއަށް އޮތް ތަނުގައި އޭނާ އިތުރަށް ތަރައްގީކުރަން ބޭނުންވާ ހުނަރުތަކެވެ.

Popular