1 Sep 2021

By: Ahmed Jaishan

އެކަނިވެ މާޔޫސް ވުމުން އެކި މީހުން އެކަމާ ހަނގުރާމަ ކުރަނީ އެކި ގޮތަށެވެ. ޔުމްނާ ރަޝީދަށް، ނިދުމުގައި ހުރި ދަތިކަމުގެ ސަބަބުން ނުވަތަ އިންސޮމްނިއާގެ ސަބަބުން އެކަނިވެރިކަމާއި މާޔޫސްކަން ތަހައްމަލުކުރަން ޖެހުނެވެ. ހިތްބިރުގަނެ އަބަދު ހިތް ނުތަނަވަސް ވެފައިވާ ދުވަސްތަކެއްގެ ތެރެއިން ޔުމްނާ ފެށީ ތަފާތު ކަމަކަށް ވަގުތު ދޭށެވެ. އަމިއްލަ އަތުން ތަފާތު ވައްތަރުގެ އެއްޗެހި ހަދަން ދަސްކޮށް މުޅިން އާ ހުނަރެއް ހޯދި އެވެ.

ޔުމްނާ އެންމެ ފުރަތަމަ ގްރޭޑް ސްކޫލު ދުވަސްވަރުން ފެށިގެން ވެސް ނިދުމުގައި އުނދަގޫތަކެއް ހުއްޓެވެ. ނަމަވެސް އޭރު އެއީ އޭނާ އަށް ކިހާވަރެއްގެ ކަމެއްކަން އިހްސާސް ވެސް ނުވެ އެވެ.

މަތީ ތައުލީމަށް ޔުމްނާ މެލޭޝިޔާއަށް ދިޔަ ހިސާބުން އިންސޮމްނިއާގެ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އޭނާ ހީކުރި އެވެ. ނަމަވެސް ނިދި ނައުމުގެ މައްސަލަ އިތުރަށް ވީ ގޯހެވެ. އެހާ ހިސާބުން ޑޮކްޓަރަށް ދެއްކުމުން ވެގެން އުޅޭގޮތް އެނގުނެވެ.

View this post on Instagram

A post shared by The Gift Basket (@thegiftbasketmaldives)

"ދެން ބޭސް ކައިގެން ނިދައި އުޅުނީ. އަދި ގިނަ ދުވަސްތަކެއް ވަންދެއް ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދިޔައީ،" ޔުމްނާ ކިޔައިދިނެވެ.

ހުރިހާ ކަމެއް ރަނގަޅުވިޔަސް ކަންތައް ގޯސްވާން ފެށީ ޔުމްނާގެ ފުރަތަމަ ދަރިއަށް ބަނޑުބޮޑުވި ފަހުންނެވެ. އެއަށް ފަހު އޭނާ ގެންގުޅެމުން އައި ބޭސްތައް ބޭނުންކުރުން ހުއްޓާލަން ޖެހުނެވެ. އަދި އެއަށް ފަހު ނުނިދި އެކި ރޭތައް އުޅެ ދަތިކަމަށް ނިމުމެއް އައީ ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުންނެވެ.

View this post on Instagram

A post shared by The Gift Basket (@thegiftbasketmaldives)

"ދެން އެއަށް ފަހު ވެސް ހަމަ ބޭސް ނަގައިގެން ނިދައި ހަމަ ވަރަށް ރަނގަޅަށް އާންމު ޝެޑިއުލް އަކަށް ނިދައި އުޅުނީ،" އޭނާ ބުންޏެވެ.

ނަމަވެސް އެ ހިތް ހަމަޖެހުން އެހާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެ އެވެ. ޔުމްނާގެ ދެވަނަ ދަރިއަކަށް ބަނޑުބޮޑުވި ހިސާބުން އަނެއްކާ ބޭސްތައް ބޭނުންކުރުން ހުއްޓާލަން ޖެހުނެވެ. އަދި ދަރިފުޅު ލިބުނު ހިސާބުން ވެސް ކަންތައް ފަސޭހައެއް ނުވި އެވެ.

ލިބުނު ބޭސްތަކުގެ ސަބަބުން ރަނގަޅަށް ނުނިދި މުޅި ޝެޑިއުލް އެއްކޮށް ޚަރާބުވި އެވެ. އެހާ ހިސާބުން ރޭނގަނޑު އެއްވެސް ވަރަކަށް ނުނިދި އެކި ކަހަލަ ކަންކަމާ ފިކުރުބޮޑުވާން ފެށި އެވެ.

View this post on Instagram

A post shared by The Gift Basket (@thegiftbasketmaldives)

"އަބަދު ވެސް ހުންނަނީ ބިރުގަނެފަ. ނުނިދޭނެކަން އެނގޭތީ ހަމަ ހުންނަނީ އެހެން ކަމެއް ވެސް ނުވެފައި. އޭގެ ތެރެއިން އަސްލު ފެށުނީ ތަފާތު ވައްތަރުގެ ގިފްޓް އެއްޗެހި ހަދަން،" ޔުމްނާ ކިޔައިދިނެވެ.

ޔުމްނާގެ ހިޔާލަށް އެއް ރެއަކު އައީ، ހޭލައި ހުރެ ބިރުގަތުމުގެ ބަދަލުގައި އެ ވަގުތު ރަނގަޅު ގޮތެއްގައި ބޭނުންކުރުމަށެވެ. އެ ވިސްނުމާއެކު ގެއަށް އެކި ކަހަލަ ބޭކާރު އެއްޗެހި ގެންނަން ފެށީ ބޮޑު "ވިޝަން" އެއް އޮވެގެންނެވެ.

އެކި ކަހަލަ ހުސް ފޮއްޓާއި އާދައިގެ ކަރުދާސް ހޯދައިގެން އެކި ކަހަލަ އެއްޗެހި ހަދަން ފެށީ ގޭގައި އިނދެ މާޔޫސްކަމުން ފުރިފައިވާ ވަގުތުތައް ފުރާލުމަށެވެ.

އެންމެ ފުރަތަމަ ކަރުދާސް ފަދަ އެއްޗެހި ބޭނުންކޮށްގެން ތަފާތު އެއްޗެހި ހެދި އެވެ.

View this post on Instagram

A post shared by The Gift Basket (@thegiftbasketmaldives)

"ދެން އެކަމު ހިތަށް އެރީ ތަފާތުކޮށްލައި މަސައްކަތް އިތުރަށް ތަރައްގީކޮށްލާނީ އޭ. ދެން ފޮތި ބޭނުންކޮށްގެން އެއްޗެހި އަތުން ފަހަން ފެށީ،" އޭނާ ބުންޏެވެ.

މިއީ އެއްވެސް އިރަކު ޔުމްނާއަށް ދަސްކުރެވޭނެ ހުނަރެއް ކަމަށް އޭނާ ހީވެސް ނުކުރެ އެވެ. ނަމަވެސް ތަފާތު އެކި ކަހަލަ ސްޓަފްޑް ޓޯއިސް ކަހަލަ އެއްޗެހި ފަހަން ފެށުމުން އެއީ ކުރެވިދާނެ ކަމެއްކަން ޔުމްނާ ގަބޫލުކުރި އެވެ.

އެހާ ހިސާބުން ނުނިދި ބިރުން އުޅުނު ވަގުތުތަކަށް ލިބުނީ އަލިކަމެކެވެ. އަމިއްލަ ހުނަރު އިތުރަށް ތަރައްގީކޮށް އެ ހުނަރު ބޭނުންކޮށްގެން ނުނިދޭ ވަގުތުތަކުގައި ކުރާނެ މަސައްކަތެއް ލިބުނީ އެވެ.

"ދެން ވަރަށް ހިތްހަމަ ޖެހެން ފެށުނު މި މަސައްކަތުގެ ތެރެއިން. ދެން އަދި ކޮންމެ ދުވަހަކު އެ މަސައްކަތް ކުރަން އިންތިޒާރު ވެސް ކުރެވޭ. ދަރިން ނިދީމަ މި މަސައްކަތް ކުރަނީ. ދެން އެ ކުދިން ނިދަން ދެން އިންތިޒާރު ކުރެވޭ ވަރަށް،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by The Gift Basket (@thegiftbasketmaldives)

އެ ހިސާބުން އެ މަސައްކަތް ވަރަށް ރަނގަޅު މަސައްކަތަކަށް ވެއްޖެ އެވެ. އަދި އެންމެފަހުން ސޯޝަލް މީޑިއާގައި ވެސް ޔުމްނާ އެ އުފެއްދުންތައް ދައްކާލަން ފެށި އެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން އޭނާގެ އުފެއްދުންތައް ޕޯސްޓުކުރަން ފެށީ ތެރަޕީއެއްގެ ގޮތުގަ އެވެ.

ޔުމްނާ ތަފާތު އެކި ކަހަލަ ގިފްޓްތަކާއި ގިފްޓް ބާސްކެޓްތައް ހަދައި ޕޯސްޓުކުރީ ވިޔަފާރިއެއް ފެށުމުގެ ގޮތުންނެއް ނޫނެވެ. އޭގެ ސަބަބުން ލިބޭ ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. އަދި އެކަމުގެ ފޮނި މީރުކަން ލިބުނީ ވިޔަފާރީގެ ފުރުސަތުތައް ޔުމްނާއަށް ލިބެން ފެށުމުންނެވެ.

View this post on Instagram

A post shared by The Gift Basket (@thegiftbasketmaldives)

"މި މަސައްކަތް ކުރަނީ ވިޔަފާރިއަކަށް ނޫން،" ޔުމްނާ ބުންޏެވެ.

ޔުމްނާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ހުނަރު އިތުރަށް ތަރައްގީކޮށް އެ ހުނަރާ އެކު ކުރިއަށްދާށެވެ. އަދި ނަފްސާނީ ބަލި ހުރި މީހުންނަށް އުއްމީދެއްގެ ގޮތުގައި ޔުމްނާގެ ވާހަކަ ވާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ގޭތެރެ ބެލެހެއްޓުން

Popular