9 Sep 2021

ޝަލަބީ އަށް އޭނާގެ "ޓްވިން" އާ ދިމާވެއްޖެ

By: Ahmed Jaishan

މިއީ ދާދި ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވި ފޮޓޯ އެކެވެ. މި ފޮޓޯއިން ފެންނަނީ މޯލްޑިވިއަން އައިޑަލްގެ ތެރެއިން ބޮޑު މަގުބޫލުކަމެއް ހޯދި ޝަލަބީ އިބްރާހީމް އެވެ. ނަމަވެސް މި ފޮޓޯ އެހާ ގިނަ ބަޔަކަށް ކަމުދިޔައީ ޝަލަބީއާ އެކު އޭނާ ގާތުގައި އިން މީހާ އާ ހެދި އެވެ. މީހުން ބުނަނީ އެ ދެ މީހުން ވަރަށް ވައްތަރު ކަމަށެވެ.

ގދ. ތިނަދޫ ޒުވާނެއް ކަމަށްވާ ނައުފަލް ނަސީމް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ފޮޓޯއެއްގައި ޝަލަބީ އާއި އެހެން މީހެއް ފެނެ އެވެ. ޝަލަބީ ކައިރީގައި އިން ޒުވާނާއަށް ބަލައިލުމުން ވެސް ހީވަނީ ޝަލަބީ އަށް ބަލައިލެވޭ ހެންނެވެ. ވަރަށް ވައްތަރެވެ. އިސްތަށިގަނޑު ވެސް އެއްގޮތް ވުމުން އިތުރަށް ވައްތަރުކަމަށް ދައްކަ އެވެ.

ސޯޝަލް މީޑީއާގައި އެކަމާ ގުޅިގެން މަޖާ ވާހަކަ ދެއްކި އެވެ. އެއްބަޔަކު ބުނަނީ އެއީ ޝަލަބީގެ ޓްވިންސް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެއީ ޝަލަބީ "ލައިޓް" ކަމަށެވެ.

ޝަލަބީއާ ވައްތަރު މީހެއް އުޅޭ ކަމެއް ޝަލަބީ އަށް ވެސް އެނގުނީ މީގެ ދެ ދުވަހެއް ކުރިންނެވެ.

"ތިނަދޫ އަށް އައި އިރަށް އެނގުނީ ކާކުކަން،" ޝަލަބީ ކިޔައިދިނެވެ.

ޝަލަބީއާ އެ ޒުވާނާ ދިމާވީ، ގދ. އަތޮޅުގައި އޮންނަ ރިސޯޓު ރެފްލްސް މޯލްޑިވްސް އަށް ޕްރައިވެޓް އިވެންޓަކަށް ގޮސް، ތިނަދޫއަށް ކުރި ދަތުރެއްގަ އެވެ.

ޝަލަބީއާ އެކު ފޮޓޯއިން ފެނުނު ޒުވާނާއަކީ 26 އަހަރުގެ އަހުމަދު ނަދީމް ނު(ނަޑޭ) އެވެ. ނަޑޭ އަކީ ވެސް އާޓިސްޓެކެވެ. އެކަމަކު އޭނާގެ ހުނަރު ބޮޑަށް ހުރީ ގްރެފިކްސް ޑިޒައިނިންގެ ދާއިރާއިންނެވެ.

އެކަމަކު އެހާ ހިސާބުން އޭނާގެ ހުނަރުތަކުގެ ވާހަކަ ނިމުނީ އެއް ނޫނެވެ. ގްރެފިކްސް ޑިޒައިން ކުރުމުގެ އިތުރުން ނަޑޭ އަންނަނީ މި ދުވަސްވަރު ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުންނެވެ.

ލ. އިސްދޫ އަށް އުފަން ނަޑޭ އަށް ވެސް ޝަލަބީ އެނގެ އެވެ. އެކަމަކު އެ ދެމީހުން ވައްތަރު ކަމަށް މީހަކު ވެސް ނުބުނެ އެވެ.

"ކުރިން ވެސް އެހެން ދޭތެރެ ދޭތެރެއިން ފެންނަ މީހުން އަހާނެ ޝަލަބީއާ ތިމާގެ މީހެއް ހޭ ވެސް. އަދި ޝަލަބީ އާ ވަރަށް ވައްތަރޭ ހަމަ ބުނާނެ،" ނަޑޭ ބުންޏެވެ.

މީހުން މިގޮތަށް ވާހަކަ ދެއްކި ނަމަވެސް އެއީ ނަޑޭ ގަބޫލުކުރާ ވާހަކައެއް ނޫނެވެ. ނަޑޭ އަކަށް ދެމީހުން އެހާ ވައްތަރެއް ނޫނެވެ. އެކަމަކު ވެސް މަޖަލެއްގެ ގޮތުން ދެމީހުން އެކު ތިބެ ނެގި ފޮޓޯއިން ނަޑޭގެ ވިސްނުމާ އެހެން މީހުންގެ ވިސްނުމާ ތަފާތުކަން އެނގެ އެވެ.

ޒުވާނުން ޝަލަބީ އިބްރާހިމް

Popular