By: Ahmed Jaishan
އިބްރާހީމް ޝަފާއި އެންމެ ކުޑައިރުގެ ހަނދާންތައް ވެސް އޮތީ މިއުޒިކުގެ އެތައް ކަމެއް ހިނގަމުން ދިޔަ ގެއެއްގެ ތެރޭގަ އެވެ. މި ގޭތެރެއިން، އެންމެ ހަ އަހަރުގައި ޝަފާއި އަށް މިއުޒިކުގެ ތެރެއަށް ވަދެވުނީ ޑްރަމް ކުޅުމުގެ ތެރެއިންނެވެ. އެ ދުވަހު ޑްރަމް ކުޅެން ފެށި ގޮތަށް އެއަށް އުފެދުނު ލޯތްބާ އެކު ހުއްޓުމެއް ނެތި މިއަދު ކުރިއަށްދަނީ ވަރަށް ގިނަ އުއްމީދުތަކަކާ އެކުގަ އެވެ.
އުމުރުން 26 އަހަރުގެ ޝަފާއި އަކީ އާންމުންނަށް އެހާ އެނގޭ މޫނަކަށް ނުވެދާނެ އެވެ. ނަމަވެސް އޭނާ ދިވެހި މިއުޒިކް އިންޑަސްޓްރީގައި ވަރަށް ދުވަހު މަސައްކަތްކޮށްފި އެވެ. އާންމުކޮށް ސްކްރީން ފަހަތުގައި ނުވަތަ ސްޕޮޓްލައިޓްގެ ފަހަތުގައި ހުންނަ ޝަފާއިގެ ހުނަރަކީ ޑްރަމް ކުޅުމެވެ.
ފޮޓޯ : އިބްރާހީމް ޝަފާއި
ޝަފާއި އަކީ ކާކު ކަން ނޭނގުނަސް އޭނާގެ ބޭންޑަކީ ގިނަ ދިވެހިންނަށް އެނގޭނެ ބޭންޑެކެވެ. އީމާންސް ކޮންސްޕިރަސީގައި ޑްރަމަރެއްގެ ގޮތުގައި އުޅޭ ޝަފާއި މި ދާއިރާއިން ކެރިއަރެއް ފެށުމަށް ނުކުތީ އެންމެ 16 އަހަރުގަ އެވެ.
"ގޭގައި ބައްޕަމެން ގެންގުޅޭ ޕްރެކްޓިސް ކުރާ ސްޓޫޑިއޯއެއް ހުންނާނެ. ޑްރަމިންގެ ތެރެއަށް ވަދެވުނީ އެތައް ގޮސް އުޅުމުގެ ތެރޭގައި. ގާތްގަނޑަކަށް ހަ އަހަރުގައި އެންމެ ފުރަތަމަ ޕްރެކްޓިސް ކޮށްލަން ލިބުނީ. އެއަށްފަހު ހުއްޓައެއް ނުލަން،" ޝަފާއި ކިޔައިދިނެ އެވެ.
ޝަފާއި ހަ އަހަރުން ފެށިގެން އައީ އެ ހުނަރު ތަރައްގީކޮށް ޕްރެކްޓިސް ކުރަމުންނެވެ. އެއަށްފަހު 16 އަހަރުގައި ކެރިއަރު ފުޅާކުރުމުގެ ގޮތުން ރިސޯޓުތަކުގައި މިއުޒިކް ކުޅެން ދާން ފެށި އެވެ. މިހާރު ރިސޯޓުތަކަށް މިއުޒިކް ކުޅެން ވަކި ބޭންޑެއް ވެސް އޮވެ އެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާއިރު ޝަފާއި އަކީ ހަމައެކަނި ޑްރަމާއެއް ނޫނެވެ. ޑްރަމް ކުޅޭއިރު ބައެއް ފަހަރު އޭނާ ލަވަ ވެސް ކިޔައި އުޅެ އެވެ. މިއީ ވެސް އެތައް ދުވަހެއް މިއުޒިކީ ދާއިރާގައި އުޅުމުގެ ތެރޭގައި އޭނާ ތަރައްގީ ކުރި ހުނަރެކެވެ. އަދި އެއީ އޭނާ ކުރާ ހިތްވާ ވެސް ކަމެކެވެ.
ފޮޓޯ : އިބްރާހީމް ޝަފާއި
ރިސޯޓުތަކަށް މިއުޒިކް ގިގްތަކަށް ދަނީ އާމްދަނީގެ ގޮތުގައި ކުރާ މަސައްކަތަށެވެ. ނަމަވެސް އަމިއްލަ އުފަލާއި އާ އުފެއްދުންތަކަށް ހާއްސޮށް މަސައްކަތް ކުރަނީ އީމާންސް ކޮންސްޕިރަސީ މެދުވެރިކޮށެވެ.
އީމާންސް ކޮންސްޕިރަސީ އަކީ ޝަފާއިގެ ޑްރަމް ކުޅުމުގެ ހުނަރު އެންމެ ފުރިހަމައަށް ދައްކާލެވޭ ގޮތެވެ. އަދި އަމިއްލަ މިއުޒިކް އުފައްދައި އީމާންސް ކޮންސްޕިރަސީ އަކީ ދިވެހިންގެ، ހާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭންޑެކެވެ. ބޭންޑު އެނގުނު ނަމަވެސް ޝަފާއިގެ ވާހަކަ ގިނަ ބަޔަކަށް ނޭނގި ދާނެ އެވެ.
އެ ބޭންޑުގައި މިހާރު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"އީމާންސް ކޮންސްޕިރަސީން މިހާރު ވާނީ ފަސް ލަވައިގެ އަލްބަމެއް ރިލީޒްކޮށްފައި. އަދި މިހާރު ވެސް އިތުރު އަލްބަމެއްގެ މަސައްކަތް އަންނަނީ ކުރަމުން،" އޭނާ ބުންޏެވެ.
ޑްރަމް ކުޅުމަކީ ޝަފާއިގެ އޭރުގެ ވެސް ހުވަފެނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ކުރަން ބޭނުންވަނީ އެ މަސައްކަތެވެ.
"ހިޔެއް ނުވޭ ދުވަހަކު ވެސް ޑްރަމް ކުޅުން ހުއްޓާލާނެ ހެނެއް،" އޭނާ ކިޔައިދިނެވެ.
ޝަފާއި ކިތަންމެ ޑްރަމް ކުޅެން ބޭނުންވި ނަމަވެސް ރާއްޖޭގެ މިއުޒިކް އާ ދޭތެރޭގައި އޭނާގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
ރާއްޖޭގެ މިއުޒިކަށް މުސްގަތުބަލެއް އެބައޮތް؟
ރާއްޖޭގެ މިއުޒިކާ މެދު ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ޝަފާއިގެ އެބަހުއްޓެވެ. މިއުޒީޝަނުންނަށް އާމްދަނީއަށް ކުރެވޭނެ މާ ގިނަ މަސައްކަތްތަކެއް ނެތުމަކީ ޝަފާއިގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
.
"ރާއްޖޭގައި މިއުޒީޝަނުން އާމްދަނީއެއް ހޯދަން ބޭނުންވާ ނަމަ ކުރެވެން އޮތް މައިގަނޑު އެއް މަސައްކަތަކީ ރިސޯޓުތަކަށް ގޮސް މިއުޒިކް ކުޅުން. އެކަމު ކޮވިޑްގެ ތެރެއިން ވެސް ފެނިއްޖެ މިއީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަން،" ޝަފާއި ބުންޏެވެ.
އެ ބުނާ ކޮވިޑްގެ ހާލަތަކީ ގިނަ މިއުޒީޝަނުން ރާއްޖޭގައި ތަހައްމަލުކޮށްފައިވާ ދަތި ދުވަސްވަރެކެވެ. ކޮވިޑާ ގުޅިގެން ރިސޯޓުތައް ބަންދުކުރުމުން އެތައް މިއުޒީޝަނުން ތިބީ ވަޒީފާއެއް ނެތި އާމްދަނީއެއް ހޯދާނެ ގޮތެއް ވެސް ނެތިފަ އެވެ.
ޝަފާއި ދެކޭގޮތުގައި އެއަށް ވުރެ ރަނގަޅު ގޮތެއް އޮންނަން ޖެހޭނެ އެވެ. އެކަން ވާން އޮތީ ރާއްޖޭގައި މިއުޒީޝަނުން ކުރިއަށް ދިޔުމަށްޓަކައި އާންމުންގެ ފަރާތުން ވެސް އެއްބާރުލުން ލިބިގެން ކަމަށް ޝަފާއި ގަބޫލު ކުރެ އެވެ.
ރާއްޖޭގައި ގިނަ ދުވަސް ވަންދެއް މިއުޒިކް ކުޅެމުން އަންނަ މީހުންނަށް ގިނަ ފަހަރަށް މީޑިއާތަކުން ވެސް ފުރުސަތު ނުލިބޭ ކަމަކީ ޝަފާއީގެ އިތުރު ކަންބޮޑުވުމެކެވެ.
"ގިނަ ފަހަރަށް މި ފުރުސަތު ލިބެނީ އެހާ އެކްސްޕީރިއެންސް ނެތް މީހުންނަށް. އެކި ކަހަލަ ޕްލެޓްފޯމުތަކުގައި އެމީހުންނަށް އެބަ ލިބޭ މާ ގިނަ އެކްސްޕޯޝާ އާއި ކުރި އެރުން،" ޝަފާއި ބުންޏެވެ.
އެ ހުރިހާ ދަތިތަކާއި ފިއްތުންތައް ދިވެހި މިއުޒީޝަނުންނަށް އޮތް ނަމަވެސް ޝަފާއި އުއްމީދު ކުރަނީ މިއުޒީޝަނުންނަށް ރަނގަޅު ކުރިއެރުމަކަށެވެ. އަދި އުނދަގުތައް ކުރިމަތިވި ނަމަވެސް ޝަފާއި ހުރީ ޑްރަމްތަކުން އަތް ދޫކޮށްލާ ގޮތަކަށް ނޫނެވެ.