26 Sep 2021

ނަފްސާނީ މައްސަލަތަކާ ދެކޮޅަށް އެތައް ހުނަރެއް

By: Ahmed Jaishan

ގިނަ މީހުންނަކީ އާންމުކޮށް އެއް ހުނަރެއް ދަސްކޮށް އެ ހުނަރު އިތުރަށް ވަރުގަދަ ކުރަން މަސައްކަތްކުރާ މީހުންނެވެ. އެކަމަކު އުމުރުން 19 އަހަރުގެ އައިމިނަތު ނައީޝާ ނިޒާރު އެއްފަހަރާ އެތައް ބައިވަރު ހުނަރެއް ދަސްކޮށް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ކުރެ އެވެ.

ގދ. ގައްދޫ އަށް ނިސްބަތްވާ ނައީޝާ އަށް ޑިޖިޓަލް އާޓް އެނގެ އެވެ. މޭކްއަޕް އާޓް ވެސް އެނގެ އެވެ. ރީތިކޮށް ހެދުން ވެސް ފަހަ އެވެ.

"ހުރޭ ބައިވަރު ހޮބީސް އަސްލު. މި ކަންތަކަކީ އެކި ކަހަލަ މައްސަލަތަކުން ކޯޕިން މެކޭނިޒަމް އެއްގެ ގޮތުގައި ކުރާ ކަންތައްތަކެއް. އަދި މިކަންތަކުގެ ސަބަބުން ހިތްހަމަ ޖެހޭ،" ނައީޝާ ކިޔައިދިނެވެ.

ނައީޝާ އަމިއްލަ އަށް ފަހާފައިވާ ހެދުމެއް --- ފޮޓޯ : ނައީޝާ ނިޒާމް

ނައީޝާ ހުރީ އޭނާގެ ހުރިހާ ހުނަރެއް އިތުރަށް ވަރުގަދަކޮށް އެ ހުނަރުތައް އެކި ގޮތްގޮތަށް ބޭނުންކުރަން ތައްޔާރަށެވެ. ދާދި ފަހުން ހެދުން ފަހަން ފަށައި އަމިއްލައަށް ފަހައިގެން ހެދުން ލާން ވެސް ފަށައިފި އެވެ. އެހެން މީހުންނަށް ވެސް ފަހައިދެ އެވެ.

"އަދި ކުރިއަށް އޮތް ތަނުގައި ހެދުން ފެހުމަކީ މަސައްކަތެއްގެ ގޮތުގައި ކޮށްފާނެ ކަމަކަށް ބެލެވޭ،" އޭނާ ކިޔައިދިނެވެ.

އޭނާގެ ހެދުންތަކަށް ގިނަ ބައެއްގެ ތައުރީފު ލިބެ އެވެ. އެއީ ނައީޝާ އެ މަސައްކަތް އިތުރަށް ކުރަން ބޭނުންވާ އެއް ސަބަބެވެ.

View this post on Instagram

A post shared by Nukuthaa Comics (@hiyaalee.dhuniye)

ކުރެހުމާއި ސްކެޗް ކުރުމުގެ އިތުރުން ޑިޖިޓަލް އާޓަށް ވެސް ނައީޝާގެ ޝައުގުވެރިކަން ބޮޑެވެ. އޭނާގެ ޑިޖިޓަލް އާޓް އެކަމު އެހެން އާޓްތަކާ ތަފާތުވާ ސަބަބެއް އެބައޮތެވެ. އެއީ ނައީޝާގެ ޑިޖިޓަލް އާޓުން ކިޔައިދެނީ އޭނާގެ ހަޔާތުގައި ހިނގާފައިވާ ކަންތަކުގެ ވާހަކަ އެވެ.

ނައީޝާގެ ޑިޖިޓަލް އާޓްވޯކަށް ހާއްކޮށްގެން ވަކި ޕޭޖެއް ހަދާފައިވާއިރު އެ ޕޭޖުން ފެންނާނީ ކޮމިކް ވާހަކަތަކެއްގެ ގޮތުގައި ހުންނަ އިލަސްޓްރޭޝަންތަކެކެވެ.

View this post on Instagram

A post shared by Nukuthaa Comics (@hiyaalee.dhuniye)

"އަމިއްލަ ކެރެކްޓާތަކެއްގެ ގޮތުގައި ހަދާފައިވާނީ ހަޔާތުގައި ހިމެނޭ މީހުންނަށް ބިނާކޮށްގެން. އަދި ގިނަ ފަހަރަށް ހުންނާނީ ހަމަ ދިމާވެފައި ހުންނަ ކޮންމެ ވެސް ކަމެއް އިލަސްޓްރޭޝަންގެ ގޮތުގައި ކުރަހާފައި،" އޭނާ ކިޔައިދިނެވެ.

ނައީޝާގެ އާޓްވޯކުތަކުން ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭގޮތުން ވެސް ބައެއް ފަހަރު ވާހަކަ ދައްކަ އެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ ނައީޝާ އަށް ވަރަށް މުހިއްމު މައުލޫއެކެވެ. ޑިޕްރެޝަނާއި އެންޒައިޓީ އަށް ޑައިގްނޯސް ކޮށްފައިވާ ނައީޝާގެ ނަފްސާނީ ދުޅަހެޔޮކަމުގެ އެހީއަކަށް ބޮޑު ރޯލެއް އަދާކުރަނީ އޭނާގެ ހޮބީތަކެވެ.

View this post on Instagram

A post shared by نعيشة نظام (@nizamee.nukuthaa)

އެތައް ހުނަރަކާ އެކު ނައީޝާ އަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް އެކްޓިވް ޒުވާނެކެވެ. ޓިކްޓޮކްގައި އެކްޓިވް ނައީޝާ އަށް ދާދި ފަހުން ސަމާލުކަން އިތުރުވީ ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ޗެލެންޖަކަށް ހެދި ވީޑިއޯއަކާ އެކުގަ އެވެ.

"އަސްލު ޓިކްޓޮކް ހަދަން ފެށީ އަހަރެންނަށް އަލަށް ލިބުނު ބުޅާ ލޯބިކަމުން އެ އެންމެނަށް ދައްކާލަން ބޭނުންވެގެން. ދެން ބޮޑަށް ކޮމްފޮޓަބަލް ވާން ފެށީމަ އަމިއްލަ ސްކިޓްތަކާއި ވީޑިއޯ ހަދަން ފެށީ،" އޭނާ ކިޔައިދިނެވެ.

ނައީޝާ އަށް ބޭންކުގެ ޗެލެންޖުގެ ވާހަކަ އެނގުނީ ރަށްޓެއްސެއްގެ ފަރާތުންނެވެ. އަދި އެކަމަށް ހިޔާލު އައީ އެކަމާ މާ ބޮޑަށް ވިސްނަނިކޮށެއް ވެސް ނޫނެވެ. ގިނަ ބަޔަކަށް އެ ވީޑިއޯ ކަމުދިޔަ އެވެ. އަދި އެ ޗެލެންޖުގެ ހަފްތާގެ ޗެލެންޖު ވެސް ނައީޝާ ކާމިޔާބުކުރި އެވެ.

އޭނާގެ އެހެން ޓިކްޓޮކްތަކަށް ވެސް އައިޑިއާ ލިބެނީ އެގޮތަށެވެ. މާ ބޮޑަކަށް ހިޔާލުތަކާ މެދު ވިސްނައެއް ނޫޅެ އެވެ. ކުއްލިއަކަށް، ރެންޑަމްކޮށް ހިޔާލު ލިބުނީމާ ދެން ޓިކްޓޮކް ހަދަނީ އެވެ.

@nizamee.nukuthaa

Blooper at the end. She was mad because @shaayadhh was here ##fyp ##foryou ##maldives ##maldiviantiktok

♬ original sound - Naeesha

ނައީޝާގެ މި ހުރިހާ މަސައްކަތަކީ އޭނާ ހުސްވަގުތު ކުރާ ކަންތަކެވެ. އޭނާ ހޮބީތަކަށް ހުސް ނުކުރާ ވަގުތަކީ އޭނާ ކިޔެވުމަށް ހުސްކުރާ ވަގުތެވެ. ސައިކޮލޮޖީ ކިޔަވަމުން އަންނަ ނައީޝާ މުސްތަގުބަލުގައި ބޭނުންވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މީހުންނަށް އެހީތެރިވާށެވެ. މިއީ އޭނާ ވަރަށް ލޯބިކުރާ ދާއިރާއެއްކަން އޭނާގެ ހޮބީތަކުން ވެސް އެނގެ އެވެ. ކުރެހުންތަކުގެ އިތުރުން ޓިކްޓޮކްގައި ވެސް ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭގޮތުން ނައީޝާ ވާހަކަ ދައްކަ އެވެ.

އެކަމަކު އެހާ ގިނަ ކަންތައް އެއްފަހަރާ ކުރުމަކީ މާ ފަސޭހަ ކަމަކަށް އެކަކަށް ވެސް ނުވާނެ އެވެ.

"ބައެއް ފަހަރަށް ހުރިހާ ކަމެއް މެނޭޖްކުރަން ވަރަށް ސްޓްރެސްފުލް. އެހެންވެ އެއްބައި ފަހަރަށް އެއް ހޮބީ މެދުކަނޑާލާފައި ވެސް ފަށަން،" އޭނާ ކިޔައިދިނެވެ.

View this post on Instagram

A post shared by نعيشة نظام (@nizamee.nukuthaa)

ނައީޝާގެ މަސައްކަތްތައް ހުންނަ ގޮތުން ސޯޝަލް މީޑިއާ އަކީ ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. އެއަކީ މުޅިން ފަސޭހަ ކަމެއް ވެސް ނޫނެވެ.

"ބައެއް ފަހަރު އިންޓަނެޓް ޓްރޯލުތަކުގެ ފާޑުކިޔުންތަކާއި މަލާމާތް ލިބޭ. އަދި އެންޒައިޓީ އާއި ޑިޕްރެޝަން ހުންނާތީ އެކަންތަކާ ޑީލް ކުރަން ކޮންމެ ފަހަރަކު އެހާ ފަސޭހަ އެއް ނޫން،" ނައީޝާ ކިޔައިދިނެވެ.

އެކަމަކު އިންޓަނެޓް ޓްރޯލްތަކަކަށް ވުރެ ނައީޝާގެ އަޒުމް ވަރުގަދަ އެވެ. އެހެންވުމުން މީހުންގެ ފާޑުކިޔުންތަކާއެކުގައި ވެސް ނައީޝާ ހުރީ އިތުރަށް ކުރިއަށް ދާން ތައްޔާރަށެވެ. ސަބަބަކީ މީހުންގެ ފާޑުކިޔުމަށް ވުރެ ލިބޭ ލޯބި މާ ބޮޑުކަމުން އެކަމުން ސަޕޯޓު ލިބޭތީ އެވެ.

ޒުވާނުން

Popular