5 Oct 2021

ވިޝާހުގެ ޗެނަލުން އެހެން މީހުންނަށް ގްރެފިކްސް ޑިޒައިނިން

By: Ahmed Jaishan

ކުޑައިރު ލޯބި އުފެދޭ ކަންތައްތައް ވަޒީފާއަށް ބަދަލުކޮށް އާމްދަނީ ލިބޭނެ ގޮތަކަށް އެކަން ކުރެވުމަކީ ބޮޑު އުފަލެކެވެ. ފޮޓޯޝޮޕާއި ގްރެފިކްސް ޑިޒައިނިން އަށް އޮތް ލޯތްބާ އެކު މުހައްމަދު ވިޝާހު ވެސް އެންމެ ފުރަތަމަ އެ މަސައްކަތްކުރަން ފެށީ ހޮބީއެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަދު އެ ހުނަރު ތަރައްގީކޮށް ވިޝާހު އަންނަނީ ގްރެފިކްސް ޑިޒައިނިން ދަސްކުރަން ބޭނުންވާ މީހުންނަށް، އޭނާއަށް އެނގޭ ހުރިހާ އެއްޗެއް ކިޔައިދެމުންނެވެ.

ށ. ފުނަދޫ އަށް ނިސްބަތްވާ ވިޝާހު އެންމެ ކުޑައިރުން ފެށިގެން ވެސް ކްރިއޭޓިވް އާޓްސް އަށް ޝައުގުވެރިކަން ހުރެ އެވެ. އޭގެތެރެއިން ޝައުގުވެރިކަން އެންމެ ބޮޑަށް އުފެދުނު އެއް ދާއިރާއަކީ ގްރެފިކްސް ޑިޒައިނިން އެވެ.

"ކިޔެވި އިރު ވެސް ގްރެފިކްސް ޑިޒައިން އަށް އެކި ކަހަލަ އެއްޗެހި ހަދައި އުޅުނިން. ފޮޓޯޝޮޕާ އެއްޗެހި ބޭނުންކޮށްގެން ފޮޓޯ މެނިޕިއުލޭޓްކޮށް ހެދުމަށް ވަރަށް ޝައުގުވެރިކަން ހުރި،" ވިޝާހު ކިޔައިދިނެވެ.

ނަމަވެސް ގްރެފިކް ޑިޒައިނިން ނުވަތަ ފޮޓޯޝޮޕް ފަދަ އެޕްލިކޭޝަން ބޭނުންކޮށްގެން އާޓް އުފައްދައިގެން ވަޒީފާއެއް އަދާކުރެވޭނެ ކަމެއް ކުރިންނެއް ނޭނގެ އެވެ. އެހެންވެ ހުރިހާ މަސައްކަތެއް ވެސް ކުރީ އެކަމަށް އޮތް ލޯތްބާ އެކު ހުނަރު އިތުރަށް ވަރުގަދަ ކުރުމަށެވެ.

އެންމެ ފަހުން، ސްކޫލު ނިންމާލުމަށް ފަހު ވަޒީފާއެއް ހޯދަން އުޅުމުގެ ތެރޭގައި ގްރެފިކް ޑިޒައިނަރެއް ހޯދުމަށް އިއުލާނުކޮށްފައި އޮއްވައި އޭނާ އަށް ފެނުނެވެ. ވިޝާހު ވަގުތުން ބޭނުންވީ އެ ވަޒީފާ ހޯދައިގެން ގްރެފިކް ޑިޒައިނަރެއްގެ ގޮތުގައި އިތުރަށް ކުރިއަށް ދާށެވެ.

"ފުރަތަމަ ވަޒީފާއިން އެނގިގެން ދިޔަ ގްރެފިކްސް ޑިޒައިނިންއާ ގުޅުން ހުރި ވަރަށް ގިނަ އެއްޗެހި. އަދި ކުރިއަށް ދާނެ ވަރަށް ގިނަ ގޮތްތައް ވެސް އެނގިގެން ދިޔަ،" ވިޝާހު ބުންޏެވެ.

މިހާރު ފްރީލާންސް ގްރެފިކްސް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ 28 އަހަރުގެ ވިޝާހުގެ ވަޒީފާގެ ބޭރުން ވެސް އަމިއްލަ ހުނަރު ދައްކާލުމަށް ތަފާތު އެކި ކަހަލަ އާޓް އުފައްދަމުން ދިޔަ އެވެ.

View this post on Instagram

A post shared by Wishah (@wishah410)

ދެން އެ ހިޔާލުގެ ތެރެއިން އޭނާ ބޭނުންވީ އޭނާގެ މަސައްކަތް އެހެން މީހުންނަށް ފެންނާނެ ގޮތަށް ރަނގަޅު ޕޯޓްފޯލިއޯއެއް އުފެއްދުމަށެވެ. އެއާ އެކު އަމިއްލަ މަސައްކަތްތައް ދައްކާލައި އިތުރު ޓިއުޓޯރިއަލްތައް އުފެއްދުމަށް ޔޫޓިއުބް ޗެނަލެއް ހެދި އެވެ. ވިޝާހުގެ އަމިއްލަ ނަމުގައި އުފެއްދި ޔޫޓިއުބް ޗެނަލުން އޭނާ ކިޔައިދެނީ ފޮޓޯޝޮޕާއި އިލަސްޓްރޭޓާ އޭނާ ބޭނުންކުރާގޮތުގެ ވާހަކަ އެވެ.

އެންމެ ފުރަތަމަ އޭނާ އަޕްލޯޑުކުރަން ފެށީ އޭނާ ހަދާ އާޓްވޯކްގެ މަސައްކަތުގެ ވޯކްތުރޫ ވީޑިއޯ އެވެ. ނަމަވެސް ފަހުން ފަހުން ވީޑިއޯގެ މިސްރާބު ބަދަލުކޮށްލީ ގްރެފިކްސް ޑިޒައިންކުރަން ބޭނުންވާ މީހުންނަށް ބޮޑު އެހީއެއް ލިބޭނެ ގޮތަށެވެ.

"އެންމެ ބިގިނާ ލެވެލްގެ ކުދިންނަށް ވެސް ގްރެފިކްސް ޑިޒައިންގެ ތެރެއަށް ވަނުމަށް އިލަސްޓްރޭޓާ އާއި ފޮޓޯޝޮޕް ބޭނުންކުރެވޭނެ ގޮތްތައް ހުންނާނެ ޓިއުޓޯރިއަލް ހަދާފައި،" އޭނާ ކިޔައިދިނެވެ.

ވިޝާހުގެ ޗެނަލަކީ އަމިއްލަ އަށް ގްރެފިކްސް ޑިޒައިނިން ދަސްކުރަން ބޭނުންވާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.

އެ ޗެނަލް އުފެއްދިތާ ތިން އަހަރެއްހާ ދުވަސް ވެފައި ވާއިރު 50 ވީޑިއޯ އަޕްލޯޑް ކުރުމުގެ ކުރިން 1،000 ސަބްސްކްރައިބަރުން ލިބިއްޖެ އެވެ. އަދި މިހާރު އެ ޗެނަލްގެ ސަބްސްކްރައިބަރުންގެ އަދަދު 3،000 އަށް ވުރެ އިތުރު ވެއްޖެ އެވެ.

"އަސްލު ވީޑިއޯ ހަދާ މީހުން ބުނާހެން، ވިއުސް އަދި ސަބްސްކްރައިބަރުން ނުލިބުނަސް އަމިއްލަ މަސައްކަތްތައް ފެންނަ ގޮތަށް ލާން ވަރަށް ރަނގަޅު ކަމެއް. އަދި ވީހާ ވެސް ކޮންސްޓަންޓްކޮށް އެކަން ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް،" އޭނާ ކިޔައިދިނެވެ.

ވިޝާހު މިވަގުތު ކުރާ އިތުރު މަސައްކަތަކީ ގްރެފިކް ޑިޒައިނިން ބޭސިކްސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މީހުންނަށް ކިޔައިދިނުމެވެ.

View this post on Instagram

A post shared by Wishah (@wishah410)

އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްކަތްތައް ކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޖަވާބު" ގެ ދަށުން ހިންގާ ޖަވާބު އެކެޑެމީއާ ގުޅިގެން ގްރެފިކް ޑިޒައިނިން ކޯހެއް ނަގައިދިނުމަށް ވިޝާހު އަންނަނީ ތައްޔާރުވަމުންނެވެ. ކިޔަވައިދިނުމުގައި ވެސް ވިޝާހް އޭނާގެ ޔޫޓިއުބް ޗެނަލް ވަރަށް ބޮޑަށް ބޭނުންކުރެ އެވެ.

"ބައެއް ފަހަރު ހުންނާނެ ކްލާސްތަކުގައި ވެސް މިސްވެފައި ހުންނަ އެއްޗެހި. އެ އެއްޗެހި އަޕްލޯޑް ކޮށްފައި ހުންނާނެ ވީޑިއޯ ޓިއުޓޯރިއަލްތަކުގެ ގޮތުގައި،" އޭނާ ކިޔައިދިނެވެ.

View this post on Instagram

A post shared by Wishah (@wishah410)

ގިނަ ބަޔަކަށް ގްރެފިކްސް ޑިޒައިނިން ދަސްކޮށްދެމުން ދިޔަ ނަމަވެސް ރާއްޖޭގައި އެ ދާއިރާއާ ގުޅޭގޮތުން ބައެއް ކަންބޮޑުވުން ވިޝާހު އެބަހުއްޓެވެ. ވަޒީފާގެ ރައްކާތެރިކަމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ.

"ގްރެފިކް ޑިޒައިނިން ރާއްޖޭގައި އެހާ ސްޓޭބަލްއެއް ނޫން. އެހެންވެ ސޭފްޓީއެއްގެ ގޮތުގައި މިކަމާ ގުޅުވަން އައިޓީ ދާއިރާއިން ޑިގްރީ ނަގާފައި އޮންނާނީ. އެއީ ބެކަޕް ޕްލޭނެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by Wishah (@wishah410)

އަދި އޭގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ގްރެފިކް ޑިޒައިނަރުންނަށް ދުނިޔޭގެ ބައިނަލްއަގުވާމީ ކްލައިންޓުތަކުގެ ސަމާލުކަން ހޯދަން އުނދަގުވުމަކީ ވެސް ވިޝާހު ފާހަގަކުރާ ކަމެކެވެ.

އެ ހުރިހާ ކަމަކާ އެކުގައި ވެސް ވިޝާހު ކުރާ މަސައްކަތައް އޭނާ ގިނަ އުއްމީދުތަކެއް ކުރެ އެވެ. އަދި މި ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ވެސް ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް ވިޝާހުގެ އޮތީ އެއް ނަސޭހަތެވެ. އެއީ އޭނާ އަމިއްލަ އަށް ވެސް ބޭނުންކުރި ނަސޭހަތެވެ. އެއީ އަމިއްލަ މަސައްކަތްތައް ފެންނަ ގޮތަށް ވީހާވެސް ގިނައިން އާންމުކުރުމެވެ. މީހުންގެ ފާޑުކިޔުން ލިބުނު ނަމަވެސް އަމިއްލަ މަސައްކަތް ވީހާ ވެސް ގިނަ މީހުންނަށް ފެންނަ ގޮތަށް އާންމުކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭގެ ސަބަބުން މަސައްކަތް ބަލައިގަންނާނެ މީހުންނަށް ވެސް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިޝާހު ގަބޫލު ކުރެ އެވެ.

ޒުވާނުން

Popular