11 Aug 2017

މާކުންބެ: އަވަހަކަށް މަރެއް ނުވާނެ!

މާކުންބެ: އަވަހަކަށް މަރެއް ނުވާނެ!

By: Ismail Naseer

ގްރޭޑް 5 ގެ ދިވެހި ފޮތުގައި ބުނާ ގޮތުން، ސަންތި މަރިޔަނބާއި މާކުންބެ ރަށަކަށް ދިޔައިރު ނޫސްވެރިންތަކެއް ތިއްބެވެ. މީގެ އެތަކެއް އަހަރެއް ކުރިން ވަރަށް ގިނައިން ކައިގެން ބަނޑުފަޅައިގެން ދިޔަ، ދިވެހި ފުލޯކު ވާހަކައިގެ މަޝްހޫރު މާކުންބެ ދިވެހި ޓެކްސްޓް ފޮތްތަކުގައި އަނެއްކާ ވެސް ދިރިގެން އައީ އެވެ. މީގެ އެތަކެއް އަހަރެއް ކުރިން މާކުންބެ އަށް ދިމާވި ހިތާމަވެރި ހާދިސާ އަށް ފަހު އެތައް ބަޔަކަށް އަނެއްކާ ވެސް ފެނުން ވެގެން ދިޔައީ، އެ ފޮތުގައި ސިފަކޮށްފައިވާ ގޮތުން ވެސް ހާއްސަ ކަމަކަށެވެ. އެހެންވެ، ނޫސްވެރިން އޭނާއާ ތަފާތު ސުވާލުތަކުގެ ފަތިވަރެއް އޮއްސާލި އެވެ. ހާއްސަކޮށް އެ ވަރަށް ކާލި މީހެއްގެ މިހާރުގެ ސިއްތަހާ މެދު އެވެ. އޭގެ އެއް ޖަވާބެއްގައި މާކުންބެ ބުނެފައި ވަނީ އޭނާގެ ނެތް ބައްޔެއް ނެތް ކަމަށެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ އެކު މާކުންބެ އަށް ވެސް ބަދަލުތައް އާދެ އެވެ. އެހެންވެ، މިއީ، ރާއްޖޭގެ އެންމެ މަޝްހޫރު ފުލޯކު ވާހަކަ އަށް ވުން އެކަށީގެން ވެ އެވެ. ހަމަ އެހެންމެ، މާކުންބެ އަކީ ތުންތުންމަތިން ދެކެވެމުން އައި، އެންމެ ވަރުގަދަ ފުލޯކު ކެރެކްޓާ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. ތާރީޚު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އެ ވާހަކަ އަށް މިހާރު 100 އަހަރު ވަރު ވުން ގާތެވެ. ޒަމާނާ އެކު ބަދަލުތައް އަންނަމުން ދިޔަ ނަމަވެސް، ހަގީގަތަކީ، މާކުންބެ ވާހަކައިގެ އަސްލަށް ނުވަތަ އޭގެ ކޮންސެޕްޓަށް އަދިވެސް ބަދަލެއް ނާންނަ ކަމެވެ. ކެއުމާ ގުޅޭ މިސާލުތަކުގައި، މީހަކު މާ ގިނައިން ކައިފިއްޔާ މާކުންބެގެ ނަން މިހާރު ވެސް އާދެ އެވެ. ވަރުގަދަ ކެއުންގަނޑެއް ކައްކާލައިފިއްޔާ މިއީ މާކުންބެ ކާން ހަދާފައި ހުރި އެއްޗެއްހޭ އަހަ އެވެ. ކެއުމުގެ ވިޔަފާރިތަކުގައި މާކުންބެގެ ނަން އެބަ ބޭނުން ކުރެވެ އެވެ. އެހެންވެ މިއީ، ރާއްޖޭގައި ދުވަހަކު ވެސް ބާވުމެއް އަދި ނިމުމެއް ނެތް ނަމެއް ކަމަށް ބަލަމާ ހިނގާށެވެ! އެކަމަކު ވަރަށް ދެރަ އެވެ. މާކުންބެއާ ބެހޭ އެތަކެއް ބައިވަރު ވާހަކަތަކެއް އެތަކެއް ވާޝަންތަކެއް ހުރި އިރު ވެސް، މިއީ ކިހިނެއް އުފެދިފައި އޮތް ވާހަކައެއް ކަމެއް ހޯދަހޯދާ ވެސް ނުވެއް ފެނުނެވެ. ދިވެހި ތާރީހީ ބޭފުޅުންނާއި ބަހުގެ އަދީބުންނަށް ވެސް އެ ހިސާބަށް ފީނައެއް ނުލެވެ އެވެ.

"އަޅުގަނޑު ހަނދާން ހުރޭ އަޅުގަނޑު ކުޑައިރު އަޅުގަނޑު ރަށުގައި (މ. މުލީގައި) އުޅުނުއިރު ވެސް އެ ވާހަކަ އަޑުއަހަން،" ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބޭ) ވިދާޅުވި އެވެ.

ސޯދުބޭ އެ ވިދާޅުވާ ދުވަސްވަރަކީ ރަސްކަމުގެ ދުވަސްވަރު، ނުވަތަ މީގެ 65 އަހަރަށް ވުރެ ވެސް ކުރި އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، ރާއްޖޭގެ އެކި ހިސާބުގައި އޭރު ވެސް މާކުންބެ ވާހަކަ އެކި ގޮތްގޮތަށް ކިޔައި އުޅެ އެވެ. އަދި މުހަންމަދު އަމީންގެ ވެރިކަމުގައި މާލެ ވަޑައިގެންނެވި އިރު، މާލޭގައި މުޅިންް އެހެން ގޮތަކަށް އެ ވާހަކަ ކިޔައި އުޅެ އެވެ.

މާކުންބެ އާއި ސަންތި މަރިޔަންބު: ގްރޭޑް 5 ގެ ދިވެހި ފޮތުގައި ސިފަކޮށްފައިވާ ގޮތް

"އެންމެ ފަހުން ދިވެހި ގައުމީ މަންހަޖުގެ ތެރެއަށް ރަސްމީކޮށް އެ ވާހަކަ އައީ،" ސޯދުބޭ ވިދާޅުވި އެވެ.

ތުންތުންމަތިން ދެކެވެމުން އައި ފުލޯކު ވާހަކަ ދިވެހި ބަހުގެ މަންހަޖަށް އައުމަކީ، އެ ވާހަކަ ވައިގައި ހިފި އެއް ސަބަބު ކަމަށް ދިވެހި ބަހުގެ އުސްތާޒު ފަރެސް މުހަންމަދު އާމިރު ވިދާޅުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، 1980ގެ ކުރީކޮޅު ދިވެހި ބަހުގެ ފުރަތަމަ ގައުމީ މަންހަޖުގެ ޓެކްސްޓް ފޮތުގެ ތެރެއަށް އެ ވާހަކަ ގެންނެވީ ފައުޒިއްޔާ އިބްރާހިމް ދީދީ އެވެ.

"އެކި ގޮތްގޮތަށް އެ ވާހަކަ ކިޔަމުން ގޮސް، އާންމު މިނަކަށް ވެގެން މިދިޔައީ އެ ވާހަކަ ގައުމީ މަންހަޖުގެ ތެރެއަށް ވަނުމާ އެކު،" އޭނާ ވިދާޅުވި އެވެ.

މާކުންބެ ވާހަކައިގެ އަސްލަކީ މި އެވެ؛ އީދު ދުވަހު ބޮޑު މާލޫދަކުން ކައިގެން ބޮޑު ބަނޑަކާ އެކު އަރާމުކޮށްލަން އޮއްވައި ބޮނބިނަރެއް ޖެހިގެން ގޮސް ބަނޑު ފަޅައިގެން ދިޔައީ އެވެ.

މި ވާހަކަ އެކި ގޮތްގޮތަށް ބަދަލުވަމުން ގޮސް، ސޯދުބޭ ވިދާޅުވަނީ އެހެން ފުލޯކުތަކެއް ވެސް ވާހަކައިގެ ތެރެއަށް ވަދެގެން ގޮސް އެކަން ބަޔަކު ގަބޫލު ކުރާ ހިސާބަށް ވެސް ދިޔަ ކަމަށެވެ.

"މާލެ ކައިރީގައި މިއޮތް ގުއިފުނަދޫ އަކީ މާކުންބެގެ ބަނޑުންް ނުކުތް ގުއިތަކުން ހިކިގެން ގޮސް އުފެދުނު ރަށެކޭ ވެސް ކިޔައި އުޅުނު،" ސޯދުބޭ ވިދާޅުވި އެވެ.

ފަރެސް އާމިރު ވިދާޅުވީ، ތަފާތު އެކި ވާޝަންތަކެއް ހުރި ނަމަވެސް އޭގެ އަސްލަކީ ދިވެހިން ޝައުގުވެރި ކުރުވާ ކޮންސެޕްޓެއް ކަމަށާއި އެތަކެއް އަހަރެއްވީ އިރު ވެސް މުސްކުޅި ނުވެ އެ ވާހަކަ އޮތީ ދިވެހިންގެ ލައިފް ސްޓައިލާ އެ ވާހަކަ ގުޅިފައިވާލެއް ބޮޑު ކަމުން ކަމަށެވެ.

"ގްރޭޑް ފަހެއްގެ ދިވެހި ޓެކްސްޓް ފޮތުގައި އަޅުގަނޑުމެން މާކުންްބެ ވާހަކަ މި ގެނައީ ކުދިންނަށް ރީތި އަދަބުތަކެއް ދަސްކޮށްދިނުމުގެ ބޭނުމުގައި. އެ ވާހަކައިން އެބަ ދައްކައިދޭ އިންސާނިއްޔަތު ކަމާއި މިކަހަލަ ވަރަށް ގިނަ ކަންކަން،" ގްރޭޑް ފަހެއްގެ ދިވެހި ފޮތް އުފެއްދެވި އުސްތާޒު ވިދާޅުވި އެވެ. "ވަރަށް ރަނގަޅު ސުވާލެއް މިއީ ދިރާސާ ކުރައްވާ ބޭފުޅުން ޖަވާބެއް ހޯއްދަވަން. ކީއްވެގެންތޯ މިހާ ގިނަ ދުވަހަށް މި ވާހަކަ ދެމިގެން ދިޔައީ. ކޮން ސިއްރެއްތޯ އޮތީ."

އެ ހުރިހާ ސުވާލެއްގެ ޖަވާބު ނުލިބުނަސް، ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ދިވެހި ބަހުން ކުޑަކުދިންނަށް ވާހަކައެއް ލިޔަން ވެއްޖިއްޔާ މާކުންބެގެ ވާހަކަ އެބަ ލިޔެ އެވެ. ބައެއް ކާއެއްޗިއްސަށް މާކުންބެގެ ނަމުންް އެބަ ނަން ދެ އެވެ. ކާއެއްޗެހި ވިއްކާ އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކަށް މާކުންބެގެ ނަން އެބަ ދެ އެވެ. އެތަކެއް ބައިވަރު ޅެމަކާއި ލަވައެއް އެނަމުގައި ހަދާފައި އެބަހުއްޓެވެ. ބޮޑު ބަނޑެއް ލާފައި މީހަކު ހުރިއްޔާ އެ މީހަކާ ދިމާ އަށް މާކުންބެގެ ބަނޑޭ އެބަ ކިޔަ އެވެ. މިކަހަލަ ތަފާތު އެތަކެއް ކަމެއް މި ނަމާ ގުޅިފައި އެބަހުއްޓެވެ.

"އަޅުގަނޑަށް ހީވާ އެއްޗެއް ދަންނަވައިފާނަން. މާކުންބެގެ ވާހަކައިގައި އެބަހުރި ދިވެހި ސަގާފަތާ ގުޅުންހުރި އަދި ދިވެހިންގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް ހިނގަމުން އަންނަ ކަންކަން. އެހެންވީމަ، އެ ސަގާފަތް ދިވެހިންގެ ތެރޭގައި އޮތްހާ ހިނދަކު މި މިސާލު ޖެހެމުން ދާނެ،" އާމިރު ވިދާޅުވި އެވެ.

އެއީ އަހަރެމެން ވެސް އެއްބަސްވާން ޖެހޭ ހަގީގަތެކެވެ. ދިވެހިންގެ ކޮންމެ ދުވަހެއްގެ ވެސް ލައިފް ސްޓައިލާ މާކުންބެ އާ ގުޅިފައި އެބައޮތެވެ.

Popular