16 Aug 2017

ބުފޭގެ "ހިތި ރަހަ": ދިވެހިން ކަނީ ކިހިނެއް؟

ބުފޭގެ "ހިތި ރަހަ": ދިވެހިން ކަނީ ކިހިނެއް؟

By: Asiya Abdul Raheem (Dietician)

އިނގިރޭސިބަހުން ކިޔާ ސްޓައިލްސް އޮފް ޑައިނިން ނުވަތަ ކެއުމުގެ ތަފާތު ވައްތަރުތަކުގެ ތެރޭގައި ފައިން ޑައިނިން އަދި ބުފޭ ސްޓައިލް ޑައިނިން އަކީ ދިވެހިންނަށް ވެސް ބީރައްޓެހި ކެއުންތަކެއް ނޫނެވެ. މީގެތެރެއިން ބުފޭ ސްޓައިލް ޑައިނިން އަކީ އާއްމުކޮށް ޕާޓީތަކުގައި ވެސް ހުންނަ ކެއުމެވެ. ނަމަވެސް އާންމުކޮށް ބޭރު ގައުމުތަކުގައި ބުފޭ އަތުރާފައި ހުންނަ ގޮތާއި ދިވެހިން ބުފޭ އަތުރާފައި ހުންނަ ގޮތް، އަދި ބުފޭއެއްގައި ކެއުމުގެ ވައްޓަފާޅި ތަފާތެވެ. ނަމަވެސް ރިސޯޓުތަކުގެ ބުފޭތައް ފަރުމާކޮށްފައި ހުންނަނީ އިންޓަނޭޝަނަލް ބުފޭތަކުގައި ހުންނަ ކަހަލަ ގޮތަކަށެވެ.

ބުފޭގައި ކާތަކެތި އަތުރާފައި ހުންނަ ގޮތް

1. ސެލެޑް

އާންމުކޮށް ބުފޭ ފަށަން ހުންނަނީ ސެލެޑްގެ ބާވަތްތަކުންނެވެ. ބޮޑެތި ބުފޭތަކުގައި ސެލެޑްގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. އޭގެތެރޭގައި ލެޓިޔުސް ފަދަ ރޯ ފަތުގެ ބާވަތްތަކާއި ކޮށާފައި ހުންނަ ރޯ ތަރުކާރީ (މިސާލަކަށް ޓޮމާޓޯ، ކިޔުކަމްބާ، ފިޔާ، ކެރެޓް)، ތަފާތު ވައްތަރުގެ މަހުގެ ބާވަތްތައް (މިސާލަކަށް ޓޫނާ ސްލައިސް، ސްމޯކްޑް ޗިކަން ސްލައިން، މެރިނޭޓަޑް ބީފް)، ޗީޒުގެ ބާވަތްތައް ހިމެނެ އެވެ. އަދި ލޮނު ނުވަތަ ރާހުތް ފަދަ ޕްރިސަވޭޓިވްސް އަށް އަޅާފައި ހުންނަ ތަރުކާރީގެ ބާވަތްތައް (މިސާލަކަށް ކޮށި މިރުސް، ޒައިތޫނި، ލޮނުމެދު، ޖާކިންސް، ޕެޕާ)، ސެލެޑް ކްރީމްގެ ބާވަތްތައް (މިސާލަކަށް ތައުޒަންޑް އައިލެންޑް ސޯސް، ފްރެންޗް ޑްރެސިން)، އަދި މި ނޫން ވެސް ތަފާތު ބާވަތްތައް ހިމެނެ އެވެ.

ބުފޭތަކުން ކެއުމުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ކެއުމުގެ ފުރުސަތު އޮންނައިރު ކާން ފެށުމުގެ ގޮތުން ތަރުކާރީ ފަދަ ސެލެޑް ބޭނުން ކުރާ ނަމަ މި ދެންނެވި ގޮތަށް މާ ގިނައިން ކެއުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ސަބަބަކީ ތަރުކާރީއަކީ އޭގެ ޒާތުގައި އެއްވެސް ވަރަކަށް، ނުވަތަ ވަރަށް މަދުން ނޫނީ ހަކަތަ އެކުނުލެވޭ ބާވަތްތަކަކަށް ވެފައި ތަރުކާރީގައި ހުންނަ ފައިބަރުގެ ސަބަބުން މީހާގެ ހައިހޫނުކަން ފިލުވާލަދިނުމުން ކާ ކެއުންތައް މަދުކޮށްލެވޭނެތީ އެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންވާ ގިނަ ބަޔަކަށް ވެސް ކެއުން ކޮންޓްރޯލް ކުރުމަށް ޑައިޓީޝަނުން ވަރަށް ގިނައިން ދޭ ލަފައެއްގެ ގޮތުން، ކާން ފެށުމުގައި ސެލެޑް ބޭނުންކުރުން ހިމެނެ އެވެ.

2. ސޫޕް

ގިނަ ބުފޭތަކުގައި ދެވަނަ ކޯސްއެއް ގޮތުގައި ހުންނަނީ ސޫޕެވެ. އާންމުކޮށް ދެ ވައްތަރެގެ ސޫޕް ކޮންމެ ބުފޭއެއްގައި ވެސް ހުރެ އެވެ. ސޫޕާ އެކު ޕާނުގެ ކޮންމެވެސް ބާވަތެއް ވެސް ހުރެއެވެ. މިއީ މައިގަނޑު ކެއުން ކެއުމަށް މީހާގެ ރަހަލައްވާ ގްލޭންޑްތައް ތައްޔާރުވުމަށް ދެވޭ ފުރުސަތެކެވެ. ބައެއް ބުފޭތަކުގައި ސޫޕާއި އެކު ބަޓަރު ވެސް ހުރެއެވެ. ބަރުދަން ލުއި ކުރަން ބޭނުންވާ ނަމަ ސޫޕް ނުބޮއި، ދެން އޮންނަ ކޯހަށް އިންސާފުކޮށްލުން ރަނގަޅެވެ.

3. މެއިން އޯންޓްރޭ

މެއިން އޯންޓްރޭގެ ގޮތުގައި ތަފާތު ބާވަތްތަކުގެ ބަތް، ޕާސްތާ، ބިރިޔާނި އަދި ރޮށީގެ ބާވަތްތައް ހުރެއެވެ. މިއީ މައިގަނޑު ކެއުމަށް ވާއިރު ބައެއްފަހަރު މެއިންް އޯންޓްރޭގެ ބާވަތްތަކަކީ ވަރަށް ގިނައިން ތެލުގެ ބައި އެކުލެވޭ ކާއެއްޗެހި ކަމަށް ވާތީ މެއިން އޯންޓްރޭ އަށް އިންސާފުކުރާއިރު ތައްޓަށް އަޅާ މިންވަރަށް ވަރަށް ބޮޑަށް ސަމާލުކަން ނުދީފި ނަމަ ހަށިގަނޑަށް ބޭނުންވާވަރަށް ވުރެ ހަކަތަ އެތެރެ ކުރެވި ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑުވެ އެވެ.

4. ޑެޒާޓް

ގިނަ ބާވަތްތަކުގެ ޑެޒާޓަކީ ހަކުރު ގިނަ އަދި ކެލަރީ މަތި ބާވަތްތަކެވެ. މިއީ މާ ގިނައިން ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ނަމަވެސް ބުފޭތަކުގެ އެންމެ އުންމީދުކުރެވޭ، އަދި ގިނަ ބައެއްގެ ނަޒަރު އެއާ ދިމާއަށްދާ މައިގަނޑު ތަކެއްޗަކީ ޑެޒާޓް ނުވަތަ ފޮނި ކާތަކެއްޗެވެ. ފޮނިކާތަކެތީގެ އިތުރުން މި ބައިގައި ތަފާތު ވައްތަރުގެ މޭވާ ވެސް ހިމެނެ އެވެ. މޭވާއަކީ ތަރުކާރީއެކޭ އެއްފަދައިން ފައިބަރުގެ ބައި ގިނަ، ތަފާތު ގިނަ ވިޓަމިން އެކުލެވޭ ބާވަތްތަކެކެވެ. ޑެޒާޓް އެޅުމުގައި ފޮނިކާތަކެތީގެ ބަދަލު ގިނައިން މޭވާ އިޚްތިޔާރު ކުރުމަކީ ވެސް ރަނގަޅު އާދައެކެވެ.

ބުފޭއެއް ތައްޔާރުކޮށްފައި: އެންމެ ރަނގަަޅު ކެއުމަކީ ކޮބައިކަން ދެނެގަންނަން ޖެހޭ

ސުވާލަކީ އަޅުގަނޑުމެން ދިވެހިން މިފަދަ ބުފޭތަކުން ކެއުމުގައި ގެންގުޅެނީ ކޮންކަހަލަ އާދަތަކެއްތޯ އެވެ؟

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އަޅުގަނޑު ދެ ދުވަހަކު މަޑުކޮށްލައި އެތަނަށް ޒިޔާރަތްކޮށް، ދިވެހިންގެ ކެއުމުގެ އާދަތަކަށް ބަލައިލީމެވެ. އަޅުގަނޑު ބެލި ބެލުމުން ފެނުނު މަންޒަރަކީ ދިވެހިންގެ ގިނަ ބަޔަކު މިފަދަ ބޮޑެތި ބުފޭތަކުގައި ފުރަތަމަ ދަނީ ޖޫހާ ދިމާއަށް ކަމެވެ. ބޭނުންވާ ޖޫސް ތައްޓަށް އަޅާލުމަށްފަހު ދެން މިސްރާބު ޖަހަނީ މެއިން އޯންޓްރޭ އާ ދިމާއަށެވެ. އެ ތަންތާނގައި އެ ހުންނަ ބޮޑެތި ކާ ތަށިތައް މެއިން އޯންޓްރޭގެ ތަފާތު ވައްތަރުތަކުން ފުރާލުމަށް ފަހު މޭޒު ކައިރީ އިށީންދެ ތިބެ ހިތް ފުރެންދެން ކާލަނީ އެވެ.

ބަނޑު ފުރި ބާރުވިޔަސް ހިތްފުރެންދެން ކާލެވޭތޯ ބަލައެވެ. މެއިން އޯންޓްރޭ އާއި ޖޫސް ހުސްވުމުން ދެން މިސްރާބު ޖަހަނީ ޑެޒަޓާ ދިމާއަށެވެ. ތަފާތު ވައްތަރުތަކުން ތަށި ފުރާލާ ނިންމާއިރު މޭވާކޮޅެއް ތައްޓަށް ލަނީ މަދު މީހެކެވެ.

ބުފޭއަކީ، އޭގެ ޒާތުގައި ވަރަށް ގިނަ ބާވަތްތަކުގެ ކެއުންތައް ހިމެނޭ އެއްޗެކެވެ. ހަގީގަތުގައި އެ ކެއުންތައް ގިނަ ވަނީ އެ ކެއުމަކުން ތަފާތު ވައްތަރުގެ މީހުން އިންސާފު ކުރާނެތީ، އޭގެ ތެރޭގައި އެންމެންނަށް ބޭނުންވާ ކާ އެއްޗެހި ބެހެއްޓުމުގެ ބޭނުމުގަ އެވެ. އޭގެ މާނައަކީ ހުރިހާ އެއްޗެއް ކެއުން އެންމެންނަށް ލާޒިމްވުމެއް ނޫނެވެ. އެހެން ނަމަވެސް ހުރިހާ އެއްޗަކުން ރަހަ ބަލައި، ނުގުޅޭ ކިތަންމެ ކާއެއްޗެއް ބައެއް މީހުން ކާތަން ފެނެ އެވެ. މިއީ، މީރު ބުފޭއެއް ވިޔަސް ތިމާއަށް "ހިތި" ވެދާނެ ސަބަބެކެވެ.

ދިވެހިންގެ ތެރޭ ބަރުދަން އިތުރުވުން ނުވަތަ އޮބެސިޓީ އިތުރުވެ އެކަމާ ގުޅިގެން ޖެހޭ ބަލިތައް ގިނަވަމުން ދާއިރު ވިސްނުމާއި ފިކުރު މިކަހަލަ ކަންކަމުގައި ބަދަލުކޮށްލުން ރަނގަޅެވެ. ތައްޓަށް ކާތަކެތި އެޅުމުގެ ކުރިން އަމިއްލަ ނަފްސާ ސުވާލުކޮށްލުން ރަނގަޅެވެ.

ދުޅަހެޔޮ ދިރިއުޅުން ސިއްހީ ކާނާ

Popular