By: Mohamed Hamdhoon
"މެދުތެރެއިން އަބުޅޯ ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު އިރުމަތީ ފަރާތުގައި ހުރި ސާގިބަށް. އޭނާ މާސޭ އަށް. މާސޭ ބޯޅަ ހިފައިގެން ކުރިއަށް އަރާ ޖައްސާލީ ދޮންމަނިކަށް. ދޮންމަނިކު، އަދިވެސް ދޮންމަނިކު. ކުރިއަށް އަރައި ނިއުގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ދޮންމަނިކު ފޮނުވާލި ބޯޅަ ސީދާ ގޯލުގެ ތެރެއަށް."
ނިއު ރޭޑިއަންޓާއި ހުރިއްޔާ ކުޅުނު އެ މެޗުގެ ކޮމެންޓަރީ ރޭޑިއޯ އިން އަހަމުން ދިޔައިރު އަހަރެންގެ ހިތަށް އެރި އެވެ. ދޮންމަނިކު މިއީ ހާދަ މޮޅު ކުޅުންތެރިއެއްތާ އެވެ. އެކަމަކު މިހާ މޮޅު ކުޅުންތެރިޔަކު ގައިމު ގައުމީ ޓީމަކަށް ނާރަ އެވެ. އެއީ ކީއްވެ ހެއްޔެވެ؟
ރާއްޖޭގެ ގައުމީ ޓީމަށް އޭނާ ނާރާނެތާ އެވެ. "ދޮންމަނިކަ"ކީ ދިވެއްސެއް ނޫނެވެ. އެއީ ކޮންގޯގެ ކުޅުންތެރިޔެއް ކަމަށްވާ ޖޯން ކިންގްސްލީ ޑޮމިނިކެވެ. ދޮންމަނިކުގެ ނަމުން އޭނާއަށް ގޮވަން ފެށީ "ޑޮމިނިކް" ކިޔާއިރު "ދޮންމަނިކު" އާ އެއްގޮތް ކަމަށް، ހުރާގެ ރައްޔިތުންނަށް ގަބޫލުކުރެވިގެންނެވެ.
އޭގެ އެހެން ވާހަކައެކެވެ. ކުޑަމޫސަ އާއި ކުޅިވަރުގެ ދާއިރާގެ އިސް ވެރިޔަކު ރާއްޖޭގެ ރަށަކަށް ކުރި ޒިޔާރަތެއްގައި ކުޑަމޫސަ ކަމަށް ހީކޮށް އާންމުން ދާން ފެށީ އިސް ވެރިޔާއާ ދިމާލަށެވެ. އެއީ އޭނާ އިސްކޮޅުން ކުރުކަމުންނެވެ. އެދުވަސްވަރަކީ ރަށްރަށަށް ޓީވީ ނުލިބޭތީ ރަށްރަށުގެ މީހުން ފުޓްބޯޅަ އަޑުއަހަނީ ރޭޑިއޯއިންނެވެ. އޭރުގެ އެންމެ މަޝްހޫރު ކުޅުންތެރިޔާއަށް ކުޑަމޫސަގެ ވަނަން ކިޔަނީ އޭނާ އިސްކޮޅުން ކުރުވެގެން ކަމަށް، އޭނާ ނުދަންނަ މީހުންނަށް ގަބޫލުކުރެވިފައި އޮތީ އެވެ.
ކުޑަމޫސަ: އޭނާ މުޅި ރާއްޖެ އަށް މަޝްހޫރުވީ އެނަމުގައި.
ކުޅުންތެރިންނަށް ކިޔާ ވަނަންތަކާ މަޖާ އެތައް ކަމަކާ ވަނީ ގުޅިފަ އެވެ. ކުޅިވަރު ދަނޑުގައި ވަނަން ހެދުމަކީ އަދި ގޮވުމަކީ މުޅި ދުނިޔޭގައި ވެސް އާއްމު ކަމެކެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ބްރެޒިލްގެ ރޮނާލްޑީނިއޯ އާއި ކަކާ އާއި ކަފޫއަކީ އެ މީހުންގެ އަސްލު ނަންތަކެއް ނޫނެވެ. ކުޑައިރުން ފެށިގެން ކިޔައި އުޅޭ ވަނަންތަކެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ އަސްލު ނަމަކީ އެޑްސަން އަރަންޓެސް ޑޯ ނަސިމެންޓޯ އެވެ. އެކަމަކު އޭނާ މަޝްހޫރުވެފައި މި އޮންނަނީ ޕެލޭގެ ނަމުންނެވެ.
ރާއްޖޭގައި ވެސް އެ އާދަ ބޮޑެވެ. ކުރިން ކުޅުންތެރިންނަށް ވަނަން ދީފައި ހުންނަނީ ގޭގެ ނަމާ ގުޅުވައިގެންނެވެ. ނިއު ރޭޑިއަންޓްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރަޝީދަށް "އަންދަރޭ" ކިޔުނީ އޭނާގެ ގެޔަށް އަންދަރުސަވާ ކިޔާތީ އެވެ. ވިކްޓަރީގެ ކުރީގެ މައި ތަނބު ކަމަށް ވި، މަރްހޫމް އަބްދުﷲ ރަޝީދަށް "ޖޫލޭ" ކިޔުނީ އޭނާގެ ގެ ޖޫލިއަޓްއާ ގުޅުވައިގެންނެވެ.
ރާއްޖޭގައި މަޝްހޫރުވި ބައެއް އެހެން ކުޅުންތެރިންގެ ވަނަން، އެ މީހުން ނިސްބަތްވާ ރަށަށް ބިނާވެ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މުހައްމަދު ނިޒާމަށް "ތޮއްޑޫ" ކިޔުނީ އޭނާއަކީ ތޮއްޑޫ ކުޅުންތެރިޔަކަށް ވާތީ އެވެ. މިހާރު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް ފޭދޫ ނިޒާމޭ ކިޔާއިރު މިހާރު އަރަމުން އަންނަ އިބްރާހިމް މަހުދީ އަށް ފޭދޫ އިއްބެ ކިޔަނީ ވެސް އުފަން ރަށާ ގުޅުވައިގެންނެވެ.
"ކުޑަ" މިއީ ވެސް ދިވެހި ކުޅިވަރާ ގުޅުން ހުރި ނަމެކެވެ. މޫސާ މަނިކަށް ކުޑަމޫސަ ކިޔުނީ އެންއެސްއޭ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ސެޓަރު އިއުލާންކުރިއިރު މަރުހޫމް މުހައްމަދު ޒާހިރު ނަސީރު އޭނާއާ ދިމާއަށް "ކުޑަކުޑަ މޫސަ" އޭ ގޮވި ހިސާބުންނެވެ. އެގޮތަށް ޒާހިރު ވިދާޅުވީ، މުޅިން އަލަށް ވިދާލި ކުޑަކުއްޖަކަށް ވާތީ އެވެ.
ޑރ. ހުސެއިން ހަލީމަށް ކުޑަހުސޭނޭ ކިޔަނީ ކުޑަކޮށް ހުންނާތީ އެވެ.
ދުވުންތެރިޔާ ކުޑަ ހުސެއިން: ވަރަށް ގިނަ އެތުލީޓުންގެ ނަމުގެ ކުރިއަށް "ކުޑަ" އާދޭ.
ބައެއް ވަނަންތައް އާއިލާގެ އެހެން މީހުންނާ ގުޅުވައިގެން ވެސް ކިޔަ އެވެ. މިސާލަކަށް ތޮއްޑޫ ނިޒާމުގެ ކޮއްކޮ އިބްރާހިމް ޝިޔާމުގެ ވަނަމަކީ ޖޯން އެވެ. ނުވަތަ ދޮނާ އެވެ. އެކަމަކު ތޮއްޑޫ ނިޒާމްގެ ކޮއްކޮށް އަށް ވުމުން އޭނާ ވީ ކުޑަ ތޮއްޑޫ އަށެވެ. މުހައްމަދު ހަލީމް (ބޮޑު ޖަޑާ) އާއި އިބްރާހިމް ހަލީމް (ކުޑަޖަޑާ) އަށް ފަހު އަލީ ހަލީމް ކުޅެން ފެށުމާ އެކު އޭނާ ކުޑަ ޖަޑާއަށް ވެ ކުރީގެ ކުޑަ ޖަޑާ ވެގެންދިޔައީ މެދު ޖަޑާ އެވެ. އަހުމަދު ސަލީމަށް ހީނާ ސަލީމް ކިޔަމުން ގޮސް އޭނާގެ ކޮއްކޮ އިސްމާއިލް އާސިފް ކުޅެން ފެށުމާ އެކު އޭނާ އަށް ކުޑަހީނާ ކިޔައި ހީނާ ސަލީމް ވެގެން ދިޔައީ ބޮޑުހީނާ އަށެވެ.
ވޮލީބޯޅައިގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ގައުމީ ކޯޗު މުހައްމަދު ސާޖިދަށް ކިޔާ "ކާއްޓޭ" މި ނަމަކީ އެންމެ ތަފާތު އެއް ނަމެވެ. އޭނާގެ ކޮއްކޮ އިސްމާއިލް ސާޖިދު ކުޅެން ނުކުތުމާ އެކު އޭނާ މަޝްހޫރުވީ ކުޑަ ކާއްޓޭގެ ނަމުންނެވެ. އަދި އޭނާގެ ކޮއްކޮ ބާސްކެޓްބޯޅައަށް ނުކުތުމާ އެކު ކުޑަކުޑަ ކާއްޓޭއޭ ވެސް ގޮވި އެވެ. ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އަހުމަދު އަދީލަށް "ބޭބެ" ކިޔާއިރު އޭނާގެ ކޮއްކޮ އަކީ "ކޮއްކޮ" އެވެ.
ވަރަށް ތަފާތު ކަންކަމާ ގުޅުވައިގެން ވެސް ވަނަމެއް ހަރުވެދާނެ އެވެ. އަލީ އަޝްފާގަށް "ދަގަނޑޭ" ކިޔުނީ، އޭނާ ބުނި ގޮތުގައި، ކުޑައިރު ކުޅެން ދާއިރު ބޮޑެތި ކުޅުންތެރިންގެ އަތުން ބޯޅަ ހޯދަން އޭނާ ވަރުގަދައަށް ޖައްސާތީ އެވެ. އެއާ އެކު އޭނާ ބަދަލުވީ ދަގަނޑު ކުޅުންތެރިޔަކަށެވެ. ބޭރު މީހުން އޭނާ އަށް ނިސްބަތްވަކުރަނީ "އަޔަން މޭން" ގެ ގޮތުގަ އެވެ.
އިބްރާހިމް ފަޒީލުގެ ވަނަން "އޮއްޕޮ" ގިނަ ބައެއްގެ މެދުގައި މަގުބޫލެވެ. އެކަމަކު އެ ނަން ކިޔުނީ ކީއްވެގެންކަމެއް ނޭނގެ އެވެ. މިހާތަނަށް އެއްވެސް މީޑިއާއަކަށް އޮއްޕަ އިންޓަވިއުއެއް ދީފައެއް ނުވެ އެވެ. އެހެންކަމުން އޭނާގެ ޒާތީ މައުލޫމާތު އެހާ އާންމެއް ނޫނެވެ.
ފަހަތަށް "ޓޭ" އަންނަ ވަނަންތައް ވެސް ރާއްޖޭގައި އާންމެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ މައުރޫފް އަހުމަދު "މާއްޓޭ"، މުހައްމަދު ހުސެއިން "އޮއިއްޓޭ"، އަދި މިހާރުގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޝިފާން "ކުޑައްޓެ" އަކީ، އޭގެ ތެރެއިން މަދު ވަނަންތަކެވެ.
ދަގަނޑޭ: ވަރަށް ކުޑައިރު އޭނާ އަށް އެނަމުން ގޮވަން ފަށައިފި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ބައެއް ކުޅުންތެރިންނަށް ބޭރުގެ ސުޕަސްޓާރުންނާ ގުޅުވައިގެން ވެސް ވަނަން ދީފައިވެ އެވެ. ކުރިން ލެގޫންސަށް ކުޅުނު އަދި އައްޑުއަށް ނިސްބަތްވާ އިބްރާހިމް ޝަރީފަށް ވަނަމުގެ ގޮތުން "ޑުންގާ"އޭ ކިޔުނީ ބްރެޒިލްގެ ކުރީގެ ކެޕްޓަން ކާލޯސް ޑުންގާއާ ގުޅުވައިގެންނެވެ. ކުރީގެ މަޝްހޫރު ފޯވާޑް އާދަމް ލަރީފަށް "ރޮނާލްޑޯ" ކިޔަން ފެށީ ބްރެޒިލްގެ މަޝްހޫރު ފޯވާޑް ރޮނާލްޑޯއާ އެއް ސްޓައިލެއް ގެންގުޅޭތީ އެވެ.
މުޚުތާރު ނަސީރުގެ "ޓޫކިލޯ" މި ނަމަކީ ވެސް އެހާމެ މަޝްހޫރުވި އަދި ތަފާތު ނަމެކެވެ. ކުރިން އޭނާއަށް ކިޔަމުން އައި ވަނަމަކީ "މުގޭ" އެވެ. އެކަމަކު "ޓޫކިލޯ" ކިޔަން ފެށީ ވަކި މިންގަނޑަކުން ބެލިއިރު ގައުމީ ޓީމަށް ނަގާ ކުޅުންތެރިންގެ އެންމެ ދަށްވެގެން ހުންނާނެ ކަމަށް ބެލި ބަރުދަނަށް ވުރެ ދެ ކިލޯ ލުއިވުމުން އޭރުގެ ވެލެންސިއާ ކޯޗު ލާޒްލޯ ކިސް އެވެ.
ފުޓްބޯޅަ ކުޅުންތެރިޔަކާ ގުޅުވައިގެން އައި ވަނަންތަކުގެ ތެރެއިން "އުދުހޭ މުފީދު"ގެ ނަން ވަރަށް ތަފާތެވެ. އޭނާއަށް އެ ނަން ކިޔުނީ، އެއް ބަޔަކު ބުނާ ގޮތުގައި، 70ގެ އަހަރުތަކުގައި އައްޑޫ ޑީއެންސީ ކްލަބު ކުޅުނު މެޗުތަކުގައި އޭނާގެ ދުވެލި ބާރުވެފައި މޮޅުކަމުންނެވެ. އެހެންކަމުން "އުދުހިފައި ދާ މީހެއް"ގެ މިސާލުގައި ވަނަން ދިނެވެ.
އެ ވަނަން ކިޔުނު އެހެން ސަބަބެއް ވެސް ވެ އެވެ. މުފީދު ބުނެފައިވާ ގޮތުގައި އެއް ފަހަރު ކުޅެން ވެގެން މާލެ އައީ އިނގިރޭސިންގެ ބޯޓެއް ކަމަށްވާ "ފްލައިން ފިޝް"ގަ އެވެ. އެ ދަތުރާ ގުޅިގެން އޭރުގެ ނޫހެއްގައި "އުދުހޭ މުފީދު" މާލޭގައި، އެހެން ޖެހުމުން އެ ނަން ހަރުވީ ކަމަށްވެ އެވެ.