11 Feb 2019

ވީކޭ ޕީކާސް: މިއީ "އުދުހޭ" ކުދިންތަކެއް

މިއީ ހަމަ އުދުހޭ ކުދިންތަކެކެވެ. އެ މީހުން ދުވެ، ފުމެ، ބުރު އަޅަމުން އެ ދަނީ ޖެހުނު ކޮންމެ އެއްޗެއް ހުރަސްކޮށްފަ އެވެ.

މިއީ ހަމަ އުދުހޭ ކުދިންތަކެކެވެ. އެ މީހުން ދުވެ، ފުމެ، ބުރު އަޅަމުން އެ ދަނީ ޖެހުނު ކޮންމެ އެއްޗެއް ހުރަސްކޮށްފަ އެވެ.

By: Shamila Ibrahim

މިއީ "ވީކޭ ޕީކާސް" އެވެ. ޕަބްޖީގެ ފޯރި ގަދަވެގެން އައި ދުވަސްވަރު ސޯޝަލްމީޑިއާގައި ދައުރުވި ޕަބްޖީ ވީޑިއޯ ފެނިފައި ވާނަމަ މި މީހުން އެނގޭނެ އެވެ. މިއީ، ކުރިއަށް ދާން އޮންނަ މަގުގައި ހުންނަ ހުރަސްތައް، އިތުރު އެއްޗެއް ބޭނުންކުރުމަކާ ނުލައި، ފުމުމާއި ބުރު އެއްލުން ފަދަ ކަންކަން ކޮށްގެން ގިރާކުރުމުގެ ހުނަރު ކަމަށްވާ "ޕާކޯ" އަށް ހާއްސަ ގްރޫޕެކެވެ.

މިހެން ކިޔައިދިނަސް މިކަން އަދި ނޭނގިދާނެ އެވެ. އެ ހުނަރާއި ޖެހިލުންކުޑަކަން އިހްސާސްވާނީ ވީޑިއޯތައް ބަލައިލުމުންނެވެ.

ސްކޫލްގައި އުޅުނު އިރު މި ކުދިން ވިޔާނުދާ ކަންކަމުގެ ތެރެއަށް ނުގޮސް ޕާކޯގެ ތެރޭގައި ބުރު އަޅަން ފެށީ 2015 ވަނަ އަހަރު ޔޫޓިއުބުން ފެނުނު ވީޑިއޯތަކަކާ ހެދި އެވެ. ބުރުއެއްލުމާއި ފްރީރަން އަދި ޕާކޯއަށް ޝައުގުވެރިވީއެވެ. އޭރު އަދި ރާއްޖެއަށް މި ކުޅިވަރު ތައާރަފުވެފައި ނެތުމާއެކު، މިކަން ތައާރަފްކޮށް ސަމާލުކަމަށް ގެންނަން ބޭނުންވީ އެވެ.

"ޕްރެކްޓިސް ކުރަން ދަނީ މޫދަށް. މޫދުގަ ޓަޔަރެއް ޖަހައިގެން (ޕާކޯ ޖައްސަން) ފުރަތަމަ ފެށީ. އަސްލު ޕާކޯ އަކީ އެއްގަމުގަ ޖައްސާ އެއްޗެއް. އެކަމަކު އަހަރެމެންގެ ފެސިލިޓީސް ނެތީމަ ޓަސްލާފަ ގޮސް އެއްގަމުގަ (ޕާކޯ) ޖައްސައިގެން ތަނެއް ބިންދައިގެން ގޮސްދާނެތީ ސޭފްޓީއަށް ބަލާފަ މޫދުގަ ފެށީ،" މިކަން ފެށިގެން އައި ގޮތް، ގްރޫޕްގެ މެންބަރަކު ކިޔައިދިނެވެ.

އޭގެ ފަހުން ވެސް ޔޫޓިއުބް ބަލައިގެން އިތުރު ޓެކްނިކްތައް ދަސްކުރަމުން ގެންދިޔައެވެ. ރަށުތެރޭން ޕާކޯގެ ހުނަރުވެރި ކުދިންކޮޅެއް އުފެދިގެން އުޅޭކަން ރަށުމީހުންނަށް ރެޔަކާލީ އީދު ދުވަހަކު އޮތް ކުޑަކުދިންގެ ހަވީރެއްގައި މި ގްރޫޕް ޕާފޯމް ކުރި ހިސާބުންނެވެ. ގިނަ ބަޔަކަށް މި ކުޅިވަރު ކަމުގޮސް، އިތުރު ސަޕޯޓް ލިބި މިކަމުން ކުރިއަށްދާން ހިތްވަރު ލިބުނެވެ.

"ވީކޭ ޕީކާސް"ގެ ބައެއް މެންބަރުން

ގިނަ ބަޔަކު މި ޖާދޫގައި ޖެއްސުމަށް އޮތް އެންމެ މޮޅު ގޮތަކީ ފޭސްބުކް މެދުވެރިކޮށް ވީޑިއޯތައް ވައިރަލް ކޮށްލުމެވެ. އެހެންވެ، ވައިކަރަދޫ ރަމްޒުކޮށްދޭ ގޮތަށް ނަމުގެ ކުރިއަށް "ވީކޭ" ލުމަށްފަހު، ޕާކޯއާ ގުޅުވާލައި "ޕީކާސް" އޭ ކިޔެވެ. ދެ ނަން އެއްވެ، "ވީކޭ ޕީކާސް" އިން ބުނެދޭން ބޭނުންވީ ވައިކަރަދޫގެ ޕާކޯ ޖައްސާ ހުނަރުވެރި ކުދިންކޮޅެއް ކަމެވެ.

ސްކޫލް ނިންމާލުމަށް ފަހު މި ގްރޫޕްގެ މެންބަރުން ކިޔެވުމަށާއި ވަޒީފާތަކަށް ބެހިދިޔައީއެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން މި ގްރޫޕްގެ ޚަބަރެއް ސޯޝަލް މީޑިއާގައި ވެސް ނުވެއެވެ. ޕަބްޖީ ވީޑިއޯ ގެނެސްދިނީ ގްރޫޕް އެބަ އޮތްކަން އަންގާލަން، ކަމްބެކް ވީޑިއޯއެއްގެ ގޮތުގަ އެވެ. ޕާކޯ ސްޓައިލް އެ ފަހަރު މި ކުދިންކޮޅު ގެނެސްދިނީ ޕަބްޖީގެ ދުނިޔެއަކުންނެވެ.

"ޕަބްޖީ އެންމެ މަޝްހޫރުވި ދުވަސްކޮޅު އައި އައިޑިއާއެއް އެއީ. އެކަމަކު އޭގެފަހުން އެ ވީޑިއޯ އެއިނީ ކުޅެވިފަ. އެފަހަރު އެންމެން ޗުއްޓީ ނަގައިގެން ރަށަށް ގޮސް ޝޫޓް ކުރީ. އެ ވީޑިއޯއަށް (މިހާތަނަށް) އެންމެ ބޮޑު ސަޕޯޓެއް ވެސް ލިބުނީ،" ދޯ އަށް ވާހަކަ ދެއްކި މެންބަރު ކިޔައިދިނެވެ. އެ މީހުން މިހާތަނަށް 47 ވީޑިއޯ ކުޅެފި އެވެ.

"އަހަރެމެންގެ ވީޑިއޯތައް ބަލައިގެން ގްރޭޑް ހަތަރެއް، ފަހެއްގެ ކުދިން ވެސް އުޅޭ ބުރުއަޅަން ދަސްކުރަންވެގެން. އަހަރެމެން ރަށަށް ދާ ފަހަރަކު ވިއްޔާ ދަސްކޮށްދީވެސް ހަދަން."

ފޮޓޯ: ފޭސްބުކް

"ވީކޭ ޕީކާސް" އިން ބުނީ އެންމެ ދަތިވަނީ ރާއްޖޭގައި މި ކުޅިވަރު އާލާކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމުން ކަމަށެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް ޕްރެކްޓިސްގެ ތެރެއިން އެޅެން ނެތްއިރު، ކުޑަކުދިން މިކަމަށް ހޭނުނަސް ދަސްކުރުމުގެ ތެރޭން ލިބޭ ގެއްލުން ބޮޑު ވާނެއެވެ.

ފަސްވަރަކަށް ކުދިންނާ އެކީ ފެށި "ވީކޭ ޕީކާސް" އަށް ކުދިން އިތުރުވަމުން ގޮސް މިހާރު އެ ގްރޫޕްގައި 13 ވަރަކަށް ކުދިން އުޅެއެވެ. ދެތިން ކުއްޖަކު ވައިކަރަދޫގައި އުޅޭއިރު، ބާކީ ތިބި ކުދިންގެ ޕްރެކްޓިސްތައް ކުރިއަށްގެންދަނީ ވިލިމާލޭ ބީޗްގައެވެ.

މިހާރު މި ކުދިންކޮޅު ވިސްނައިގެން ތިބީ ޕާކޯ ހިމައިނައިގެން ޝޯޝަލް ރިލޭޓެޑް ވީޑިއޯއެއް ހަދާށެވެ. އެކަމަކު އެންމެ ދެކެން ބޭނުމީ ފިލްމެއްގައި ޕާކޯގެ މަންޒަރެއް ހިމަނަން ފުރުސަތު ލިބޭނެ ދުވަހެކެވެ. އުންމީދަކީ ވެސް އިތުރު ހަރުފަތަކަށް މި މަސައްކަތް ގެންގޮސް ޕާކޯގެ ބާރު އެންމެންގެ ތެރޭގައި ގަދަ ކޮށްލުމެވެ.

Popular