10 Dec 2022

12ވަނަބައި

"ރީނާ! " ފުރަގަހުން އެއަޑުއިވުމުން މޫދާއި ދިމާލަށް ދުއްވައިގަނެވުނެވެ. އޭނާގެ އަތުނުވާން މޫދަށް އެރި ފަތައިގަތީމެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ މާފުނަށް ދެވިއްޖެކަން ވިސްނުނެވެ. ފައިޖެއްސޭތޯ ބެލިވަގުތު މަޑުމަޑު އެއްޗެއްގައި ޖެހުމުން ހަޅޭއްލަވައި ގަނެވުނެވެ. އަދި އެވަގުތު އަރާ ހަމަކުރި އިޝާންގެ ކޮނޑުގައި އެލިގަނެވުނެވެ.

"ކޮންމެވެސް އެއްޗެއް! ... ނުކެރޭނެ ފައިޖައްސާކަށް" އަހަރެންނަށް ބިރުން ވާހަކައެއް ނުދެއްކުނެވެ.

" ތިވާނީ ހުއިފިލަނޑާއަށް!" އިޝާން ބުނެލިއެވެ.

ދެން އަހަންނަށް ރޭކާލިއިރު އޮވެވުނީ އޭނާގެ އަތްދަނޑި މަތީގައެވެ. އަހަރެންގެ ބަސްހުއްޓުނެވެ. ހަރަކާތްކުރާކަށްވެސް ނުކެރުނެވެ. އޭނާއާއި ދިމާއަށް ބަލަން އޮންނާކަށްވެސް ނުކެރުނެވެ.

އިޝާންވެސް އިތުރު އެއްޗެއް ނުބުނެ ހަނުހިމޭންކަމާއިއެކު އަހަރެން ގޮވައިގެން އެއްގަމާއި ދިމާލަށް ހިގައިގަތެވެ. އޭނާ ހިގަމުން ދިޔައީ ވަރަށް މަޑުންނެވެ. ހީވާގިތުން އެއްޗަކަށް އެރިދާނެތީ ބަލައިގެން ފައި އަޅަނީއެވެ. ވަކިހިސާބަކުން އޭނާ އަރިއަޅާލުމުން ކުރިއަށް ވުރެވެސް ބޮޑަށް އޭނާގެ މޭގައި އަހަރެން ލައްވިއެވެ. އެވަގުތު އެހިތުގައި ޖަހަމުންދާ ވިންދު އަހަންނަށް އިހުސާސް ކުރެވުނުހެންހީވިއެވެ.

އެހިނދު އަހަރެންގެ ކެތްތެރިކަން ކޮޅުންލާފާނެތީ ބިރުގަތެވެ. ދެން ދޫކޮއްލާށޭ ބުނީމެވެ. އެހެނަސް އެއަޑު އިވުނު ކަމަކަށް އެނާ ނެހެދިއެވެ. އެދިޔަގޮތަށް ގޮސް އެއްގަމަށް އަރާ ގޮނޑުދޮށުގައި އަހަރެން ބޭންދިއެވެ.

އަހަރެންގެ ފައިގައި ކޮންމެވެސް ވަރަކަށް ހުއިފިލަނޑާ ކިރު ތަތްލަވައިފައި ހުއްޓާފެނުނެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ކުރިމަތީ އިށީދެ ވެލިލައިގެން އެނައްޓަން މަސައްކަތް ފެށިއެވެ.

އިޝާން ލާފައި ހުރި މަޑު ނޫކުލައިގެ ތުނި ޓީޝާރޓް އޮތީ ތެމިގެން ގައިގަ ތައްލާފައެވެ. އަހަންނަށް އެދިމާލަށް ސިއްރުސިއްރުން ބެލުނެވެ. އެވަގުތު އަހަރެންގެ ހިތަށް އަރާފައިބަމުން ދިޔަ އެއްޗެތި ބަޔާންކުރެވޭ ވަރަށް ވުރެ މާގިނައެވެ. އަހަރެންގެ ސިކުނޑި ވަނީ ސުމަކަށްގޮސްފައެވެ . އޭނާ އަދިވެސް އެސުވާލު ކުރާނެކަން ހަމަ ޔަގީނެވެ. އަހަންނަށް އިނގެނީ އަހަރެން ދޭން ބޭނުންވާ ޖަވާބު ދެވެން ނެތްކަމެވެ.

ގޮނޑު ދޮށަށް ބީއްސާލި ރާޅާއި އެކު އަހަރުމެންނާއި ހަމައަށް އައި ލޮނުގަނޑުން އޭނާ އަތްދޮވެލާ އަތުގައިވާ ވެލިތައް ފިލުވާލުމަށްފަހު އޭނާ ތެދުވިއެވެ. އަހަރެންނަށް އޭނާއާއި ދިމާލަށް ބަލަން އިދެވުނީއެވެ. އަނެއްކާވެސް އޭނާއާއި ދުރަށްދާން ދުއްވައިގަންނަން ވީބާވައެވެ؟ ގޮތެއްނުނިންމިގެން އުޅެނިކޮށް އޭނާ އައިސް އަހަރެންގެ ކައިރީގައި އިށީނެވެ. އަހަރެންގެ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅު އޭނާގެ އަތުން ފުރަގަހަށް ޖައްސާލާދެމުން އޭނާއަށް އަހަރެންގެ އިސްތަށިގަނޑު ވަރަށް ރީތި ކަމުގައި ބުނެލިއެވެ.

"ތެމުނީމާ އަދި ވަކިން ރީތި!" އޭނާ ވަރަށް ފަރުވާތެރިކަމާ އެކު އަހަންނާއި ދިމާލަށް ބަލަންފެށުމުން އަނެއްކާވެސް އަހަރެންގެ މޭތެޅެންފެށިއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ.

"އަހަރެންނަށް ރާނިޔާ ދެކެ ލޯބިވެވިއްޖެޔޭ ބުނެފިއްޔާޔޯ؟" އެއަޑު އިވުމުން އެނާއާއި ދިމައަށް ބަލާލެވުނެވެ.

އެއީ އަހަރެން އެންމެ އަޑުއަހަންބޭނުންވާ ޖުމްލައެވެ. ކުއްލިއަކަށް އަހަރެން ފެންކަޅިވާންފެށިއެވެ.

"ނޫން އިޝާން! ތިހެންނުބުނޭ! ތިކަހަލަ ސަމާސާ ނުކުރޭ!" އަހަރެން ތެދުވަން މަސައްކަތް ކުރީމެވެ. އެކަމަކު އޭނާގެ އެބާރުގަދަ ދެއަތުން އަހަރެން ހިފެހެއްޓީއެވެ. އަހަރެން އަނެއްކާވެސް ނޫނެކޭ ބުނަން ބޯހޫރާލީމެވެ.

" މީ ސަމާސާއެއް ނޫން، ހަމަ ހިތުގެއަޑިން މިބުނަނީ! ވަރަށް ކެތްކުރިން އެކަމަކު ..... "

އިޝާން އެހިސާބަށް ބުނެފައި ހުއްޓާލިއެވެ. އަހަރެންނަށް އިންތިޒާރުކުރެވުނެވެ. ދެންވާނެގޮތަކަށެވެ. އޭނާ އިހަށްވުރެވެސް ކައިރިވެލުމުން އަހަރެން ވާހަކަ ދައްކަން މަސައްކަތްކުރީމެވެ. އެކަމަކު އަހަންނަށް ބުނެވުނީ 'އިޝާން' ހަމައެކަނި އެހެންނެވެ. ދެން އައީ އެހިނދުކޮޅެވެ. އެހިނދުކޮޅަކަށް ޓަކައި އެތަކެއް ދުވަހު، އެފޮނި ފޮނި ހުވަފެން ދެކިދެކި ހުރި ހިނދުކޮޅެވެ.

މިއޮއްހާ ދުވަހު މިދެމެދަށް ހުރަސްވެފައިވާ ފާރު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބިމާހަމައަށް ތިރިވެގެން ދިޔައީ އަހަރުމެން ދެމީހުންގެ ތަގުދީރު ބަދަލު ކޮއްލާފައެވެ. މި ދެހިތުގައި، އެކަކު އަނެކަކަށްޓަކައި އުފެދިވައިވާ އިހުސާސްތައް އެއްވެސް ހުރަހަކާއި ނުލާ ބައްދަލުކުރުވާފައެވެ.

"އައި ލަވް ޔޫ ޓޫ!" އަހަންނަށްވެސް ބުނެލެވުނެވެ.

އެންމެފަހުން އަހަރެންގެ ހިތުގައި އިޝާންއަށްޓަކައި ފޮރުވިފައިވާ ލޯބި ހާމަކުރެވުނެވެ. ކުރިން ނުދެއްކި ހުރިހައި ވާހަކައެއް ކިޔައިދޭން ފެށީމެވެ. އެޝޯވްއިން އިޝާން ފެނުނު ދުވަހުން ފެށިގެން ކޮންމެރެއަކު އޭނާގެ ފޮޓޯއާއި ވާހަކަ ދައްކާ ވާހަކައަށް ދަންދެން ކިޔައިދިނީމެވެ.

"އަހަންނަށް އިވިފައި އޮތް ގޮތުގައި ރީނާއަށް ކަމުދާ މީހަކު މިރާއްޖެއަކު ނޫޅޭ.. ހިތްކިޔަނީ ޖޯޖް މައިކަލް އަށޯ" އިޝާން ހީލާފައި ބުންޏެވެ. "އަހަރެން ޖޯޖް މައިކަލް ހާ މޮޅުވެފައި ރީތި ނުވިޔަސް!...."

" ތީއޭ މަގޭ ޖޯޖް މައިކަލް އަކީ!..." އޭނާގެ ވާހަކަ މެދުކަނޑައިލީމެވެ.

އެޔާއިއެކު އިޝާން ރަކިގޮތަކަށް ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. ދެމީހުން ހަތަރު ކަޅި ބައްދަލުވިއެވެ. އެކަކު އަނެކަކާއި ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެފައި އެތަށްއިރަކު ތިބެވުނެވެ.

"ދޭނުހޭ ގެންގޮސްވަޔާއޭ" ލަވަ ހަދަން ފެށިވާހަކަ ވެސް އަހަރެން ކިޔައިދިނީމެވެ. އިޝާންގެ ލޯބިން ތާޒާވެގެން ރަތް ފިނިފެންމަލުގެ ފިޔަތައް ވަޔާ އުދުހެމުން މަންޒަރު އަހަންނަށް ފެންނަވާހަކަ ވެސް ބުނެދިނީމެވެ.

އެހިސާބުން ރަތްފިނިފެންމަލުގެ ހަގީގަތް އޭނާ ކިޔައިދިނެވެ. "އެއީ އަހަރެން ދިން މަލެއްކަން ހާމަ ނުކުރިހިސާބުން ޔަގީންވެއްޖެ ތި ސިއްރު ބެލުންތަކުގެ ފަހަތުގައި ވަރަށް ފުންމާނަ އެއްވާކަން"

އަހަރެން ލަދުގަތެވެ. އިޝާންއަށް އަހަރެން އޭނާ އާދިމާއަށް ސިއްރުސިއްރުން ބަލާކަން އެނގިފައޮތީމައެވެ.

"ދެން އަހަރެން އެދުވަހު އެއީ އިޝާންދިން އެއްޗެކޭ ބުނިނަމަޔޯ؟"

"އެއަށް ވެސް ތައްޔާރު ވެގެން ދިޔައީ.. އަހަރެން ހުރީ އެއީ ހުސްނީގެ ކަމެކޭ ބުނަން. އޭނައަށް ނުކެރިގެން އަހަރެން އެކަންކޮއްދިނީއޭ.." އިޝާން ބުނެލިއެވެ.

އަހަރެން ހޭންފެށިމެވެ. "މުހުސިނެކޭ ނޫންދޯ ހިތަށް އެރީ!"

އިޝާން އާނއެކޭ ބުންޏެވެ. އަދި އެދުވަހު މުހުސިނު ކައިރީ އަހަންދާން އުޅެން ފެށީމާ ވަރަށް ހާސްވިކަމުގައި ބުންޏެވެ. އަހަންނަށް އެއީ އިޝާންގެ ކަމެއްކަން ޔަގީންވީ އެދުވަހު ކަމުގައި ބުނީމެވެ. އަދި އެމާ އެގޮތަށްދިނީ ކީއްވެގެންކަން ނުވިސްނިގެން ނިދިނަގާލާފައި އެކަމަ ވިސްނަން އެތައްރެއަކު އޮންނަވާހަކަ ވެސް ބުނެދިނީމެވެ.

"އަދިވެސް ނޭނގޭތަ؟" އިޝާން ވަރަށް ލޯބިން ސުވާލުކޮއްލިއެވެ. އަހަރެން އޭނާގެ އެޖާދުވީ ލޮލަށް ބަލަންއިދެފައި މިހާރު އެގިއްޖެ ބުނެލީމެވެ.

އިޝާން އަނެއްކާވެސް އަހަރެންގެ އިސްތަށިގަނޑާއި ކުޅެންފެށިއެވެ. އެވަގުތު އަހަރެންގެ ކަންފަތުގެ ބިއްދޮށުގައި އިންނަ ބޮޑު ކަޅުތިލަ އޭނާއަށް ފެނިގެން އެއީ ކިހިނެތްވެފައި އިންތަނެއްތޯ ސުވާލުކުރިއެވެ. އެއީ އަހަރެންގެ މަންމަ އަހަރެން ފާހަގަ ކުރަން ޖަހާފައި އިން ފާހަގައެކޭ ބުނުމުން އެންމެފުރަތަމަ އޭނާ ގަބޫލުކުރިއެވެ. އަހަރެން ހޭންފެށީމެވެ. އެޔާއިއެކު އޭނާވެސް ހުނުމުގައި ބައިވެރިވިއެވެ. އަހަންނަށް ވުރެވަކިން އުފާވެރި މީހެއް މިދުނިޔެމަތީ ނުވާނެކަމަށް އެވަގުތު ގަބޫލުކުރެވުނެވެ.

އަހަރެން އެހެން ހީހީ އިންދާ ކުއްލިއަކަށް ޝެރީންމަތިން ހަނދާންވިއެވެ. ވަގުތުން އަހަރެންގެ ހުނުންހުއްޓުނެވެ. ކަންބޮޑުވެ ނުތަނަވަސްވިއެވެ. ހުވަފެނަކުން ހޭލެވި ހަގީގަތަށް އެނބުރި އާދެވުނު ކަހަލަ އިހުސާސް އެއްކުރެވެންފެށިއެވެ.

"ހިގާ ދަމާ.. މިހާރު އަހަރުމެން ގެއްލިގެން އުޅޭނެ." އަހަރެން ބުނީމެވެ. އެޔާ އެކު އޭނާ ތެދުވިއެވެ. އިޝާން ދިއްކޮށްލި އަތުގައި އަހަރެން ހިފާފައި ހިނިތުންވެލީ ނުތަނަވަސްކަން ފޮރުވަމުންނެވެ.

ދަތުރު ނިންމާފައި އެނބުރިއައިރު އަހަރުމެން ދެމީހުން ވަނީ ދެލޯބިވެރިންނަށް ބަދަލުވެފައެވެ. މިގުޅުން ވަރަށް ސިއްރުން ކުރިއަށް ގެންދަން އަހަރުމެން ނިންމީމެވެ. ދަތުރުދިޔަ ދުވަހުގެ މެންދުރުފަހު އަހަރުމެން ދެމީންހުން ގެއްލުނުވާހަކަ އޮފީހުގެ ތެރޭގައި ވަރަށް ބޮޑަށް ދެކެވުނެވެ. ދެމިހުންނާއި ދިމާކުރިއެވެ. އެކަމަކު އަހަރުމެން އެކަމަކަށް އެއްބަހެއް ނުވަމެވެ.

އަހަރެން ކަންބޮޑުވީ ސަމީރު ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އެނާއަށް ޝެރީން މާގާތްވާނެ ކަމަށް އަހަރެން ހީކުރީމެވެ.

"ހާސްނުވޭ ރާނިޔާ! އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް ނޭނގޭނެ!" ސަމީރު އަހަންނާދިމާއަށް ބުންޏެވެ.

"އަސްލު ތިދެމީހުން މާގުޅޭ" އޭނާ އިތުރަށް ބުނެލިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އިޝާން އަހަންނާ ގަޔާވިކަން ވެސް ސަމީރުގެ ފަރާތުން ވެސް އެނގުނެވެ.

ޝެރީން އަހަރެންގެ ކައިރީ އިޝާން އޭކިޔާފައި ދައްކާފައި ހުރިވާހަކައާއި އިޝާންގެ ވާހަކައާއި ދިމާވިއެވެ. އޭނާއަށް އެންމެ މުހިއްމީ މިއުޒިކެވެ. ބައްދަލުކުރެވޭނީ ވަގުތު ވިއްޔާކަމެވެ. އިޝާން އާއި ޝެރީން އާއި އޮތީ އެހާ ފުންގުޅުމެއް ނޫންކަން އެނގުމުން އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

އިޝާން ކުރިންވެސް ކުއްޖަކާއި ރައްޓެހިވި ކަމަށާއި އޭނާވެސް ވަގުތު ނުދެވޭތީ ޝަކުވާކުރާވަރުން އެކަން ނިންމާލީ ކަމުގައި އޭނާ ކިޔައިދިނެވެ. އެޔާއި ޚިލާފަށް ޝެރީން އެއްވެސް ޝަކުވާއެއް ނުކުރާ ކަމަށައި އޭނާއާއި އެކީ ގުޅުން ކުރިއަށް ގެންދެވުނީ އެހެންވެގެންކަމަށް ވެސް ބުނެދިނެވެ.

"އެކަމަކުވެސް އޭނާއާއި އަހަންނާއި ޓިއުނު ދިމާނުވޭ..އޭނާ މިއުޒިކްއަކަށް އެއްވެސް ޝައުގެއްނުހުރޭ!" އޭނާ އިތުރުކޮށްލިއެވެ.

"އަހަންނަކީ ވެސް ޝަކުވާ ކުރާ މީހަކަށް ވެއްޖިއްޔާޔޯ؟" އަހަރެން އަހާލީމެވެ.

"ރީނާ ޝަކުވާ ކުރަންޖެހޭނީ އަހަރެން ނުފެނިގެނެއްނޫން.. ފެންނަލެއް ގިނަކަމުން!" އިޝާން ހީލަމުން ބުންނެލިއެވެ.

ކޮންމެއަކަސް ލޯބީގެ ބަގީޗާގައި ފޮޅުވޭނެ ހުރިހާ މަލެއް ފޮޅުވަމުން އަހަރުމެން ދެމީހުން ދުވަސްތައް ހޭދަކުރަމުން ގެންދިޔައީ ވަރަށް އުފަލުންނެވެ. އަހަރެން ގެގޭގައި މިނިވަންކަން އޮވެއެވެ. ދޮންބެދައްތައަކީ ދޮންބޭބެ ރަށުގައި ނެތިއްޔާ ވަރަށް އަވަހަށް ނިދާ މީހެކެވެ. އެހެންކަމުން އިޝާން ރިސޯޓު ނިންމާފައި އައުމުން ގެއަށް ވައްދާކަށް އަހަރެން ޖެހިލުމެއް ނުވެއެވެ. އޭނާ ކިތަންމެ ވަރުބަލި ވެފައި ހުއްޓަސް ފަސްމިނެޓަށް ނަމަވެސް އަހަރެންނާއި ބައްދަލުނުވާ ރެއެއް ނުދާނެއެވެ.

"ތިޔަ މޫނު ދެކިލާފައި ނޫނީ އަހަންނަށް މިހާރު ނިދަންއުދަނގޫ!" އިޝާން ބުނާނެއެވެ.

އަހަރުމެން ދެމީހުންނަށް އެކީގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވެއެވެ. ދުވާލުގެ ވަގުތު ތަކުގައިވެސް އޭނާ އަހަރުމެންގެޔަށް އަންނަންފެށިއެވެ. އެހެންއަންނައިރު ބައެއްފަހަރަށް ސަމީރު ވެސް އޭނާ އާއި އެކީގައި އާދެއެވެ. ބޭރުގެ މިއުޒިކް ޝޯއެއެއް ބެލުމުގައި ނުވަތަ ގިޓާ ކުޅުމުގައި ވަގުތު ހޭދަކުރެއެވެ. ދެމީހުން އެކީގައި ލަވަކިޔާ ހަދަމެވެ. އިޝާން އުއްމީދު ކުރިކަހަލަ ދިރިއުޅުމެއް މިލިބުނީ އަދި ކިރިޔާ ކަމުގައި އޭނާ ބުނާނެއެވެ.

"ލޯތްބާ މިއުޒިކާ އެއްވީމާ! "އޭނާ ބުންޏެވެ.

އަހަރެން ވަރަށް ވަރަށް އުފާވެއެވެ. އެހެންނަމަވެސް އެފަދަ ކޮންމެ އުފާވެރި ރެއެއްނިމި އިޝާން ދިޔުމުން އަހަރެންނަށް ޚިޔާލުތަކު ގެތެރެއަށް ގެއްލި ނުނިދިފައި އޮވެވެއެވެ. އަހަރެންނަށް މިކުރެވެނީ ގޯސްކަމެއްކަމުގައި އަހަރެންގެ ޟަމީރު ހަނދާންކޮއްދޭތީއެވެ. ނަމަވެސް އަހަރެންގެހިތް އެކަމަކާ އެއްބަހެއްނުވެއެވެ. އަމިއްލަ ނަފްސަކަށް އެއްވެސްބާރެއް އަހަންނަކަށް ނުފޯރުވުނެވެ. އަހަރެންގެ ހިތް އެދުނުމަގުން އަހަރެންނަށް ކުރިއަށްދެވެނީ ނުހަނު ބާރަށެވެ.

ޝެރީން ފުރުމުގެ ކުރިން އޭނާއާއި ރުޅިވާން ވިސްނި ވާހަކަ އެއްރެއަކު އިޝާން ބުނެދިނެވެ. "އެކަމަކު އޭރުން ރީނާ އަހަރެންދެކެ ހިތްހަމަ ނުޖެހިދާނެތީ އެރިސްކް ނަގަން ބޭނުންނުވީ!" އޭނާ ބުންޏެވެ.

އަހަންނަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އަހަންނަށް އިޝާންދެކެ ލޯބިވެވުނު ވާހަކަ ކުރިން ޝެރީން ކައިރީގާ ނުބުނެވުނީތީ އެކަމާ އަބަދުވެސް ހިތާމަ ކުރެވެއެވެ.

"ދެން ކިހިނެއް ހަދާނީ؟" އަހަންނަށް އަހާލެވުނެވެ. ހަގީގަތަކީ އަދިވެސް އެގުޅުމަށް 'ދި އެންޑް' ނާރާ ކަމެވެ.

" ޑޯންޓު ވޮރީ! " އިޝާން ބުނެލިއެވެ.

އިޝާންގެ ނަޒަރުގައި މާކުރިން ކަންތަކާ ވިސްނުމުން ބޯ ހަލާކުވުން ނޫން އިތުރު ކަމެއް ނުވާނެއެވެ. އޭނާ ދެކެނީ ކޮންމެކަމެއްވެސް އެކަމެއްގެ ވަގުތު ޖެހުނީމާ ވާނެކަމަށެވެ.

"ތިދައްކަނީ ހަތަރު އަހަރު ފަހުގެ ވާހަކައެއް..އޭގެ ކުރިން ޝެރީން އަހަރެން މަތިން ހަނދާން ނެތޭނެ ކަންނޭގެ" އިޝަން ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ.

އެހެނަސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއްނުލިބުނެވެ. އޭނާ 'ޑޯންޓު ވޮރީ' އޭ ބުންޏަސް އަހަންނަށް އެކަމާ ފިކުރުކުރެވެއެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular