28 Jan 2023

● 26 ވަނަބައި

އަހަރެން ކަޅިވެސް ޖަހާނުލައި އެދިމާއަށް ދިމާއަށް ބަލަން އިނީމެވެ. އިޝާންގެ ކުރިމައްޗަށް ގޮސް އަހަރެން ކިޔާނީ ކީކޭ ހެއްޔެވެ؟ އަހަރެން ފެނުމުން އޭނާ ހަދާނީ ކިހިނެތްބާވައެވެ؟ ދެންވާނީ ކިހިނެއްބާވައެވެ؟ އަހަރެންނަށް ފުންފުން ނޭވާއެއްލެވުނެވެ. ދިމާވެދާނެ ކޮންމެކަމަކާއި ވެސް ކުރިމަތިލާން އަހަރެން ތައްޔާރު ހެއްޔެވެ؟

ލޯންޗު ފާލަމާއި ކައިރި ކޮށްލިއިރު އަހަރުމެންނަށް މަރުހަބާކިޔަން ފާލަންމަތީ މީހުންތިއްބެވެ. އަހަރެން ވަކިވަކިން އެމޫނުތަކަށް ބަލާލީމެވެ. އެތާކު އިޝާންއެއް ނެތެވެ. އަހަރެން ކޮންމެވެސް ވަރަކަށް މާޔޫސްވިއެވެ. އޭނާއަށް އަހަރެން އަންނަކަން އެގިގެން މާލެ ދިޔައީ ބާވައޭ ހިތަށްއެރިއެވެ. އަހަރުމެން ގޮސް ރިސެޕްޝާން ތެރެއަށް ވައިން އިރު އެތާނގައި އިޝާން ހުއްޓާފެނުމުން އަހަންނަށް ލަތީފުގެ ފުރަގަހަށް ވަދެވުނެވެ.

"ހަސަނާ މި މީހުންނަށް 113 އިގޭ" އިޝާންގެ އަޑު އިވުނެވެ.

"ދޮންބޭ އެއީ ހާދަދުރޭ ... އެއަށް ވުރެކައިރީގައި ހުސް ރޫމެއް....؟"

އިރާޝާގެ ވާހަކަ ނުނުމެނީސް، އެމީހުން އެއައީ ހަނީމޫނަށޭ ދޯ ލަތީއޭ ކިޔާލާފައި އިޝާން ހިނގައިގަތެވެ. ލަތީފު ހިނިތުންވެލަމުން އަހަރެންގެ އަތުގައި ހިފާލިއެވެ. އިޝާންއަށް އެމަންޒަރު ފެނިދާނެތީ އަހަންނަށް އުނދަގޫވިއެވެ.

އަހަރުމެންގެ ކޮޓަރި ހުރީ ރަށުގެ އެއްކޮޅުގައެވެ. އެހިސާބަށް ދެވުނީ ހިނގާ ހިނގާ ވަރުބަލިވީ ފަހުންނެވެ. އަހަންނަށް ކޮޓަރިއަށް ވަދެވުނީހަމަ ކިރިޔާއެވެ. ދުވެފައި ގޮސް ފާޚާނާއަށް ވަދެ ހޮޑުލާން ޖެހުނެވެ. ދެން އަހަރެން ބޭނުންވީ އޮށޯންނާށެވެ. ލަތީފުއައިސް އަހަރެންގެ ކައިރީ އޮށޯތުމުންވެސް އަހަންނަށް އުނދަގޫވިއެވެ. އަހަރެން ބޭނުމީ ކުޑަކޮށް އަރާމް ކޮށްލާށޭ ބުނީމަ ނަސީބަކުން އޭނާ ތެދުވެގެން ބޭރަށް ނުކުތެވެ. އެހިސާބުން އެކަނި އޮވެ ވިސްނާލަން ފުރުސަތު ލިބުނީތީ ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. މިދަތުރު އެއްކޮށްވެސް މިކޮޓަރީގައި ހޭދަކޮށްލެވޭނެ ގޮތެއްއޮންނާނެ ނަމައޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ފެނުމުން އިޝާން އަހަންނާ ދިމާއަށް ދިމާއަށް ބަލާވެސްނުލީތީ އެކަމާ ވިސްނުނެވެ. ހިތުގައި ޖެހުނެވެ. ވަރަށް ދެރަވިއެވެ. އެފިކުރުގައި އޮއްވައި އަހަންނަށް ނިދުނީއެވެ.

ދެން ހޭލެވުނީ ލަތީފު އައިސް މެންދުރު ކާންހިގާށޭ ކިޔާފަ ގޮވުމުންނެވެ. އޭރު އަހަރެންގެ މޭނުބައިކުރުން ރަނގަޅުވެ ވަރަށް ބަނޑުހައިކަން އިހުސާސް ކުރެވެން ފަށައިފިއެވެ. ރެސްޓޯރެންޓަށް ދިޔައިރު އިޝާންގެ މަންމަ އާއި ބައްޕައާ ކޮއްކޮ އަހަރުމެންގެ އިންތިޒާރުގައި ނުކައި ތިއްބެވެ. އެތާކު އިޝާން އެއްނެތެވެ. ލަތީފު ސުވާލުކުރުމުން ދޮންބެ ކައިގެން ޖައްސާލާށޭ ކިޔާފައި ކޮޓަރިއަށް ގޮސްފިކަމަށް އިރާޝާ ބުނެދިނެވެ. އަހަރެން ފެންނަހިސާބަށް ވެސް އަންނަން ބޭނުންނުވަނީ ތާއޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

ކައި ނިމިގެން އަހަރުމެން ނިކުތީއަތިރި މައްޗަށެވެ. ދުވަހަކީ ވަރަށްރީތި ދުވަހެކެވެ. ޖެހެމުންދާ ވައިރޯޅީގެ ސަބަބުން އަވީގެ ހޫނުކަން އިހުސާސް ނުވާކަހަލަ ދުވަހެކެވެ. ކުރިމަތިން ފެންނަން އޮތްރީތި މޫދު ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުމެންލިބެންފެށިއެވެ. އޭރުފުދޭވަރަކަށް ގިނަ ގެސްޓުންވެސް އެހިސާބުގައި އުޅެއެވެ. މޫދަށް އެރުމާއި ވިންޑުސާރފު ކުރުމުގައެވެ.

ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ އަހަރެންގެ މާމަ ބުނެފައިވާ ވާހަކަ އެކެވެ. މާޒީގައި ވޭތުވެދިޔަ ކަންކަމާ ވިސްނާދެރަވުން އެއީ ބޭކާރުކަމެކެވެ. އަދި ހަމަ އެފަދައިން ކުރިއަށްވާން ހުރިކަންތަކާ ވިސްނައި ކިތަންމެ ފިކުރެއްކުރިއަސް އެއީ އެއްވެސް ފައިދާ އެއްކުރާނެ ކަމެއްނޫންކަމަށް މާމަބުނާނެއެވެ. އެއީ ވަރަށް ބޮޑުތެދެކެވެ. އޭގެ ސަބަބުން އެބޭކާރު އަތުގައި އޮތް މިހާރެވެ.

ފަހުންވާނެގޮތަކަށް ވިސްނާ ފިކުރުކުރުމުގެ ބަދަލުގައި އެވަގުތު ލިބެންއޮތް އުފަލެއް ހާސިލު ކުރުމަށްއަހަރެން ނިންމީމެވެ. އިރާޝާ އެތާ އިނދެފައި ވިންޑުސާރފުގެ ވާހަކަ ދެއްކުމުން އެކަންކުރެވޭތޯ ބަލަން ހިނގާށޭ ބުނީ އަހަންނެވެ. އެޔާއެކު ލަތީފު އަހަންނާ ދިމާއަށް ހައިރާންކަމާއެކު ބަލާލާފައި ހިނިތުންވެލިއެވެ.

"އަހަރެން އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެއްއެއީ" އަހަރެން ލަތީފުއާ ދިމާއަށް ބުނީމެވެ.

ވިންޑުސާރފު ކުރުންވީ އަހަރެން ހީކުރިވަރަށް ވުރެ އުނދަގޫކަމަކަށެވެ. އެބޮޑުރިޔާ ކޮޅަށް ޖަހައިގެން ދުއްވާކަށް ނޭނގުނެވެ. އެންމެފަހުން އަހަންނާއި އިރާޝާ އާދެމީހުން އެކަންހުއްޓާލީއެވެ. ނަމަވެސް ލަތީފު އިސާހިތަކު އެކަން ދަސްކޮށް ދުއްވަންފެށިއެވެ. އަހަރުމެން ވިންޑުސާރފު ދޫކޮށްލާފައި ލަތީފު ފޮނިދައްކާތަން ބަލަން މޫދުގައި ތިބީއެވެ. އިރާޝާއަށް އަހަރެން ކިޔެވީ އަމީނިއްޔާއިން ކަން އެނގުމުން ކޮން ބެޗެއްތޯ ސުވާލު ކުރިއެވެ. އަހަރުމެންގެ އެންމެ ފަހުއަހަރު އޭނާ އުޅުނީ ހަތެއްގައެވެ. އެހެންކަމުން އަހަރުމެން ދެމީހުންނަށްވެސް އެކަކު އަނެކަކު ފާހަގަ ކުރިވިފައެއް ނެތެވެ. އެކަމަކު އޭނާއަށް ޝެރީން އިނގޭކަމުގައި ބުންޏެވެ. ކޮންމެ އަހަރަކު އިނާމް ދޭ ޖަލްސާގައިވެސް އެންމެ ގިނައިން ގޮވާނީ އެނަމެވެ. އެހެންވީމާ މުޅި ސްކޫލުގެ ކުދި ބޮޑު ހުރިހާ ކުދިންނަށް ވެސް އޭނާ އެގޭނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ޝެރީން އާއި އިޝާންގެ ގުޅުން އޭނާއަށް އިނގޭހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ.

އިރުކޮޅަކަށް ފަހު މޫދުން އަރައިގެން އަހަރެންދެމީހުން ކޮފީ ޝޮޕާދިމާއަށް ހިނގައިގަތީމެވެ. އެތަނަށް ވައިންއިރު އިޝާން އެތާގައި އިންދާފެނުމުން އަހަރެން ހާސްވެ ޖެހިލުންވިއެވެ. އޭނާ ލައިގެން އިން ތުނިތުނި ހުދު ގަމީހުގެ މޭމަތިން ގޮށްނާޅުވާ ހުރުމުން ކަރުގައި އޮތް ރިހިފަށް ރީތިކޮށް ފެންނަން އޮތެވެ. އަހަންނަށް އިސްދަށަށް ޖަހާލެވުނެވެ. އެފަށް އޭނާގެ ކަރުގައި އަޅުވައިދިންވަގުތު އޭނާ ބުނި ޖުމްލަވަގުތުން އަޑުއިވުނު ކަހަލައެވެ.

އިޝާން އަހަންނާ ދިމާއަށް ދިމާއަށް ބަލައިލިތަން ފެނުނެވެ. އެހެންނަމަވެސް ލަތީފު ކޮބައިތޯ އެހީ އޭނާގެ ކޮއްކޮ ކުރެންނެވެ. "އެބައުޅޭ ވިންޑްސާރފު ކުރަން" އިރާޝާ ޖަވާބުދިނެވެ. އަދި ކޯކެއް ދޭން އެދިފައި އަހަރުމެންދެމީހުން ސާފުކުރަން އުޅެގެންވީގޮތުގެ ވާހަކަ ކިޔައިދޭންފެށިއެވެ.

"ރީނާ ކޯޗެއްބޯނީ؟" އިރާޝާގެ ވާހަކައިގެ މެދުތެރެއިން އިޝާން އެއްސެވެ. އަހަންނަކަށް ޖަވާބެއްނުދެވުނެވެ.

"ރީނާ އެއްނޫން ރާނިޔާ!" އިރާޝާ އޭނާގެ ބޭބެގެކުށް ރަނގަޅުކޮށްދިނެވެ.

އޭރު އިޝާން ސެވެންއަޕު ދަޅެއް ނާގައި އަހަންނަށް ދިއްކޮށްލައިފިއެވެ. އަހަންނަށް އެންމެ މީރުވާނީ ސެވެންއަޕްކަންވެސް އޭނާ ހަނދާން ހުއްޓެވެ. އަހަންނަށް އުނދަގޫވިއެވެ. އެތާ ހުންނަންވެސް ބޭނުމެއްނުވިއެވެ. އިރާޝާ ކައިރީ ރީތިވާން ދަނީއޭ ބުނެފައި ދަޅު ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތީއެވެ.

އިރުއޮއްސުނު އިރުވެސް އަހަރެން އިނީ ކޮޓަރިއާ ދިމާއިން ގޮނޑުދޮށުގައިއެވެ. ކުލަބަދަލުވަމުން ދާ އުދަރެހަށް ބަލަހައްޓައިގެންނެވެ. އަހަރެން ކޮޓަރިއަށް އައީ ފެންވަރައިގެން ލަތީފުމެން ވޮލީކުޅޭތަނަށް ދާނަމޭ ބުނެފައެވެ. އެހެންނަމަސް އަހަންނަކަށް އެހިތްވަރެއް ނުލިބުނެވެ.ކޮޓަރިން ނުކުމެގެން ގޮސް ގޮނޑުދޮށުގައި އިށީނދެލައިގެން އިންގޮތަށް އިނދެވުނީއެވެ.

އަހަރެން އިޝާންގެ ކުރިމައްޗަށް ދާނީ ކިހިނެއްހެއްޔެވެ؟. އޭނާގެ ކަރުގައި އެފަށް އޮތުމުގެ މާނައަކީ އަދިވެސް އެހިތުން އަހަރެންގެ ނަން ނުފޮހެވެނީއޭ އަހަރެންގެ ހިތަށް އެރުމުން ދެރަވާން ފެށިއެވެ. ހިތަށް ތަދުވާން ފެށިއެވެ. އާއެކެވެ. އަހަރެންގެ ހިތުންވެސް އަދިވެސް އެލޯތްބެއް ނުފޮހެވެއެވެ. އަހަރެންގެ ހިތަށް ކުރިންވެސް ވަންނަ ނަމަނަމަތައް ވަންނަން ފެށިއެވެ. ޝެރީންއަށް ސިއްރު ނުކުރެވުނުނަމަ އިން ފެށިގެން ގޮސް އެންމެފަހުން ލަތީފުއާއި އެކު މާލެއަށް އަދި މިރިސޯޓަށް ނާދެވުނު ނަމަ އޭހިތަށް އެރިއެވެ.

އަހަރެން އެންމެ ބޮޑަށް ދެރަވަނީ އިޝާން އަހަރެންނާއި އަޅާނުލީމައެވެ. އޭނާ އަހަރެންދެކެ ރުޅިއައިސްފައި ހުރިކަން ޔަގީންވީމައެވެ. އެކަމުގައި އަހަންނަށް އޭނާ ކުށްވެރި ކުރެވޭކަށްވެސް ނެތެވެ. އަހަރެން ކޮންމެވެސް ފުރުސަތެއް ހޯދައިގެން ކަންވީގޮތް އޭނާއަށް ކިޔައިދޭން ބޭނުމެވެ. އޭނާ އަހަންނާ ދޭތެރޭ ހިތްހެޔޮކުރުމުންނޫނީ ދުވަހަކުވެސް އަހަންނަކަށް ހިތްހަމަ ޖެހުމެއްނުލިބޭނެކަން ޔަގީނެވެ.

ލަތީފު ވޮލީކުޅެ ނިމިގެން ފެންވަރަން އައީވެސް އަހަރެން އެތާގައި އިންދައެވެ. އެކޮޅަށް ނުދިޔައީ ކީއްވެތޯ އޭނާ ސުވާލުކުރިއެވެ. އިރުއޮއްސޭ މަންޒަރު ހިތްގައިމުކަމުން ބަލަން އިދެވުނީ ކަމުގައި އަހަރެން ބުނީމެވެ.

"މިތަނަށް އިރުއޮއްސޭ މަންޒަރު ފެނޭތަ؟" ލަތީފު ހައިރާންވެފައި އަހާލިއެވެ.

"އިރުއޮއްސުނީމާ އުޑުމައްޗަށް އެއަރާ ކުލަވަރުގެ ވާހަކަ މިބުނީ" އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.

އެރޭ ކެއުމުގައި އަހަރުމެންނާއެކު އިޝާން ބައިވެރިވިއެއްކަމަކު އޭނާގެ ނަޒަރުގައި އަހަރެންމީ އެތާނގައި ނެތްމީހެކޭ އެއްފަދައެވެ. އަހަރެން ދެރަވިއެވެ. ވަރަށް މާޔޫސްވިއެވެ. ކައި ނިމިގެން އަހަރެން ބޭނުންވީ ކޮޓާރިއަށްދާށެވެ. އެހެންނަމަވެސް އިރާޝާއާއި ލަތީފު އެކަމަކާ އެއްބަހެއްނުވިއެވެ. އެމީހުންބޭނުންވީ ޑިސްކޯ ބަލާލަންދާށެވެ. އަހަރެންނަށް ނަށަށް ނުކެރޭނެ ކަމުގައި ބުނީމެވެ. އެއާއެކު ނުނެށިއަސް އެތަން ބަލާލަން ދެވިދާނެ ނޫންހޭ އިރާޝާ ބުނެލިއެވެ. އަހަންނަކަށް އިރާޝާ ކުރިމަތީގައި އިތުރު ބަހަނާއެއް ދައްކާކަށް ނުކެރުނެވެ. އެންމެފަހުން އިރާޝާގެ ފަހަތުން އަހަރުމެން ދެމީހުން ހިގައިގަތީއެވެ.

އެހިސާބަށް ދެވުނުއިރުވެސް އަހަންނަށް އުނދަގޫ ވެއްޖެއެވެ. އޭރު އަޑުގަދަކޮށް ޖަހަމުން ގެންދަނީ ވަރަށް މަޝްހޫރު ލަވައެއްކަމަށް ވާ 'ވަޓް އިޒް ލަވް' އެވެ. އަހަރެންގެ ޚިޔާލުތައް ވަގުތުން އެފޮނި މާޒީއަށް ފުންމައިލިއެވެ. އަހަރުމެންގޭގެ ކޮޓަރިތެރޭ އިޝާންއާދެމީހުން އެލަވަ އަޑުއެހީ ކިތައްރޭ ކަމެއްބުނެދޭކަށް ނޭގެއެވެ.

'ޑޯންޓް ހޯޓް މީ....' ލަތީފު ވެސް އިށީންގޮތަށް އެލަވަޔާ އެއްވަރަށް ކިޔަންފެށުމުން އަހަރެންނަށް އަދި މާ އުނދަގޫވިއެވެ. އޭރު ބައިވަރު ގެސްޓުން އެލަވައަށް ނަށަމުން ގެންދެއެވެ.

މާޒީގެ މަންޒަރުތަކުން އަހަރެންގެ ސިކުނޑި ފުރިއުތިގެން އަރަންފެށިއެވެ. އަހަރެން އެތާނގައި އިންނާކަށް ބޭނުމެއްނުވިއެވެ. އެކަމަކު އެކަނި ކޮޓަރިއާއި ހަމައަށް ދާކަށްވެސް ނުކެރޭނެއެވެ. ލަތީފު ކައިރީ އަހަރެންގެންގޮސް ކޮޓަރިއަށް ލާފައި އަންނަން ހިގާށޭ ބުނަންހިތަށް އެރިއެވެ. އެހެނަސް އެވަގުތު އަހަރުމެންނާއި ދިމާއަށް އިޝާން އަންނަތަން ފެނުމުން އަހަރެންގެ ޚިޔާލު ބަދަލުވިއެވެ.

އޭނާގެ އެއްއަތުން ރަތްކުލައިގެ އެއްޗެއް ދިއްލުނުތަން ފެނުނެވެ. ޔާރައްބީއެވެ. އިޝާން މިހާރު އެކަން ވެސް ކުރަންފެށީ ހެއްޔޭ އަހަރެންގެ ހިތަށްއެރިއެވެ. އޭނާ އަކީ އޭރު ސަމީރު ސިގިރެޓު ބޯތީ އަބަދު ދުވާ އަޅިކެނޑި ވަހޭ ކިޔައިގެން އެއްޗެތިކިޔާ މީހެކެވެ.

އިޝާން އައިސް އިށީންނަމުން، ނަށާވެސް ނުލާތިބީހޭ ލަތީފު ކުރެން އެއްސެވެ.

"މިދެންއަދި ބަލާލަނީ ވާނުވާ" ލަތީފު ޖަވާބުދިނެވެ.

"ތެދެއް ހިނގާބަލަ ލަތީ " އިރާޝާ ތެދުވިއެވެ. ހަމަ އެޔާއެކު ލަތީފު ވެސް ތެދުވެގެން އަހަރެންނާއި ދިމާލަށް 'އަންނާން އިގޭ" އޭ ބުނަމުން ހިނގައިގަތެވެ.

މޭޒު ދޮށުގައި އަހަންނާއި އިޝާން އެކަނިވުމުން އަހަރެން ހިތް އަވަސް ވާންފެށިއެވެ. އޭނާ ނަށާ މީހުންނާ ދިމާއަށް އެނބުރިލައިގެން އެއިންގޮތަށް އިނެއެވެ. އަހަރެންނަކީ އެތާގައިއިން މީހެއްކަން ވެސް އޭނާ ނުދެނަހުރިކަހަލައެވެ. އޭނާ އެހެންއިދެ އަނެއްކާވެސް ސިގިރޭޓެއް ރޯކޮށްލިއެވެ.

މިއީ އޭނާއާއި ވާހަކަ ދައްކަން ރަގަޅު ފުރުސަތެކޭ އަހަރެންގެ ހިތަށްއެރުމާއިއެކު އަހަރެން ފިނިވިއެވެ. އެކަމަކު އޭނާއާއި ޖެހިގެންހުރި ގޮޑިއަށް ދާން ތެދުވާނެ ހިތްވަރެއްނުލިބުނެވެ. އެހެންނޫނަސް ލަވައިގެ އަޑު ގަދަކަމުން އެއީ އެހާ ސީރިއަސް ވާހަކައެއް ދެއްކޭނެ ކަހަލަ މާހައުލެއް ނޫންކަން އަހަންނަށް ވިސްނުނެވެ.

މާގިނައިރުތަކެއްނުވަނީސް އަހަރުމެން ތިބި މޭޒާ ދިމާއަށް ގެސްޓަކުއައެވެ. އޭނާ އައިސް އަހަރެން ކައިރީ އޭނާއާ އެކު ނަށާލަން ދާން އެދުނެވެ. އަހަރެން ހިނިތުންވެލަން މަސައްކަތްކުރީމެވެ. އަދި އަހަރެންނެއް ނުނަށަމޭ ބުނަން އަނގަ ހުޅުވާލިތަނާ އިޝާންގެ އަޑުއިވުނެވެ.

'އޭނައެއް ނުނަށާނެ" އިޝާން އެމީހާއަށް ޖަވާބުދިނެވެ. އެގެސްޓު މީހާ އެހެންހޭ ކިޔާލާފައި އަހަންނަކީ އިޝާންގެ 'ގާރލްފުރެންޑު' ތޯ އަހައިލިއެވެ. އެއާއެކު އިޝާން އަހަންނާއި ދިމާއަށް ބަލައިލާފައި ބޯ ހުރާލަމުން " ނޯ އައިމް ނޮޓް ދަޓް ލަކީ" އޭ ބުނެލިއަޑު އިވުނެވެ.

އަހަރެން އިސްޖަހައިލީމެވެ. އޭރު އަހަރެންގެ ދެލޮލުން ހޫނު ހޫނު ކަރުތަކެއް އުފެދި ގިނަވެގެންފިއެވެ. އަހަންނަށް ލޯފޮހެލަން އަތް އުފުލާލަންވެސް ނުކެރިފައި އިނީއެވެ. ލަވަ ނިމުމުން އިރާޝާ އާއި ލަތީފުއެނބުރި އައެވެ. ދާހިތްލާ ފޯވެގެންނެވެ. އެޔާއިއެކު ލަތީފުއާއި ދިމާއަށް އަންހެނުން އެކަނި ބައިންދާފައި ނުދާށޭ ގެއްލިދާނެޔޭ ބުނެލާފައި އިޝާން ތެދުވެގެން ހިނގައިގަތެވެ.

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular