21 Mar 2023

● 41 ވަނަބައި

ބައްޕަ އެނބުރި ރަށަށް ދުރުވެ ދެއްވި ޚަބަރަކުން އަހަރެން އަނެއްކާވެސް ހާސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. ބައްޕަގެ ވަޒީފާ ބަދަލުވީއެވެ. އަނެއްކާވެސް މާލެ އަށްދިރިއުޅުން ބަދަލު ކުރަން ޖެހުނީއެވެ.

" މާ ރަގަޅެއްނު. އިވާންއަށް ވެސް މާލޭގައި ކިޔެވޭނެ އެއްނު އޭރުން" މަންމަ އާއި ދިމާއަށް ބައްޕަ ބުނުއްވިއެވެ. އޭރު ބައްޕަ އިންނެވީ އިޒާން އުނގަށް ލައްވައިގެންނެވެ.

"މި ސޮރުވެސް ކިޔަވާނީ މާލެއިންނޭ ދޯ" ބައްޕަ އިޒާން އާއި މުޙާތަބު ކުރެއްވިއެވެ.

އަހަރެން އެކަމަށް އެއްވެސް އެއްޗެއް އެވަގުތު ނުބުނަމެވެ. އެހެންނަމަވެސް އެރޭ އަހަންނަކަށް ރަނގަޅަކަށް ނުނިދުނެވެ. އަހަރެން މާލެ ދާކަށް ބޭނުމެއްނޫނެވެ. މާލެ ދާން ބިރުގަނެއެވެ. އެކަމަކު އަހަރެން އިޒާން ގޮވައިގެން އެކަނި ރަށުގައި އުޅޭނީ ކިހިނަކުން ހެއްޔެވެ؟

އަނެއްދުވަހު އަހަންނާއި މަންމަ އެކަނި ވުމުން އެވާހަކަ ދެއްކީމެވެ. އަހަންނަށް މާލެ ދާން ނުކެރޭނެ ވާހަކަ ބުނީމެވެ. އޭރުން އަނެއްކާވެސް ކުރިން ވީގޮތަށް އަހަރެން ބަލިވެދާނެޔޭ އަހަރެން މަންމަ ގާތު ބުނީމެވެ. އެ ވާހަކަ މަންމަ ގަބޫލުކުރިއެވެ. މަންމަ ނިންމީ މާލެނުގޮސް އަހަރެންގެ ކައިރީ ރަށުގައި އިންނާށެވެ. އޭރު ދޮންބޭބެމެންވެސް އިންޑިޔާގައި ތިބެފައި އަލުން މާލެބަދަލު ވެއްޖެއެވެ.

" އެހެންވީމާ ބައްޕަ އެކަންޏެއްނުވާނެ އެއްނު!" މަންމަ ބުނެލިއެވެ.

އަހަރެން ކަންބޮޑުވިއެވެ. މަންމައާއި ނުލާ ބައްޕަ ގޮސް އެކަނި މާލޭގައި އުޅެން ފަސޭހަ ނުވާނެކަން އެގެއެވެ. އެކަމަކު އަހަންނަށް ހެދޭނީ ދެން ކޮންގޮތެއް ހެއްޔެވެ؟. ދެން އަހަރެންގެ އެންމެ ގާތް މީހުން ތިބެނީ ފޭދޫގައެވެ. އެއީ މަންމަގެ އާއިލާއެވެ. އެކަމަކު އަހަރެންގެ މިހާލާއިގެން އެގެއަށް ގޮސް ބޮނޑުދައިތަ މެންނާއިއެކު އުޅޭ ހިތެއް ނެތެވެ. އަނެއްކާވެސް އަހަރެން ހަދާނެގޮތް ހުސްވިއެވެ.

އެރޭ ހުސޭނު ފޯނުކުރީ އަހަރެން އެފިކުރު މަތީ އިންދައެވެ. އަހަރެން އެވާހަކަ ކިޔައިދިނީމެވެ. އަހަންނަށް އިޒާން ގޮވައިގެން އެކަނި ރަށުގައި އުޅެން ނުކެރޭނެތީ މަންމަ މަޑުކުރަން ނިންމިވާހަކަ ބުނެދިނީމެވެ. އަހަންނާއި ހެދި މަންމައާއި ބައްޕަ ވަކިން އުޅެންޖެހޭތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ބުނީމެވެ.

"ދެން އެހެންވިއްޔާ އާދޭ މިރަށަށް.. އަހަރެން ބަލާނަން ތިދެމައިން" ހުސޭނު މަޖަލަކަށް ހަދާފައި އެހެންބުނެލިއެވެ. އަދި އެގޭގައި އުޅެނީ އޭނާއާއި މަންމައާއި އެކަނި ކަމުގައިވެސް ބުންޏެވެ. އޭނާއަށް ރަށުންބޭރަށް ގޮސް ގިނަދުވަހު ނުހުރެވެނީވެސް މަންމަ ބަލާނެ އެހެންމީހަކު ނުހުންނާތީ ކަމުގައި އޭނާ ބުނެދިނެވެ. އެޔާއިއެކު،ހުސޭނުއަށް ގެންދަން ކެރެންޏާ އަހަރެން މިހިރީ ދާން ތައްޔާރަށް ކަމަށް އަހަރެން ވެސް މަޖަލަކަށް ހަދާފައި ބުނެލީމެވެ. އެއަކަށް އޭނާ އެއްވެސް ޖަވާބެއް ނުދިންކަން އަހަންނަށް ފާހަގަވިއެވެ.

ފަހުން އަހަރެން އެވާހަކަ އާއި މެދު ވިސްނީމެވެ. އޭނާ އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދީގެން ގެންގުޅެފާނެ ބާވައެވެ؟ ހުސޭނުއާއި އަހަންނާއި ދިމާވުންވެސް މިއީ ތަގްދީރުގެ ރޭވުމެއް ހެއްޔެވެ؟ ވަކިން ޚާއްސަކޮށް އޭނާގެ ފަހަތުނަން ލަތީފުއަށް ވުންވެސް އެއީ ކޮންކަހަލަ އިއްތިފާގެއްބާވައެވެ؟

އަހަރެން އޭނާއާއި ގުޅުން ބަދަހި ކުރަން ބޭނުންވީ ދިނީ ކަންކަން އިތުރަށް އޮޅުންފިލުވަން ބޭނުންވާތީއެވެ. އަހަރެންގެ މަގުސަދަކީ އަހަރެންނަށް ހެދުނު ގޯހުން އަރައިގަންނާނެ ގޮތެއް ހޯދުމެވެ. އެކަމަކު މިހާރު އޭނާއާއި އެކު ހަޔާތެއް ފެށުމުގެ ޚިޔާލު އަހަރެންގެ ސިކުނޑި ތެރޭގައި އެނބުރެން ފަށައިފިއެވެ. އޭނާއާއި އެކު އޭނާގެ ރަށުގައި، އަހަރެންގެ މާޒީގެ ޒައްރެއްގެ މިންވަރުވެސް ނޭނގޭ ބައެއްގެ ތެރޭގައި ދިރިއުޅެން މާ ފަސޭހަވާނެއޭ ހިތަށް އަރަން ފެށިއެވެ.

އެކަމަކުވެސް، އަހަރެންގެ ހިތުން ޖާގައެއް އިތުރު މީހަކަށް ނުދެވޭނެއެވެ. އަހަރެން ލަތީފުއާއި ގުޅުނީވެސް އަހަރެންގެ ހިތުން ޖާގައެއް ދެވިގެނެއް ނޫނެވެ. ލަތީފު ކިތަންމެހާވެސް ރަގަނޅެވެ. އޭނާ އަހަރެންދެކެ ލޯބިވިއެވެ. އިޝާން ބުނިހެން އޭނާ ހުރިނަމަ އަހަންނަށް އުފަލުގައި އުޅެވުނީސް ކަންނޭގެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި އަދިވެސް ވަނީ ހަމަ އިޝާންއެވެ. ހަނދާންވަނީ އެލޯތްބެވެ. އެކަމަކު އެލޯބި ވީ އަހަންނަށް ނުފެންނަހިސާބަށް މާދުރަށް ގޮސް ގެއްލިފައިކަމަށް އަހަންނަށް ގަބޫލު ކުރެވެއެވެ. އެލޯބީގެ ބަދަލުގައި އަހަރެންގެ ހިތުގައި ވަނީ ރިހުމެވެ.

ހުސޭނު ދެން ރަށަށް އައީ ދެމަހެއްވަރު ފަހުންނެވެ. އެދުވަހު ހަވީރު އޭނާ ގެއަށް އައި އިރު އަހަރެން އުޅެނީ އިޒާން ގޮވައިގެން ވެކްސިން ޖަހަންދާށެވެ. އިވާންކޮއްކޮ ނިދާފައި އޮތުމުން މަންމައަށް ނުދެވޭނެތީ އެހިސާބަށް ދާނެ ގޮތެއް ހޯދަން އުޅެނިކޮންނެވެ. އެނާ އަހަންނާއި އެކު ގޮސްދެންތޯ ސުވާލުކުރިއެވެ. އަހަރެން އެކަމާ އެއްބަސްވީމެވެ.

މަގުމައްޗަށް ނުކުމެފައި އަތްދިއްކޮށްލުން އިޒާން ވަރަށް ފަސޭހައިން އޭނާގެ ކައިރިއަށް ދިޔައެވެ. އަހަރެން ކުޑަކޮށް ހައިރާންވިއެވެ. އެތަން ފެނިފައި އެސޮރަށްވެސް އެސޮރުދެކެ ލޯބިވާމީހުން ވަކިކުރަން އެނގޭނެ ނޫންހޭ ހުސޭނު ބުނެލީ ވަރަށް ހެވިފައި ހުރެގެންނެވެ. އަހަރުމެން ދެމީހުން އެކީގައި ހިގަމުން ދިޔައިރު އަހަރެން ނުދަންނަމީހަކަށް ފެނުނީމާ ހުސޭނަކީ އިޒާންގެ ބައްޕަ ކަމުގައި ހީކުރާނެޔޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އަސްލުގައިވެސް އިޒާންގެ ބައްޕައަކަށް ވެދީފާނެ ހެއްޔޭ އަހަރެންގެ އަނެއްކާވެސް ހިތަށްއެރިއެވެ.

ހޮސްޕިޓަލު ކައިރީ ބުރަކަށީގައި ދަބަސް އަޅުވައިގެން ތިބި ދެފިރިހެނުންނަށް އަހަންނަށް ސަމާލު ވެވުނެވެ. އެތަނުން އެކަކު އެއީ އަހަރެން ކޮންމެވެސް ތާކުން ދެކެ ފަރިތަ މީހެއްހެން ހީވެގެންނެވެ. އަހަރުމެން އެތެރެއަށް ވަންނަން ތަންދެއްކުމުގެ ގޮތުން އެމީހުން ދުރަށްޖެހިލިއެވެ. އެއީ ކާކުކަން އަހަންނަށް ވިސްނުނީ އެމީހުން ފަސްދީ އެތެރެއަށް ވައިން ފަހުންނެވެ.

"މުހުސިނު!" އަހަރެން ގޮވާލީމެވެ. ހަމައެޔާ އެކު އޭނާ އެނބުރުމުން އަހަންނަށް ހީވީ ރަނގަޅަށްކަން އެގުނެވެ. އަހަރެން އަނބުރާލާފައި އޭނާ ކައިރިއަށް ދިޔައީމެވެ. އޭނާއަކަށް އަހަންނެއް ނޭގުނެވެ. ފާޑަކަށް އަހަންނާއި ދިމާލަށް ބަލަންހުރީއެވެ.

"މިއީ ރާނިޔާއޭ!" އަހަރެން ހިނިތުންވެލަމުން ބުނީމެވެ.

މުހުސިނު ބޯޖަހާލިއެވެ." އަހަރެންގެ ހިތަށް އަރާއެބަ ހާދަ ދަންނަކުއްޖަކާ ވައްތަރޭ" ސަލާމް ކޮށްލަމުން އޭނާ ބުނެލިއެވެ.

އޭނާގެ ކައިރީގައި ހުރިމީހާއަށް އިޝާރާތްކޮއްލާފައި އެމީހާގެ ރައްޓެއްސަކާ ބައްދަލުކޮށްލަން މިހިސާބަށް އައީ ކަމުގައި ބުނެ އޮޅުންފިލުވައިދިނެވެ. އޭނާ އެދަނީ ފޯއްމުލަކުން މާލެ ދާން ކަމުގައި އާއި އޭނާ އަދިވެސް އުޅެނީ އެ އޮފީހުގައި ކަމަށާއި އެކަމަކު އިޝާން އެއްވެސް ސަމީރެއްވެސް މިހާރު އެތާގައި ނޫޅޭކަމަށް އޭނާ ބުނެދިނެވެ. އެވާހަކަ ފެށުމުން އަހަރެން އަވަސް އަވަހަށް މިއައީ ދަރިފުޅަށް ވެކްސިންޖަހަން ކަމުގައި ބުނެ ހިގައިގަންނަން އުޅުނީމެވެ.

"އެއީ ފިރިމީހާތަ؟" އެވަގުތު މުހިސިނު އަހާލިއެވެ. އަހަރެން މަޑުމަޑުން އާއެކޭ ބުނީމެވެ. ހުސޭނަށް އެއަޑު ނީވޭނެ ކަމަށް އުއްމީދު ކުރަމުންނެވެ.

ވެކްސިން ޖަހާނިމިގެން ގެއަށްދާން ނުކުތްއިރު މުހުސިނުމެން ފެންނަން ނެތުމުން އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހުސޭނު ކުރިމަތީގައި އޭނާއާއި ވާހަކަ ދައްކާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.

"މިތަނަށް އައިއިރު ދޮރުމަތިން ދިމާވިމީހާ އާއި ތި ބައްދަލުވީ ވަރަށް ގިނަ ދުވަސްކޮށްފަ ދޯ؟" މަގުމައްޗަށް ނުކުމެފައި ހުސޭނު އަހާލިއެވެ.

އަހަރެން އާއެކޭ ބުނީމެވެ. އޭނާ އަކީ އަހަރެން އުޅުނު އޮފީހުގައި އުޅުނު މީހެއްކަމުގައި ބުނެދިނީމެވެ. އަދި އަހަރެން ރަށަށް ބަދަލުވި ފަހުން ދިމާނުވާކަމުގައިވެސް ބުނީމެވެ. "އަހަރެންގެ ހިތަށް އަރަނީ ކީއްވެގެންބާއޭ ފާތުން ދޮގުހެދީ؟ ދޮގެއްވާނީ ދޮގަކަށް ކިތަންމެ ކުޑަޔަސް ބޮޑަސް!" ހުސޭނު ވާހަކަ ދެއްކީ ކުޑަކޮށް ހިނިއައިސްފަ ހުރެގެންނެވެ.

އަހަންނަށް އޭނާއާއި ދިމާލަށް ބަލާލެވުނެވެ. އޭނާ އެބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން އޮފީހުން ކެނޑުނީ ހަމަ އަސްލުވެސް މަންމަ ކައިރީ ހުންނަންބޭނުންވެގެންނެވެ. އެއީ ދޮގެއްނޫނެވެ. ތެދުގެއެއްބައެވެ. އެވާހަކަ ހުސޭނުއަށް ވާނީ ކިޔައިދީފައެވެ.

"ފާތުންގެ ރަހުމަތްތެރިޔާ އެންމެފަހުން ކުރި ސުވާލަށް ދިނީ ތެދު ޖަވާބެއްނޫނެއްނު!"

އަހަރެން ލަދުގަތެވެ. ހުސޭނަށް އެއަޑު އިވޭނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ.

" އަހަރެން ނޫނެކޭ ބުނިނަމަ އިތުރު އެތަށް ސުވާލަކާ ކުރިމަތި ލާން ޖެހުނީސް.... އެހެންވެ ފަސޭހަގޮތް ހަދާލީ"

ހުސޭނު ބޯހޫރާލަމުން އަހަންނާއި ދިމާލަށް ބަލާލި ވަގުތު އަހަރެން 'ސޮރީ' އޭ ބުނެލީމެވެ.

"އެއީ އަހަންނަށް ސޮރީ ބުނަންޖެހޭ ކަމެއްނޫން!" ހުސޭނު ބުންޏެވެ. އަދި ދޮގުހެދުމަކީ ގޯސް ކަމެއްކަން އަހަންނަށް އެގޭނޫންހޭ ބުނެލިއެވެ.

"ކިހިނެތް އެގެނީ ތިޔަ ހެދި ދޮގުގެ ސަބަބުން ވެދާނެ ގޮތެއް؟ ..ހަމަ ކޮންމެފަދަ ހާލަތެއްވެސް ގޯހުން ގޯހަށް ވެސް ބަދަލުވެގެން ހިގައިދާނެ!" ހުސޭނު އެބުނި އެއްޗެއްވެސް އަހަންނަކަށް ނޭގުނެވެ. އެކަމަކު ސުވާލު ކުރާކަށްވެސް ނުކެރުނެވެ.

އެހިސާބުން އޭނައަށް ހިތްވަރުލިބުނެވެ. އަހަރެން ހެދި ދޮގު ތެދަކަށް ބަދަލުކުރަން އޭނާގެހިތް އެދޭތާ ދުވަސްތަކެއް ވެއްޖެކަމުގައި އޭނާ ބުނެދިނެވެ. އޭނާ އަހަރެންނާ އެކު ދިރިއުޅުމެއް ފަށަން އެދޭކަމަށް ބުންޏެވެ. އެހެންނަމަވެސް އޭނާގައިގައި އަހަރެން ގޮވައިގެން އުޅޭހާ ފެންވަރު ހުރިކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވޭތީ ހައްތާހާވެސް ފަސްޖެހެވެނީ ކަމުގައި ބުނެލިއެވެ.

ހުސޭނު ދުށްގޮތުގައި އަހަންނަށް އޭނާގެ ކުޑަކުޑަ ރަށަކު ނޫޅެވޭނެއެވެ. ހުސޭނުއަށް މަންމަ ދޫކޮށްލާފައި އައިސް މިކޮޅުގައި ހުރެވޭކަށް ނެތެވެ.

"ކަޅައިދޫ އަކީ ފަޅުރަށެއްތަ؟" އަހަރެން އަހާލީމެވެ.

"ނޫނޭ އެއީ އަހަރުމެންގެ ރަށް!" ހުސެއިން ބުނެދިނެވެ.

'ތިކަން އެނގެޔޭ...އަހަރެން މިއަހަނީ އެރަށުގައި އެހެން މީހުން ނޫޅެނީހޭ؟" ހުސެއިން އަކަށް އަހަރެން ކިޔާ އެއްޗެއް ނުވިސްނުނެވެ. ހައިރާން ކަމާއިއެކު ބަލާލިއެވެ.

"ނޫނޭ... އަހަރުމެން ރަށުގައި އުޅޭނެ ގާތްގަޑަކަށް އަށްސަތޭކަވަރަކަށް މީހުން...އެއަށް ވުރެވެސް ގިނަ ވިއްޔާ ވާނީ!"އޭނާ ބުނެލިއެވެ.

"ދެން އެހެންވިއްޔާ އެމީހުން ވެސް އުޅޭ ގޮތަކަށް އަހަންނަށް ވެސް އުޅެވޭނެ އެއްނު" އަހަރެން ބުނެލީމެވެ.

"އަސްލުވެސް ފާތުން އަހަންނާއި އިނދެފާނަންތަ؟" އަހަރެން އާނބަސް ބުނިކަން އޭނާއަށް ގަބޫލުކުރަން ދަތިވިކަހަލައެވެ.

އަހަރެން އާނެކޭ ބުނަން ބޯޖަހާލީމުން އޭނާ ވަރަށް އުފާވިކަން އަހަންނަށް އެނގުނެވެ.

ގެއާހަމައަށް ދެވުމުން އޭނާ ދޮރުމަތީ މަޑުކޮށްލާފައި ދެން މިގަޑީގައި ނުވަންނާނަން ކަމުގައި ބުނެލިއެވެ. އަހަރެން ކުޑަކޮށް މާޔޫސްވާގޮތް ވިއެވެ. އަހަރެން ހީކުރީ މިފަދަ ޚާއްސަ ދަނޑިވަޅަކު އިތުރަށް ވާހަކަ ދައްކާލަން އޭނާ މަޑުކުރާނެ ކަމަށެވެ.

"ފާތުން ނަށް އެނގޭތަ މިކަހަލަ ކޮންމެ ތަނެއްގައި ތިންވަނަ މީހަކު ވާކަން؟" ހުސެއިން ބުނެލިއެވެ. "އެއީ ޝައިޠާނާ!"

އޭނާ ގަބޫލު ކުރާ ގޮތުގައި ދެމީހަކު އެގޮތަށް ބައްދަލު ކުރަންޏާ ޝައިތޯނާ އެދޭތެރެއަށް ވަދެ ވަސްވާސް ދޭނެއެވެ. އަދި ފަހުން އެކަމާއި ދެރަވެ ހިތާމަ ކުރަން ޖެހޭވަރުގެ ކަމެއް ކުރެވިދާނެއެވެ.

"އަހަރުމެން އިންސާނުންގެ އަޒުމު ވަރަށް ބަލިކަށިވާނެ!" އެނާ ބުނެދިނެވެ.

އޭރު އަހަރެން ފެންކަޅިވެއްޖެއެވެ. އަހަރެންގެ ސިކުނޑިއަށް އެހެން މަންޒަރުތަކެއް ފެންނަން ފެށިއެވެ. އަހަރެން ލޯފޮހެލީމެވެ.

"ތީ އަހަރެން ހުސޭނުކައިރީ އެންމެ ކުރީއްސުރެ ދައްކަން ބޭނުންވެފައި އޮތްވާހަކައެއް!" އޭނާ އެމަޢުލޫއަށް ވާހަކަ ފެށުމުން އަހަންނަށް ކުޑަ ހިތްވަރެއްލިބުނެވެ. "އަހަންނަށް މިވަޅުގަޑުން އަރައިނުގަނެވިގެން އުޅޭ ސަބަބު"

"ނޫން!" އަހަރެންގެ ވާހަކަ ނުނިމެނީސް އޭނާ ބޯހޫރާލަމުން ވާހަކަ ދައްކަންފެށިއެވެ.

"އަޑުއަހަންތަ ތިމާ ހެޔޮ އަމަލެއްކޮށްފަ، މިސާލަކަށް ސޮދަގާތެއްކޮށްފަ އެވާހަކަ މީހުންކައިރި ނުކިޔާށޭ ބުނާއަޑު؟" އޭނާ ސުވާލު ކުރިއެވެ. އެޔާ އެކު އަހަރެން އާއެކޭ ބުނަން ބޯޖަހާލީމެވެ. "ނުބައި އަމަލެއްކުރެވުނަސް ހަމަ އޮންނަނީ އެހެން" ހުސޭނު ބުނެދިނެވެ. "އެވާހަކަ މީހުންކައިރީ ދައްކާކަށް ނުޖެހޭ..ދެން އެފަދަ ކަމެއް ތަކުރާރު ނުކުރަން އަޒުމު ކަޑައަޅާ ތަޢުބާވުން އޮންނީ...ފާފަ ފުއްސެވުން އެދި ދުޢާކުރުން....ދެމީހުންގެވެސް!" އަހަރެން އިސްޖަހާލީމެވެ.

"އަހަރުމެން އިންސާނުން ކުރާކޮންމެ އަމަލަކީވެސް އެފަރާތަށް ވަންހަނާ ވެގެން ވާނެ އަމަލެއްނޫންދޯ؟" ހުސޭނު ބުނެލިއަޑު އިވުނެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular