30 May 2023

މަންމަކައިރީ އިން އިރުވެސް އަހަންނަށް ޝެރީންއާއި ދޭތެރޭ ވިސްނުނެވެ. އޭނާ އުޅެނީ ކޮންކަހަލަ ދިރިއުޅުމެއްބާވައޭ ހިތަށް އެރިއެވެ. އޭނާ ވަދެގެން އައިރު އޭނާގެ މޫނުމަތިން އެއްވެސް ހިނިތުންވުމުގެ އަސަރެއް ނުދެކެމެވެ. މީހުންނަށް ހިނިތުންވެލުމަކީ ޑޮކްޓަރުންގެ ގައިގަ ހުންނަން ޖެހޭ ސިފައެއް ނޫންހެއްޔެވެ؟ އޭނާގެ ކުރިމައްޗަށް އަރާފައި މިއީ ރީނާއޭ ބުނެފިއްޔާ އޭނާ ހަދާނީ ކިހިނެއްބާވައެވެ؟

"ދަރިފުޅާ ދެން ގޮސް އެހެރަ ގޮނޑީގައި އޮށޯވެލަބަލަ އަރާމް ކޮށްލަން!" މަންމަގެ އަޑުއިވުނެވެ.

އޭރު އަހަންނަށްވެސް ވަރުބަލިކަން އިހުސާސް ކުރެވެން ފަށައިފިއެވެ. އަހަރެން ގޮސް އެގޮނޑީގައި އޮށޯތްތަނާ ހުސޭނު ކައިރީގައި މަންމަ ބަލިވާހަކަ ބުނެފިންތޯ އެއްސެވެ. އަހަރެން އޭނާއަށް ގުޅާކަށް ބޭނުމެއްނޫނެވެ. އޭނާ މިހާރު ވާނީ މަހަށްގޮސް ކަންނޭނގެއޭ އަހަރެން ބުނީމެވެ. ރަށުގައި އުޅުނު އިރުވެސް ފޯނުކުރާ ކޮންމެ ފަހަރަކުވެސް ހުސޭނުގެ ވާހަކަ މަންމަ އަހާނެއެވެ. މިއޮއްހާ ދުވަހު އޭނާ ރަނގަޅު މީހަކަށް ހަދައިގެން ވާހަކަ ދައްކަ ދައްކާފައި އޭނާގެ ގޯސް ވާހަކަ މަންމަކައިރީ ބުނާނީ ކިހިނެތްތޯ އަހަރެން ވިސްނާލީމެވެ. ނޫނީ އެވާހަކަ އިހަށް ދައްކަންވީ ދޮންބެދައްތަ ކައިރީގައި ކަންނޭނގެއެވެ.

އެހިސާބުން އަހަރެންގެ ޚިޔާލުތައް އިޝާންއާއި ދިމާލަށް ދަތުރުކުރިއެވެ. އޭނާއާއި އެގޭދޮށުން ދިމާވީ މީގެ ހަތަރު އަހަރު ކުރިންނެވެ. މިހާރު އެގެ ހަދާނިމިދާނެއެވެ. އޭނާ އުޅޭނީ އެގޭގައި ބާވައެވެ؟ މަންމަމެން މިހާރު އެއުޅޭ ހިސާބުން އެގެއާއި މާކަދުރެއް ނުވާނެއެވެ. އެގޭ ދޮށުން ބުރުޖަހަން ކުރިއަށް ވުރެ ފަސޭހަވާނެއޭ ހިތަށް އެރިވަގުތު ހިނިތުންވެލެވުނެވެ.

އެ ޚިޔާލުގައި އޮއްވާ އަހަންނަށް ނިދިފައި ހުވަފެނުން ފެނުނީ އިޝާން އެވެ. އޭނާ ސްޓޭޖެއްގެ މަތީ ލަވަކިޔަން ހުރެފައި އަހަންނާއި ދިމާލަށް ރަތް ފިނިފެން މަލެއް އެއްލިތަނެވެ. އެ މާ އަހަރެންގެ އުނގައްވެއްޓުނުތަނާ އަހަންނަށް ސިއްސައިގެން ގޮސްފައި ހޭލެވުނެވެ.

އޭރު ކޮޓަރިތެރެއަށް ދެއަންހެނުން ވަދެގެން އަންނަނީއެވެ. އެއީ މަދީހާގެ މަންމައާއި ބޮޑު ދައިތައެއްކަން އަހަރެންގެ މަންމަ އޮޅުންފިލުވައި ދިނެވެ. އެދެމީހުންވެސް އަހަންނާއި ސަލާމް ކޮށްލަމުން އަހަރެންގެ ފެހުމާއި ބެހޭގޮތުން ސުވާލު ކުރިއެވެ. އަދި އަހަރެން ރަށަށް ގޮސްފިއްޔާ ވަރަށް ފަހާ އެއްޗެތި ލިބޭނެކަމުގައި މަދީހާގެ ބޮޑުދައިތަ ކިޔައިދިނެވެ. މަންމަ ގޮވައިގެން ރަށަށް ބަދަލުވާށޭ ތި ހުރިހާ ބައްޔެއްވެސް ތިވަނީ މާލޭގައި ކުޑަކުޑަ ތަންކޮޅެއްގައި އުޅޭތީކަމަށް އޭނާ މަންމައާއި ދިމާލަށް ބުންޏެވެ.

ރަށުގައި ރަނގަޅު ޑޮކްޓަރުން ތިބޭނަމަ އޭނާވެސް މާލެ ނާންނާނެ ކަމުގައި އޭނާ ބުނެލިއެވެ. އޭނާ އައީ ޑޮކްޓަރ ޝެރީންއަށް ދައްކަން ކަމަށާއި އެންމެ އަވަހަށްވެސް ނަމްބަރެއް ލިބެން އަންނަނީ އަންނަ ހޯމަ ދުވަހަށް ކަމުގައިވެސް އޭނާ ކިޔައިދިނެވެ.

އަހަރެން ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަދައިގެން ނުކުތްއިރު އެމީހުން ދައްކަމުން ގެންދިޔައީ ކޮންމެވެސް ބޭރު ގައުމެއްގައި ހުރި ކޮންމެވެސް މީހެއްގެ ވާހަކައެވެ. އެ އަންހެންމީހާ އިސްލާމްވެގެން ރާއްޖޭގައި ދިރިއުޅެން އަންނާނެހޭ މަދީހާގެ ބޮޑު ދައިތަ ބުނެލި އެވެ. އެވަގުތު މަންމަގެ ކައިރިއަށް ޑޮކްޓަރު އައުމުން އެމީހުން ދަނީއޭ ކިޔާފައި ނުކުމެގެން ދިޔައެވެ.

ޑޮކްޓަރު ބަލާފައި މަންމަ މިހާރު ވަރަށް ރަނގަޅޭ މާދަމާ ގެއަށް ފޮނުވާނަމޭ ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. ޑޮކްޓަރު ދިޔުމުން މަދީހާގެ މަންމަމެން އެދެއްކީ ކާކުގެ ވާހަކައެއްތޯ އަހަރެން އަހާލީމެވެ.

"މަދީހާ ބޭބެ.. އޭނާ ފިލިޕީންސުން ކުއްޖަކާ ހިތާވެގެން އަންހެނުން ވަރިކޮށްފައި އެކުއްޖާ ފަހަތުން ގޮސްވީ" މަންމަ އޮޅުން ފިލުވައި ދިނެވެ.

"ރުޝްދީތަ؟" އަހަންނަށް އަހާލެވުނެވެ. ހުސޭނު ފޯނުނެގި ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް އަހަންކަށް ނުވެއެވެ.

އިވާންކޮއްކޮ އައީ ހަވީރު ފަސްގަޑި ބައި ވީ ތަނާއެވެ. މަންމަ ކައިރީ ރޭގަނޑު އިންނާނީ އަހަންނޭ ބުނެފައި ގެއަށް ދާން ނުކުތީމެވެ. ހޮސްޕިޓަލުން ނުކުންނަން ދިޔަ މަގުމަތީގައި ޝެރީން ފެނޭތޯ ބަލައިލާނަމޭ ހިތާ އެކޮޓަރި ކައިރިއަށް ދިޔައީމެވެ. އެކަމަކު އޭރު އޭނާގެ ޑިއުޓީ ނިމިއްޖެއެވެ. އެތާނގައި އިނީ އެހެން ޑޮކްޓަރެކެވެ.

ޓެކްސީއެއް ހޯދަން މަގުމައްޗަށް ނުކުތްވަގުތު ލޮލުގައި އަޅައިގަތީ ދުރުންފެންނަން އޮތް އުދަރެހެވެ. އޮއްސެންދާ އިރުގެ ވަދާއީ ރަސްމިއްޔާތެވެ. އޮރެންޖު ކުލައިގެ ތެރެއިން ސުވާސާކުލަ ގަދަކުރަމުން އަންނަ ވިލާތަކެވެ. އެމަންޒަރު ވަރަށް ހިތްގައިމެވެ. އަހަރެން ފޮޓޯ ނަގާހިތްވިއެވެ. މަގުހުރަސްކޮށް ތޮށިގަނޑު ކައިރިއަށް ދާން މިސްރާބު ޖެހީމެވެ. އެއީ ހަވީރުގެ ވަގުތުކަމުން މަގުމަތީގައި ދުއްވާ އެއްޗެތި ވަރަށް ގިނަކަން އަހަންނަށް ފާހަގަކުރެވުނެވެ. އަހަރެން ވަރަށް ޖެހިލުންވެ ހުރެ، އެހެން ދިޔަ ދެ އަންހެނުންގެ ފަހަތުން ހިނގާފައި މަގުގެ އަނެއްފަރާތަށް ދިޔައީމެވެ. އޭރުވެސް ވަރަށްގިނަ މީހުން އެމަންޒަރު ފޮޓޯ ނަގަން ތޮށިގަނޑު ކައިރީ ތިއްބެވެ. އަހަރެންވެސް މީހުންތަކުތެރެއިން ތަންކޮޅެއް ހޯދާލައިގެން ހުއްޓުނީމެވެ. އޮއްސެންދިޔަ އިރު ވިލިނގިލިން ނެއްޓިފައި އިނީ ހަމަ ކިރިޔާއެވެ. އަހަރެން ފޮޓޮއެއް ނަގާފައި ބަލާލީމެވެ. ކަނޑުމަތިން ދުއްވަމުން ދިޔަ ލޯންޗެއް، އެފޮޓޯއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

އިރުފެނުގައި ޖެހެން ފެށުމާއިއެކު މުޅިތަނަށް ހަމަހިމޭން ކަމެއްވެރިވިކަން އިހުސާސް ކުރެވުނުވެ. ހީވާގޮތުން އެންމެންވެސް އެމީހަކަށް ނެގޭނެ އެންމެ ފުރިހަމަ ފޮޓޯއެއް ނެގޭތޯ މަސައްކަތްކުރަނީއެވެ. ނުވަތަ އިރު ވަކިވެގެންދާތީ އެކަމުގެ ހިތާމައިގައި އެންމެން މަޑުމޮޅިވީއެވެ. އަހަރެން ނިންމީ އެމަންޒަރު ވީޑިއޯ ކުރާށެވެ.

"ނޫނޭ މާލޭ ގަ !" ވަރަށްކައިރިން މީހަކު ވާހަކަ ދެއްކިއަޑު އިވުމުން އަހަންނަށް ބޭއިޚްތިޔާރުގައި ބޮޑުޗޮކެއް ކަނޑާލެވުނެވެ. ވީޑިއޯއަށް އެއަޑު އަރާނެތީއެވެ.

"މިހާރު މިހިރީ..... ހޮސްޕިޓަލް ކައިރީ ، މިރޭ ދިމާކުރާނަން!"

ދެވަނަ ފަހަރަށް އެއަޑު އިވުމުން އަހަންނަށް ސަމާލުވެވުނެވެ. އެދިމާއަށް ބަލައިލެވުނެވެ. ފެނުނީއޭނާގެ ފުރަގަހެވެ. އޭނާ ލައިގެންހުރީ ހުދުކުލައިގެ ގަމީހަކާއި ނޫ ޖީންސެކެވެ. ފޯނުން ވާހަކަ ދައްކަމުން ކުރިއަށް ދަނީއެވެ. އެއީ އިޝާން ބާވައެވެ؟ އަހަރެންގެ ހިތްތެޅިގަތެވެ. އެމީހަކުވެސް ތަންކޮޅެއް ދުރަށް ގޮސް ތޮށިގަނޑު ކައިރިއަށް ހުއްޓި ފޯނުން ފޮޓޮއެއް ނެގިތަން ފެނުނެވެ.

އޮއްސުނު އިރުގެ އަލްވަދާއުގައި އެއްވި ކުލަ ވިލާތައްވަނީ ހުޅަނގު އުދަރެސް ފުރާލާފައިވެއެވެ. ވިލާތަކުގެ ބައްޓަންތަކުން ސިފަކުރެވެން ހުރި ސޫރަތަކާއި އުންމީދާއި، މާޔޫސްކަމާއި، ފޮނިކަން އެމަންޒަރުން ދޭހަވާން ހުއްޓެވެ. އެހެންނަމަވެސް އެ މަންޒަރުގެ ފޮޓޯ އަހަންނަކަށް މުހިންމެއް ނުވިއެވެ. ހިތް އެދެމުން ދިޔައީ އެއީ އިޝާންތޯ ޔަގީން ކުރަން އޭނާގެ ކައިރިއަށް ދިއުމަށެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އަހަރެން ހިނގައިގަތީމެވެ. އަހަންނަށް ދެތިން ފިޔަވަޅު އެޅުނުތަނާ އޭނާ މިކޮޅަށް އަންނަން ހިނގައިގަތެވެ. އެއީ ހަމަ އެނާކަން ޔަގީންވި ހިނދު އަހަރެންގެ ހިތް އުފަލުން ތެޅިފޮޅި ގަތެވެ. އޭރު އަހަރެންގެ ހިތް ތެޅޭއަޑު އެހިސާބުގައި ތިބި އެންމެންނަށް އިވޭނެކަން ހަމަ ޔަގީނެވެ. ހީވެސް ނުކޮށް ހުއްޓާ އަނެއްކާވެސް އޭނާއާއި ދިމާވީއެވެ. އަހަރެން ތޮށިގަނޑު ކައިރީ މަޑުކޮށްލީމެވެ. އޭނާ އަރާ ހަމަވާން ކައިރިވުމުން ފިނިވާން ފެށިއެވެ. އެކަމަކުވެސް ހިތްވަރުކޮށްފައި އޭނާއަށް ގޮވާލަން ތައްޔާރު ވީމެވެ. އެހެންނަމަވެސް އަހަންނާއި ހަމައަށް ނާދެވެނީސް އޭނާގެ ފޯނު ރިންގުވިއެވެ. އޭނާ ފޯނުން އިގިރޭސިން ވާހަކަ ދައްކަމުން ކުރިއަށް ދިޔައީ އަހަރެން މިއީ ކާކުކަމެއް އަދި އޭނާ ފެނުމުން އަހަންނަށް ގޮތްތަކެއް ވީކަމެއް ނޭނގޭ ހާލުގައެވެ.

ދެން ހަދާނެ ގޮތެއް ނުވިސްނިފައި ކުޑަ ހިނދުކޮޅަކު އަހަރެން ހުރީމެވެ. ހަތަރު އަހަރު ކުރިން އެގޭދޮށުން އޭނާ އާއި ދިމާވިއިރު ހުރި ހިތްވަރާ އަޒުމުގެ މަތިން ހަނދާންވިއެވެ. އަހަރެން މިހާރު އެއަށްވުރެވެސް ވަރުގަދަ ވާންޖެހޭނެއެވެ. މިދަތުރުގައި އަހަރެން މާލެއައިސް މިހިރީ ވަރުގަދަ އަޒުމެއްގައެވެ. ކޮންމެކަމަކާވެސް ކުރިމަތިލާން ކެރިގެންނެވެ.

އަހަރެން ބޭނުމީ އިޝާންއަށް އަހަރެން މިއީ ކާކުކަން ބުނެދީ އޭނާގެ ހާލުއަހުވާލު ބަލައިލުމަށެވެ. އެއަށްވުރެ ދުރަކަށް ވިސްނުންގެންދާކަށް މިވަގުތަކު ބޭނުމެއްނޫނެވެ. ނަމަވެސް ހިތުގައި އުއްމީދެއް އޮތެވެ. ފަނޑުނުވި އަޒުމެއްވެއެވެ.

ލަސްފިޔަވަޅު ތަކެއްގައި އޭނާގެ ފަހަތުން ހިނގަމުން ގެންދިޔައީ އޭނާ ފޯނު ނިންމާލާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. މަގުހުރަސް ކުރާ ހިސާބަށް ދެވުމުން އޭނާ ހުއްޓުނެވެ. އަނެއްކޮޅުން އައި މީހުންނަށް ތަން ދައްކަމުން އެއްކައިރިއަށް ޖެހިލިއެވެ. އެތަނުން ދެމީހަކު އެމީހުންގެ ރަށުބަހުން ބާރު ބާރަށް ވާހަކަ ދައްކަމުން އައިސް އަހަރުމެން ދެމީހުންގެ މެދަށް ވާގޮތަށް ތޮށިގަނޑު ކައިރިއަށް ހުއްޓުނެވެ. އޭގެ ފަހަތުން އައި ފިރިހެނަކު ވަރަށް ހެވިފައި އިޝާންއާއި ދިމާލަށް ދިޔައެވެ. އޭނާ ފެނުމުން އިޝާން ފޯނު ނިންމާލިއެވެ. އެމީހަކާ ސަލާމް ކޮށްލަމުން ވާހަކަ ދައްކަމުން ތޮށިގަނޑު ކައިރިއަށް ޖެހިލިއެވެ. އެއާއިއެކު އަހަރެންވެސް ތޮށިގަނޑުގައި ލެނގިލައިގެން މަޑުކޮށްލީމެވެ. ކައިރިއަށް ހުއްޓިތިބި ބޭރު ދެމީހުން ނިވާފަތް ގަނޑަކަށް ހަދައިގެން ސިއްރުސިއްރުން އިޝާންއާއި ދިމާލަށް ބަލަމުން ގެންދިޔައީ އެދެމީހުން ވާހަކަ ދައްކާ ނިންމާލާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.

އަހަރެން މިއީ ރީނާއޭ ހަމަ ބުނަންވީ ބާވައެވެ؟ އޭރުން އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާއަށް ވާނީ ކިހިނެތްބާވައެވެ؟ އޭނާ އަހަރެން މަތިން ހަނދާނެއް ނެތޭ ބުނެފާނެ ހެއްޔެވެ؟ އެހެންވެއްޖިއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ސިކުނޑިތެރެ ހަލަބޮލިވެގަތް ވަގުތު ކުއްލިއަކަށް ޖެހިލުންވިއެވެ. ނޫނެކެވެ. އޭނާ އަހަރެން މަތިން ހަނދާން ހުންނާނެއެވެ. ހިތުތެރެއަށް ވަތް ނުބައި ވަހުމު އެއްކިބާ ކުރަން އަހަރެން މަސައްކަތް ކުރީމެވެ.

މިފަހަރު ކައްދޫ އެއަރޕޯޓުން ކޮފީ ބުއި ބިލްކޮޅު އަހަރެންގެ ދަބަހަށް ލީ ހަނދާންވިއެވެ. ދަބަސް ހުޅުވާލިތަނާ ވަރަށް ފަސޭހައިން އެ ބިލުކޮޅު ފެނުނެވެ. އެ ގަނޑުކޮޅު ނަގާ މުށުތެރެއަށް ލަމުން މިއީވެސް އިއްތިފާގެއް ބާވައޭ ހިތަށް އެރިއެވެ. ކުރީފަހަރު އޭނާގެ އޮޓޮގްރާފު ހޯދި ގަނޑުކޮޅު އަދިވެސް އަހަރެންގެ ދަބަހުގެ އެންމެއަޑީގައި ރައްކާކޮށްފައި އެބައޮތެވެ. އޮޓޮގްރާފު ހޯދި ގަނޑުކޮޅު އަދިވެސް އަހަރެންގެ ދަބަހުގެ އެންމެއަޑީގައި ރައްކާކޮށްފައި އެބައޮތެވެ. އޭނާގެ އޮޓޮގުރާފް ދޭށޭ ބުނަންވީ ކަންނޭނގެއެވެ. އޭނާ އަހަރެން ކައިރީ ކޮންނަމެއްހޭ ލިޔަންވީ އަހާ ހިސާބުން އަހަރެން މިއީ ކާކުކަން ބުނެދޭނީއެވެ. ނޫނެކެވެ. އެންމެ ފުރަތަމަ އަހަރެން މިއީ ކާކުކަމެއް ނޭނގުނު ދޯ އޭ ބުނާނީއެވެ. އެހިސާބުން އޭނާ އަހަންނާއި ދިމާލަށް ވަރަށް ފަރުވާތެރިކަމާއި އެކު ބަލަންފަށާނެ ކަން ޔަގީނެވެ. އެވަގުތު މީގެ އަށާރައަހަރު ކުރިން، އަހަންނަށް ހިތްވަރު ލިބުނު ދުވަހަކުން އެނާގެ ކުރިމައްޗަށް އެނބުރި އަންނާނަމޭ ބުނިން ކަމުގައި ބުނާނީއެވެ. އޭރުން އޭނާއަށް ވާނީ ކިހިނެތްބާވައެވެ؟ ރީނާއޭ ކިޔާފައި އައިސް އަހަރެންގެ ގައިގަ ބައްދާލަފާނެ ހެއްޔެވެ؟ އަހަންނަށް އެ މަންޒަރު ފެންނަން ފެށިއެވެ. އެއާއިއެކު އަހަރެންގެ ހިތުގެ ތެޅުން ކުރިއަށް ވުރެވެސް ބާރުވެގެން ދިޔައެވެ.

"އިޝާން!" ދާދި ކައިރިން އަންހެނެއްގެ އަޑު އިވުމުން އަހަރެން ސިހުނެވެ. އެދިމާލަށް ބަލާލެވުމާއިއެކު އަނގަމަތީގައި އަތްއެޅުނެވެ. އަހަންނާއި ދާދި ކައިރިއަށް ހުއްޓިގެން ހުރީ ޝެރީން ނޫން ދެވަނަ މީހެއްނޫނެވެ. އެ ދަނބުކުލައިގެ ޓޮޕާއި ކަޅު ހަރުވާޅެވެ. ކަޅުއަތްދަބަސް ހުދުކުލައިގެ ޑޮކްޓަރ ކޯޓެވެ. އަހަރެން އަވަސް އަވަހަށް އެނާއަށް ފުރަގަސް ދިނީމެވެ. އަހަރެންގެ ސިކުނޑިއަށް ވަރުގަދަ ތޫފާނެއް އެރިއެވެ. އިޝާންއާއި ޝެރީން!؟

"ފޯނު ނަކަށް ނުގުޅޭ!" ޝެރިންގެ އަޑު އިވުނެވެ. ސިއްރުސިއްރުން އެދިމާލަށް ކަޅި ހިނގާލިއިރު އިޝާން މިކޮޅަށް އަންނާތި ފެނުނެވެ. އޭނާ ޖަވާބުދިނުމުގެ ގޮތުން ކޮންމެވެސް އެއްޗެއް ބުންޏެވެ. އެކަމަކު އަހަންނަކަށް ސާފެއްނުވިއެވެ. ދެން އިވެންފެށީ ޝެރީންގެ ބޫޓުގެ ޓޮކްޓޮކް އަޑެވެ. އެއަޑު ބާރުގަދަ ޓަތްކެއްގެ ގޮތުގައި އަހަރެންގެ ހިތުގައި ޖެހެންފެށިއެވެ. އަހަރެން އެނބުރި ބަލާލިއިރު އެދެމީހުން މަގުހުރަސް ކުރަނީއެވެ. ޝެރީންގެ އަތުގައި އިޝާން ހިފި މަންޒަރު ފެނުމުން އަހަރެންގެ މުޅިގައިން ވަރު ދޫވެގެން ދިޔައެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular