7 May 2024

އިންތިޒާރުގައި- 27

އޯ.... ލިޔުޝާ އަކަށްވެސް އަދި ނޭނގޭތަ؟" އެހެންބުނަމުން އޭނާ އަނގަމަތީގައި އަތްއެޅިއެވެ. "އަޅެ، ވަރަށް ބޮޑަށް ސޮރީ އަހަރެން ހީކުރީ އިއްމަ ބުނެފައި ކަމަށް އޮންނާނީ" އިރުކޮޅަކަށް ފަހު އަނެއްކާވެސް ސަލީނާ ވާހަކަ ދައްކަން ފެށިއެވެ. "ކޮންމެސް ކޮންމެސް ލިޔުޝާއަށް ދައްތަގެ ފަރާތުން އެނގުނު ކަމަށް ނަހަދާތި އަޅެ!" ސަލީނާ ވަރަށް ކަންބޮޑުވިއެވެ.

ސަޖުނާގެ ބަނޑަށް މިހާރު ދެމަސް ވަނީ ކަމަށާއި އޭނާ އެކަނިވެގެން މާބޮޑަށް ޑިޕްރެސް ވާހެން ހީވާތީ ސަލީނާ އައީ ކަމުގައިވެސް ބުނެދިނެވެ.

"ކޮންމެ ދުވަހަކު ފޯނު ކޮށްގެން ރޯނެ ދައްތަ އަންނާށޭ ކިޔާފައި...... އޭނާ ގަބޫލު ކުރޭ އިއްމަ އަކަށް އަބަދަކު އޭނާގެ ކައިރި އަކު ނުހުރެވޭނެކަންވެސް އެހެންވެ ދެން މިއައީ... ދައްތައަށް ހީވަނީ ބޭސްބަލާ ދެން އިއްމައަށް ދާކަށް ނުޖެހޭނެ ކަންނޭގެ އޭގޭ ބަދަލުގައި ދައްތަ ކަންނޭގެ ކޮންމެ މަހަކު އެއްފަހަރު އަންނަން ޖެހޭނީ" އޭނާ އަނގަ ތަޅުވަމުން ގެންދިޔައެވެ.

އިއްމަ އަހަރެން ކައިރީ އެވާހަކަ ނުބުނެ އޮއްވާ އޭނާއަށް ބުނެވުނީތީ އެކަމާ ވަރަށް ދެރަވެގެން ނާއި ކަންބޮޑުވެގެން ހުއްޓާނުލާ އެވާހަކަ ދައްކަމުން ގެންދިޔައެވެ. އަދި އަހަންނަށް އެނގޭ ކަމަށް ނަހަދާ ހުންނާށޭ ބުންޏެވެ.

"ކޮންމެ ހެނެއްވިޔަސް އެއީ ސިއްރު ވާނެ ކަމެއްނޫން ދޯ" އަހަރެން އެއްޗެއް ނުބުނެ އިނުމުން އޭނާ އަނެއްކާވެސް ވާހަކަ ފެށިއެވެ. އޭރު އަހަރެން އިނީ ދަތްކުޑި ވިކިފައެވެ. ސަލީނާއާއި ދިމާލަށް 'ސްޓޮޕް އިޓް' އޭ ކިޔާފައި ބާރަށް ހަޅޭއްލައިގަންނަން ކިތަމެ ފަހަރަކު ހިތަށް އެރިއެވެ. ސަލީނާ ދެން އިތުރަށް ދެއްކި ވާހަކައިން އޭނާގެ ހުވަފެނަކީ އިއްމަގެ އެޕާރޓުމެންޓު ހަދައިގެން ސަޖުނާ ގޮވައިގެން އައިސް އެތަންނުން އެއް އެޕާރޓުމެންޓު ގައި ދިރިއުޅުންކަން އަހަންނަށް ދޭހަވިއެވެ.

ސަލީނާ ދިޔައިރު އަހަރެން ހުރީ ވަރަށް ދެރަވެ، މާޔޫސްވެފައެވެ. ސަޖުނާ ބަނޑުބޮޑު ވާހަކަ އިއްމަ އަހަރެން ކައިރީ ނުބުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަދިވެސް އެންމެ ލޯބިވަނީ އަހަރެން ދެކެއޭ އެބުނަނީ ހަމަ ތެދެއް ބާވައެވެ؟ ނޫނީ އެއީ އަހަރެން ހިތްހަމަ ޖައްސައި ދޭން ބުނާ އެއްޗެއް ހެއްޔެއެވެ؟ ކޮންމެ ގޮތެއްވިޔަސް އަހަންނަށް ނުފެންނަ ހިސާބު ދުރުގައި ވާ ކަންތަކެއް ނޭނގޭނެ ތާއެވެ.

އިއްމަ ގެއިން ނުކުމެގެން ދަމުން އެހެންޏާ ގޮތަށް އަހަރެންގެ ގައިގަ ބައްދާނުލާ ދިޔައީތީ އެކަމާވެސް ވިސްނެނީއެވެ. އޭނާއަށް ސަލީނާ އިނީމާ ނުކެރުނީ ކަން އަހަންނަށް ޔަގީނެވެ. އޭނާ އެމީހުންގެ ކައިރީ އަހަރެންދެކެ އެއްވެސް ލޯތްބެއް ނުވާކަމަށް ހެދެނީ ކަންނޭގެއެވެ.

އެރޭ އަހަރެން ކާހިތެއްވެސް ނުވިއެވެ. ނޫރާ ބޮޑު އެނދުގައި ބާއްވައިގެން އޭނާއާއި އެކީގައި އަރާ އޮށޯވެ އޮތީ އިއްމަ ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. އެކަމަކު އޭނާ އެހާ ދުރުގައި ހުއްޓާ އެވަހަކައެއް ނާހާނަމެވެ. އެއްވެސް ޝަކުވާއެއް ނުކުރާނަމެވެ. ހިތް އެދެމުން ދިޔައީ އޭނާ އަދިވެސް އަހަރެން ދެކެ ހަމަ އެހާ ލޯބިވާ ވާހަކަ ބުނާ އަޑު އަހާށެވެ.

އަހަރެން ނިދި ނައިސްގެން ދެއަތަށް ފޮރޮޅި ފުރޮޅި އޮއްވާ މަންމަ ގުޅިއެވެ. އެޔާއިއެކު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަހަރެންގެ ފިކުރު ތަކާ ދުރުވެވުނެވެ. މަންމަގެ އިތުރަށް އަހަރެންގެ ކޮއްކޮމެން ވެސް ފޯނުން ވާހަކަ ދެއްކިއެވެ. އެކުދިން ތިބީ ނޫރާ ކޮއްކޮ ދެކޭ ހިތުން ކެތްމަދުވެފައެވެ. ބޮޑު ޗުއްޓީގައި އަހަރެން އެރަށަށް ދާނެ ވާހަކަ ބުނީއްސުރެ އެދުވަހުގެ އިންތިޒާރުގައި ކަމަށް މަންމަ ބުނެދިނެވެ.

"ދަރިފުޅު ދެކިލަން މަންމަމެން ދާން ވީ ދޯ!" މަންމަ ވާހަކަ ދައްކަމުން ބުނެލިއެވެ. އެޔާއިއެކު އަހަރެން އަވަހަށް އާނއެކޭ ބުނީމެވެ. އޭރުން ވަރަށް އުފާވާނެ ކަމުގައި ބުނީމެވެ.

ފޯނު ނިންމާލާފައި އަހަރެން ވިސްނީ އެކަމާއެވެ. މަންމަމެން މާލެ އައީމާ ބައިތިއްބާނީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. އެންމެފަހުން ދޮންތައާއި ވާހަކަ ދައްކައިގެން އެގޭގައި ހުރި ކޮޓަރީގައި ބޭތިއްބޭނެ ގޮތެއް ވޭތޯ ބަލަން އަހަރެން ނިންމީމެވެ.

އަނެއްދުވަހު ހެނދުނު ހޭލެވުނީމާ އެންމެ ފުރަތަމައިނުންވެސް ބަލާލެވުނީ ފޯނަށެވެ. އިއްމަގެ މިސްޑް ކޯލެއް ނެތް ތަނުގައި މެސެޖެއްވެސް ކޮށްލާފައެއް ނެތެވެ. އަހަރެން ވަރަށް ދެރަވިއެވެ. އޭނާ އަހަރެންގެ ޚަބަރު ބަލާނުލީ ކީއްވެގެން ހެއްޔޭ ހިތަށް އެރިއެވެ. ރޭ ހަތަރު ދަމު އޭނާ އޮތީ ސަޖުނާއަށް ގުޅައިގެން ބާވައެވެ؟

އަހަރެންގެ ހިތްދަތިކަން އިންތިހާއަށް ދާ ކޮންމެ ފަހަރަކު ފާރިޝް މަތިން އަދިވެސް ހަނދާން ވެއެވެ. އެއީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އެދުވަހުވެސް އަހަރެންގެ ހިތް ބޭނުންވީ ފާރިޝް އާއި ވާހަކަ ދައްކާލާށެވެ. އަހަރެންނަށް މިކުރިމަތި ވެފައިވާ ހުރިހާ ކަމެއް އޭނާއަށް ކިޔައިދޭށެވެ. އޭނާއަށް އަހަރެންގެ ހިތް ހަމަޖައްސައި ދެވޭނެއޭ ހިތް ބުނަމުން ދިޔައެވެ. އެހެންނަމަވެސް އަހަރެން އޭނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟

އެ ހާދިސާ ހިނގިފަހުން މިހާރު ތިން އަހަރު ވާން ކައިރިވީއެވެ. ފާރިޝް ދުނިޔޭގައި ހުއްޓެއް ނެތެއްވެސް އަހަންނަކަށް ނޭނގެއެވެ. ކުރީ ފަހަރު ހެން އޭނާ ހޯދަން އެގޭ ދޮށަށް ދާ ހާ ހިތްވަރެއް އަހަރެންގެ ކިބައަކު މިހާރަކު ނެތެވެ. ހަފީޒާ އަރިހުގައި އެހިއަސް ފާރިޝްގެ ޚަބަރު އޮޅުން ފިލާނެކަން އަހަންނަށް އިނގެއެވެ. އެންމެ ކުޑަމިނުން އޭނާގެ މަންމަގެ ނަމްބަރު އަތުލެވޭނެއެވެ. އެކަމަކު އޭގެން މިހާރު އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ ފާރިޝްގެ ހާލު އިގުމުން އަހަރެން ވާނީ އުފާބާވައެވެ؟ ނޫނީ އިތުރަށް ވާނީ ދެރަ ހެއްޔެވެ؟.

އެހެންނޫނަސް އޭނާއަށް އެބަލި ޖެހުނީ އަހަރެންގެ ފަރާތުން ކަން އެނގުނީމާ އޭނާ އަހަރެންދެކެ ރުޅިއަންނާނެ އޭވެސް ހިތްބުނަނީއެވެ. ކޮންމެ ފަހަރަކުވެސް އެހިސާބަށް އަހަރެންގެ ވިސްނުން ދިޔުމާއި އެކު އޭނާ އާއި އަލުން ގުޅަން އުޅުމުގެ ޚިޔާލު ދޫކޮށްލެވެއެވެ. އެގޮތުން މިފަހަރުވެސް ހަމަ ޖެހުނީ އެތާނގައެވެ. މާޒީ މަޒީގެ ގޮތުގައި ބޭއްވުމަށް ވުރެ ބުއްދިވެރި ގޮތެއް ނުއޮންނާނެ ކަން އެވަގުތު އަހަރެންގެ ސިކުނޑި ވިސްނައި ދިނެވެ.

އިއްމަ ގުޅީ އެދުވަހު ހެދުނު ނުވަގަޑި ބައި ވިތަނާއެވެ. އެއީ ހުކުރު ދުވަސް ކަމުން އަހަރެން އޭރު އުޅެނީ ގޭތެރޭގެ ބޮޑު ސާފު ކުރުމުގައެވެ. ނޫރާވެސް އަހަންނާއި އެކީގައި އޭނާގެ ކުލޭ އެއްޗެތިތައް ނަގާ ތަރުތީބު ކުރަން އުޅެއެވެ.

"ލިޔު ސޮރީ ރޭގަ ނުގުޅުނީތީ!.... ވަރަށް އެހެންކަހަލަ ވާހަކައެއް ދައްކަން މިގުޅީ!" އިއްމަ އެންމެ ފުރަތަމައިނުންވެސް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ އާދަޔާ ޚިލާފު އުފާވެރިކަމެއް ހެން އަހަންނަށް ހީވިއެވެ. "ލިޔު އެކަނި ތަ ތިހިރީ؟" އޭނާ އަހާލިއެވެ.

"އާނ! އަހަންނާ ނޫރާ އާއި ދެމީހުން... ނުރާ އެބައުޅޭ އޭނާގެ ބާބީ ތަކުގެ ހެދުންތައް ދޮންނަން ވީއޭ ކިޔައިގެން" ސޯފާ މަތީ ހުރިހާ ބުދު ތަކެއް އަތުރައިގެން ފަހަރަކު ބުދެއްގެ ހެނދުން ބާލަން އިން ނޫރާއަށް ބަލާލަމުން އަހަރެން ބުނެދިނީމެވެ.

"ރޭގައި އަހަންނަށް ދިމާވީ ގެސްޓު ދެމަފިރިން... ސުވިސް ފިރިހެނަކާ ސައުތު އެފްރިކާ އަންހެނެއް... އެގޭތަ އެއަންހެން މީހާއަކީވެސް ލިޔު ގޮތަށް ޕޮޒިޓިވް މީހެއް، ފިރިމީހާ ނެގެޓިވް.. އެކަމަކު އެދެމީހުން އެއުޅެނީ އެކީގަ!" އިއްމަ ކިޔައިދިނެވެ. އަދި ދޭއް ޖަހާ ބޮޑު ވި އިރުވެސް އެމީހުންނާއި ވާހަކަ ދައްކަން އިދެވުނީ ކަމުގައި އޭނާ ކިޔައިދިނެވެ.

"އެހެންވެ އެހާ ލަސްވީމާ ލިޔު ނިދާފައި އޮންނާނެތީ ނުގުޅީ"

"ތި އަންހެން މީހާ ބަލިތަ؟" އަހަންނަށް އަހާލެވުނެވެ.

"ނޫނޭ ބައްޔެއް ނޫން ، ހަމަ ގަދަ ފަދަ....... އެދެމީހުން ގެ އެގުޅުންވެސް ހަމަ ކުރިއަށް ގެންދަމޯ!" އިއްމަ ބުނެލިއެވެ.

"އޭނ! ކިހިނެތް؟" އަހަންނަށް އަހާލެވުނެވެ.

އިއްމަ ކިޔައިދިނެވެ. އަދި "އަހަރެންވެސް ޓުރައި ކުރަން ބޭނުން" އެހެންބުނެލިއެވެ.

އޭނާގެ އަޑުގައިވާ އުފާވެރިކަމުގެ އަސްލަކީ އެއީކަން އަހަންނަށް ވިސްނުނީ އެހިސާބުންނެވެ. އަހަންނަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ފެންކަޅިވާން ފެށިއެވެ.

"ލިޔު ފަހުން ގުޅާނަން.... މިހާރު މިދަނީ ވާރކް ނިންމާލެވޭތޯ .. އަހަރެން ބޭނުން މިރޭ ލިޔު ކައިރިއަށް ދާން!" އެހެން ބުނަމުން އޭނާ ފޯނު ކަނޑާލީއެވެ.

އަހަންނަށް ސޯފާގައި އިށީދެވުނެވެ. އިއްމަ އެދެއްކި ވާހަކަ ތަކާއި މެދު ވިސްނަލާށެވެ. އޭނާ އެބުނިހެން އެކަން ކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ސަތޭކަ ޕަސެންޓު ޔަގީންކަމެއް އޮތް ގޮތެއް ނޫނެވެ. އަހަރެންގެ ފަރާތުން އިއްމަ ޕޮޒިޓިވް ވެއްޖިއްޔާ ސަޖުނާއާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށްވެސް..... އެހިސާބަށް ވިސްނުން ދިޔުމާއިއެކު އަހަރެންގެ ގައިން ހީބި ނަގައިގެން ދިޔައެވެ. އެކަމަކުވެސް އަހަރެންގެ ފިރމީހާ އަހަރެން ބޭނުމެވެ. އެންމެ ފަހަރަކު ނަމަވެސް އެ ތަޖުރިބާ އަލުންކޮށްލަން ހިތް އެދެން ފެށިއެވެ.

ކޮންމެއަކަސް އެދުވަހު ހަތަރު ދަމު އަހަންނަށް ހުރެވުނީ އެ ޚިޔާލުގައެވެ. އެދުވަހު އަހަރުމެން ކާން ދިޔައީ ދޮންތަ ބަޔަށެވެ. އަހަރެން އިންގޮތް ފެނިފައި އަހަރެންގެ ތަނަކަށް ތަދުވަނީތޯ ދޮންތަ ސުވާލުކުރިއެވެ. އަހަރެން ނޫނެކޭ ބުނުމުން އަހަރެންގެ ބައްޔާއި ބެހޭ ގޮތުން ސުވާލު ކުރަން ފެށިއެވެ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކީ ކޮން އިރަކުތޯ އޮޅުން ފިލުވަން ބޭނުންވިއެވެ.

އަހަންނަށް ޖެހުނީ ދޮގެއް ހަދާށެވެ. ވަރަށް ފަހުން މާލެއިން ޑޮކްޓަރަށް ދެއްކިން ކަމަށާއި އަހަރެންގެ މައިބަދަ ކައިރީގައި އިން 'ޓިއުމަރ' އަށް ކުޑަވެސް ބަދަލެއް ނާންނަކަމުގައި ބުނީމާ ދޮންތަ އަލްހަމްދުލިއްﷲ އޭވެސް ބުނެލިއެވެ.

ހަވީރު ފަހެއް ޖަހަން ކައިރިވެފައި ހުއްޓާ އަނެއްކާވެސް އިއްމަ ގުޅިއެވެ. އޭނާ އެރޭ އަންނާނަން ކަމަށާއި އެއްވެސް މީހެއްކައިރީ އޭނާ މާލެ އަންނަ ވާހަކަ ނުބުނުމަށް އެދިފައި ފޯނު ބޭއްވީއެވެ. އެހިސާބުން އަހަރެންގެ ހިތް އަވަސްވެގެން ދިޔައެވެ.

އުފަލުންގޮސް އަމިއްލެއަށް ހިނިތުންވެލެވުނެވެ.

އަށެއް ޖަހަން ވީއިރު ހުރިހާ ކަމެއް ނިންމާފައި ނޫރާވެސް ނިދަން ބާއްވައި ފީމެވެ. އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ހިތް އަވަސް ވެފައެވެ. އެވަރުގެ ރިސްކެއް ހަމަ ނަގަން ވީ ބާވައޭ ހިތަށް އަރަމުން ދިޔައެވެ. ނޫރާއަށް ޝަހާދަތް ކިޔައި ދީފަ ލޯމަރާށޭ ބުނީމާ އޭނާ ލޯމަރާކަށް ނޫޅުނެވެ. ފަހަރަކު ސުވާލެއް ކުރަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އެންމެފަހުން މައްމި ވަރަށް ނިދި އައިސްފިޔޭ ކިޔާފައި އަހަރެން ލޯމަރައިގެން އޮއްވާ ނިދި ޖެހުނެވެ.

ދެން އަހަންނަށް ހޭލެވުނީ ފޯނު ވާ އަޑަށެވެ. އޭރު ނޫރާއަށް ވެސް ނިދިއްޖެއެވެ. އަހަރެން އަވަސް އަވަހަށް ފޯނު ހިފައިގެން ބޭރަށް ނުކުތީއެވެ. ފޯނު ކުރީ އާސިމް އެވެ. އިއްމަ ކޮބައިތޯ އޭނާ އެހީމާ ވީ ރިސޯޓުގައި ކަމުގައި އަހަރެން ބުނެދިނީމެވެ.

"ކޮން އިރަކުން އަންނަނީ؟" އާސިމް ސުވާލުކުރިއެވެ.

"މާދަން"

އާސިމް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމުން އަހަރެން ހަލޯ އޭ ބުނެލީމެވެ.

"އިއްމަގެ ފޯނަށް ނުގުޅިގެން މިއުޅެނީ.. ކޮން އިރަކު އެންމެފަހުން ލިއު އާއި ވާހަކަ ދެއްކީ؟" އޭނާ އެއްސެވެ.

ހަވީރު ފައިވް ކަން ހާއިރުއޭ ބުނީމާ އާސިމް ބޭނުންވީ އިއްމަ ބުނީ ކީކޭ ތޯ އޮޅުން ފިލުވާށެވެ.

"އަސްލު އޭނާ މިރޭ އަންނާނެ ... އެކަމަކު އެއްވެސް މީހެއް ކައިރީ އެވާހަކަ ނުބުނާށޭ ބުނީ... އާސިމް ވީމަ މިބުނީ" އަހަރެން ކިޔައިދިނީމެވެ. އެޔާއިއެކު އެހެން ހެއްޔޭ ކިޔާފައި އޭނާ ފޯނު ބޭއްވީއެވެ.

އެހިސާބުން އަހަރެން އިއްމަ އަށް ގުޅަން މަސައްކަތް ކުރީމެވެ. އެކަމަކު އާސިމް ބުނިހެން އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. އޭނާގެ ފޯނު ޗާޖު ދިޔައީކަމުގައި އެވަގުތު އަހަރެން ނިންމީމެވެ. އަހަރެން ގޮސް މޫނު ދޮވެލާ ހަދައިގެން ސެންޓުޖަހާ މުޅި ގައިން މީރުވަސް ދުއްވާލައިގެން ސިޓިން ރޫމް އަށް ނުކުތީމެވެ. އިއްމަގެ އިންތިޒާރުގައި ސޯފާ ގައި އިށީނީމެވެ. ޓީވީ ހުޅުވަން އުޅެފައިވެސް އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. އިއްމަ އައީ މާ ދެން ވާނެ ގޮތަކާއި މެދު ޚިޔާލުކޮށްލަން އިނީއެވެ. އަހަރެންގެ ހިތަށް އިއްމައާއި އެކު ހޭދަކޮށްފައިވާ އެކި އެކި އުފާވެރި ދުވަސް ތައް ސޫރަވާން ފެށިއެވެ. އައު ކައިވެނީގެ ރެއެއެވެ. އޭގެ ފަހުން ދެވަނަ ހަނީ މޫނަށޭ ކިޔާފައި އިންޑިޔާއަށް ދިޔަދުވަހުގެ ރެއެވެ. އެހެންގޮސް އެތައް އުފާވެރި ރޭތަކެވެ. އޭރު އަހަރެންގެ ހަށިގަނޑުގެ ތޭރެގައި މިއޮއްހާދުވަހު ނިދާފައިވާ ހިއްސުތައްވެސް ހޭލާ މޯޅިއަކަށް ދެމިލައިފިއެވެ.

ނުނިމޭ

ވާހަކަ: އިންތިޒާރުގައި

Popular