10 May 2024

އިންތިޒާރުގައި- 28

28 ވަނަބައި

އޭރު އަހަރެންގެ ހަށިގަނޑުގެ ތޭރެގައި މިއޮއްހާދުވަހު ނިދާފައިވާ ހިއްސުތައްވެސް ހޭލާ މޯޅިއަކަށް ދެމިލައިފިއެވެ.

އިއްމަގެ އިންތިޒާރުގައި އެހެން އިންނަތާ މާގިނަ އިރެއް ނުވަނީސް ބޭރުން ކޮންމެވެސް ބަޔަކު ވާހަކަ ދައްކާ އަޑު އިވޭ ހެން ހީވިއެވެ. އެހިނދު އަހަރެންގެ ހިތުގެ ހިނގުން އެތައް ގުނައަކަށް ބާރުވެގެން ދިޔައެވެ.

އަހަރެންގެ ފިރިމީހާ އައީ ކަންނޭނގެއެވެ. އެވާނީ ދޮންތަބެއާ ދިމާވެގެން ވާހަކަ ދައްކަން އިއްމަ މަޑުކޮށްލީ ކަމަށް ނިންމާ އަހަރެން ބޭރަށް ނުކުންނަހިތެއް ނުވިއެވެ.

އިރުކޮޅެއް ނުވަނީސް ދޮރުގައި ޓަކި ޖަހާލީއެވެ. އެއާއިއެކު އެއައީ އިއްމައެއް ނޫން ކަން އަހަންނަށް ވިސްނުނެވެ. އަނެއްކާ މިގަޑީގައި ސަލީނާ ވައްޓާލީ ބާވައެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމުން ވަރަށް މާޔޫސްވެ ހުރެ ގޮސް ދޮރު ހުޅުވާލުމާއި އެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަންނަށް ފެނުނީ ޕޮލިސް މީހެކެވެ. އޭނާގެ ފަހަތުގައި ހުރީ ސިފައިންގެ ޔުނީ ފޯރމްގައި ހުރި މީހެކެވެ. ދޮންތަބެއާއި އާސިމްއެވެ.

އެމީހުން ފެނުމާ އެކު އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ހީވީ ބިންގަޑު ފައިދަށުން ދެމިގަތް ހެނެވެ. އިއްމަގެ އަތުން ކޮންމެވެސް އެއްޗެއް ފެނި ބަސްޓުވީއެވެ. އަހަންނަށް ހަމަ ޔަގީނެވެ. އޭނާގެ ފޯނު ނިވާލާފައި އެއޮތީ ވެސް އެހެންވެގެންނެވެ.

"ލިއުޝާ، މިބޭކަލުން ވާހަކަ ދައްކާލަން ވެގެން" ވާހަކަ ދެއްކީ ދޮންތަބެއެވެ.

އަހަންނަށް ބަލާލެވުނީ އާސިމްގެ މޫނަށެވެ. އޭނާ ހުރީ އިސްދަށަށް ޖަހައިގެން ކަމުން އޭނާގެ ފަރާތުން އެއްޗެއް ދޭހަވާ ވަރެއް ނުވިއެވެ.

އެ މީހުން ގޮވައިގެން ދޮންތަބެ ގޭތެރެއަށް ވަނެވެ. ސޮފާގޮނޑީގައި އެމީހުން އިށީނުމުން ދޮންތަބޭ ކައިރީގައި އަހަރެން އިށީނުމަށް އިޝާރާތް ކޮށްލިއެވެ. އާސިމް އިށީންނާކަށް ނޫޅުނެވެ. އޭނާ ތަންކޮޅެއް ދުރުގައި މަޑުކޮށްގެން ހުރީއެވެ.

"ލިއުޝާ! ވަރަށް ހިތާމަ ވެރި ޚަބަރަކާއިގެން އަންނަން މިޖެހުނީ" ވާހަކަ ދެއްކީ ޕޮލިސް ޔުނީފޯރމްގައި އިން މީހާއެވެ. އޭނާގެ ނޭމް ޓެގްގައި ވާ ނަން އަހަރެން ބަލާލީމެވެ. އޭނާގެ ނަމަކީ އަހުމަދު ޝިޔާމް އެވެ.

"... ހެލިކޮޕްޓަރ ވެއްޓިގެން މިއުޅެނީ..." އެ މީހާ ދައްކަމުން ދިޔަ ވާހަކަ އަށް އަހަންނަށް ސަމާލުކަން ދެވުނު އިރު އޭނާ ބުނަމުންގެން ދިޔައެވެ. "އިމްރާން ވެސް އޭގައި ދަތުރު ކުރިކަމަށް ބެލެވެނީ!"

"ނޫން ތިއީ އޮޅުމެއް އިއްމަ އަންނާނީ ލޯންޗުގައި!" އެ ވަގުތު އަހަރެންނަށް ބުނެވުނެވެ.

ކަމުގެ ހަގީގަތް އަހަންނަށް ފަޚުމުވީ އޭގެ އިރުކޮޅެއް ފަހުންނެވެ. އަހަރެން އާސިމް އާ ދިމާލަށް ބަލާލީމެވެ. އެޔާއިއެކު އޭނާ އެއީ ތެދުކަމުގައި ބުނަން ބޯ ޖަހާލިއެވެ.

"މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ،" ދެން އިން ސިފައިންގެ މީހާ ވާހަކަ ދެއްކިއެވެ.

އެމީހާ ބުނެދިން ގޮތުގައި އެއިން ދަތުރު ކުރި އެގާރަ މީހުންގެ ތެރެއިން ހަތް މީހުން ސަލާމަތުން ތިއްބާ ފެނިފައިވެއެވެ. ގެއްލުނު ހަތަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ. އަހަންނަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނުވެ. ކިތަންމެ ސުވާލެއް ކުރަން ބޭނުންވިޔަސް ބުނާނެ އެއްވެސް އެއްޗެއް ދުލުކުރިއަކަށް ނައެވެ. އަހަރެންގެ ކުރިމަތީގައި ތިބި ދެމީހުންނާއި ދިމާލަށް ނުބަލާންވެގެން އިސްޖަހާލީއެވެ.

އެވަގުތު ދޮންތަ އައެވެ. އޭނާ އައި ގޮތަށް ޓީވީ އިން އެބަ ދައްކައޭ ބުނެފައި ރޯންފެށިއެވެ. އަހަރެން ތެދުވެގެން ގޮސް ދޮންތަ ގައިގަ ބައްދައިގަތީމެވެ. އޭރު އަހަންނަށްވެސް ރޮވިއްޖެއެވެ. އަހަރެންގެ ފިރިމީހާ ކޮބައިބާވައެވެ؟ ދޮންތަބެ އަހަރުމެން ކައިރިއަށް އައިސް ސަލީނާއަށް ގުޅާފައި އެ ހަބަރު ދޭންވާނެ ނޫންހޭ ބުނެލިއެވެ. އެޔާއެކު އަހަރެންގެ ފޯނު ހުޅުވާފައި ސަލީނާގެ ނަމްބަރު ހޯދާފައި އާސިމް އަތަށް ފޯނު ދިނީމެވެ.

އަހަރުމެންނަށް އެ ޚަބަރު ދޭން އައި މީހުން ދިޔައީ އިއްމަ ފެނުނު ހާ އަވަހަކަށް ދޮންތަބެއަށް ގުލާނަމޭ ކިޔާފައި ދޮންތަބެގެ ނަމްބަރު ނަގައިގެންނެވެ. އެމީހުންގެ ފަހަތުން އާސިމްވެސް ނުކުމެގެން ދިޔައީއެވެ. ޚަބަރެއް ލިބުނުހާ އަވަހަކަށް ގުޅާނަމޭ ބުނަމުންނެވެ.

މާގިނައިރެއް ނުވަނީސް ސަލީނާ އާއި ސަޖުނާ އައެވެ. އޭރު އަހަރުމެން ހަތަރު މީހުން ތިބީ ސިޓިން ރޫމްގައި އިށީދެލައިގެންނެވެ. ދޮންތަބެއަށް އަންނާނެ ފޯނު ކޯލުގެ އިންތިޒާރުގައެވެ. ސަޖުނާ އެވައިންގޮތަށް ވަދެ އަހަރެންގެ ގައިގަ ބާރަށް ބައްދައިގަނެފައި ރޯންފެށިއެވެ. އެނާ ލާފައި ހުރި ދޫ ހެދުމުންގެ ތެރެއިން އޭނާގެ ބަނޑު އަހަރެންގެ ގައިގާ ޖެހިފައިވައި ވާކަން އިހުސާސް ކުރެވުމުން އޭނާ އަސްލުގައިވެސް ބަނޑުބޮޑުކަން އަހަންނަށް އެނގުނެވެ.

"ޑޯންޓު ވޮރީ ދޭ ވިލް ފައިނޑް ހިމް!" އެވަގުތު ސަޖުނާ ހިތްހަމަ ޖައްސައިދޭން އަހަރެން ބޭނުންވިއެވެ.

ސަލީނާ އައިސް ސަޖުނާގެ ގައިގަ ހިފެހެއްޓިއެވެ. އެނާ ގޮނޑީގައި ބައިންދާފައި ލޯ ފޮހެދެމުން ފެން ގެނެސް ދީބަލާށޭ ދޮންތަ ކައިރީ ބުނެލިއެވެ. ދޮންތައަށް ވުރެ ކުރިން އަހަރެން ތެދުވެގެން ފުރިޖް ކައިރިއަށް ދިޔައީމެވެ. އެވަގުތު އަހަރެންގެ ފަހަތުން ދޮންތަވެސް އައެވެ. އަދި ސިއްރު ސިއްރުން އޭނާ ބަނޑުބޮނޑު ދޯއޭ ބުނެލިއެވެ. އަހަރެން އާއެކޭ ބުނަން ބޯޖަހާލުމުން ދޮންތަ ޕިސް ޕިސް ކަނޑާލިއެވެ.

ސަޖުނާ ފެންފޮދެއް ބޯލުމަށް ފަހު އޭނާގެ ރަށުބަހުން ސަލީނާއާ ވާހަކަ ދައްކަން ފެށިއެވެ. ސަލީނާ ޖަވާބު ދިނީ އިނގިރޭސިންނެވެ. އިއްމަ ފެންނާނެޔޭ ބުނެލިއެވެ. ދެން ސަޖުނާ އެއްޗެއް ބުނީމާ ސަލީނާ އަހަންނާއި ދިމާލަށް އިއްމަ އަންނަން އޮތީ މާދަން ނޫންހޭ ބުނެލިއެވެ. އެޔަށް އަހަރެން އާއެކޭ ބުނީމެވެ.

"ދެން ކީއްވެބާ މިރޭ އަންނަން އެ އުޅުނީ.... ފޯނަކަށް ނުގުޅޭ މިގެއަށް އައި މަގުމަތީގައި ވެސް ގުޅޭތޯ ބެލިން" ސަލީނާ ފޯނު ނަގާފައި ގުޅިއެވެ. "ތި ގުޅުއްވި ނަމްބަރު އޮތީ މިވަގުތު..." އެހިސާބުން ސަލީނާ ފޯނު ކަނޑާލިއެވެ.

އަހަންނަށް އެތާނގައި އިންނަން އުނދަގޫވިއެވެ. ދޮންތަމެން ކައިރީ ނޫރާ ކޮބައިތޯ ބަލާލާފައި އެބަ އަންނަމޭ ބުނަމުން ކޮޓަރިއަށް ވަނީއެވެ. އޭރު ނޫރާ އަރާމުކޮށް ނިދާލާފައި އޮތެވެ. އަހަރެން ކޮޓަރީގައި އިނދެގެން އާސިމް އަށް ގުޅީމެވެ. އިތުރު މައުލޫމާތެއް ލިބުނުތޯ އޮޅުން ފިލުވުމަށްޓަކައެވެ.

"ދެންމެ ޒައްރަ އާއި ވާހަކަ ދައްކާފައި މިބޭއްވީ" އާސިމް ކިޔައިދިނެވެ. ޒައްރައަކީ އެ ރިސޯޓުގެ ގެސްޓު ޝޮޕް ހިންގާ މީހާއެވެ. އާސިމް ބުނި ގޮތުގައި އެދަތުރު ގައި އަންނަން އޮތީ ޒައްރައެވެ. އިއްމަ އެތައްވަރަކަށް އާދޭސް ކުރީމާ ޒައްރަ މަޑުކޮށްފައި އިއްމައަށް އެ ޖާގަ ދިނީއެވެ.

"މިރޭ ކޮންމެހެންވެސް މާލެ އަންނަން އެބަޖެހެޔޭ ކިޔާފައި އޭނާ ހެލިކޮޕްޓަރަށް އެރީ!" އާސިމް ބުނެދިނެވެ.

"ސަޖުނާ އެބައިން މިގޭގައި... ކޮންމެވެސް ކޮންމެވެސް އިއްމަ އަހަންނަށް ގުޅާފައި މިރޭ އަންނަން ބުނިވާހަކަ އެމީހުން ކައިރީ ނުބުނާތީ!" އަހަރެން އެދުނީމެވެ.

އަހަރެން ބޭރަށް ނުކުތް އިރު ހަތަރު މީހުން އެތިބިގޮތަށް ހަނުހިމޭން ކަމާއިއެކީގައި ތިއްބެވެ. އަހަރެންވެސް ގޮސް ދޮންތަކައިރީގައި އިށީނީއެވެ.

"ދޮންބެއަށް ވެސް ގުޅައިފިން... މާދަން އާދެވޭތޯ އެއުލެނީ!" އެވަގުތު ސަލީނާ ބުނެދިނެވެ.

އެކެއްޖަހަން ކައިރިވެފައި ވަނިކޮށް އާސިމް ގުޅިއެވެ. އިތުރު ދެ މީހުން ސަލާމަތް ކުރެވިއްޖެ ކަމުގައި އޭނާ ބުނެދިނެވެ. އަދި މިހާރު ނުފެންނަނީ އިއްމަ އާއި ރަޝިޔާގެ ފަތުރުވެރިއަކާ ދެމީހުން ކަމުގައި ވެސް އޭނާ ބުނެދިނެވެ.

ދޮންތަ އާއި ދޮންތަބެ ޖައްސާލަން ދަނީއޭ ބުނެފައި ތެދުވުމުން ސަޖުނާ ކައިރީގައި ގެއަށް ދަމާ ހިނގާށޭ ސަލީނާ ބުންޏެވެ. އެހެންނަމަވެސް އޭނާ ނޫނެކޭ ބުންޏެވެ. އޭނާ ގެއަށް ދާނީ އިއްމަގެ ޚަބަރެއް ވީ އިރަކުން ނޭ ބުނެލިއެވެ. އަހަންނަށް އުނދަގޫވިއެވެ. އިއްމަ ގެއަށް އަންނައިރު ސަޖުނާ މިގޭގައި އިންނާކަށް އަހަންނެއް ބޭނުމެއް ނޫނެވެ.

"ލިޔުޝާ ވެސް ދެން ދޭ އޮށޯވެލަން... ދައްތަމެން މިތާނގައި މަޑޫކޮށްލާނަން،" އިރުކޮޅަކުން ސަލީނާ ބުނެލިއެވެ. އޭރު އަހަރެން ބޮލުގައި ވަރަށް ބޮޑަށް ރިއްސަން ފަށައިފިއެވެ. އެހެންކަމުން އަހަރެން އިނީ ހަށިގަނޑު ދަމާލަން ބޭނުންވެފައެވެ.

"ޚަބަރެއް ވެއްޖިއްޔާ ގޮވާލާތި!" އެހެން ބުނެފައި އަހަރެން ކޮޓަރިއަށް ވަދެ އޮށޯތީއެވެ. އެހެން އޮވެގެން އަހަރެން ދުޢާ ކުރީމެވެ. އިއްމަ ސަލާމަތުން އަހަރުމެންނާއި ހަމައަށް އަންނާނެ ގޮތް މެދުވެރިކޮށްދެއްވުން އެދިއެވެ.

އަހަންނަށް ހޭލެވެނީ ނޫރާ ހޭލައިގެން ގޮވީމައެވެ. އޭރު ހެދުނު ހަޔެއް ޖަހައިފިއެވެ. އަހަރެން ފޯނު ބަލާލިއިރު އެއްވެސް މީހެއްގެ ކޯލެއް މެސެޖެއް ވެސް އައިސްފައެއް ނުވެއެވެ. އަހަރެން އިއްމަގެ ފޯނަށް ގުޅީމެވެ. އެފޯނު އޮތީ ހަމަ ނިއްވާލާފައެވެ. ދެން އަހަރެން ގުޅީ އާސިމް އަށެވެ. އޭނާ ފޯނެއް ނުނެގިއެވެ. ބޭރަށް ނުކުތް އިރު ސޯފާގައި ސަޖުނާ ނިދާފައި އޮތެވެ. ސަލީނާ އިނީ ޖެހިގެން ހުރި ގޮނޑީގައެވެ. އެ މީހުން މިގޭގައި ތިބިކަން އަހަރެން ހަނދާންވީ ވެސް އެ މީހުން ފެނުނީމައެވެ.

"ދައްތަ ނުނިދަންތަ؟"

"އުހޫ ނިދުނު ކުޑަކޮށް... ޚަބަރެއް ނުވޭތަ؟" އޭނާ އަހާލިއެވެ. އަހަރެން އާއެކޭ ބުނީމެވެ. އޭރު އަހަރެންގެ ކައިރީގައި ނޫރާ ވެސް ހުއްޓެވެ.

އަހަރެން ދޮންތަބެ ހޯދަން ދިޔައީމެވެ. ސިފައިންގެ މީހާ ފަތިހު ގުޅިކަމަށް ދޮންތަބެ ބުންޏެވެ. ރަޝިޔާ ފަތުރުވެރިޔާ ފަތިހު ފެނިއްޖެކަމަށާއި އޭނާ އޮތީ މަރުވެފައި ކަމުގައި ދޮންތަބެ ބުނުމުން އަހަރެންގެ ގައިން ހީބި ނަގައިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ދެން އަހަންނަށް އިއްމަ ނުފެންނާނެޔޭ ހިތް ބުނަން ފެށިއެވެ. އެހިސާބުން އަހަރެން ކަންބޮޑުވިއެވެ. ދެލޮލުން ކަރުނަ އަންނަން ފެށިއެވެ.

"މައްމީ؟" ނޫރާ ކަންބޮޑުވެގެން އަހަރެންގެ ކައިރިއަށް އައެވެ.

އެވަގުތު ދޮންތަބެ ނޫނެކޭ ނުރޯށޭ އަހަރެން ކައިރީ ބުންޏެވެ. އަދި ނޫރާއަށްޓަކައި ވެސް ހިތްވަރު ގަދަ ކުރަން ވާނެޔޭ ބުންޏެވެ.

ދޮންތަ ކޮފީ ހަދައިދިނީމާ އަހަރެން ކޮފީ ބޯން އެބައިގައި އިންދާ ސަލީނާ އައެވެ. އެވަގުތު ދޮންތަބެ އެންމެ ފަހުން ލިބުނު ޚަބަރު އޭނާއަށް ކިޔައިދިނެވެ.

"ދެން އަހަރުމެން މިދަނީ ގެއަށް... ޚަބަރެއް ވީހާ އަވަހަކަށް އަންގާތި!" އޭނާ ބުނެލިއެވެ.

އަހަރެން ސަލީނާގެ ފަހަތުން ނުކުތީމެވެ. އޭރު އަހަރުމެން ބައި ދޮރުމަތީގައި ސަޖުނާ ހުއްޓެވެ. އޭރު ވެސް ފެންކަޅި ވެފަ އެވެ.

"ޓެލްމީ ދަޓް ހީ އިޒް އެލައިވް... ދޭ ވިލް ފައިންޑް ހިމް އެލައިވް!" ސަޖުނާ އަހަރެންގެ އަތުގައި ހިފާ އާދޭހުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ. އޭނާގެ ދެލޯ ކަރުނުން ފުރުތަން ފެނިފައި އަހަންނަކަށް ވެސް ނުހިފޭއްޓުނެވެ. އަހަންނަށް ވެސް ރޮވުނެވެ.

"ޔެސް... ހީ އިޒް އެލައިވް!" އަހަރެން މަޑުމަޑުން ބުނެލީމެވެ.

އެމީހުން ނުކުމެގެން ދިޔައީމާ އަހަރެން ގޭތެރެއަށް ވަދެ ހުރެ ބާރަށް ރުއީމެވެ. އިއްމަ ދިރިހުއްޓާ ނުފެންނާނެޔޭ އޭރު އަހަރެންގެ ހިތް ބުނެފިއެވެ.

"މި ހިތާމަވެރި ހާދިސާގައި ގެއްލިފައި ވަނީ ހ. ތުނިވިލާ އިމްރާން ޝަމީމް (26އަހަރު)، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ،" އެ ދުވަހު ހެނދުނު ޓީވީގެ ތިރިއަށް ބުރޭކިން ނިއުސް ގެގޮތުގައި އަރަމުން ދިޔައެވެ.

އެހިސާބުން އަހަރެންގެ ފޯނަށް މިހުން ގުޅަން ފެށިއެވެ. އެންމެ ކުރިން ގުޅީ އޮފީހުގައި އުޅުނު ނާޒުއެވެ. އޭގެ ފަހުން ވެސް އެކި މީހުން ގުޅަން ފެށިއެވެ. އަހަންނަށް އެ ފޯނު ތަކަށް ޖަވާބު ދޭ ހާ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން ފޯނު ގެ ރިންގު އަޑު މަޑުކޮށްލައިގެން އިނީއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ނާޒު ހުރީ އަހަރުމެން ގެއަށް އައިސް އެވެ. އެހިސާބުން އަންނަހާ ފޯނަކަށް ޖަވާބު ދިނީ އޭނާއެވެ. މެންދުރު ވާން ވީއިރު އަހަރެން އޮފީހުގައި އުޅޭ ބައެއް މީހުންވެސް ގެއަށް އައެވެ. ކޮންމެ މީހަކުވެސް އިރާދަކުރެއްވިއްޔާ އިއްމަ ދިރިހުއްޓާ ފެންނާނެޔޭ ބުނެލައެވެ.

ނޭވާޔަކު ދެފަހަރު ކަހަލަ ގޮތަކަށް ސަލީނާ ވެސް ގުޅައެވެ. އެހެންނަމަވެސް އަހަރުމެންނަށް އިތުރު ޚަބަރެއް ނުލިބެއެވެ. އެ ދުވަސް ނިމިގެން ދިޔައިރު ވެސް އިއްމަ އެއް ނުފެނުނެވެ.

ފާއިތުވަމުން ދާ ކޮންމެ ހިނދުކޮޅަކާއި އެކު އިއްމަ ދިރި ހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ފަނޑުވަމުން، ފަނޑުވަމުން ދިޔައެވެ. އެކަމަކުވެސް އަހަރެން އުއްމީދު ކަނޑައެއް ނުލަމެވެ. އަހަރެންގެ ފިރިމީހާގެ އިންތިޒާރުގައި އިދެވެނީއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ދޮރާށި ހުޅުވާލާފައި އޭނާ ވަދެގެން އަތުވެދާނެ ހެންނެވެ.

ނުނިމޭ

ވާހަކަ: އިންތިޒާރުގައި

Popular