26 Jun 2017

މި ލޯތްބަށް ދޭނީ ކޮން ނަމެއް؟

By: Mariyam Yasma

(ޖޫން 22 އާ ގުޅޭ)

މަލްދާ ކިއާންގެ އަތް ދޫކޮށްލުމުން ތިރިއަށް އެލުނެވެ. އޭނާގެ ވާހަކަތައް އަހާފައި ކިއާންގެ ދެބުމަ ދިޔައީ އުފުލިގެންނެވެ. މަލްދާ ކޮންމެހެން ޖަވާބަކަށް ވެސް އިންތިޒާރެއް ނުކުރެއެވެ. އޭނާ ފަސްދީފައި އެތަނުން ނިކުމެގެން ދާން ހިނގައިގެންފި އެވެ. ކިއާން ހުއްޓުވަން މަސައްކަތްކޮށްފި ނަމަ ދެން ކަންތައް ކުރާނެ ގޮތް ވެސް ހިތުގައި ރާވައިލި އެވެ. އެކަމަކު އެއީ ބޭނުން ކަމަކަށް ނުވި އެވެ. ހީކުރި ގޮތާ ޚިލާފަށް ކިއާން މިފަހަރު އޭނަ ހުއްޓުވާކަށް ނޫޅުނެވެ.

ރަތްވެފައި ހުރި ލޮލާއެކު މަލްދާ އަށް ގޮސް ވަދެވުނީ ބައްޕަ ކުރިމައްޗަށެވެ. ފާއިޒް ސުވާލު ކުރިއެވެ. މަލްދާ ޖަވާބެއް ނުދެއެވެ. މަޑުމަޑުން ބޯ ހޫރާލައިފައި ހުއްޓިނުލާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. ބަދިގެއިން ނިކުތް ޝާލިޔާ އަށް މި މަންޒަރު ފެނުނެވެ. ފާއިޒު އެނބުރި ބަލައިލިއިރު ޝާލިޔާ ބަލަހައްޓައިގެން ހުއްޓެވެ. ވެގެން އުޅެނީ ކީއްތޯ އެހުމުން ފާއިޒު ކޮނޑު އަރުވައިލި އެވެ. ޝާލިޔާ ވަކި އެއްޗެއް ނުބުނެ އަނެއްކާ އެތެރެ އަށް ވަދެއްޖެ އެވެ.

ފޮތްތަކެއް ހުޅުވައިގެން، ލިޔާ މޭޒު ކައިރީގައި ސައިފް އިނެވެ. މަލްދާ ވަން އަޑަށް ސައިފް ކޮނޑުމަތިން ބަލައިލި އެވެ. ކޮއްކޮ އަށް މޫނު ނުފެންނަނީސް މަލްދާ އިސްޖަހައިލި އެވެ. ސައިފް މަސައްކަތަށް އެނބުރުމުން އޭނާ ގޮސް އިށީންދެލީ ތިރީ އެނދުގަ އެވެ. ބިތްދޮށަށް ޖެހިލައި ފާރުގައި ލެނގިލި ގޮތަށް ދެކަކޫ ގެނެސް މޭގައި ޖައްސައިލި އެވެ. ރިހެމުންދިޔަ ހިތާ ދިމާލުގައި ދެ ފަހަރަކު ފިރުމާލަމުން ކެތްކުރަން މަސައްކަތް ކުރި އެވެ. ކިއާންގެ ވާހަކަތަކާ މެދު ވިސްނަން ފެށުމުން ބޮލަށް ވާންވެގެން އައީ މިހެންނަކުން ނޫނެވެ. ކިއާންގެ ވާހަކަ އަށް އޭނަ އިތުބާރު ކުރަންވީ ހެއްޔެވެ؟ އެހެން އެ ބުނީ ކިއާންގެ ވީ ވައުދަށް އެޅޭ ހުރަހަކަށް ބައްޕަ ވާތީ ކަމަށް ނުވެދާނެ ހެއްޔެވެ؟ އެކަމަކު އެއީ ތެދެއް ނޫންނަމަ ބައްޕަ ހުއްޓާ ކިއާންގެ އަތްމައްޗަށް މަންމަ އޭނަ ދޫކޮށްލަފާނެ ބާވަ އެވެ؟ ހައްތާ ވެސް ޖަވާބު ނެތް ސުވާލުތަކެކެވެ. ޖަވާބު ހޯދަން ހަދާނެ ގޮތެއް ވެސް މަލްދާއަކަށް އެނގެނީއެއް ނޫނެވެ. އެ ވޭނުގައި އޭނަ ނިމިގެން ދިޔަސް ބައްޕަ ކުރެން އަހާކަށް ނުކެރޭނެ އެވެ.

އިޝާ ނަމާދަށް ގޮވަން ފެށުމުން ވުޟޫކޮށްލައިގެން ނިކުމެ ނަމާދު ކުރަން ތައްޔާރުވި އެވެ. ސައިފު އޭރު ވެސް އިންގޮތަށް އިނެވެ. އޭނަ ގޮނޑިން ފޫ ހިއްލައިލީ ފާއިޒު ދޮރު ހުޅުވާފައި ގޮވައިލީމަ އެވެ. މަލްދާ އޭރު ހަށަން ބަނދެފި އެވެ. ފާއިޒު ދަރިފުޅު ކައިރީ ނަމާދަށް ދާން ބުނެފައި ދޮރު ލައްޕައިލި އެވެ.

މަލްދާ ބޭރަށް ނިކުތީ ކާން ހަދަންވެގެންނެވެ. ބައްޕަމެން ސުވާލުކޮށްފިނަމަ ދޭނެ ޖަވާބު އޭނައަށް އެނގެ އެވެ. ބައްޕަ އަށް ވުރެ ކުރިން ޝާލިޔާ އެ ސުވާލު ކުރިއެވެ. މަލްދާ ބުނީ މަންމަ މަތިން ހަނދާންވީ ކަމަށެވެ. ޝާލިޔާ އެ މައުޟޫއު ކުރިއަކަށް ނުގެންދިޔަ އެވެ.

ހަފްތާއެއްގެ ތެރޭގައި އިންޓަވިއުއަށް ދާން މެއިލް ލިބުނެވެ. މަލްދާ އެ ޚަބަރު ދިނުމުން ޝާލިޔާ މަރުހަބާ ކިއެވެ. ދޮންމަންމަގެ އޭނަގެ ސަބަބުން އުފާވެގެން ހިނިތުންވެލީ ފުރަތަމަ ފަހަރަށެވެ. ވަޒީފާ އޭނަ އަށް މުހިންމުވަރު މަލްދާ އަށް ވިސްނުނެވެ. އެ ވަޒީފާއިން ހިތްހަމަޖެހުން ލިބޭނީ ހަމައެކަނި އޭނައަކަށް ނޫނެވެ. އޭނާގެ އާއިލާ އަށް ވެސް މެއެވެ. ތައްޔާރުވާން ފެށީއްސުރެ އޭނާ ހިތާއި ހިތުން ދުއާ ކުރީ ކާމިޔާބު ލިބުމަށް އެދި އެވެ.

އިންޓަވިއު ދިޔައީ ހީކުރި ވަރަށް ވުރެ ވެސް އޮމާންކޮށެވެ. އެކަމަކު އެވަރުން އަދި ނުފުދޭނެކަން މަލްދާ ޤަބޫލު ކުރިއެވެ. އެތައް ސަތޭކަ ކުދިންނެއްގެ ތެރެއިން އޭނާއަށް ފުރުސަތު ލިބެން އޮތީ ނަސީބު އަތުގައި ހިފައިފި ނަމަ އެވެ.

އެނބުރި އައި މަގުމަތީގައި ކިއާންގެ އެޕާޓްމެންޓް ކައިރިން ކާރެއް ނައްޓައިލިތަން ފެނުނެވެ. ނަންބަރު ވަކިކުރަން ނޭނގުނަސް އެއީ ކިއާން ދުއްވާ ކަހަލަ އެސްޔޫވީ އެކެވެ. ކާރު އޭނަ ފަސްދިންއިރު މަލްދާގެ ހިތް އަވަސްވި އެވެ. ކަޅު ބިއްލޫރިތަކުގެ ފުރަގަހުން ކިއާންގެ ނަޒަރު އޭނައަށް ހުރެދާނެ ކަމަށް ގަބޫލު ކުރެވުމުން އަތްފައި ފިނިވެލައިފި އެވެ. ގެއަށް ގޮސް ބެލްކަނިން ބޭރު ބަލައި ނުލައެއް އޭނައަށް ކެތެއް ނުވި އެވެ. ހަގީގަތަކީ ފާއިތުވީ ހަފްތާއެއްހާ ދުވަސްތެރޭގައި އޭނަ ކިއާންމަތިން ހަނދާންވި ކަމެވެ. ދެކިލާހިތުން ކެތްމަދުވި ކަމެވެ. އެކަމަކު އޭނާ ކެތްކުރި އެވެ. އަމިއްލަ ހިތުގެ މައްޗަށް ބާރު ނުހިނގި ނަމަވެސް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރި އެވެ.

އިންތިޒާރުގައި ހުންނަން ޖެހުނީ ތިން ދުވަހެވެ. ޖަވާބު އައީ އުފާވެރި ޚަބަރަކާއިގެންނެވެ. އެކަމަކު މަލްދާއަކަށް ނޫނެވެ. އޭނަގެ ބެލެނިވެރިންނަށެވެ. މަލްދާ ވަޒީފާ އަށް ހޮވުނީ އެވެ. އުފާ ފާޅުކުރުމަށްޓަކައި ގޭގައި ކުޑަވަރެއްގެ ކެއުމެއް އޮތެވެ. ހުރިހާ އެއްޗެއް ވެސް ގެނައީ ބޭރުންނެވެ. ދޮންމަންމަ އާއި ބައްޕަގެ މޫނުގައިވި އުފާވެރިކަން މަލްދާގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ދާއިމީ ކަމަކަށް ނުވިއަސް އޭނަ މިކޮޅުގައި މަޑުކުރާ ދުވަސްކޮޅު އެ މީހުން އުފަލުގައި ތިބުން މުހިންމެވެ. މަލްދާ ނިންމައިގެން ހުރީ ބައްޕައާ ގުޅުން ބަދަހިވެލުމުން ކިއާން ފާޅުކުރި ސިއްރު ހޯދުމަށެވެ. ރަށަށް ދާނެ ދުވަހެއް ނިންމާނީ އޭގެ ފަހުންނެވެ.

ފުރަތަމަ ދުވަހަކީ މަލްދާ އަށް އަބަދުވެސް ހާއްސަ ދުވަހެކެވެ. އެހާމެ ހާސްވާ ދުވަހެކެވެ. އޭނާ ތައްޔާރުވާން ހުއްޓާ ޝާމާ ކޮޓަރިތެރެއަށް ބޯދިއްކޮށްލި އެވެ. މަލްދާގެ ނުތަނަވަސްކަން ޝާމާ އަށް ފާހަގަވި އެވެ. އޭނާ ވަދެގެން ގޮސް އިށީންދެލީ ތިރީ އެނދުގަ އެވެ. ފޯނާ ކުޅެލަކުޅެލާ އަނގައިން ނުބުނެ އޮތެވެ. މަލްދާ އޭރު ތައްޔާރުވެ ނިމެނީ އެވެ. އިސްތަށިގަނޑަށް ހަދާނެ ގޮތެއް ނޭނގިގެން ދެފަހަރު ދެގޮތަށް ހަދާފައި އެންމެފަހުން ގަތާލައިފި އެވެ. ދަބަސް ހިފައިގެން އެނބުރުނުއިރު ޝާމާގެ ނަޒަރު އެ މޫނަށް ހުރުމުން މަޑުޖެހިލެވުނެވެ.

"އޮފެންޑް ކުރާކަށެއް ނޫން މިހެން މިބުނަނީ. ހަމަ އަނގަ ހިމޭނުން ނޯވެގެން. އައި މީން. ލުކް އެޓް ޔޫ... ތި މީހުން އޮފީހަށް ދާ ގޮތްތަ؟ ފެޝަން ސެންސް ވެސް ނެތީތަ؟" ޝާމާ މަލާމާތުގެ ހިނިތުންވުމަކާ އެކު ވާހަކަދެއްކި އެވެ. މަލްދާ އަށް ބަލައިލެވުނީ ލައިގެން ހުރި ހެދުމަށެވެ. ދެން އެނބުރި ލޯގަނޑަށެވެ. ޝާމާ އެ ބުނާ އެއްޗެއް އޭނައަކަށް ނުވިސްނުނެވެ. އޭނާ ތައްޔާރުވެގެން ހުރީ އޭނައަށް އާދަވެފައިވާ ގޮތަށެވެ. ޝާމާ ބުނި އެއްޗެއް މަލްދާ އަށް ނުވިސްނުނުކަން އެ މޫނުން ދޭހަކޮށްދިނެވެ.

"އަހަންނަށް ގަބޫލެއް ވެސް ނުކުރެވޭ ކުރަން މިއުޅޭ ކަމެއް،" ޝާމާ އަނގައަށް ގޮތެއް ހަދާލައިފައި ތެދުވި އެވެ.

އޭނާ އައިސް ޑްރެސިން ޓޭބަލް މަތިން ލިޕްސްޓިކެއް ނަގައިގެން ކައިރިވުމުން މަލްދާ އަޅައިލީ ފިޔަވަޅެއް ފަހަތަށެވެ.

"އަހަންނަކަށް ނުކެރޭނެ ތުންފަތުގައި ކުލަ ޖައްސާކަށް،" މަލްދާ މަނާވެގަތެވެ. އެކަމަކު ޝާމާ އެ އަޑެއް ނޭހިއެވެ.

"މީ މަލްދާގެ ރަށެއް ނޫނޭ. މީ މާލެ. މިތާގައި އުޅެވޭނީ މިތާ މީހުން އުޅޭ ގޮތަށް. ރީތިވެގެން ހުރުމަކީ އޮފީސް މާހައުލުގައި ވެސް މީހުން ބަލައިގަންނާނެ ކަމެއް. ބައެއް މީހުން ބުނާނެ ފޮނިއްޔޭ. ދެއްކެންވެގެންނޭ. އެކަމަކު އެއީ މުޅިއަކުން ތެދެއް ނޫން. ވީ ޑޫ އިޓް ފޯ އަވަ އޯން ހެޕިނެސް. ރީތިކޮށް ހުރީމަ ކޮންފިޑެންސްވެސް ހައިވާނެ." ޝާމާ މަލްދާގެ ދަތްދޮޅީގައި ހިފާލައިގެން ހުރެ ތުންފަތުގައި ލިޕްސްޓިކް ހާކައިދިނެވެ. ނިމުމުން އޭނާ ދެތުންފަތް ކާއްތައިލި އެވެ. އެ އިޝާރާތް މަލްދާ ނަގައިގަތެވެ. އޭނާ ވެސް ހަމަ އެގޮތަށް ކަންތައް ކުރިއެވެ.

ޝާމާ އަދި އެވަރަކުން ނިންމައެއް ނުލިއެވެ. ކޮންސީލަ ސްޓިކެއް ނަގައި ލޮލުގެ ތިރި ރީތިކޮށްލަ ދީފައި އަނދުން އަޅައިދިނެވެ.

"ޕަރފެކްޓް،" މަލްދާގެ ދެކޮނޑުގައި ހިފާ ލޯގަނޑާއިވީ ފަރާތަށް އަނބުރާލަމުން ޝާމާ ބުނެލިއެވެ.

ނަސީބަކުން ތުންފަތުގައި ވެސް ހުރީ މަޑު ފިޔާތޮށި ކުލައެކެވެ. މަލްދާ ހިތްހަމަޖެހުނެވެ. އޭނާ ޝުކުރު އަދާކުރަންވެގެން އެނބުރެންވާއިރަށް ޝާމާ ނައްޓާލައިފި އެވެ. އޭނަ އަށް އެ ފުރުސަތު ނުދޭން ގަސްތުގައި ކުރިކަމެއް ކަން ނުވަތަ ނޫންކަން ނިންމާކަށެއް ނޭނގުނެވެ. މަލްދާ ހިނިތުންވެލީ އެކަނި ހުރެއެވެ. ފޫހިކަން ދެއްކިއަސް ޝާމާ ވެސް އޭނައަށް އަޅާލަން ފަށައިފި އެވެ.

އޮފީހަށް ގޮސް ވަނުމާއެކު ހުރިހާ ކަމެއް ވެސް ހަމަޖެހިގެން އައީ ނުހަނު ފަސޭހަކޮށެވެ. އަމިއްލައަށް މަގު ހޯދަން އެއްކަމެއް ކުރާކަށް ވެސް ނުޖެހުނެވެ. ރިސެޕްޝަނުގައި ހުރި ކުއްޖާ ހުރީ ކުރިއްސުރެ އޭނަގެ އިންތިޒާރުގަ އެވެ. މަލްދާ ގޮވައިގެން ގޮސް އެޗާއާރުގައި މަސައްކަތް ކުރާ އަންހެންކުއްޖަކާ ހަވާލުކުރި އެވެ. ޔާދާ ހަމަ ފެނިލުމާއެކު ވެސް އޭނަގެ ހިތްހެޔޮކަން މަލްދާ ދެނެގަތެވެ. ހިނިތުންވެފައި ވާހަކަދެއްކިއިރު އަލަށް ބައްދަލުވެގެން އުޅޭފަދަ އެއްވެސް އިޝާރާތެއް ނުވެއެވެ. ކަކުލާ ހަމައަށް ހުރި ޕެންސިލް ސްކާޓާއި ދަށަށް ޖަހާފައި ހުރި ގަމީސްކޮޅާ އެކު ޔާދާ އަރާފައި ހުރީ އުސް ކަށްޓަކަށެވެ. ކޮނޑާ ހަމައަށް ކޮށާލައިފައި އޮތް ފަން އިސްތަށިކޮޅެކެވެ. ތުންފަތުގައި ރަތްކުލަ އެވެ.

މަލްދާ އަށް ކިޔައިދެމުން އެކުގައި ދިޔައިރު އެކި މީހުންނަށް ފެނިގެން ޔާދާ އަށް ގޮވާލައެވެ. އޭނަ އެކުވެރި ނޫން މީހަކު އޮފީހަކުން ނުފެނެ އެވެ. މަލްދާ ފެނިގެން އެތަނުން ޒުވާނަކު ތުން ގޮއްވާލުމުން ޔާދާ މުށްކަވާފައި އަތް އުކައިގަތެވެ. އެކަމަކު އޭނާ ހުރީ ހިނި އައިސްފަ އެވެ. ބައެއް މީހުން އައިސް މަލްދާ އަށް ތައާރަފްވި އެވެ. އެކަމަކު އެއީ މުޅިން ވެސް ފިރިހެނުންނެވެ. ޔާދާ ނޫނީ އެއްވެސް އަންހެންކުއްޖަކު އަޅައެއް ނުލައެވެ. ދެ ކުއްޖަކަށް އޭނަ ފެނިގެން ސިއްރުތަކެއް ކިޔާފައި އެނބުރުނީ އަނެއްފަރާތަށެވެ. މިހާ އަވަހަށް އޮފީސްތެރެއިން ދުޝްމިނުން ވެއްޖެކަމުގައި މަލްދާގެ ހިތް ބުނެލި އެވެ.

"މީ މަލްދާގެ މޭޒު،" ޔާދާ ގޮސް ދޮރެއް ހުޅުވާލައިފައި ވަނެވެ. އެތާނގައި ހުހަށް ހުރި ދެ މޭޒު ފިޔަވައި ދެން ހުރި މޭޒުގައި އަންހެންކުއްޖަކު އިނެވެ. އެ ކުއްޖާ އިނީ ފޯނެއްގަ އެވެ. މަލްދާ ފެނިގެން ކަޅިއެއް އެއްލި ނަމަވެސް ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން ސަމާލުކަމެއް ނުދެވުނެވެ. ދޮރު ހުޅުވުނު އަޑު އިވުނީ މަލްދާ އާއި ޔާދާ ގޮސް މޭޒު ދޮށުގައި ތިއްބަ އެވެ.

"މަލްދާ މިއީ ޝިނާން. ޝިނާން މަސައްކުރަނީ ޖެހިގެން އެހެރަ މޭޒުދޮށުގައި،" ފަހަތުން ވަން ޒުވާނާގެ ތައާރަފްގައި ޔާދާ ބުނެލި އެވެ.

މަލްދާ އެނބުރި ބަލައިލުމާއެކު އެޒުވާނާ އާއި ހަތަރުކަޅި ހަމަވި އެވެ. އެވަގުތު ދެ މީހުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އެ ދެ މީހުންގެ ފުރަތަމަ ބައްދަލުވުމެއް ނޫނެވެ. އެއީ ކިއާން އާއެކު ކާން ދިޔަ ރޭ ދިމާވި ޒުވާނާ އެވެ.

"ވަޓް..." ޝިނާންގެ އަނގައިން ނިކުތެވެ. ޔާދާ ވަގުތުން ކަރުކެހިލާފައި އޭނައަށް ހެދުނު ގޯސް އަންގައިދީފި އެވެ. ޝިނާން މައާފަށް އެދުނެވެ. އެކަމަކު އޭނާ ހުރީ އެތަނުން މަލްދާ ފެނިގެން ހުއްޓުން އަރައިފަ އެވެ.

ދެ މީހުންގެ މޫނުގެ ކުލައިން ޔާދާއަށް އެއްޗެއް ވިސްނިއްޖެ އެވެ. އޭނަ އެހީ އެ ދެ މީހުން ދަންނަނީ ކިހިނެއްތޯ އެވެ. ޝިނާންގެ ކަންބޮޑުވެފައިވާ ނަޒަރު ދަތުރުކޮށްލީ އަދިވެސް މަލްދާއަށެވެ. މަލްދާ ހަމްދަރްދީވި އެވެ.

"އެއްދުވަހު ރެސްޓޯރެންޓަކުން ފެނުނުކަން އެކަނި. އަސްލު ނުދަންނަން،" މަލްދާ ޖަވާބުދިނެވެ.

ޔާދާ ދެ ފަހަރު ދެ މީހުންނަށް ބަލައިލާފައި ތެދެއްތޯ އެހީ ޝިނާން ގާތު އެވެ. ޝިނާން އަވަހަށް ބޯޖަހައިލި އެވެ. ޔާދާ އަށް ފޯނެއް އައުމުން އެނބުރި އަންނާނެ ވާހަކަ ބުނެފައި ނިކުތެވެ. ޝިނާން އަވަހަށް ގޮސް ގޮނޑީގައި އިށީނދެއްޖެ އެވެ. މަލްދާ ފުރަގަސްދީގެން ހުރެފައި އެނބުރުނުއިރު ޝިނާން މޭޒު ދޮށުގައި އިނީ ބަލާށެވެ. ހަތަރުކަޅި ހަމަވުމުން އަނެއްކާ މާފަށް އެދުނެވެ. މަލްދާ ބަލައިލީ ދެން އިން ކުއްޖާއަށެވެ. އެ ކުއްޖާ އަދިވެސް ފޯނެއްގައި އިނުމުން ހިތްހަމަޖެހުމާ އެކު ގޮސް ޝިނާން ކުރިމައްޗަށް ހުއްޓުނެވެ.

"ކީއްވެތަ އަހަރެން ކައިރިން މާފަށް ތިއެދެނީ؟" މަލްދާ އެހި އެވެ. ޝައުގުވެރިކަން އެ ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި ވި އެވެ. އެރޭ ކިއާން ސިއްރު ކުރި ކަންތައް އޮޅުންފިލުވަން މި ލިބުނީ ރަނުގެ ފުރުސަތެކެވެ. މިނޫނީ އޭނަ ފެނިގެން ފިރިހެނަކު ބިރުން އުޅުނު ހަނދާނެއް ނެތެވެ.

"އައި ޕްރޮމިސް. އަހަރެން އެކަކު ގާތު ވެސް ނުބުނާނަން،" ޝިނާން ޖެހިލުންވެފައި ބަލަން އިންގޮތުން މަލްދާ ބުނެލިއެވެ.

އެއަޑު އަހާފައި ޝިނާން ކުރިއަށްވުރެ ހަމަޖެހިލިކަން އެނގުނެވެ. އުފުލިފައިވާ ދެކޮނޑު މަޑުމަޑުން ތިރިވިއެވެ.

"ތިބުނީ ބޯއިފްރެންޑްގެ ވާހަކަތަ؟" ޝިނާން ވެސް ކޮށްލީ ސުވާލެކެވެ.

"ބޯއިފްރެންޑް؟" އެ ލަފްޒު މަލްދާގެ ކަރުގައި ތާށިވި އެވެ. "...ހީޒް... ނޮޓް މައި ބޯއިފްރެންޑް."

ވާހަކަދެއްކުނީ އުދަނގުލުންނެވެ. ކަރުތެރެ ހުރީ ހިކިފަ އެވެ.

"އޯހ." ޝިނާންގެ ޖަވާބު އައީ އެގޮތަށެވެ. އޭނަ އަދި ކުރިއަށްވުރެ ހިތްހަމަޖެހުނުހެން ހީވި އެވެ. މަލްދާ ދެން އެދުނީ އިތުރު ތަފްސީލަށެވެ. އެރޭ ވޮޝް ރޫމް ތެރޭގައި އެ ދެ ޒުވާނުންގެ މެދުގައި ކަންތައް ހިނގި ގޮތް އޮޅުންފިލުވަން އޭނަ ބޭނުމެވެ.

"އޭނަ އުޅުނީ ޑިޓެކްޓިވްއެއް ހެން. ފުރަތަމަ ވެސް އެހީ ކާކަށްހޯ އަހަރެން މަސައްކަތްކޮށްދެނީ؟ އޭގެ ޖަވާބުދިނީމަ ދެން އެހީ ކީއްވެހޭ އެހެންވިއްޔާ ބެލީ. މަ ބުނީ ރީތިވީމައޭ. ބުނީމަ ބުނީ ބަލައިގެން ނުވާނެއޭ. ޝީޒް މައިން އޭ. މަށަށް ބުނެވިއްޖެ ރީތި އެއްޗެއްސަށް ބެލޭނެއޭ. އެއީ އަމިއްލައަށް ކުރާކަމެއް ނޫނޭ. ބުނީމަ އަނގަމަތީ ޖެހީ. އައި ސްވެއަރ އޭނަގެ ފުރަތަމަ ފަހަރެއް ނޫން އެއީ. އެންމެ ފަހަރަކުން މަގޭ އެއް ދަތް އަތަށް ދީފަ ދިޔައީ. އެކަމަކު އޭނަ އަތަށް ނުވޭ ގޮތެއް. ޔަގީން އާދައިގެ މީހެއް ނޫން އެއީ. އިންޒާރު ދޭން ހުއްޓަ މީހަކު ޓަކި ޖަހަންފެށީމަ އޭނަ ދެން ނިކުތީ،" ޝިނާން ދެބުމަ އެކީ އުފުލާލައިގެން އިނދެ ކިޔައިދިނެވެ.

އެ އަނގައިން ނިކުތް ކޮންމެ ޖުމްލައަކާއެކު މަލްދާގެ ހިތް އަވަސްވެގެން އައެވެ.

"އޭނަ ހަމަ ބުނިތަ ޝީޒް މައިންއޭ؟" ހިމޭނުން ހުރެފައި މަލްދާ ސުވާލުކުރި އެވެ.

ޝިނާންގެ ކުލަ ބަދަލުވި އެވެ.

"މަ ދެއްކި ހުރިހާ ވާހަކައެއްގެ ތެރެއިން ތީތަ ފާހަގަވި ހަމައެކަނި ތަންކޮޅަކީ؟ ވާއު." ޝިނާން މޭޒުގައި މަޑުން ޖަހާލައިފައި ފަހަތަށް ޖެހި ގޮނޑީގައި ލެނގިލި އެވެ. މަލްދާ ބަލައިލިއިރު އޭނަގެ ލޮލުން އެދެމުންދިޔަ އެދުން ޝިނާން އަށް ފަހުމްވި އެވެ. އޭނަ ބޭނުންވީ އޭގެ ޖަވާބެވެ.

"އޭނަ ބުނި ތިހެން. އެން ޓްރަސްޓް މީ އެއީ ހަމައެކަނި އަހަންނަށް އިންޒާރު ދޭން އޭނަ ބުނި އެއްޗެއް ނޫން. ހީ މެންޓް އިޓް،" ޝިނާން އޮޅުންފިލުވައިދިނެވެ.

ނުނިމޭ

Popular