12 Oct 2017

ނުވަ މަސް

By: Mariyam Yasma

* އޮކްޓޫބަރު 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ޒާކިންގެ އާއިލާ އަހަރުމެން ގެއަށް އައީ ޖެހިގެން އައި ހުކުރު ދުވަހުގެ ރެ އެވެ. ބަދިގެ ނިންމާފައި އަހަރެން އަވަހަށް ދިޔައީ ތައްޔާރު ވާށެވެ. އަލަމާރި ހުޅުވާލައިގެން ހުރެވުނީ ލާންވީ ހެދުމެއް ނޭނގިފަ އެވެ. ކޮނޑުގައި ހުރި ވަޅުފެހި ކުލައިގެ ހެދުމާއި ދިމާއަށް އަތް ދިޔައީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އެތައް ދުވަހަކަށްފަހު އަހަރެންގެ ހިތް އެދުނީ ޒާކިންއަށްޓަކައި ރީތިވުމަށެވެ.

ލޯގަނޑު ކުރިމަތީ ހުއްޓާ ދޮންތަ އައެވެ.

"މިހާރު އެމީހުން އަންނަން އުޅޭނެ. އަދި ވެސް ނުނިމެނީތަ؟" ދޮންތަ މަޑުކޮށްލީ ދޮރު ކައިރީގަ އެވެ.

"އުހު ނިމިއްޖެ." އަހަރެން އަވަހަށް ދާން ވެގެން އެނބުރުނީމެވެ.

އެވަގުތު ދޮންތަ ބަލައިލި ގޮތުން ކިހިނެތްވީތޯ ނާހައެއް ނުހުރެވުނެވެ. ދޮންތަ ބޯ ހޫރައިލީ ދެފަރާތަށެވެ. ވާހަކަދައްކަން އުޅެފައި އެހިޔާލު ދޫކޮށްލީ އަހަރެން ހިތްހަމަނުޖެހިދާނެތީ ކަންނޭނގެ އެވެ. އަހަރެން އެހާ ތައްޔާރުވެގެން ހުރުމުން ދޮންތަ އަޅައިގަންނާނެކަން ކުރިން ވެސް އެނގުނެވެ.

އަހަރެމެންނަށް ދެވުނުއިރު މަންމަ ދޮރު ހުޅުވަން ދެ އެވެ. އަޔާޒް ހުރީ ސޯފާތައް ކައިރީ ކޮޅަށެވެ. އަހަރެން ހުއްޓުނީ އަޔާޒް ކައިރީގަ އެވެ. އެކަމަކު ދެލޯ ހުރީ ދޮރާއި ދިމާއަށެވެ. ޒާކިންއެކޭ އެއްފަދައިން އޭނަގެ މައިންބަފައިން ދެކިލުމުގެ ޝައުޤުވެސް ހިތުގައި ވެ އެވެ.

ބަލަން ހުއްޓާ ދޮރުން ދެމީހަކު ވަނެވެ. މަންމަ ކުރިމަތީ ހުރުމުން ޒާކިން މަންމަގެ މޫނެއް ނުފެނެ އެވެ. ފުރަތަމަ ފެނުނީ ބައްޕަ އެވެ. އެގެއިން ފެނުނު ފޮޓޯއަށްވުރެ ހަމަ ލޮލަށް ދެމީހުން ވެސް މާ ރީއްޗެވެ. ޒާކިން ފަދައިން އޭނަ ބައްޕަ ވެސް ހުންނަނީ އިސްކޮޅުން ދިގުކޮށް ހަށިގަނޑު ވަރުގަދަ ކޮށެވެ. ލޮލުގައި ނަންބަރު އައިނެއް އޮތްއިރު ބޮލާއި ތުނބުޅީގައި ހުދު އިސްތަށި ފުދޭ ވަރަކަށް ގިނަ އެވެ. ޒާކިން މަންމަ ހުރީ ހިޖާބު އަޅައި ކަޅު ހެދުން ލައިފަ އެވެ.

އަހަރެންގެ ލޯ ހޯދަމުން ދިޔައީ ޒާކިން އެވެ. އެކަމަކު އޭނައެއް ނަ އެވެ. މަންމަ އެސުވާލު ކުރި އެވެ. ޖަވާބު ދިނީ ޒާރާ އެވެ. ޒާކިން މިރޭ ޑިއުޓީ ގަޑިވެ ނާދެވުނީ އެވެ. އަހަރެންގެ ހިތުގައި ރިހުމެއް އުފެދުނެވެ.

އަހަރެން ހީކުރި ވަރަށްވުރެ އެމީހުން ހިތް ހެވެވެ. ހާއްސަކޮށް ޒާކިން މަންމަ ހަފީޒާ ވަރަށް ވާހަކަ ދައްކަ އެވެ. މައިންބަފައިން ތިބުމުން ޒާރާ ވެސް އެހާ ވާހަކަ ގިނައެއް ނުކުރެ އެވެ. މާގިނަ އިރެއް ނުވެ ކައިވެނީގެ ތާރީޚު ކަނޑައެޅިއްޖެ އެވެ. ހަތަރު މަސް ފަހުން އަޔާޒްގެ ކޯސް ނިމުމަށްފަހުގަ އެވެ.

މަންމަގެ އިޝާރާތާއެކު އަހަންނާއި ދޮންތަ ގޮސް ކާމޭޒުމަތި ތައްޔާރުކޮށްލީމެވެ. އެމީހުންނަށް ގޮވަން ދިޔައީ ދޮންތަ އެވެ. އަހަރެން މަޑުކޮށްލީ ތަށިތަކަށް ޖޫސް އަޅާށެވެ. އެކި މީހުން އައިސް އިށީންއިރު ހަފީޒާ އިށީނދެލީ އަހަރެންގެ ކައިރީގަ އެވެ.

"ބަނޑަށް ކިތައް މަސް މިހާރު؟" ޒާކިން މަންމަ އެހި އެވެ.

"ފަހެއް." އަހަރެން ހިނިތުންވެލީމެވެ.

"ކޮބާ ދެން ފިރިމީހާ؟" ހަފީޒާގެ އަޑުގައި ޝައުޤުވެރިކަން ވި އެވެ.

އަހަރެންނަށް ހީވީ މެއަށް ފިނި ފެންއެއްޗެއް އޮއްސާލެވުނު ހެންނެވެ. އަހަންނަށް ބަލައިލެވުނީ ދެން ތިބި މީހުންގެ މޫނަށެވެ. މިހާވަރު ވީއިރު ޒާކިން އަދި ވެސް އަހަރުމެން ދެމީހުންގެ ހަޤީޤަތް އެމީހުންނަކަށް ނާންގާ ހެއްޔެވެ؟

މަންމަގެ ދެބުމަ އުފުލިފައި ވަނިކޮށް ފެނުނެވެ. ދޮންތަ އާއި އަޔާ ވެސް އިނީ މާ ހިތްހަމަޖެހިފައެއް ނޫނެވެ. ޒާރާ އަހަރެންގެ މޫނަށް ނުބަލަން އިސްޖަހައިލި އެވެ. ޖަވާބު ދިނުމުގެ ކުރީން އަހަރެން ހިންދިރުވާލީމެވެ. ހަފީޒާގެ ހިނިތުންވެފައިވާ މޫނަށް އަލުން ބަލައިލެވުނީ ނިކަން އުދަނގުލުންނެވެ.

"ވަރިކޮށްފަ." އަހަރެން އިސްޖަހައިލީމެވެ.

ހަފީޒާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އެވަގުތު މޭޒުމަތި އޮތީ ހިމޭންވެފަ އެވެ. ދައްކާނެ ވާހަކައެއް އެކަކުގެ ސިކުނޑީގައި ވެސް ނުވަނީ ކަންނޭނގެ އެވެ. ނަސީބަކުން އެގަޑީގައި ޔައިލް ހޭލައިގެން ނިކުތް އަޑު އިވުނެވެ. ދޮންތަ ދުވެފައި ދިޔަ އެވެ. ދެން ފެށުނީ އަނެއްކާ ވެސް ކައިވެނީގެ ވާހަކަ އެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ.

އެމީހުން ދިއުމާއެކު މަންމަގެ ސުވާލުތަކާއި ކުރިމަތިވި އެވެ. އޭނަގެ ކޮއްކޮގެ ކައިވެނި އަހަރެންގެ ކޮއްކޮ އާއި ކުރަން ތައްޔާރުވެފައިވާއިރު މައިންބަފައިންނަށް އެކައްޗެއް ވެސް ނޭނގޭތީ އެވެ. އަހަރެންނަށް އެނގޭ ވަރަކުން މަންމައަށް ކިޔައިދިނީމެވެ. ޒާކިންގެ މައިންބަފައިންނާއި އޭނަގެ ގުޅުން ރަނގަޅެއް ނޫނެވެ. ލަންކާގައި އަހަރުމެން ކައިވެނިކޮށްގެން އުޅުނުހާ ދުވަހު ވެސް އާއިލާގެ ވާހަކައެއް ޒާކިން ދައްކާފައެއް ނުވެ އެވެ. އޭނަ އެމައުޟޫއަށް ވާހަކަ ގެންދަން ހިތްހަމަ ނުޖެހޭތީ އަހަރެން ވެސް ފަހުން ނުދެއްކީ އެވެ.

މަންމަ އިނީ އަޖައިބުވެފަ އެވެ. ޒާކިންގެ އަންބެއްގެ ގޮތުގައި އުޅުނު އިރު އޭނަގެ އާއިލާ އާއި އަހަރެންގެ ގުޅުމެއް ނެތީމަ އެވެ. ޚުދު އަހަރެންގެ ހިތުގައި އަދި ވެސް ޖަވާބު ނުލިބޭ ސުވާލުތައް ގިނަ އެވެ. ޒާކިން އާއި އޭނަގެ މައިންބަފައިންގެ ގުޅުން ހީނަރުވި ސަބަބެވެ. އެދެމެދުގައި އޮތް ހައްލު ނުވާ މައްސަލަ އެވެ. އަމިއްލަ ގެއާއި ތަނަވަސްކަން ދޫކޮށްފައި ގޮސް އެކަނި ތަނެއްގައި ޒާކިން އުޅޭ ސަބަބެވެ.

އަހަންނަށް ޒާކިން ފެނުނީ އޭގެ ދެދުވަސް ފަހުން އަނެއްކާ ވެސް ޑިއުޓީއަށް ގޮސް އުޅެނިކޮށެވެ. އެދުވަހު އިސްވެ ވާހަކަދެއްކީ އަހަންނެވެ.

"މަރުހަބާ. ޒެކްގެ ކޮއްކޮގެ ކައިވެނި ކުރަން ދުވަހެއް ނިމިއްޖެ." ބޭސް ސިޓީ ލިޔަން ޒާކިން ހުއްޓާ އަހަރެން ފެށީމެވެ.

ޒާކިން ހިނިތުންވެލި އެވެ. އޭނަގެ ނަޒަރު ހުރީ ކުރިމަތީ އޮތް ލިއުމަށެވެ.

"ކޮންގެރްޓްސް ޓު ޔޫ ޓޫ..." ޒާކިން ގަލަން ބާއްވާފައި އިސްއުފުލައިލި އެވެ.

އަހަރެން އެވަގުތު ބުނަން ބޭނުންވި އެތައް ވާހަކައެއް ވި އެވެ. އެކަމަކު ކެތްކޮށްލީ އެވެ. މިހާރު ދެން ޝަކުވާ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިހާރު އަހަރެންގެ އެހައިސިއްޔަތެއް ނުވެސް ނެތެވެ.

"ކިއާރާ!" އަހަރެން ދާންވެގެން ހިނގައިގަތްތަނާ ޒާކިން ގޮވި އެވެ.

ހުއްޓިހުއްޓާ އޭނަ ފަހަތުން އައިސް ހަމަ ކުރި އެވެ. ލިފްޓާއި ދިމާއަށް ދެމީހުން ދިޔައީ އެކު އެކީގަ އެވެ. އަހަރެންގެ އަތުގައި އޮތީ ނާވީ ލައްވާ ސޮއި ކުރަން ތިރިއަށް ގެންދަން ޖެހޭ ފައިލެކެވެ.

"ހީވޭ ދެންމެ އެއްޗެއް ބުނަން އުޅުނުހެން." ޒާކިން ބުނެލި އެވެ.

އަހަރެންނަށް އެމޫނަށް ބަލާލެވުނެވެ. ޒާކިން ވެސް ހުރީ ބަލާށެވެ.

"ޒެކް މަންމަ އެހި އަހަރެންގެ ހަޒްބެންޑް ކޮބާހޭ." އަހަރެން ފޮރުވާކަށް ގަސްތެއް ނުކުރަމެވެ.

އެއަޑު އަހާފައި ޒާކިންގެ ބުމަ ގޮށްޖެހުނެވެ. އޭނަ ދެން ބަލައިލީ ދުރެވެ. އަހަންނަށް އެއްކަމެއް ޔަޤީންވެއްޖެ އެވެ. ޒާކިން އަހަރެން މީ ކާކުކަން ބުނެދޭކަށް ގަސްތެއް ނުކުރެ އެވެ. އަހަރެންގެ ލޮލަށް ކަރުނަ ޖަމާވާން ފެށި އެވެ. ރުޅި އާދެވުނީ އަމިއްލަ ނަފްސް ދެކެ އެވެ. އަހަރެން މޮޔަވީ ހެއްޔެވެ؟ އަހަރެން އުންމީދު މިކުރަނީ ކާކުގެ ފަރާތުން ހެއްޔެވެ؟ ބޭނުން ނެތިގެން ދޫކޮށްލި މީހެއްގެ ވާހަކަ ޒާކިން ބުނަން ބޭނުން ވާނީ ކީއްވެ ހެއްޔެވެ؟

"ޑޯން ވޮރީ. އަހަރެން ނުބުނަން ޒެކް ގެ ވާހަކައެއް. ބުނާކަށް ގަސްތެއް ވެސް ނުކުރަން." އަހަރެން ޖަވާބު ދީފައި ޒާކިންއަށްވުރެ ކުރިން ގޮސް ލިފްޓަށް އެރީމެވެ.

އޭނަ އަހަރެންގެ ފަހަތުން ގޮސް ހުންނަން ޖެހުނީ ލިފްޓްގެ އަނެއް ކޮޅުގަ އެވެ. އެތާގައި އެހެން މީހުން ތިބުމުން ޒާކިން ވާހަކަދައްކާނެ ފުރުސަތެއް ނެތެވެ. އެކަމަކު އޭނަ ތަކުރާރުކޮށް އަހަރެންގެ މޫނަށް ބެލި އެވެ. އަހަރެންނަށް އެކަން އިހްސާސްވި އެވެ. އަހަރެން ގަސްތުގައި ދުރު ބަލަހައްޓައިގެން ހުރީ އެމޫނަށް ނުބަލަން ވެގެންނެވެ. އޭރު ލޮލުގައި ހުރި ކަރުނަތައް ފައިބައިގެންފާނެ ކަމުގެ ބިރު އެހާ ބޮޑެވެ.

ލިފްޓް ހުޅުވުމާއެކު އެންމެ ކުރީން ނިކުމެގެން އަވަހަށް ގޮސް ނާވީގެ ރޫމަށް ވަދެ ގަނެވުނީ ޓަކި ވެސް ނުޖަހަ އެވެ. އެތެރޭގައި ތިބި ބަލިމީހާ އާއި ނާވީ ފެނިފައި އަހަރެން ކުއްލިއަކަށް ރަކިވި އެވެ.

"...ސޮރީ...." އަހަރެންގެ އަޑު ނިކުތީ އުދަނގުލުންނެވެ.

ނަސީބަކުން ބަލިމީހާ އެވަގުތު ނިކުންނަން ވެގެން ތެދުވެއްޖެ އެވެ. ނާވީ އެމީހާއަށް ފަހުގެ ލަފާ ދީފައި ހިނިތުންވުމާއެކު ފޮނުވައިލި އެވެ. އަހަރެން ހުރީ އިސްޖަހައިގެންނެވެ. ދޮރު ލައްޕާލި އަޑާއެކު ނާވީ އަހަރެންނަށް ގޮވައިލި އެވެ. އަހަރެން ބަލައިލުމުން އޭނަ އެދުނީ އިށީނުމަށެވެ. އިތުރު ވާހަކައެއް ދެއްކުމަކާއި ނުލައި އަހަރެން ދިއްކޮށްލީ ފައިލެވެ.

"ހީވޭ ކަމަކާ ދެރަވެފަ ހެން. ކިހިނެތްވީ؟" ނާވީ ފައިލް ހުޅުވާލައިގެން އިނދެ ސޮއި ކުރަމުން ސުވާލު ކުރި އެވެ. ހިނިތުންވެލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ.

"ބަނޑުހައި ވީތަ؟.. އައި ގޮޓް ޗިޕްސް." ނާވީ ކަބަޑު ތެރެއިން ޗިޕްސް ޕަކެޓް ނަގައި ދައްކާލި ގޮތުން ހިނި އައެވެ.

އޭނަ ވެސް އަހަރެންގެ ހުނުމުގައި ބައިވެރިވި އެވެ. އަހަރެންނަށް އެސުވާލަށް ޖަވާބު ދޭކަށް ނުޖެހުނެވެ. ނާވީ ކޮންމެހެން އެމައުޟޫއާއި ކުރިއަށް ގެންދާކަށް ނޫޅުނެވެ. ބަލިމީހުން ބަލާ ގަޑިވެ އިތުރަށް މަޑުނުކޮށް އަހަރެން ދެން ނިކުތީ އެވެ.

ޒާކިން ދެން ފެނުނީ ބްރޭކް ގަޑި ނިންމާފައި ފާޚާނާއަށް ގޮސް ނިކުތް ގަޑީގަ އެވެ. ދޮރު ހުޅުވައިލިތަނާ އޭނަ ބަލައިލި ގޮތުން ހީވީ އަހަރެންގެ އިންތިޒާރުގައި އެތާ ހުރި ހެންނެވެ. އަހަރެން ބަލައިލީ ދުރެވެ. ހިނގާފައި ދިޔައީ ދޮރާއި ދިމާއަށެވެ. ޒާކިން އަހަރެންގެ ނަމުން ގޮވައިލި އެވެ. އަހަރެން ހުއްޓުނީމެވެ. އެކަމަކު އެނބުރި ބަލައެއް ނުލަމެވެ. ޒާކިން އައިސް އަހަރެންގެ ފަހަތުގައި ހުއްޓުނުކަން އިހްސާސްވި އެވެ.

"އަމް....އަހަރެންގެ މައިންބަފައިންނާއި އަހަރެންގެ ގުޅުން އެހާ ރަނގަޅެއް ނޫން....." ޒާކިން ފެށީ ޖެހިލުންވެފައިވާ ރާގެއްގަ އެވެ.

އަހަރެންނަށް ހައިރާންކަމެއް ލިބުނެވެ. އެކަމަކު އޭނަގެ ހިތްވަރު އެލިދާނެތީ ހިމޭނުން އަޑު އަހަން ހުރީ އެވެ.

"އެމީހުންނަށް އެހާ މުހިންމެއް ނުވާނެ އަހަރެންގެ އަމިއްލަ ހަޔާތުގެ ކަންކަމެއް. އެހެންވެ ކިއާރާގެ ވާހަކަ އެމީހުން ކައިރީ ނުބުނެވުނީ. އަހަރެން އެމީހުންނާ ވާހަކައެއްވެސް ނުދައްކަން. " ޒާކިން އިތުރަށް އޮޅުންފިލުވައިދިނެވެ.

އަހަރެންނަށް ކެތްކުރެވުނީ އެހާ އިރަށެވެ. ކުއްލިއަކަށް އެނބުރި އެމޫނަށް ބަލައިލެވިއްޖެ އެވެ. ޒާކިންގެ ލޮލުގައި ވާ ރިހުން ދެކެފައި ހިތް އެދުނީ ގެނެސް ކައިރިކޮށްލުމަށެވެ.

"ކިއާ ބޭނުމިއްޔާ އަހަރެން ބުނާނަން." ޒާކިން ހުށައެޅި އެވެ.

އަހަރެން ބޯ ހޫރުވައިލީ ދެފަރާތަށެވެ. ޒާކިންގެ މޫނުން ހައިރާންކަން ފައުޅުވި އެވެ. އަހަރެން އޭގެ ޖަވާބު ދިނީމެވެ.

"ރަނގަޅު ވާނީ ނުބުނިއްޔާ. އަހަރެންގެ އެހާ ހައިސިއްޔަތެއް މިހާރު ނެތް. ޅީދަރިއެއްގެ ހައިސިއްޔަތުވެސް ވަނީ ގެއްލިފައި. އައިމް ނޯވަން ޓު ދެމް. އަދި މިބޭބީ އަކީ ވެސް ހަމައެކަނި އަހަރެންގެ...." އަހަރެންނަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

އަޑު ކުރެހިއްޖެ އެވެ. ޒާކިން އެވަގުތު އިސްޖަހައިލި އެވެ. އަހަރެން އަނެއްކާ ވެސް ފުރަގަސްދީފައި ހިނގައިގަތީމެވެ. ޒާކިން އަހަރެން ނުހުއްޓުވަ އެވެ. އެކަމަކު ދޮރާއި ހަމައަށް ދަންދެން އޭނަ އަހަރެންނަށް އަޑު އިވޭ ވަރަށް ވާހަކަދެއްކި އެވެ.

"ކިއާ ޓްރަސްޓް މީ. އަހަރެން ބޭނުން ތީ އަހަރެންގެ ދަރިއަކަށް ވާން. އަހަރެން ބޭނުން އެގޮތަށް ގަބޫލު ކުރަން. އަހަރެން ވަރަށް މަސައްކަތް ކޮށްފިން. އަހަރެންގެ ހިތަށް ވިސްނަދޭން އަހަރެން ނުކުރާ ކަމެއް ނެތް. އަހަރެންގެ ކުރިމަތީ އަމަންއަށްވުރެ ކިއާގެ ބަސް ތެދު. އެކަމަކު އަހަރެންނަށް ފެނުނު މަންޒަރު ކިހިނެތް ދޮގު ކުރާނީ؟" ދޮރުން ނިކުމެވޭން ދެން ޒާކިންގެ ލަފްޒްތައް ކަންފަތުގައި ހަރުލާފައި ހުއްޓެވެ.

ނިކުމެވުމާއެކު އަހަރެންގެ ލޮލުން ކަރުނަތައް އޮހިގެންފި އެވެ. ކުރިއަށް ނުދެވިގެން ފާރުގައި އެއް އަތުން ހިފަހައްޓައިލެވުނެވެ. އަނެއް އަތުން ހިފަހައްޓާލެވުނީ އަނގަމަތީގަ އެވެ. އެމަގުން ދިޔަ ބައެއް މީހުންގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. އެއްކުއްޖަކު ކައިރިވެފައި ބަނޑުގައި ރިއްސަނީތޯ އެހި އެވެ. އެންމެންގެ ކުރިމަތީ ތަމްސީލަކަށް ނުވެ އެތަނުން ދުރަށް ދާން ދެފަޔަށް ބާރު ލީމެވެ. ކަރުނަ ހުއްޓުވުނީ ނިކަން މަސައްކަތުންނެވެ. ނައުޝާން ބްރޭކް ރޫމުން ނިކުތްތަން ފެނުމާއެކު އަވަހަށް ގޮސް އޭނަގެ އަތުގައި ހިފަހައްޓައިލެވިއްޖެ އެވެ.

ނައުޝާން އަހަރެން ގެންދިޔައީ ސިޑި ގޮޅިއަށެވެ. މިނިވަންކަމާއެކު އަހަރެން ރުއި އިރު ނައުޝާން ހިމޭނުން ހުރީ އަހަރެންނަށް ފުރުސަތު ދީގެންނެވެ. އޭނަ އަހަރެން ކައިރީ ސުވާލެއް ވެސް ނުކުރެ އެވެ.

***

ޑޮކްޓަރު ރޫމުން ބައްދަލު ކުރި ދުވަހުން ފެށިގެން އަހަރެން އަނެއްކާ ވެސް އުޅެން ފެށީ ޒާކިންއާ ދުރުންނެވެ. ޚުދު ޒާކިން ވެސް ހަމަ އެގޮތެވެ. ދެމީހުން ދައްކަނީ މުޅިން ވެސް ބަލިމީހުންނާއި ގުޅޭ ވާހަކަ އެވެ. ކައިވެނީގެ ތައްޔާރީ ތަކުގައި އުޅެނީ ދެއާއިލާގެ ބޮޑެތި މީހުންނެވެ. ޒާރާގެ އާއިލާއިން ތިބީ އެމީހުންގެ އަމިއްލަ ޒިންމާއެއްގެ ގޮތުގައި އެކަމާއި ހަވާލު ވެގެންނެވެ. ގަވާއިދުން އަހަރެންގެ އެކައުންޓަށް ޖަމާކުރާ ފައިސާގެ އިތުރުން، ކުރިއެކޭ އެއްގޮތަށް ކްލިނިކަށް ކުރާ ޒިޔާރަތް ތަކުގެ މައުލޫމާތު ހޯދައި ޓެސްޓްތަކުގެ ނަތީޖާތައް ބަލަ އެވެ.

ހަތް މަސްވެ އަށް މަހަށް އެޅިއިރު އަހަރެންގެ ބަނޑު ފުދޭ ވަރަކަށް ބޮޑެވެ. ބުރަހެލިވެ ހިނގާލިއަސް ވަރުބަލި ވެ އެވެ. ޑިއުޓީގައި އުޅޭއިރު ހުންނަނީ ގުނބު ހިލިފަ އެވެ. ޗުއްޓީ ނަގަން އެންމެން ލަފާ ދެ އެވެ. އެކަމަކު ގޭގައި އެކަނި ހުންނަން ވުމުން ފިކުރުތައް ބޮޑުވާނެ އެވެ. ޗުއްޓީ ނަގަން އަހަރެން ބޭނުން ނުވަނީ މިސަބަބާއި ހެދި އެވެ. އަބަދު އެންމެންތެރޭ އުޅޭއިރުވެސް ކަންކަމާއި ވިސްނެނީ އެހާ ބޮޑަށެވެ. އެކަމުން ދަރިފުޅާއި އަހަރެންގެ އަމިއްލަ ޞިއްހަތަށް އަސަރު ކުރާނެކަން ޑޮކްޓަރު ބުނެދެ އެވެ.

ޑިއުޓީގައި ހުރި ދުވަހެއްގައި އަހަރެން ބަނޑުގައި ރިއްސަން ފެށި އެވެ. ކެތްނުވާ ހިސާބަށް ދިއުމުން ނައުޝާން ކައިރީ ބުނެފީމެވެ. އޭނަ ވަގުތުން ނާވީއަށް ގުޅި އެވެ. އިރުކޮޅެއްގެ ތެރޭގައި ނާވީ އައީ ގައިނީ ގޮވައިގެންނެވެ. ފަރުވާ ދިނުމުގެ ގޮތުން ގައިނީ އީއާރްއަށް ގެންދެވުނެވެ. މައްސަލައަކީ ސްޓްރެސް އެވެ. ގައިނީ ބޭނުންވީ ސައުވީސް ގަޑިއިރު އޮބްޒަވޭޝަންގައި ބޭއްވުމަށެވެ.

އަހަރެން އެތާ އޮއްވާ ފަހަރަކު މީހަކު އަންނަން ފެށި އެވެ. ދޮންތަ އާއި މަންމަ ހީވަނީ ފެން ނެތް ތަނެއްގައި ރޯމަހެއް ތެޅޭހެންނެވެ. ނާވީ އެމީހުންގެ ހާސްކަން ދުރުކޮށްދީފައި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ހަމަޖެހުނީ ދެނެވެ. ޒާކިން ބޭރުގައި އުޅެފައި އައީ އާދައިގެ ހެދުމުގައި ހުރެގެންނެވެ. އޭނަގެ އޮފް ދުވަހެކެވެ. އަހަރެންނަށް ބަލައިލެވުނީ ޒާރާ އަށެވެ. ޒާކިންއަށް އެނގޭނީ ޒާރާގެ ފުށުންކަން ޔަޤީންވި އެވެ. މަންމަމެން އެއްޗެކޭ ބުނެފާނެތީ އެހާ ކަންބޮޑުވި އެވެ.

ނާވީ ހުރުމުން އެކަކުވެސް އެކައްޗެކޭ ވެސް ނުކިޔަ އެވެ. ޒާކިން އަހަރެންގެ ޗާޓް ބަލާލައިފައި ވާހަކަދެއްކީ ނާވީއާ އެވެ. އޭނަ ދާންވެގެން އެނބުރިފައި ކުއްލިއަކަށް ގަނޑުވި އެވެ. އަހަރެންނަށް ހޯދައިލެވުނީ ވަށައިގެންވާ މާހައުލެވެ. ހަފީޒާގެ އަތުގައި ހިފައިގެން އައިސް އެތަނަށް ވަން އަންހެންކުއްޖާގެ މޫނުން ދަންނަ ވައްތަރެއް ޖެހި އެވެ. އިރުކޮޅަކު ވިސްނައިލާއިރަށް އަހަރެންނަށް އެކުއްޖަކު އެނގިއްޖެ އެވެ. އެއީ ޒާކިންގެ ކުރީގެ ލޯބިވެރިޔާ އެވެ.

"މިހިސާބުގައި އުޅެނިކޮށް ކިއާރާ ހޮސްޕިޓަލުގައި އޮތްކަން އެނގިގެން މިއައީ." ހަފީޒާ އައިސް އަހަރެން މަންމަ ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އެވެ. -- ނުނިމޭ --

Popular