23 Oct 2017

ނުވަ މަސް

By: Mariyam Yasma

* އޮކްޓޫބަރު 19 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެމްބިއުލާންސް އައި ވާހަކަ ޒާކިންގެ ބައްޕަ އައިސް ބުންޏެވެ. ޒާކިން ލަހެއް ނުކުރެ އެވެ. އަހަރެންގެ އުނަގަނޑުގައި އެއަތް ވަށާލައި ކޮޅަށް ނަގައިގެން ހިނގައިގެންފި އެވެ. ދެންތިބި މީހުން އެކުގައި ދިޔަ އެވެ. އެމްބިއުލާންސް ތެރޭގައި އޭނަ އެންމެ ހިނދުކޮޅަކަށް ވެސް އަހަރެންގެ އަތުން ދޫކޮށެއް ނުލަ އެވެ. އަހަރެންނަށް ފަސޭހަ ވާނެހެން އުނަގަނޑު މޮޑެދީ ހެދި އެވެ. އެންމެ ދުރުގައި އިން ހަފީޒާގެ ނަޒަރު އަހަރުމެން ދެމީހުންނަށް ހުއްޓިފައި ވަނިކޮށް އެއްފަހަރު ފެނުނެވެ. އެމޫނުގައި ވީ ސުވާލު މާކުތަކެކެވެ. ހަފީޒާ އެއިނީ އަހަންނާއި ޒާކިންގެ ގުޅުމާ މެދު ސުވާލު އުފެދިފައި ކަން ޔަޤީނެވެ. އެކަމަކު އެކަންކަން އޮޅުންފިލުވައިދޭކަށް އަހަންނަކަށް ވަގުތެއް ނެތެވެ.

"ޒެކް....އަހަރެން މަރުވެދާނެ...." ވޭންވަރާއެކު އަހަރެންނަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެ އެވެ.

"އަހަރެން ކިއާއަށް އެއްވެސް ގޮތެއް ވިއަކަނުދޭނަން ޓްރަސްޓް މީ....." ޒާކިން ތަކުރާރުކޮށް ބުނެދިނެވެ.

އެލޮލުގައި ކަރުނައިގެ އަސަރުވި އެވެ. އަޑުގައި ކަންބޮޑުވުމެވެ.

ގައިނީ އީއާރްއަށް ވެއްދުމާއެކު ބަލަންވެގެން ޑޮކްޓަރު އައެވެ. ދެންތިބި މީހުން ދުރުގައި ބައިތިއްބާފައި އަހަރެން ކައިރީ މަޑުކުރީ ޒާކިން އެވެ. ސްކޭންކޮށްފައި ޑޮކްޓަރ އެންގީ ސިޒޭރިއަން އަކަށް ދިއުމަށެވެ. ދަރިފުޅުގެ ކަރުގައި ފޫޅުދަނޑި އޮޅިފައިވާ ވާހަކަ ބުނުމުން އަހަރެންގެ ނޭވާ ނުހުއްޓުނީ ކިރިޔާ އެވެ. ދަރިފުޅު ސަލަމާތްކޮށްދިނުމަށް އެދި އާދޭސް ކުރެވުނީ ޒާކިންގެ އަތުގައި ހިފައިގެން އޮވެ އެވެ. ޒާކިންގެ ނަޒަރު ދަތުރުކޮށްލީ ޑޮކްޓަރުގެ މޫނަށެވެ.

"ޕްލީޒް ސޭވް މައި ވައިފް އެން ސަން." ޒާކިން ބުނެލި އަޑު އިވުނެވެ.

އަހަރެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ދަރިފުޅުގެ ޖިންސް ޒާކިންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެންވެސް ފަހު ވަގުތު އޮޅުންފިލުވަން ބާއްވާފައި އޮތް ކަމެކެވެ.

"ހާސްނުވޭ ޑޮކްޓަރ ޒާކިން. ދޭ އާ އިން ގުޑް ހޭންޑްސް. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ." ގައިނީ ޒާކިންގެ ކޮނޑުގައި ޖަހާލައިފައި ހިތްވަރު ދިނެވެ.

ތިއޭޓަރަށް ވެއްދުމާއެކު އަހަރެން ބިރުގަންނަން ފެށި އެވެ. މީގެ ކުރިން އެތަން އެއީ އަހަރެންގެ މަސައްކަތުގެ މާހައުލެވެ. އެކަމަކު މިއަދު އަހަންނަކީ އެތަނުގައި ޑޮކްޓަރުންގެ އެހީއަށް ބޭނުންވެފައިވާ ބަލިމީހާ އެވެ. ޒާކިން ފަހު ވަގުތާ ހަމައަށް އަހަރެންގެ ކައިރީ މަޑުކުރި އެވެ. އެހެންމީހަކަށް ޝައްކެއް ކުރެވިދާނެތީއެއް ނޫނީ އެއްޗެއް އޮޅުންފިލާފާނެތީއެއް އޭނަ މިފަހަރު ނުބަލަ އެވެ. ނިކުންނަން ވެގެން އަހަރެންގެ ނިތުގައި ބޮސްދިނެވެ.

ސިޒޭރިއަންގައި ހޭދަވި ވަގުތުތައް ފުސްގަނޑެއްފަދައެވެ. ހަމަ ބިމަށް އަހަރެން ގެނައީ ކަންފަތުގައި ހަރުލި ރުއިމުގެ އަޑެވެ. އިސާހިތަކު އުފާވެރިކަމުގެ މުތީތައް އަހަރެންގެ ލޮލުން އޮހިގެންފި އެވެ. ދަރިފުޅު ޗެކްކުރަން ވެގެން އައީ ނާވީ އެވެ.

"ބޭބީ އިޒް ފައިން އެން ހެލްތީ." ނާވީ ބުނި އަޑު އިވުނެވެ.

އޭނަ ދެން އައީ އަހަރެންގެ ކައިރިއަށެވެ. އަހަރެންނާ ހަތަރުކަޅި ހަމަވުމުން އެ މޫނަށް ހިނިތުންވުމެއް ފެތުރުނެވެ.

"ވެލްކަމް ޓު ޕޭރެންޓްހުޑް." ނާވީ އަހަރެންގެ ބޮލުގައި ފިރުމާލައިފައި ވާހަކަދެއްކި އެވެ.

އެލޮލުގައި އޯގާތެރިކަމާއި އަޅައިލުން ވި އެވެ. އަހަރެންނަށް ބަލަހައްޓައިގެން އޮވެވުނީ އެވެ. ކަރުން ތިރިން އަހަރެންގެ ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް އަމިއްލަ ބާރެއް ނުފޯރުވެ އެވެ. ނާވީ އިތުރަށް ބުނެދިނީ އަހަރެންގެ ދަރިފުޅުގެ ފުރިހަމަ ކަމުގެ ވާހަކަ އެވެ. އެތުއްތު މޫނު ދެކިލާހިތުން އަހަރެން ކެތްމަދުވި އެވެ. ނަރުސް ކުއްޖަކު އެދަރިފުޅު ގޮވައިގެން އައީ ނާވީ އެތާ ހުއްޓަ އެވެ. އަންހެންކުއްޖާ އަހަރެންގެ ދަރިފުޅުގެ މޫނު ދައްކާލުމާއެކު އެސްފިޔަ ޖަހައިލަން އަހަރެން ހަނދާނެއް ނުވި އެވެ. ހިތާއި ހިތުން، ހާސްފަހަރު ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ. މި ދުނިޔޭން އަހަރެން ދުށް އެންމެ ފުރިހަމަ މޫނެވެ. އެއީ އަހަންނާއި ޒާކިންގެ ލޯބީގެ މޭވާ އެވެ.

ފަހުން ބައްދަލުވާނެ ވާހަކަ ބުނެފައި ނާވީ ދިޔަތާ އިރުކޮޅެއްގެ ތެރޭގައި އަހަރެން ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުނެވެ. އޭރު ކުރިއްސުރެ ދަރިފުޅު ގޮވައިގެން އަހަރެންގެ މަންމަމެންނާއި ޒާކިންގެ މައިންބަފައިން ތިއްބެވެ. އިތުރަށް ޒާރާ އާއި އަޔާޒް ވެސް މެއެވެ. އެތާގައި މަދީ ހަމައެކަނި ޒާކިން އެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ޒާކިން ދިޔައީ ކޮންތާކަށް ހެއްޔެވެ؟

ހަފީޒާމެން ދެމަފިރިންގެ ހަރަކާތް ހުރި ގޮތަށް ބަލާފައި އަހަރެންނަށް އެނގުނީ ދަރިފުޅުގެ ހަޤީޤަތް އެމީހުންނަށް އޮޅުންފިލައިފި ކަމެވެ. އެއިން އެކެއްގެ ނަޒަރު ވެސް އެކުއްޖާގެ މޫނަކުން ނުނެއްޓެ އެވެ.

"ޒާރާ ދޮންބެއަށް ގުޅާފަ ވީ ތަނެއް ބަލާބަލަ! ދަރިއަކު އުފަންވެގެން އުޅޭއިރު އެހެން ބޭރުގައިތަ އުޅެން ވީ؟" ހަފީޒާ ޒާރާއަށް ގޮވާލައިފައި ވާހަކަދެއްކި އެވެ.

ޒާރާ ފޯނު ނަގާފައި ފާޑަކަށް ބަލައިލީ އަހަރެންނަށެވެ. ތިއޭޓަރުގައި އަހަރެން އޮތް ވަގުތުކޮޅު ތެރޭގައި ބޮޑު ކަންތައްގަނޑެއް ހިނގައިފި ކަމުގައި ހިތް ބުނެލި އެވެ. ޒާރާ ދެފަހަރެއްގެ މަތިން ގުޅާފައި އެންގީ ޖަވާބު ނުދޭ ކަމަށެވެ. ހަފީޒާ އާއި ހަމީދުގެ މެދުގައި ނަޒަރު ބަދަލުކޮށްލެވުނު ތަން ފެނުނެވެ.

ދާން ވެގެން ހަފީޒާ އައީ އަހަރެންގެ ކައިރިއަށެވެ. ލުއި ހިނިތުންވުމަކާއެކު ގުދުވެލައިފައި އަހަރެން ނިތުގައި ބޮސްދިނެވެ.

"މަންމަ އަދި ފަހުން އަންނާނަން." ވާހަކަދެއްކިއިރު ހަފީޒާގެ އަޑުގައި މަޑު ތުރުތުރެއްވި އެވެ.

އަހަރެން އޮތީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ދޮރުން ނިކުތުމުގެ ކުރިން ޒާކިންގެ ބައްޕަ ހަމީދު ވެސް ހިނިތުންވެލި އެވެ. ޒާރާ ދުވެފައި އަހަރެންގެ ގާތަށް އައީ އެމީހުން ނިކުމެ ދޮރު ލެއްޕީމައެވެ. ވެގެން އުޅޭ ގޮތް ޒާރާ ސާފުކޮށްދިނެވެ. ޒާކިން އަހަރެން ތިއޭޓަރަށް ދޫކޮށްފައި ނިކުތްހާއިރުން އޭނަގެ މައިންބަފައިން ސުވާލުތަކާ ކުރިމަތި ކުރީ އެވެ. އެހިސާބުން ޒާކިންއަށް މަޖުބޫރު ވީ ހަޤީޤަތް ހާމަކޮށްދިނުމަށެވެ.

"ބައްޕަމެން ފުކަކަށް ބަވާލި. އަހަރެން ވެސް ހުރީ ބިރުން. އެއްގޮތަކަށް ވެސް ހިއެއް ނުކުރަން ޒެކް ރިއެކްޓް ނުކޮށް ހުންނާނެ ކަމަކަށް ވެސް. އެކަމަކު... ޓު މައި ސަޕްރައިޒް ހީ ވޯޒް ކާމް އޭޒް އެ ސްޓެޗޫ. އަދިވެސް ޤަބޫލެއް ނުކުރެވޭ އެއީ ޒެކްގެ ފަރާތުން ފެނުނު ސިފައެއް ކަމަކަށް." ޒާރާ ކިޔައިދިނެވެ.

އެވަގުތު ދޮންތަ ވެސް އައިސް އެވާހަކައަށް ބާރުދިނެވެ.

ބޭހުގެ އަސަރު ކެނޑެން ފެށުމާއެކު، ކަފާލި ތަނުގައި ރިއްސަން ފެށި އެވެ. ނޭވާ ލެވޭވަރު ވީ ތަދުކަނޑަން ސަޕޯސިޓަރީއެއް ޖެހީމަ އެވެ. ތުއްތު ދަރިފުޅު ނިދިން ހޭލުމުން އެކުއްޖާއަށް ގާތުން ދޭން އެމީހުން ލަފާދިނެވެ. އަހަރެންނެކޭ ބާއްވާފައި އޮތް ބުދެކޭ އެއްގޮތެވެ. އަރިއަކަށް ޖެހިލާން އުޅުނަސް މީހާ ހީވަނީ ވޭނުން ކުދިކުދި ވެދާނެ ހެންނެވެ. އަނެއްކޮޅުން އެއް އަތަށް އައިވީ ގުޅާފަ އެވެ. ދޮންތަ ކައިރީގައި ނެތްނަމަ ވާނެ ގޮތެއް ވެސް ނޭނގެ އެވެ. މަންމަ އިންނަނީ ތުއްތު ދަރިފުޅު ރޯލާ އިރަށް ކަންބޮޑުވެފަ އެވެ.

ހެނދުނުން އަންނަން ބުނެފައި މަންމަ ފޮނުވައިލީ ޔައިލް ބަލަން ގެއަށެވެ. ޒާރާ އާއި އަޔާޒް ވެސް ދިޔަ އެވެ. އަހަރެން ކައިރީ މަޑުކުރީ ދޮންތަމެން ދެމަފިރީންނެވެ. ނައުޝާންގެ ކަންފަތަށް ޚަބަރު ދިއުމާއެކު އަވަހަށް ހަދިޔާތައް ހިފައިގެން އައެވެ.

"ކޮން ނަމެއް ކިޔާނީ؟"ނަމެއް ހޯދައިފިންތަ މިހާރު؟" ނައުޝާން ސުވާލު ކުރި އެވެ.

އަހަރެންނަށް ކުރެވުނީ ކުށްވެރިކަމުގެ އިހްސާސެވެ. އަހަރެން މީ ކޮންކަހަލަ މަންމައެއް ހެއްޔެވެ؟ ނުވަ މަސް ވަންދެން ބަނޑުގައި ގެންގުޅުނުއިރު ދަރިފުޅަށް ކިޔާނެ ނަމެއް ވެސް ހޯދިފައެއް ނެތެވެ.

"ވަކި ނަމެއް އަދި ހަމައެއްނުޖެހޭ. ނައުޝާންއަށް ވެސް ރީތި ނަމެއް އެނގެންޏާ ބުނާތި!" ޖަވާބުދިނީ ދޮންތަ އެވެ.

އަހަރެން ހިތްހަމަޖެހުނެވެ. ނައުޝާން އުފަލާއެކު އެއްބަސްވި އެވެ. ލަސްގަޑިއަކަށް ވުމުން ފަހުން އަންނާނެ ވާހަކަ ބުނެފައި ނައުޝާން ވެސް ނިކުތެވެ. ދޮންތަބޭ ކޮފީ ބޯން ކެންޓީނަށް ދިއުމުން އަހަރެންނާއި ދޮންތަ އެކަނިވި އެވެ. ދަރިފުޅަށް ނިދިފައި އޮތް ގަޑީގައި އަހަރެން ވެސް ނިދާލުމަށް ދޮންތަ ލަފާދިނެވެ. ނޫނީ ފަހުން އޮންނާނީ ނުނިދިފަ އެވެ.

***

ނިދިފައި ފަނަރަ މިނިޓް ވެސް ނުވަނީސް ހޭލެވުނީ ތުއްތު ދަރިފުޅު ރޮއިލި އަޑަށެވެ. އަހަރެން ކަރު އަނބުރާލީ ދޮންތަ އިން ފަރާތަށެވެ. ގޮނޑި ހުހަށް ހުރުމުން ދެން ބަލައިލީ ދޮންތަބޭ ކޮބައިތޯ އެވެ. އެގޮނޑި ވެސް ހުހެވެ. ދޮންތަބޭ އަދި ކެންޓީނުން ނާންނަނީ ކަންނޭނގެ އެވެ. ދޮންތައަށް ގޮވަން ހީކޮށްލިތަނާ ދޮރެއް ހުޅުވުނު އަޑު އިވުނެވެ. އަހަރެން ހީކުރީ ދޮންތަ ފާޚާނާއިން ނިކުތް އަޑު ކަމަށެވެ. ދޮންތަ އެކުއްޖާ މަސަލަސް ކުރާނެކަން އެނގޭތީ އަނެއްކާ ވެސް ލޯ މަރައިލީމެވެ.

އިރުކޮޅަކުން ނޭފަތުގައި ޖެހުނީ އަހަރެން ދަންނަ ސެންޓެއްގެ ވަހެވެ. އިސާހިތަކު ލޯ ހުޅުވާލެވިއްޖެ އެވެ. އަހަންނަށް ފެނުނީ ދަރިފުޅު އޮތް އެނދާއި ދިމާއަށް ގުދުވެ އޮތް ފިރިހެނެކެވެ. ފަނޑު އަލީގައި ވެސް އެއީ ކާކުކަން ފާހަގަ ކުރަން އެނގުނެވެ. އެއާއެކު މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ.

ޒާކިން އުރާލުމުން ދަރިފުޅަށް ވެސް އެނގުނީ ކަންނޭނގެ އެވެ. ބައްޕަގެ ހިމާޔަތް ލިބުމާއެކު އެކުއްޖާ ހުއްޓާލައިފި އެވެ. އަހަރެން އޮތީ ޒާކިން ކުރާ ކަމެއް ބަލާށެވެ. އޭނަ ތުއްތު ދަރިފުޅު އަތުތެރެއަށް ލައިގެން އައިސް ދޮންތަ އިން ގޮނޑީގައި އިށީނދެލި އެވެ. ޒާކިންގެ ހިޔަނި އަހަރެންގެ މޫނަށް އެޅިފައި ހުރުމުން ލޯ ހުޅުވައިގެން އޮތަސް ފާހަގަނުވާނެކަން އެނގެ އެވެ. އެހެންވެ އަހަރެންގެ ކަންބޮޑުވުމެއް ނެތެވެ.

ޒާކިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ކަޅިޖަހާނުލާ ދަރިފުޅުގެ މޫނަށް ބަލަން އިނީ އެވެ. އިރުކޮޅަކުން ބޯ ގުދުކޮށްލައިފައި އެކުޑަ މޫނުގައި ތަކުރާރުކޮށް ދެތިން ފަހަރު މަތީން ބޮސްދިނެވެ. ދަރިފުޅުގެ އަތްފައި ތަޅުވާލުމުން ބޯ ހިއްލައިލި އެވެ. އަހަރެންގެ އަތްފައި ފިނިވެލީ ޒާކިންގެ ލޮލުން ވެއްޓިގެން ކޯތާފަތް މަތިން ތިރިއަށް ރޮނގު ދެމިގެން ދިޔަ ކަރުނަތިކި ފެނިފަ އެވެ. ޒާކިން ރޮނީ އެވެ. އެއީ އުފަލުގެ ކަރުނަ ކަމެއް ނޫނީ ހިތާމައިގެ ކަރުނަ ކަމެއް ނޭނގެ އެވެ.

ހިތަށް ކުރި ފުން އަސަރަކުން އަހަރެންގެ ލޮލުން ވެސް ކަރުނަތައް އޮހިގެންފި އެވެ. ޒާކިންއަށް ގޮވާލަން ބޭނުންވެ ތުންތަޅުވައި ލެވުނެވެ. އެކަމަކު އަޑެއް ނުނިކުތެވެ.

ދަރިފުޅާއި ބައްޕަގެ ބައްދަލުވުމަށް ހުރަސް އެޅީ ފާޚާނާ ދޮރު ހުޅުވޭ އަޑެވެ. ޒާކިން އަވަހަށް ތެދުވެ ދަރިފުޅު އެނދުގައި ބާއްވާފައި ނިކުންނަން ވެގެން ދިޔަ އެވެ. އެކަމަކު ނަސީބު އޭނަގެ އަތަކު ނުހިފި އެވެ. ދޮންތައަށް ނިކުމެވުނީ ޒާކިންގެ ކުރިމައްޗަށެވެ. ދޮންތަ އެނަމުން ގޮވާލި އަޑު އިވުނެވެ. އެކަމަކު ޒާކިން ޖަވާބެއް ނުދެ އެވެ. އަނެއްކާ ވެސް ހިނގައިގެންފައި އިވުނީ ދޮރުން ބޭރަށް ދެމިގެން އަޑެވެ.

އެނދުގައި ޖެހުމާއެކު ތުއްތު ދަރިފުޅު ރޯން ފެށި އެވެ. އެހެންވެ ދޮންތަ އަވަހަށް އައީ އެދަރިފުޅު މަސަލަސް ކުރާށެވެ. ކަރުނަތައް ފޭދިގެން ދާން ދޫކޮށްލައިފައި އަހަރެން ލޯ މަރައިލީމެވެ. އެހާލުގައި ދޮންތައާ ކުރިމަތިލުމަކީ އަހަރެން އެވަގުތަށް ބޭނުންވާނެ ފަހު ކަންތަކެވެ. ނަސީބަކުން އަހަންނަށް ކާމިޔާބުވި އެވެ.

ފަތިސް ވީ އަހަރެމެން ދެމައިން ހޭލާ ތިއްބަ އެވެ. ދޮންތަ ބުނީ ތެދެކެވެ. ދަރިފުޅު ނިންޖާ ދުރުކަމުން އަހަންނަށް ވެސް ނިދޭ ތަނެއް ނާދެ އެވެ. ބަނޑުހައިކަން ފިލާވަރު ނުވާތީ އަބަދު ކަމަކީ ރުއިމެވެ. އަހަރެން ހުންނަނީ ބޯ ގޮވާވަރުވެފަ އެވެ. ދަރިފުޅު ރޯވަރުން ހިތް ކުދިކުދިވާ ކަހަލަ އެވެ.

ޒާކިން މަންމަ ހެނދުނު ހެނދުނާ އައެވެ. ދޮންތަ ފޮނުވާލައިފައި އަހަރެން މަންމަ އަންނަންދެން މަޑުކުރަން އެއްބަސްވި އެވެ. ވޯޑު ރައުންޑް ފެށުމުގެ ކުޑަ އިރުކޮޅެއް ކުރީން ނައުޝާން ވެސް އަހަރެންގެ ހާލު ދެކެން އައެވެ. ނައުޝާންއާ އެކު އެކުގައި މަސައްކަތް ކުރާ ގިނަ ކުދިން އަހަރެންގެ ދަރިފުޅު ދެކެން އައެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ޕާރސަލް ތަކާއި މާބޮނޑިތައް ގެނަ އެވެ. އަހަރެން އޮތީ އަޖައިބުވެފަ އެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ގިނަ ބައެއްގެ ހިތުން ހާއްސަކަމެއް ހޯދިފައިވާ ކަން އެނގުނީ މިއަދެވެ. ހާއްސަކޮށް ސީނިއަރ ނަރުހުންގެ ތެރެއިން ދެކުއްޖަކު އައުމުން ވަރަށް ހައިރާންވި އެވެ.

އެންމެން ތުއްތު ދަރިފުޅަށް ބަލާފައި ވައްތަރީ ކާކާހޭ ކިޔަނިކޮށް ޒާކިން ދޮރު ހުޅުވައިލި އެވެ. އެއަޑު ޒާކިން އަށް ވެސް އިވޭނެކަން ގައިމެވެ. އޭނަގެ ފަހަތުން ގައިނީ އާއި އިތުރު ޑޮކްޓަރަކު ވަނެވެ. އެމީހުން އައީ ވޯޑު ރައުންޑަށެވެ.

"އަހަރެންގެ ދަރިއެއްވީމަ އަހަންނާއެއްނު ވައްތަރު ވާނީ." އަހަރެން ޒާކިންގެ މޫނަށް ނުބަލަން ދުރު ބަލައިލީމެވެ.

ޒާކިންގެ މަންމަގެ ނަޒަރު އެވަގުތު އަހަރެންގެ މޫނަށް ހުއްޓުނުކަން އިހްސާސްވި އެވެ. އެކަމަކު އެއްޗެކޭ ނުބުނެ އެވެ.

"ނޭނގެ ކީއްވެ ކަމެއް؟ ހަމަ ހީވަނީ ފެންނަ މީހަކާ ވައްތަރޭ. އަޅެ އަސްލު ބުނެބަލަ މީނަ ވައްތަރީ ކާކާކަން!" ކުރިން ވެސް ވާހަކަދެއްކި ކުއްޖާ އަނެއްކާ ސުވާލު ކުރި އެވެ.

އޭނަގެ ނަޒަރު އެކުވެރިންގެ މޫނުން ދެން އައީ އަހަރެންގެ މޫނަށެވެ.

"ހީ ލުކްސް ލައިކް މީ." އެއިވުނީ ޒާކިންގެ އަޑެވެ.

އަހަރެންގެ މެއަށް ފިނިވެގެން ދިޔަ އެވެ. އެންމެން އެއްފަހަރާ ޒާކިންގެ މޫނަށް ބަލަން ފެށީ އަޖައިބެއް ފެނިގެން ބަލާ ހެންނެވެ. ޒާކިން ކަހަލަ ސީރިއަސް މީހަކު ސަމާސަ އަކަށް އެފަދަ އެއްޗެއް ނުބުނާނެކަން އެންމެންނަށް ވެސް އެނގެ އެވެ. އޭނަ އެހެން ބުނާނީ ކޮންމެވެސް ހަޤީޤަތެއް އޮތީމަ އެވެ.

"ދެޓްސް ރައިޓް. ހީޒް މައި ސަން." ޒާކިން ހަމަޖެހިލާފައި އައިސް ދަރިފުޅުގެ އެނދު ކައިރިއަށް ހުއްޓުނެވެ.

ނަރުސް ކުދިންތައް ތަން ދިނުމުން އެކުއްޖާ އެގްޒަމިން ކުރަން ތައްޔާރުވި އެވެ. ބުދުތަކެއްހެން ތިބި ނަރުސް ކުދިންތަކަށް ހޭވެރިކަން ވެގެން އެއްބަޔަކު މިސްރާބު ޖެހީ ބޭރަށެވެ. އެތާ މަޑުކުރީ ޒާކިންމެނަށް އެހީތެރިވާން އައި ކުދިންނެވެ. އެމީހުން ދޮރުން ނުނިކުމެވެނީސް ސިއްރު ސިއްރުން ވާހަކަތަކެއް ދައްކަން ފެށި އެވެ.

ބިތްދޮށަށް ވާ ފަރާތަށް މޫނު އަނބުރާލަން އަހަރެންނަށް މަޖުބޫރު ކުރީ ލޮލުން އައި ކަރުނަ ތަކެވެ. ނުވަމަސް ދުވަސް ވަންދެން އަހަރެން އިންތިޒާރު ކުރީ މިދުވަހަށެވެ. ދަރިފުޅު އުފަން ވުމާއެކު ޑީއެންއޭ ހަދައިގެން އަހަރެންގެ ކުށެއް ނެތްކަން ޒާކިންއަށް ހާމަ ކޮށްދިނުމަށެވެ. އަހަރެންގެ ބަނޑުގައި ގެންގުޅުނު ދަރިފުޅުގެ ބައްޕައަކީ ޒާކިންކަން ސާބިތު ކޮށްދިނުމަށްޓަކަ އެވެ. ޒާކިންގެ އިތުބާރު އަލުން ހޯދުމަކީ އަހަރެން ކުރި އިންތިޒާރުގެ ނިމުމެވެ. އަދި މިއަދު އެއިންތިޒާރަށް ނިމުން އައީ އެވެ. އެދަރިފުޅުގެ ބައްޕައަކީ ޒާކިންކަން ހިތުގެ އަޑިން އެޤަބޫލު ކުރީ އަމިއްލަ އަށެވެ. އަހަރެންގެ ކެތްތެރިކަމުގެ މޭވާ، ހެއްދެވި ފަރާތުން ދެއްވައިފި އެވެ. ޒާކިންގެ ދަރިފުޅަކީ އޭނަގެ ކޮޕީއެކެވެ. އެކަން އަހަރެންނަށް ވެސް އޮތީ ފާހަގަވެފަ އެވެ. އެކަމަކު އަހަރެން ބޭނުންވީ ޒާކިންގެ އަމިއްލަ ދުލުން އެހެން ބުނާ އަޑު އެހުމަށެވެ.

"ކިއާރާ!" ޒާކިން މަންމަ އިރުކޮޅަކުން އަހަރެންގެ ކޮނޑުގައި އަތް ޖައްސާލައިފައި ގޮވާލި އެވެ.

ކަރުނަތައް ހުއްޓުވަން މަސައްކަތް ކުރަމުން އަހަރެން ދެލޯ ފުހެލީމެވެ. އުދަނގުލުން މަގަތަށް އެނބުރުނުއިރު ޑޮކްޓަރުންނާއި ނަރުހުން އެނދު ކައިރީގައި ތައްޔާރަށް ތިއްބެވެ. އަހަރެންގެ ދެލޯ ހޯދައިލީ ޒާކިން އެވެ. އޭނަ ހުރީ ބޭބީ އޮތް އެނދު ކައިރީގަ އެވެ. އެވަގުތު އަހަރެމެންގެ ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular