20 Nov 2017

ސިއްރުސިއްރުން

By: Mariyam Yasma

* ނޮވެމްބަރު 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ގޭތެރެއިން ފުރަތަމަ ދިމާވީ އީވާންގެ ބައްޕަ އާއި ދޮންމަންމަ އާ އެވެ. ނިހާން ނިކުތީ ކޮޓަރިތެރެއިންނެވެ. އޭރު އަދި އީވާން ދައްކައެއްނުލަ އެވެ. ގޭތެރޭގައި އިތުރު ދެ އާއިލާއެއްގެ މީހުން ތިބިތަން ފެނުނެވެ. ފާއިޒު ކުރިއަށް ޖެހިލައިފައި އަލްޔާމެން އިށީންނަން ތަން ދެއްކި އެވެ. ބޮޑެތި މީހުން އެމީހުންގެ އަމިއްލަ ވާހަކައިގައި ކުރިއަށް ދިޔައިރު ޅަކުދިން ކުރެ ކޮންމެ ކުއްޖެއްގެ ނަޒަރު ހުރީ އަތުގައި އޮތް ފޯނުގެ ސްކްރީނަށެވެ.

އަލްޔާ ފޭސްބުކް ހާވަން އިންދާ ނިހާންގެ މެސެޖެއް ލިބުނެވެ.

"ވޯންޓް އެން އެސްކޭޕް؟" މެސެޖް ކިޔާފައި އަލްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

އޭނަ އިސްއުފުލައިލިއިރު ނިހާން އިނީ ބަލާށެވެ. އެމަންޒަރު ޖުމާގެ ލޮލުގައި އަޅައިނުގަނެއެއް ނުދިޔަ އެވެ.

"ފަޒުނައްތާ! ނިހާންއާއެކު މިގޭތެރެ ބަލައިލަން ދަންތަ؟" ޖުމާ ގޮނޑީގެ ކުރިއަށް ޖެހިލާފައި ސުވާލު ކުރި އެވެ.

ނިހާންއާއި އަލްޔާގެ ނަޒަރު އެކަކު އަނެކަކަށް ސީދާވި އެވެ. ފަޒުނާ ހިނިތުންވެފައި ބޯޖަހައިލުމަށްފަހު ބަލައިލީ ނިހާންއަށެވެ.

"އަލްޔާ ވެސް އާދޭ އަހަރުމެންނާއެކު!" ނިހާން ތެދުވެފައި ދައުވަތުދިނެވެ.

އަލްޔާއަށް ފުން ނޭވައެއް ލެވުނެވެ. އޭނަ ތެދުވެގެން އެދެމީހުން ފަހަތުން ހިނގައިގަތެވެ. ނިހާންމެން އުޅޭ ކޮޓަރިއާ ހަމަވިތަނާ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެންމެންގެ ނަޒަރު އެދިމާއަށް ދަތުރު ކުރި ވަގުތު އީވާން ނިކުތްތަން ފެނުނެވެ. ހުރީ އަތްދިގު އަޅި ޓީޝާޓާއި ނޫ ޖިންސެއްގައެވެ. ތެތް އިސްތަށިގަނޑާއެކު އީވާން ފެނުނީ ތާޒާކޮށެވެ. ދެންމެ ފެންވަރާލައިގެން ނިކުތްކަން އެނގެ އެވެ. ކުރިމަތީން އަލްޔާމެން ފެނުމާއެކު އޭނަ ސިހިފައި ހުއްޓުނެވެ.

"އަދި ތި ނިކުމެވުނީ ދޯ؟ ފެންވަރަން ވެއްޖެއްޔާ އަންހެނެކޭ އެއްގޮތް ވާނެ." ނިހާން ބެލީ ދެފަރާތުގައި ތިބި ދެއަންހެންކުދިން ކުރިމަތީ އީވާން ލަދުގަންނަވާލެވޭތޯ އެވެ.

އައި ރުޅިން އީވާންގެ އަތް މުށްކެވުނެވެ. ލަސްވާން ޖެހުނީ ނިހާން ސަބަބުންކަން ހާމަ ކުރެވެން އޮތަސް އޭނަ ދެކުނީ އެއީ ބޭކާރު ކަމެއްގެ ގޮތުގަ އެވެ.

"ދޭ ދެން ވެސް. ބައްޕަމެން އެބަތިބި ސިޓިންރޫމްގަ." ނިހާން ކޮޓަރިއަށް ވަންނަން ދިމާކުރި އެވެ.

އީވާން ހިނގައިގައިގެންފައި ދަމުން ފަސްއެނބުރި ބަލައިލި އެވެ. ދެން އަނެއްކާ ވެސް ހިނގައިގެންފި އެވެ. އަލްޔާ ބަލައިލީ ދޮރުން ވަންނަމުން ނެވެ. އޭރު އީވާން ލޯމަތިން އޮބައިލަނީ އެވެ.

އަލްޔާއަށްވުރެ ކުރިން ޖުމާ ގޮސް ކެބިނެޓް ތެރޭ ހުރި ތަށިތަކައް ތައުރީފް ކުރަން ފެށި އެވެ. ނިހާން އެނގޭ މީހަކަށް ވިއްޔާ ކުޅިވަރަށް އޭނަ ހުރި ފޯރިއާއި ކާމިޔާބުކަން އެނގޭނެ އެވެ. ޖުމާ ބޭނުންވީ ނިހާންގެ ސަމާލުކަމެވެ. އެކަން ކާމިޔާބު ވެސް ވި އެވެ. ޖުމާގެ ތައުރީފްގެ ބަސްތަކުން ނިހާން ހުރީ ފޮނިވެފަ އެވެ. ދެޒުވާނުން އެވާހަކައިގައި ތިއްބާ އަލްޔާ ގޮސް ހުއްޓުނީ ކޮޓަރިތެރޭ ހުރި ފޮތް ހަރުގަނޑު ކައިރިއަށެވެ.

ކާން ދާން ވެގެން ފަޒުނާ އެކުދިން ހޯދަމުން އައެވެ. އެމީހުންނަށް ދެވުނުއިރު ގިނަ ގޮނޑިތައް ހުރީ ފުރިފަ އެވެ. އެންމެ ކައިރީން ޖެހުނު ހުސް ގޮނޑިއާ ދިމާއަށް އަލްޔާ ދަނިކޮށް ނިހާން އެއަތުގައި ހިފައިލުމުން ސިހުމެއް ލިބުނެވެ. ކަންބޮޑުވެފައި ހޯދައިލެވުނީ އެތާ ތިބި އެހެން މީހުންގެ މޫނުތަކެވެ. ނިހާން އިޝާރާތުން ދެއްކީ ޖެހި ޖެހިގެން ހުރި ދެގޮނޑި އެވެ. ޖުމާ ޖެހުނީ ދުރުގައި އިންނާށެވެ. އިއްތިފާޤުން އަލްޔާއަށް އިށީންދެވުނީ އީވާންގެ ކުރިމަތީގަ އެވެ.

"އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް." ނިހާން ކައިރިވެލައިފައި އަލްޔާގެ ކަންފަތާއި އަނގަ ކައިރިކޮށްލި އެވެ.

"ކޮން ވާހަކައެއް؟" އަލްޔާ އޮޅުންފިލުވަން ބޭނުންވި އެވެ.

އެކަމަކު ނިހާން ޖަވާބެއް ނުދެ އެވެ. ރަކި ހިނިތުންވުމަކާއިއެކު ޖެހިލީ ދުރަށެވެ.

ކެއުން ނިންމާފައި، ދުފާލަން ތިބުމަށްފަހު ފަހަރަކު ބަޔަކު ގެއަށް ދާން ނިކުންނަން ފެށި އެވެ. ވިއްސާރަ ކުލަ ދައްކަން ފެށުމުން ޝާކިރު ވެސް ވާހަކަ މެދުކަނޑާލައިފައި ތެދުވި އެވެ. އަލްޔާއާއި ޖުމާއަށް ގޮވާލުމުން ކައިރިއަށް އައެވެ. ފަހު ވަގުތު ވެސް ރިޒްނާ ތަކުރާރުކޮށް ކެއުން މީރު ވާހަކަ ބުނެލި އެވެ. ފަޒުނާ ހުރީ ހިތްހަމަޖެހިފަ އެވެ.

ދޮރު ލައްޕާލުމާއެކު ފާއިޒުމެން ދެމަފިރިން ވެސް ތެދުވި އެވެ. ކައްކާ މީހާއަށް ގޮވާފައި ތަށިތައް ދޮންނަން އެންގުމަށްފަހު ފަޒުނާ މިސްރާބު ޖެހީ މައްޗަށެވެ. މުޅި ދުވަހު ކަމެއް ނުކޮށް ހަމައެކަނި ގޮތް ކިޔައިދިނަސް ސިކުނޑި ހުރީ ވަރުބަލިވެފަ އެވެ. ފާއިޒު ހުރީ ފަހަތުގައި ޖައްސާފަ އެވެ. އެދެމީހުންގެ ފަހަތުން ނިހާން ތެދުވީ ފޯނެއް އައިސްގެންނެވެ. އިރުކޮޅަކުން އޭނަ ވެސް ސިޑިން އަރައިގެން ގޮސް އޮބާލައިފި އެވެ.

ސިޓިންރޫމްގައި އެކަނި ވުމުން އިވާންގެ ނަޒަރު ހުއްޓައިލީ އަތް ޖެހޭ ހިސާބުގައި ފްރޭމްކޮށްފައި ހުރި ކާފަގެ ފޮޓޯގަނޑަށެވެ. ފެށުނީއްސުރެ ކާފަ އަކީ ނިކަން ހަރަކާތްތެރިކޮށް އުޅުނު މީހެކެވެ. ޗުއްޓީ ވުމުން ކާފަގެ ރަށަށް ގޮސް އުޅޭއިރު ކާފަގެ ދިރިއުޅުން ހުރި ގޮތް އީވާންއަށް ފެނުނެވެ. އެންމެ ކުޑަ ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތައް ވެސް ކާފަ ކޮށް އުޅުނީ އަމިއްލަ އަށެވެ. ފަސްދޮޅަހާއި ގާތް ކުރިއިރު ވެސް ގަސް ރުކަށް އެރުމުގައި ކުޅަދާނަ އެވެ. ކަމެއް ނުކޮށް ފޯނާއި ކުޅެން ތިބޭ ޒުވާން ކުދިންނަށްވުރު ބުންވަރު ހުރެ އެވެ.

ކާފަގެ ކޮންމެ ދުވަހެއް ފެށެނީ ފަތިސް ނަމާދުންނެވެ. އެއަށްފަހު މޫދަށް ގޮސް ފަތާލުން ކޮންމެހެން ތާވަލުގައި ހިމެނުނެވެ. ހުރިހާ ތާކަށް ގޮސް އުޅުނީ ފައިމަގުގަ އެވެ. ގޭތެރޭގައި ކުރާ މަސައްކަތުގައި އިހުގެ މީހުން އެހީ ނުވެއޭ ކިޔާ އަޑު އިވުނަސް ކާފަ ދެއްކީ އޭގެ އިދިކޮޅެވެ. މާމަ ފަންގެ ވިންނަން ފަން ހޮވައިގެން ގެނެސްދެނީ އެކީއްސައި ބޮނޑި ބަނދެގެންނެވެ. މަދު ގަސްދަށުން ހޮވައިގެން ގެނެސް ގިނަކޮށްފައި ހުންނަ އޮށް ބަސްތާތައް އަވީލައި އަނބުރާ ހިޔަލަށް ގެނެސްދެ އެވެ. ގޭދޮށުން ކާށި ހުސްވިޔަ ނުދީ އަބަދުވެސް ގެނެސް ފުނި ޖަހާފައި ހުރެ އެވެ. ދުވަހެއްގައި ވެސް ގޭގައި އުޅޭ އަންހެނަކަށް މަހެއް ކަނޑާކަށް ނުޖައްސަ އެވެ.

ބައްޕަމެން ޗުއްޓީއަށް ގޮސްލާ އުޅޭއިރު، ލޯބިން ގޮސް ކުޑަ ކަމެއް ވިއަސް އެމީހުން ލައްވާ ނުކުރުވާނެ އެވެ. އެކަމަކު ކާފަ މުސްކުޅި ބަލީގައި ނުހިގޭ ދަރަޖައަށް ދިއުމުން ބައްޕަ އެކަންކަން ހަނދާން ނައްތައިލީ އެވެ. ލޮލުގެ ފެނުން ދަށްވަމުން ގޮސް މީހުން ވަކިވާ، ނުވާ މިންވަރުގައި ހުއްޓައި ރުއްބުޑެއްގައި އަޅައިގަނެފައި ވެއްޓި ފައި ވެސް ބިނދުނީ އެވެ. ކާފަގެ ވެއްޓުމަކީ އެހާދިސާ އެވެ. ފުރަތަމަ ކޮޅު ކާފަ ހުރީ ފަރުވާ ހޯދާ ހިތުންނެވެ. ކާފަ މާޔޫސްކޮށްލީ މާމަގެ ކުއްލި ވަކިވުމެވެ. ތިރީސް އަހަރު ވަންދެން އެކު އުޅުނު ބައިވެރިޔާ ލޯމަތިން ގެއްލުމެވެ.

އީވާން ސުކޫލުން އައިސް އަހާލާއިރު ކާފަ އޮންނާނީ ނުވެސް ކަ އެވެ. ފަޒްނާއެއް ގެއަކު ނޫޅޭނެ އެވެ. ބައްޕަ ބިޒީ ކަމުން ކާފަގެ ހާލު ބަލައިލާނެ ވަގުތެއް ނުވެ އެވެ. މަދިރިތައް އައިސް ކާފަގެ ގައިން ލޭ ބޮމުން ވަށައިގެން އެނބުރޭއިރު ދުންދަނޑިއެއް ވެސް ޖަހާފައެއް ނުހުރެ އެވެ. ކާފަ އޮންނަ ކޮޓަރީގައި މުޅި ރެއާއި ދުވާލު ހޭދަވެގެން ދާއިރު އީވާން ނޫނީ ބޯދިއްކޮށްލާ މީހަކު ނުވެ އެވެ. ކާފަ ފޫހިވާނެތީވެ އީވާން ފޮތެއްގައި އަތް ނުލައި އެކޮޓަރީގައި އެކި ވާހަކަ ދައްކަން އިން ދުވަސް މަދެއް ނުވާނެ އެވެ. އަމިއްލަ ކޮޓަރިން ކަރަންޓް ދުންދަނޑި ނެރެފައި ކާފަގެ ކޮޓަރީގައި ޖަހައިދިނެވެ. އަމިއްލަ އަތުން ކާންދިނެވެ. ކާފަގެ ބަލިހާލު ބޮޑުވެ ކާއެއްޗެގި ނުދިރޭ ހިސާބަށް ދިއުމުން ދެން ބަދަލު ކުރަން ޖެހުނީ ހޮސްޕިޓަލަށެވެ. އެތާގައި ގިނަ ދުވަހަކު ނޯވެ އެވެ. ކާފަ މިދުނިޔެއާއި އަލްވަދާޢު ކިޔައިފި އެވެ.

މިހާރު ބައްޕަ އެދުވަސް ހަނދާންކޮށް އަހަރަކު އެއްފަހަރު ފާތިހާ ކިޔަވައި އަވަށްޓެރިންނަށް ކާން ދެނީ، އަމިއްލަ ކުށް އިހްސާސް ކުރެވިގެން ކަމަށް ވެދާނެ އެވެ.

އީވާންގެ ހިޔާލުތައް ވިއްސި ވިހާލި ކޮށްލީ ޖީބުގައި އޮވެ ވައިބްރޭޓްވި ފޯނެވެ. ފެންކަޅިވެފައިވާ ލޯ ފުހެލަމުން އޭނަ ފޯނު ނަގައި ބަލައިލި އެވެ. އަލްޔާ މެސެޖްކޮށްފައި އިނީ އޭނަގެ ފޮތްތަކުން ފޮތެއް ކިޔާލަން ލިބިދާނެތޯ އެވެ. ސްކްރީނަށް ބަލަހައްޓައިގެން އިވާން އިނީ ސުވާލު އުފެދިފަ އެވެ. އެއީ އޭނަގެ ފޮތްތަކެއް ކަން އަލްޔާއަށް އިނގުނީ ނިހާންގެ ފަރާތުންތޯ އަހައިލެވުނެވެ.

"ޖަސްޓް އެ ލަކީ ގެސް." އަލްޔާގެ ޖަވާބު ދެކެފައި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

އީވާން ދެވަނަ މެސެޖް ފޮނުވީ ބޭނުންވާ އެއްޗެއް ނަން ފޮނުވުމަށް އެދިފަ އެވެ. ހެނދުނު ކުލާހަށް ދާއިރު ގެންގޮސްދޭން އޭނަ އެއްބަސްވި އެވެ.

***

އީވާންގެ ފަހު މެސެޖް ކިޔާފައި ބޭއްވިތަނާހެން ވާރޭ ތިކިތައް ފުރާޅުގައި ބޮސްދޭން ފަށައިފި އެވެ. ފޯނު ބާއްވާފައި އަލްޔާ ޖެހިލީ ކުޑަދޮރާއި ގާތަށެވެ. ވެހެމުންދިޔަ ވާރެއަށް ބަލަން ހުއްޓާ ހިޔާލެއް އައެވެ. އަވަހަށް ކޮޓަރިން ނިކުމެގެން ބޭރަށް ދިޔަ ކުއްޖާ އެނބުރި އައީ ކަޅު ކޮފީ ތައްޓެއް ތައްޔާރުކޮށްލައިގެންނެވެ. ކުޑަދޮރާއި ޖޯޑު ކައިރިކޮށްލައިފައި ފެންތިކިތައް ބޮސްދީފައިވާ ބިއްލޫރި ގަނޑާއެކު ފޮޓޯ ނަގައިފި އެވެ. ހިތްހަމަޖެހޭވަރު ވީ އެގޮތަށް ދެތިންގަނޑު ނެގުނު ފަހުންނެވެ. ބޮނީ ކަޅު ކޮފީކަން ވެސް ފޮޓޯއިން ފެންނަން މަޖުބޫރެވެ.

"ރެއިން އެން ކޮފީ، މައި ފޭވަރިޓް." މި ކެޕްޝަންއާއެކު ފޮޓޯގަނޑު އިންސްޓަގްރާމް ކޮށްލި އެވެ.

ބަލަހައްޓައިގެން އިންދާ ބަސްބުނާހައި ހިނދުން ލައިކުތައް އޮހެންފެށި އެވެ. ފަސް މިނިޓް ތެރޭ ހަތްދިހައެއްހާ ލައިކު ލިބުމުން ހިތްހަމަ ޖެހުމާއެކު ފޯނު އެނދުމަތީ ބޭއްވި އެވެ. ނިދަންވެގެން ބޮކިތައް ނިވާފައި ކޮފީ ޖޯޑު ހުރި ގޮތަށް އަޅައިލީ ފާޚާނާ ތަށި ތެރެއަށެވެ. ދެން ފްލެޝްކޮށްލާފައި އައިސް އެނދަށް އަރައި ރަޖާ ތެރޭ ހަމަޖެހިލައިފި އެވެ. އޭރު ލިޔާމޭޒު މަތީ ބަހައްޓާފައި ހުރި ފޮތްތަކުގެ ތެރެއިން އެންމެ މަތީ އޮތް ފޮތުގެ ފުރަތަމަ ގަނޑު އޮތީ ހުޅުވިފަ އެވެ.

***

ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ސިއްރުތަކެއް ވެ އެވެ. ބައެއް ސިއްރު ތަކަކީ މާ ބޮޑު ސިއްރުތަކެއް ނޫނެވެ. ފައުޅުވެގެން މާބޮޑު ކަމަކަށް ނުވާނެ ފަދަ ސިއްރު ތަކެވެ. އަނެއްބައި ސިއްރު ތަކަކީ ދެވަނަ މީހަކަށް އަންގަން ބޭނުން ނުވާ ސިއްރު ތަކެވެ. އެއްވެސް މީހަކީ އެމީހާ ބޭރުފުށުން އެންމެންނަށް ދައްކައިދޭ ފަދަ މީހެއް ނޫނެވެ.

ހަނދާން ހުންނަން ފެށިފަހުން އަހަރެން ފުރަތަމަ ކުރި ވައްކަމަކީ ކޮޓަރީގައި މަންމަ ފޮރުވާފައި ހުރި ދަޅުން މައިލޯ، ހުހަށް ކެއުމެވެ. ފުރަތަމަ ފަހަރު އަހަރެންގެ ބައިވެރިއަކަށް ހުރީ ދެބެންގެ ދެދަރި ކުއްޖެކެވެ. އިސްނެގީ އޭނަ އެވެ. ހިޔާލު ދިނީ ވެސް އޭނަ އެވެ. އެކަމަކު ދެމީހުން އެއްވަރަށް އޭގައި ހިއްސާ ވީމެވެ.

ހަތަރުވަނަ ކިލާހުގައި ކިޔަވަން އުޅުނުއިރު އަހަރެންގެ އިގިރޭސި ކުޑަ ފޮތަށް ފެން ޖަގެއް ބަންޑުންވެ އެއްކޮށް ފޯވި އެވެ. މަންމައަށް އެގިއްޖެނަމަ ދުވަސްދާނެ އެވެ. އަހަރެން ކުރި ކަމަކީ ފިހާރައިން ހަމަ އޭގެ ފޮތެއް ސިއްރުން ގަތީ އެވެ. ފައިސާ ނެގީ މަންމަ ފައިސާ ރައްކާކުރާ ތަނުންނެވެ. އަހަރު ދެބައިވުމާއި ހަމައަށް ކޮށްފައި ހުރި ހުރިހާ މަސައްކަތެއް އަލުންކޮށްފައި ރަތް ގަލަމެއް ހޯދައިގެން ފާހަގަވެސް ލީމެވެ. އައިޝާ މިސްގެ "ވެރީ ގުޑް" ނަކަލު ކުރަން ދަސްވީ ލައްކަ މަސައްކަތުންނެވެ. ހުރިހާ ފިލާވަޅެއްގައި "ވެރީ ގުޑް" ލިޔުނީމެވެ.

ހަލާކުވި ފޮތް ވީދާ ކުދިކޮށްފައި ގެންގޮސް ލީ އަލިފާން އުނދުނަށެވެ.

ފައިސާ މަދުވެގެން އެވާހަކަ ދެއްކި ދުވަހު އަހަރެން އިނީ ހިމޭނުންނެވެ. އެނގޭ ކަމަކަށް ނުހަދަމެވެ.

މަންމަ ސައިބޯން ގެންގުޅޭ ބޮޑު ޖޯޑު ތެޅުމުން އެ ގެންގޮސް ވަޅުލީ ގޭގެ ފުރަގަހުގައި އޮތް ވަލުގަ އެވެ. ޖޯޑު ގެއްލިގެން ޖޯޑު ގެންދިޔަ ކަމަށް ވީ އަވަށްޓެރި ހަސީނާ އެވެ. ހަސީނާ ހިސާބު ގަނޑުން އެއްޗެހި ގެންގޮސް އަމިއްލަ ކޮށްގެން ގެންގުޅޭ ވާހަކަ އެންމެން ދައްކާ އުޅެ އެވެ. މަންމަ ގޮސް އެގެ ހޯދަނިކޮށް ހަސީނާއަށް ފެނުމުން ބޮލަށް އަރާ ކުކުޅެއްހެން އައެވެ. ދެމީހުން ޒުވާބުކޮށްފައި މަންމަ އައީ ގެއަށެވެ. އެހިސާބުން ޖޯޑުގެ ވާހަކަ ނިމުނީ އެވެ. އަހަރެން ސަލާމަތްވި އެވެ.

***

ނިދެމުން ދަނިކޮށް ސިހިފައި އަލްޔާ ފުންމައިގެން ތެދުވީ ކަމެއް ހަނދާންވެގެންނެވެ. ރަޖާ އެއްފަރާތްކޮށްފައި އޭނަ ތެދުވެގެން އައީ ލިޔާ މޭޒާއި ގާތަށެވެ. މޭޒުމަތީ ހުޅުވިފައި އޮތް ފޮތް ލައްޕައިލީ ވައިރޯޅިއަށް ވެސް ސިއްރު ކުރަން ބޭނުންވާފަދަ ގޮތަކަށެވެ. ދެން އެހުރިހާ ފޮތެއް ގެން ގޮސް ފޮށިގަނޑަށް އަޅާފައި މިފަހަރު ބެހެއްޓީ އަލަމާރި ތެރޭގަ އެވެ. ތަޅުލައިފައި ތަޅުދަނޑި ފޮރުވުމަށްފަހު އަނެއްކާ ވެސް އައިސް އެނދަށް އަރައި ލޯމަރައިލި އެވެ.

ހެނދުނު ތެދުވި އިރު ވެސް މޫސުމަކަށް ބަދަލެއް ނާދެ އެވެ. ފިނީގެ އަސަރު ކޮށްގެން އަލްޔާ ހުރީ ރޯގާ ވައްތަރުވެފަ އެވެ. ބައްޕަ ޓެކްސީގައި ސުކޫލް ދޮރުމައްޗަށް ބޭލުމުން ކުޑައިން ހިޔާވެގެން އަވަހަށް ގޮސް ކުލާހަށް ވަދެއްޖެ އެވެ. އޭރު ކުލާސްރޫމްގައި އިނީ ޝާދް އެކަންޏެވެ. ޝާދް ފޯނެއްގައި އިނދެފައި އަލްޔާ ފެނުމުން ސިހުނުކަން ފާހަގަވި އެވެ. ފަހުން ގުޅާނަމޭ ބުނެފައި ފޯނު ބޭއްވީ މާ އަވަހަކަށެވެ. އަލްޔާ އެނގުނު ކަމަކަށް ނުހަދަ އެވެ.

އިރުކޮޅަކުން ފަހަރަކު ކުއްޖަކު އައިސް ކުލާސް ތެރެއަށް ވަންނަން ފަށައިފި އެވެ. އީވާން ވަދެގެން އައިސް އަލްޔާއާ އަރާ ހަމަވެފައި ހުއްޓުނެވެ. ކޮނޑުގައި އޮތް ދަބަސް ނަގައިފައި އެތެރޭ އޮތް ފޮތް ނެގިއިރު އަލްޔާ އިނީ ބަލާށެވެ. އީވާން ފޮތް ދިނުމުން އޭގެ ބަނޑޭރި ގަނޑަށް ބަލާލައިފައި ހިނިތުންވުމާއެކު ޝުކުރު އަދާކުރި އެވެ. އީވާން ބަހެއް ނުބުނެ ހިނގައިގަތީ ޝާދްގެ ކައިރިއަށެވެ.

ބްރޭކް ގަޑީގައި އެންމެން ގަތީ ހޫނު ކޮފީ އެވެ. އެކުވެރިންނާއި ބައިވެރިވާން އަލްޔާ ވެސް ކޮފީ ގެނުވި އެވެ. އެކަމަކު އެންމެ ކޯވަރެއް ނޫނީ އަރުން އެތެރެއެއް ނުކުރެ އެވެ. އޮލަ ވާހަކައިގައި ތިބި އެއްވެސް އެކުވެރިއަކަށް ފާހަގަ ނުވާނެކަމުގެ ޔަޤީންކަން އޭނައަށް އޮތެވެ.

ގަޑި ޖެހެން ކައިރިވެފައި ހުއްޓާ އެންމެން ތެދުވެގެން ދިޔައިރު ވެސް އަލްޔާގެ ކޮފީ ތަށި އެހުރި ގޮތަށް ހުއްޓެވެ. ޝައުފާ ފާޚާނާއަށް ވަންނަން ބޭނުންވާކަން ހާމަ ކުރުމުން އަލްޔާ މަޑުނުކޮށް ދިޔައީ ކުލާހަށެވެ. އެތަނުން ނިހާންއާ ދިމާވި އެވެ. ނިހާން ހުރީ ކުރިއްސުރެ އިންތިޒާރުގަ އެވެ.

ދައްކަން ޖެހޭ ވާހަކައިގެ ގޮތުން ނިހާން ހުށައެޅީ ވަކިން ބައްދަލު ކުރުމަށެވެ. އަލްޔާގެ ހިތް ތެޅިލި އެވެ. އެހިތް ބުނީ ނިހާން ދައްކަން އުޅޭ ވާހަކަ އޭނައަށް އެނގޭ ކަމުގަ އެވެ. އެއަށް ދޭނެ ޖަވާބު ވެސް ވަރަށް ސާފެވެ. ނޭނގެނީ އެހިސާބުން ދެން ކަންތައް ވާނެ ގޮތެވެ.

އަލްޔާ އެނބުރި ގޮސް ގޮނޑީގައި އިންދާ ޝައުފާ ވަދެ ކައިރީގައި އިށީނެވެ. އަލްޔާގެ ސަމާލުކަން ދަމައިގަތީ ޝައުފާގެ ކަރުދޮށުގައި ރަތްވެފައި ހުރި ތަންކޮޅެކެވެ. އެކަމަކު ބޯއިފްރެންޑްއަކީ ކިޔަވާ ކުއްޖެއް ނޫންކަމުގައި ޝައުފާ އޮތީ ޔަޤީންކޮށްދީފަ އެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ ސިއްރުސިއްރުން

Popular