18 Jan 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* ޖެނުއަރީ 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ދާރިޔާ އަތުވެއްޖެ. އެހެންވެ އޭނައާ ބައްދަލުކޮށްލަން ދާހިތުން މިއުޅެނީ." އުޝްވާގެ ނަޒަރު ރަޒާގެ މޫނަށް ހުއްޓާލައިގެން ހުރެ ޖަވާބުދިނެވެ.

އުޝްވާ ބަލަން އިންދާ ދޮންބެ ތަކުރާރުކޮށް އެސްފިޔަ ޖަހައިލި އެވެ. ހީވަނީ އިވުނު އަޑު ޔަޤީން ކުރަން އުދަނގޫވީ ހެންނެވެ. ވާހަކަދައްކަން ވެގެން އަނގަ ހުޅުވާލައިފައި އެއްޗެއް ނުބުނެ ފުރަތަމަ ކަރުކެހިލި އެވެ.

"މިގަޑީގައިތަ ދާން ބޭނުމީ؟" ރަޒާގެ ނަޒަރު ކޮއްކޮގެ މޫނުން ކުދިވެރިންނަށް ބަދަލުކޮށްލި އެވެ.

ވަކި ތަފާތު އަސަރެއް ކުރި ކަމެއް މޫނަކުން ދޮންބެ ނުދެއްކި އެވެ.

އުޝްވާ ވެސް އެކުދިންނަށް ބަލާލައިފައި އަނެއްކާ ދޮންބެއާ ދިމާއަށް އެނބުރުނެވެ.

"ރަނގަޅު ވާނެ ތަންކޮޅެއް ފަހުން ވެސް. ދެންމެ ކަންނޭނގެ އެމީހުން އެއައީ. ދޮންބެ މިއަދު މަސައްކަތް ނުކުރާ ދުވަހެއް ވީމަ އަހަރެން ބޭނުން އިރަކު މިކުދިން ބަހައްޓާފަ ދެވޭނެއެއްނު." އުޝްވާ ބޭނުންވާ ގޮތް ހާމަކުރި އެވެ.

ހޫމް ލައްވާލައިފައި ރަޒާ ތެދުވީ ކޮފީ ޖޯޑު ހިފައިގެންނެވެ. ކަންނެތް ހިނގުމެއްގައި ގޮސް ގޯތިތެރެއަށް ނިކުތްތަން ބަލަން އުޝްވާ އިނެވެ. ދެން އަނެއްކާ ވެސް ސަމާލުކަން ހުއްޓައިލީ ކުދިވެރިންނަށެވެ.

***

"ކޮބާ އެމަންޖެ؟" ދާރިޔާގެ ކޮޓަރިން ނިކުތްތަނާ މަންސޫރު ސުވާލު ކުރި އެވެ.

މަންސޫރު ހުރީ އެތާ ދޮރުމަތީގަ އެވެ.

"އަރާމު ކުރާށޭ ކިޔާފަ އެނދުގައި ބާއްވާފަ މިއައީ. ނޭނގެ ނިދާނެ ކަމެއް. އެކަމަކު ލޯމަރައިގެން އޮތީ." ދޮރާއި ދިމާއަށް އެނބުރިފައި އަނެއްކާ މަންސޫރާ ކުރިމަތިލަމުން ގުރައިޝާ އޮޅުންފިލުވައިދިނެވެ.

"އެއްވެސް ވަރަކަށް ވާހަކަދެއްކިތަ؟" އަނބިމީހާއާ އެއްވަރަށް ދަމުން މަންސޫރު އަނެއްކާ ވެސް އެހި އެވެ.

ގުރައިޝާ ބޯ ހޫރުވައިލީ ދެފަރާތަށެވެ.

ސިޓިންރޫމަށް ނިކުމެފައި ދެމަފިރިން ޖައްސާލީ ޖެހި ޖެހިގެން ސޯފާގަ އެވެ. އެވަގުތު ހައްވަ ބަދިގެއިން ނިކުމެގެން އައީ ތަބަކެއްގައި ޖޫސްތައްޓެއް ހިފައިގެންނެވެ. ހައްވަ ކައިރިވެފައި ތަބައް ދިއްކޮށްލުމުން މަންސޫރު ޖޫސްތަށި ނެގި އެވެ.

"ދުންޔާއެއް ނާދޭތަ؟" ހައްވަ ފަހަތަށް ފިޔަވަޅެއް އަޅާލައިފައި ހުއްޓި އެހި އެވެ.

"ދުންޔާ އަންނާނެ ހަވީރު ފްލައިޓުން." ޖޫސްތަށި ދަމާލައިފައި އަނބުރާ ދިއްކޮށްލަމުން މަންސޫރު ބުނީ އެވަރަށެވެ. އިތުރު ތަފްޞީލެއް ނުދެ އެވެ.

ހައްވަ އަވަހަށް ތަށީގައި ހިފާފައި އަނެއްކާ ބަދިގެއާ ދިމާއަށް މިސްރާބު ޖެހި އެވެ. ގުރައިޝާ އޭރު ސޯފާގައި ލެނގިލައިގެން އިނީ ތިރިއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނަގެ ސިކުނޑީގައި ވަނީ ސުވާލު ތަކެވެ. އެދަރަޖައަށް ދަރިފުޅު ވެއްޓެންވީ ސަބަބެއް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. އިރުކޮޅަކުން މަންސޫރު ތެދުވީ ފެންވަރަން ދާށެވެ.

***

މެންދުރު ކައިގެން ރާޔަންމެން ނިދާނެ އެވެ. އުޝްވާ ތައްޔާރުވީ އެގަޑިއަށެވެ. ދޮންބެއަށް ވެސް އެގަޑީގައި ފަސޭހަ ވާނެތީ އެވެ.

އޭނަ މަޑުމަޑުން ދޮރު ލައްޕާލައިފައި ކޮޓަރިއަށް ވަދެ ރީތިވެލި އެވެ. ދޮންބެ ހޯދަން ގޮސް ކޮޓަރީގައި ޓަކި ދީގެން މަޑުކޮށްލި އެވެ. ހުއްދަ ލިބުމުން ދޮރު ހުޅުވާލިއިރު ދޮންބެ ހުރީ އަލަމާރި ކައިރީގަ އެވެ. ކޮނޑުން ވަކިކޮށްލި ޓީޝާޓް ބޮލަށް މަހަމުން އޭނައާ ދިމާއަށް އެނބުރުނެވެ.

"އަހަރެން ދާންވެގެން. އެކުދިން އެބަތިބި ނިދާފަ." އުޝްވާ އޮޅުންފިލުވައިދިނެވެ.

ދޮންބެ ބޯޖަހާލުމުން އުޝްވާ ދޮރު ލައްޕާލައިފައި ދާންވެގެން އެނބުރުނެވެ. އަތުތެރޭ އޮތް ފޯނު މުށުތެރޭ ބާރުކޮށްލައިގެން ހުރެ މަގުގެ އެއްފަރާތުން ހިނގަން ފެށުމާއެކު ހިތުގެ ދޮރުފަތުގައި އައިސް ޓަކިދޭން ފެށީ ފަސް އަހަރު ކުރީގެ ހަނދާނެކެވެ.

ފުރަން އޮތް ދުވަހު ދާރިޔާ އައީ ފަހު ފަހަރަށް ބައްދަލު ކުރަން ވެގެންނެވެ. އެލޮލުގައި ހުރި ބޮޑެތި ކަރުނަތައް ފެނިފައި އުޝްވާއަށް ކުރެވުނު ކަމަކީ ކުށްވެރިއެއް ފަދައިން އިސްޖަހައިލުމެވެ. އެހީވާން ބޭނުން ވިއަސް އެހީ ވެވޭނެ ގޮތެއް އޭނައަކަށް ނެތެވެ. ދާރިޔާ އެދުވަހު އޭނަގެ ކޮނޑުގައި ބޯއަޅައިގެން އިނދެ ރޮއިރޮއިފައި ބުނީ ރަށުން ފުރައިގެން ނޫނީ އިތުރަށް ދިރިއުޅެވެން ނެތް ކަމަށެވެ. ނޫނީ އޭނަ މަރުވެދާނެ ކަމަށެވެ.

ފަސް މިނިޓް ހިނގާލުމުން އެވަ ގްލޯގެ ގޭޓާއި ހަމައަށް ފޯރައިފި އެވެ. އުޝްވާގެ ހިޔާލީ ދުނިޔެއިން ހަމަބިމަށް އާދެވުނީ އެގޭޓު ފެނިފަ އެވެ. ހަތަރު ވަރަކަށް ފޫޓުގެ އުސްމިނަށް ހުރި ކުޑަ ގޭޓު ހުޅުވާލައިފައި އޭނަ ވަނީ ސަލާމް ގޮވަމުންނެވެ. އެތެރެއިން ސަލާމް ބަލައިގަނެފައި ނިކުތީ ހައްވަ އެވެ. އުޝްވާ ފެނުމުން ހިތި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"ހައްވާ ކާކުތަ ސަލާމް ގޮވަނީ؟" ގުރައިޝާގެ އަޑު އައީ ފެންޑާއިންނެވެ.

ހައްވަގެ ފަހަތުން އުޝްވާ އެތެރެއަށް ވަނުމާއެކު ސޯފާގައި އިން ގުރައިޝާ ފެނުނެވެ.

"އުޝްވާ؟.... ހާދަ ދުވަހެއް ފަހުން. ކިހިނެތްތަ؟" ގުރައިޝާގެ އަޑަށް ވެރިވި ހައިރާންކަން އެއްފަރާތް ކޮށްލަމުން ހިނިތުންވެލި އެވެ.

ހައްވަ އަތުން އިޝާރާތް ކޮށްލުމުން އުޝްވާ ސޯފާގައި އިށީންދެލި އެވެ.

"މިއަދު ހައްވަދައްތައާ ދިމާވެގެން އަހާލިތަނާ ދާރިޔާ އަންނަކަން އެނގިފަ އޮތީ. އެހެންވެ ބައްދަލުކޮށްލާ ހިތުން މިއައީ." އުޝްވާ ޖަވާބުދިނީ ކުޑަވަރެއްގެ ފަސްޖެހުމަކާއިއެކުގަ އެވެ.

އެވަގުތު ފިޔަވަޅުގެ އަޑު އިވިގެން އެންމެންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލި އެވެ. މަންސޫރުގެ މޫނަށް ބަލާފައި ގުރައިޝާއަށް އެނގުނީ އުޝްވާގެ ވާހަކަ މަންސޫރުގެ ކަންފަތުގައި ވެސް ހަރުލައިފި ކަމެވެ.

"ވަރަށް ރަނގަޅު. ބޭބެ ވަރަށް އުފާވެއްޖެ އުޝްވާ އައީމަ. ދޭބަލަ ކޮޓަރިއަށް. ދާރިޔާ ވެއްޖެ ކޮޓަރީގަ." ހިނިތުންވުމާއެކު އުޝްވާއާ ހަތަރުކަޅި ހަމަކޮށްލަމުން މަންސޫރު ވާހަކަދެއްކި އެވެ.

އުޝްވާ ކެތްމަދުވެފައި އަވަހަށް ތެދުވި އެވެ. ގުރައިޝާ އެއްޗެއް ބުނަން ހީކޮށްލައިފައި އަނގަ ލައްޕައިލި އެވެ. މަންސޫރު އައިސް އިށީންދެލީ ގުރައިޝާއާ ކުރިމަތިވާގޮތަށް ހުރި ސޯފާގެ ކޮޅުގަ އެވެ. ދެއަތް ދެއަތާއި ގުޅުވާލައިގެން އިނދެފައި އެނބުރި އުޝްވާ ސިޑިން އަރާތަން ބަލައިލުމަށްފަހު މަގަތަށް އެނބުރުނެވެ.

"ދުންޔާގެ އެކުވެރި ސިކުނޑީގެ ޑޮކްޓަރެއް އައި ދާރިޔާ ބަލަންވެގެން. އޭނައާ އަހަރެން ވާހަކަދެއްކިން. އެކޮޅުގައި މަޑުނުކޮށް ރަށަށް ގެންނަ ވާހަކަ ބުނީމަ އޭނަ ލަފާ ދިނީ ވީހާވެސް ގިނައިން މީހުންގެ ތެރެއަށް ނެރެ މީހުންނާއި ގުޅުން ބޭއްވުމަށް. މިވަގުތު ދާރިޔާއަށް އެންމެ މުހިންމީ އާއިލާ މީހުންނާއި ހެޔޮއެދޭ އެކުވެރިންގެ ލޯބި." މަންސޫރު މަޑުމައިތިރި އަޑަކުން ފައުޅުކުރި އެވެ.

"ތިނޫން ވާހަކައެއް ނޫން. އެކަމަކު އަހަރެން ހިތަށް އަރަނީ ފަސް އަހަރު ކުރިން ވީ ކަންތައް...." ގުރައިޝާގެ ވާހަކަ ފުރިހަމަ ނުކޮށް މެދުކަނޑައިލި އެވެ.

"ތިދައްކަނީ މާކުރީގެ ވާހަކަ. ދާރިޔާގެ ހިތަކު މިހާރު އެކަމެއް ނޯންނާނެ." މަންސޫރު އެހެން ބުނެލީ އަންހެނުންނަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް އެކަން ޔަޤީންކޮށްދޭން މަސައްކަތް ކުރާފަދަ ގޮތަކަށެވެ.

ދެން ހިމޭންވެއްޖެ އެވެ.

ދޮރުން އެތެރެއަށް ވަންއިރު ދާރިޔާ އޮތީ ކަންނޭލެއްގައި ބައްދާލައިގެން އެއް އަރިއަކަށެވެ. ކައިރިއަށް ގޮސް ބެލިއިރު ދެލޯ އޮތީ މެރިފަ އެވެ. ނޭވާލާލެއް މަޑުކަމުން ހީވަނީ ނިދިފައި އޮތް ހެންނެވެ. އެސޫރަ ފެނި ހައިރާންވެފައި އުޝްވާއަށް ބަލަން ހުރެވުނެވެ. ދާރިޔާ ހީވަނީ މައްޔިތެއް ހެންނެވެ. ދިރުމެއް ރޫޚެއް އެހަށިގަނޑަކު، މޫނަކު ނެތެވެ.

އެހާ ދުވަސް ފަހުން ފެނުމުން އެހާ އަވަހަށް ވަކިވާހިތެއް އޭނަ ނުވި އެވެ. މަގަތުގައި އިނދެ ބަލަމުން މޫނަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް އެއްފަރާތް ކޮށްލަދިނެވެ. އެވަގުތު ދާރިޔާ ކުއްލިއަކަށް ލޯ ހުޅުވައިލުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ކޮޅަށް ތެދުވެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުންނެވެ.

"ހައި!" އުޝްވާ އަތް އުފުލާލައި ކުޑަކޮށް ހަނާ އަޅާލަމުން ހިނިތުންވެލި އެވެ.

އަންގައިން ނުބުނެ ބަލަން އޮތްގޮތުން އުޝްވާ ހީކުރީ ދާރިޔާ އަނގައަކުން ނުބުނާނެ ކަމަށެވެ.

"އުޝްވާ." އޭނަ އުންމީދު ކަނޑާލި ފަހުން ބަލި އަޑަކުން ދާރިޔާ ގޮވާލި އެވެ.

އުފަލާއި ހިތާމަ އެކުވެގެން އުޝްވާގެ މެއަށް ބާރުވެގެން އައެވެ. އެސްފިޔަތަކުގެ ފުރަގަހަށް ހޫނު ކަރުނަތައް ޖަމާވި އެވެ. އެކަރުނަތައް އޮހުނަ ނުދޭން އެސްފިޔަ ޖަހާލައިފައި ހިންދައިލެވުނީ އުދަނގުލުންނެވެ. އަނެއްކާ ވެސް މަގަތުގައި އިށީންދެފައި ދާރިޔާގެ ހިކިހޯލި އިނގިލިތަކުގައި އުޝްވާ ހިފައިލި އެވެ.

"އަހަރެން ވަރަށް އުފާވެއްޖެ ބައްދަލުވީމަ. އައި މިސްޑް ޔޫ." އެކުވެރިޔާގެ އަތަށް ބާރުކޮށްލައިފައި އުޝްވާ ވާހަކަދެއްކި އެވެ.

އެބަސްތައް ނިކުތީ އޭނަގެ ހިތުގެ ފުނުންނެވެ. ދާރިޔާ ވަކި އެއްޗެއް ނުބުނި ނަމަވެސް އެދެލޮލުން އުޝްވާގެ މައްޗަށް ލޯބި ފެނުނެވެ. ކިރިޔާ އިހްސާސް ވާވަރަށް އޭނަގެ އަތަށް ދާރިޔާ ފިތައިލިހެން ވެސް ހީވި އެވެ. އެވަރަށް ވެސް އެކުއްޖާގެ އަތުގައި ބާރު ނެތީއޭ އުޝްވާ ހިތަށް އެރި އެވެ. އޭނަ ކޮންމެހެން ދާރިޔާ ލައްވާ ވާހަކަ ދައްކުވާކަށް ވެސް ނޫޅެ އެވެ. ހަމައެކަނި އެމޫނަށް ބަލަން އިނދެވުނަސް އޭނައަށް މިއަދު ފުދެ އެވެ.

ހިމޭންކަން ދިގުލާން ފެށުމުން އުޝްވާ އަމިއްލައަށް ރަށުގެ ބައެއް ވާހަކަތައް ދާރިޔާއަށް ކިޔައިދިނެވެ. ދާރިޔާ އެވާހަކަތައް އަހާކަން އޭނައަށް އެނގުނެވެ. އެހެންވެ އޭނައަށް ކުރިއަށް ގެންދިއުމުގެ ހިތްވަރު ލިބުނެވެ. އެކުގައި އުޅުނު ބައެއް ކުދިންގެ ދިރިއުޅުން އޮތް ހިސާބުގެ ވާހަކައިން ޚަބަރު ދިނެވެ.

ދޮންބެ އާއި ކުދިން މަތިން ހަނދާންވެގެން ގެއަށް ދާން ނިކުތީ ފަހުން އަންނާނެ ވާހަކަ ބުނެފަ އެވެ. ދާރިޔާ ހަމައެ ގޮތުގައި ބަލަން އޮތެވެ. އެކަމަކު އޭނަ އެވާހަކަ ބުނުމުން ލޯ ވިދައިލިހެން ހީވި ސިކުންތުކޮޅެއް އައެވެ.

ބޭރަށް ނިކުތްއިރު ގުރައިޝާ އިނީ އޭނަގެ އިންތިޒާރުގަ އެވެ. ފެނުނުހާއިރުން އަތުން ހަނާ އަޅާލައިފައި ކައިރިއަށް ގެންދިޔަ އެވެ. ގުރައިޝާ އެހީ ދާރިޔާ ވާހަކަދެއްކިތޯ އެވެ. އުޝްވާ ތަފްޞީލު ދިނުމުން އެމޫނުން އުންމީދުގެ ދޯދިފަށެއް ފެނުނެވެ. އޭނަ ނިކުންނަން ދެން ދޮރާއި ހަމައަށް ގުރައިޝާ އައެވެ.

އެނބުރި ގޮސް ގެއަށް ވަނުމުން އުޝްވާއަށް މަރުހަބާ ކީ ފުން ހިމޭންކަމެވެ. ކުދިވެރިންނާއެކު ދޮންބެ ވެސް އަނެއްކާ ނިދީ ކަންނޭނގެ އޭ އޭނަ ހިތަށްއެރި އެވެ. ސިޓިންރޫމް ސޯފާގައި އިށީންދެ ގުޅުވާލެވިފައިވާ ދެއަތަށް ބަލަން އިންދާ ލޮލުން ކަރުނަ ފޭދިގެން އަންނަން ފެށި އެވެ. ފުރަތަމަ އޭނަ އެކަރުނަތައް އަތުގެ ނުފުށުން ފުހެލި އެވެ. ދެން ފަރުވާލެއް ނުބެހެއްޓި އެވެ. ކަރުނަތައް އެސްފިޔަތަކުގެ ފުރަގަހަށް ގިނަވެގެން އޮހެންފެށީ ފުހެ ކޮޅުންނުލާ ވަރަށެވެ. ރިހެމުންދިޔަ ހިތާއި ދިމާލުން މޭގައި އެއް އަތް އަޅާ އޮބާލެވުނެވެ. އުދާސްގަނޑު ރުއިމުގެ ސިފައި އިހުތިޔާރު ކޮށްގެން އަނގައިން ވެސް ނިކުމެއްޖެ އެވެ. ބަދިގެއިން ނިކުމެގެން އެދިމާއަށް އައި ރަޒާގެ ފިޔަވަޅުގެ އަޑު އޭނައަށް ނީވުނީ އެހެންވެ އެވެ.

"އުޝްވާ! ރޮނީތަ؟" ރަޒާގެ އަޑުގައި ހައިރާންކަން ވި އެވެ.

އުޝްވާ ސިހިފައި އެދިމާއަށް މޫނު އަނބުރާލެވުނެވެ. ކުރިމަތިން ދޮންބެ ފެނުމުން ރުއިން ވެސް މެދުކެނޑިއްޖެ އެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި އަވަސް އަވަހަށް މޫނު ފުހެލައިފައި ތުންފަތުގައި ދަތް އަޅައިލި އެވެ.

ރަޒާ އޭނަގެ ކައިރީގައި އިށީންދެފައި އުނގުމަތީ އޮތް އޭނަގެ އަތުގައި ހިފައިލި އެވެ.

"ކިހިނެތްވީ؟ ދޮންބެ ކައިރީ ބުނެބަލަ! އެގޭމީހުން އެއްޗެކޭ ބުނީތަ؟" ރަޒާ ފަހު ސުވާލު ކުރިއިރު ދެބުމަ ކައިރިކޮށްލެވުނެވެ.

ދޮންބެގެ މޫނަށް އެރި ކުލަވަރު ފެނުމުން އުޝްވާ އަވަހަށް ދެފަރާތަށް ބޯ ހޫރުވައިލި އެވެ.

"ދެން؟" ރަޒާ ހުރީ ފަސޭހައިން ދޫދޭ ގޮތަކަށް ނޫނެވެ.

އުޝްވާ ވާހަކަދައްކަން ވެގެން ތައްޔާރުވުމުން އޭނަ އަތް ނަގާފައި ފަހަތަށް ޖެހިލައި ސޯފާގައި ލެނގިލި އެވެ.

"އައި މެޓް ދާރިޔާ....އޭނަ ފެނިފަ މާބޮޑަށް ދެރަ ވީ. ހީވަނީ އެހެން މީހެއް ހެން...." ނޭފަތް ދަމާލައިފައި އުޝްވާ ކިޔައިދިނެވެ.

ރަޒާ އިނީ ވަކި އެއްޗެއް ދޭހަ ނުވެގެން އިތުރަށް އޮޅުންފިލުވަން ބޭނުންވެފައި އިންފަދަ ގޮތަކަށެވެ.

"ތަފާތޭ މިބުނީ އޭނަ ހީވަނީ ޒޮމްބީއެއްހެން. ލައިފްލެސް ހަށިގަނޑެއް ހަމައެކަނި. ނުދައްކާ ވާހަކައެއް ވެސް. ނޭނގެ ހިނިތުންވެލާކަށް ވެސް. ދޮންބެ ވެސް ހަނދާން އެބަހުއްޓެއްނު އޭނަ ކުރިން އުޅުނު ގޮތް. ކިހާ މަޖާކޮށް އުޅުނު ކުއްޖެއް އެއީ." އުޝްވާ ހަށިގަނޑު ތެދުކޮށްލައި ސޯފާގެ ކުރިއަށް ޖެހިލައިފައި ވާހަކަކުރިއަށް ގެންދިޔަ އެވެ.

"ކޭންޓް ފޮގެޓް." ކޮއްކޮގެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން ރަޒާ ބުނެލި އެވެ.

މޫނުން ތަފާތު އަސަރެއް ނުފެނުނަސް އެޖުމްލަ ބުނެލީ މާނަ ފުން ގޮތަކަށެވެ.

"އަހަރެން ހިތަށް އަރާ އޭނައަށް ކިހިނެތްބާއޭ ވީ؟ ކޮންކަމެއްބާވައޭ ދިމާވީ؟.... އަހަރެން ބޭނުންވަނީ އޭނައަށް އެހީވާން. އެކަމުން އަރައިގަންނަން ކޮށްދެވުނުހާ މަސައްކަތެއް ކޮށްދޭން..ކުރީގެ ދާރިޔާއަށް އޭނަ ބަދަލުކޮށްލަން." އުޝްވާ ދޮންބެގެ ވާހަކައަށް ސަމާލުކަން ނުދީ ކުރިއަށް ގެންދިޔަ އެވެ.

ރަޒާ ތެދުވީ އެހިސާބުންނެވެ. އުޝްވާ މޫނު އުފުލާލައިގެން ބަލަން އިންދާ ކައިރިވެފައި ހިނިތުންވުމަކާއެކު އޭނަގެ ބޮލުގައި އަތް ބާއްވާލައިލީ އެވާހަކައަށް އެއްބާރުލުން ދޭފަދަ ގޮތަކަށެވެ. ދެން އަތް ނަގާފައި ފުރަގަސްދީ ގޮސް ގޭގެ ދޮރުން ނިކުމެއްޖެ އެވެ. ދޮންބެ ނިކުމެގެން ދިޔަތަން ބަލަން އިރުކޮޅަކު އިނދެފައި އުޝްވާ ތެދުވެގެން ދިޔައީ ކުދިވެރިން ހޭލައިފިތޯ ބަލާށެވެ.

***

ކޮޓަރިއަށް ކާ އެއްޗެހި ގެންގޮސްގެން ދާރިޔާ އެރޭ އެތިކޮޅެއް ކެ އެވެ. ރަށަށް އައިފަހުން އެއީ އޭނަގެ އަރުން އެތެރެވި ފުރަތަމަ ކާއެތިކޮޅެވެ. ކުރިން ދެފަހަރެއްގެ މަތީން ޖޫސް ބުޔެވެ.

ގުރައިޝާ ކައިރީގައި އިނީ ދަރިފުޅު ކާތަން ބަލަހައްޓައިގެންނެވެ. ދާރިޔާ ބަހަކުން ބަހެއް ނުބުނެ އިނދެގެން ފަހަރަކު ސަމުސަލެއް އަނގައަށް ލައިފައި ލަސްހުން ހަފަ އެވެ. ދިރުވާލައިފައި ކޮންމެ ފަހަރަކު ފެންކޯވަރެއް ބޯލަ އެވެ. އެކަމަކު އެމޫނުން ކާއެއްޗީގެ މީރުކަމެއް ނުފެނެ އެވެ. ހީވަނީ ރަހަ ނޭނގި ގަދަކަމުން އަރުން އެތެރެ ކުރާ ހެންނެވެ. ގުރައިޝާ އިނީ ހިތްވަރުކޮށްލައިގެން އެއްޗެއް ނުބުނެ އެވެ.

"ދެން ނިދާލެވޭތޯ ބަލާ. މިހާރު ނުވައެއް ޖަހަން ދަނީ." ތަބައް ހިފައިގެން ކޮޅަށް ތެދުވަމުން ގުރައިޝާ ބުނެލި އެވެ.

"މަންމާ...!!"

ދޮރާއި ހަމަވެފައި ގުރައިޝާގެ ދެފައި ތަތްލީ ދާރިޔާ ގޮވާލި އަޑު އިވުނުހެން ހީވެގެންނެވެ. -- ނުނިމޭ --

ދިގު ވާހަކަ ކާކުހެ މިހާ ލޯބި ވާނީ

Popular