8 Feb 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* ފެބްރުއަރީ 5 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މިފަހަރު އަހަރެން މިހުރީ ދާރިޔާއާ އިންނަން ތައްޔާރަށް." ރަޒާ އިއްވައިލި އެވެ.

ދާރިޔާގެ މޫނު ދިޔައީ ހުދު ވެގެންނެވެ. ސިއްސައިގެން ގޮސް އެނބުރި ބަލައިލި އެވެ. ތަކުރާރުކޮށް ދެތިން ފަހަރު އެސްފިޔަ ޖަހައިލި އެވެ.

ރަޒާ ދެޖީބަށް އަތް ޖަހައިގެން ކަންނެތް ހިނގުމެއްގައި އައިސް ދާރިޔާގެ ކުރިމައްޗަށް ހުއްޓުނެވެ. އެމޫނުން ނަޒަރު ވަކިކޮށްނުލާ ހުރެގެން ކަނާއަތް ޖީބުން ނަގާފައި ދިއްކޮށްލި އެވެ.

"އަހަރެން ބޭނުން ދާރިޔާއާ އިންނަން." ރަޒާ ތަކުރާރުކޮށްލި އެވެ.

ދާރިޔާގެ ނަޒަރު ރަޒާގެ ދިއްކޮށްލެވިފައިވާ އަތުން އެމޫނަށް ހުއްޓުނެވެ. ދެން ކުއްލިއަކަށް މަންމަގެ މުށުތެރޭ އޮތް އަތް ދަމައިގެންފި އެވެ. އެންމެން ހީކުރި ގޮތާއި ޚިލާފަށް ދާރިޔާ އަޅައިލީ ދެފިޔަވަޅު ފަހަތަށެވެ. ދެން އަނެއްފަރާތަށް އެނބުރިފައި ދޮރާށްޓާއި ދިމާއަށް ދުއްވައިގެންފި އެވެ. ނިކުތުމުގެ ކުރީން މަންމަ ގޮވައިލި އަޑު އޭނަގެ ކަންފަތުގައި ހަރުލި އެވެ.

ގޭޓު ހުޅުވައިލި އަޑާއެކު ދުންޔާ ސިޓިންރޫމްގައި އިނދެފައި ފުންމައިގެން ތެދުވި އެވެ. އޭނައަށް ދެވުނީ ދާރިޔާގެ ކުރިމައްޗަށެވެ.

"ކިހިނެއްވީ؟" ދުންޔާ ދާރިޔާ ހުއްޓުވާފައި ސުވާލު ކުރި އެވެ.

ދާރިޔާ ޖަވާބެއް ނުދިނެވެ. ދުންޔާގެ އަތުން ވީއްލިގެން އޭނަ ގޮސް ވަނީ ކޮޓަރިއަށެވެ. ދުންޔާ ފަހަތުން ގޮސް ހުޅުވަން ބެލިއިރު ހުރީ ތަޅުލައިފަ އެވެ. ހާސްކަމާއެކު މޫނުގެ މަތިން ތިރިއަށް އަތް އުނގުޅާލައިފައި އޭނަ އެނބުރުނީ އަނެއްކާ ވެސް ގޭގެ މައިދޮރާއި ދިމާއަށެވެ. ގޭޓުން ނިކުމެ ބަލައިލިއިރު ދުރުން މަންމަމެން އަންނާތީ ފެނުނެވެ. އޭނައަށް ހުރެވުނީ މަންމަމެން ހިނގާލެއް ލަސްވެފަ އެވެ.

"ކޮބާ ރިއާ؟" އަޑު ފޯރާ ހިސާބަށް އާދެވުމާއެކު ގުރައިޝާއަށް އަހައިލެވުނެވެ.

ދުންޔާ ބޯ ހޫރައިލީ ދެފަރާތަށެވެ. ގުރައިޝާގެ މެއަށް ބާރުވެގެން އައެވެ. ކުރިއަށްވުރެ ހިނގުން ބާރުކޮށްލައިފައި އައިސް ދުންޔާގެ އަތުގައި ހިފާފައި ސުވާލު ތަކުރާރު ކުރި އެވެ. ދުންޔާގެ ޖަވާބު ނުނިމި އުޅެނިކޮށް ދެމަފިރީން ގޭޓުން ވަދެގެން ދުވެފައި ގޮސް އެކޮޓަރި ދޮރުމައްޗަށް ހުއްޓިއްޖެ އެވެ.

"ދާރިޔާ...!"

އެނދުގައި ބުދެއްހެން ގަބުވެފައި އިން ދާރިޔާ ސިހުނެވެ. މަންމަ ގޮވައިލި އަޑާއި ދޮރުފަތުގައި ތަޅައިގަތް އަޑު އައީ އެއްކޮށެވެ. އެދޮރާއި ދިމާއަށް ބަލަހައްޓައިގެން އޭނަ އިނީ ދެފިކުރެއްގަ އެވެ.

"ދާރިޔާ ދަރިފުޅާ މިދޮރު ހުޅުވަބަލަ! މަންމަ މިދައްކާ ވާހަކަ އަޑުއަހާބަލަ! ހެޔޮނުވާނެ ދާރިޔާ...!" ދެވަނަ ފަހަރަށް ވާހަކަދެއްކިއިރު މަންމަގެ އަޑު ހުރީ ކުރެހިފަ އެވެ.

އެއަޑުގައި އެކުލެވިފައިވާ ބިރާއި ހިތާމަ ދާރިޔާއަށް ފާހަގަވި އެވެ. އޭނާ ތެދުވެގެން ގޮސް ދޮރުފަތުގައި އަތް ޖައްސާލައިގެން ހުއްޓުނެވެ. ދޮރު ހުޅުވުމުގެ ހިޔާލެއް ނެތަސް މަންމަގެ ބިރުވެރިކަން ދުރުކޮށްދިނުން މުހިންމު ކަމުގައި ދެކުނެވެ.

"މަންމަ ޕްލީޒް އަހަރެން ބޭނުމީ އެކަނިވެލަން. އެން އައި ޕްރޮމިސް، އަހަރެން އަމިއްލަ ނަފްސަށް ގެއްލުން ދޭން އެއްވެސް ކަމެއް ނުކުރާނަން." ދާރިޔާ ވާހަކަދައްކަން ފެށުމުން އަނެއްފަރާތުގައި ތިބި މީހުން ހިމޭންވި އެވެ.

"އެންމެ ރަނގަޅު." އިރުކޮޅަކުން ގުރައިޝާ ބުނެލި އަޑު އިވުނެވެ.

ދާރިޔާ އެމީހުންގެ ފިޔަވަޅުގެ އަޑު އަހަން މަޑުކޮށްލި އެވެ. އެއަޑުތައް ގޮސް ކެނޑުމާއެކު އަނެއްކާ ވެސް އެނދުގައި އިށީންދެލި އެވެ. ކުރީ ދުވަހާއި ޚިލާފަށް މިއަދު އެލޮލުގައި ކަރުނައެއް ނެތެވެ. އެކަމަކު ހިތުގައި ނުފިލާ ރިހުމެއް ވި އެވެ. ސިކުނޑީގައި ޖަވާބު ނެތް އެތައް ސުވާލެކެވެ. އޭނަ ބޭނުންވީ ވަގުތީ ގޮތުން ވިއަސް އެހިޔާލުތައް ހިތުން ނެރެލާށެވެ. ބޭނުންވީ ނިދާލުމަށެވެ. އެކަމަކު ނިދި ވީ ލޮލާއި ރުޅިވެފަ އެވެ.

***

"މަންސޫރަށް ހީވަނީ ކިހިނެއް؟" މަންސޫރު ފާޚާނާއިން ނިކުމެ އެނބުރި ލުމާއެކު ގުރައިޝާ ސުވާލު ކުރި އަޑު އައެވެ.

މަންސޫރު ބަލައިލިއިރު ގުރައިޝާ އިނީ އެނދުގެ ފަޑީގައި ލެނގިލައިގެން ދުރު ބަލާށެވެ. އުނގުގައި ބާލީހެއް އޮތެވެ. މަންސޫރު ގޮސް ކައިރީގައި އިށީނުމާއެކު އެމޫނަށް ނަޒަރު ހުއްޓައިލި އެވެ.

" އަހަރެމެންނަށް މި ކަންތައް ކުރެވުނީ ރަނގަޅަށްތަ؟" ގުރައިޝާގެ އަޑުގައި ރިހުމެއްވި އެވެ.

"ކީއްވެ ތިހެން ތިބުނީ؟ އަހަރެމެން ކުރިން ވެސް ދައްކާފަ އޮތް ވާހަކައެއްނު މީ. ދެމީހުންނަށް ވެސް އެގޮތް އެންމެ ރަނގަޅު ކަމަށް ފެނުނީމަ ރަޒާއާ ހިސާބަށް ދިޔައީ." މަންސޫރު ހަނދާންކޮށްދިނެވެ.

ގުރައިޝާ އެވަގުތު ކަކޫމަތީ އުޅަބޮށި ވިއްދާލައިފައި އަތް އަޅައިލީ ނިތުގަ އެވެ.

"މަންސޫރު އަހަންނަކަށް ނޭނގެ. ރިއާއަށް އެވާހަކަ އިވުނީމަ އެމޫނަށް ވީ ގޮތް އަހަރެން ހަމަ ހަނދާންވަނީ. އޭނަ އަހަރެމެންނަށް ބެލިގޮތުން ހީވަނީ....ހީވަނީ އަހަރުމެން އޭނަ މާޔޫސްކޮށްލައި ލަދުގަންނަވާލިއޭ ބުނާހެން. އަހަރުމެންނަކަށް ނޭނގެ ރިއާގެ ކައިވެނީގެ ހަޔާތުގައި ވީގޮތެއް. އަދި ވެސް އޭނަ އެއިން ވާހަކައެއް އަހަރުމެންނާ ހިއްސާކުރީއެއް ނޫން. އަހަންނަށް މިހާރު ހީވާން ފަށައިފި މިވާހަކަދެއްކުނުލެއް އަވަހީއޭ.." ގުރައިޝާ ވާހަކަދައްކަން ފަށާފައި އިސްއުފުލައިލި އެވެ.

އެހުރިހާ ވާހަކައެއް އަހަން އިނދެފައި މަންސޫރު އެއަތުގައި ހިފަހައްޓައިލި އެވެ. މަންމަގެ މަޤާމުގައި ހުރެ އެހުރިހާ ދިމާއަކަށް ވިސްނުން ގެންދިއުން ގޯސް ނޫންކަމުގައި ބުނެލި އެވެ. އިތުރަށް މަންސޫރު ލަފާދިނީ ދާރިޔާ ވިސްނަން ވަގުތު ދިނުމަށެވެ. ގުރައިޝާ މަޑުމަޑުން ބޯޖަހައިލި އެވެ.

ނިދަން އޮށޯވެ އޮތެއް ކަމަކު ދެސިކުނޑީގައި ވެސް ވީ ހިޔާލު ތަކެވެ. ގުރައިޝާގެ ހިޔާލު ދާރިޔާއާ ގުޅިފައިވާއިރު މަންސޫރުގެ ވިސްނުން ހުރީ ރަޒާ ފަހުން ދެއްކި ވާހަކައާ ގުޅިފަ އެވެ. ކައިވެނި ކުރުމުގެ ހިޔާލަށް ތާއީދު ކުރާ ވާހަކަ ބުނެފައި ރަޒާ ޝަރުތެއް ހުށައެޅި އެވެ. ރަޒާގެ އެދުމަކީ ކައިވެނީގެ ފަހުން ދާރިޔާގެ ހުރިހާ ޚަރަދެއް އޭނަގެ އަތްމައްޗަށް ދޫކޮށްލުމެވެ. ރަޒާއަށް ލިބޭ އެއްޗަކުން ފުއްދައިގެން އުޅުމެވެ. ދާރިޔާގެ އެންމެހާ ބޭނުންތަކެއް ފުއްދައިދިނުމުގައި ހަމައެކަނި އޭނަގެ ޒިންމާ އޮތުމެވެ. އެކަމުގެ ތެރެއަށް އިތުރު ބަޔަކު ނުވަނުމެވެ. ނުސީދާ ބަހުން ރަޒާ ހަނދާންކޮށްދިނީ ފަސް އަހަރު ކުރީން އެމީހުން ކުރަން އުޅުނު ކަންތަކެވެ. އެވާހަކަ އަހަން މަންސޫރަށް އިނދެވުނީ އިސްޖަހައިގެންނެވެ. އަމިއްލަ ކުށް ހަނދާންވެ ލަދުގަނެފަ އެވެ. ރަޒާގެ ހަމައެކަނި ބޭނުމަކީ އޭނަ ލަދުގެންވުން ނޫންކަން އޭނަ ޤަބޫލު ކުރި އެވެ.

މަންސޫރު ގުގުރި ދަމަން ފެށުމުން ގުރައިޝާ އެދިމާއަށް ބަލާލައިފައި އެނދުން ތެދުވި އެވެ. ތިރިއަށް ފޭބިއިރު ބަދިގެ ބޮކި ދިއްލާފައި ހުރުމުން އެދިމާއަށް ކައިރިކޮށްލި އެވެ. ގުރައިޝާއަށް ފެނުނީ ދާރިޔާ އެކަނިމާއެކަނި މަސައްކަތުގައި އުޅެނިކޮށެވެ. އެކަމުގައި މަޝްއޫލުވެފައި ހުރިވަރުން އޭނަ އެތާ ހުންނަތާ ފަނަރަ މިނިޓް ވީއިރު ވެސް ރޭކައެއްނުލި އެވެ.

ދާރިޔާ ހިތްހަމަޖެހޭ ވަރު ވުމުން ތެދުވެ ހިންދެމިލިއިރު ކުރިމަތީން ފެންނަމުންދިޔަ އަމިއްލަ މަސައްކަތް ފެނިފައި ޚުދު އޭނަ ވެސް ހައިރާންވި އެވެ. އޭނަ ނިންމީ ހެނދުނު ހެނދުނާ ފަހަދް ލައްވާ ކޭކުތައް އެގެއަށް ފޮނުވުމަށެވެ.

"ވަރަށް ފުރިހަމަ." ދޮރާއި ދިމާއިން ގުރައިޝާގެ އަޑު އިވުމުން ދާރިޔާ ދިޔައީ ސިއްސައިގެންނެވެ.

"ކޮންއިރަކު މަންމަ އައީ؟" އެނބުރި މަންމައަށް ބަލައިލާފައި ފުރަގަސްދެމުން ދާރިޔާ އެހި އެވެ.

"އިރުކޮޅެއް ވެއްޖެ." ގުރައިޝާ ވަދެގެން ގޮސް ދާރިޔާގެ ކައިރިއަށް ހުއްޓުނެވެ.

"މަންމައަށް ވަގުތުކޮޅެއް ދެވިދާނެތަ؟... ކުޑަ ވާހަކައެއް ދައްކައިލަން." ގުރައިޝާ އިރުކޮޅެއް ފަހުން ވާހަކަދެއްކި އެވެ.

ދާރިޔާ ބޯޖަހާލައިފައި ގޮސް ތަށިތައް ސިންކުތެރެއަށް ލާންފެށި އެވެ. އެނބުރުނު އިރު މަންމަ އިނީ މޭޒު ކައިރިން ގޮނޑިއެއް ދުރުކޮށްލައިގެން އިށީންދެ އެވެ. މަންމަ ބޮލުގެ އިޝާރާތުން ކައިރީ ހުރި އަނެއް ގޮނޑި ދައްކައިލި އެވެ. ދާރިޔާ ފޮތިގަނޑަކުން އަތް ފުހެލާފައި އައިސް އިށީނދެލި އެވެ.

"މަންމަދެކެ ހިތްހަމަ ހިތްހަމަނުޖެހިފަތަ؟" ގުރައިޝާ ބަލަން އިނީ ދާރިޔާގެ މޫނަށެވެ.

ދާރިޔާ ޖަވާބުގައި މަޑުމަޑުން ބޯ ހޫރުވައިލުމުން އިތުރަށް ކުރިއަށް ގެންދަން ހިތްވަރު ލިބުނެވެ.

"މަންމައަށް މާފުކޮށްދީ!..." ގުރައިޝާގެ ޖުމްލަ ނިމުމާއެކުހެން ދާރިޔާ ކުއްލިއަކަށް އެއަތުގައި ހިފައިލި އެވެ. މަންމަ ބަލައިލުމުން ދެފަރާތަށް ބޯ ހޫރައިލީ އެވާހަކަ އިތުރަށް ކުރިއަށް ނުގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

"މަންމަ ދުވަހަކު ވެސް ނުޖެހޭނެ އަހަރެންގެ ކިބައިން މަޢާފަށް އެދޭކަށް. މަންމަމެން އަބަދުވެސް މަސައްކަތް ކުރީ އަހަރެންނަށް އުފާވެރިކަން ހޯދަދޭން. ކުރިން ވެސް އަދިމިހާރު ވެސް. ރަޒާ އޭރު އަހަރެންނާއި އިންނަން ބޭނުންނުވީމަ އެކަމުގައި މަންމަމެންގެ ކުށެއް ނެތެއްނު...މިހާރު ދެން ނޭނގެ ކީއްވެ ކަމެއް އޭނަ އެހާ ފަސޭހައިން އެއްބަސްވީ." ދާރިޔާ ވާހަކަދައްކަމުން ދުރަށް ނަޒަރު ހުއްޓައިލި އެވެ.

"މަންމަ އެބައޮތް ވާހަކައެއް ކިޔައިދޭންވެފަ." ގުރައިޝާ ނިންމީ ފަސް އަހަރު ކުރިން ކަން ހިނގި ގޮތް ދާރިޔާއަށް ކިޔައިދިނުމަށެވެ.

އޭނަ ވާހަކަދައްކަން ފެށުމުން ދާރިޔާގެ ނަޒަރު އެމޫނަށް ބަދަލުކޮށްލި އެވެ. ކުޑައިރުކޮޅެއްގެ ތެރޭ އެމޫނުން އެތައް ކުލައެއް އޭނައަށް ފެނުނެވެ. ހައިރާންކަމުން ރުޅިވެރިކަމަށް ބަދަލުވި އެވެ. އެރުޅިވެރިކަން ދެން އިޚުތިޔާރު ކުރީ ކަރުނައިގެ ސިފަ އެވެ. އޭނަގެ ވާހަކަ ނިމޭންދެން ދާރިޔާ އަނގަމަތީ އަތް އަޅާލައިގެން އިނދެ މަޑުމަޑުން ދެފަރާތަށް ހޫރަމުން ދިޔަ އެވެ.

"މަންމައަކަށް ނޭނގެ ރަޒާގެ ހިތް އޮތްގޮތެއް. އެކަމަކު މަންމަގެ ހިތް ބުނޭ އެގޮތަށް ކަންތައް ނުހިނގިނަމަ އެދުވަހު ވެސް ރަޒާ ކައިވެންޏަށް އެއްބަސްވާނެ ކަމުގައި. އެކަމަކު މިއަދު އޭނަގެ ނިންމުމާއި އެއްބޮޑަށް ގުޅިފައިވަނީ ކުދިން ކަމަށް ވެދާނެ. މަންމައަށް ޔަޤީންވާ އެއްޗަކީ ރަޒާ ދަރިފުޅަށް ދެރަގޮތެއް ނުހަދާނެކަން." ގުރައިޝާ ވާހަކަދައްކަމުން ދާރިޔާގެ ކޮނޑުގައި ހިފަހައްޓައިލި އެވެ.

ދާރިޔާ އޭރު އިނީ ކަރުނަ ފުހެމުން ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. މަންމަގެ ވާހަކައާ އެއްބައި ވާކަށް ވެސް ނުވަތަ ދެކޮޅު ހަދާކަށް ވެސް އޭނަގެ ވިސްނުމެއް ނެތެވެ.

***

ހެނދުނު ތެދުވީއްސުރެ އުޝްވާ ކަމަކާއި ހިތްހަމަނުޖެހިފައި ހުންނަކަން ރަޒާއަށް ފާހަގަވި އެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެ އެވެ. އޭނަ ސުވާލެއް ކުރިއަސް މުހިންމު ސުވާލަކަށް ނޫނީ ޖަވާބެއް ނުދެ އެވެ. އެހެންނޫނީ އަޑު އިވުނު ކަމަކަށް ނުހަދަ އެވެ. ރަޒާ ހުރީ ސުވާލު ކުރަން ބޭނުންވެފަ އެވެ. އެކަމަކު ހެނދުނުއްސުރެ ގޭތެރެ އޮތީ ހުހަކަށް ނޫނެވެ. ހަވީރު އޮންނަ ޕާޓީގެ ތައްޔާރީ ތަކުގައި އެހީތެރި ވުމުގެ ގޮތުން އޭނަ ގެނަ ދެ ޒުވާނަކު ހަރަކާތްތެރި ވަމުންދިޔަ އެވެ.

ހެނދުނު ނުވައެއް ޖަހާކަށްހާއިރު ދާރިޔާ ފޮނުވައިގެން ކޭކުތައް ގެނައީ ފަހަދް އެވެ. އުޝްވާ އެއެއްޗެހި ބަހައްޓަން ގެސްޓްރޫމް ހުޅުވައިގެން އުޅެނިކޮށް ރަޒާއަށް އެތަނަށް ވަދެވުނެވެ. އުޝްވާ ފަދައިން އޭނަ ވެސް ހިތާއި ހިތުން ދާރިޔާގެ މަސައްކަތަށް ތައުރީފް ކުރި އެވެ.

ބޭރުގައި އުޅެފައި ގެއަށް ވަން ވަގުތެއްގައި ރާޔަން އުޝްވާއާ ދައްކަމުން ދިޔަ ވާހަކައެއް އިވިގެން މަޑުކޮށްލެވުނެވެ. ރާޔަން ސުވާލު ކުރަމުން ދިޔައީ ދާރިޔާ ނާންނަނީ ކީއްވެތޯ އެވެ. އުޝްވާ ޖަވާބު ދޭން އުޅެނިކޮށް އޭނަ ފެނިގެން ލޯ ހަނިކޮށްލި އެވެ.

"ޔާޔަ ޑެޑީ ކައިރީ އަހަންދޭބަލަ ކީއްވެތޯ!" އުޝްވާ ރާޔަންއަށް ޖަވާބުދީފައި ބާރުބާރަށް ގޮސް ބަދިގެއަށް ވަދެ ގެއްލުނެވެ.

އުޝްވާގެ ހިތްހަމަ ނުޖެހުމާއި ގުޅިފައި ވީ ދާރިޔާކަން ޔަޤީންވީ އެހިސާބުންނެވެ. ރަޒާއަށް ކަނދުރާމަތީ އަތް އުނގުޅައިލެވުނެވެ. އެވަގުތު ރާޔަން ދުވެފައި އައިސް އޭނަގެ ދެފައިގައި އެލުވިގެންފި އެވެ. ރާޔަން ސުވާލު ތަކުރާރު ކުރުމުން އޭނާ އެކުއްޖާ ތިރީގައި ބަހައްޓާފައި މުށިގަނޑުގައި ކުޑަކަކޫ ޖަހައިލި އެވެ.

ދޭނެ ޖަވާބަކާއި މެދު ވިސްނަމުން އެތުއްތު މޫނަށް ބަލަން އިރުކޮޅަކު އިނދެވުނެވެ.

"ދައްތަ އަންނާނެ ޔާޔަގެ ބާތްޑޭ ޕާޓީއަށް. އެކަމަކު އެއީ ޔާޔަ ބަސް އަހައިގެން އުޅެންޏާ." ރަޒާ ރާޔަންގެ ނޭފަތުގައި ޝާހަދާތް އިނގިލިން ކޮށްޓާލައިފައި ޖަވާބުދިނެވެ.

ރާޔަން އުފަލުން ފުންމައިގެންފައި ރަޒާ ބުނި ދެވަނަ ޖުމްލަ ހަނދާންވެގެން އަވަހަށް ހަށަން ބަނދެލައިފި އެވެ. ރަޒާ ގާތަށް ހިނި އައެވެ. އޭނަ ތެދުވެ އެކުޑަ ބޯމަތީ އަތް ބާއްވާލައިފައި ދާން އުޅެނިކޮށް އުޝްވާ ބަދިގެއިން ނިކުތީ ލޯ ހަނިކޮށްލައިގެން ހުރެ އެވެ.

"ތިބުނަން ބޭނުންވާ އެއްޗެއް ބުނެބަލަ!" ރާޔަން ދުއްވައިގަތުމުން ރަޒާ މުޚާތަބު ކުރީ އުޝްވާއާ އެވެ.

"ދޮންބެ ކޮން މަޤްސަދެއްގައި ރިއާއާ ކައިވެނި ކުރަން ތި ނިންމީ؟" އުޝްވާ ކުރިއަށް ޖެހިލާފައި ހަށަން ބަނދެލަމުން ކުރީގެ ރުންކުރު ރާގުގައި އެހި އެވެ.

"ކޮއްކޮއަށް ހީވަނީ ކިހިނެއް؟" ޖަވާބު ދޭން އުޅެފައި ރަޒާގެ ހިޔާލު ބަދަލުވި އެވެ. އޭނަ ވެސް ކޮށްލީ ސުވާލެކެވެ.

"ނޭނގޭތީއެއްނު މިއަހަނީ. އަހަންނަށް އެނގިފައި އޮންނަގޮތުން ވިއްޔާ ދޮންބެ ކުޑަކޮށް ވެސް އޭނައާ ގަޔައެއްނުވޭ." އުޝްވާ ޖަވާބުދިނެވެ.

ރަޒާ އެވަގުތު ކޮންމެވެސް އެއްޗެކޭ ބުނަންވެގެން އަނގަ ހުޅުވާލައިފައި ލައްޕައިލި އެވެ. ދެން ފެނުނީ ދުރަށް ދާންވެގެން ހިނގައިގަތް ތަނެވެ. އުޝްވާ ގާތަށް އައި ރުޅިން އަތް މުށްކެވުނެވެ.

ޕާޓީއަށް ދައުވަތު ދިނީ ރާޔަންމެންގެ ކުލާސް ކުދިންނާއި އަވަށްޓެރިންގެ ތެރޭގައި ހިމެނޭ ކުދިންނަށެވެ. މެހުމާނުން އަންނަ ގަޑި ކައިރި ވަމުން ދިޔައިރު އުޝްވާ އުޅުނީ ކުދިން ތައްޔާރު ނުކުރެވިގެންނެވެ. ބޭރުން އޯޑަރު ކުރި ހެދިކާތައް ލަސްވުމުގެ ސަބަބުން އެއެއްޗެހި އަދި ތަށިތަކަށް އަޅައި މޭޒުމަތީ އެތުރުން އޮތެވެ. އުޝްވާ އޭރު ހުރީ އަދި ފެންނުވަރަ އެވެ.

"ދޮންބޭ! ދޮންބޭ!" ގަޑި ބަލާލައިފައި އުޝްވާ ދުވެފައި ގޮސް ކޮޓަރިން ބޭރަށް ބޯދިއްކޮށްގެން ހުރެ ގޮވަން ފެށި އެވެ.

ރަޒާ ދުވެފައި އައީ ސިޓިންރޫމްގައި ހުރެފަ އެވެ.

"ދޮންބެ މިހާރު ގަޑި ޖެހެނީ. އަދި ރާޔަންމެން ރެޑީނުވޭ. އަހަރެން ވެސް ފެންނުވަރާ މިހިރީ. ބޭރުގައި ނުނިމި ހުރި ކަންކަން ނިމިއްޖެތަ؟" އުޝްވާ ވާހަކަދެއްކިއިރު ހީވަނީ ދެންމެ ދެންމެ ރޮއިގެންފާނެ ހެންނެވެ.

"އުޝްވާ ދޭ ފެންވަރަން. ދޮންބެ ޓްވިންސް ރެޑީކުރާނަން. ބޭރުގައި އެދެމީހުން އެބަތިބި ތަށިތައް އަތުރަން. އިޓްސް އޯލްމޯސްޓް ޑަން." ރަޒާ އުޝްވާގެ ހާސްކަން ދުރުކޮށްދޭން މަސައްކަތް ކުރި އެވެ. އުޝްވާ އަޑު އަހަން ހުރީ އެވާހަކަ ޤަބޫލުކުރާފަދަ ކުލައެއްގަ އެއްނޫނެވެ.

"ދޮންބެއަކަށް ނޭނގޭނެ ފުނާއަޅާކަށް ވެސް..." ޖަވާބުގައި އޭނަ ބުނެލި އެވެ.

"ލެޓް މީ ހެލްޕް ޔޫ..." އެއިވުނީ ދާރިޔާގެ އަޑެވެ.

އެވަގުތު ރަޒާ އާއި އުޝްވާގެ ނަޒަރު އެއްފަހަރާ އެދިމާއަށް ދަތުރުކޮށްލި އެވެ.

ދާރިޔާ ހުރީ ފެންވަރާ ތައްޔާރުވެގެންނެވެ. ކުކުޅު ބިސް ކުލައަށް ދާ ފުޅާ ހަރުވާޅާއެކު ކަކުލަށްވުރެ ތިރިއަށް އިންޗިއެއްހާތަން ހުރި މުށި ކުލައިގެ ދޫ ހެދުމެއްގަ އެވެ. ކަރުގެ މެދުން މަތިން ތިރިއަށް އާދައިގެ ފެހި ވެޔޮގަނޑެއްގެ ކުރެހުން ފިޔަވައި އިތުރު އެއްވެސް ހާއްސަކަމެއް ނެތެވެ. އިސްތަށިގަނޑުގައި ރީތި ހުޅިއެއް ޖަހައި ހައްޔަރުކޮށްފަ އެވެ. އެކަމަކު އެސިފައިގައި ވެސް ދާރިޔާގެ ރީތި ކަމަކަށް ފަނޑުކަމެއް ނާދެ އެވެ.

ދާރިޔާ އައިސް ކައިރިވުމުން ރަޒާ ނިކުމެފައި ވަންނަން ތަންދެއްކި އެވެ. އުޝްވާގެ ލޮލުގައި ހުރި ކަރުނައާއެކު ފުރަތަމަ ވެސް ދާރިޔާއަށް ޝުކުރު އަދާކުރި އެވެ. ރަޒާގެ ފިޔަވަޅުތައް ދުރުވަމުން ދިޔަ ވަގުތު އުޝްވާ ބުނި އެއްޗެއް އަހާފައ ދާރިޔާ ހީގަތް އަޑު ކަންފަތުގައި ހަރުލި އެވެ.

ޕާޓީ ނިމިގެން ވާހަކަދައްކަން ބޭނުންވާ ވާހަކަ ދާރިޔާ ބުނީ މެސެޖްކޮށްފަ އެވެ. -- ނުނިމޭ --

Popular