13 Feb 2018

ވާނަންހެ އެކުގައި

* ފެބްރުއަރީ 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

މިޝްއަލް ގެއިން ނިކުންއިރު ގޭދޮރުމަތީ އޭނާއަށް މަޑުކޮށްގެން އަބާން އިނުމުން ހައިރާންވިއެވެ. އޭނާ ބަލާ އަންނަން އަބާންއަކަށް ނުގުޅައެވެ. އަދި ރޭގައި ހިނގި އެއްވެސް ކަމެއްގެ ވާހަކަ އޭނާ އަބާން ކައިރިއަކު ނުބުނެވޭކަމުގެ ޔަގީންކަން އޮތެވެ.

"ރިޕޯޓްކޮށްފިންތަ؟" މިޝްއަލް ކައިރީ ފަހަތަށް އަރަން އިޝާރަތްކޮށްފައި އަބާން އަހާލިއެވެ. އެއްވެސް ފަރާތަކަށް ރިޕޯރޓްކުރަން މިޝްއަލް ނިންމާފައެއް ނެތެވެ. އެ މަންޒަރު ދުށްމީހަކު ނެތުމުން އެކަމުގެ ހަޤީޤަތް ހޯދޭނެ މަގެއް ކޮށިފައި ނެތްކަން ޤަބޫލުކުރެވޭތީއެވެ. މިޝްއަލް ދެފަރާތަށް ބޯހޫރުވާލިއެވެ.

"ކިހިނެއް އެނގުނީ؟" ސައިކަލަށް އަރައި ހަމަޖެހިލަމުން މިޝްއަލް އަހާލިއެވެ.

"މާއިން ބުނީމައި،" އެ އަޑު އަހާފައި މިޝްއަލްއަށް ބުމަ އަރުވާލެވުނެވެ. އޭނާގެ ކޮންމެ ޚަބަރެއް އަބާން އާއި ހަމަޔަށް މާއިންގެ ފަރާތުން ދާނެކަން އޭނާ ހަނދުމަވެސް ނެތެވެ. ދެމީހުން އެކުގައި ސެންޓަރަށް ގޮސް މަސައްކަތާ ހަވާލުވިއެވެ.

ދަތުރެއް ހޮސްކޮށްފައި އަންނަނިކޮށް ޕޭވްމަންޓްމަތިން ހިނގާފައި ދާ ޒީބާ، މިޝްއަލްގެ ލޮލުގައި އަޅައިގަތެވެ. އެފަރާތަށް ޓެކްސީ ކައިރިކޮށްފައި ގޮސް ޒީބާއާ އެއްވަރުކޮށްލިއެވެ. އަދި ބިއްލޫރިގަނޑު ތިރިކޮށްލާފައި މިޝްއަލް ޒީބާއަށް ގޮވާލިއެވެ. ފަސްއެނބުރި ބަލާލާފައި ޒީބާ މަޑުކޮށްލިއެވެ.

"ވޯންޓް އަ ލިފްޓް؟" މިޝްއަލް އަހާލިއެވެ.

"ނޫން، މިދަނީ ސްކޫލަށް ނޫރާ ބަލާ،" ޒީބާ އިންކާރުކުރަމުން ބުނެދިނީ ނޫރާގެ ސްކޫލު ހުންނަނި ވަރަށް ކައިރީގައި ކަމެވެ. ސްކޫލުގެ ނަން އަހާފައި މިޝްއަލްއަށްވެސް ހެވުނެވެ. ޒީބާއަށް ހުރެވުނީ ގާތްގަނޑަކަށް ސްކޫލާއި ވަރަށް ކައިރީގައެވެ. ޒީބާ ދިއުމުން މިޝްއަލް އެތަނުގައި މަޑުކުރިއެވެ. ބޭނުމަކީ ނޫރާ ގޮވައިގެން ދަމުން ނަމަވެސް އެއަށް އެރުވުމެވެ.

މިޝްއަލް ޓެކްސީން ފައިބައި އެތަނުގައި މަޑުކުރިއެވެ. ޖީބުން ސިނގިރޭޓް ފޮށި ނަގައި އެއްޗެއް ރޯކޮށްލެވުނެވެ. ސްކޫލުގެ ރަނގަބީލް އަޑު އޭނާގެ ކަންފަތާ ހަމަޔަށް ފޯރިއެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިން ނިކުންނަން ފެށުމުން މުޅި މަގު ހަލަބޮލިވެއްޖެއެވެ. ނޫރާ އުރާލައިގެން ސްކޫލު ގޭޓުން ނިކުން ޒީބާ ފެނި މިޝްއަލްގެ އަތުގައި އޮތް ސިނގިރޭޓްކޮޅު ވައްޓާލައި އެއަށް ފައިން އަރާ ނިއްވާލެވުނެވެ.

ހަމަ އެވަގުތު ސައިކަލެއްގައި އައި ދެމީހަކު ޒީބާއާ އަރާހަމަކޮށް، ސައިކަލުގައި ފަހަތުގައި އިން މީހާ ޒީބާގެ އަތުގައި ހިފާ ދަމައިގަތެވެ. އެމީހާ އެ ހެދިގޮތަކުން ޒީބާ ނުވެއްޓުނީ ވެސް ކިރިޔާއެވެ. އެ މަންޒަރު ފެނި މިޝްއަލްގެ ލޭ ކެކިގަތެވެ. ފިޔަވަޅުތަކަށް ބާރުލާފައި އެދިމާލަށް ހިނގައިގަނެވުނެވެ.

"މިއަދު ހާދަ ރުޅިއެއް ތިއައީ،" އެމީހާގެ އަތުން އަތް ފޮޅާލާފައި ޒީބާ ހިނގައިގަތުމުން އެމީހާ ބުނެލިއެވެ. މިޝްއަލް ގޮސް އަރާހަމަކުރިތަން ފެނި ޒީބާ ބަލައިލީ މިޝްއަލްއަށެވެ. އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން އިން ނޫރާގެ މޫނުމަތިން ފެންނަނީ އެކުއްޖާ ބިރުގެންފައި އިން ވަރެވެ.

"ޓެކްސީގައި ދާންވީނު." މިޝްއަލް އެދުނެވެ. ޒީބާ މިޝްއަލްގެ ފަހަތުން ހިނގައިގަތެވެ.

"އޭތް، މިހާރު ޕާސަނަލް ޑްރައިވަރެއް ވެސް ހޯދީތަ؟" ސައިކަލު ދުންވަން އިން މީހާ ހީގަންނަމުން މަލާމަތްކޮށްލިއެވެ. ޒީބާ އަރަން ޓެކްސީގެ ދޮރު ހުޅުވައިދީފައި މިޝްއަލް އެނބުރުނީ އެމީހުންނާއި ދިމާލަށެވެ. އެމީހުންގެ ސިފަތަކުން އެކަނިވެސް އެއީ އެއްވެސް އަޚްލާޤެއް ނެތް ބައެއްކަން ދެނެގަނެވޭނެއެވެ. އިސްތަށިގަނޑު ވަނީ ވަކި ހައްދެއް ނެތި ދިގުކޮށްފައެވެ. އަދި އެއްވެސް ތަރުތީބެއް ނެތް ގޮތަށް ދޫކޮށްލެވިފައެވެ. ގައިގެ އެތަން މިތަން ތޮރުފައި ގަހަނާ އަޅާ ފުރާލާފައެވެ. އެއިން އެއްވެސް މީހަކީ މިޝްއަލް ދަންނަ މީހެއް ނޫނެވެ.

މިޝްއަލް ޓެކްސީއަށް އަރައި ބަލައިލީ ޒީބާއަށެވެ. އޭނާގެ އުނގުމަތީ އިން ނޫރާގެ ހަށިގަނޑުގައި އޮޅުލައިގަނެގެން އިންއިރު ދެލޯ ވަނީ ފެންކަޅިވެފައެވެ.

"އާ ޔޫ އޯކޭ؟" މިޝްއަލް އަހާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒީބާ އިސްޖަހާލުމުން މިޝްއަލްއަށް ޖަވާބު ލިބުނު ފަދައެވެ. މިވަގުތު ޒީބާ ނުތަނަވަސްވާނެވަރު މިޝްއަލްގެ ހިތަށް އެރިއެވެ، ސްކޫލުން ނިކުން އެތައް ބެލެނިވެރިއެއްގެ ލޯ އެވަގުތުކޮޅު އެކަނިވެސް ޒީބާއަށް ހުއްޓިފައި ހުރިކަން މިޝްއަލްއަށް ފެނުނެވެ. ޒީބާ ކަހަލަ އަންހެންކުއްޖަކަށް މީހުން ކުރާނެ މަލާމާތާއި ފުރައްސާރަ އޭނާއަށް ވެސް އެނގެއެވެ. އަދި ފިރިހެނުން އެފަދަ މީހަކާ މެދު ދެކޭނެ ގޮތް އެނގެއެވެ. މިވަގުތަކީ ޒީބާ އާއި ވާހަކަ ދައްކަން މުނާސަބު ވަގުތެއް ނޫންކަން މިޝްއަލްގެ ހިތަށް އެރިއެވެ.

"ނޫރާ، އައިސްކުރީމް ބޯނަންތަ؟" މިޝްއަލް ބަލައިލީ ޒީބާގެ އުނގުގައި އިން ނޫރާއަށެވެ. އެއަޑު އަހާފައި ނޫރާގެ މޫނުމައްޗަށް އައި ހިނިތުންވުން ފެނި މިޝްއަލްގެ ހިތް ފުރުނެވެ. އަވަހަށް ބޯޖަހާލިތަން ފެނިފައި މިޝްއަލް ޒީބާގެ ކައިރިން ހުއްދަ ހޯދުމަކާއި ނުލައި ގެންދިޔައީ ސްކޫޕަށެވެ.

ތިން ތަށި އައިސްކްރީމަށް އޯޑަރު ދީފައި މިޝްއަލް ބަލައިލީ ޒީބާއަށެވެ.

އެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އޭނާ އެތަނަށް ވަނީ ހިތާއި ދެކޮޅަށްކަން އެނގެއެވެ. އެކަމަކު ނޫރާގެ އުފާވެރިކަމަށް ހުރަސްނާޅަންވެގެންނެވެ. މިޝްއަލް ވާހަކަ ދެއްކީ ނޫރާ އާއިއެވެ. އެއީ ޒީބާ ކަހަލަ މަޑުމޮޅިވެފައި އިންނަ ކުއްޖެއް ނޫނެވެ. ނިކަން އަނގަ ގަދަ މަޖާކުއްޖެކެވެ. އައިސްކްރީމް ބޮއި ނިމިގެން ދާންވަންދެންވެސް ޒީބާގެ ފަރާތުން އެންމެ ބަހެއްވެސް ނީވުނެވެ. އެންމެ ކުޑަމިނުން ނޫރާ ކައިރީ އެއްޗެއް ބުނެލި އަޑުވެސް މިޝްއަލް ނާހައެވެ.

އެދެމީހުން ގެއަށް ލައިދީފައި މިޝްއަލް ދަނިކޮށް ނައުޝީންގެ ކޯލެއް އައެވެ. ފޯނުގެ ސްކްރީނުން ނައުޝީންގެ ނަން ފެނި މިޝްއަލްގެ ހަނދާނަށް އައީ ރޭގައި ނައުޝީން ކައިރީ ވެވުނު ވައުދުގެ މަތިންނެވެ. އެހެންވެ ފުރަތަމަވެސް ފޯނު ނެގިގޮތަށް މިޝްއަލް މަޢާފަށް އެދުނެވެ. ނައުޝީން ގުޅީވެސް ރޭގައި ފޯނު ނުނަގައިގެން އެކަމާއި ޝަކުވާ ކުރާށެވެ. އަދި ރޭގައި އެހެން ހެދީތީ ޖޫރިމަނާގެ ގޮތުގައިވެސް އިތުރު އެއްޗެއް ދޭންޖެހޭނެކަމަށް ބުންޏެވެ. މިޝްއަލް އަށް ސަލާމަތްވެވުނީ އެ ހުރިހާ ކަމަކަށް އެއްބަސްވެގެންނެވެ. އަދި މިރޭ ނައުޝީންއަށް ހުސްކޮށްދޭނެކަމަށް ވައުދުވެގެންނެވެ.

ހަވީރު ޑިއުޓީ ނިންމާފައި އައިގޮތަށް މިޝްއަލް މަސައްކަތް ކުރީ ނިދޭތޯއެވެ. ކޮންމެ ދުވަހަކު ޑިއުޓީއަށްފަހު ސިކުނޑި ހަމަޖައްސާލުމަށް ބައިގަޑިއިރެއްހާއިރަށް ނަމަވެސް ނިދާލުން ވަނީ އާދައަކަށްވެފައެވެ. އެނދުގައި ޖައްސާލިގޮތަށް އެއްއަތް ބޯދޮށުލައިގެން އޮވެ ދެލޯ މަރާލެވުނެވެ. އޭނާއަށް ސިފަވެގެން ދިޔައީ އޭނާގެ ކުރިމަތީގައި އައިސްކްރީމް ބޯން މަޑުނެގިފައި އިން ޒީބާގެ ޙަރަކާތްތަކެވެ. އިސްޖަހާލައިގެން އެތިކޮޅުކޮޅުން އައިސްކްރީމް ބޮމުން ދިޔަ ޒީބާގެ މޫނުމަތިން ފެނުނު މާޔޫސްކަމުގެ ކުލަވަރެވެ. ސިހިފައި ދެލޯ ހުޅުވާލެވުނެވެ. ނިދީގެ އަސަރު މުޅިން ފިލައި ދިޔަކަހަލައެވެ. އޭނާގެ ސިކުނޑި ފުރައިލީ ޒީބާގެ ޚިޔާލުތަކުންނެވެ.

ފޯނު ނަގައި ޒީބާގެ ނަންބަރަށް މެސެޖެއް ފޮނުވާލިއެވެ. އެއަށް ރައްދު ލިބޭތޯ އެތައް އިރެއްގައި އޮވެފައި ވަރުބަލިވެގެން މިޝްއަލްއަށް ދެލޯ މަރާލެވުނެވެ.

ފޯނުގެ ސްކްރީނަށް ބަލަން އިން ޒީބާ އަށް ވިސްނެނީ ދެންމެ އައި މެސެޖަށް ދޭނެ ޖަވާބަކާއި މެދުއެވެ. ހުރިހާ ކަމެއް ރަނގަޅުހެއްޔޭ އަހައި މިޝްއަލް ފޮނުވި މެސެޖުގެ ޖަވާބު އޭނާގެ ޟަމީރާ ކޮށްލެވުނެވެ. ހުރިހާ ކަމެއް ރަނގަޅުވާނެ ދުވަހެއްގެ އިންތިޒާރުގައި ހުރެ ހުރެ މާޔޫސްވެފައިވާ ޒީބާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. މިޝްއަލްއަށް ފެނުނީ އަދި އެންމެ މަންޒަރެކެވެ. ސައްވީސްގަޑިއިރެއް ނިމިދާއިރު އެފަދަ އެތައް މަންޒަރަކާ އޭނާއަށް ކުރިމަތިލާންޖެހެއެވެ.

މީގެ ހަތަރު އަހަރު ކުރިން އޭނާއަށް ކުރެވުނު ފާފައަށް ތަޢުބާވެފައި ވީ ނަމަވެސް ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. އެއްވެސް ބަޔަކު އޭނާ ބަލައިގަތީއެއް ނޫނެވެ. އޮފީހުގައި ވެސް އޭނާއަށް ޖިންސީ ފުރައްސާރަތައް ކުރިމަތިވެއެވެ. ކޮންމެ ފިރިހެނަކަށްވެސް ހީވެފައި އޮންނަނީ ޒީބާގެ ފަރާތުން އެކަހަލަ ކޮންމެ އެދުމެއް ފުދޭނެކަމަށެވެ.

އެއްވެސް ކަމެއް ރަނގަޅެއް ނޫނޭ ބުނެފާނަމޭ ޒީބާގެ ހިތަށް އެރިއެވެ. އޭރުން މިޝްއަލް އަށް ހުރިހާ ކަމެއް ކިޔައިދޭންޖެހޭ ހިސާބަށް ގޮސްދާނެތީ ހިތްބިރުގަތެވެ. އޭނާގެ މާޒީގެ އެންމެ ޞަފްހާއެއް ވެސް އެއްވެސް މީހަކާ ހިއްސާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އެކަހަލަ އުދަނގޫ ޚިޔާލްތަކެއްގައި ޒީބާ އިންދާ ނައުޝީންގެ ކޯލެއް އައެވެ. ނައުޝީން އެދުނީ މިރޭ އޭނާއާ އެކު ބޭރަށް ދިއުމަށެވެ. ޒީބާ ވިސްނާލާފައި އެދުނީ އޭނާ ބަލާ ނައުޝީން އެގެއަށް އައިސް ދިނުމަށެވެ.

މިޝްއަލް ފެންވަރައިގެން ނިކުންތަނާހެން ނައުޝީން ގުޅަންފެށިއެވެ. މިރޭ ބޭރަށް ދާން އޮތްކަން ހަނދާންކޮށްދޭށެވެ. މިޝްއަލް ފަނަރަ ވަރަކަށް މިނެޓްތެރޭ ދާނެކަމަށް ބުނެފައި ފޯނު ކުރުކޮށްލިއެވެ. ރީތިވެލައިގެން ނިކުންއިރު ޚަބަރު ބަލަން ސޯފާގައި އިނދެފައި އޭނާއަށް ބައްޕަ ގޮވާލިއެވެ. ބޭރަށް ދާ ނަމަ ބައްޕަގެ ސައިކަލުގައި ދިއުމަށް ބުންޏެވެ. ތަޅުދަނޑި ދެމުން ބައްޕަ އޭނާގެ ބޮލުގައި އެޅުވީ ކޮލެޖު ނިމޭގަޑިއަށް މާއިން ބަލާ ދިއުމަށެވެ. އެކަމަށް އެއްބަސްވަމުން މިޝްއަލް ތަޅުދަނޑީގައި ހިފިއެވެ.

މިޝްއަލް ސްކޫޕް ކައިރިއަށް ދިޔައިރު ނައުޝީން ކައިރީ ޒީބާ ހުރިތަން ފެނި މިޝްއަލް ދައްކަން އައި ވާހަކަ ޖެހުނީ ބަނޑު ތެރެއަށް ހިންދާލާށެވެ. ކުރީ ރެއަކު ޒީބާ ނުލައި އައުމުން މަލާމަތްކުރީތީ މިރޭ ނައުޝީން އައީ ޒީބާ ގޮވައިގެންނެވެ. މިރޭ މިޝްއަލް ބޭނުންވަނީ ނައުޝީންއާ ވަކިން ވާހަކަ ދައްކާށެވެ.

"އަވަހަށް ހިނގާ އެތެރެއަށް،" މިޝްއަލް ޒީބާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ޒީބާ ނައުޝީންގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތީ މިޝްއަލް އެތާ ހުރިކަމަށްވެސް ނުހަދައެވެ. މިޝްއަލް ފެނުމުން ޒީބާއަށް އުދަނގޫވެގެން ދިޔައެވެ. ނައުޝީން ބޭރަށް ދާން އެދުމުން އޭނާ އައީ ފަހަރެއްގައިވެސް މިއީ މިޝްއަލް ދިން ދަޢުވަތެއްކަން ނޭނގިއެވެ. މިޝްއަލް ހަވީރު ފޮނުވި މެސެޖަށް ޖަވާބު ނުދިނުމުން އެހެންވެ ރާވާލައިގެން ކުރި ކަމެކޭ ޒީބާގެ ހިތަށް އެރިއެވެ.

ގިނަ ވަގުތު ޒީބާ އިނީ އިސްޖަހައިގެންނެވެ. ނައުޝީން ވާހަކަ ދައްކަމުން ދޯ އޭ ބުނެލައިފިނަމަ ހޫމް އަޅުވާލުން ފިޔަވައި ޒީބާގެ އެއްވެސް ޙަރަކާތެއް ނެތެވެ. ޒީބާ އިސްޖަހައިގެން އިނުމުން މިޝްއަލްއަށް އެކަން ވީ ހިތްފުރޭވަރަށް އެ ރީތި މޫނަށް ބަލަހައްޓައިގެން އިންނަން ލިބުނު ފުރުޞަތަކެވެ.

މާއިން ބަލާ ދާ ގަޑި ޖެހުމުން މިޝްއަލް ނިކުތީ ބިލް ދައްކަން ވީ ފައިސާ ނައުޝީން އާއި ހަވާލުކޮށްފައެވެ. މާއިން ގެނެސް ގެއަށް ލާފައި މިޝްއަލް ނައުޝީންއަށް ގުޅީ އެމީހުން ހުރީ ކޮންތާކުތޯ ބަލާށެވެ. ޒީބާ ގެއަށް ލާފައި ނައުޝީން ގެއަށް ދާން ނިކުންނަ ކަމަށް ބުނުމުން މިޝްއަލް އެދުނީ އޭނާ އަންނަންދެން ނައުޝީން މަޑުކުރުމަށެވެ. އޭގެ ދެތިން މިނެޓްފަހުން މިޝްއަލް ހުރީ ޒީބާމެންގެ ގޭ ދޮރުމަތީގައެވެ. ނައުޝީން ނިކުމެ މިޝްއަލް ފެނުމުން އައިސް ސައިކަލުގެ ފަހަތަށް އަރައިފިއެވެ.

މިޝްއަލްގެ ސައިކަލުގެ ފަހަތުގައި އިންނަން ފުރުޞަތު ލިބުމުން ނައުޝީން އިނީ އުފާވެފައެވެ. މިޝްއަލް އޭނާއާ މެދު ޚާއްސަ ގޮތެއް ބަހައްޓާކަން މި ފަހަކަށް އައިސް ފާހަގަވެފައިވާތީ، އިތުރަށް މިޝްއަލް އާއި ގަޔާވާން ފަށައިފިއެވެ. ގެއާ ހަމަޔަށް އަވަހަށް ނުދެވޭނެނަމައޭ ނައުޝީންގެ ހިތަށް އަރަމުން ދިޔައެވެ.

ގޭ ދޮރުމަތީ ސައިކަލު މަޑުކޮށްލުމުން ނައުޝީން ދިޔައީ ސިހިގެންނެވެ. އޭނާއަށް މާ ފޮނި ޚިޔާލުތަކެއްގެ ތެރޭ ގެނބިގެން އިނދެވުނުކަމުން ގެއަށް އާދެވުނުކަންވެސް ނޭނގުނެވެ. ސައިކަލުން ފައިބާފައި މިޝްއަލްއަށް ޝުކުރު އަދާކޮށްފައި ދާން ހިނގައގެންވަގުތު ނައުޝީންގެ ދެފައި ހީވީ ބިންމަތީގައި ގަނޑުވިހެންނެވެ. އޭނާގެ އަތުގައި މިޝްއަލް ހިފާ ބާރުކޮށްލުމުން ނައުޝީންގެ ހުރިހާ ޙަރަކާތެއް ހުއްޓުމަކަށް އައި ފަދައެވެ.

"ވާހަކަ ދައްކާލަން މަޑުކޮށްބަލަ،" މިޝްއަލް ގެ އަޑު އަހާފައި ނައުޝީން ފަހަތް ބަލައިލީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. އޭނާއަށް މި ފެންނަނީ ހުވަފެނެއްބާއޭ ހިތަށް އެރިއެވެ. އޭނާގެ ހިތް އުފަލުން ތެޅިލީ ތަފާތު ގޮތަކަށެވެ. ވިންދު އަވަސްވެގެން ދިޔައެވެ.

"އަހަރެން ކަމަކު ކިޔައިފިއްޔާ ނައުޝީން ކޮށްދޭނަންތަ؟،" މިޝްއަލް އަހާލިއެވެ.

"މިޝްއަލް ބުނެފިއްޔާ އަހަރެން ފުރާނަވެސް ދޭނަން،" އެ ޖުމްލަ އޮތީ ހަމައެކަނި ނައުޝީންގެ ހިތުގައެވެ. ދޫ ހަރަކާތެއް ނުކުރިއެވެ. ނައުޝީން އަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހާލުމެވެ. އޭނާގެ ކިބައިން މިޝްއަލް އެދޭނީ ކޮންކަމަކަށްބާއޭ ހިތަށް އެރިއެވެ. ނައުޝީންގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުވެތިކަމެވެ. މިޝްއަލްގެ މޫނަށް ބަލަން ހުންނާކަށްވެސް ނުކެރުނެވެ. ލަދުން އިސްޖަހާލިއެވެ.

މިޝްއަލް އޭނާގެ އަތުން ދޫކޮށްލާފައި އެދުނު ކަމަކުން ނައުޝީންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

"އަހަރެން ބޭނުންވަނީ ޒީބާ، ޒީބާ ހޯދައިދެވޭނީ ހަމައެކަނި ނައުޝީންއަށް، އަހަރެންގެ ފަރާތުން އަހައިދީބަލަ، އަހަންނަށް ޔަޤީން ނައުޝީން ބުނެގެން ޒީބާ ރިޖެކްޓް ނުކުރާނެކަން" އެއިން ކޮންމެ ލަފްޒެއް ނައުޝީންގެ ކަންފަތާއި ހަމަޔަށް ފޯރީ ހޫނު ހަމަލާތަކެއް ފަދައިންނެވެ. އޭނާގެ ހިތް ކުދިކުދިވެގެން ދިޔަ ފަދައެވެ. ތޫނު ހަންޖަރަކުން އެ ހިތް ނަގައި ކޮށާލިނަމަވެސް އެހާ އަނިޔާއެއް ނުވީހޭ ހިތަށް އެރިއެވެ. ލަދުރަކި ހިނިތުންވުމެއް ފެންނަމުން ދިޔަ ނައުޝީންގެ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލެވުނެވެ.

"ޕްލީޒް، އަހަންނަށް އެވަރުގެ ކަމެއް ކޮށްދޭތި، އަހަރެން އުމުރަށްވެސް ނައުޝީން މަތިން ހަނދާންކުރާނަން، އައި ލަވް ހާރ ސޯ މަޗް. އަހަންނަށް ޒީބާގެ ހުރިހާ ކަމެއް އެނގިހުރެ އޭނާ ބަލައިގަންނަން ބޭނުންވާކަމަށްވެސް ބުނެދޭތި" ސައިކަލުން ފައިބައިގެން އައިސް މިޝްއަލް ހުއްޓުނީ ނައުޝީންގެ ކުރިމަތީގައެވެ. ނައުޝީންގެ ދެކޮނޑުގައި ހިފަހައްޓާލަމުން އާދޭހުގެ ރާގަކަށް މިޝްއަލް ބޭނުންވާ ގޮތް ބުނެދިންއިރު ނައުޝީންގެ ހާލަތު ވަނީ ވަންހަނާވެފައެވެ. ހިލަ ބުދެއްފަދައިން ނައުޝީން ހުރީ ބޯޖަހާލަންވެސް ނޭނގިފައެވެ. އޭނާ ހުއްޓާ މިޝްއަލްއަށް ޒީބާ ކަމުހިނގައިދާނެކަމަށް ހިތަށްވެސް ނާރައެވެ.

"ނައުޝީން" ނައުޝީންގެ ދެކޮނޑުގައި މިޝްއަލް މަޑުމަޑުން ހިފަހައްޓާލިއެވެ. ނައުޝީންގެ ފަރާތުން ޖަވާބަކަށް އެދިގެންނެވެ. އެވަގުތު ނައުޝީން ގެނައި ހަރަކާތަކުން މިޝްއަލްއަށް ލިބުނީ ހައިރާންކަމެވެ. މިޝްއަލްގެ ދެއަތް ފޮޅުވާލާފައި ނައުޝީން ޖެހިގަތީ އޭނާގެ މޭގައެވެ.މޫނު ޖައްސާ ބާރުކޮށްލަމުން ކުޑަކުއްޖެއް ފަދައިން އޮޅުލައިގަތެވެ. ލިބުނު ހައިރާންކަމުން ގުޑިލަންވެސް ނޭނގިފައި ހުރި މިޝްއަލްގެ ދެބުމަ އުފުލިގެން ދިޔައީ މަޑުމަޑުން ބޭރުވި ނައުޝީންގެ ގިސްލުމުގެ އަޑު އިވިފައެވެ. ނައުޝީންއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީއެވެ. އޭނާގެ ހިތުގެ ހާލަތު ކަރުނައިގެ ސިފައިގައި އޮހިގަތީއެވެ.

"އައި ލަވް ޔޫ" ނައުޝީންގެ އަޑު ނިކުތީ ކިރިޔަ ކިރިޔާއެވެ. އެހެނަސް އެ އަޑު މިޝްއަލްގެ ކަންފަތާއި ހަމަޔަށް ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. ނައުޝީންގެ ދެކޮނޑުގައި ހިފާ ނިކަން ބާރަށް ގަޔާއި ދުރަށް ޖައްސާލެވުނެވެ. ދެން ނައުޝީންގެ މޫނަށް ބަލާލެވުނުއިރު މިޝްއަލްގެ ހިތް ހީވީ ރޫޅިގެން ދިޔަހެންނެވެ. ނައުޝީންގެ މޫނު ވަނީ ރަތްވެފައެވެ. ހީވަނީ ހަށިގަނޑުގެ ހުރިހާ ލެޔެއް އެ މޫނަށް މިވަގުތު ޖަމާވެފައިވާހެންނެވެ. ދެލޮލުން ހުސްވުމެއް ނެތި ކަރުނަ ފައިބަނީއެވެ. ނައުޝީންގެ ހާލަތު ފެނުމުން މިޝްއަލްގެ ހިތަށް ވަރަށް ދަތިވިއެވެ.

"މިޝްއަލް، އައި ލަވް ޔޫ، އެން އައި ނޯ ޔޫ ލަވް މީ ޓޫ،" ނައުޝީން އަނެއްކާވެސް އައިސް މިޝްއަލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. -- ނުނިމޭ --

Popular