12 Feb 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* ފެބްރުއަރީ 8 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ޕާޓީ ނިމިގެން ވާހަކަދައްކަން ބޭނުންވާ ވާހަކަ ދާރިޔާ ބުނީ މެސެޖްކޮށްފަ އެވެ. ރަޒާ ޖަވާބެއް ނުފޮނުވަ އެވެ. އެކަމަކު މެސެޖް ލިބުނުކަން ދާރިޔާއަށް އެނގުނެވެ.

މެހުމާނުން ގޮސް ހުސްވުމާއެކު އުޝްވާ ވަނީ ރޫތު ނިންދަވަން ކޮޓަރިއަށެވެ. ރާޔަން އަދި އެއަށްވުރެ ކުރިން ނިދައިފި އެވެ. ޕާޓީގެ އުފާވެރި ކަމުގައި އެކުދިން މެންދުރު ނިދާކަށް ބޭނުމެއް ނުވި އެވެ. އުޝްވާ ވެސް ފަސޭހައަށް އެކަމާއި ބާރެއް ނާޅަ އެވެ. އޭނަ ކޮޓަރިއަށް ވަންހެނެއް ހިއެއްނުވެ ރޫތު ނިންދާފައި ނިކުތެވެ.

ދާރިޔާ މޭޒުމަތީ ހުރި ހުސްތަށިތައް އެއްކުރާތަން ފެނުމުން އެދިމާއަށް ގޮސް ހުއްޓުނެވެ. އުޝްވާ މޭޒުމަތިން ކަޕްކޭކެއް ނަގައިގެން ކާން ފެށި އެވެ. ދެން އޭނަ ހޯދައިލީ ރަޒާ ކޮބައިތޯ އެވެ. ކުޑައިރުކޮޅެއް ފަހުން ރަޒާ ދޮރާށިން ވަދެގެން އަންނާތީ ފެނުނެވެ. އުޝްވާ ކޭކުގެ ބާކީ އެތިކޮޅު އެއްކޮށް އަނގައަށް ލައިފައި ދާރިޔާއާ ބައިވެރިވެއްޖެ އެވެ.

ރަޒާ އައިސް ނުވަދެ ދޮރު ކައިރީ މަޑުކޮށްލައިފައި އެތެރެ ބަލައިލި އެވެ. އޭނަ ދާރިޔާއަށް ގޮވައިލުމާއެކު އުޝްވާ އާއި ދެމީހުންގެ ނަޒަރު އެދިމާއަށް ދަތުރުކުރި އެވެ. ރަޒާގެ ނަޒަރު ހުރީ ދާރިޔާއަށެވެ. އޭނަ ބޮލުގެ އިޝާރާތުން ބޭރަށް އަންނަން އިޝާރާތްކޮށްލާފައި ފަސްއެނބުރި ހިނގައިގެންފި އެވެ. ދާރިޔާ ހިނގައިގަތުމުން އުޝްވާ ކުއްލިއަކަށް އެއަތުގައި ހިފާ ހުއްޓުވި އެވެ. ދާރިޔާ ބަލައިލިއިރު އުޝްވާ ހުރީ ކަންބޮޑުވެފަ އެވެ.

"އޯކޭ ވާނެ." ދާރިޔާ ހިނިތުންވެލާފައި އަނެއް އަތުން އުޝްވާގެ ކޮނޑުގައި އަތް ޖައްސާލި އެވެ.

އުޝްވާ ދޫކޮށްލުމުން ބޭރަށް ނިކުމެ ހޯދައިލި އެވެ. ރަޒާ އިނީ ގޯތިތެރޭ ހަދާފައި ހުރި ކޮފީމޭޒު ކައިރީގަ އެވެ. ދާރިޔާ ގޮސް ކައިރިވުމުން ފޯނުން ނަޒަރު ވަކިކޮށްލައިފައި އިޝާރާތުން ގޮނޑި ދައްކައިލި އެވެ.

"ތޭންކްސް." ދާރިޔާ އިށީނެވެ.

އޭނަ އިސްއުފުލައިލިއިރު ރަޒާ އިނީ ބަލަހައްޓައިގެންނެވެ. ދާރިޔާގެ މެއަށް ފިނިވެލި އެވެ.

"އޮޅުންފިލުވަން ބޭނުންވަނީ ރަޒާ މިކައިވެންޏާއި އެއްބަސްވީ ސަބަބު." ވާހަކަދައްކަން ފަށާފައި ދާރިޔާގެ ނަޒަރު އުނގުގައި އޮތް ދެއަތަށް ހުއްޓައިލި އެވެ.

އަނެއްކާ ވެސް އެމޫނަށް ބަލައިލަން މަޖުބޫރު ވީ ރަޒާގެ ފުށުން ޖަވާބެއް ނައީމަ އެވެ. ރަޒާގެ ނަޒަރު އަދި ވެސް އެމޫނަށް ހުރިތަން ފެނުމުން ބަނޑަށް ވާންވެލި އެވެ. ރަޒާ ޖަވާބު ނުދޭނެކަން ޔަޤީންވުމުން އިތުރަށް ސުވާލުކުރަން ނިންމި އެވެ.

"ކުދިންނަށްޓަކައިތަ؟" ދާރިޔާ މިފަހަރު ނަޒަރު ވަކިކޮށެއްނުލަ އެވެ.

"ތީ އެއް ސަބަބު." ރަޒާ ވަގުތުން ޖަވާބުދިނެވެ.

އެ ބަރު އަޑު ކަންފަތުގައި ޖެހުމުން ގައިން ހީބިހި ނަގާގޮތްވި އެވެ.

"އަނެއް ސަބަބަކީ؟" ދާރިޔާ ހަމަޖެހިލަން މަސައްކަތްކުރަމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ރަޒާ ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލި އެވެ.

"ރަޒާ އައި ނީޑް ޓު ނޯ.... އަހަންނަށް ކިހިނެތް އެނގެނީ ރަޒާ ތިއުޅެނީ ފަސް އަހަރު ކުރިން އަހަރެންގެ މައިންބަފައިން އައިސް ކުރި ކަންތައްތަކުގެ ބަދަލު ހިފަން ނޫންކަމެއް؟" ދާރިޔާ މޭޒާއިދިމާއަށް އަރިވެލައިފައި މޭޒުމަތީ ދެއަތް އަޅުވާލަމުން ވާހަކަދެއްކި އެވެ.

"އަހަރެން ބުނާނީ ރިވެންޖް ނަގަން ބޭނުންވާ މީހަކަށް ލިބޭނެ އެންމެ ޕާފެކްޓް ޗާންސަކަށް މިކައިވެނީގެ ހުށައެޅުން ވާނެއޭ..." ރަޒާ އަނގައިން ނުބުނެ ބަލަން އިނުމުން ދާރިޔާ އިތުރުކޮށްލި އެވެ.

އޭނަގެ ނޭވާ ހުރީ ކުރުވެފަ އެވެ. މޫނުގައި ސީރިއަސްކަމެވެ. ރަޒާ ކައިރިވެލާފައި މޭޒުގައި ދެއުޅަބޮށި ވިއްދާލައިގެން އަނގަމަތި ނިވާކުރި ގޮތުން ހީވީ ހިނިގަނޑެއް ބޭރުވިޔަ ނުދޭން މަސައްކަތް ކުރާ މީހެއްގެ އަމަލެއް ހެންނެވެ. ދާރިޔާއަށް ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނެވެ. އެއީ އޭނައަށް ހީވި ގޮތެއް ކަމާއިމެދު ހިތާއިހިތުން ސުވާލު އުފެއްދި އެވެ.

"ތިސުވާލުގެ ޖަވާބު ލިބެން އޮތީ އެންމެ ގޮތެއް..... މެރީ މީ!" ރަޒާ ދެއަތް ތިރިކޮށްލައި މޭޒުމަތީ އަޅާލަމުން ވާހަކަދެއްކި އެވެ.

ދާރިޔާއަށް ލިބުނު ސިހުމުގައި ޖެހިލެވުނީ ފަހަތަށެވެ.

"ވަޓް؟ ނުކެރޭނެތަ؟" ދާރިޔާގެ ކުލަވަރު ބަލަން އިނދެގެން ރަޒާ އިތުރަށް އަހައިލި އެވެ.

ތުންފަތުން ހިނިތުންވުމެއް ނުފެނުނަސް އެލޮލުގައި ލާނެތްކަން ވި އެވެ.

"ސޯ ޔޫ އާ ޗެލެންޖިން މީ؟" ދާރިޔާ ކުރިއަށްވުރެ ހަމަޖެހިލި އެވެ.

ރަޒާގެ މަޤްސަދު އެނގުމުން އޭނައަށް ޖޯޝް އައެވެ.

"ވެދާނެ ތިހެން ވެސް..." ރަޒާ ޖަވާބުދިނެވެ. އެދެލޯ ހިނދުކޮޅަކަށް ވެސް ދާރިޔާގެ މޫނަކުން ނުނެއްޓެ އެވެ.

އުޝްވާ އިނީ ދާރިޔާ ނިކުތީއްސުރެ ސިއްރުން އެ ދެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ. ކުޑައިރުކޮޅެއް ފަހުން ދާރިޔާ ތެދުވެގެން ދޮރާށްޓާ ދިމާއަށް ދާތަން ފެނުމުން އަވަހަށް ދޮރާ ދިމާއަށް ދިޔަ އެވެ. އޭނަ ގޮވާލި ނަމަވެސް ދާރިޔާގެ ކަންފަތުގައި އެއަޑު ޖެހުނު ހެނެއް ހިއެއްނުވެ އެވެ. އުޝްވާ ދެން ބަލައިލީ ރަޒާއާ ދިމާއަށެވެ. ދޮންބެ އިން ގޮނޑި ދޮރާށްޓާއި ފުރަގަސްވާ ގޮތަށް އިނުމުން މޫނުގެ ކުލައެއް ނުފެނެ އެވެ. އުޝްވާ ދެފައިކުރިއަށް ބާރު ލައިފައި ގޮސް ރަޒާގެ ކުރިމައްޗަށް ހުއްޓުނެވެ.

"ކީއްވެ ދާރިޔާ އެދިޔައީ؟ ދޮންބެ ކީކޭ ކީ؟" އުޝްވާ އެނބުރި ދޮރާށްޓާ ދިމާއަށް ބަލާލައިފައި ދޮންބެގެ މޫނަށް ނަޒަރު ހުއްޓާލަމުން އެހި އެވެ.

އެއަޑުގައި ވި ނުރުހުން ފޮރުވާކަށް ވެސް މަސައްކަތެއް ނުކުރެ އެވެ. ރަޒާ ވެރިކޮށްލީ ހިނިތުންވުމެކެވެ. އުޝްވާގެ ހައިރާންކަން ދެގުނައަށް އިތުރުވި އެވެ.

"އިމާޒްއަށް ގުޅާފަ ބުނޭ ދޮންބެއާ ބައްދަލުކުރަން އަންނާށޭ!" ރަޒާ ތެދުވެފައި އުޝްވާގެ ކޮނޑުގައި އަތް ޖައްސާލުމަށް ފަހު ގެއާ ދިމާއަށް ހިނގައިގެންފި އެވެ.

އުޝްވާ އެވަގުތު ލައިލައި ހުރި ނޭވާ ވެސް ތާށިވީ ކަރުތެރޭގަ އެވެ. ރަޒާގެ ފިޔަވަޅުގެ އަޑު ކެނޑޭންދެން އޭނަ ހުރީ ގަނޑުވެފަ އެވެ.

***

"އިންނަން ނުކެރިގެނެއް ނޫޅެން." ހިމޭންކަން ފޫދުއްވައިލަމުން ދާރިޔާ ބުނެލި އެވެ.

ރަޒާ އެޖަވާބު އަހާފައި އެއްބުމަ އަރުވައިލި އެވެ. އެލޮލުގައި ލާނެތްކަމެވެ.

"ބަދަލުގައި ރަޒާ ޖެހޭނެ އަހަރެން ބުނާކަމެއް ކޮށްދޭން. އަހަރެމެންގެ ކައިވެނީގެ ކުރީން އުޝްވާގެ ކައިވެނި އިމާޒްއާ ކޮށްދޭން ޖެހޭނެ." ދާރިޔާ ދިން އާ މައުލޫމާތުން ރަޒާ ސިހުނެވެ.

އެމޫނުގެ ކުލަވަރަށް ބަލާފައި، އުޝްވާ ކިޔައިދިން ވާހަކަތައް ރަޒާގެ ކަންފަތަށް ފޯރުކުރި އެވެ. ރަޒާގެ ކުލަވަރު ބަދަލުވިތަން އޭނަ ދެކުނެވެ. އެލޮލުން އަޖައިބެއްފަދަ ރިހުމެއް ފައުޅުވާން ފެށި އެވެ. އަތް އުފުލާލައިފައި ބޮލުގެ އިސްތަށިގަނޑު ތެރޭ ހިންގާލައިފައި ތިރިކޮށްލި އެވެ. އޭނަ ގެ ވާހަކަ ނިމުނު ފަހުން ވެސް ޖަވާބެއް ނުދީ އިނދެގެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވި އެވެ.

"އަހަންނަށް ގަބޫލެއް ނުކުރެވޭ އުޝްވާ އެވަރުގެ ކަމެއް އަހަންނަށް ސިއްރުކޮށްފާނެ ކަމަކަށް. އޭނަ ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ އަހަރެން ކައިރީ ބުނެލުން. އެހެންނޫންނަމަ އޭނަގެ ކައިވެނި އެފިރިހެންކުއްޖާއާ ކޮށްދޭނެތާ ކޮންދުވަހެއް. އަހަރެން ފަހަރެއްގައި ވެސް ބޭނުމެއް ނުވޭ އަހަރެންނާއި އަހަރެންގެ ދަރިންގެ ސަބަބުން އުޝްވާގެ އުފާތަކަށް ހުރަސް އެޅޭކަށް." ވައިގެތެރޭ އަތް ހަރަކާތް ކުރަމުން ރަޒާ ވާހަކަދެއްކި އެވެ.

ދާރިޔާ އިނީ ފަރުވާވެ އެމޫނަށް ބަލާށެވެ.

"އުޝްވާ ވެސް ބުނީ ތިހެން. އެހެންވެ އޭނަ ސިއްރު ކުރީ ވެސް. އޭނަ ކަންބޮޑުވޭ އޭނަ ދިޔައީމަ ކުދިންނަށް ވާނެގޮތެއް ނޭނގޭތީ." ރަޒާ ހިމޭންވުމުން ދާރިޔާ ބުނެލި އެވެ.

ރަޒާ ކުއްލިއަކަށް ހަތަރުކަޅި ހަމަކޮށްލި އެވެ.

"ކުށްވެރިއަކީ އަހަރެން. އުޝްވާއާ ދޭތެރޭ އަހަންނަށް ވިސްނާނުލެވުނީ. އޭނަ ވެސް ޒުވާން ވެއްޖެކަމާ މީހަކާ އިންނަން ޖެހޭނެކަން ހަނދާން ނައްތާލެވުނީ." ރަޒާ އަތް މުށްކަވާލައިފައި ނިތުގައި ޖައްސާ ބާރުކޮށްލަމުން ދުރު ބަލަން ފެށި އެވެ.

ކޮޓަރީގައި ޓަކި ޖަހަން ފެށި އަޑާއެކު ދާރިޔާގެ ހިޔާލުތައް ވިއްސި ވިހާލި ވި އެވެ. އިރުކޮޅަކުން ދޮރުހުޅުވުނު އަޑާއެކު އޭނަ ބާލީހުގައި ބޯއަޅައިގެން އެއޮތްގޮތަށް އޮވެ އެދިމާއަށް ބަލައިލި އެވެ. ކޮޓަރިއަށް ވަނީ މަންމަ އެވެ.

"ކިހިނެއްވެފަ ތިއޮތީ؟" ގުރައިޝާ އައިސް މަގަތުގައި އިށީނެވެ.

ދާރިޔާ ބާލީހުން ބޯ ހިއްލާލައިފައި ބޯ އަޅައިލީ މަންމަގެ އުނގުގަ އެވެ. ދާރިޔާގެ މޫނުމައްޗަށް ފޭބި އިސްތަށިތައް ގުރައިޝާ އެއްފަރާތްކޮށްދިނެވެ. ނިތުގައި މަންމަ ފިރުމަން ފެށުމުން އަރާމުކަމުން ލޯމަރައިލެވުނެވެ.

"ޕާޓީ ކިހިނެއް ދިޔައީ؟" ދާރިޔާ އެއްޗެއް ނުބުނުމުން ގުރައިޝާ އިތުރު ސުވާލެއް ކުރި އެވެ.

"ވަރަށް ރަނގަޅަށް ދިޔައީ. ޓްވިންސް ތިބީ ވަރަށް އުފާވެފަ. ސަކަރާތް ޖަހަޖަހާފަ ވަރުބަލިވެގެން މިހާރު ނިދައިފި." ދާރިޔާ އޮޅުންފިލުވައިދިނެވެ.

ގުރައިޝާ ބޯޖަހާލައިފައި އިތުރު އެއްޗެއް ނުބުނެ އެވެ. ދާރިޔާ ނިންމީ މަންމަ ކައިރީ ކައިވެނީގެ ވާހަކަ ބުނުމަށެވެ. މަންމަގެ ބަސް ހުންނާނީ ކިހިނެތްކަން އެނގި ހުރެ ވެސް ހާމަކުރުން މުހިންމު ކަމުގައި ދެކުނެވެ. އޭނަ އެވާހަކަ ބުނުމާއެކު ގުރައިޝާގެ އަތަށް ހުއްޓުމެއް އައެވެ. މަންމަގެ ނަޒަރު އެމޫނަށް ހުރިކަން އެނގިގެން ދާރިޔާ ލޯ ހުޅުވައިލި އެވެ. ދެން ތެދުވެ ހިންދެމިލައިފި އެވެ.

"މަންމަ ކަންބޮޑު ނުވޭ. އަހަރެން މަންމަމެން ބުނާކަމެއް ކޮށްދިނުމުގެ ނިޔަތަކު ނޫން މިކައިވެނި ކުރަން މިއުޅެނީ..... އައި ހޭވް އަދާ ރީޒަންސް..." ދާރިޔާ ފަހު ޖުމްލަ ބުނެލީ އެކަނި ހިތަށް އިވޭ ވަރަށެވެ.

މަންމަ އޭނަގެ އަތުގައި ހިފާ ފިތާލައިފައި އުފާވެރި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލި އެވެ. ދެން ބުނެލީ އޭނަގެ އެނިންމުމުގެ ނަތީޖާ ފޮނިވާނެ ކަމުގަ އެވެ. ހިތާއި ހިތުން ދާރިޔާ ވެސް އެދުނީ އެގޮތަށެވެ. އޭނަގެ ކައިވެނީގެ ފުރަތަމަ މަޤްސަދަކީ ރަޒާގެ ކުދިންނާއި އޭނަގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެކަމަކު ހިތުގެ ކަނަކުން ރަޒާގެ ލޯއްބަށް ވެސް އެދެވެ އެވެ. އެކަމަކު އެއީ އޭނަ އެކަކު ކައިރީ ވެސް ފައުޅު ނުކުރާނެ ސިއްރެކެވެ.

***

އިމާޒް އުފަންވީ އުޝްވާ ވެސް އުފަންވި ރަށަށެވެ. އެކަމަކު އޭނަގެ މުޅި ދިރިއުޅުން ހޭދަ ވީ މާލޭގަ އެވެ. ވަޒީފާ އާއި އާއިލާ ވެސް އޮތީ މާލޭގަ އެވެ. ޗުއްޓީ ހޭދަކޮށްލަން ރަށަށް އައި ދަތުރެއްގައި އުޝްވާއާ ގުޅުން ބަދަހިވެ ލޯއްބަށް ބަދަލުވީ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. ދެމީހުންގެ ގުޅުން އޮތީ ފޯނުންނެވެ. އިމާޒް ކައިވެނީގެ ވާހަކަ ދައްކަން ރަށަށް އަންނަން ބުނާ ކޮންމެ ފަހަރަކު އުޝްވާ މަނާ ކުރެ އެވެ. ދޮންބެއަށް ހަޤީޤަތް އެނގިގެން އޭނަ ފޮނުވައިލަފާނެތީ ޖެހިލުންވެ އެވެ. އެންމެފަހުން އިމާޒްގެ މައިންބަފައިން ބާރު އެޅި އުޝްވާއަށްޓަކައި އިންތިޒާރު ނުކޮށް އެމީހުން ދައްކާ ކުއްޖަކާ އިނުމަށެވެ.

ދެދުވަސް ފަހުން އިމާޒް ރަށަށް އައިސް ރަޒާއާ ބައްދަލުކުރި އެވެ. ރަޒާއަށް އިމާޒް ކަމުދިޔަ އެވެ. އިމާޒްގެ ބައްޕަ އިހުސާނު އަކީ ރަޒާއާ ފުދޭ ވަރަކަށް ގުޅުން ބޮޑު މީހެކެވެ. މާލޭގައި ހުރެގެން ރަޒާގެ މަސައްކަތަށް ބައެއް ކުދި ކުދި އެހީ ވެދީ އުޅެ އެވެ. އުޝްވާ އަކީ ރަޒާގެ ކޮއްކޮކަން އިހުސާނަށް ވެސް އެނގުނީ ކައިވެނީގެ ވާހަކަ ދައްކަން ރަށަށް އައީމަ އެވެ. އިމާޒް އޮތީ އުޝްވާ އެދިގެން ސިއްރުކޮށްފަ އެވެ.

ދާރިޔާ އާއި އުޝްވާގެ ކައިވެނި ކުރެވުނީ އެއްދުވަހެއްގަ އެވެ. އެއީ އުޝްވާ ބޭނުންވި ގޮތެވެ. ރަޒާ އާއި ދާރިޔާގެ ކައިވެންޏަކީ ހަމައެކަނި ދާރިޔާގެ ދުވަސްވީ ހުވަފެނެއް ނޫނެވެ. އެއީ ދާރިޔާގެ ހިތް އޮތް ގޮތް އެނގުނީއްސުރެ އުޝްވާ ވެސް ދެކެމުން އައި ހުވަފެނެކެވެ. އެހުވަފެން ސީދާ ވާ ތަން ދެކެން އޭނަ ހުރީ ކެތްމަދު ވެފަ އެވެ.

ކައިވެނީގެ ކުރީ ދުވަހު އުޝްވާ ބައްދަލު ކޮށްފައި ދާރިޔާއާ ސުވާލު ކުރި އެވެ. ދާރިޔާ ކައިވެނި ކުރަން ނިންމީ އޭނަގެ ސަބަބުންކަން ނުވަތަ ނޫންކަން އޮޅުންފިލުވަދޭން އެދުނެވެ. އޭނައަށްޓަކައި ދާރިޔާ ބޭނުން ނުވާ ކައިވެންޏެއް ކުރަން އުޅޭނަމަ އެކަން ހުއްޓާލުމަށް އެދުނެވެ. އުޝްވާ ރުއްސަން ދާރިޔާއަށް އެތައް ވާހަކައެއް ދައްކަން ޖެހުނެވެ. އޭނަ ޤަބޫލު ކުރީ އޭގެ ފަހުންނެވެ.

އާދައިގެ ހަފްލާއަކުން އާއިލާ މީހުންނާއި އެކުވެރިންނަށް ކުޑަ ސައެއް ބޭއްވުނެވެ. އެއަށްފަހު އުޝްވާ ފުރުވާލީ ކަރުނުން ފުރިފައިވާ ލޯތަކަކާއިގެންނެވެ. ކުޑަ ދެކުދިންގެ މޫނުން އުޝްވާގެ ނަޒަރު ވަކި ނުވެ އެވެ. ދާރިޔާގެ އަތުގައި ހިފައިގެން ހުރެ އޭނަ އެދުނީ ގިނަ ގިނައިން ފޯނު ކުރުމަށެވެ. ވީޑިއޯ ކޯލް ކުރުމަށެވެ. ފުރަން ވެގެން ލޯންޗް ކައިރި ކުރިއިރު އުޝްވާ ހުރީ ރަޒާގެ ކައިރީގަ އެވެ.

ރަޒާގެ އެއް އަތް އުޝްވާގެ އުނަގަނޑު ވަށާލެވިފަ އެވެ. އުޝްވާގެ މޫނު ރަޒާގެ މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރެ ރޮނީ އެވެ. އަނގަމަތީ އަތް އަޅާ ބާރުކޮށްލައިގެން ހުރި އިރު ވެސް ރުއިމުގެ އަޑު ބޭރުވަމުން ދިޔަ އެވެ. ރަޒާ އަނެއް އަތުން އުޝްވާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އެވެ. އުޝްވާ މަސަލަސް ކުރަން މަސައްކަތް ކުރަމުން ތަކުރާރުކޮށް ނިތުގައި ބޮސްދިނެވެ. އެލޮލުގައި ކަރުނަ އެވެ. ދާރިޔާ ތަންކޮޅެއް ދުރުގައި ހުރީ ރާޔަން އާއި ރޫތުގެ އަތުގައި ހިފަހައްޓައިގެންނެވެ. ދޮންތަ ރޯތީ އެކުދިން ވެސް ރޮނީ އެވެ.

އެންމެ ފަހު ވަގުތު ދާރިޔާ ދޫކޮށްލުމުން އެކުދިން ގޮސް އުޝްވާގެ ދެފަރާތުން ދެފައިގައި އޮޅުލައިގަތެވެ. ދާރިޔާއަށް މަޖުބޫރު ވީ ދުރު ބަލާލުމަށެވެ. ލޮލުން ކަރުނަ ފުހެލައިފައި އޭނަ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލި އެވެ. ކުދިންގެ އަޑު ގަދަވެގެން ބަލާލިއިރު އުޝްވާ ލޯންޗަށް އަރަނީ އެވެ. ރަޒާ ހުރީ ދެއަތުން ދެކުދިން އުރާލައިގެންނެވެ.

***

ގެއަށް ގޮސް ކުދިން މަސަލަސް ކުރަން ފަސޭހައެއް ނުވި އެވެ. އިރު އޮއްސެން ކައިރިވެފައި ހުރުމުން ދާރިޔާ އުޅުނީ ކާންދެވޭތޯ އެވެ. އެކަމަކު އެއް ކުއްޖަކު ވެސް ކާކަށް ބޭނުމެއް ނުވި އެވެ. އުޝްވާ އަތުން ނޫނީ ނުކާން ރޫތު ބޮޑާ ހާކަމުންދިޔަ އެވެ. ރާޔަން ރޫތު ރޯތީ ރޫތުއާ އެއްވަރަށް ރޮއެ އެވެ. އެންމެފަހުން ރަޒާ ސިޓިންރޫމްގައި އިނދެފައި އައިސް ދެކުދިން އުރައިގެން ކޮޓަރިއަށް ގެންދިޔަ އެވެ. ރަޒާ އުރާލުމުން އެކުދިން ކުރިއަށްވުރެ ރަނގަޅުވި އެވެ.

ރަޒާ ގޮސް ގެއްލުނުތަން ބަލާފައި ދާރިޔާއަށް ވެއްޓިގަނެވުނީ އެންމެ ކައިރިއަށް ހުރި ގޮނޑިއަށެވެ. ފުރަތަމަ ދުވަހު ވެސް އޭނަގެ ބޭނުމެއް ނެތްކަން އިހްސާސްވި އެވެ. އުޝްވާ އުޅުނުއިރު އެކުދިން އޭނައާ ހެދި ކިތަންމެ އުޅުނަސް އުޝްވާ ދިން ލޯބި އޭނައަށް ނުދެވޭނެ ކަން ޔަޤީންވި އެވެ. އެކަން އިހްސާސް ވުމުން ރަޒާ ވެސް އެކައިވެނި ކުރެވުނު މޮޔަ ހިތަށް އަރާނެއޭ ހިތަށްއެރި އެވެ. ކުދިން ފަދައިން އޭނައަށް ވެސް އުޝްވާ ނެތުމުގެ ފަޅުކަން އިހްސާސްވި އެވެ. ފަހު ވަގުތު އުޝްވާ ރުއިވަރު ހަނދާންވެފައި ލޮލުން ކަރުނަ އަންނަން ފެށި އެވެ.

ހިމޭނުން ކަރުނަ އޮއްސަން އިންނަތާ އިރުގަނޑެއް ފަހުން ފަހަތުން ފިޔަވަޅުގެ އަޑު އިވުނެވެ. ދާރިޔާ ސިހިފައި ބަލައިލި އެވެ. -- ނުނިމޭ --

Popular