19 Feb 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* ފެބްރުއަރީ 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ތޭންކްސް." ދާރިޔާއަށް ލިބުނު ކާމިޔާބަކުން ހިނިތުންވެލެވިއްޖެ އެވެ.

ރަޒާ ވަކި އެއްޗެއް ނުބުނެ އެމޫނަށް ބަލަން ހުރެފައި ގޮނޑި ދަމާލައިން އިށީނެވެ.

ދާރިޔާ އުނދުން ކައިރީ ފުރަގަސްދީގެން ހުއްޓާ ރޫތު އިރުކޮޅަކުން އެތެރެއަށް ވަނެވެ. ރަޒާ ރޫތުގެ ނަން ގޮވާލި އަޑަށް އޭނަ އެދިމާއަށް އެނބުރި ބަލައިލި އެވެ. ރޫތު އައީ ދާރިޔާގެ ފޯނު ހިފައިގެންނެވެ. ފޯނަށް ކޮންމެވެސް މީހަކު ގުޅަނީ އެވެ. ރޫތު ގޮސް ކައިރިއަށް ހުއްޓުމުން ދާރިޔާ ފުރަތަމަ ޝުކުރު އަދާކޮށްފައި ރޫތުގެ ކޮލުގައި ބޮސްދިނެވެ. އޭނަ ފޯނު އަތަށް ނެގުމުން ރޫތު ގޮސް އެރީ ރަޒާގެ އުނގަށެވެ.

ރަޒާ ދަރިފުޅާއި ވާހަކަދައްކަން އިނދެފައި ބަލައިލިއިރު ދާރިޔާ ހުރީ ހުއްޓުން އަރާފަ އެވެ. ފޯނަށް ބަލަން ހުރީ ބިރެއް ފެނިގެން ބަލަން ހުރި މީހަކު ފަދައިންނެވެ.

"ދާރިޔާ...!" ރަޒާ ގޮވާލި އެވެ.

އެއަޑު އަހާފައި ދާރިޔާ ސިހުނު ވަރުން ފޯނު އަތުން ދޫކޮށްލައިފި އެވެ. ފޯނު ވެއްޓި ތިރީގައި ޖެހުނު ފަހުން ވެސް ރިންގަކަށް ބަދަލެއް ނާދެ އެވެ. ރަޒާ ރޫތު ތިރީގައި ބަހައްޓާފައި ސިޓިންރޫމަށް ދާން ބުންޏެވެ. ރޫތު ގޮސް ގެއްލޭތަން ބަލަން އިނދެފައި ދާރިޔާއާ ދިމާއަށް އެނބުރުނެވެ.

ދާރިޔާ ފޯނު ނަގައި ސައިލެންޓަށް ލައިފައި ބަންޑުން ބޭއްވީ މޭޒުމަތީގަ އެވެ. ދެން އަނެއްކާ ވެސް ގޮސް ހުއްޓުނީ އުނދުން ކައިރިއަށެވެ.

"ދާރިޔާއަށް ކަމެއް ދިމާވެގެން އުޅެންޏާ އަހަރެން ކައިރީ ބުނާނަން ދޯ؟" ރަޒާ އިރުކޮޅަކުން އަހައިލި އަޑު އިވުނެވެ.

ދާރިޔާ ބަލައެއްނުލަ އެވެ. ކުރެވުނު ކަމަކީ ތުންފަތުގައި ދަތް އަޅައިލުމެވެ.

"ތޭންކްސް." އިރުކޮޅަކުން އުނދުން ނިއްވާލައިފައި ދާރިޔާ އައިސް ކައިރިއަށް ހުއްޓެމުން ބުނެލި އެވެ.

ތަށިމަތި ތައްޔާރުކޮށްފައި އޭނަ ބެލީ އެތަނުން ނިކުމެވޭތޯ އެވެ.

***

މެންދުރަށް މެދުކަނޑާލައިފައި ރަޒާ އައިއިރު ދާރިޔާ އިނީ ލެޕްޓޮޕް ހިފައިގެން އުޝްވާއާ ވީޑިއޯ ކޯލް ކުރާށެވެ. ތުއްތު ދެ އަންހެންކުދީން ދާރިޔާގެ ދެފަރާތުގައި ސޯފާގައި ތިއްބެވެ. ރަޒާ ފެނިގެން ކުދިވެރިން ރަޒާ ކައިރިއަށް ދުވި އެވެ. ބައްޕައަށް އުޝްވާ ދައްކަންވެގެން އަވަހަށް އެތަނަށް ގެނަ އެވެ. ހަޑިކޮށް ހުރުމުން ސޯފާގައި ނީންނަން ވެގެން ރަޒާ މަޑުކޮށްލީ ސޯފާގެ ފަހަތުގަ އެވެ. ވާހަކަދައްކަން ވެގެން ރަޒާ ގުދުވެލުމާއެކު ދާރިޔާގެ ލޯލިތައް ކޮޅަށް ހިއްލުނެވެ. ރަޒާގެ ހޫނު ނޭވާތައް ހުރަހެއް ނެތި އެޅެން ފެށީ އޭނަގެ ކަނާތު ކޮނޑަށެވެ. އިތުރަށް އުޝްވާ ދެއްކި އެއްވެސް ވާހަކައެއް އޭނަގެ ކަންފަތަކާއި ހަމައަކަށް ނުފޯރަ އެވެ. ދާރިޔާގެ ނަޒަރު ހުރީ ފްރޮންޓް ކެމެރާއިން ފެންނަމުންދިޔަ ދެމީހުންގެ ސޫރަ އަށެވެ. އެދެމެދުގައި ވި ގާތް ކަމަށެވެ.

"ދާރިޔާ....!" އުޝްވާ ދެއްކި ވާހަކައަކަށް ދާރިޔާ ޖަވާބު ނުދީގެން ރަޒާ ގޮވައިލި އެވެ.

ދާރިޔާގެ ކަންފަތުގައި އެއަޑު ހަރުލީ މާ ދުރުން އިވުނު އަޑެއް ފަދައިންނެވެ. ނޭނގި ހުރެ އޭނައަށް މޫނު އަނބުރާލެވުނީ ރަޒާއާ ވީ ފަރާތަށެވެ. އެވަގުތު ލައިލައި ހުރި ނޭވާ ކަރުތެރޭގައި ތާށިވެއްޖެ އެވެ. އެދެމެދުގައި އިންޗިއެއްހާ ދުރުމިން ވެސް ނެތެވެ. އެވަރުން ވެސް ދުރަށް ޖެހިލާކަށް ނޭނގުނެވެ. ދެލޯ ބޮޑުކޮށްގެން ބަލަން އިނދެވުނީ އެވެ.

"މިދަނީ ފެންވަރަން." ރަޒާ ހިންދެމިލާފައި ތެދުވަމުން ވާހަކަދެއްކި އެވެ.

އުޝްވާއަށް އަތުން ހަނާ އަޅާލައިފައި ހިނގައިގަތުމުން ދާރިޔާގެ ސަމާލުކަން ވެސް އަނބުރާ ލެޕްޓޮޕަށް ހުއްޓައިލި އެވެ. އުޝްވާ އަނގަމަތީ އަތް އަޅައިގެން އިނީ ހެވިދާނެތީ އެވެ. އެވަރުން ވެސް ދާރިޔާއަކަށް ސިއްރެއް ނުވި އެވެ.

"ވަޓް؟" ދާރިޔާ ލޯ ހަނިކޮށްލި އެވެ.

"ދެމީހުން ހަމަ ހީވަނީ އަލަށް ކައިވެނިކޮށްގެން އުޅޭހެން.." އުޝްވާ ދިމާކުރި އެވެ.

"ޝަޓްއަޕް އުޝްވާ. އުޝްވާގެ ދޮންބެއޭ އެއީ...." ދާރިޔާ ނުރުހުން ދައްކަން އުޅުނަސް މޫނުން ފެނުނީ ލަދުވެތިކަމެވެ.

އުޝްވާ ހީހީފައި މައުޟޫ ބަދަލުކޮށްލި އެވެ. ގެއާއި އާއިލާ މީހުންނާއި ބެހޭގޮތުން އުޝްވާ ކިޔައިދިނެވެ. ދާރިޔާ އެންމެ ހައިރާން ވާ ވާހަކައަކަށް އުޝްވާ ބުނީ ދިއުމުގެ ކުރިން ނޯޓް ލިޔެފައި އޮތް ފޮތެއްގެ ވާހަކަ އެވެ. އޭގައި ރަޒާ އާއި ކުދިންގެ އާދަތަކުން ފެށިގެން ގޭގައި ދާރިޔާ ކުރަން ޖެހޭ ކަންކަމުގެ ވާހަކަ ހުންނާނެ ކަމަށް ބުންޏެވެ. އެއްޗެހި ރައްކާ ކޮށްފައި ހުންނާނެ ތަންތަން ވެސް މެ އެވެ. އުޝްވާ ބުނީ އޭނަ ފޮތް ލިއުނީ ކައިވެނި ހަމަޖެހުމަށްފަހުގައި ކަމަށެވެ.

ހަނީމޫނަށް ދިއުމުގެ ކުރިން ވާހަކަދެއްކޭނެ ފަހު ފަހަރު ކަމަށް ބުނުމުން ދާރިޔާގެ ހިތަށް ތަދުވެލި އެވެ. އުޝްވާ ޕެކް ކުރަން ވެގެން ކޯލް ކަނޑާލުމުން ދާރިޔާއަށް އިނދެވުނީ ކުދިވެރިން ކުޅޭތަނަށް ބަލާށެވެ. އިރުކޮޅަކުން މޭޒުމަތީ އޮތް ފޯނު ރިންގް ވާން ފެށި އެވެ. އެ ނަގާ ބަލާލުމާއެކު މެއަށް ފިނިވެގެން އައެވެ.

ސްކްރީނަށް އަރާފައިވާ ނާހިލްގެ ނަން ފެނުމާއެކު ކޮޅަށް ތެދުވެވުނެވެ. އުދަނގޫ ގޮތަކަށް ހިންދިރުވާލައިފައި ފޯނު ހިފައިގެން އެތަނުން ދާން ހީކޮށްލި އެވެ. އެނބުރުނުއިރު ރަޒާ ކޮޓަރި ދޮރުމަތީ ހުރީ ބަލަހައްޓައިގެންނެވެ. ދާރިޔާ އަވަހަށް ފުރަގަސްދީފައި ދިޔައީ ބަދިގެއާ ދިމާއަށެވެ.

އެތެރެއަށް ވަދެވުމުން ފޯނު ނިއްވާލައިފައި މޭޒުމަތީ ބޭއްވުނީ ތަންކޮޅެއް ބާރަށެވެ. ރަޒާ އެއަޑަށް އޭނަ ހޯދަމުން އަންނާނެއޭ ހިތަށް އަރައިފައި ދޮރާއި ދިމާއަށް ބަލައިލެވުނެވެ. އެފަދަ އެއްވެސް އިޝާރާތެއް ނުފެނުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދެން އޭނައަށް އެއް އަތުން ހިފަހައްޓައިލެވުނީ ނިއްކުރީގަ އެވެ. ނާހިލް ކުއްލިއަކަށް ގުޅަން ފެށި ސަބަބެއް ސިކުނޑިއަކަށް ނައެވެ. އޮޅުންފިލުވަން ބޭނުންވިއަސް އެފޯނަށް ޖަވާބު ދޭކަށް ބޭނުމެއް ނުވި އެވެ. އެހާ ޖެހިލުންވެސް ވެ އެވެ.

ހަވީރު ކުދިން ރީތި ކޮށްގެން ދާރިޔާ ދިޔައީ ގެއަށެވެ. ސިޓިންރޫމްގައި އޭނަ އިންއިރު އެންމެން އައިސް ބައްދަލުކުރި އެވެ. ހައްވަ ހުރީ ހަވީރު ސައި ހަދައިފަ އެވެ. ދާރިޔާއާއެކު އެންމެން ހަވީރު ސައިގައި ބައިވެރިވި އެވެ.

"ރަޒާއަށް ގުޅަންވީނު ސައިބޯން!" މަންސޫރު ހިޔާލު ހުށައެޅި އެވެ.

"އޭނަ އަންނާނެތަ މިގެއަށް." ދާރިޔާއަށްވުރެ ކުރިން ދުންޔާ ޖަވާބުދިނެވެ.

މަންސޫރާއި ގުރައިޝާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ގުރައިޝާ އުޅަބޮށިން ދުންޔާގެ އަތުގައި ކޮށްޓާލައިފައި އޭނަ ބަލައިލުމުން ލޯ ހަނިކޮށްލި އެވެ.

"ދޮގެއްތަ މީ؟ ކައިވެނީގެ ވާހަކަ ދެކެވުނީއްސުރެ މިއަދާ ހަމައަށް މިހާރު ދިހަ ދުވަސް ވީ. ދުވަސްކޮޅަކުން ރިއާ މިގެއަށް އައުން ވެސް މަނާކުރާނެ." ދުންޔާ ހުއްޓާކަށް ނޫޅުނެވެ.

ދާރިޔާ ކާން އިން ބަޖިޔާ ތަށިތެރޭގައި ބާއްވާފައި އެނބުރުނީ ރާޔަން ކިޔަންފެށި އެއްޗެއް އަޑު އަހާށެވެ. ކޯތާފަތް ހުރީ ރަތްވެފަ އެވެ. ދުންޔާއަށް ދާރިޔާގެ މިކުލަވަރު ފެނިގެން އަޖައިބެއްފަދަ ހަމަޖެހުމެއް ލިބުނެވެ. މަންމަ ރުޅި މޫނު ހަދައިގެން އިނުމުން ފަރުވާ ކުޑަ ގޮތަކަށް ކޮނޑު އަރުވާލައިފައި އޭނަ ތެދުވެގެން ދިޔައީ އެތަނުން ނިކުންނާށެވެ.

"ރިއާ!..." ދުންޔާ ގޮސް ގެއްލުމުން ގުރައިޝާ އޯގާތެރި އަޑަކުން ވާހަކަދައްކަން ފެށި އެވެ.

"ދުންޔާގެ ފަރާތުން މަންމަ މަޢާފަށް އެދެން." ގުރައިޝާ ދާރިޔާގެ މޫނަށް ބަލަން އިނދެގެން ކުރިއަށް ގެންދިޔަ އެވެ.

"އިޓްސް އޯކޭ މަންމާ.." ދާރިޔާ އިސްއުފުލާލިއިރު އެސްފިޔަތަކުގެ ފުރަގަހުގައި ކަރުނަ ހުއްޓެވެ.

ގުރައިޝާ އެއްޗެއް ބުނަން އުޅެނިކޮށް މަންސޫރު މަނާކޮށްފައި އިޝާރާތުން އެންގީ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

***

އެރޭ ރަޒާ މަސައްކަތެއް ނުކުރެ އެވެ. ނަމާދަށް ނޫނީ ގެއަކުން ނުނިކުމެ އެވެ. ގިނަ ވަގުތު ހޭދަ ކުރީ ކުދިންނާއި އެކުގަ އެވެ. ދާރިޔާ ގިނަ ފަހަރު އިންނަނީ އެމީހުން ފެންނަ ހިސާބުގަ އެވެ. ނާހިލް އެރޭ ވެސް ގުޅި އެވެ. ދާރިޔާ ފޯނު ބޭއްވީ ނިއްވާލައިފަ އެވެ. ކުދިން ބައްޕައާއެކު ނިދަން ވަނުމުން ދާރިޔާ ވަނީ ކޮޓަރިއަށެވެ. ނަމާދުކޮށްގެން އޭނާ އިރުކޮޅެއް ވަންދެން އެނދުގައި އޮތެވެ.

ބޭރަށް ނިކުތްއިރު ރަޒާ އިނީ ޓީވީ ހުޅުވައިގެން ޚަބަރު ބަލާށެވެ. ދޮރު ހުޅުވި އަޑަށް އޭނައަށް ބަލާލައިފައި އަނެއްކާ ވެސް ޓީވީއަށް ނަޒަރު ހުއްޓައިލި އެވެ. ދާރިޔާ ގޮސް ސޯފާގެ ކޮޅުގައި ހުއްޓި އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ހުއްޓެވެ.

"އެއްޗެކޭ ބުނަންތަ ތިއުޅެނީ؟" ރަޒާ އިރުކޮޅަކުން އެދިމާއަށް މޫނު އަނބުރާލައިފައި އެހި އެވެ.

ތުންފަތުގައި ލުއި ހިނިތުންވުމެއް ވި އެވެ.

"ކޮންއިރަކުން ކާނީ؟" ދާރިޔާ ސުވާލު ކުރި އެވެ.

"ފައިވް މިނިޓްސް." ރަޒާ އަތުގެ ފަސް އިނގިލި ދައްކާލަމުން ޖަވާބުދިނެވެ.

ދާރިޔާ ބޯޖަހާލައިފައި ގޮސް ބަދިގެއަށް ވަނެވެ. މެންދުރަށް ކެއްކި ބަތް ހުރީ ފިނިވެފަ އެވެ. އަވަނަށް ލައި ހޫނު ކުރަން ޖައްސައިފައި ބަލަން ހުއްޓާ ވާރޭ ވެހޭ އަޑު އަންނަން ފެށި އެވެ. ދާރިޔާ ގޮސް ކުޑަދޮރުން ބޭރަށް އަތް ދިއްކޮށްލި އެވެ. ވާރޭ ވެހެނީކަން ޔަޤީންވުމުން ދޮރުތައް ލައްޕާލި އެވެ. ރަޒާ ވަނީ އޭނަ ތަށިތަކަށް ފެން އަޅަން ހުއްޓަ އެވެ. ކައިރީގައ ޖޫސް ޕެކެޓެއް ނަގާފައި ހުއްޓެވެ.

"ޖޫސް އަޅާނަންތަ؟" ރަޒާ އައިސް މޭޒުގެ އަނެއް ފަރާތަށް ހުއްޓުމުން ދާރިޔާ އެހި އެވެ.

ރަޒާ ބޯޖަހާލައިފައި ދިޔައީ ސިންކު ކައިރިއަށް އަތް ދޮވެލާށެވެ. ޖޫސް އަޅަން ހުރެގެން އެއްލި ކަޅިއަކުން ރަޒާ ގަމީހުގެ އަތް އޮޅިތަން ފެނިގެން ނަޒަރު ވަކިކޮށްނުލެވިފައި ހުރެވުނެވެ. ނާރުހިލިފައިވާ ދެއަތުގައި ފަޅާފައިވާ ލޯލިތަކަށް އޭނަގެ ލޯ ހުއްޓިފައިވާތާ އެތަކެއް އަހަރެކެވެ. އެއަތުގައި ބީހިލަން މިއަދު ވެސް ހިތް އޮތީ އެދިއެދި އެވެ.

ރަޒާ އެނބުރެން އުޅޭހެން ހީވުމުން އޭނަ އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.

"ޝިޓް..." ޖޫސްތަށި ފުރިގެން ބަންޑުންވާތަން ފެނުމުން އޭނައަށް ބުނެލެވުނެވެ.

ރަޒާ ބަލައިލަން ވާއިރަށް އަވަހަށް ޕެކެޓް ތެދުކޮށްލާފައި ދުރުގައި ބެހެއްޓި އެވެ. ރަޒާ އެނބުރި އައިސް މޭޒު ކައިރީ އިށީނެވެ. ދާރިޔާ ތުވާއްޔެއް ގެނެސް ގެން ޖޫސްތައް ހިއްކާފައި އިތުރު ތުވާއްޔެއް ފެނުން ތެންމައިގެން ގެނެސް ސާފުކުރި އެވެ. އެމޫނު ހުރީ ރަތްވެފަ އެވެ. ނަސީބަކުން ރަޒާ އެކަމާއި ވިއްދާ އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ހިމޭންކަމުގައި ދެމީހުން ކެއުން ކުރިއަށް ގެންދިޔަ އެވެ. އެކަކަށް ވެސް ދައްކާނެ ވާހަކައެއް ނޭނގިފައި އިން ކަހަލަ އެވެ.

"މަންމަމެން ކިހިނެއް؟" އިރުގަނޑެއް ފަހުން ރަޒާ އިސްވެ އެހި އެވެ.

"މިއަދު މަންމަމެން ގެއަށް ދިޔައީމެއްނު." ދާރިޔާ ހައިރާންވެފައި ބަލައިލުމުން ރަޒާ ހަނދާންކޮށްދިނެވެ.

"ރަނގަޅު." ދާރިޔާ ޖަވާބުދިނުމުން ރަޒާ ބޯޖަހައިލި އެވެ.

ދެން އަނެއްކާ ވެސް ވެރިވީ ހިމޭންކަމެވެ.

ކެއުން ނިންމާފައި ނިކުންނަމުން ރަޒާ އެދުނީ ކޮފީއެއް ހަދައިދިނުމަށެވެ. ދާރިޔާ އެއްބަސްވެ ބޯޖަހައިލި އެވެ. އޭނަ ތަށިތައް ދޮވެ ނިންމާފައި ދިޔައިރު ރަޒާ އިނީ ލެޕްޓޮޕް ހުޅުވައިގެން ސިޓިންރޫމް ސޯފާގަ އެވެ. ދާރިޔާ ގޮސް ކޮފީ ޖޯޑު ކުޑަ މޭޒުމަތީ ބެހެއްޓި އެވެ. އޭނަ ދެން އިށީންދެލީ ޖެހިގެން ހުރި ސޯފާގަ އެވެ. ރިމޯޓް ނަގައިގެން ފަހަރަކު ޗެނަލްއަކަށް ބަދަލު ކުރަނިކޮށް ކަމުދާ އެއްޗަކާއި ދިމާވި އެވެ. ފިލްމަށް ސަމާލުކަން ހުއްޓަސް ރަޒާ ކައިރީ އިންކަން ހިތަކުން ނުފިލަ އެވެ. އިރުއިރުކޮޅާ އެދިމާއަށް ބަލައިލެވެ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ރަޒާ އިނީ މަސައްކަތަށް ގެއްލިފަ އެވެ.

"ކީއްތިކުރަނީ؟" ދާރިޔާގެ ހިތަށް އުދަނގޫ ކުރަމުންދިޔަ ސުވާލު ދުލާއި ހަމައަށް ގެނަ އެވެ.

ރަޒާގެ ނަޒަރު ލެޕްޓޮޕްގެ ސްކްރީނުން ދާރިޔާގެ މޫނަށް ބަދަލުކޮށްލި އެވެ. ދާރިޔާ އިނީ ޝައުޤުވެރިވެފަ އެވެ.

"އިންވޮއިސްކޮޅެއް ހަދާލަނީ. އެޑްމިން މަސައްކަތް ކުރަން ގެންގުޅުނު ކުއްޖާ ކުޑަ ޗުއްޓީއެއްގަ ހުރީމަ އަހަންނާ ޖެހިގެން މިއުޅެނީ." ރަޒާ އޮޅުންފިލުވައިދިނެވެ.

"ވަރަށް އޯޑަރުތައް ލިބޭތަ؟" ދާރިޔާ އިތުރު ސުވާލެއް ކުރި އެވެ.

ރަޒާގެ ތުންފަތުން ލާނެތް ހިނިތުންވުމެއްގެ އަސަރު ފެނިލިހެން ހީވި އެވެ. ނޫނީ އެއީ ހީވިގޮތެއް ބާއޭ ހިތަށް އެރި އެވެ.

"ލިބޭ ފުދޭވަރަކަށް." ރަޒާ އޮޅުންފިލުވައިދިނެވެ.

ދާރިޔާ އިތުރަށް ފަނަރަ ވަރަކަށް މިނިޓް ވަންދެން އެއްޗެއް ނުބުނެ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދެން އޭނަ ތެދުވީ ނިދަން ދަނީއޭ ބުނެފަ އެވެ. ސޯފާ ވަށާލައިފައި ގޮސް ކޮޓަރިއާ ކައިރިވަނިކޮށް ރަޒާ "ގުޑްނައިޓް" އޭ ބުނެލި އަޑު އައެވެ. ދާރިޔާ އޭގެ ޖަވާބު ދީފައި އެތެރެއަށް ވަނެވެ.

ހެދުން ބަދަލުކޮށްގެން ނިކުތްއިރު ވާރޭގެ އަޑު ކުރިއަށްވުރެ ގަދަ އެވެ. އެހެންވެ ނިދަން ފަސޭހަ ވި އެވެ. ގަޑި ބަލަން ބޭނުންވެފައި ވެސް ފޯނު ނުހުޅުވަން ވެގެން އެހިޔާލު ދޫކޮށްލީ އެވެ. ސައިޑު ޓޭބަލް މަތީގައި ދެން އޮތީ ބޭބީ މޮނީޓަރެވެ. އުޝްވާ ކިޔައިދިން ގޮތުން ވިއްޔާ ކުދިން މިހާރު ރޭގަނޑު ވަރަށް ނުހޭލާނެ އެވެ. އެކަމަކު އޭނަ އަބަދު ވެސް ނިދަނީ މޮނީޓަރު ކައިރީގައި ބާއްވައިގެންނެވެ.

ނިދިފައި އޮއްވައި ފޯނު ރިންގް ވާ އަޑު އިވެން ފެށި އެވެ. ދާރިޔާ ލޯ ހުޅުވާކަށް ބޭނުމެއް ނުވި އެވެ. އަޅައިނުލައިފިނަމަ ކެނޑިދާނެއޭ ހިތާ ކަންނޭލުގައި ބައްދައިލި އެވެ. އިރުކޮޅަކުން ލޯ ހުޅުވައިލެވުނީ ކުއްލިއަކަށެވެ. އޭނަ ނިދީ ފޯނު ނިއްވާލައިފައިކަން ހަނދާންވި އެވެ. އެހެންވީއިރު ފޯނު ރިންގް ވެގެން ނުވާނެކަމުގެ ޔަޤީންކަން އޮތެވެ.

ތެދުވެ އިށީނދެފައި ހޯދާލިއިރު ފޯނު އޮތީ ސައިޑު ޓޭބަލް މަތީގަ އެވެ. އޮވެގެން ހަމަ ރިންގް ވަނީ އެވެ. ފިނިވެފައިވާ ދެއަތުން ފޯނު ނަގައި ސްކްރީނަށް ބަލާލުމުން ކުރިއަށްވުރެ ބޮޑަށް ސިހުނެވެ. ގުޅަނީ އަނެއްކާ ވެސް ނާހިލް އެވެ. ދާރިޔާ ޖެހިލުންވެ ހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން ފުރަތަމަ އަޑެއް ނާދެ އެވެ. ދާރިޔާ އިނީ ނޭވާ ލާން ވެސް ޖެހިލުންވެފަ އެވެ.

"ފޯނު ނުނެގީމަ ހީކުރީ އަހަންނަށް ފިލައިގެން އުޅެވޭނެ ކަމަށްތަ؟" ނާހިލްގެ އަޑު އައީ އޭނާގެ ފުރަގަހުންނެވެ.

ދާރިޔާއަށް އެނބުރި ބަލައިނުލެވިގެން އުޅެނިކޮށް ފަހަތުން މީހަކު އޭނަގެ ކޮނޑުގައި ހިފަހައްޓައިފި އެވެ. ފޯނު ތިރިއަށް ދޫކޮށްލައިފައި އޭނާ އަޑުގެ ކޮޅަށް ހަޅޭތްލަވަން ފެށި އެވެ.

"ދާރިޔާ ހޭލަބަލަ!" ރަޒާގެ އަޑު ކަންފަތުގައި ޖެހުނީ މާދުރުން އައި އަޑެއް ހެންނެވެ.

އެއާއެކު ދާރިޔާއަށް ސިހިފައި ލޯ ހުޅުވާލެވިއްޖެ އެވެ. ރަޒާ ހުރީ އޭނަގެ މަގަތުގަ އެވެ. އޭނަ އެނބުރި ބަލައިލުމުން ކޮނޑުން އަތް ވަކިކޮށްލާފައި ތެދުވެ ހިންދެމިލައިފި އެވެ. ލޮލުގައި ކަރުނަ ހުރިކަން އިހްސާސް ވެގެން ދާރިޔާ އަވަހަށް ދެއަތުން މޫނު ފުހެލި އެވެ. އޭނަ ދުރު ބަލަން ފެށިއިރު ރަޒާގެ ނަޒަރު އެމޫނަށް ހުރިކަން އިހްސާސްވި އެވެ.

އެއްޗެއް ނުބުނެ ރަޒާ ދެން ޖެހިލީ ފެން ޖަގު ކައިރިއަށެވެ. ހުސް ތައްޓަކަށް ފެން އަޅައިގެން ގެނެސް ދިއްކޮށްލުމުން ދާރިޔާ އޭގައި ހިފި އެވެ. ކޯވަރެއް ބޯލައިފައި އޭނަ ފެންތަށި އެއްފަރާތެއްގައި ބެހެއްޓި އެވެ. ރަޒާ ގޮސް އިށީންދެލީ ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގަ އެވެ. އޭނަގެ ނަޒަރު ދާރިޔާގެ މޫނަކުން ނުނެއްޓެ އެވެ.

"ބޭނުންތަ ތިކަމާ ބެހޭގޮތުން ވާހަކަ ދައްކަން؟" ރަޒާ އިރުކޮޅަކުން އެހި އެވެ. -- ނުނިމޭ --

ކާކުހެ މިހާ ލޯބި ވާނީ ދިގު ވާހަކަ

Popular