22 Feb 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* ފެބްރުއަރީ 19 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ބޭނުންތަ ތިކަމާއި ބެހޭގޮތުން ވާހަކަ ދައްކަން؟" ރަޒާ އިރުކޮޅަކުން އެހި އެވެ.

ދާރިޔާ އިނީ ވިސްނާށެވެ. ރަޒާ ކައިރީ ނާހިލްގެ ނަން ބުނެފިއްޔާ އިތުރު ސުވާލުތައް އަންނާނެކަން ހަނދާންވި އެވެ. އެހުރިހާ ސުވާލަކަށް ޖަވާބުދޭން އޭނަ އަދި ތައްޔާރެއް ނޫނެވެ. ދެވަނަ ފަހަރަށް އެދުވަސްތައް ހަނދާން ކުރާކަށް ބޭނުމެއް ނުވެ އެވެ.

"ހުވަފެނެއް ފެނުނީ." ދާރިޔާ އަނގައިން ނުބުނެކަން ޔަޤީންވެފައި ދާން ވެގެން ތެދުވިތަނާ ވާހަކަދެއްކިއަޑު އައެވެ.

"އަހަންނަށް އަހައިލެވިދާނެތަ ކޮންކަހަލަ ހުވަފެނެއްކަން؟" ރަޒާ އެހުރިފިޔަވަޅު މަތީ ހުރެގެން އެހި އެވެ.

ދާރިޔާ ސިހިފައި އެމޫނަށް ބަލައިލި އެވެ. އޭނަ ދިން ޖަވާބަށްފަހު ރަޒާ އިތުރު ސުވާލެއް ކޮށްފާނެ ކަމަކަށް އޭނަ އުންމީދެއް ނުކުރެ އެވެ. ދާރިޔާ ޖަވާބު ދޭން އަނގަ ހުޅުވައިލިތަން ފެނުނެވެ. ދެން ލައްޕައިލި އެވެ. ރަޒާ ކައިރިއަށް އަންނަން ފެށުމުން އޭނަގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. އެމޫނަށް ބަލަން ނުކެރިފައި އިންދާ މަގަތުގައި ރަޒާ ހުއްޓުނެވެ.

ރަޒާގެ ގައިން ދުވީ ޖަހައިގެން ހުރި ސެންޓެއްގެ ވަހާއި އެހަށިގަނޑުގެ ވަހެވެ. ދާރިޔާގެ ހިއްސުތަކަށް ވާންވެލި އެވެ. މޫނު ރަތްވަމުން އައިކަން އިހްސާސް ވެގެން ކުރިއަށްވުރެ ބޮޑަށް އިސްއޮބައިލެވުނެވެ. ހުވަފެނުން ލިބުނު ނުތަނަވަސްކަން މުޅިން ފިލައިގެން ނުދަނީސް ވިސްނުން މުޅިން އާ މިސްރާބަކަށް ދަތުރު ފެށުމުން އަމިއްލަ ނަފްސަށް އަޑުލި އެވެ.

"ދާރިޔާ ކިޔައިދޭން ބޭނުން ނެތިއްޔާ އަހަރެން އިތުރަށް ބާރެއް ނާޅާނަން." ރަޒާގެ އަޑުގައި ފޫހިކަންވިކަން ޔަޤީނެވެ.

ދާރިޔާއަށް ހީވީ މޭގައި އެތިފަހަރެއް ޖެހިހެންނެވެ. ރަޒާ އެގޮތަށް ފޫހިވެގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ.

"ދެން ނިދާލެވޭތޯ ބަލާ!" ރަޒާ ދާންވެގެން އެނބުރިފައި ކުއްލިއަކަށް ހުއްޓުނެވެ.

ކަނާއަތުގެ ކުޑަ ހުޅު ވަށާލެވިފައިވާ ފިނިފިނި އިނގިލިތަކަށް ނަޒަރެއް ދީފައި ދާރިޔާއާ ދިމާއަށް އެނބުރުނެވެ. ދާރިޔާ އިނީ އެނދުމަތީ ދެކަކޫ ޖަހައިގެން ތެދުވެ އެވެ. އެލޮލުގައި އާދޭހެވެ. ރަޒާ އޭނައާ ކުރިމަތިލުމުން އެއަތުން ދޫކޮށްލި އެވެ. އޭނަ އިށީންނަން ތަން ދިނުމުގެ ގޮތުންދާރިޔާ ފަހަތަށް ޖެހިލައިފައި ލެނގިލީ އެނދުގެ ފަޑީގަ އެވެ. ރަޒާ އިށީންދެލީ މަގަތުގަ އެވެ. އެއްވެސް ވާހަކައެއްނުދައްކައި ދެމީހުން ސިކުންތުކޮޅެއް ވަންދެން ބަލަން ތިއްބެވެ.

"ނާހިލްއަކީ އަހަރެންގެ ކުރީގެ ފިރިމީހާ. އަހަންނަކަށް ނޭނގެ އޭނަ އެގުޅަނީ ކީއްވެކަމެއް..." ދާރިޔާ އިސްއޮބާލަމުން ފެށި އެވެ.

އޭނަ އިރުކޮޅަކުން ބަލާލިއިރު ރަޒާގެ މޫނުން ސުވާލުގެ ޖަވާބު ލިބުނުފަދަ ކުލައެއް ނުފެނުނެވެ. ބުމަ އުފުލާލައިގެން އިންގޮތުން އިތުރު ސުވާލެއް ކުރަން ބޭނުންވެފައިހެން ވެސް ހީވި އެވެ.

"އޭނަ ދާރިޔާއަށް އަނިޔާކުރިތަ؟" ރަޒާ ކުއްލިއަކަށް އެހި އެވެ.

ދާރިޔާ ދިޔައީ ސިއްސައިގެންނެވެ. ހަމަ ހުރެފައި އެހާ ކުރިއަށް ވިސްނާލަން ރަޒާއަށް އެނގުނީ ކިހިނެތް ހެއްޔޭ ހިތަށް އެރި އެވެ.

"ރަޒާ ކީކޭ ތިކިޔަނީ؟ ކޮން ހިސާބަކުން ކޮން ހިސާބަކަށް ވާހަކަ ތި...." ދާރިޔާގެ ވާހަކަ ނުނިމެނީސް ރަޒާ ދެވަނަ ފަހަރަށް އެސުވާލު ކުރި އެވެ.

ދާރިޔާ އިޚުތިޔާރު ކުރީ ހިމޭންކަމެވެ.

"ދާރިޔާގެ އަމަލާއި ވާހަކަތަކުން އަދި މޫނުމަތިން އަހަރެންނަށް ދޭހަވީ ދާރިޔާ އޭނަދެކެ ބިރުން އުޅޭކަން. އެކަން އެހެން ވާނީ ކޮންމެވެސް ސިފައެއްގައި އޭނައަށް ދާރިޔާ ބިރުގެންނެވިފަ ވީމަ. ނޫނީ އަނިޔާވެރިވެފަ ވީމަ." ރަޒާ ހުއްޓުމެއްނެތި ވާހަކަ ކުރިއަށް ގެންގޮސް ނިންމައިލި އެވެ. އެއަޑުގައި ސާބިތުކަމެވެ.

ދާރިޔާއަށް އިހްސާސްވީ ލޮލުގެ ފުރަގަހަށް ކުއްލިއަކަށް ޖަމާވާންފެށި ހޫނު ކަރުނަތަކެވެ. ކަރުނައް އޮއްބާލަން މަސައްކަތް ކުރަމުން އޭނަ ހިންދިރުވައިލި އެވެ. އޭނަ ދެން ބަލާލިއިރު ރަޒާގެ ލޮލުން ފެންނަން ހުރީ އޯގާތެރިކަމެވެ. އަތް އުފުލާލައިފައި ކޯތާފަތުގައި ހިފަހައްޓާލި ގޮތަށް މަޑުމަޑުން ބޮޑުވައި އިނގިލި ދެކޮޅަށް ހިންގައިލި އެވެ. ދާރިޔާއަށް ތެޅިގަނެވުނެވެ. އެލުއި ބީހިލުމުން އެކަނި ވެސް އޭނަގެ ހަށިގަނޑަށް ކުރި އަސަރު ފެނިފައި ރަޒާގެ ލޮލަށް ހައިރާންކަން ވެރިވިހެން ހީވި އެވެ. ހިނދުކޮޅަކަށް ވިއަސް ރަޒާގެ ނަޒަރު އޭނަގެ ތުންފަތަށް ދަތުރުކޮށްލާފައި އަނެއްކާ ލޮލަށް ހުއްޓުނެވެ. ނޫނީ އެއީ ވެސް އޭނައަށް ހީވިގޮތެއް ބާއޭ ހިތަށްއެރި އެވެ.

"އަހަރެން ފޯނު ގެންދާނަން." ރަޒާ އަތްތިރިކޮށްލާފައި ތެދުވަމުން ބުނެލި އެވެ.

ދާރިޔާއަށް އެބުނި އެއްޗެއް ނަގައިނުގަނެވިގެން އުޅެނިކޮށް ފެނުނީ ސައިޑު ޓޭބަލް މަތިން ފޯނު ނެގިތަނެވެ. ދެކޮޅުހަދަން ވެގެން ދާރިޔާ ބުނަން ފެށި ޖުމްލަ ނުނިމެނީސް ރަޒާ ނިކުމެ ދޮރުލައްޕާލައިފި އެވެ. ތަނަށް ވެރިވި ހިމޭންކަމުގައި ދާރިޔާ އެތައް އިރެއް ވަންދެން އެދޮރާއި ދިމާއަށް ބަލަން އިނެވެ.

***

ހެނދުނު ހޭލައިގެން ނިކުތްއިރު ރަޒާ މަސައްކަތު ހިނގައްޖެ އެވެ. ސިންކުތެރޭ ހުސްކޮށްފައި ބަހައްޓާފައި ހުރި ކޮފީ ޖޯޑު ދޮންނަން ހުއްޓާ ސަލާމް ގޮވި އަޑު އައެވެ. ދާރިޔާ އަތް ދޮވެލާފައި ޓިޝޫއަކުން ހިއްކަމުން ނިކުތެވެ. ދަންނަ މޫނެއް ފެނުމުން ހިނިތުންވެލެވުނެވެ.

ސާދިޔާއަކީ ރާޔަންމެންގެ އެކުވެރިޔާ އައިރާގެ މަންމަ އެވެ. ސުކޫލު ދޮށުން ފުރަތަމަ ބައްދަލުވި ދުވަހު ވެސް ވަރަށް ވާހަކަދެއްކި އެވެ. ކުދިންގެ މެދުގައި އޮންނަ އެކުވެރިކަން ސާދިޔާ އާއި އުޝްވާއާ ހަމައަށް ވެސް އޮތީ ފޯރައިފަ އެވެ.

"އާދޭ އެތެރެއަށް! ކޮފީ ގިރަންތަ؟" ދާރިޔާ އަތުގެ އިޝާރާތުން ސޯފާތައް ދައްކާލަމުން ވާހަކަދެއްކި އެވެ.

ސާދިޔާ ބޯޖަހާލައިފައި ގޮސް ސޯފާއި އިށީންދެލި އެވެ. ވާހަކަދެއްކުމުގެ ކުރީން ދެއަތްތިލަ ގުޅުވާލައިފައި ވަށައިގެން ނަޒަރު ހިންގާލި އެވެ. ދެން އަނެއްކާ ވެސް ދާރިޔާގެ މޫނަށް ނަޒަރު ހުއްޓާލައިފައި ވާހަކަދައްކަން ތައްޔާރުވި އެވެ. ދާރިޔާ އިނީ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގެ އަތްއަޅާތަނުގައި ކުޑަގޮތަކަށް އިށީނދެލައިގެންނެވެ.

"ދާރިޔާ ކައިރީ މިވާހަކަ ދައްކަން ވެސް ޖެހިލުން ވޭ. އެކަމަކު އަހައިލުމަކުން ގެއްލުމެއް ނުވާނެއޭ ހިތަށް އަރައިގެން އާދެވުނީ." ސާދިޔާ ކުޑަކޮށް ހީލައިފައި ކިޔައިދިނެވެ. ދާރިޔާ އިނީ އެދައްކާ ވާހަކައިގެ އިތުރު ތަފްޞީލަށް އެދިއެދި އެވެ.

"ރޫތު އާއި ރާޔަންގެ އުފަންދުވަހުގެ ޕާޓީއަށް އަހަރެން ވެސް އައިން. އަހަރެންގެ ހުންނާނެ ފުރާވަރުގެ ކުއްޖެއް. އޭނައަށް މިހަފްތާ ތެރޭގައި ސާދަ އަހަރު ފުރޭނެ. އޭނައަށް ދާރިޔާ އަޅާފައި ހުރި ކޭކުތައް ފެނިގެން މާ ކަމުހިނގައްޖެ. އުޝްވާ ފަރާތުން އެނގިފަ އޮތީމަ އަހަރެންނަށް ބުނެވިއްޖެ ދާރިޔާގެ ނަން. އޭގެ ފަހުން ހަމަ ގޮތެއް ދުލެއް ނުކުރި. އޭނަގެ އުފަންދުވަހުގެ ކޭކު ދާރިޔާލައްވައޭ އަޅާނީ ކިޔަނީ. އެހެންވެ އޭނަ ބޮޑައިހާކާވަރުން މިއާދެވުނީ." ސާދިޔާ ނުތަނަވަސް ހީލުމަކާއެކު ވާހަކަ ނިންމައިލި އެވެ.

ދާރިޔާ އިނީ އިވުނު ވާހަކަތައް އަހާފައި ހުއްޓިފަ އެވެ. ހައިރާންކަމާއި އުފާވެރިކަން އެކުވެގެން އެސްފިޔަތަކުގެ ފުރަގަހަށް ތެތްކަން ޖަމާވަމުން އައިކަން އިހްސާސްވި އެވެ.

"ވާއު.." ހޭވެރިކަން ވުމުން ކުޑަކޮށް ކަރުކެހިލާފައި ދާރިޔާ ބުނެލިއެވެ.

ކޮޅަށް ތެދުވެ މޫނުގެ މަތިން ތިރިއަށް އަތް ހިންގާލައިފައި ޖަވާބުދޭން ތައްޔާރުވެލި އެވެ. ސާދިޔާގެ ޝައުޤުވެރި ދެލޯ ހިނދުކޮޅަކަށް ވެސް އެމޫނަކުން ނުނެއްޓެ އެވެ.

"ސާދިޔާ އަހަރެން ހަޤީޤަތުގައި ވެސް ބޭނުން ތިކަން ކޮށްދޭން. އަހަރެން ވަރަށް ކުރާހިތްވާ ކަމެއް ކޭކު އެޅުމާ އައިސިން ޖެހުމަކީ. އެކަމަކު މިހާރު އަހަރެންގެ ޒިންމާގެ ދަށުގައި ތުއްތު ދެކުދީން އެބަތިބި. އަނެއްކޮޅުން ރަޒާ ކައިރިން ވެސް ހުއްދަ ހޯދަން ޖެހޭނެ. އެންމެ ރަނގަޅުތަ އަހަރެން ފަހުން ގުޅާލައިފަ ޖަވާބެއް ދިނިއްޔާ؟" ދާރިޔާ ވިސްނުންތެރިކަމާއެކު ސުވާލުކުރި އެވެ.

ސާދިޔާ ވެރިކޮށްލީ ހިނިތުންވުމެކެވެ. ދާރިޔާ ދެއްކި ކޮންމެ ވާހަކައެއް އޭނަ ޤަބޫލު ކުރި އެވެ. ބޯޖަހާލައިފައި ތެދުވަމުން ބުނީ ޖަވާބެއްގެ އިންތިޒާރުގައި ހުންނާނެ ވާހަކަ އެވެ. ސާދިޔާ ގޮސް ނިކުންނަތަން ބަލަން ހުރެފައި ދާރިޔާ އެނބުރުނުއިރު ކުދިވެރިން ހޭލައިގެން ކޮޓަރިން ނިކުންނަނީ އެވެ. ދާރިޔާ ހިނިތުންވުމާއެކު އެކުދިންނާއި ކުރިމަތިލި އެވެ.

ދިހައެއް ޖަހާކަށްހާއިރު ރަޒާ ނާސްތާ ކުރަން ގެއަށް އައެވެ. ގެއަށް ވަންއިރު ވެސް ރަޒާ ހުރީ ފޯނެއްގަ އެވެ. ދާރިޔާ ހުރީ ރަޒާ ފޯނު ބާއްވާނެ އިރެއްގެ އިންތިޒާރުގަ އެވެ. އަތްދޮވެގެން އަނެއްކާ ވެސް ފެނުނީ މޭޒުމަތީ ބޭއްވި ފޯނު ނަގައި ކަންފަތުގައި ޖެހުނު ތަނެވެ. ފުރަތަމަ ފަހަރަށް ރަޒާގެ މޫނުން ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ. ދެބުމަ ދޭތެރެއިން ނޭފަތު ކުރީ އަތުން ހިފާލައިފައި ތެދުވެ ދެކޮޅަށް ހިނގަން ފެށުމުން ދާރިޔާއަށް ބަލަން ހުރެވުނެވެ. ފޯނު ބޭއްވި ފަހުން ވެސް ނިއްކުރީގައިވި ރޫތަކަކަށް ބަދަލެއް ނާދެ އެވެ. ދާރިޔާ ހިންދިރުވާލައިފައި ބުނަން އުޅުނު ވާހަކަ ބޭއްވީ ހިތުގަ އެވެ. ދެން ނިކުމެގެން ކުދިވެރިން ގާތަށް ހިނގައްޖެ އެވެ.

ދާރިޔާ ފަހުން އައިއިރު ރަޒާ ނާސްތާ ކުރަން އިނެވެ. ދާރިޔާ ވަނީ ރާޔަންގެ ފެންފުޅިއަށް ފެން އަޅަންވެގެންނެވެ. އެތެރެއަށް ވަންތަނާ ރަޒާ ބަލައިލި އެވެ. ދާރިޔާ ގޮސް ފްރިޖް ކައިރީ ހުރި ފެންފުޅި ކަނޑައިގެން ރާޔަން ފުޅިއަށް ފެން އެޅި އެވެ. ނިކުންނަން ވެގެން އެނބުރިފައި އޭނަ ހުއްޓުނެވެ.

"ކަމެއް ގޯސްވީތަ؟" ޝައުޤުވެރި އަޑަކުން ދާރިޔާ އެހި އެވެ.

ރަޒާ އިސްއުފުލާލި އެވެ. އެތޫނު ލޮލުން ބަލައިލިގޮތުން ހީވީ އޭނަ އެންމެ އެތެރޭގައި ފޮރުވާފައިވާ ސިއްރުތަކާއި ހަމައަށް ރަޒާގެ ނަޒަރު ހުއްޓުނު ހެންނެވެ. ދާރިޔާ ބޭނުންވީ މޫނު އަނބުރައިލާށެވެ. ނޫނީ އިސްޖަހައިލާށެވެ. އެކަމަކު އަމަލެއް ނުކުރެވުނެވެ. ގަނޑުވެފައި ހުރެވުނީ އެވެ.

"މިހާރު ހައްލުވެއްޖެ. ޑޯން ވޮރީ." ރަޒާ ހަމަޖެހިލާފައި ޖަވާބުދިނެވެ.

ދާރިޔާ ހަމައެކަނި ބޯޖަހާލައިފައި ގޮސް ނިކުތެވެ.

އެރޭ ކުދިވެރިން ނިންދަން ދާރިޔާ އޮތްވާ ރަޒާ އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ބަލައިލި އެވެ. ދާރިޔާ ބޯ ހިއްލައިލުމުން ބޮލުގެ އިޝާރާތުން އެއްޗެކޭ ބުންޏެވެ. ކުދިން ނިދީހޭ އެހިހެން ހީވި އެވެ. ދާރިޔާ މަޑުމަޑުން ބޯޖަހައިލުމުން ރަޒާ ހަނާ އަޅައިލީ އެކުގައި އައުމަށެވެ. ދާރިޔާގެ ހިތް ތެޅިލި އެވެ. އޭނަ ބޯޖަހާލައިފައި މަޑުމަޑުން ތެދުވި އެވެ. ރަޒާ ދޮރު ކައިރިކޮށްލައިފައި ދިއުމުން ހެދުން ރީތިކޮށްލި އެވެ. ނިކުތްއިރު ރަޒާ އިނީ ސިޓިންރޫމް ސޯފާގަ އެވެ.

ދާރިޔާ ގޮސް އެދެމެދުގައި ހުސްތަން ބާއްވާފައި ސޯފާގެ އަނެއްކޮޅުގައި އިށީންދެލި އެވެ.

"ސާދިޔާ އައިތަ މިއަދު؟" ރަޒާ ސުވާލުކުރި އަޑަށް ދާރިޔާ ސިހުނެވެ.

އެމޫނަށް ބަލައިލެވުނީ ލޯ ބޮޑުކޮށްލައިގެން އިނދެ އެވެ. ރަޒާއަށް އޭނަ ކުރި ސުވާލުގެ ޖަވާބު ލިބުނެވެ.

"ސާދިޔާގެ ފިރިމީހާ ރަމީޒު މިއަދު އަހަންނަށް ގުޅި. އަހަރެން ބުނިން ދާރިޔާ ބޭނުން ވަންޏާ އަހަރެން ދެކޮޅެއް ނުހަދާނަމޭ..." ރަޒާ އެމޫނަށް ބަލަން އިނދެގެން ކިޔައިދިނެވެ.

ރަޒާގެ އިއުތިޒާރެއް ނެތްކަން އެނގުމުން ދާރިޔާގެ ބޮލުން ބަރެއް ނެގުނު ކަހަލަ އެވެ. އޭނަ ހަމަޖެހިލިކަން ދެކޮނޑުން އެކަނި ވެސް ހާމަކޮށްދިނެވެ. ރަޒާ ދެން އެހީ އޭނަ ކައިރީ ނޭހީ ކީއްވެތޯ އެވެ. ދާރިޔާގެ ނަޒަރު ދަތުރު ކުރީ ދެއަތަށެވެ. ރަޒާ ހެނދުނު މޫޑީވެފައި ހުރުމުން އަހަން ޖެހިލުންވީ ކަމުގައި ބުނެލި އެވެ. އޭނަ އިސްޖަހައިގެން އިންދާ ރަޒާ ކައިރިވެލިކަން އިހްސާސްވި އެވެ. ދެން އަތް ބާއްވައިލީ އޭނަގެ އަތްތިލަ މަތީގަ އެވެ.

ދާރިޔާއަށް އިސްއުފުލައިލެވުނެވެ.

"އަހަރެން ދާރިޔާ ބޭނުންވާ އެއްވެސް ކަމަކާއި ބާރެއް ނާޅާނަން. އުންމީދު ކުރަން ކުރިއަށް އޮތް ތަނުގައި ވެސް ޖެހިލުމެއްނެތި ދާރިޔާ އެދޭ ކަންކަމުގެ ވާހަކަ އަހަރެން ކައިރީ ދައްކާނެ ކަމަށް." ދާރިޔާގެ އަތަށް ފިތާލައިފައ ރަޒާ އިތުރަށް ވާހަކަދެއްކި އެވެ.

ދާރިޔާއަށް ބަލަން އިނދެވުނީ އެވެ. ރަޒާ އިރުކޮޅަކުން އަތް ދޫކޮށްލައިފައި ދަމުން ޖީބުގައި އޮތް ފޯނު ނަގައި އަނބުރާ ދިނެވެ. އިޚުތިޔާރެއް ނެތި ދާރިޔާއަށް އޭގައި ހިފުނެވެ. އެފޯނުން ރަޒާ ކުރީ ކީއްތޯ އަހަން ބޭނުންވި އެވެ. ނާހިލް އިތުރަށް ގުޅިތޯ އޮޅުންފިލުވަން އަނގަ ހުޅުވާލި އެވެ. އެކަމަކު ރަޒާ އެއިން އެއްވެސް ސުވާލަކަށް ފުރުސަތެއް ނުދިނެވެ. ކުރިއެކޭ އެއްގޮތަށް އޭނަ އެކަނިކޮށްލާފައި ފެނުނީ ގޮސް ގެއިން ނިކުތްތަނެވެ.

***

ސާދިޔާގެ ދަރިފުޅުގެ އުފަން ދުވަހު ރަޒާ މަސައްކަތް ނުކޮށް މަޑުކުރީ ގޭގަ އެވެ. ބައްޕަ ގޭގައި އުޅޭތީ ކުދިވެރިން އުފަލުން ހީވަނީ އެހެން ކަމެއް ހެންނެވެ. ހިނދުކޮޅަކަށް ވެސް ރަޒާގެ ފޫބުޑަކުން ނުނައްޓަ އެވެ. ދާރިޔާ އަވަދިނެތި އުޅުނީ ކޭކު އެޅުމުގެ މަސައްކަތުގަ އެވެ. ބޮޑު ކޭކަކާއި އެކު އިތުރަށް ތިން ސަތޭކަ ކަޕް ކޭކު އަޅަން އޭނައަށް ހަވާލުވެފައި އޮތެވެ.

މެންދުރަށް ޕާސްތާ ކެއްކީ ރަޒާ އެވެ. ރަޒާ އަމިއްލައަށް ކައްކަން ބޭނުންވާކަން ހާމަކުރުމުން ދާރިޔާ ވެސް ދެކޮޅެއް ނުހަދަ އެވެ. އޭނަ ކުރިއްސުރެ މަސައްކަތް ގަޑިއަށް ނުނިމިދާނެތީ ތެޅިފޮޅެނީ އެވެ. ހެނދުނުއްސުރެ ބަނޑަށް އެއްޗެއް ނުލަ އެވެ. ރަޒާ ސުވާލުކުރުމުން އޭނަ ހެދީ އަޑު ނީވޭ ކަމަށެވެ. މީގެ ކުރިން އޭނަ އެމަސައްކަތް ކުރީ އަމިއްލަ ހިތުގައި އޮތް ޝައުޤަކުން އެކަންޏެވެ. ކުރިން ކޭކު އެޅީ ވެސް ގޭ މީހުންނާއި އާއިލީ މުނާސަބާ ތަކުގަ އެވެ. އެކަމަކު މިއަދު މުޅިން ތަފާތެވެ. މިއަދު އެއްވެސް ކުށަކަށް ޖާގައެއް ނެތެވެ.

ދާރިޔާ ކުދި ކޭކުތަކުގައި އައިސިން ޖަހަން ހުއްޓާ ރަޒާ އައިސް ކައްކަން ފެށި އެވެ. ދޭތެރެއަކުން ދާރިޔާއާ ދިމާއަށް ބަލައިލަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ދާރިޔާ ހުންނަނީ އިސްޖަހައިގެންނެވެ. އެތާގައި އިތުރު މީހަކު އުޅޭކަން އެނގޭހެނެއް ވެސް ހިއެއްނުވެ އެވެ.

"ދާރިޔާ!" ރަޒާ އައިސް ވާހަކަދެއްކި އަޑަށް ދާރިޔާ ދިޔައީ ސިއްސައިގެންނެވެ.

ކޭކުގައި ހުރި އައިސިން ހަޑިވުމުން ތުންކޮޅު އޫކޮށްލެވުނެވެ. އިސްއުފުލާލިއިރު ރަޒާ ކުރިމަތީ ހުރުމުން އަވަހަށް ހަމަޖެހޭ ގޮތް ދައްކައިލި އެވެ. ރަޒާ ދައްކައިލީ ސޯސް ރަހަ ބަލަން ގެންގުޅުނު ސަމުސަލެވެ. ދާރިޔާއަށް ނުވިސްނިގެން އުޅެނިކޮށް އޭނަގެ އަނގައާ އެސަމުސާ ކައިރިކޮށްލި އެވެ. ދާރިޔާ ދެފަހަރަކު އެސްފިޔަ ޖަހައިލި އެވެ. ދެން ސަމުސަލު ކުރިން އެތިކޮޅެއް ބޯލައިފި އެވެ.

"ޔަމްމްމް..." އިޚުތިޔާރެއްނެތި އަނގައިން ނިކުތެވެ.

ރަޒާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އޭނަ ދާންވެގެން އެނބުރިފައި ފެނުނީ އަނެއްކާ މަގަތަށް އެނބުރުނުތަނެވެ. ދާރިޔާ ސުވާލުގެ ލޮލަކުން ބަލަން ފެށި އެވެ. ރަޒާ އަނެއް އަތް އުފުލާލައިފައި ދާރިޔާގެ އިސްތަށިގަނޑާއި ވަކިވެފައިވާ އިސްތަށިކޮޅެއް ކަންފަތް ދަށަށް ލައްވައިލި އެވެ. އެއިނގިލިތައް ކޯތާފަތުގައި ލުއިލުއިކޮށް ބީހިލި އެވެ. ހީވީ އެތަނުން އަޖައިބެއްފަދަ ކަރަންޓެއް އުފެދުނު ހެންނެވެ. ރަޒާ ގޮސް ފުރަގަސްދީގެން ހުއްޓޭން ދެން ވެސް އޭނައަށް ހުރެވުނީ ގަނޑުވެފަ އެވެ. އޭނައަށް ހޭވެރިކަން ވީ ކުދިވެރިން ދުވަމުން އައިސް ވަން އަޑަށެވެ. އޭނަ އަވަހަށް މަސައްކަތަށް އެނބުރުނެވެ.

ކައްކާ ނިމުމުން ތެލި ނަގައި މޭޒުމަތީ ބަހައްޓާފައި ހަތަރުތަށި މޭޒުމަތީ ބެހެއްޓި އެވެ. ދެކުދިން ގޮނޑިއަށް އަރުވާފައި ކާއެއްޗެހި އަޅައިދިނުމުން ކާން ފެށި އެވެ. މުޅި އަނގަމަތީ ސޯސް އުނގުޅައިގެން ކާއިރު ނިކަން ލޯއްބެވެ. ދާރިޔާ އެދިމާއަށް ކަޅިއެއް އެއްލާފައި ހިނި އައެވެ. ކުރިއްސުރެ ކޮންމެވެސް ވަރަކަށް ކުޅި އެއްޗެހި ދޭތީ އެކުދިންނަށް ކުޅި އެއްޗެހި ކެވެ އެވެ.

ކުދިންނަށް ބަލަން ހުރެފައި ރަޒާ ދެން އައީ ދާރިޔާގެ ކައިރިއަށެވެ. އޭނަގެ އަތުގައި އޮތް އައިސިން ބޭގް އަތުލާފައި ދުރުގައި ބޭއްވުމަށްފަހު އުޅަބޮށްޓާއި ހިސާބުން އަތުގައި ހިފާލައިގެން ގެންގޮސް ހުސްގޮނޑިއެއްގައި ބެއިންދި އެވެ. -- ނުނިމޭ --

ދިގު ވާހަކަ ކާކުހެ މިހާ ލޯބި ވާނީ

Popular