8 Mar 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* މާޗް 5 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އަހަރެން ކީކޭ ބުނިއްޔާ ނޫނީ..... ކީއްކުރިއްޔާ ރިއާ މަޑުކުރާނީ؟" ރަޒާ ސުވާލު ކުރި އެވެ.

ތަޅުގައި ވަށާލެވިފައި އޮތް ދާރިޔާގެ އަތްތިލަ ކުއްލިއަކަށް ތިރިއަށް ދޫކޮށްލެވުނެވެ. އެނބުރި ބަލައިލަން ތައްޔާރުވެލިތަނާ ރަޒާ ދެވަނަ ފަހަރަށް ވާހަކަދެއްކި އެވެ.

"އަހަރެން މަޑުކުރާށޭ ބުނިއްޔާ މަޑުކުރާނަންތަ؟" ދާރިޔާ އެނބުރުނުއިރު އެ މޫނުގައި ހައިރާންކަމެވެ.

ރަޒާ ދެއްކި ވާހަކަ ޤަބޫލު ނުކުރެވިގެން އުޅޭފަދަ ގޮތަކަށް ތަކުރާރުކޮށް އެސްފިޔަ ޖަހައިލި އެވެ. އެވަގުތު ރަޒާ ޖެހިލީ ކުރިއަށްވުރެ ވެސް ކައިރިއަށެވެ. އިސްޖަހާލަމުން ދާރިޔާގެ ކަނާއަތުގެ އިނގިލިތަކުގައި ހިފާލި އެވެ. ދެން އަނެއްކާ ވެސް ހަތަރުކަޅި ހަމަކޮށްލައިފި އެވެ. ދާރިޔާ ހުރީ ހުރި ފިޔަވަޅު މަތީގައި ގަނޑުވެފަ އެވެ.

"އަހަރެން ހަނދާން އެބަހުރި ދާރިޔާއަށް ވަގުތު ދޭން ބުނެވުނު ކަން. އަދި އަވަސް އަރުވާނުލައި ލަސްލަހުން ކުރިއަށްދާން ލަފާ ދަފާ ދެވުނުކަން. އެކުވެރިންގެ ގޮތުގައި އުޅެން ބުނެވުނުކަން. އަހަރެން އެއިން އެއްވެސް ކަމެއް ހަނދާނެއް ނުނެތޭ..." ރަޒާ ވާހަކަދައްކަމުން ދިޔައިރު ބޮޑުވައި އިނގިލިން ދާރިޔާގެ އިނގިލިތަކު މަތީ މަޑުމަޑުން ދެކޮޅަށް ހިންގަމުން ދިޔަ އެވެ.

އިނގިލިތަކުގައި ރަޒާ ހިފަހައްޓާފައިވާ ހިސާބުން ކަރަންޓް އުފެދިގެން ހަށިގަނޑުގެ އެހެން ހުރިހާ ދިމާއަކަށް ދަތުރު ފެށި އެވެ. ކޯތާފަތުގެ ކުލަ ބަދަލުވެ މޫނުގެ ހައިރާންކަން އެހެން ކުލައެއް އިޚުތިޔާރުކޮށްފި އެވެ. މަޑުމަޑުން އެއް ވާނެއްގައި ލައިލައި ހުރި ނޭވާ ކުރުވަމުން އައެވެ.

"މިކައިވެންޏަކީ އަހަރުމެން ކައިވެންޏެއްގެ މަޤްސަދަކަށްވުރެ ބޮޑަށް އެހެން ބޭނުންތަކެއްގެ އެދުމުގައި ޖެހި ގޮށެއް. އެކަމަކު އޭގެ މާނައަކީ އަހަރުމެން ދެމީހުން ދެމީހުންނަށް އެކަކު އަނެކަކުގެ މައްޗަށް ހައްޤުތަކެއް ނުވެއެކޭ ނޫން. ކިތަންމެ ދުވަހެއް ވިއަސް އެކަން ބަދަލެއް ނުވާނެ. މައި ޕޮއިންޓް އިޒް...." ރަޒާ ޖުމްލަ ފުރިހަމަނުކޮށް އަނެއް އަތް އުފުލާލައިފައި ދާރިޔާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް އެއްފަރާތްކޮށްލަ ދިނެވެ.

ކޯތާފަތުގައި ރަޒާގެ އިނގިލި ބީހުނު ވަގުތު ދާރިޔާއަށް ލޯމަރައިލެވުނެވެ. އޭނަ ލޯ ހުޅުވާލިއިރު ރަޒާ ކަޅިޖަހާނުލާ ބަލަން ހުއްޓެވެ.

"ޔޯ ޕޮއިންޓް އިޒް...؟" ދާރިޔާއަށް އިތުރަށް ސުވާލުނުކޮށް ކެތެއް ނުވި އެވެ.

އެވަގުތު ރަޒާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

މުށުތެރޭ އޮތް ފިނި އިނގިލިތައް އުފުލާލައި ކުޑަކޮށް ބޯ ގުދުކޮށްލަމުން އެއިން ކޮންމެ އިނގިއްޔެއްގެ މަތީފުށުގައި ރަޒާ ބޮސްދިނެވެ. ދާރިޔާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނަގެ ނަޒަރު ރަޒާގެ ލޮލުން އެތުންފަތަށް، ތުންފަތުން އަނެއްކާ ވެސް ލޮލަށް ހުއްޓުނެވެ. ހިންދެމިލުމުގެ ބަދަލުގައި ރަޒާ ދެން އަރިވެލީ އޭނަގެ މޫނާއި ދިމާއަށެވެ. ލިބުނު ކުއްލި ސިހުމުގައި ދާރިޔާގެ ހުހަށް އޮތް އަތުން ރަޒާގެ މެއާ ހަމައިން ގަމީހުގައި ހިފާ ބޮނޑިކޮށްލެވުނެވެ.

"އަހަރުމެން ދެމީހުންނަށް ވެސް އެބައެނގޭ އަހަރުމެން އެކަކު އަނެކަކަށް އެޓްރެކްޓް ވާކަން." ކޯތާފަތުގައި ތުންފަތް ޖައްސާލައިފައި ދުރުކޮށްލަމުން ރަޒާ ބުނެލި އެވެ.

ހިންދެމިލުމުގެ ބަދަލުގައި އޭނަ ގުދުވެލީ ދާރިޔާގެ ކަނާތު ކޮނޑާއި ދިމާއަށެވެ. ކޮނޑުގެ އެއްކޮޅުން ފެށުނު ގޯނާތައް އައިސް މަޑުޖެހިލީ ކަންފަތާއި ހިސާބުންނެވެ. ދާރިޔާއަށް ލޯމަރައިލެވުނެވެ. ރަޒާގެ އެއް އަތުން އޭނަގެ އުނަގަނޑު ވަށާލިކަން އިހްސާސްވި އެވެ. އަނެއް އަތްތިލަ ދަތުރުކުރަމުން އައީ އޭނަގެ ހާމައަށް އޮތް އަތުގެ ތިރިން މައްޗަށެވެ.

"އެން ވީ ޝުޑް ނޮޓް އިގްނޯ ވަޓް ވީ ފީލް ފޯ އީޗް އަދާ.. އަހަރުމެން މީ ބޮޑެތި މީހުން. ބޮޑެތި މީހުން ފަދައިން މިކަންތައްތަކާއި ކުރިމަތިލުން ބުއްދިވެރި ގޮތަކީ." ރަޒާ އޭނަގެ ކަންފަތްދޮށުގައި މަޑުމަޑުން ބުނެލި އެވެ.

އެއަޑު ނިކުތީ އާދައިގެ ވަރަށްވުރެ ބަރުކޮށެވެ.

"ވާހަކަދައްކަބަލަ!"އިރުކޮޅަކުން އަނެއްކާ ވެސް ރަޒާގެ އަޑު އައެވެ.

ދާރިޔާ ހީކުރި ގޮތާއި ޚިލާފަށް ރަޒާ ދިޔައީ އޭނަގެ އަމަލުތަކުގައި ހުއްޓުމެއްނެތި ކުރިއަށެވެ. ވިސްނައިލާނެ ވަގުތުކޮޅެއް ދާރިޔާގެ ސިކުނޑިއަކަށް ނުލިބުނެވެ. ލޯ ހުޅުވައިލާފައި ވެސް އޭނައަށް ލޯމަރައިލެވުނީ އެވެ. އަނގައިން ނިކުތީ އެހެން އަޑެކެވެ.

"ކީއްވެ ވާހަކަ ނުދައްކަނީ؟" ރަޒާ ހިންދެމިލާފައި ދާރިޔާގެ މޫނަށް ނަޒަރު ހުއްޓާލަމުން އެހި އެވެ.

ދާރިޔާ ފުރަތަމަ ދެފަހަރަކު އެސްފިޔަ ޖަހައިލި އެވެ. ދެން ލޯ ހަނިކޮށްލައިފި އެވެ.

"ވާހަކަދެއްކޭނީ ފުރުސަތެއް ދިނީމައެއްނު..." ރަޒާ ބުމަ އަރުވައިލުމުން ދާރިޔާ ބުނެލި އެވެ.

"އަހަރެން ގައިމު ނުހުއްޓުވަން....ޔޯ މައުތް ވޯޒް ފްރީ ޓު ޓޯކް..." ރަޒާގެ ޖުމްލަ ނިމުނީ ތުންފަތަށް ވެރިވި ލާނެއް ހިނިތުންވުމަކުންނެވެ.

ދާރިޔާ ބަލާކަށް ނުހުރެ ރަޒާގެ މުލައްދަނޑީގައި ތަޅައިގެންފި އެވެ. ބާރަށް ހީގެންފައި ރަޒާ އެނބުރުނީ އެނދާއި ދިމާއަށެވެ. އޭނަ ގޮސް އެނދުގެ މަގަތުގައި އިށީންދެފައި ދާރިޔާ އިށީންނަން ކައިރީ އޮތް ހުސްތަނުގައި މަޑުމަޑުން އަތުން ތަޅައިލި އެވެ. ރަތްވެފައިވާ މޫނާއެކު ދާރިޔާ ގޮސް އިށީންދެލުމާއެކު ރަޒާ ކުރިއަށްވުރެ ކައިރިއަށް ޖެހިލި އެވެ. ފަޔާއި ފައި އުނަގަނޑާއި އުނގަނޑު ޖެހުމާއެކު ދާރިޔާ ކުއްލިއަކަށް ބަލައިލި އެވެ.

"މިހާރު ކިހިނެއްވީ؟" ރަޒާ މައުސޫމު ގޮތަކަށް އަހައިލި އެވެ.

"ޔޫ އާ ނޮޓް ހެލްޕިން. ތިހާ ކައިރީ އިނީމަ ވާހަކައެއްނޫން ދެއްކޭނީ....." ދާރިޔާ ބުނަން އުޅުނު ޖުމްލަ ފުރިހަމަނުކޮށް ހުއްޓައިލި އެވެ.

ރަޒާއަށް އޭނަ ބުނަން އުޅުނު އެއްޗެއް ދޭހަވިކަން އެނގުމުން ތުންފަތުގައި ދަތް އަޅައިލެވުނެވެ.

"ޔޫ ނޯ ވަޓް؟....ފޮގެޓް ޓޯކިން." ރަޒާ އެމަންޒަރު ބަލަން އިނދެފައި ބުނެލި އެވެ.

ދާރިޔާއަށް އެބުނި އެއްޗެއް ދޭހަނުވެގެން އުޅެނިކޮށް ރަޒާގެ މޫނު ފެނުނީ އެންމެ ކައިރިންނެވެ. ނޭވާ ލާކަށް އޭނަ ދެން ހަނދާނެއް ނުވި އެވެ. ސިކުންތުކޮޅެއް ފަހުން އެނދުގައި ބުރަކަށި ޖެހުނުކަން އިހްސާސްވި އެވެ. އެދެއަތް އޭގެ އަމިއްލަ އިޚުތިޔާރުގައި ރަޒާގެ އިސްތަށިގަނޑާއި ދިމާއަށް ދަތުރުކުރި އެވެ.

މެރިފައި އޮތް ދާރިޔާގެ ލޯ ހުޅުވުނީ ބޭބީ މޮނީޓަރުން އަޑެއް އައިހެން ހީވެގެންނެވެ. ރަޒާ ސަމާލުކަމަށް ގެންނަން ވެގެން އެމޭގައި ދެއަތްއަޅާ ދުރުކޮށްލަން މަސައްކަތް ކުރި އެވެ.

"ކިހިނެއްވީ؟" މޫނު ދުރުކޮށްލަމުން ރަޒާ އެހި އެވެ.

"ބޭބީ މޮނީޓަރުން އަޑެއް އައިހެން ހީވި." ދާރިޔާ ޖަވާބުދިނެވެ.

"އެއީ ހީވި ގޮތެއް." ޓީޝާޓް ބޮލުން ވަކިކޮށްލާފައި އެއްފަރާތަކަށް ދޫކޮށްލުމަށްފަހު ރަޒާ އަނެއްކާ ވެސް ގުދުވެލި އެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ދާރިޔާ ވެސް އެކަން ހަނދާން ނެތިއްޖެ އެވެ. އޭނަގެ ސަމާލުކަން ދެން ހުރީ ހަމައެކަނި ރަޒާއަށެވެ.

***

"އާ ޔޫ އޯކޭ؟" އިރުގަނޑެއް ފަހުން ރަޒާ އަހައިލި އެވެ.

އުއްޑުން އޮވެފައި ދާރިޔާ ކުއްލިއަކަށް އެދިމާއަށް މޫނު އަނބުރާލި އެވެ. އޭނަ ހީކުރީ ރަޒާ ނިދީ ކަމަށެވެ.

ރަޒާ އޮތީ އޭނައާ ވީ ފަރާތަށް އެނބުރި އެވެ. އެލޮލުގައި އޯގާތެރިކަމެވެ. ދާރިޔާ ބޯޖަހައިލުމުން ހިނިތުންވެލި އެވެ. ދާރިޔާ އެނބުރުނީ ދެން އަނެއްފަރާތަށެވެ. އިރުކޮޅަކުން ރަޒާގެ ވަރުގަދަ އަތުން އޭނަގެ އުނގަނޑު ވަށާލި އެވެ. އޭނަ އެނބުރެން އުޅުމުން ރަޒާ އެކަން ހުއްޓުވި އެވެ.

"ދެން ނިދާލެވޭތޯ ބަލާ."އޭނަގެ ކަރާއި ކޮނޑާއި ދޭތެރޭގައި މޫނު ހަމަޖައްސާލައިގެން އޮވެ ރަޒާ ބުނެލި އެވެ.

ރަޒާގެ ތުނބުޅިން ހީލިކަރުވާކަހަލަ އިހްސާސެއް ކުރެވުނު ނަމަވެސް ދުރަށް ދާކަށް ދާރިޔާ މަސައްކަތެއް ނުކުރެ އެވެ. ދުރު ބަލަން އޮތްއިރު ލޮލަށް ކަރުނަ ޖަމާވަމުން އައެވެ. އެންމެ ހަނދާން ނުކުރަންވީ ގަޑީގައި ނާހިލް ހަނދާންވީ ސަބަބެއް ނެތިއެއް ނޫނެވެ. އެކުގައި އެތައް ދުވަހެއް ހޭދަ ކުރިއިރު ނުފެނުނު އޯގާތެރިކަން އެންމެ ރެއަކުން ރަޒާ ދައްކައިދީފި އެވެ. ބޭނުން ފުދުމުން ނާހިލް ތެދުވެގެން ދާނީ ދުރަށެވެ. އޭނަ ކިހިނެތް ތޯ އަހާ ނުލާ ތާނގައި ކައިރީގައި އޮވެގެން ނިދި ދުވަހެއް ނާދެ އެވެ.

ހުވަފެނުގައި ދާރިޔާއަށް ފެނުނީ އެދެމީހުން ނިދާފައި އޮތްއިރު ނާހިލް އައިސް އެނދު ކައިރީ ހުއްޓަ އެވެ. ދާރިޔާއަށް ހޭލެވިގެން ރަޒާއަށް ގޮވާ ގޮވާ ނުހޭލި އެވެ. ރަޒާގެ މޭގައި އޭނަ އަތްލީ ތަނުން ތެތްކަމެއް އިހްސާސްވެގެން ބަލައިލިއިރު ލެއެވެ. ދެން ކަންފަތުގައި ޖެހުނީ ނާހިލްގެ ހުނުމުގެ އަޑެވެ.

"އަހަރެންގެ ދިރިއުޅުން ނަރަކައަށް ހަދާފަ ގޮސް އުފަލުގައި އުޅެވޭނެކަމަށްތަ ހީކުރީ؟ އަހަރެން ދުނިޔޭގަ ހުއްޓާ ދުވަހަކު ވެސް އުފަލެއް ނުލިބޭނެ...." ނިދިން ހޭލެވުނުއިރު ނާހިލްގެ ހުނުމުގެ އަޑު ކަންފަތުގައި ހަރުލާފައި ހުއްޓެވެ.

އޭނަ ލޯ ހުޅުވާލިއިރު ރަޒާ ކަންބޮޑުވެފައިވާ ލޮލަކުން ބަލަން އިނެވެ.

"މިރޭ ވެސް ބިރުވެރި ހުވަފެނެއް ފެނުނީތަ؟" ރަޒާ ސުވާލު ކުރި އެވެ.

ދާރިޔާ ބޯޖަހާލައިފައި މެއާއި ހަމައިގައި އޮތް ރަޖާގަނޑު ތިރިއަށްދިޔަ ނުދީ ބާރަށް ހިފެހެއްޓި އެވެ. ރަޒާ ތެދުވެގެން ހިނގައިގަތީ ފާޚާނާއަށް ދާ ވާހަކަ ބުނެފަ އެވެ. ދާރިޔާ އިރުކޮޅެއް ވަންދެން ރަޒާ ގޮސް ގެއްލުނު ދިމާއަށް ބަލަން އިނެވެ. ގަޑި ބަލާލައިފައި އިރު އަރަން ގިނައިރެއް ނެތްކަން އެނގުމުން އޭނަ ތެދުވަން ނިންމި އެވެ. ރަޒާ ނިކުންނަން ވާއިރަށް ހެދުން ލައިގެން ކުދިންގެ ޚަބަރު ބަލައިލަން ދިޔަ އެވެ.

ހެނދުނު ނާސްތާ ކުރަން އައިސް ރަޒާ އިނީ ވިސްނުމެއްގަ އެވެ. ދާރިޔާ ސުވާލެއް ނުކުރެ އެވެ. މޭޒުމަތި ތައްޔާރު ކޮށްފައި އޭނަ އުޅުނީ އާދައިގެ މަތިން އެތަނުން ނިކުންނާށެވެ. ރަޒާ ގޮވާލުމުން ހުއްޓިފައި ބަލާލި އެވެ.

"އަހަންނަށް ކިޔައެއްނުދޭނަންތަ ތިފެންނަ ހުވަފެންތަކުގެ ވާހަކައެއް؟" ދާރިޔާ އައިސް އަނެއްފަރާތަށް ހުއްޓުމުން ރަޒާ ސުވާލު ކުރި އެވެ.

އެވަގުތު ދާރިޔާއަށް ދެއަތުން ބާރުކޮށްލެވުނީ ހިފަހައްޓައިގެން ހުރި ގޮނޑީގެ އަތްގަނޑަށެވެ. ރަޒާ އިސްއުފުލާލިއިރު ދާރިޔާގެ ލޮލުގައި ވި ނުތަނަވަސްކަން ރީތިކޮށް ފެންނަން ހުއްޓެވެ. ކުޑައިރުކޮޅެއް ވަންދެން ދެމީހުން ކުރެ އެކަކު ވެސް އެއްޗެއް ނުބުނެ ތިއްބެވެ. ދެން އިސްވެ ވާހަކަދެއްކީ ދާރިޔާ އެވެ.

"އެއީ ހަމައެކަނި ހުވަފެންތަކެއް." ދާރިޔާގެ އަޑު ނިކުތީ ކުރެހިގެންނެވެ.

ހަމައެކަނި އެހެން ބުނެލަން ވެސް ދާރިޔާ ކުރަން ޖެހުނު ހިތްވަރު ރަޒާއަށް ފާހަގަވި އެވެ. ރަޒާ ނިންމީ އެވަގުތަށް އިހަށް އިތުރަށް ބާރު ނޭޅުމަށެވެ.

ހަވީރު ކުދިން ގޮވައިގެން ދާރިޔާ މަންމަ ކައިރިއަށް ދިޔަ އެވެ. ބަލި އެނދުން ތެދުވިފަހުން މަންމައަށް ވެސް ރަނގަޅަށް ކާން ފެށުނީ އަދި ކިރިޔާ އެވެ. ދެމައިން އެކަނި ވުމުން ދުންޔާގެ ވާހަކަ ދާރިޔާ އެހި އެވެ. އޭނަ ބުނިގޮތަށް މަންމަމެން އެކައިވެނީގެ ވާހަކަ އިހަށް މަޑުޖައްސައިލިކަން އެނގުމުން ހިތްހަމަޖެހުނެވެ. ދުންޔާ ކޮޓަރިން ނިކުމެގެން އައީ އޭނަ ބަދިގޭގައި ފެންބޯން ހުއްޓަ އެވެ.

ކުދިވެރިން ކޮޓަރީގައި ކުރާކަމެއް ބަލަން މަންމަ ނިކުތުމުން ދެބެން އެކަނިވި އެވެ. ދާރިޔާ ފެންފުޅި ބަހައްޓާފައި މިސްރާބު ޖެހީ ނިކުންނާށެވެ. އޭނައަށް ހުއްޓެވުނީ ދުންޔާ ގޮވާލި އަޑަށެވެ.

"ތެންކިއު." ދުންޔާ ބުނި ވާހަކަ ދާރިޔާއަށް ޤަބޫލެއް ނުކުރެވުނެވެ.

"އަހަންނަށް އެނގިއްޖެ ރިއާ ވާހަކަދެއްކީމަކަން މަންމަމެން ކައިވެނީގެ ކަންތައް ހުއްޓާލީ. އެހެންވެ ތެންކިއުއޭ މިބުނީ." ދާރިޔާ އެނބުރި ބަލައިލުމާއެކު ދުންޔާ ކިޔައިދިނެވެ.

ދާރިޔާ ހަމައެކަނި ބޯޖަހައިލި އެވެ. ދެން އަނެއްކާ ވެސް އެނބުރިފައި އެތަނުން ނިކުމެއްޖެ އެވެ.

ޖެހިގެން އައި ދެ ރޭ ވެސް ރަޒާ ގެއަށް އައީ ދާރިޔާ ނިދި ފަހުންނެވެ. ހޭލެވޭއިރު ކައިރީގައި ރަޒާ އޮވެ އެވެ. ހެނދުނު ސުވާލުކޮށްލުމުން އާ ޕްރޮޖެކްޓަކާ ހަވާލުވާން މިހާރު ކުރާ މަސައްކަތް ނިންމަންޖެހޭ ވާހަކަ ބުންޏެވެ. ދާރިޔާ އިތުރަކަށް ނާހަ އެވެ.

"އަދިވެސް ނުނިދަނީތަ؟" ދާރިޔާ ކުދިން ނިންދަން އޮތްވާ ރަޒާ ދޮރު ހުޅުވާލި އެވެ.

ދާރިޔާ ބަލައިލީ ރާޔަންއަށެވެ. އެކުއްޖާ ލޯ ހުޅުވާލުމުން ކުރިއަށްވުރެ ކައިރިވެލާފައި ނާނާ ކިޔަންފެށި އެވެ. ރަޒާ ދޮރުމަތީ އިރުކޮޅަކު ހުރެފައި ނިކުމެ ދޮރު ލައްޕައިލި އެވެ. ދާރިޔާއަށް ނިކުމެވޭވަރު ވީ ދިހަ މިނިޓެއްހާއިރު ފަހުންނެވެ. ދޮރު ލައްޕާލައިފައި ހޯދާލިއިރު ރަޒާ އިނީ ސޯފާގަ އެވެ. ދާރިޔާގެ ފިޔަވަޅުގެ އަޑު އިވިގެން ރަޒާ އެނބުރުނެވެ.

"މިރޭ ކިހިނެތްވީ އެހާ ލަހުން ނިދީ؟" ކައިރިވަމުން އައި ދާރިޔާއަށް ބަލަން އިނދެ ރަޒާ އެހި އެވެ.

"މެންދުރު ނިދާފަ ތަންކޮޅެއް ލަހުން ރާޔަން ތެދުވީ. އެހެންވެ އޭނަ ރުއްސަންވެގެން މިއަދު މަންމަގެއަށް ވެސް ދިޔައީ." ދާރިޔާ ޖަވާބުދީފައި ގޮސް ރަޒާގެ ކައިރީގައި ސޯފާގެ ކަނުގައި އިށީންދެލި އެވެ.

"ކާން ހިނގާ!" ޓީވީއަށް ނަޒަރެއް ދީފައި އެނބުރި ރަޒާއަށް ބަލާލަމުން ދާރިޔާ ބުނެލި އެވެ.

"ބޭރަށް ކާން ދާނީ މިރޭ. އިރުކޮޅަކުން ގުޅާނެ." ރަޒާ ފޯނުގެ ސްކްރީނަށް ނަޒަރެއް ދީފައި ފޯނު މޭޒުމަތީ ބޭއްވި އެވެ.

އޭނަ ދެން ސޯފާގެ އަނެއްކޮޅަށް ފައި ދަމާލައިގެން އޮށޯވެލީ ދާރިޔާގެ އުނގުގަ އެވެ. ދާރިޔާ ކުޑަކޮށް ސިހުނެވެ. އޭނަ ބަލާލިއިރު ރަޒާގެ ދެލޯ އެމޫނަށް ހުރުމުން ރަކިވި އެވެ.

"މާދަން ރަށުން ބޭރަށް ފުރަންޖެހޭ ވާހަކަ ބުނަން ވެގެން ރިއާ މިހޯދީ." ރަޒާ އިރުކޮޅެއް ފަހުން ވާހަކަދެއްކި އެވެ.

"ވިލް ޔޫ ބީ އޯކޭ؟" ދާރިޔާ ވަކި އެއްޗެއް ނުބުނުމުން ރަޒާ ސުވާލުކުރި އެވެ.

ދާރިޔާގެ ޖަވާބަކަށް ވީ ތުންފަތަށް ވެރިކޮށްލި ލުއި ހިނިތުންވުމެކެވެ. ރަޒާގެ އިސްތަށިގަނޑާއި ކުޅެލަމުން އޭނަ ބަލަންފެށީ ޓީވީއަށެވެ.

"ރިއާއަށް އެކަނި އޮންނަން ނުކެރެންޏާ ގޭގައި ނިދަން މީހަކު ގެނަޔަސް އޯކޭ. މަންމަ ކައިރީ ބުނަނިކޮށް އަންނާނެ ދޯ.." ރަޒާ އިރުކޮޅެއް ފަހުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އަހަންނަށް ކެރިދާނެ އެކަނި އޮންނަން." ދާރިޔާ ޖަވާބުދިނެވެ.

ރަޒާއަށް އެވާހަކަ ޤަބޫލުކުރަން ދަތިވި ނަމަވެސް އިތުރަށް ކުރިއަކަށް ނުގެންދެ އެވެ. ފޯން ރިންގް ވާން ފެށުމުން ނަގައި ބަލައިލާފައި ރަޒާ ތެދުވި އެވެ. ބޭރަށް ދާން ގުޅީކަން ދާރިޔާއަށް ވެސް އެނގުނެވެ. އޭނަ ހަނާ އަޅާލައިފައި ސަމާލުކަން ހުއްޓައިލީ ޓީވީއަށެވެ. ނިދި އަންނަގޮތް ވުމުން ކުޝަންތައް ބޯދަށަށް ލައްވާލައިގެން ދިގު ދިގަށް އޮށޯވެލި އެވެ. އެއްފަހަރު ނިދިފައި ހޭލެވުނީ ޓީވީން ވާހަކަދައްކާ އަޑަށެވެ.

ދެވަނަ ފަހަރު އޭނައަށް ހޭލެވުނީ ރަޒާ އޭނަ ސޯފާއިން ނެގިތަނާ އެވެ. ތަނަށް ވެރިވެފައިވާ ފަނޑުއަލީގައި ރަޒާގެ މޫނަށް ދާރިޔާ ބަލައިލި އެވެ. ދެން އަނެއްކާ ވެސް މޫނު ޖައްސާލީ އެމޭގަ އެވެ. އެހަށިގަނޑުން ދުވި މީރުވަސް ނޭފަތުގައި ހަރުލުމުން ދުރުވާ ހިތެއް ނުވި އެވެ. ރަޒާ އޭނަ އަތްދަނޑިމައްޗަށް ލައިގެން ދިޔައީ ކޮޓަރިއާ ދިމާއަށެވެ.

"ތިއައީތަ؟" ލޯމަރާލަމުން ދާރިޔާ ބުނެލި އެވެ.

އޭނަ ބުނި އެއްޗެއް ރަޒާއަށް ސާފުވީ ކިރިޔަ ކިރިޔާ އެވެ. -- ނުނިމޭ --

Popular