12 Mar 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* މާޗް 8 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ތިއައީތަ؟" ލޯމަރާލަމުން ދާރިޔާ ބުނެލި އެވެ. އޭނަ ބުނި އެއްޗެއް ރަޒާއަށް ސާފުވީ ކިރިޔަ ކިރިޔާ އެވެ.

"މިއައީ." ރަޒާ ކުޑަކޮށް ބޯ އަރިކޮށްލާފައި ދާރިޔާގެ ނިތުގައި ބޮސްދެމުން ޖަވާބުދިނެވެ.

ދޮރުން އެތެރެއަށް ވަދެފައި ދެން އިރުކޮޅަކުން ބުރަކަށި ޖެހުނީ މަޑު ތަންމަތީގަ އެވެ.

"އެބަ އަންނަން." ރަޒާ ދާރިޔާ ބާއްވާފައި ހިންދެމިލަމުން ބުނެލި އެވެ.

ކޮޓަރިތެރޭގައި ފިނި ހިފާފައި ހުރުމުން ދާރިޔާ އަވަހަށް ކުއިލްޓްތެރެއަށް ވަދެ ހިމާޔަތް ހޯދި އެވެ. މިނިޓްކޮޅެއް ހޭދަވެގެން ދިއުމަށްފަހު ފާޚާނާގެ ދޮރު ހުޅުވުނެވެ. އިރުކޮޅަކުން ރަޒާ އައިސް އެނދަށް އެރިކަން އިހްސާސްވި އެވެ. ދާރިޔާ ލޯމަރައިގެން އޮތްވާ ރަޒާ ވާހަކަދެއްކި އަޑު އައީ ކަންފަތް ކައިރިންނެވެ.

"ނިދީތަ؟" އެއަޑުގައި ހުރިކަން މަސްތުކަން އެކަނި ވެސް ދާރިޔާގެ ހިއްސުތައް ހޭލައްވައިލި އެވެ.

އޭނަ ލޯ ހުޅުވާލިއިރު ރަޒާގެ މޫނު ފެނުނީ ތަންކޮޅެއް މަތިންނެވެ. އޭނަގެ ނަޒަރު ދެން ދަތުރުކޮށްލީ އެހަށިގަނޑަށެވެ. ހަމައެކަނި ހަރުވާޅެއްގައި އޮތްއިރު އެހަށިގަނޑު ހާމައަށެވެ. މޭމަތިން ފެށިގެން ރޮނގެއްހެން ތިރިއަށް ގޮސްފައިވާ އިސްތަށިތައް ހަރުވާޅުގެ ރަބަރާއި ހަމައިން ވަންހަނާ ވެފަ އެވެ. އެއްފަހަރު ތަޖުރިބާ ކުރެވިފައި ވިއަސް އެރީތި މޭމަތީގައި އިނގިލިތައް ހިންގައިލާހިތުން ދާރިޔާ ކެތްމަދުވި އެވެ.

"ނުނިދަންވީތަ؟.. ސަމްތިން އޮން ޔޯ މައިންޑް..؟" ރަޒާގެ ހަށިގަނޑުން އެމޫނަށް ނަޒަރު ހުއްޓާލަމުން މައުސޫމު ގޮތަކަށް ދާރިޔާ އެހި އެވެ.

ކޮލުގެ އަޑިކޮޅު ހާމަ ކޮށްލަމުން ރަޒާ ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"އަހަރެންގެ ސިކުނޑީގައި މިވަގުތު ވަނީ އެންމެ ކަމެއް ނޫން. އެތައް ކަމެއް... ތިންގްސް އައި ވޯނަ ޑޫ ޓު ޔޫ..." ރަޒާގެ ޖުމްލަ ނިމުނުއިރު ދާރިޔާ ލައިލައި ހުރި ނޭވާ ކަރުތެރޭގައި ތާށިވެއްޖެ އެވެ.

ރަޒާގެ ހިނިތުންވުން ފުންވެގެން ދިއުމާއެކު އޭނަ އެއް އަތް ބޯދަށަށް ލައިގެން އުއްޑުން ބާލީހުގައި ބޯއަޅާލައިފި އެވެ. ދާރިޔާ އަވަހަށް އެދިމާއަށް އެނބުރުނެވެ. އޭނަ އިންތިޒާރު ކުރީ ރަޒާ އެވާހަކަ ކުރިއަށް ގެންދާނެ އިރަކަށެވެ. ހިމޭންކަން ދިގު ދެމިގެން ދާން ފެށުމުން އޭނަ ހީކުރީ ރަޒާ ނިދީކަމަށެވެ. ޔަޤީންކުރަން ވެގެން އެދެމެދުގައި އޮތް ހުސްތަނުގައި އަތް ބާއްވާލައިފައި ރަޒާގެ އަތުގައި ކޮށްޓައިލަން އުޅުނެވެ. އެވަގުތު ރަޒާ ހުޝިޔާރު ކަމާއެކު އެއަތުގައި ހިފަހައްޓައިފި އެވެ.

ދާރިޔާ ދިޔައީ ސިއްސައިގެންނެވެ. ހިތުގެ ތެޅުން ކުއްލިއަކަށް އަވަސްވެގެން އައެވެ.

މަގަތަށް ވާނެހެން އެނބުރިފައި ރަޒާ އޭނަގެ އިނގިލިތަކުގެ ކޮޅުގައި ތުންފަތް ޖައްސާލުމުން ހީބިހި ނަގައިގަތެވެ. އެހާ ލުއި ބީހުމަކުން ވެސް ރަޒާ އޭނާގެ ހަށިގަނޑަށް އަސަރު ފޯރުވަނީ ކިހިނެއް ހެއްޔެވެ؟ އެސުވާލު އޮތީ ސިކުނޑީގަ އެވެ.

"ރަޒާ...!" ދާރިޔާއަށް ނުހުއްޓެވެނީސް އޭނަގެ އަނގައިން އެނަން ނިކުތެވެ.

އެހަރަކާތުން ކިތަންމެ މާނައެއް ނެގުނީހެވެ. އެކަމަކު ރަޒާ އެއިން ނެގީ އޭނަ އެންމެ ބޭނުން ނުވާ މާނަ އެވެ.

"ބުނޭ އަހަރެން ކީއްކޮށްދޭންވީ؟...ސިކުނޑީގައި ހުރި އެއްޗެހި ކިޔައިދޭންވީތަ؟" ރަޒާ އޭނަގެ އަތުން ދޫކޮށްނުލާ އޮވެ ހަށިގަނޑު ކުޑަކޮށް ހިއްލާލައިފައި ސުވާލު ކުރި އެވެ.

އެހަރަކާތާއެކު އެދެމެދުގައި އޮތް ދުރުމިން ހަނިވެ ރަޒާގެ ހިޔަނި އޭނަގެ މޫނަށް އެޅުނެވެ. ދާރިޔާ އަނގައިން ބުނަންވެގެން އަނގަ ހުޅުވާލުމާއެކު ބަސްތައް ހުއްޓުނީ ކަރާއި ހަމައިންނެވެ. ރަޒާ މޫނު ތިރިކޮށްލައިފައި ތުންފަތް ޖައްސައިލީ ގިރުވާން ކަށިގަނޑާއި ހަމައިގަ އެވެ.

"ރިއާ ބޭނުން ކޮންމެ ކަމެއް އަހަރެން މިހުރީ ކޮށްދޭން. އައި ޕްރޮމިސް." ރަޒާ ވާހަކަދެއްކިއިރު ހަންގަނޑުގައި ތުންފަތް ހަރަކާތް ކުރި ގޮތުން ހަށިގަނޑުގައި ވި އެންމެ ހިމަ ނާރަށް ދަންދެން އެނގުންވި އެވެ.

ދާރިޔާއަށް އަތުން ބާރުކޮށްލެވުނީ ރަޒާގެ މުލައްދަނޑިއަށެވެ ތުންފަތުގައި ދަތް އަޅައިލެވުނުލެއް ބާރުކަމުން ތަދު ވެސް ވި އެވެ.

"ރިއާ ހަމައެކަނި ކުރަންވީ ކަމަކީ ބުނުން..." ރަޒާ ކުޑަކޮށް މޫނު އުފުލާލައިފައި ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ގައިމަތީ އޮތް ކުއިލްޓް ނެގުނުކަން އިހްސާސްވެގެން މެރިފައިވާ ދެލޯ ކުއްލިއަކަށް ހުޅުވުނެވެ. އޭނައަށް ފެނުނީ ރަޒާގެ ނަޒަރު އޭނަގެ އެހަށިގަނޑަށް ދަތުރުކޮށްލާފައި ލޮލަށް ހުއްޓައިލި ތަނެވެ. އެބެލުމުން ދާރިޔާގެ މުޅި މޫނު ރަތްވި އެވެ. ގައިގައި އޮތް އަންނައުނާއެކު ވެސް ކުރެވުނީ ނިވާކަމެއް ނެތްފަދަ އިހްސާސެކެވެ.

"ޔޫ އާ ނޮޓް ޕްލޭއިން ފެއާ." ފުރުސަތު ލިބުމުން ދާރިޔާ ފާހަގަ ކުރިއެވެ. "ވާހަކަދައްކާއިރު ޖެހޭނީ ހަމައެކަނި ވާހަކަދައްކަން..."

ރަޒާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

"ރިއާ ފެށީ. އަހަރެން ހަމައެކަނި މިކުރާ ކަމަކީ ބައިވެރިވުން..." ރަޒާގެ ޖުމްލަ ނިންމާފައި އެއްލޯ މަރައިލި އެވެ.

ދާރިޔާ ބުނަންވެގެން ތައްޔާރުކޮށްލި ބަސްތައް އުދުހިގެން ދިޔަތަނެއް ނޭނގުނެވެ. އޭނަ ވާހަކަދައްކަން ވެގެން އަނގަ ހުޅުވާލައިފައި ލައްޕައިލި އެވެ. ރަޒާގެ އަނގައިން ނިކުތީ ބަރު ހުނުމެއްގެ އަޑެވެ. ދާރިޔާ ރަކިވެގެން ރަޒާގެ ކޮނޑުގައި ތަޅައިގަތްހާއިރުން އެއަތުގައި ހިފަހައްޓައިފި އެވެ. އަނެއް އަތާއެކު ގެންގޮސް ދެއަތުގެ ކުޑަހުޅުގައި ރަޒާގެ އެންމެ އަތަކުން ހިފެހެއްޓި އެވެ. އެތޫނު ނަޒަރު އޭނަގެ ހަށިގަނޑަށް ދަތުރުކޮށްލިތަން ދެކެފައި ދާރިޔާގެ އަނގައިން ކުޅުހިކުނެވެ. ހިތުގެ ހިނގުން އަނެއްކާ ވެސް އަވަސްވެގެން އައެވެ.

ރަޒާ އަނެއް އަތުން ޓީޝާޓްގެ ތިރީކަނުގައި ހިފާ މައްޗަށް ގެންދިޔައިރު ހަމުގައި އެއިނގިލިތައް ބީހިލީ ގޮތުން ހީވީ އަލިފާން ހިފި ހެންނެވެ. އިޚުތިޔާރަކާ ނުލައި އަނގައިން ހިމޭން އާހެއްގެ އަޑު ނިކުތެވެ. ހާމަވެފައިވާ ބަނޑުގައި އެފިނި ތުންފަތް ހަރަކާތް ކުރަން ފެށުމުން ދެއަތް މިނިވަން ކުރެވޭތޯ ތެޅިގަނެވުނެވެ. އެކަމަކު ރަޒާ މާ ވަރުގަދަ އެވެ. ބޯހިއްލާލައިފައި ކަނދުރާ ވާޅުވާން ފެށުމުން ޖެހުނީ އަނެއްކާ ވެސް ބާލީހުގެ ބަރަށް ދޫކޮށްލާށެވެ.

"އޯލް...ރައިޓް.. ޔޫ..ވޮން...." ދާރިޔާގެ ޖުމްލަ ނިކުތީ ބަސްތައް ބުރިބުރި ވެގެންނެވެ.

އެވަގުތު ރަޒާ ހިނިތުންވެލިކަން އޭނައަށް އިހްސާސްވި އެވެ.

***

ރަޒާ ފުރަންދާން ނިކުތްއިރު ކުދިވެރިން ނުތެދުވެ އެވެ. ދޮރާށްޓާއި ހަމައަށް ގޮސް ދާރިޔާގެ ނިތުގައި ތުންފަތް ޖައްސާލައިފައި އޭނަ އެކަނިވެ ކަންބޮޑުވާކަން ހާމަކުރި އެވެ. ދާރިޔާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ރަޒާ އޭނައަށް އަޅާލާ މިންވަރު އިހްސާސްވެފައި ހިތް ފުރިގެން އައެވެ. ގެއަށް ވަދެގެން ގޮސް ސޯފާގައި އިށީންއިރު އެސްފިޔަތަކުގެ ފުރަގަހުގައި ކަރުނަ ހުއްޓެވެ.

ސޯފާއަށް ދެފައި ނަގާފައި ގެނެސް މޭގައި ޖައްސާލައިގެން އިރު ހިޔާލުތައް ދަތުރުކުރީ ފާއިތުވި ދުވަސްތަކުގައި ހިނގާދިޔަ ކަންތައްތަކަށެވެ. މީގެ ދެމަހެއްހާ ދުވަސްކުރިން ރަޒާއާއި އޭނަގެ ކައިވެނި ކުރެވިގެން ދެމީހުން އުފަލުގައި އުޅޭނެއެކޭ ކުޑަކޮށް ވެސް ހިތަކަށް ނާރަ އެވެ. އެފަދަ ކަމަކަށް އުންމީދެއް ވެސް ނެތެވެ. މީހަކު އެފަދަ އެއްޗެއް ބުނިނަމަ އޭނަ ބާރަށް ހުނީހެވެ. އޭރު އެއީ އެހާ ވެސް ހަޤީޤަތާއި ދުރުގައިވި ކަމެކެވެ.

ކުޑައިރުއްސުރެ ދެކުނު ހުވަފެން ހަޤީޤަތަކަށް ވުމުން އަދި ވެސް ބައެއްފަހަރު ޤަބޫލުކުރަން ދަތިވެ އެވެ. މިއުޅެވެނީ ހުވަފެނެއްގައޭ ހީވެ ހޭލެވޭނެ އިރަކަށް އިންތިޒާރު ކުރެވެ އެވެ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނެކަން ހަނދާންވާ ކޮންމެފަހަރަކު ހިތް ތެޅެން ފަށަ އެވެ. މިހާ އުފާވެރި ދުވަސްތަކަކަށްފަހު ކުރިމަތިލާން އޮތީ ކޮންފަދަ ހިތާމައަކާއި ބާވައޭ ހިތަށް އަރަ އެވެ.

ދާރިޔާގެ ހިޔާލުތައް ފިލައިގެން ދިޔައީ ކުދިވެރިން ހޭލައިގެން އަންނަ އަޑަށެވެ. މޫނު ފުހެލާފައި އޭނަ ދެން އެނބުރުނީ އެކުދިންނާއި ދިމާއަށެވެ.

***

އެކޮޅަށް ގޮސްފައި ރަޒާ ގުޅި އެވެ. ދާރިޔާ ބަދިގޭގައި ހުއްޓާ ފޯނު ހިފައިގެން އައީ ރޫތު އެވެ. ފޯނުގައި ހިފިއިރު އިނގިލިތައް އޮތީ ފިނިވެފަ އެވެ. ރަޒާގެ އަޑު ކަންފަތުގައި ޖެހުމުން އަޖައިބެއްފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭތީ ފޯނު ކުރާނެ ވަގުތު ނުވާނެކަން އޭނަ ހާމަ ކުރި އެވެ. ދާރިޔާގެ ޝަކުވާއެއް ނެތެވެ. އޭނަ އެދެނީ އަވަހަށް ނިމިގެން ރަޒާ އެނބުރި އައުމެވެ.

އެރޭ މަންމަ އެގެއަށް ނިދަން އައެވެ. ރަޒާ ގުޅާފައި ބުނީކަން ދާރިޔާއަށް އެނގުނެވެ. މަންމަ އައުމުން ފޮނުވާލާ ހިޔާލެއް އޭނަގެ ނެތެވެ. ރަޒާ ބިޒީވާނެތީ "ތޭންކްސް" ޖަހާފައި ފޯނަށް މެސެޖެއް ކޮށްލީ ނިދަން އޮށޯވެ އޮވެ އެވެ. އެހާ މަދު ދުވަސް ތަކަކަށްފަހު ވެސް އެކަނި އެނދުގައި އޮންނަން ވުމުން ހުސްކަމެއް އިހްސާސްވި އެވެ.

ދާރިޔާއަށް އޮވެވުނީ ރަޒާ އޮންނަ ފަޅީގައި އަތް އަޅާލައިގެން އެދިމާއަށް އެނބުރި އެވެ. ރަޒާ އެތާ އޮތް ނަމަވެސް ބަލަން އޮންނާނެ ފަދައިންނެވެ.

ނިދެމުން ދަނިކޮށް ފޯނު ވައިބްރޭޓް ވާން ފެށި އެވެ. ދާރިޔާ ސިހިފައި ފޯނު ނެގިއިރު އުޝްވާ އެވެ. އުޝްވާ މާލެ އައީ އެވެ. ރަޒާއަށް ގުޅުމުން ދާރިޔާ އެކަނި ރަށުގައިކަން އެނގިގެން ގުޅީ އެވެ. ދާރިޔާ އިރުކޮޅެއް ވަންދެން އުޝްވާއާ ވާހަކަދައްކަން އޮތެވެ. އޭނައަށް ނިދުނީ ފޯނު ބާއްވާފައި އަނެއްކާ ވެސް ރަޒާ އޮންނަ ފަޅިއަށް ބަލަން އޮތްވަ އެވެ.

ހުވަފެނުގައި ދާރިޔާއަށް ފެނުނީ ރަޒާ އައިސް އެނދަށް އަރައި ކައިރީގައި އޮތްވަ އެވެ. އޭނަގެ އުނަގަނޑުގައި އަތުން ވަށާލައިފައި ގެނެސް މޭގައި ޖައްސާލި ތަނެވެ. ހުވަފެނެއްކަން އޭނައަށް އެނގުނީ ހޭލެވުނީމަ އެވެ. ހައިރާންވެފައި އޭނައަށް އެކަމާއި ވިސްނަން އިނދެވުނެވެ. ދޮރުގައި ތަޅާ އަޑު އިވިގެން ސިހިފައި ދިޔައިރު މަންމަ އެވެ.

ފަތިސް ނަމާދުކުރަން ގެއަށް ދާ ވާހަކަ ބުނުމުން ދާރިޔާ ބޯޖަހައިލި އެވެ.

ތިންވަނައަށް ވީ ދުވަހު ރަޒާ ގުޅާފައި އެރޭ އަންނަ ވާހަކަ ބުންޏެވެ. އެރޭ ކުދިން ނިންދަން ދާރިޔާ އޮތްވާ ކޮޓަރީގައި ޓަކިދޭ އަޑު އައެވެ. ގޭގައި އެކަނި އުޅޭތީ ދާރިޔާ އޮތީ ތަޅުލައިގެންނެވެ. ނިދިފައި އޮތް ކުދިވެރިންނަށް ބަލާލައިފައި އޭނާ ތެދުވެގެން އެދިމާއަށް ދިޔަ އެވެ. ރަޒާ މަސައްކަތް ނިންމާފައި އެހާ އަވަހަށް އަންނާނެ ކަމަކަށް އޭނަ އުންމީދެއް ނުކުރެ އެވެ. އޭނަ ހީކުރީ ރަޒާ އަންނާނީ ދަންވާން ކައިރިވެފައި ހުއްޓާ ކަމަށެވެ. އެކަމަކު ތަޅުދަނޑިތައް ހުންނަ ތަން ރަޒާއަށް އެނގޭނެއޭ ހިތަށް އެރި އެވެ.

ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ދުންޔާ އެވެ. ދާރިޔާ ހައިރާންވެފައި ހުރެގެން ނިކުތެވެ. ދުންޔާގެ ފަހަތުން އޭނަގެ ނަޒަރު ހުއްޓުނީ ސޯފާގައި ފުރަގަސްދީގެން އިން ފިރިހެނަކަށެވެ. ދޮރު ލެއްޕި އަޑާއެކު އެމީހާ ކޮޅަށް ތެދުވިތަން ފެނުނެވެ. އެނބުރި ބަލައިލުމާއެކު ދާރިޔާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ. ކައިރީގައި ހުރި ފާރުގައި އަތްޖައްސާ ނުލެވުނު ނަމަ ކޮޅަށް ހުރެވިދާނެ ކަމާއިމެދު ޝައްކެވެ.

ސޯފާތަކުގެ ކައިރީގައި ހުރީ ދެވަނަ ދެމީހެއް ނޫނެވެ. ނާހިލް އެވެ.

ފެންނަމުން މިދަނީ ހުވަފެނަކަށް ވުމަށް އެދި ދާރިޔާއަށް ހިތާއި ހިތުން ދުޢާކޮށްލެވުނެވެ. ދުންޔާގެ މޫނަށް ބަލައިލީ ދުންޔާ އޭނަގެ ޝައްކު ދުރުކޮށްދޭތޯ އެވެ.

"ރިއާ! އާ ޔޫ އޯކޭ؟" ދާރިޔާގެ ރީނދޫވެފައިވާ ކުލަވަރު ފެނިފައި ދުންޔާ އޯގާތެރި އަޑަކުން އެހި އެވެ.

ކޮއްކޮގެ މައްޗަށް އޭނަގެ ހިތުގައި ހަމްދަރްދީ ހިނގައިލި އެވެ.

"އެއީ.... އެއީ ހަމަ އަސްލުވެސް ނާހިލްތަ؟" ދާރިޔާ މަޑުމަޑުން އަހައިލި އެވެ.

ދުންޔާ ބޯޖަހައިލުމުން އޭނަ ދެވަނަ ފަހަރަށް ބަލާލިއިރު ނާހިލްގެ މޫނުން އެހެންޏާ ނުފެންނަ ކުލައެއް ފެނުނު ހެން ހީވި އެވެ. އެއީ މޮޅިވެރިކަމެވެ.

ބަލަން ހުރެލައިފައި ނާހިލް ކައިރިއަށް އަންނަން ހިނގައިގަތުމާއެކު ދާރިޔާއަށް ޖެހިލެވުނީ ފަހަތަށެވެ. ނާހިލްއަށް އެކަން ފާހަގަވެގެން ހުއްޓުނެވެ.

"މާފުކުރޭ އަންގާނުލާ މިގޮތަށް އަންނަން ޖެހުނީމަ. އަހަރެން ކުރިން ވެސް ދެފަހަރަކު ގުޅިން. ފަހުން ނުގުޅަންވެގެން ހުރީ. އެކަމަކު މިހާރު މަންމަ އޮތް ހާލަތުން މާދަމާ ވެސް ފަހު ނޭވާ ދޫނުކުރާނެ ކަމެއް ނޭނގެ." ޖުމްލައިގެ ފަހުކޮޅަށް އައިއިރު ނާހިލްގެ އަޑަށް ބަދަލު އައެވެ.

"ރިއާ ޝީޒް ޑައިން...އަދި މަރުގެ ތުންފަތްމަތީ އޮވެގެން ތަކުރާރުކޮށް އެދެމުން ދަނީ ރިއާ މަންމަގެ ކައިރިއަށް ގެންދިއުމަށް. އަހަރެންނަށް އެހެން ގޮތެއް އޮތްނަމަ އަހަރެން މިއަދު ރިއާގެ ކުރިމައްޗަކު ނުހުންނާނަން.."ނާހިލް އަސަރާއެކު ވާހަކަދެއްކި އެވެ.

އެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.

"ދުންޔާ އޭނަ މިގެއިން ނެރޭ!" ދުންޔާގެ މޫނަށް ބަލައިލަމުން ދާރިޔާ ވާހަކަދެއްކި އެވެ.

ދުންޔާ ވެސް އޭނަގެ އެހިތްވަރުން ހައިރާންވި އެވެ.

"ރިއާ ޕްލީޒް ތިހެން ނުހަދާ! އަހަރެން މަންމަ ބޭނުންވަނީ ރިއާގެ މަޢާފު. އެހެންނޫނީ ކަށްވަޅުގައި ވެސް މަންމައަށް ހަމަޖެހުމެއް ނުލިބޭނެ." ދާރިޔާ ދޮރާއި ކުރިމަތިލުމާއެކު ނާހިލް ކައިރިއަށް އަންނަމުން އާދޭސް ކުރި އެވެ.

އެކަމަކު ދާރިޔާ އެއަޑެއް ނާހަ އެވެ. ދޮރު ހުޅުވާލައިފައި އޭނަ ވަނީ އެތެރެއަށެވެ.

"ރިއާ ޕްލީޒް އަހަރެން މިދައްކާ އަޑު އަހާބަލަ!" ދޮރު ލައްޕަންވެގެން ކައިރިކުރަނިކޮށް ނާހިލް ފެނުނީ ކުރިމަތިންނެވެ.

ދާރިޔާއަށް ލިބުނު ސިހުމުގައި ބާރަކަށް ދޮރު ލައްޕާލެވުނެވެ. އަވަހަށް ތަޅަށް އޮބާލައިފައި އޭނަ ޖެހުނީ ދެ ފިޔަވަޅު ފަހަތަށެވެ. ނާހިލް ދޮރުފަތުގައި ތަޅަމުން ކޮންމެވެސް އެއްޗެކޭ ކިޔާ އަޑު އިވުނެވެ. ދާރިޔާ އަޑު ނާހަން ވެގެން ދެއަތް އެޅީ ކަންފަތުގަ އެވެ. އިރުކޮޅެއް ވަންދެން އޭނަ އެހެން ހުއްޓެވެ. ދެން އަތް ނެގިއިރު އެއްވެސް އަޑެއް ނީވެ އެވެ. ބަލަބަލާ ހުއްޓާ އެސްފިޔަތަކުގެ ފުރަގަހަށް ގިނަވި ކަރުނަތައް ބަންޑުންވެގެން ކޯތާފަތުން ތިރިއަށް ދެމެން ފަށައިފި އެވެ.

ދެތުންފަތް ތުރުތުރު އަޅާލުމާއެކު ގިސްލެވެން ފެށި އެވެ. ދާރިޔާ އަވަހަށް އަނގަމަތީ އަތް އަޅާ ބާރުކޮށްލައިފައި ދުވީ ފާޚާނާއާ ދިމާއަށެވެ. އޭނަ ރޯ އަޑު އިވިގެން ކުދިން ހޭލަފާނެ ކަމުގެ ބިރު ހިތަށް ވަނެވެ.

މަތިޖަހާފައި ހުރި ފާޚާނާތަށި މަތީ އިށީންދެފައި ދެއަތުގެ އިނގިލިތައް މަހާލީ އިސްތަށިގަނޑު ތެރެއަށެވެ. ނާހިލް ކުރިމަތިން ފެނުމުން އޭނަ ފަހަތަށް ދޫކޮށްފައި އައި ހިތި ހަނދާންތައް ނިއުޅިގެން ލޯމަތިން ފެންނަން ފަށައިފި އެވެ. ނާހިލްގެ ފަރާތުން ލިބިފައިވާ އަނިޔާތައް ހަނދާންވުމުން ހީވީ އެދުވަސްތަކުގެ ތެރެއަށް އަނބުރާ ދެވުނު ހެންނެވެ. ކޮންޓްރޯލް ކުރަން މަސައްކަތް ކުރިވަރަކަށް ކަރުނަތައް ވީ އިތުރެވެ. ނޭފަތުން ވެސް ފެން އަންނަނީ އެވެ. ރޮއި ރޮއި ގިނައިރު ވުމުން މުޅި މޫނުގެ މަސްތަކަށާއި އަނގައަށް ތަދުވާން ފެށި އެވެ. އެވަރުން ވެސް ހުއްޓާލެވޭ ގޮތެއް ނުވި އެވެ.

ދާރިޔާ އެންމެފަހުން ތެދުވެގެން ގޮސް މޫނު ދޮންނަ ތަށި ކައިރިއަށް ހުއްޓި އިސްކުރު ދޫކޮށްލި އެވެ. ގިސްލަމުން ދެއަތަށް ނެގުނުހާ އެންމެ ގިނައެއްކޮށް ފެން ނަގައި މޫނު ވިއްސަން ފެށި އެވެ. އިރުކޮޅެއްވީއިރު ލައިގެން ހުރި ހެދުމުގެ މޭމައްޗާއި އިސްތަށިގަނޑުގެ ބޮޑުބައެއް ވެސް އޮތީ ތެމިފަ އެވެ.

"ދާރިޔާ....!' އިރުގަނޑެއް ފަހުން ދޮރާއި ދިމާއިން ރަޒާގެ އަޑު އިވިފައި ދާރިޔާ ދިޔައީ ސިއްސައިގެންނެވެ.

ރުއިން މެދުކެނޑިގެން ދިޔައީ ވެސް ކުއްލިއަކަށެވެ. ރަޒާ އެއީ އޭނަ އެހާލަތުގައި ހުއްޓާ ފެންނަން އެދޭނެ އެންމެ ފަހު މީހާ އެވެ. ގަނޑުވެފައި ހުރެގެން ދާރިޔާ ހިތާއި ހިތުން ދުޢާކޮށްލީ އެއީ ހީވި ގޮތެއް ކަމަށް ވުމަށެވެ. ދޮރާއި ދިމާއިން އިތުރު އަޑެއް ނީވި ސިކުންތުކޮޅެއް ވުމުން މަޑުމަޑުން އެދިމާއަށް އެނބުރުނެވެ. ރަޒާ ފެނުމުން އަވަހަށް ފާޚާނާގެ ދޮރުފަތުގައި އަތް އަޅާފައި ލައްޕައިލަން އުޅުނެވެ. އެއަށްވުރެ ކުރިން ރަޒާ ހުޝިޔާރު ކަމާއިއެކު ދޮރުފަތުގައި ހިފަހައްޓައިފި އެވެ. -- ނުނިމޭ --

Popular