13 Mar 2018

ވާނަންހެ އެކުގައި

* މާޗް 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

މިޝްއަލް، ރައޫފްގެ ކޮޓަރިން ނިކުންއިރު ސިޓިންރޫމްގައި އެންމެން ތިބީ ބޮޑު މަޝްވަރާއެއްގައިހެން ހީވެއެވެ. މާއިންގެ އުނގުގައި ނޯޓްފޮތެއް އޮތެވެ. އަބާން އިނީ ފޯނެއްގައެވެ. ނައުޝީން އާއި ހަފީޒާ، މާއިންގެ ދެކައިރީތިބެ ނޯޓްކުރަންވީ އެއްޗެހި ކިޔައިދެމުން ދިޔައެވެ. އެއްފަރާތު ސޯފާގައި އަބާންގެ މަންމަ ރަމްލާ އާއި ބައްޕަ ނަޢީމް ތިއްބެވެ. މިޝްއަލް އައިސް އިށީނީ އަބާންގެ ކައިރީގައެވެ. އަބާން ދައްކަމުން ދިޔަ ވާހަކަ އޭނާއަށް އިވިފައި މަޝްވަރާ ކުރިއަށްދަނީ ކޮންކަމަކާއި ބެހޭގޮތުންކަން ނަގައިގަނެވުނެވެ.

ކުރިއަށްއޮތް ހަފުތާ ބަންދުގައި ކައިރި ރިސޯޓަކަށް އެންމެން ދަތުރެއްދާން ވަނީ ރާވާފައެވެ. އެއްދުވަހު މަޑުކުރާގޮތަށް އަބާން އެކޮމެޑޭޝަން ހަމަޖައްސަނީއެވެ. ޚަރަދުތައް ހިފަނީ އަބާންގެ ބައްޕައެވެ. ހަފީޒާ ނުދިޔަ ނަމަވެސް މިޝްއަލް ކައިރީ ދަތުރުގައި ބައިވެރިވުމަށް ބުނެލިއެވެ. މާއިންގެ ބެލެނިވެރިއެއްގެ ގޮތުގައެވެ. ނައުޝީން ވެސް ދާގޮތަށެވެ. އެއް އުމުރެއްގެ އެންމެން އެކުގައި ގޮސްގެން މަޖާވާނެވަރު މިޝްއަލްއަށް ނަގައިގަނެވުނެވެ. އެހިނދު މިޝްއަލްގެހިތަށް އެންމެ ފުރަތަމަވެސް އައީ ޒީބާގެ ނަމެވެ. މިކަހަލަ މަޖާ ދަތުރެއްގައި އޭނާ އާއި އެކު ޒީބާ ވުމަށް އެދެވުނެވެ. ނައުޝީން ލައްވާ ޒީބާ ބައިވެރިކުރުވުމަކީ އުނދަގޫކަމަކަށްނުވާނެއޭ ހިތަށް އެރުމުން އޭނާއަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.

ނޫރާ ނިންދަވާފައި ތެދުވި ޒީބާއަށް ބަލައިލެވުނީ މިޝްއަލްގެ ކޯލެއް އައިސް އިންތޯއެވެ. ސްކްރީނު ހުސްކޮން އޮތްތަން ފެނުމުން ޒީބާ ކުޑަކޮށް މާޔޫސްވިއެވެ. މިރޭ މިޝްއަލްއަށް މާ ބިޒީ ރެއަކަށްވީ ކަންނޭނގެއެވެ. އެހެންވިއަސް ދިހައެއްޖަހަންވާއިރަށް ކޯލެއް ނައިހެއް ނުދާނެއެވެ. މިޝްއަލްގެ ނަންބަރަށް ގުޅާލަން ވެގެން އުޅެނިކޮށް އެ ފޯނަށް އައީ ކޯލެކެވެ. އެ ނަންބަރު ފެނިފައި ޒީބާ ބަލަހައްޓައިގެން އިނެވެ. އެއްފަހަރު ކެނޑިފައި ދެވަނަފަހަރަށް ގުޅަންފެށުމުން ޒީބާ ފޯނު ނެގިއެވެ. އެކޮޅުން ބުނީ ކީކޭކަމެއް ނޭނގެއެވެ. އިރުކޮޅަކުން ޒީބާ ތެދުވެ ބުރުގާއެއް އަޅާލިއެވެ. ދެން ގެއިން ނިކުމެ ބޯދިއްކޮށްލާފައި ބަލައިލިއެވެ. ގޯޅީގެ މެދުގައި މަޑުކޮށްފައި އޮތް ކާރު ފެނިފައި ޒީބާ ގޮސް އަވަހަށް އެރީ އޭގެ އެންމެ ކުރީ ސީޓަށެވެ.

ނޫމާން ދިއްކޮށްލި ޓިކެޓްގައި ޒީބާ ހިފައި ބަލަހައްޓައިގެން އިނެވެ.

"މި ޓްރިޕް ނިމޭއިރު ރަނގަޅު އެއްޗެއް ލިބޭނެ" ނޫމާން ބުނެލިއެވެ،

އެ އަޑު އަހާފައި ޒީބާ ކަންބޮޑުވިއެވެ.

"ވޯންޓް ބީ ފްރީ ފުރޮމް އިޓް، އަހަރެން މިނިވަންކަން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ބޭނުމެއް ނޫން.،" ޒީބާގެ ދެލޯ ފުރިގެން ދިޔައީ ކަރުނުންނެވެ. އިސްއޮބާލައިގެން އިންދާ ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

"އިޓްސް އަ ވަންވޭ ޒީބާ، ޔޫ ކާންޓް އިވެން ކަމް ބެކް، މި ހުރިހާ ކަމަކުން މިނިވަންވެގެން މީހުންގެ އިހްތިރާމްލިބޭނެކަމަށް ހީކުރީތަ؟ ހުރިހާ ކަމެއްގައި ބައިވެރިވީ ޒީބާ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މީހަކު މަޖުބޫރުކޮށްގެންނެއް ނޫން، މިހާރު އިތުރަށް ވިސްނަންޖެހޭކަމެއް ނޯންނާނެ، އަހަރެން އަންނާނަން ޒީބާ ބަލާ،" ނޫމާން ބުނެލިއެވެ. ޒީބާގެ ދެކަންފަތުގައި ހޫނު އެއްޗެއް ޖެއްސިހެން ހީވިއެވެ. ނޫމާން އެ ބުނީ ނުވަދިހަ ނުވަ ޕަސެންޓްމީހުންގެ ވިސްނުން ހުންނާނެ ގޮތް ކަންނޭނގެއެވެ. އެކަމަކު އެންމެ މީހަކު ނަމަވެސް އޭނާއަށް ޤަދަރުކުރެއެވެ.

ޒީބާ ދެއަތުން ޓިކެޓް ބޮނޑިކޮށްލާފައި ނޫމާންގެ އުނގަށް އެއްލައިލިއެވެ. އަދި ނިކުންނަން އުޅުމުން އޭނާގެ އަތުގައި ނިކަން ބާރަށް ހިފައި ދަމައިގަތެވެ.

''މީހަކު ދައްކާ ދަޅައަށް ހެއްލެންޖެހޭ ފެންވަރުގެ މީހެއް ނޫން ޒީބާ އަކީ، މީހަކު ލޯބިވޭ ބުނާއިރަށް ކޮންމެ ފަހަރަކު ޒީބާ މާ އަޚްލާޤް ރަނގަޅުމީހަކަށްވެގަންނާނެ، ދެތިން މަސްވާއިރަށް އެމީހަކު ގޮސް ފިލާނެ، އެނބުރި އަހަރެމެން ކައިރިއަށް އަންނަނީ ޒީބާ، މިފަހަރުވެސް ވާނީ ތިހެން، " ނޫމާން އަނެއްއަތުން ޝަހާދަތް އިނގިލި އުފުލައިގެން ހުރެ ހަރުކަށިބަސްތަކުން ޒީބާގެ ހިތް ކިލަނބުކުރަމުން ދިޔައެވެ. ޒީބާ ނުރުހިފައި ނޫމާންގެ އަތް ފޮޅާލިއެވެ. އެކަމަކު ކާރުން ނިކުންނާކަށް ނޫޅެއެވެ. އެ ކީ އެއްޗިއްސާއި މެދު ވިސްނަން އިނީއެވެ.

"ނޫން، މިފަހަރު އެހެންނެއް ނުވާނެ، އެންމެން ދިޔަޔަސް އޭނާ އަހަރެން ދޫކޮށެއްނުލާނެ، ދޫކޮށްލަންޖެހޭނީ އަހަރެން، އެވެސް އަހަރެންގެ ގޮތެއް ނެތް ދިރިއުޅުން" ޒީބާގެ ހިތުގެ އަޑު އިއްވައިލިއެވެ. މިޝްއަލްއަށް ކުރާ އިތުބާރު ހާމަކުރުމުން ނޫމާން ދަތްކުނޑިވިކައިގަތެވެ.

"އޭނާ ހާދަ ވިހައެއް އަޅައިދީފައޭ ތިހުރީ، އޯކޭ، ދޭބަލަ އޭނަ ކައިރިއަށް، ތިކަންތައް ދާ ހިސާބެއް އަހަރެން ބަލާލާނަން، އަދިވެސް އޭނާ ކަރާފެޅުމެއް ނުހުއްޓާތަ؟ އަހަރެން ހީކުރީ......" ނޫމާން ގެ ގިރުވާނުގައި ދެއަތުން ޒީބާ ހިފުމުން ނޫމާންގެ ދޫ ބަންދުވި ކަހަލައެވެ.

"ހޭވް ޔޫ ޑަން އެނީތިން؟" ޒީބާ ދެލޮލުގެ ކަރުނަތަކުގެ ތެރެއިން ރުޅިވެރިކަން ފާޅުވިއެވެ. ޒީބާގެ ދެއަތް ދުރަށްޖައްސާލާފައި ނޫމާން ގަމީސް ރީތިކޮށްލިއެވެ.

"ނޮޓް ޔެޓް، އެކަމަކު ދެން ޖެހޭނީ ކުރަން، " ނޫމާން އާއި ދިމާލަށް ޒީބާ ދެލޯ އަޅާލިއަސް އޭނާ ފަރުވާލެއް ނެތް ފަދައެވެ. ޒީބާ ނިކުމެގެން ދިއުމުން މުށްކަވާފައި ސަރަކައިގައި ޖަހާލީ އައި ރުޅި އެ ހިސާބަށް ކޮންޓްރޯލްކުރަންވެގެންނެވެ، ގޮނޑީގައި ލެނގިލައިގެން އިނދެ ނޫމާން ހިސާބަކަށް ފަޅަން ފަށާފައި ހުރި ތުނބުޅީގައި އަތް ކާއްތާލިއެވެ،. ކުރާ ކަމެއް އަވަހަށް ކުރަންވީއޭ ހިތަށް އެރުމުން އޭނާ ބަލައިލީ ފޯނު ނަގައި ކަލަންޑަރަށެވެ. ފުރަން އޮތީ ދެދުވަހެވެ،. ކުރާ ކަމެއް ކުރަންވީ މި ދެދުވަހޭ ހިތަށް އެރިއެވެ.

ހެނދުނު އޮފީހަށް ދާން ނިކުން ޒީބާ ހައިރާންވީ އެގޭދޮރުމަތީ ސައިކަލެއްގައި މިޝްއަލް މަޑުކޮށްގެން އިނުމުންނެވެ. ޒީބާ ފެނުމާއި އެކު މިޝްއަލް ދެއަތުން ކަންފަތުގެ ފޫޅުގަނޑުގައި އަތް ޖައްސާލައި މަޢާފަށް އެދޭފަދަ ހަރަކާތެއް ކުރިއެވެ. އެދިމާލަށް ހިނގައިގެންއިރު ޒީބާގެ މޫނުމަތިން ނުތަނަވަސްކަން ފިލައި ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ޒީބާ ގޮސް މިޝްއަލްގެ ފަހަތުގައި އިށީނުމުން މިޝްއަލް ވާހަކަފެށީ ސައިކަލު ދުއްވަމުންނެވެ. ރޭގައި މާބޮޑު މަޝްވަރާއެއްގައި ތިބެފައި ނިމުނުއިރު މާބޮޑަށް ލަސްވެފައިހުރީތީ ޒީބާ އޮންނާނީ ނިދާފައޭ ހިތައި ނުގުޅީކަމުގައި ބުނެލިއެވެ.

"މިރޭ އަހަރެން މުޅިން ފްރީވާނެ. އަންނާނަން ޒީބާ ބަލާ، ވަރަށް ޚާއްސަތަނަކަށް ގެންދަން" މިޝްއަލް ބުނެލިއެވެ. ޒީބާ ސުވާލުއުފެދިފައި ހުރެ ކޮންތަނަކަށްތޯ އަހާލިއެވެ،

"އެއީ ސިއްރެއް، ގަޑިއަށް ތައްޔާރުވާތި، ޝާރޕް އެއިޓް، ނޫރާވެސް ބޭނުމިއްޔާ ގެންދެވިދާނެ" މިޝްއަލް މަޑުކުރީ ޒީބާގެ އޮފީސް ދޮރުމައްޗަށެވެ. ޒީބާ އެއްބަސްވެފައި އަވަސްވެގަތީ ގަޑިޖެހުމުގެ ކުރިން އޮފީހަށް ވަދެވޭތޯއެވެ. މިޝްއަލް ދެން މިސްރާބުޖެހީ ޖީބުގައިވާ ލިސްޓަށް އެއްޗެހި ހަމަކުރުމަށެވެ. މިރެއަކީ މާއިން ރަންކިޔާ ރެއަށްވާތީ ހެކިވެރިންނަށް ކުޑަ ސަޔެއްދޭން މަންމަ އޮތީ ނިންމާފައެވެ. މިއަދު ޑިއުޓީއަށް ސަލާމްބުނެފައި މިޝްއަލް އުޅެނީ މިކަމުގައެވެ. ބައްޕަ ބަލިވެއުޅޭތީ އޭނާއަށްވަނީ ބައްޕަގެ ސައިކަލުވެސް ލިބިފައެވެ.

އެއްޗެހި ގަނެގެން ގެއަށް ވަންއިރު މަންމަ އާއި އެކު ބަދިގޭގައި މާއިން ހުއްޓެވެ. މިފަހަކަށް އައިސް މާއިންއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވެއެވެ. މީގެކުރިން ބަދިގެ ތެރެއިން ނުފެނުނަސް މިހާރު މަންމައަށް އެހީތެރިވުމުގައި މާއިން ހަރަކާތްތެރިވެއެވެ. މަންމަ އާއި މާއިންގެ ގުޅުން ވަރަށް ރަނގަޅުހެން ހީވެއެވެ. މިޝްއަލް ވަނުމުން ސައިބޯން ބުނެފައި ހަފީޒާ އަވަސްވެގަތީ މިޝްއަލްއަށް ސައިހަދައިދޭށެވެ. އެވަގުތަކީ މާއިންގެ ހެދުން ހިފައިގެން ނައުޝީން އައި ގަޑިއެވެ. މާއިން ބެލީ ހުރިކަމެއް ބަހައްޓާފައި ހެދުން ރަނގަޅުތޯ އެވެ. ނައުޝީން ގޮވައިގެން މާއިން ވަނީ އޭނާގެ ކޮޓަރިއަށެވެ.

"މަންމަ ބޭނުމީ މިގެއަށް ނައުޝީން ކަހަލަ ކުއްޖެއް ގެންނަން" މިޝްއަލް ކުރިމަތީ ސައިޖޯޑު ބަހައްޓަމުން ހަފީޒާ ބުނެލިއެވެ. މިޝްއަލްގެ ދެބުމަ އުފުލިގެން ދިޔައީ އިވުނު އަޑާއި މެދު ޔަޤީންނުވެ އިނދެއެވެ. މަންމަގެ މޫނަށް ބަލާލެވުނެވެ.

"މަންމައަށް އެނގެއެއްނު އަހަރެން އުޅެނި ޒީބާއާއި ރައްޓެހިވެގެންކަން" މިޝްއަލް ބުނެލިއެވެ.

"މަންމަ ޤަބޫލުކަމެއް ނޫން ތިއީ، މިޝްއަލް ޒީބާ އާއި އިނުމަކުން ނެތް މައްސަލައެއް، މައްސަލައަކީ މިޝްއަލްއަށް ގުޅުން ނެތް ގިނަ ޒިންމާތަކެއް ނަގަން ޖެހުން، ޚަރަދުގެ ގޮތުންވެސް އިތުރު ބުރައެއް ލިބިގެންދާނެ، " މަންމަ މުޚާތަބުކުރަމުން ގެންދަނީ ނޫރާ އާއި ބެހޭގޮތުންކަން އެނގުމުން މިޝްއަލް ކަރުއެލުވާލިއެވެ. މަންމައަށް ވިސްނައިދޭނެގޮތެއް މިހާތަނަށްވެސް އޭނާއަށް ވިސްނިފައިނެތީތީއެވެ.

"މަންމަގެ ރުހުން ނެތް ކަމެއްގެ ގޮތުގައި މިޝްއަލް ކުރިއަށް ގެންދޭ، " ހަފީޒާ ބަހެއް އެއްލާފައި އަވަސްވެގަތީ ބަދިގެއިން ނިކުންނާށެވެ. ކުރިމަތީގައި ހުރި ސައިޖޯޑަށް މިޝްއަލް ބަލައިލީ ފޫހިގޮތަކަށެވެ. އެއަށްފަހު ހުރިހާ އެއްޗެއް ބަހައްޓާފައި އޭނާ މޭޒުދޮށުން ތެދުވީ އަރުތެރެއަށް އެއްވެސް އެއްޗެއްނުލައެވެ.

ދުވަސް ހީވީ ދިގުލައި ދިޔަހެންނެވެ. މިޝްއަލް އޮތީ ހެނދުނުންފެށިގެން ކޮޓަރީގައެވެ. އިރުއޮއްސުނު ފަހުން ނިކުންއިރު ގޭތެރޭގައި ކާއެއްޗެހީގެ މީރު ވަސްގަނޑު ހުއްޓެވެ. އިޝާނަމާދަށްފަހު ހެކިވެރިން އަންނާތީ ތައްޔާރުވަމުން ދިޔައެވެ. މިޝްއަލް އެ އުފަލުގައި ބައިވެރިވިއެވެ. މާއިން އުފަލުގައި ހުރިތަން ފެނުމުން އޭނާއަށް އުފާވެރިކަން ލިބުނެވެ. ރަންކިއުމުގެ ކަންތައް ނިމި އެންމެން ކެއުމުގައި ބައިވެރިވި ގަޑީގައި މިޝްއަލް ނިކުތީ ބޭރަށެވެ. މިފަދަ އުފާވެރިރެއެއް އޭނާއަށް ލިބުމަށް އެދެއެވެ. މައިންބަފައިންގެ ރުހުމާއި އެކުގައެވެ.

ޒީބާ ބަލާދިޔައިރު އޭނާ އިނީ މިޝްއަލްގެ އިންތިޒާރުގައެވެ. މިޝްއަލްއަށްޓަކައި ރީތިވެގެންނެވެ. އަޅިކުލައިގެ ޝޯވްލް އަކާއި އަތްދިގު ޓޮޕެކެވެ. ދެން ޖީންސެކެވެ. ޒީބާ އާއި ގުޅެނީވެސް އެގޮތެވެ. މިޝްއަލް އާއި އެކު ދަމުން ގެންދަނީ ކޮންތަނަކަށްތޯ ޒީބާ ސުވާލުކުރިއެވެ.މިޝްއަލް އެދުނީ ދެވެންދެން މަޑުކުރުމަށެވެ.

މިޝްއަލް މަޑުކުރީ ގާޑިޔާ ދޮށަށެވެ. ދެމީހުންނަށް މަޖާ ހަދައިދިނުމަށް އެދިފައި ޒީބާ ކައިރީ ކަމުދޭތޯ އަހާލިއެވެ. މަޖަލަކީ ޒީބާއަށް އަބަދުވެސް ކަމުދާ އެއްޗެކެވެ. ޒީބާގެ މޫނުމައްޗަށް ހިނިތުންވުން އައީ އެހެންވެއެވެ. އޭނާއަށް މަޖާ ކަމުދާ ކަމެއް މިޝްއަލްއަށް އެނގުނީ ކިހިނެއްތޯ އަހާލެވުނެވެ.

"އަހަރެމެން ދެމީހުންގެ ބެސްޓް ފްރެންޑަކީ އެކަކު" މިޝްއަލް އެބުނީ ނައުޝީންގެ ވާހަކަކަން ޒީބާއަށް އެނގެއެވެ. ތެދެކެވެ. ޒީބާގެ ހުރިހާ މައުލޫމާތެއް އެނގޭނީ ނައުޝީންއަށެވެ.

"ތި އަދި ނޭނގޭކަމެއް" ޒީބާވެސް ސަމާސާކުރިއެވެ. މިޝްއަލް އާއި ނައުޝީން އެހާ އެކުވެރިކަމެއް ނޭނގެއެވެ. ދެ ތަށި މަޖާ ގެނެސް ކާންފެށިއެވެ. މިޝްއަލްއަށް އޭގެން އެތިކޮޅެއް ކުޅިކަމުން ކުރިއަށް ދެވެނީ ވަރަށް ލަސްލަހުންނެވެ. ޒީބާ ތަށި ހުސްކޮށްލާފައި ބެހެއްޓިއިރު މިޝްއަލްއަށް އަދި ދެބައި ކޮށްފައި އެއްބައިވެސް ކުރިއަށް ނުގެންދެވެއެވެ. ދޭތެރެއަކުން ޓީޝޫކޮޅަކުން ނޭފަތް ފޮހެލާފައި ކާން މަސައްކަތްކުރާގޮތް ފެނި ޒީބާ ގާތަށް ހިނިވެސް އާދެއެވެ.

ވަރަށް ހާލުން މަޖާތަށި ކައި ނިމިގެން މިޝްއަލް ފެންފުޅިއެއް ނަގައިގެން ހިނގައިގަތެވެ. އޭނާގެ ފަހަތުން ޒީބާ މަޑުމަޑުން ހިނގާފައި ދިޔައެވެ.

"މޮޔަކަމުން ކެއި އެއްޗެއް، މަގޭ މެއިން ދިލަވެސް ނަގާއެބަ" ފެންފޮދެއް ބޯލާފައި މިޝްއަލް ނޭފަތް ދަމާލިއެވެ. ޒީބާ އަނގަމަތީ އަތް އަޅާލީ ހިނިގަނޑު މައިތިރިކުރަންވެގެންނެވެ.

"އަދި ފިރިހެނަކަށް ނުވަނީ" ޒީބާ އެއްއަތުން މިޝްއަލްގެ ކޮނޑުގައި ޖަހާލިއެވެ،

"ނޫން ދިވެހި އަންހެނަކަށް އަދި ނުވެވެނީ، އެހާ ކުޅި އެއްޗެއް ކެވޭތަ؟ ފެންފޮދެއް ބޯންވެސް ނޫޅޭ، އަނެއްކާ އަހަރެން ތައްޓަށްތަ އެމީހާ ހުރިހާ މިރުހެއް އެޅީ" ކިބިއްސެއް އަންނަން އުޅޭހެން ހީވެ މިޝްއަލް ޓީޝޫ ނަގައި އަނގަމަތި ފޮރުވާލިއެވެ. ކިނބިހި ނުވެސް އެޅި އެހާ ހިސާބުން ހުއްޓުނެވެ. މިޝްއަލްގެ ނޭފަތަށް ނުބައި ތަދެއް ވިއެވެ.

"މިރުސް ފެންނައިރަށް ބިރުގަންނަ މީހުންނަށް ކުޅިވާނެ، އަދި މީހަކު ނޭފަތުން ފެންބާލާފައި ރޯވަރާ ގާތަށްވެސް ކުޅިއެއް ނޫން" ޒީބާގެ މޫނުމަތިން އޭނާއަށް އެއްވެސް ވަރަކަށް ކުޅި ނުވާކަން އެނގެއެވެ.

މީހުން މަދު ހިސާބެއްގައި މިޝްއަލް ޒީބާ އާއި އެކު އިށީނެވެ. ހަފްތާއެއްހާ ދުވަސްވެގެން ދިޔައިރު ޒީބާގެ ބީރައްޓެހިކަން މުޅިން ކެނޑިއްޖެއެވެ. ނޫރާގެ ބައެއް ވާހަކަތައް މިޝްއަލް ކައިރީ ކިޔައިދެއެވެ. އެވަރުން މިޝްއަލް ހިތްހަމަޖެހެއެވެ. މިޝްއަލް ޒީބާގެ އަތުގައި ހިފާލިއެވެ. މިޝްއަލްގެ އިނގިލިތައް ޒީބާގެ އިނގިލިތަކާއި މެހިގެންދިޔައިރު ޒީބާ އިނީ އެތަން ބަލާށެވެ. އެ ބީހުމުން އެތައްހާސް އުފާވެރިކަމެއް އޭނާގެ ހިތަށް ލިބުނެވެ.

މި ހަފުތާގައި މާއިންގެ ކައިވެނި ކުރެވޭ ވާހަކަ ޒީބާ ކައިރީ ބުނެލިއެވެ.

"ވަރަށް އަވަހަށް ހުރިހާ ކަމެއް ހަމަޖެހި އަހަރެމެންގެ ކައިވެނިވެސް ކުރެވޭނެ، އިންޝާ ﷲ، އަހަރެން ކެއްތެރިކަން ކުޑަވެއްޖެ ، އަހަރެންގެ ދުލުން ޒީބާ އަތްބެއްގެގޮތުގައި ޤަބޫލުކޮށްފީމޭ ބުނަން ވަރަށް ބޭނުން" ޒީބާގެ އިނގިލިތަކަށް ބާރުކޮށްލަމުން މިޝްއަލް ދޭންބޭނުންވީ އެ ބަސްތައް ތެދުކަމުގެ ޔަޤީންކަމެވެ. ޒީބާ ހިނިތުންވެލަމުން މިޝްއަލްގެ މޫނަށް ބަލާލިއެވެ. އުފާވެރިކަމުގެ ކަރުނަ އޭނާގެ ދެލޮލަށް ޖަމާވަމުން ދިޔައެވެ.

ދެމީހުންގެ މޫނަށް އަލިކަމެއް އެޅުމުން ބަލާލިއިރު އެމީހުންގެ ކުރިމައްޗަށް އައިސް ހުއްޓުނީ ނޫމާންގެ ކާރެވެ. ޒީބާގެ ހިތަށް ބިރުވެރިކަން ވަނެވެ. މިޝްއަލްގެ އަތުންއޭނާގެ އަތް ދަމައިގަނެވުނެވެ. އަދި ނިކަން އަވަހަށް ކޮޅަށް ތެދުވިއެވެ. ކާރުން ފޭބި ނޫމާން މިސްރާބު ހުރީ އެދެމީހުންނާއި ދިމާލަށެވެ. މިޝްއަލް ކޮޅަށް ތެދުވެ ނޫމާންއަށް ބަލައިލީ ނުރުހުމާއި އެކުގައެވެ. މިވަގުތު ޒީބާ ނެތި ނޫމާން އާއި ދިމާވިނަމަ ރަނގަޅޭ އޭނާގެ ހިތަށް އެރިއެވެ. ކިތަންމެ އިންޒާރެއް ދިނަސް ނޫމާން ފެނިގެން މިޝްއަލް ބިރެއް ނުގަނެއެވެ. އޭގެ ބަދަލުގައި މިހާރު އަންނަނީ ރުޅިއެވެ. ބައްޕައަށް އަނިޔާވިފަހުން ވަކިން ބޮޑަށެވެ.

ޒީބާ މިޝްއަލްގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ. މިޝްއަލް އާއި ކައިރިވެ ނޫމާންއަށް ބަލައިލީ ހަސަދަވެރިވޭހޭ އަހާލާފަދަ ގޮތަކަށެވެ. ނޫމާން އެއްމިޔަނުން ހީލާފައި އައިސް ހުއްޓުނީ މިޝްއަލްގެ ކުރިމަތީގައެވެ.

"އަހަރެން ހީކުރީ އަހަރެން ބުނެގެން ބަސްއަހާނެކަމަށް، " ނޫމާން ގެ އަނގައިން ދުވީ ސިނގިރޭޓްވަހެވެ.

"މީހަކު ޤަބޫލުކުރާނީ ހެޔޮ ނަޞޭހަތެއް ދިން ނަމައެއްނު" މިޝްއަލް މަލާމާތްކޮށްލިއެވެ. ނޫމާން ދެލޯ ހަނިކޮށްލާފައި ޒީބާއަށް ބަލާލިއެވެ.

"އައި ހެވް ޔޫސްޑް ހާރ ، ކަލެއަށް ތި ލިބުނީ ބާއެއްޗެއްނު" ނޫމާން ބަލައިލީ ޒީބާއަށެވެ. ޒީބާ ލަދުން އިސްޖަހާލިތަން ފެނި އޭނާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. މިޝްއަލް އާއި ދުރަށް ޖެހެން ޒީބާ އުޅުނުހެން ހީވެ މިޝްއަލް ޒީބާގެ އަތުގައި ހިފަހައްޓާލިއެވެ. ޒީބާ ބިރުން ހުރެ ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ނޫމާން ކަމެއް ކޮށްފާނެކަމުގެ ބިރަށް މިޝްއަލް ގޮވައިގެން އެތަނުން ދާން ބޭނުންވިއެވެ.

" ލޯބިވާން ނޭނގޭމީހަކަށް ކުރެވޭނީ އެކަހަލަ ކަމެއްނު، އެއްބަޔަކަށް މުހިއްމީ ޖިސްމާނީ އުފާތައް ، ޔޫ ހޭވް ނެވަރ ލަވްޑް ހަރ" މިޝްއަލް ޝަހާދަތް އިނގިލި އުފުލައިލިއެވެ. ޒީބާ މިޝްއަލްގެ މޫނަށް ބަލާލިގޮތަށް އެމޫނަށް ގެއްލިފައި ހުރެވުނީއެވެ. މިޝްއަލް އަބަދުވެސް އޭނާއަށް ޤަދަރުކުރާކަން އެނގުމުން މިޝްއަލްގެ ޤަދަރު އޭނާގެ ހިތުގައި އުފުލުނެވެ.

"އޭނަ ދެކެ ލޯބިވާވަރުގެ ކޯއްޗެއްތަ އޮތީ؟" ނޫމާން ޒީބާއަށް ބަލާލަމުން މަލާމާތްކޮށްލިއެވެ.

"ވިއްސާރަ ދުނީގެ ހުންނަ ފުރިހަމަ ކުލަތައް ފެނުމުގެ ނަޞީބު ނެތް މީހަކަށް ކިހިނެއް ފެންނާނީ؟" މިޝްއަލް ރައްދުގައި ބުނެލިއެވެ. -- ނުނިމޭ --

Popular