15 Mar 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* މާޗް 12 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ރަޒާ ފެނުމުން އަވަހަށް ފާޚާނާގެ ދޮރުފަތުގައި އަތް އަޅާފައި ލައްޕައިލަން އުޅުނެވެ. އެއަށްވުރެ ކުރިން ރަޒާ ހުޝިޔާރު ކަމާއިއެކު ދޮރުފަތުގައި ހިފަހައްޓައިފި އެވެ. ހަދާނެ ގޮތް ހުސްވެފައި ދާރިޔާއަށް ބަލަން ހުރެވުނީ އެވެ. ރަޒާ އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ އެވެ. ކޯކަށިގަނޑު ހަރަކާތް ކުރިގޮތުން އޭނަ ހިތްހަމަނުޖެހިފައި ވާކަން ހާމަކޮށްދިނެވެ.

"އަހަރެން ހެދުމެއް ހިފައިގެން އަންނާންދެން ދޮރު ނުލައްޕާ ހުންނާތި!" ރަޒާ ވާހަކަދެއްކިއިރު އަޑުގައި ހަރުކަށި ކަމެއް ނެތެވެ.

ދާރިޔާ ހުރީ ގުޑިލަން ވެސް ނުކެރިފަ އެވެ. ދާން އެނބުރުމުގެ ކުރިން ރަޒާ ދޮރުފަތް އެއްކޮށް ހުޅުވައިލި އެވެ. ދާރިޔާ ބުދެއްހެން ގަނޑުވެފައި ހުއްޓާ ގިނައިރެއްނުވެ ދޮރުމަތިން ފިޔަވަޅުގެ އަޑު އައެވެ. ފާޚާނާތެރެއަށް އެއްފިޔަވަޅު އަޅާފައި ރަޒާގެ އަތުގައި ހުރި އަންނައުނުތައް ދިއްކޮށްލި އެވެ. އަނެއް އަތުގައި ތުވާއްޔެއް އޮތެވެ. ދާރިޔާ އަންނައުނުތަކުގައި ހިފުމުން އޭނަ ފުރަގަސްދީފައި ނިކުތީ ބޭރަށެވެ.

ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ދާރިޔާ ނިކުތެވެ. ރުއިމުގެ ސަބަބުން އެމޫނާއި ނޭފަތު ކުރި ހުރީ ފިޔާތޮށިވެފަ އެވެ. ލޮލުގައި ރަތްކަމެވެ. ރަޒާ އެނބުރިފައި އައިސް ތުވާލި ނިއުޅާލުމަށްފަހު ދާރިޔާގެ ތެތް އިސްތަށިގަޑު ހިއްކަދޭން ފެށި އެވެ.

ދާރިޔާގެ ނަޒަރު ފުރަތަމަ ހުއްޓުނީ އެލޮލަށެވެ.

"ލެޓް މީ!" އޭނަ ތުވާލީގައި ހިފަން ވެގެން އަތް ގެންދަނިކޮށް ރަޒާ އެދުނެވެ.

ދާރިޔާ ތުންފަތުގައި ދަތް އަޅާލައިފައި ދެއަތްތިލަ ގެނެސް ގުޅުވާލި އެވެ. އިނގިލިތަކުގައި ފިނި ހިފާފައި ވުމުން އަތުކުރީގައި ހިފާ ދަމާލައިފައި ކުރިއަށްވުރެ ބޮޑަށް ފޮރުވާލި އެވެ.

ފެންހިއްކާ ނިމިގެން ރަޒާ އޭނަގެ އަތުގައި ހިފައިގެން ގެންދިޔައީ ކޮޓަރިއަށެވެ. ދޮރު ހުޅުވާލައިފައި ވަދެ އަތުން ދޫކޮށްލުމުން ދާރިޔާއަށް ބަލައިލެވުނެވެ.

"އެބަ އަންނަން." ރަޒާ ބުނެލި އެވެ.

ދާރިޔާ ބޯޖަހައިލިތަން ބަލަން ހުރެފައި އޭނަ އެނބުރުނީ އަނެއްކާ ވެސް ދޮރާއި ދިމާއަށެވެ. ރަޒާ ނިކުމެ ދޮރު ލައްޕައިލުމުން ދާރިޔާ ގޮސް ހުއްޓުނީ ކަހާފައި ހުރި ފޮތިގަނޑު ކައިރިއަށެވެ. އޭނަ ބޭރު ބަލައިލާފައި އެނބުރި އައިސް ކައިރީގައި ހުރި ލައުންޖް ގޮނޑީގައި އިށީންދެލި އެވެ. އުނގުމަތީ އޮތް ދެއަތްތިލައަށް ބަލަން އިންދާ ރަޒާ އެނބުރި އައިސް ދޮރު ހުޅުވި އަޑު އިވުނެވެ. އިސްއުފުލާލުމުގެ ކުރިން ނޭފަތުގައި މައިލޯ ވަސް ޖެހުނެވެ.

ރަޒާ އައިސް ހުއްޓިފައި ތަބަކުގައި ހުރި ހޮޓް މައިލޯ ޖޯޑު ނަގައި ދާރިޔާގެ އަތަށް ދިނެވެ. ދާރިޔާ އޭގައި ހިފުމުން ތަބައް ގެންގޮސް ސައިޑު ޓޭބަލް މަތީ ބަހައްޓާފައި އައެވެ. ދާރިޔާ އޭރު އިނީ ޖޯޑު ވަށާލެވިފައިވާ އިނގިލިތަކަށް ބަލަހައްޓައިގެންނެވެ. އެއިން އެންމެ އެތިފޮދެއް ވެސް ބޯން އުޅޭފަދަ އިޝާރާތެއް އެމޫނަކުން ނުފެނެ އެވެ. ހީވަނީ ހިޔާލަކަށް ގެއްލިފައި އިން ހެންނެވެ.

ރަޒާ އިރުކޮޅެއް ވަންދެން ބަލަން ހުއްޓެވެ. ދެން ކައިރިވެލާފައި ދާރިޔާގެ ކައިރީގައި އިށީންދެ ބުރަކަށީގެ މަތިން ތިރިއަށް ވާނެހެން މަޑުމަޑުން ފިރުމަދޭން ފެށި އެވެ. ދާރިޔާ ސިހުނު ނަމަވެސް ރަޒާ ހުއްޓުވާކަށް ނޫޅުނެވެ. އިރުކޮޅަކުން ރަޒާގެ ކޮނޑުގައި ބޯ އަޅައިލި އެވެ. ރަޒާ އެދުމުން އޭނަ މައިލޯތަށި މެދާކަށް ޖެހެންދެން ބުއެވެ. ތިރީގައި ބަހައްޓާފައި ދެން އަނެއްކާ ވެސް ބޯ އަޅައިލީ ރަޒާގެ ކޮނޑުގަ އެވެ.

އެގޮތުގައި ދެމީހުން ތިބީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ. ދެމީހުން ކުރެ އެކަކު ވެސް ވާހަކައެއް ނުދައްކަ އެވެ. ދާރިޔާގެ ހިތާމަތަކުގައި ބައިވެރިވާކަން ރަޒާ އެންގީ ހިމޭންކަމުންނެވެ. ހަމައެގޮތަށް ރަޒާގެ އެބައިވެރިވުން ދާރިޔާ ބަލައިގަތީ ވެސް އެފަދައިންނެވެ. އެކަކު އަނެކަކުގެ ހިތާމަތަކުގައި ބައިވެރިވެ ވުމަށް ބައެއްފަހަރު ބަސްމޮށުންތެރިކަމެއް ބޭނުމެއް ނުވެ އެވެ. ބައެއްފަހަރު ހިމޭންކަމުން ފުދެ އެވެ. އެކުގައި ވުމުން ފުދެ އެވެ.

***

ނިދިން ހޭލެވުނުއިރު ދާރިޔާއަށް އޮވެވުނީ އެނދުގަ އެވެ. ރަޒާގެ ކައިރީގައި އިނދެފައި ތެދުވެގެން އެނދާއި ހަމައަށް އައި ހަނދާނެއް އޭނަ ނުވި އެވެ. ރަޒާ ކޮބައިތޯ ބަލަން އެނބުރުނުއިރު އެނދުގެ އަނެއްފަޅި އޮތީ ހުހަށެވެ. ދާރިޔާގެ ހިތް ތެޅިލި އެވެ. ގަޑި ބަލާލަން ވެގެން ފޯނު ނެގިއިރު އޮތީ ނިވިފަ އެވެ. ހޭވިފައިވާ އިސްތަށިގަނޑު އޮމާން ކުރުމެއްނެތި ފިނި މުށިތަކުމަތީ ދުވެލާފައި ގޮސް ދޮރު ހުޅުވައިލި އެވެ.

ފާރުގައި ހުރި ގަޑިން ހަގަޑި ބައިވަނީ އެވެ. ދޮރުފޮތިތައް ކަހާފައި ހުރުމުން ސިޓިންރޫމަށް ދުވާލުގެ އަލި އެޅިފައި ހުއްޓެވެ. ދާރިޔާ މަޑުނުކޮށް ދިޔައީ ބަދިގެއާ ދިމާއަށެވެ. ދޮރުން ބޯ ދިއްކޮށްލިއިރު ރަޒާ އުނދުން ކައިރީ ހުރީ ފުރަގަސްދީގެންނެވެ. ދާރިޔާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ބަލަން ނުހުރެ ދިގު ފިޔަވަޅުތަކެއްގައި ގޮސް ރަޒާގެ ފުރަގަހަށް ހުއްޓުނެވެ. ރަޒާ އެނބުރިލަން އުޅުނުހެން ހީވުމުން ދެއަތް އުފުލާލައިފައި ބަނޑާއި ހަމައިން ވަށާލައިފި އެވެ. އެހޫނު ހަމުގައި ކޯތާފަތް ޖައްސާލެވުމުން އަރާމު އިހްސާސެއް ކުރެވުނެވެ.

"ގުޑްމޯނިން ޓު ޔޫ ޓޫ..." ރަޒާ ވާހަކަދެއްކިއިރު ހިނިތުންވުމުގެ އަސަރު އަޑުގައިވި އެވެ.

ބަނޑާއި ހަމައިން ގުޅުވާލެފައި އޮތް ދިގު އިނގިލިތަކުގައި މަޑުމަޑުން ފިރުމާލައިފައި އަނެއް އަތުން އޭނަ އުނދުން ނިވާލި އެވެ.

"އަވަހަށް ހޭލެވުނީމަ ބަނޑުހައިވެގެން މިއުޅެނީ." ދާރިޔާގެ އިނގިލިތައް ވަކިކޮށްލާފައި މަގަތަށް އެނބުރެމުން ރަޒާ ވާހަކަދެއްކި އެވެ. "ބޭނުންތަ އޮމްލެޓެއް؟"

ދާރިޔާ މަޑުމަޑުން ބޯ ހޫރާލައިފައި ގޮސް ގޮނޑިއެއް ދަމާލައިގެން މޭޒު ދޮށުގައި އިށީނެވެ. ތަވާގައި އޮތް ބިސްގަނޑު ތައްޓަކަށްލައިގެން ރަޒާ ގެންގޮސް ބެހެއްޓީ ޖެހިގެން ހުރި ގޮނޑިއާ ކުރިމަތިވާ ތަނުގަ އެވެ. ފްރިޖުން ނެގި ޖޫސްޕެކެޓެއް ހިފައިގެން އިށީންދެފައި ދެތައްޓަށް އެޅުމަށްފަހު އެއްތަށި ދާރިޔާއާ ކައިރިއަށް ޖައްސައިލި އެވެ. ބަސް އަހާ ޅަކުއްޖެއް ފަދައިން ދާރިޔާ އޭގައި ހިފާފައި ލަސްލަހުން ބޯން ފެށި އެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ރަޒާ ބިސްގަނޑު ކާލައިފައި ޖޫސްތަށި ދަމާލައިފި އެވެ. މޭޒުމަތީ ހުރި ޓިޝޫ ފޮށްޓަކުން ޓިޝޫއެއް ނަގައި ތުންފުހެމުން ދާރިޔާ ވާހަކަދެއްކި އަޑަށް އެދިމާއަށް މޫނު އަނބުރައިލި އެވެ.

"ނާހިލް އެބައުޅޭ މިރަށުގަ." ދާރިޔާ އިސްއުފުލާލިއިރު ރަޒާގެ ނަޒަރު ހުރީ އެމޫނަށެވެ.

ރަޒާގެ ސަމާލުކަން ލިބުމުން ވާހަކަ ކުރިއަށް ގެންދަންވެގެން އޭނަ ޖޫސްތަށި ބެހެއްޓި އެވެ. ނާހިލް ދެއްކި ވާހަކަތައް އޭނަ ކުރުކޮށް ރަޒާއަށް ކިޔައިދިނެވެ.

"ދިއުމާ ނުދިއުމަކީ ރިއާގެ އަތްމަތީ އޮތްކަމެއް. އެކަކަށް ވެސް މަޖުބޫރެއް ނުކުރެވޭނެ." މޭޒުމަތީ އޮތް ދާރިޔާގެ އަތްތިލަ ނަގާ މުށުތެރޭ މަޑުމަޑުން ފިތާލަމުން ރަޒާ ވާހަކަދެއްކި އެވެ.

ހަތަރުކަޅި ހަމަވުމުން ރަޒާ އެހެން އެބުނީ ތެދުހިތުންކަން އެނގުނެވެ. ދާރިޔާ ބޯ ޖަހާލައިފައި ނަޒަރު ހުއްޓައިލީ ދުރަށެވެ.

"އަހަރެން ބޭނުމެއް ނޫން ދާކަށް. އެކަމަކު...." ދާރިޔާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެ އެވެ.

އޭނަ ދެން ވާހަކަދެއްކީ ރަޒާގެ މޫނަށް ބަލަން އިނދެ އެވެ.

"ފަހުން ރިގްރެޓް ކުރާކަށް ވެސް ބޭނުމެއް ނުވޭ މިހާރު. މަންމަ މަރުވުމަށްފަހު އަހަރެންގެ ހަޔާތުގެ ބާކީބައިގައި ހަމަޖެހުމެއް ނުލިބި އުޅެންޖެހިދާނެތީ ބިރުގަނޭ.." ދާރިޔާ ހާމަކުރި އެވެ.

"ކުށްވެރިންނަކީ އެމީހުން. ރިއާއެއް ނޫން. ރިގްރެޓް ކުރަން ޖެހޭ ބަޔަކީ ވެސް އެއީ. އެކަމުގެ ހެއްކެއް އޭނަ މިއަދު ރިއާ ހޯދަމުން މިގެއާ ހަމައަށް އައި އައުމަކީ." ދާރިޔާގެ ވާހަކައާ ދެކޮޅު ހެދުމުގެ ގޮތުން މަޑުމަޑުން ބޯ ހޫރާލައިފައި ރަޒާ ޖަވާބުދިނެވެ.

"އަހަރެން މަންމައަށް މާފުކުރާނަން. އެކަމަކު އަހަރެން އެކޮޅަކަށް ނުދާނަން. އަހަރެން ނާހިލް ކައިރީ ބުނާނީ މަންމައަށް އަހަރެންގެ ޖަވާބު ފޮނުވަދޭން. ތެދަށް ބުނަންޏާ ކުށްވެރިއަކީ މަންމައެއް ވެސް ނޫން. ނާހިލް. އަހަރެންނަށް އަނިޔާވެރި.... އަނިޔާވެރިވި މީހަކީ އެއީ. މަންމަގެ ވިސްނުން ހުރީ ދެމަފިރިން ދޭތެރެއަށް ނުވަދެ ދުރުގަ ހުރުން." ދާރިޔާއަށް ވާހަކަދައްކަން ދަތިވެގެން ރަޒާގެ އަތް ދުރަށް ޖައްސާލައިފައި ޖޫސްތަށީގެ ކައިރިފަށުގައި ޝަހާދަތް އިނގިލި ހިންގަން ފެށި އެވެ.

ރަޒާ އިތުރު ތަފްޞީލަށް އެދިފާނެތީ އޭނަ ކަންބޮޑުވި އެވެ. އެވާހަކަތަކަކީ އޭނައަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ.

"ރަނގަޅު ވާނެ." ރަޒާ ޖަވާބުދިންއަޑު އިވުނެވެ.

ދާރިޔާ އެނބުރުނުއިރު ރަޒާ ގޮނޑި ދުރުކޮށްލާފައި ތެދުވަނީ އެވެ. އޭނަ ހައިރާންވެފައި ބަލަން ފެށުމުން ރަޒާ ބުމަ އަރުވައިލި އެވެ. ދާރިޔާ މަޑުމަޑުން ބޯ ހޫރާލައިފައި ޖޫސްތަށި ނަގައިގެން ބޯންފެށި އެވެ.

"ހާސްނުވޭ. ރިއާ ކިޔައިދޭން ބޭނުން ނޫން ވާހަކަތަކެއް ކިޔައިދޭކަށް އަހަރެން ބާރެއް ނާޅާނަން." ރަޒާ އަތް އުފުލާލައިފައި ދާރިޔާގެ ކޮނޑުގައި ހިފާ ފިއްތާލަމުން ބުނެލި އެވެ.

ދާރިޔާއަށް ރައްދު ދެވެންވާއިރަށް އޭނަ އެނބުރިފައި ގޮސް ސިންކު ކައިރިއަށް ހުއްޓިއްޖެ އެވެ. ފުލުގައި ހުރި އެތިފޮދާއެކު ތަށި ބަހައްޓާފައި އެނބުރުނުއިރު ދާރިގެ އެސްފިޔަތަކުގެ ފުރަގަހުން ތެތްކަން އިހްސާސްވި އެވެ. އޭނަގެ އެންމެ ގާތްމީހުންނަށްވުރެ ބޮޑަށް ރަޒާއަށް އޭނަ އެނގެ އެވެ.

***

ދާރިޔާގެ ނިންމުގެ ވާހަކަ ނާހިލްއަށް އިއްވިއިރު ދުންޔާގެ އިތުރުން މަންމައާ ބައްޕަ ވެސް އެތާ އިނެވެ. ދާރިޔާ ހީކުރި ގޮތާއި ޚިލާފަށް ނާހިލް އެވާހަކައާ ދެކޮޅެއް ނުހަދަ އެވެ. އޭނައަށް ބާރު އަޅައިގެން ގެންދާކަށް މަސައްކަތެއް ނުކުރެ އެވެ. އެއާޚިލާފަށް ނާޙިލް އޭނައަށް ޝުކުރު އަދާކުރި އެވެ. ގެއަށް އަންނަން ވެގެން މަގުމައްޗަށް ނިކުތްފަހުން ފަހަތުން ނިކުމެ އޭނައަށް ގޮވާ ހުއްޓުވި އެވެ.

"އަހަރެންނަށް އިނގޭ އަހަރެންނަށް ރިއާގެ މާފު ހައްޤެއްނޫންކަން. އަހަރެން އުންމީދެއް ވެސް ނުކުރަން. އެކަމަކު... އެކަމަކު އަހަރެން ޤަބޫލު ކުރަން އަހަންނަށް ރިއާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށްކަން. އަދި އަހަރެން އެކަމަށް މާފަށް އެދެން." ގެއަށް އައިސް ކޮޓަރީގައި ހުރި ލައުންޖް ގޮނޑީގައި އިންއިރު ދާރިޔާގެ ސިކުނޑީގައި ހުރީ ނާހިލް އޭނައަށް އިއްވާފައި ދިޔަ ވާހަކަކޮޅެވެ.

މިފެންނަނީ ހުވަފެނެކޭ ހީވެފައި ދެފަހަރެއްގެ މަތީން އޭނަ ބޯ ހޫރައިލި އެވެ. އެކަމަކު އޭނައަކަށް ނުހޭލެވުނެވެ. އަތުގައި ވިކާލުމުން ތަދުވެގެން އާހެއްގެ އަޑު އިއްވާލެވުނެވެ. ލޮލުގެ ފުރަގަސް ހޫނުވެފައިވީ ގިނަވެގެން އޮހިގަތުމަށް ތައްޔާރުވެފައިވާ ކަރުނައިންނެވެ. އެތެރެހަށީގައި ކެކި އަރަމުންދިޔަ އުދާސްގަނޑު ރުއިމުގެ ސިފަ އިޚުތިޔާރުކޮށްގެން މިނިވަން ވުމަށް އެދި ގޮވަނީ އެވެ. ނުރޯންވެގެން ދެތުންފަތް ޖައްސާ ބާރުކޮށްގެން އިންއިރު މޫނުގެ މަސްތަކުގައި ރިއްސަ އެވެ.

"ކިހިނެއްވީ؟" ރަޒާގެ އަޑު އިވުނީ ދާދި ކައިރިންނެވެ.

ދާރިޔާ ސިހިފައި އިސްއުފުލާލިއިރު ރަޒާ ހުރީ ކުރިމަތީގަ އެވެ. އެލޮލުގައި ހައިރާންކަމާއި ކަންބޮޑުވުމެވެ. ރަޒާ އެތަނަށް އައި އިރެއް ވެސް އޭނައަކަށް ނޭނގުނެވެ. އެތާ ހުންނަތާ ވީ އިރެއް ވެސް ނޭނގެ އެވެ.

ދާރިޔާއަށް ކުރެވުނު ކަމަކީ ކޮޅަށް ތެދުވުމެވެ. ރަޒާއަށް ޖަވާބެއް ނުދެވެނީސް ފުރަތަމަ ކަރުނަ ތިކި ނީރާލައިފި އެވެ. އިތުރަށް ކޮންޓްރޯލް ނުވާނެކަން ޔަޤީންވުމުން ދެއަތުން މޫނު ފޮރުވައިލި އެވެ. ސިކުންތުކޮޅެއް ފަހުން ރަޒާގެ ބާރުގަދަ ދެއަތުން އޭނަ ވަށައިލިކަން އިހްސާސްވި އެވެ. ތުރުތުރު އަޅަމުންދިޔަ ދެތުންފަތް ފޫދުއްވާލައިފައި ރުއިމުގެ އަޑު ބޭރުވާން ފެށީ ދެނެވެ. އޭނަ ރޯނެ އިރަކު ރޯންދެން ރަޒާ ހުރީ އޭނަގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ އެވެ. އެއްފަހަރު ވެސް ހުއްޓައިލާކަށް ނުބުނެ އެވެ.

ރުއިމުގެ އަޑު މަޑުވަމުން ގޮސް މެދުކެނޑުނުއިރު ދާރިޔާ ހުރީ ހަމައަކަށް އެޅިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ މޫނު އުފުލާލައިފައި ރަޒާގެ މޫނަށް ބަލައިލި އެވެ. ރަޒާގެ ދެއަތް އޭރު ވެސް އޮތީ އޭނަ ވަށާލެވިފަ އެވެ.

"ނާހިލް އަހަރެން ކިބައިން މަޢާފަށް އެދިއްޖެ." ދާރިޔާ ވާހަކަދެއްކި އެވެ.

އެއީ ރަނގަޅުކަމެއް ގޮތުގައި ހީވި ނަމަވެސް ދާރިޔާގެ މޫނުން ތަފާތު އަސަރެއް ފެންނަން ހުރުމުން ގޮތެއް ނިންމާކަށް ނޭނގުނެވެ. އެހެންވެ ބުނާނެ އެއްޗެއް އޭނައަކަށް ނޭނގުނެވެ.

"ހައު ޑެއަރ ހީ...." ދާރިޔާގެ އަޑު ދެން އައީ ރުޅިއާ ނަފްރަތާއި އެކުވެގެންނެވެ. "އެތައް ދުވަހެއް ވަންދެން ދިން އަނިޔާތަކަށްފަހު ކުރުކުރު ލަފްޒަކުން އޭގެ ބަދަލު ދެވިދާނެތަ؟ ....އޭނަ އަހަރެން ކައިރިން މާފަށް އެދެން ހިތަށް އަރުވަން ވެސް ލަދުގަންނަން ޖެހޭނެ...." ދާރިޔާގެ ދެއަތުން ރަޒާގެ ޓީޝާޓް މޭމަތި ބޮނޑިކޮށްލި އެވެ.

ރަޒާ އެދެއަތް ވަކިކޮށްލާފައި ދާރިޔާ ގެންގޮސް ލައުންޖް ގޮނޑީގައި ބޭންދުމަށްފަހު ކައިރީގައި އިށީންދެލި އެވެ. ދެއަތުން ނިތުގައި އަތް އަޅާލައިގެން އިރުކޮޅަކު އިނދެފައި ނެގިއިރު ދާރިޔާ އިނީ ކުރިއަށްވުރެ ހަމަޖެހިފަ އެވެ.

"ކައިވެނީގެ ކުރިން ނާހިލް އަކީ އެއްވެސް އަންހެންކުއްޖަކާ ސީރިއަސްކޮށް ގުޅުން ބޭއްވި ޒުވާނެއް ނޫން. އޭނަގެ ހަމައެކަނި މަޢްސަދަކީ ވަގުތީ އުފާ. އޭނަގެ އާއިލާ މީހުންނަށް ވެސް އެކަން އޮތީ ބޮޑު ކަމަކަށްވެފަ. އެމީހުން އޭނަގެ އަންބަކަށް ހަދަން އަހަރެން ހޮވީ ވަރަށް ވިސްނާފަ. އެއް ބޭނުމަކީ ނާހިލް އިސްލާހު ކުރުން. ރަށުން ބޭރު ކުއްޖަކަށް ވުމުން އޭނަގެ ހަޤީޤަތް އަހަންނާއި އާއިލާއަށް ސިއްރުވެފައި އޮތުން އެއީ އަހަރެން ހޮވި ދެވަނަ ސަބަބު. އޭނައާ އަލަށް ދިމާވި އެހެން ކުދިންނެކޭ އެއްފަދައިން ކައިވެނީގެ ކުރީކޮޅު އަހަންނާއި ވެސް އޭނަ ގަޔާވި. އެކަމަކު އެއީ ދުވަސްކޮޅެއްގެ ކަމެއް." ދާރިޔާގެ ވާހަކަ އެހިސާބަށް ދިޔަތަނާ ރަޒާ އޭނަގެ އަތުގައި ހިފައިލި އެވެ.

ރަޒާގެ ކޮނޑުގައި ބޯ އަޅާލައިފައި ދާރިޔާ ދެން ކިޔައިދިނީ ނާހިލްގެ އޯގާތެރިކަން އަނިޔާވެރިކަމުގެ ސިފަ އިޚުތިޔާރު ކުރި ގޮތެވެ. ކުދި އަނިޔާތަކުން ފެށިގެން ދިން ބޮޑެތި އަނިޔާތަކުގެ ވާހަކަ އެވެ. ނާހިލް އޭނަދެކެ އެންމެ ރުޅިއައީ އާއިލާގެ އެހެން މީހުން ދާރިޔާއާ އެއްކޮޅަށް ހުންނާތީ އެވެ. އެކައިވެނި ރޫޅާލަން ހުއްދަ ނުދޭތީ އެވެ.

"އޭނަ އަހަންނަށް އަނިޔާކޮށްފަ ދިޔައީމަ މަންމަ އަންނާނެ ބޭސް އުނގުޅަ ދޭން. އެމީހުން ތިބެނީ އަހަންނާއި އެއްކޮޅަށް ކަމަށް ކުރެވުނީ ކުށްހީއެއްކަން އަހަންނަށް ވިސްނުނީ މާފަހުން. އެމީހުން ތިބީ އެމީހުންގެ ދަރިފުޅާއި އެއްކޮޅަށް. އެދަރިފުޅުގެ ކައިވެންޏާއި އެއްކޮޅަށް. އެމީހުންގެ އޯގާތެރިކަމުން އަހަރެންގެ ލޮލުގައި އަނދުން އެޅުވީ. އަހަންނަށް އެކަންކަން ވިސްނުނީ މާފަހުން. ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބުނީމަ ރޭކާލީ." ދާރިޔާ ވާހަކަ މެދުކަނޑާލި އެވެ.

ރަޒާގެ މޫނަށް ބަލާލިއިރު ރަޒާ އިނީ އޭނަ އެވާހަކަ ބުނާނެ އިރެއްގެ އިންތިޒާރުގައި ކަން އެނގުނެވެ.

"އައި ލޮސްޓް މައި ބޭބީ." ދާރިޔާގެ ޖުމްލަ އިވިފައި ރަޒާއަށް ތެޅިގަނެވުނެވެ.

ހިތި ހިނިތުންވުމެއް ވެރިކޮށްލާފައި ދާރިޔާ އިސްޖަހައިލި އެވެ. އޭނަ ދެން ވާހަކަ ކުރިއަށްގެންދަން ފެށީ ބަނޑުގައި އެއަތުން ހިފަހައްޓާލައިފަ އެވެ.

"ކިޑެއް ލިބުނީމަ ނާހިލް އިސްލާހު ވާނެކަމަކަށް އެންމެން އުންމީދު ކުރި. އަހަރެން ވެސް. އެކަމަކު އެކަން އެނގުނީމަ އޭނަގެ އަނިޔާތައް ވީ އިތުރު. އޭނަ ދެކުނު ގޮތުގައި އެއީ އަހަރެން އޭނަގެ ދިރިއުޅުމުން ދުރަށް ނުދާން ޖެހި މަޅިއެއް. އެން ވަން ޑޭ...." ދާރިޔާ ޖުމްލަ ނިންމާނުލައި ހުއްޓައިލި އެވެ.

" ހޮސްޕިޓަލުން ދޫކޮށްލީމަ ފުރަތަމަ ވެސް އައިސް އަހަރެން އެދުނީ ވަރިއަށް." ދާރިޔާ ނޭފަތް ދަމާލައިފައި އަތުގެ ނުފުށުން ފުހެލުމަށްފަހު ކިޔައިދިނެވެ.

އޭނަ ބޯ ތެދުކޮށްލާފައި ރަޒާ ބުނާ އެއްޗެއް އަހަން އިނދެ އިނދެ އަނގައަކުން ނުބުންޏެވެ. ރަޒާ ދުރު ބަލަން އިނީ ވިސްނުމަކަށް ގެއްލިފަ އެވެ.

"ކައިވެނި ދަމަހައްޓަން މަސައްކަތް ކުރުމަކީ އެންމެން ވެސް ކުރަން ޖެހޭނެ ކަމެއް. އެކަމަކު އަނިޔާވެރިއެއްގެ މުށުތެރޭގައި ހުންނަން އެކަކަށް ވެސް ބާރެއް ނޭޅޭނެ..." ރަޒާ ވާހަކަދައްކަމުން ދާރިޔާގެ މޫނަށް ބަލައިލި އެވެ.

އެލޮލުގައިވި ބީރައްޓެހި ކަމަކުން ދާރިޔާގެ ހިތް ތެޅިލި އެވެ.

"ރިއާ އެކައިވެނި ކުރީ އާއިލާގެ އެދުމަށް. ރޫޅާލައިފަ އައި ކަމުގައި ވިއަސް އެމީހުން ރިއާ އަމިއްލަ ކުރަން ތައްޔާރަށް ތިބީ. އެހެން އެކަން އޮތްވާ އެހުރިހާ ދުވަހު އޭނަގެ އަންބެއްގެ ގޮތުގައި ހުންނަންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު..." ރަޒާގެ ޖުމްލަ ނިމުނުއިރު އެހެން ކުލައެއް ވެސް އެލޮލުގައިވި އެވެ.

ހިމޭންވެފައި އިން ދާރިޔާގެ މޫނަށް ބަލަން އޭނަ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދާރިޔާގެ ޖަވާބު އަންނާނީ އޭނަ ހީކުރި ގޮތަށް ތޯ ބަލަން ބޭނުންވި އެވެ.

"ސަބަބަކީ ތީ." ރަޒާގެ ލޮލަށް ބަލަމުން ދާރިޔާ ޖަވާބުދިނެވެ. -- ނުނިމޭ --

ދިގު ވާހަކަ ކާކުހެ މިހާ ލޯބި ވާނީ

Popular