19 Mar 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* މާޗް 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ސަބަބަކީ ތީ." ރަޒާގެ ލޮލަށް ބަލަމުން ދާރިޔާ ޖަވާބުދިނެވެ.

އޭނަގެ އަނގައިން އެޖުމްލަ ނިކުތްހާ އަވަހަށް އެކަމާއި ހިތާމަ ކުރި އެވެ. ބިންފަޅާފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށްއެރި އެވެ. ރަޒާގެ މޫނަށް ބަލަން ނުކުޅެދިގެން އިސްޖަހައިލި ފަހުން ވެސް އެދެލޯ އޭނައަށް ހުރިކަން އިހްސާސްވި އެވެ.

"ފާޚާނާއަށް ދާން ވެއްޖެ." ވިސްނާލައިފައި އެންމެ ފުރަތަމަ ހިތަށް އައި ބަހަނާގެ ބޭނުން ހިފަމުން ދާރިޔާ ތެދުވި އެވެ.

އެއީ އޭނަ ގަސްތުގައި ރަޒާގެ ކުރިމަތިން ދާން ދެއްކި ބަހަނާއެއްކަން ރަޒާއަށް އެނގުނަސް ހެޔޮކަމަށެވެ. ނަސީބަކުން ރަޒާ ވެސް އޭނަ ދިޔަނުދީ ހުއްޓުވާކަށް މަސައްކަތެއް ނުކުރެ އެވެ.

އެތެރެއަށް ވަދެ ދޮރުލައްޕާލި ގޮތަށް ދާރިޔާ ގޮސް ހުއްޓުނީ މޫނުދޮންނަ ތަށި ކައިރިއަށެވެ. ކަކުލު ހުޅުން ވާގި ދޫވާހެން ހީވެގެން ތަށީގެ ދެފަރާތުން ބާރުބާރަށް ހިފަހައްޓައިލެވުނެވެ. މަޑުމަޑުން ދެފަރާތަށް ބޯ ހޫރަމުން ދިޔައިރު އެތެރެ އެތެރެއިން އަމިއްލަ ނަފްސަށް އަޑު ލި އެވެ. ރަޒާ ހީކުރާނީ ކީކޭ ހެއްޔެވެ؟ އޭނައަކީ މާޒީވެފައިވާ ކަންކަން ހިތު އަޅައިގެން ހިތް ނުސާފުކޮށްގެން ހުންނަ މީހެއް ކަމަށެވެ. އެކަމަކު ހަޤީޤަތަކީ އެއީއެއްނޫނެވެ. ރަޒާގެ ކުރިމަތީ އެކަމާއި ޝަކުވާ ކުރުމުގެ ހިޔާލެއް ވެސް އޭނަގެ ނެތެވެ. ދެކެވުނު ވާހަކައިގެ ތެރެއިން އެހެން ބުނެވުނީ އިޚުތިޔާރުން ބޭރުންނެވެ.

ކުރެވުނު އެންމެ ކުށަކުން އެދެމެދުގައި އަލަށް އުފެދިފައި އޮތް ގާތްކަމަށް ބުރޫ އަރާފާނެތީ އެހާ ޖެހިލުންވި އެވެ.

"ރިއާ....!" ކުޑައިރުކޮޅެއް ފާއިތުވެ ދިއުމަށްފަހު ދޮރުފަތުގެ އަނެއްފަރާތުން ރަޒާގެ އަޑު އައެވެ.

ދާރިޔާ ލައިލައި ހުރި ނޭވާ ތާށިވީ ކަރުތެރޭގަ އެވެ. އަވަހަށް ދޮރާއި ދިމާއަށް އެނބުރި ފައި ގޮސް ކައިރިއަށް ހުއްޓުނެވެ. އެކަމަކު ޖަވާބުދޭނެ ހިތްވަރެއް ނުލިބުނެވެ.

"ރިއާ ދެން އަންނަންވީއެއްނު ނިދަން." ރަޒާ ވާހަކަދެއްކި އެވެ.

އޭނަ ޖަވާބު ނުދިނުމުން އިރުކޮޅަކުން ދުރަށް ދިޔަ އަޑު އިވުނެވެ.

ދާރިޔާ އިތުރަށް ދެ މިނިޓެއްހާއިރު މަޑުކޮށްލި އެވެ. ދޮރު ހުޅުވާލިއިރު ނަސީބަކުން ރަޒާ އޮތީ ނިދަން އޮށޯވެ އެވެ. ދާރިޔާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. އޭނަ ސިއްރު ފިޔަވަޅުތަކެއްގައި ގޮސް އެނދުގެ އަނެއްފަރާތުން އަރައި އޮށޯތެވެ. އެކަމަކު ނިދާކަށް ފަސޭހައެއްނުވި އެވެ. ރަޒާގެ ނޭވާގެ އަޑު ހިމޭންވެ ނިދީކަން ޔަޤީން ވާންދެން ލޯމަރައިގެން އޮތީ އެވެ.

ލޯ ހުޅުވާލައިފައި ރަޒާއާ ވީ ފަރާތަށް އެނބުރުނުއިރު ރަޒާ އޮތީ އުއްޑުންނެވެ. އެއް އަތް، ހާމަވެފައިވާ ބަނޑުމަތީ އޮތްއިރު އަނެއް އަތް ނިތްމަތީގަ އެވެ. ރަޒާ ވެސް ނިދީ އޭނަފަދައިން ވިސްނުމެއްގައި އޮވެފައިކަން ދޭހަވާފަދަ މަންޒަރެކެވެ. ދާރިޔާ އަތް ދަމާލުމުން ރަޒާގެ މުލައްދަނޑީގައި އަތް ޖެހޭވަރު ވަނީ ކިރިޔާ އެވެ. އެކަމަކު ރަޒާ ހޭލަފާނެތީ ބިރުން އަތެއް ނުލަ އެވެ.

ރަޒާ އޭނައާ ގަޔާވާކަން ހާމަކުރި ރެއިން ފެށިގެން އެއް އެނދެއްގައި މިހާ ދުރުގައި ނިދާ މީ ފުރަތަމަ ރެއެވެ. ދާރިޔާގެ ހިތަށް ތަދުވި އެވެ. އޭނައަށް ހެދުނު އެންމެ ގޯހެއްގެ ސަބަބުން އަލުން ދެމީހުން ބީރަތްޓެހިންނަށް ވާނީ ހެއްޔެވެ؟ އެހެން ހިތަށް އެރުމުން ނޭވާ ލާން ވެސް ދަތިވިހެން ހީވި އެވެ. އަވަހަށް ފުންމައިގެން ތެދުވެފައި އޭނަ މިސްރާބު ޖެހީ ދޮރާއި ދިމާއަށެވެ.

ފަނޑު އަލީގައި އޮތް ސިޓިންރޫމް ހުރަސްކޮށްފައި ގޮސް ބަދިގެއަށް ވަނެވެ. ބޭރުގެ އަލި ފޭދިފައި ހުރުމުން ލައިޓު ދިއްލާކަށް ނުހަދަ އެވެ. ފްރިޖް ހުޅުވާލައިފައި ފިނި ފެންފުޅިއެއް ހިފައިގެން އޭނަ އައިސް އިށީންދެލީ މޭޒު ދޮށުގަ އެވެ. ބިއްލޫރި ތައްޓެއް ނަގައި ފެން އަޅާ ފުރާލުމަށްފަހު އެއްނޭވައިން ހުސްކޮށްލި އެވެ. ހުސްތަށި ބަހައްޓާފައި ދެން ނަޒަރު ހުއްޓާލެވުނީ ދުރުން ފެންނަން އޮތް އަނދިރިއަށެވެ. ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑާ ހަނގުރާމަ ކުރަން އެހެން އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެ އެވެ.

"ދާރިޔާ!" ރަޒާގެ އަޑު އިވިފައި ދާރިޔާއަށް ހަޅޭތްލަވައިގަނެވުނެވެ.

ފުންމައިގެން ތެދުވެވުވުނުލެއް ބާރުކަމުން ގޮނޑި ވެއްޓުނީ މާދުރަށެވެ.

"ކީއްވެތަ ކޮންމެފަހަރަކު އަހަރެން ސިއްސާލަނީ؟" މޭގައި ދެއަތްއަޅާ ބާރުކޮށްލައިގެން ހުރެ ދާރިޔާ ޝަކުވާ ކުރި އެވެ.

ރަޒާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. އޭނަ ވަކި އެއްޗެއް ނުބުނެ ގުދުވެފައި ވެއްޓިފައި އޮތް ގޮނޑީގެ އަތްގަނޑުގައި ހިފާ ނަގައި ބެހެއްޓި އެވެ.

"ނުނިދާ ކީއްތިކުރަނީ؟" ތުނބުޅީގެ ކަނާތްފަރާތުން ކަހާލަމުން ރަޒާ ސުވާލުކުރި އެވެ.

ނިދާ ހޭލުމުން އެއަޑު ހުރީ ކުރިއަށްވުރެ ވެސް ބަރުކޮށެވެ. ދާރިޔާގެ ގައިން ހީބިހި ނެގި އެވެ. ދޮގު ހަދަން ނުކެރިގެން ނިދި ނައި ވާހަކަ ބުނެފައި އޭނަ ދިޔައީ ހުސްތަށި ސިންކުތެރެއަށް ލާށެވެ. އެނބުރުނުއިރު ރަޒާ ބަލަހައްޓައިގެން ހުއްޓެވެ.

"އަހަރެން ބޭނުން ވާހަކަދައްކާލަން. ކޮންމެވެސް ތާކު އިށީންދެލަން ވީއެއްނު..؟" ނަޒަރު ވަކިކޮށްނުލާ ރަޒާ ވާހަކަދެއްކި އެވެ.

އެއަޑުގައިވި ސީރިއަސްކަމުން ދާރިޔާގެ ހިތް ތެޅިލި އެވެ. ރަޒާ ދެކޮޅު ބަލާލައިފައި ނިކުންނަން ދާން ފެށުމުން ދާރިޔާއަށް ޖެހުނީ ފަހަތުން ނިކުންނާށެވެ. އޭނައަށް ނިކުމެވުނުއިރު ރަޒާގެ މިސްރާބު ހުރީ ސިޓިންރޫމްގައި ހުރި ސޯފާތަކާއި ދިމާއަށެވެ. ދާރިޔާ ގޮސް ކައިރިވުމުން އިޝާރާތުން ސޯފާ ދައްކާލައިފައި ރަޒާ ހުރީ ކޮޅަށެވެ. އޭނަ އިށީންދެލުމުން ރަޒާ އިށީންދެލީ އެތާހުރި ކުޑަ މޭޒުމަތީގައި ދާރިޔާގެ ކުރިމަތީގަ އެވެ.

ދެމީހުންގެ ކަކޫ ނުޖެހި ހުރީ އިންޗިއެއްހާ ދުރުމިނެވެ. ރަޒާ އެތަން ހިޔާރު ކުރީ ވާހަކަ މެދުކަނޑާލައިފައި ތެދުވެގެން ދިޔަ ނުދޭން ކަންނޭނގެއޭ ހިތަށްއެރި އެވެ.

"އައިމް ސޮރީ." ރަޒާއަށްވުރެ ކުރީން ދާރިޔާ ވާހަކަދެއްކި އެވެ.

"އޭރު އަހަރެންނަށް ބުނެވުނީ މުޅިން ތެދު ވާހަކައެއް ނޫން. އެއީ ހަމައެކަނި އެއްބައި ތެދު. އަހަރެންގެ ދިރިއުޅުމުގަ ދިމާވި ހުރިހާކަމެއް ރަޒާ ބޮލުގައި އެޅުވުމަކީ އިންސާފެއް ނޫން." ރަޒާއަށް ފުރުސަތު ނުދީ ދާރިޔާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

އަލުން ރަޒާގެ ކުރިމައްޗަށް ނާންނަން ވެގެން އަހަރެން ރަށަށް އަންނަން ބޭނުން ނުވީ. ރަޒާގެ ކުޑަކުޑަ ޕާޓެއް އޭގައި ނުވެއެކޭ ނޫން. އެކަމަކު އަހަރެންގެ ވެސް އަމިއްލަ ޒާތެއް ވޭ. އަމިއްލަ ވުޖޫދެއް ވޭ. އެރައްކާތެރި ކުރުމަކީ އަހަރެންގެ އަމިއްލަ ޒިންމާއެއް. އައި ޖަސްޓް... އަހަންނަށް ނުފެނުނު އެކައިވެނިން ނިކުތުމުގެ ހިކުމަތެއް. މުސްތަޤްބަލާމެދު އަހަރެންގެ އުންމީދު ތަކެއް އޭރު ނެތް...ކައިވެނި ރޫޅިއްޖެނަމަ މުޅި އުމުރު އެކަނިވެދާނެކަމުގެ ހިޔާލުން ވަރަށް ބިރުގަތް. ރަށަށް އައީމަ މީހުން ފާޑުފާޑު އެއްޗެހި ކިޔާނެތީ ވިސްނުނު. " ދާރިޔާ އިސްއުފުލާލިއިރު ރަޒާ އިނީ ކަޅިޖަހާނުލާ ބަލާށެވެ.

އެލޮލުގައި ހިތާމަ އެވެ.

"ކުޑަ ކުޑަ ޕާޓަކަށްވުރެ ބޮޑު ހިއްސާއެއް އަހަރެންގެ އެބައޮތް ކަމަށް އަހަންނަށް ޤަބޫލު ކުރެވެނީ. ތިކިޔައިދިން ސިފަތައް ލިބިގެންވާ ރިއާއަކީ އަހަރެން ދަންނަ ރިއާއެއް ނޫން. އަހަރެން ދަންނަ ރިއާއަކީ ހިތްވަރުގަދަ ކުއްޖެއް. އަމިއްލަ ނަފްސަށް އިތުބާރު އޮތް ކުއްޖެއް. ރިއާ އެގޮތަށް އަމިއްލަ ނަފްސަށް އަނިޔާވެރިއެއް ނުވާނެ. ހުވަފެން ދެކުން ހުއްޓާލައިފަ އެކަނިވެރިކަންދެކެ ބިރަކުން ނޫޅޭނެ...މީހުން ކިޔާ އެއްޗެއްސަށްކަށް ނުބަލާނެ." ރަޒާ ވާހަކަދައްކަމުން ދިޔަ ވަރަކަށް ދާރިޔާގެ ލޮލަށް ކަރުނަ ގިނަވަމުން އައެވެ.

އެމޫނަށް ނުބަލަން ވެގެން އޭނަގެ ނަޒަރު ހުއްޓައި ލީ އުނގުމަތީ އޮތް ދެއަތުގެ އިނގިލިތަކަށެވެ.

"އަހަރެން ޤަބޫލު ކުރާ ގޮތުގައި ރިއާ ބަދަލުވީ އަހަރެންގެ ސަބަބުން. އެން އައި އޯ ޔޫ އެން އެޕޮލޮޖީ.." ރަޒާ ދެވަނަ ފަހަރަށް ވާހަކަދައްކަން ފެށުމާއެކު ދާރިޔާ ސިހުނެވެ.

"އަހަންނަށް ނޭނގުމުގެ ތެރޭގައާ އެނގުމުގެ ތެރޭގައި ރިއާއަށް ދެވުނު ހިތްދަތިކަމަށް އަހަރެން މާފަށް އެދެން. އަހަންނަށް މާފުކޮށްދީ!" ރަޒާ ދާރިޔާގެ ދެއަތުގައި ހިފާލައިފައި އެލޮލަށް ނަޒަރު ހުއްޓައިލި އެވެ.

"ރަޒާދެކެ އަހަރެންނަށް ލޯބިވެވުން އެއީ ރަޒާގެ ކުށެއްނޫން. ރަޒާ އަހަރެންގެ ލޯބި ޤަބޫލު ނުކުރުން އެއީ ވެސް ރަޒާގެ ކުށެއް ނޫން. އެކަކަށް ވެސް އަނެކަކުދެކެ ލޯބިވާން މަޖުބޫރެއް ނުކުރެވޭނެ. އެހެންވީމަ....ދާރިޔާގެ ވާހަކަ ނުނިމެނީސް ރަޒާ މެދުކަނޑާލި އެވެ.

"ހަމައެކަނި ބުނެލަދީ އަހަންނަށް މާފުކޮށްފީމޭ..." ރަޒާގެ ލޮލުގައި އާދޭހެވެ.

ހީވަނީ މިދުނިޔޭން ރަޒާ އެންމެ އެދޭ އެއްޗަކީ އޭނަގެ މާފު ހެންނެވެ. އެކުލަވަރު ފެނިފައި ދާރިޔާ ހިނދުކޮޅަކަށް ގަނޑުވި އެވެ. ދެން މަޑުމަޑުން ބޯ ޖަހާލައިފި އެވެ. ރަޒާ އެވަގުތު ކުރީ ދާރިޔާ ކުޑަކޮށް ވެސް ހީނުކޮށް ހުރި ކަމެކެވެ. ދެއަތުގައި ހިފާ ކޮޅަށް ނެގުމަށްފަހު ބައްދައިލީ އެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން ދާރިޔާ ވެސް މަޑުމަޑުން ދެއަތް އުފުލާލައިފައި ރަޒާގެ ބުރަކަށީގައި ހިފެހެއްޓި އެވެ.

***

ނާހިލް ފުރިތާ ހަފްތާއެއް ފަހުން ދުންޔާއަށް ގުޅާފައި މަންމަ މަރުވި ޚަބަރުދިނެވެ. ދުންޔާ އެވާހަކަ ބުނަންވެގެން ގުޅައިގެން ގެންދިޔައީ ގެއަށެވެ. ސިޓިންރޫމް ސޯފާތަކުގައި މަންމަ އާއި ބައްޕަގެ އިތުރުން ހައްވަ ދައްތަ ވެސް އިނެވެ. ދާރިޔާ ހައިރާންވީ އެމީހުންގެ ކުލަވަރު ދެކެފަ އެވެ. އޭނައަށް ނުހުރެވިގެން ސުވާލުތައް ކުރަން ފެށި އެވެ. ބައްޕަ ލަފާ ދިނީ ކައިރީގައި އިށީނުމަށެވެ. ދާރިޔާ އެގޮތަށް ކަންތައް ކުރި އެވެ.

ބައްޕަ އެޚަބަރު ދިނުމާއެކު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ލޮލުން ކަރުނަ ހިލެން ފެށި އެވެ. ބައްޕަ ދެން ބުނީ އެމީހުން މޫނު ދެކެން ދާން އުޅޭ ވާހަކަ އެވެ. ދާރިޔާ މަޑުމަޑުން ބޯޖަހައިލި އެވެ.

ގެއަށް ގޮސް އޭނަ އިނީ ނެގިމަޑުވެފަ އެވެ. ރަޒާ ދާދި އަވަހަށް އެކަން ފާހަގަ ކުރި އެވެ. އޭނަ ހަޤީޤަތް ބުނެދިނުމުން ރަޒާގެ މޫނުން ވެސް ސިހުން ފައުޅުވި އެވެ. ފުރާނައެއް ގެއްލިގެން ދިއުމުން ކޮންމެ މީހަކު ވެސް ހިތާމަކުރެ އެވެ. ނާހިލް މަންމަ އެއީ ދަންނަ މީހަކަށް ނުވިއަސް ރަޒާ އޭނަގެ ހިތާމައިގައި ބައިވެރިވި އެވެ. ހެޔޮ ދުޢާ ކުރި އެވެ.

***

ނިދިފައި އޮތް ދާރިޔާއަށް ހޭލެވުނީ ބޭބީ މޮނީޓަރުން އައި ރުއިމުގެ އަޑަށެވެ. ލޯ ހުޅުވާލައިފައި އަވަހަށް ތެދުވެ އިށީނެވެ. ދެވަނަ ފަހަރަށް ވެސް އަޑު އައުމުން އަވަހަށް ކޮޓަރިން ނިކުމެގެން ކުދިންގެ ކޮޓަރިއަށް ހިނގައްޖެ އެވެ. ދެކުދީން އެނދުމަތީގައި ތެދުވެ ރޯން އިންދާ ފެނުމުން ހިތް ހީވީ ހުއްޓުނު ހެންނެވެ. ދާރިޔާ ގޮސް ކުދިންގެ ކައިރީގައި އިށީންދެފައި ފުރަތަމަ ރާޔަން ގެނެސް އުނގަށްލި އެވެ. ރޫތުގެ އަތުގައި ހިފާލުމާއެކު އޭނަ ސިހުނެވެ. ރޫތު އިނީ ހުން އައިސްފަ އެވެ.

އޭނަ މަސަލަސް ކުރަން އުޅެ އެކަކު ވެސް މަސަލަހެއް ނުވި އެވެ. ރާޔަން ރޮނީ ރޫތު ރޯތީ އެވެ. ދެކުދިން އުރައިގެން ނުދެވޭނެތީ ދާރިޔާ ރާޔަން ބެހެއްޓީ ތިރީގަ އެވެ. ރޫތު އުރާލުމަށްފަހު ރާޔަންގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިން ނިކުތެވެ. އެތެރެއަށް ވަދެ ކުދިންގެ ރުއިމުގެ އަޑު ފެތުރިގެންދިއުމާއެކު ރަޒާ ހޭލައިފި އެވެ.

"ކިހިނެތްވީ؟" ރަޒާ ތެދުވެގެން އައިސް ރާޔަން އުރާލައިފައި ކޮނޑުގައި ބޭއްވި އެވެ. ބައްޕަގެ ހިމާޔަތް ލިބުމުން ރާޔަން ހުއްޓައިލި އެވެ.

"ރޫތު ހުން އައިސްގެން އެރޮނީ. އަހަންނަށް ހޭލެވިގެން ދިޔައިރު ދެކުދީން ތިބީ ރޯން. ރޫތުގެ އަޑު އިވިގެން ކަންނޭނގެ ރާޔަން ހޭލީ.." ދާރިޔާ ރޫތުގެ ބުރަކަށީގައި ފިރުމަމުން ކިޔައިދިނެވެ.

ރަޒާ ކައިރިވެލާފައި ދަރިފުޅުގެ ނިތުގައި އަތް ޖައްސާލުމަށްފަހު ތިރިކޮށްލި އެވެ. ދެކުދިން ގޮވައިގެން ދާން އުދަނގޫ ވާނެތީ ރަޒާ އެދުނީ ދާރިޔާ ރާޔަން ގޮވައިގެން މަޑުކުރުމަށެވެ. ދާރިޔާ އެގޮތާއި މުޅިން ހިތްހަމަނުޖެހުނަސް އެއްބަސްވި އެވެ. ރަޒާ ފާޚާނާއަށް ވަންނަން ދިއުމުން އޭނަ އިނީ ދެކުދިން ދެކައިރިއަށް ލައިގެން އެނދުގަ އެވެ.

ރަޒާ ދިޔަތާ އިރުކޮޅެއް ފަހުން މަންމަ އައިސް ޓަކި ޖަހާލައިފައި ދޮރު ހުޅުވާލި އެވެ. ރަޒާ ރޫތު ގޮވައިގެން ދިޔަތަން ފެނުނީ މިސްކިތަށް ދާން ނިކުތް މަންސޫރަށެވެ. ނިދިފައި އޮތް ރާޔަންގެ ގައިމަތީ ރަޖާ އަޅައިދީފައި ދާރިޔާ ތެދުވެގެން އައިސް މަންމަ ކައިރިއަށް ހުއްޓުނެވެ. ވެގެން އުޅޭ ގޮތް ކިޔައިދެމުން ދެމައިން ނިކުމެގެން ދިޔައީ ސިޓިންރޫމަށެވެ. މަންމަ ސޯފާގައި އިށީނުމުން ދާރިޔާ ގުޅީ ރަޒާއަށެވެ. ރަޒާ ފޯނު ނުނެގުމުން ޑޮކްޓަރަށް ދައްކަނީކަން އެނގުނެވެ. އެހެންވެ ދާރިޔާ ދެވަނަ ފަހަރަކަށް ނުގުޅަ އެވެ.

ކުޑައިރުކޮޅެއް ފަހުން ރަޒާ ގުޅި އެވެ. ރޫތު އޮބްޒަވޭޝަން ގައި ބާއްވާފައި އޮތް ވާހަކަ ބުންޏެވެ. ދާރިޔާ ދާން ހުށައެޅުމުން ރަޒާ އެދުނީ މަޑުކުރުމަށެވެ. ދާރިޔާ ދެކޮޅެއް ނުހަދަ އެވެ. އެކަމަކު ގޭގައި އިނދެގެން އޭނައަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތް އޮތީ ރޫތުގެ ކައިރީގަ އެވެ. އެތުއްތު ދަރިފުޅު ރޯނެވަރު ހިތަށް އަރާފައި ހިތުގައި ރިއްސަނީ އެވެ.

ރަޒާ ގެއަށް އައީ އަށެއް ޖަހަން ކައިރިވެފައި ހުއްޓަ އެވެ. ދާރިޔާ ރާޔަންގެ ޚަބަރު ބަލައިލާފައި ކޮޓަރިން ނިކުންނަނީ އެވެ. ދޮރުމަތިން ރަޒާ ފެނުމުން އަވަހަށް އެދިމާއަށް ދިޔަ އެވެ.

"ކިހިނެއް މިހާރު؟" ދާރިޔާ ރޫތުގެ ބުރަކަށީގައި ފިރުމާލަމުން އެހި އެވެ.

ރޫތު އޮތީ ރަޒާގެ ކޮނޑުމަތީ ބާއްވަ އެވެ. ވަރުބަލިވެގެން އެދެލޯ އޮތީ މެރިފަ އެވެ.

"މިހާރު ހުން މަޑުވެއްޖެ. އެކަމަކު ދެދުވަހެއް ވަންދެން އަދި ހުންނާނެ ކަމަށް ޑޮކްޓަރު ލަފާކުރީ. މިހުރީ ބޭސް." ދާރިޔާއަށް ބޭސްކޮތަޅު ދީފައި ރަޒާ ދާންފެށީ ކުދިންގެ ކޮޓަރިއާ ދިމާއަށެވެ.

ފަހަތުން ދާރިޔާވެސް ދިޔަ އެވެ. އެނދުގައި ރޫތު ބާއްވާލުމުން ކުޑަކުޑަ ކަންނޭލެއްގައި ބައްދާލައިގެން ހަމަޖެހިލައިފި އެވެ. އެދޮންމޫނު ފެނުނީ ހުދުކޮށެވެ. ތުންކޮޅަށް އަރަނީ ރަތްކުލަ އެވެ. ރަޒާ މަގަތުގައި އިނދެގެން ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު އެމޫނުން ނަޒަރު ވަކިކޮށްނުލަ އެވެ. ކައިރީގައި ދާރިޔާ ގޮސް މަޑުކޮށްލި ކަމެއް ވެސް އެނގުނުހެނެއް ހިއެއްނުވެ އެވެ. ދަރިފުޅަށް ޓަކައި ރަޒާ ކަންބޮޑުވެފައިވާތަން ފެނުމުން ދާރިޔާގެ ހިތަށް ތަދުވެލި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވެދާނެ." ދާރިޔާ ރަޒާގެ ކޮނޑުގައި އަތް ބާއްވާލައިފައި ބުނެލި އެވެ.

ރަޒާ ބޯޖަހައިލީ އެނބުރި ބަލައިލުމެއްނެތި އެވެ.

"ކޮންއިރަކުން ދެން ބޭސް ދޭން ޖެހެނީ؟" ދާރިޔާ އެހި އެވެ.

ރަޒާ ޖަވާބުދިނުމުން އޭނަ އިރުކޮޅަކު މަޑުކޮށްލާފައި ނިކުންނަން ދިޔަ އެވެ. ރަޒާ ގޮވައިލީ އޭނަ ތަޅުގައި ހިފައިލިތަނާ އެވެ. އޭނަ އެނބުރުމާއެކު އެހީ ރާޔަން ކޮބައިތޯ އެވެ. ރާޔަން ނިދާފައި އޮތް ވާހަކަ ބުނުމުން ބޯޖަހައިލި އެވެ. ދެން އަނެއްކާ ވެސް އެނބުރުނީ ދަރިފުޅާއި ދިމާއަށެވެ. ދާރިޔާ ދޮރު ހުޅުވާލައިފައި ނިކުތެވެ.

މަސައްކަތު ނުގޮސް ރަޒާ ގޭގައި މަޑުކުރީ ދަރިފުޅުގެ ޚިދުމަތުގަ އެވެ. ބޭސްދިނުމާއި ކާން ދިނުމުން ފެށިގެން ފެންފަރުވާ ނިންދަން ބޭއްވީ ވެސް ރަޒާ އެވެ. އެއިން އެއްވެސް ކަމެއް ކުރާކަށް ދާރިޔާއަކަށް ނުޖައްސަ އެވެ. ދާރިޔާ ހުށައެޅީމައި ވެސް ބުނީ އޭނަ ކޮށްލަފާނެ ކަމުގަ އެވެ. ރަޒާގެ ހުރިހާ ސަމާލުކަމެއް ހުރީ ދަރިފުޅަށެވެ. ދަރިންނަށެވެ. ދާރިޔާ ގިނަ ވަގުތު އިންނަން ޖެހުނީ އެކަނި ވެފަ އެވެ.

އުޝްވާ ފޯނު ކުރުމުން އޭނައަށް ކުޑަ ވަގުތުކޮޅެއްގެ ހަމަޖެހުމެއް ލިބުނެވެ. ރޫތު ބަލި ވާހަކަ ބުނުމުން އުޝްވާ ދެރަވެގެން އުޅުނެވެ. އޭނަ އުޝްވާގެ ހިތްހަމަޖައްސައިދޭން ވަރަށް ގިނަ ވާހަކަދެއްކި އެވެ. ނާހަން ހުރެފައި އޭނަ އެހީ ކުދިން ބަލިވުމުން ރަޒާ އުޅެނީ މިއަދު ވެސް އެއުޅޭ ގޮތަށްތޯ އެވެ. އުޝްވާ ބުނީ ރަޒާ އަބަދު ވެސް ކުދިން ބަލިވުމުން ކަންބޮޑުވާ ވާހަކަ އެވެ. އެކަމަކު އޭރު އުޝްވާ ހުންނާތީ ގިނަ ކަންކަން އުޝްވާ ކުރާ ކަމުގަ އެވެ. އެކަމަކު ވެސް ރަޒާ އަމިއްލައަށް ބައެއްކަންތައް ކުރަން މަސައްކަތް ކުރާ ކަމުގަ އެވެ. ބަލިވުމުން ކުދިންގެ އެންމެ ގާތުގައި ހުރުމަކީ ރަޒާގެ ގޮތެވެ.

އެފޯނު ނިމުމުން ސޯފާގައި ބުރަކަށި ޖައްސާލައިގެން އިނދެފައި ލޯމަރައިލެވުނެވެ. ރަޒާ އެހެން އެކަންތައް ކުރަނީ ދަރިންނާއިމެދު އޭނައަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟ އަމިއްލަ ދަރިންނަށް ނުވުމުން ބަލިވުމުން އަޅައިލާން ޖެހޭ ވަރަށް އަޅައިނުލާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ އެހެން ހިތަށް އެރުމުން އަމިއްލަ ނަފްސަށް ވެސް އަޑު ލި އެވެ. ރަޒާ އެއުޅެނީ އެހެންވެ އެއް ނޫނެވެ. އުޝްވާއާ އޭނަ އެހެން ނޫނަސް އެއްގޮތެއް ނުވާނެ ނޫން ހެއްޔެވެ؟ ދަރިންގެ މައްޗަށް އޭނައަށް އިތުބާރު ނެތްނަމަ އެކައިވެންޏެއް ނުކުރާނެ އެވެ.

ސަލާމް ގޮވި އަޑާއެކު ހިޔާލުތައް ވިއްސި ވިހާލިވެގެން ދިޔަ އެވެ. ދާރިޔާ ތެދުވެގެން ދިޔައިރު ކުރިން ދެކެފައި ނުވާ ޒުވާން އަންހެންކުއްޖަކު ހުއްޓެވެ.

"މިތާ ކީއްތިކުރަނީ؟" ދާރިޔާއަށް ސުވާލު ނުކުރެވެނީސް ފަހަތުން ރަޒާގެ އަޑު އައެވެ. އޭނަ އެނބުރުނުއިރު ރަޒާގެ ހަނިކޮށްލެވިފައިވާ ދެލޯ ހުރީ އެއަންހެންކުއްޖާ އަށެވެ. -- ނުނިމޭ --

ދިގު ވާހަކަ ކާކުހެ މިހާ ލޯބި ވާނީ

Popular