16 Apr 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* އޭޕްރީލް 12 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ދޮންބެއޭ ގޮވަމުން ނީމާ ދޮރާ ދިމާއަށް ދުއްވައިގަތެވެ. ކުޑައިރުކޮޅެއް ފަހުން ނީމާ އުރާލައިގެން ޒުވާނަކު އެތެރެއަށް ވަނެވެ.

ދިގު އިސްކޮޅަކާ އެންމެ އެކަށީގެންވާ ރޫފައެއްގެ ވެރިއެކެވެ. ކުއިފް ކަޓެއްގައި ފަން އިސްތަށިކޮޅު ހިތްގައިމެވެ. ނީމާ ކުޅެން ފެށުމުން އިސްތަށިތައް ނިތްމައްޗަށް ފައިބައިގަތެވެ. ވަރުގަދަ ބުމަ އާއި ތޫނު ލޮލުގެ އިތުރުން، މެދުމިނަކަށް ބަހައްޓާފައި ހުރި ތުނބުޅި މަތިމަހުން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

ދާނިޔަލް އައިސް ނީމާ ހުސްގޮނޑިއެއްގައި ބައިންދާފައި ކައިރީގައި ހުރި އެހެން ގޮނޑިއެއްގައި އިށީނދެލި އެވެ.

"ކޮބާ ރާއި ބޭނުންވާ ގޮތަށް މިގެއަށް އާދެވުނީއެއްނު. ދެން ދާނެ ކަމެއް ނެތް." ދާނިޔަލްގެ އަނެއްފަރާތުގައި އިން ރާއިމާގެ ނޭފަތުގައި ހިފާލައިފައި ވާހަކަދެއްކި އެވެ. ފުރާވަރުގެ ރާއިމާ ހިނިތުންވުމާއެކު ބޯޖަހައިލި އެވެ.

ސިތާރާ އާއި ޝަކީލް ހިނިތުންވެފައި ފިރިހެންދަރިފުޅަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދާނިޔަލް ސުވާލު ކުރުމުން މުދާތައް އުފުލުމުގެ ކަންކަން ގޮސްފައި ހުރި ހިސާބު ޝަކީލް ކިޔައިދިނެވެ. ގޭގެ މަރާމާތުތަކާއި ބެހޭގޮތުން ވާހަކަދެއްކިއިރު ކަމާލް އާއި ޒުލޭޚާ ވެސް ބައިވެރިވި އެވެ.

"މީ ކޮންބައެއް؟" ދާނިޔަލް ކުއްލިއަކަށް އަހައިލި އެވެ.

އެންމެންގެ ސަމާލުކަން ޖަވާދާމެންގެ ދެމައިންނަށް ހުއްޓުނެވެ. އިސްޖަހައިގެން އިން ސަޖަން ސިހިފައި އިސްއުފުލައިލި އެވެ. އެވަގުތު ދާނިޔަލް އާ ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ. މޭޒުގައި އުޅަބޮށި އަޅުވާލައިފައި ދަތްދޮޅީގައި ދެއިނގިލިން ހިފަހައްޓާލަމުން ދާނިޔަލް ބުމަ އަރުވައިލި އެވެ. އެސުވާލުގެ ޖަވާބު ދޭން ސަޖަންއަށް ލަފާދިންފަދަ ގޮތަކަށެވެ. އެކަމަކު ސަޖަންގެ އެފަދަ އެއްވެސް ވިސްނުމެއް ނެތެވެ. އޭނަ އެއިން ގޮތަށް ބަލަން އިނީ އެވެ.

"އެއީ އަހަރެންގެ ދޮށީ އަނބިމީހާ އާއި ދޮށީ ދަރިފުޅު." ކަމާލް ޖަވާބުދިން އަޑަށް ދާނިޔަލްގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލި އެވެ.

އޭނަ ދެން ބަލައިލިއިރު ސަޖަން އަނެއްކާ ވެސް އިނީ އިސްޖަހައިގެން ކާށެވެ. ދާނިޔަލް ވެސް އަތް ތިރިކޮށްލާފައި އެހެން މީހުންނަށް ސަމާލުކަން އަނބުރާލައިފި އެވެ.

ނާސްތާކޮށްގެން ނިކުމެ ދުފަން އެންމެން މަޑުކުރީ ސިޓިންރޫމް ސޯފާތަކުގަ އެވެ. ރާއިމާ ފޯނަށް ގެއްލިފައި ސޯފާއަކަށް ވެއްޓިގަނެގެން އޮތްއިރު ދާނިޔަލް ނީމާ އުނގަށްލައިގެން ފޯނުން ކޮންމެވެސް ވީޑިއޯއެއް ދައްކަން އިނެވެ. ކުރިމަތިވާ ގޮތަށް ހުރި ސޯފާގައި ސަޖަން އިނީ ބޮޑެތި މީހުންގެ ވާހަކައަށް ސަމާލުކަން ހުއްޓާލައިގެންނެވެ. ޝަކީލް އާއި ޒުލޭޚާ ވެގެން ގޭގެ ކަންކަން ހުންނާނެ ގޮތް ކިޔައިދިންއިރު އޭނަ އަޑު އެހި އެވެ. އެމީހުންގެ ވާހަކައިގެ މިސްރާބު ބަދަލު ވުމުން އޭނަ ވެސް އަޑުއެހުން ހުއްޓާލައިފައި ނަޒަރު ބަދަލުކޮށްލައިފި އެވެ. އެވަގުތު ދާނިޔަލްގެ ނަޒަރު އެމޫނަށް ހުރިހެން ހީވެގެން ބަލައިލެވުނެވެ.

އޭނައަށް ހީވީ ރަނގަޅަށެވެ. ދާނިޔަލް އިނީ ބަލަހައްޓައިގެންނެވެ. ސަޖަންއަށް ފެނިގެން ފޮރުވާކަށް ވެސް ނޫޅުނެވެ. ވެރިކޮށްލީ ހިނިތުންވުމެކެވެ. ސަޖަން ފަރުވާކުޑަގޮތަކަށް ދުރުބަލަން ފެށި އެވެ. ނޯކަރުން އައިސް ފޮށިތައް މައްޗަށް ގެންގޮސް ނިމުނު ވާހަކަ ބުނުމުން އެންމެ ކުރިން ތެދުވީ އޭނަ އެވެ. ކުރިއްސުރެ ކޮޓަރިއަށް ނުދެވިގެން އޭނަ ހުރީ ލަސްވެފަ އެވެ.

"ކަމް ނީމާ! ހިނގާ ދޮންބެ ނީމާގެ ރޫމް ދައްކަދޭނަން." ދާނިޔަލް ނީމާގެ އަތުގައި ހިފައިގެން ތެދުވި އެވެ.

ޝަކީލް އެންމެންނާއި ވަކިވެގެން ދިޔައީ ބޭރަށް ނިކުންނާށެވެ. އެމީހުންނާއެކު އެތެރެއަށް ދިޔައީ ޒުލޭޚާ އެވެ. އެބައެއްގެ ފޮށިގަނޑުތައް ވަކިކޮށްފައި އެބައެއްގެ ކޮޓަރިއަކަށް ވެއްދިއިރު ނޯކަރުންގެ އެހީތެރިކަން ލިބުނެވެ. ސަޖަންއަށް ލިބުނީ ވަކި ކޮޓަރިއެކެވެ. އެކަމާއި ހިތްހަމަނުޖެހިގެން ވާހަކަދައްކަން ސަޖަން ބޭނުންވި އެވެ. ހިޔާލު ބަދަލުވީ މަންމަގެ ހިމޭންކަން ދެކެފަ އެވެ. ސަޖަންއަށް ވިސްނުނީ ބޭރު ބައެއްގެ ތެރޭގައި އާއިލީ ސިއްރުތައް ހާމަވެދާނެފަދަ ކަމަކަށް ވާތީ މަންމަ ހިމޭންކަން އިޚުތިޔާރު ކުރީ ކަމަށެވެ. ގޭގައި އޭނައާއި މަންމަ އެއްކޮޓަރިއެއްގައި ނިދާކަން ޝަކީލްގެ އާއިލާއަށް އެނގުމުން އެމީހުންގެ ހިތުގައި ސުވާލުތައް އުފެދޭނެ އެވެ.

ރާއިމާއާއި ނީމާ އެންމެ ކުރިން ކޮޓަރިއަށް ވަދެއްޖެ އެވެ. ކަމާލް އާއި ސިތާރާއަށްފަހު ޖަވާދާ އެވެ. ސަޖަން އާއި ޒުލޭޚާ ކޮރިޑޯގައި އެކަނިވުމުން ޒުލޭޚާ އައެވެ. ސަޖަންގެ ކޮނޑުގައި އަތް ބާއްވާލައިފައި، ކަމެއް ބޭނުންވެއްޖެނަމަ ކަންކުރަންވީ ގޮތް ބުނެދިނެވެ. ކުރިއްސުރެ ޒުލޭޚާގެ އޯގާތެރިކަމާއި ގަޔާވެފައި ހުރި ސަޖަން ހިނިތުންވުމާއެކު ބޯޖަހައިލި އެވެ. ޒުލޭޚާ ފަސްދީ ހިނގައިގަތުމުން ބަލަން ހުރެވުނީ މަންމަ ވަން ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ހަނދާން ހުންނަން ފެށީއްސުރެ މަންމައާ އެއް އެނދުގައި ނޫނީ އޭނަ ނިދި ހަނދާނެއް ނެތެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރީން އޭނަ ދެކެނީ މަންމަގެ މޫނެވެ. އަނެއްކޮޅުން ހެނދުނު ހޭލަނީ އެސޫރަ ދެކެމުންނެވެ.

ފަހަތުން ދޮރެއް ހުޅުވުނު އަޑާއެކު ސަޖަންއަށް އެނބުރި ބަލައިލެވުނެވެ. ނީމާމެން ދެބެންގެ ކޮޓަރިން ނިކުތީ ދާނިޔަލް އެވެ. ސަޖަން އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ދެމިގަތެވެ.

***

އިރުކޮޅަކުން ޖަވާދާ ސަޖަން ހޯދަން އައިސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނެވެ. ސަޖަން އޭރު އުޅުނީ ފޮށިގަނޑުގައި ހުރި ހެދުންތައް ނަގައި އަލަމާރީގައި ބަހައްޓާށެވެ. މަންމަ ލަފާދިނީ އެމަސައްކަތް ފަހަށް ބަހައްޓާފައި ތިރިއަށް ގޮސް ނޯކަރުންނަށް ބަދިގޭގެ މަސައްކަތުގައި އެހީތެރިވުމަށެވެ.

"އެއްކަލަ މަންމަ. މިގޭގެ މަސައްކަތް ކުރަން އެތިބީނު ނޯކަރުން. މަންމަ މިއޮތް ހުރިހާ ދުވަހު ވެސް ހުއްޓިނުލާ މަސައްކަތް ކުރީ. މިއަދު މީ މަންމަ ރެސްޓް ކުރަންވީ ދުވަސް. އެހެންނޫނަސް ޝަކީލްބެ ބުންޏެއްނު ގޭގެ މަސައްކަތް އަހަރުމެން ކުރާކަށް ނުޖެހޭނެއޭ." ސަޖަން ޝަކީލްގެ ވާހަކަ ހަނދާންކޮށްދިނެވެ.

އަތުގައި ހުރި އަންނައުނުތައް އަލަމާރިއަށް ލައިފައި އޭނަ އައިސް އެނދުގައި އިށީނދެލި އެވެ.

"އެމީހުން އެހެން އެބުނީ އެމީހުންގެ ހެޔޮކަމުން. ސިތާރާއާއި އޭނަގެ ކުދިންނަށް ތިބެވުނަކަސް އަހަރުމެންނަކަށް އެގޮތަކަށް ނުތިބެވޭނެ. އަހަރުމެންނަކީ ހިލޭ މީހުން. އަހަރުމެން ޖެހޭނެ އެވަރު ދަންނަން. ކަމެއްނުކޮށް ތިބެގެން މިގޭގަ ކައްކާ އެއްޗެއް މަންމަގެ އަރުން އެތެރެއަށް ވެސް ނުދާނެ." ޖަވާދާ އައިސް ސަޖަންގެ ކައިރީގައި އިށީންދެފައި ވާހަކަދެއްކި އެވެ.

ސަޖަން މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. މަންމަގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އިތުރަށް ބަހުސް ނުކޮށް އޭނަ ދާން އެއްބަސްވި އެވެ. އޭނަ ނުކޮށްފިނަމަ މަންމަ އަމިއްލަ އަށްވެސް ބަދިގެއަށް ވަންނާނެކަން އޭނަ ދަނެ އެވެ.

މެންދުރަށް ކައްކަންވީ އެއްޗެހި ބުނެދޭން ޒުލޭޚާ ދިޔައިރު ބަދިގެ ތެރެއިން ޖަވާދާމެން ދެމައިން ފެނުމުން ކުޑަ ހައިރާންކަމެއް ލިބުނެވެ.

"ޖަވާދާ! ކޮންކަމެއް ތީ؟ މިއަދު އައިގޮތަށް މިހާ އަވަހަށް ކައްކަން ވެސް ފެށީތަ؟ ކައްކާމީހުން ތިއްބާ ކީއްކުރަން ބަދިގެއަށް ވަނީ؟" ޒުލޭޚާ އައިސް ގޮނޑިއެއްގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަދެއްކި އެވެ.

ޖަވާދާ އެނބުރުނީ ހިނިތުންވެހުރެ އެވެ. ކައިރީގައި ސަޖަން ހުރީ އުނދުނަށް އުނދާފައި ހުރި ތެއްޔަކަށް ދޭފަތް ލައިގެން ހަލާށެވެ. ޒުލޭޚާގެ އަޑު އިވިގެން އެނބުރި ބަލާލައިފައި ސަޖަން މަސައްކަތަށް އެނބުރުނެވެ.

"މީ އަދި އެހާވަރު ކަމެއް ނޫން ޒުލޭޚާ." ޖަވާދާ ދެކޮޅު ހޯދާލައިފައި ސަމުސަލެއް ހޯދައިގެން ތެލި ކައިރިއަށް ޖެހިލި އެވެ.

އެނބުރި ޒުލޭޚާގެ ކައިރިއަށް އައީ ސަޖަން ކައްކަން ހުރި ތެލިން އެތިކޮޅެއް ނަގައިގެންނެވެ. ޒުލޭޚާ އަތަށް ދިނުމުން ޒުލޭޚާ ޖަވާދާއަށް ބަލައިލާފައި ކުޑަކޮށް ފުމެލުމަށްފަހު ރަހަ ބަލައިލި އެވެ. ވަގުތުން ދެލޯ ބޮޑުވި އެވެ. ޒުލޭޚާގެ މިހަރަކާތުން ޖަވާދާގެ ހިނިތުންވުން ފުޅާވެގެން އައެވެ.

"ހާދަ މީރޭ. ކޯއްޗެއްތަ މީ؟" ޒުލޭޚާ ސަމުސާ ލޮވެލާފައި ސުވާލު ކުރި އެވެ.

"ނަމެއް ހަދަންޖެހޭނީ. މަންމަގެ އަމިއްލަ ރެސިޕީއެއް މީ." ޒުލޭޚާއަށް ޖަވާބުދިނީ ސަޖަން އެވެ.

ޒުލޭޚާ ހައިރާންވެފައި ޔަޤީންކުރަންވެގެން ބަލައިލީ އަނެއްކާ ވެސް ޖަވާދާ އަށެވެ. ޖަވާދާ ބޯޖަހައިލަމުން ސަޖަންގެ ވާހަކަ ތެދުކުރި އެވެ.

"އަހަރެން މިކިޔަނީ ދައްތަގެ ކެއްކުން ކައިފަ މިގޭ މީހުން އަހަރެން ކައްކާއެއްޗެހި އަލުން ކާހިތްނުވެދާނެއޭ." މޭޒުގެ އަނެއްކޮޅުގައި ތަރުކާރީތަކެއް ކޮށަން ހުރި ކައްކާމީހާ ހިނިއައިސްފައި ހުރެ ވާހަކަދެއްކި އެވެ.

ޒުލޭޚާ އެމީހާއަށް ބަލާލައިފައި އެވާހަކައާ އެއްބަސްވެ ޖުމްލައެއް ބުނެލި އެވެ. ޒުލޭޚާ ސުވާލުކުރުމުން ކެއުމުގައި އިތުރަށް ހިމެނޭނެ އެއްޗެހީގެ ލިސްޓް ސަޖަން ކިޔައިދިނެވެ. ޒުލޭޚާ ނިކުމެގެން ދިޔައީ ނިކަން ހިތްހަމަޖެހިގެން ހުރެ އެވެ.

ހުކުރުން އައިސް ކާންތިބިއިރު ޝަކީލް އާއި ޒުލޭޚާގެ ތައުރީފް މެދުކެނޑުމެއްނެތި ޖަވާދާއަށް ލިބުނެވެ. ދާނިޔަލް އިނދެފައި ލަފާދިނީ ޖަވާދާ އެދާއިރާއިން ވިޔަފާރި ފެށުމަށެވެ. ކުޑަ ކެފޭއެއް ނަމަވެސް ހުޅުވައިފިނަމަ އެހެން ތަނަކުން މީހުން ނުކާނެ ކަމުގައި ބުނެލި އެވެ. ޝަކީލްއާއި ޒުލޭޚާ ވަގުތުން ދާނިޔަލްއާ އެއްބައިވި އެވެ. ސިތާރާ ބޭރު ފުށުން ހިނިތުންވޭވޭ އިންއިރު އެތެރެއިން އެނދި އެވެ.

ފިރިހެންވެރިން ނިމުމުން އަންހެންވެރީން ކާންވެގެން ސަޖަންގެ ވާހަކަ ޒުލޭޚާ އެހި އެވެ. ދޮރުން ނިކުންނަން ދިޔައިރު ދާނިޔަލްގެ ކަންފަތުގައި އެޖުމްލަ ހަރުލި އެވެ. އޭނަ ހުއްޓިފައި އެނބުރި ވާހަކަދެއްކުމުގެ ކުރީން ބަދިގެ ތެރޭ ތިބި އަންހެންވެރީންނަށް ނަޒަރެއް ދިނެވެ. ޖަވާދާ ސަޖަންއަށް ގޮވަން ދާ ވާހަކަ ބުނުމުން ހުއްޓުވާފައި ޒުލޭޚާ އެދުނީ ރާއިމާ ކައިރީގަ އެވެ. ރާއިމާ ވަގުތުން ތުންކޮޅު އޫކޮށްލި އެވެ. ނުދާންވެގެން ބަހަނާއަކަށް ދެއްކީ ބަނޑުހައިކަމެވެ.

"އަހަރެން މިދަނީ މައްޗަށް. ދާއިރު ސަޖަންއަށް ގޮވާލަފާނަން." ޒުލޭޚާގެ މޫނަށް ބަލަން ހުރެގެން ދާނިޔަލް ވާހަކަދެއްކި އެވެ.

ތިން އަންހެނުންގެ ނަޒަރު އެއްފަހަރާ ދާނިޔަލްގެ މޫނަށް ހުއްޓުނެވެ. ޒުލޭޚާ ބޯޖަހާލިއިރު ޖަވާދާ ކަންބޮޑުވެފައި ހުރެގެން އިސްޖަހައިލިތަން ދާނިޔަލްއަށް ފެނުނެވެ. ޖަވާދާ ދެވަނަ ފަހަރަށް ބަލާލުމުން ، ހިތްހަމަޖައްސައިދޭން މަސައްކަތްކުރާފަދަ ގޮތަކަށް ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

ދާނިޔަލް ފަސްދީ ގޮސް އޮބާލުމާއެކު ސިތާރާ ރުޅި އައިސްފައި އުޅަބޮށިން ރާއިމާގެ އަތުގައި ޖެހި އެވެ.

"މިގެއަށް ވަނީއްސުރެ ރާއިމާ އަތުން ލުއި ކާނާ ޕެކެޓެއް ނުފެންނަ އިރެއް ނުދޭ. ދެން ކޮންބަނޑުހައެއް ވާނީ؟" ސިތާރާ ދަތްކުނޑި ވިކާލައިގެން އިނދެ ދަރިފުޅަށް އެކަނި އިވޭވަރަށް ވާހަކަދެއްކި އެވެ.

ޖަވާދާ އާއި ޒުލޭޚާ އިނީ މޭޒުގެ ތަންކޮޅެއް ދުރުގަ އެވެ.

"މަންމަ މަދެކެ ކޮން ރުޅިއެއް ތިއައީ؟ ކޮޓަރިކޮޅުގަ އޮތްވާ މަށެއް ނުދާނަން އެކަމަނާ ބަލައެއް." ރާއިމާ ފޫހި ރާގެއްގައި ރައްދުދިނެވެ.

"ރާއިމާ ނުދިޔައީމަ ވީގޮތް ފެނިއްޖެއެއްނު." ސިތާރާ ރުޅި އައިސްފައި ހުރެގެން ކައިރީހުރި ފެންތަށި ނަގައި އެއްނޭވައިން ދަމައިލި އެވެ. ދެން ކީ އެއްޗެއް ވިއްޔާ ކީ ހިތާއި ހިތުންނެވެ. ދާނިޔަލް ޅައެއްޗެއް ނާޅަނިސް ދާނިޔަލްއަށް ވިސްނަދީ ސަޖަންއާ ދުރުގަ ހުންނަން ބުނެދޭން ނިންމި އެވެ.

ސަޖަންގެ ކޮޓަރިއާ ހަމައަށް ދެވުނުއިރު ދާނިޔަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. ފެންނަ ހިސާބުގައި މީހަކު ހުރިތޯ ވަށައިގެން ހޯދާލައިފައި އޭނަ ޓަކި ޖަހައިލި އެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތެރެއިން ފިޔަވަޅުގެ އަޑު އިވުނެވެ. ސަޖަން ދޮރު ހުޅުވަން ވާއިރަށް ދާނިޔަލް ލެނގިލީ ފާރުގަ އެވެ.

ދޮރުފަތް ހުޅުވާލައިފައި މީހަކު ފެންނަން ނެތިގެން ސަޖަންގެ މޫނަށް ހައިރާންކަން ވެރިވި އެވެ. އެއް އަތުން ބުރުގާގެ ދޮޅި ރީތި ކުރަމުން އޭނަ ނިކުންނަން ހަދާލުމާއެކު ދާނިޔަލް ކުރިމައްޗަށް އަރައިފި އެވެ. ސަޖަންއަށް ޖެހިލެވުނީ ފަހަތަށެވެ. ދާނިޔަލް އެއްފަރާތުގައި ހުއްޓިފައި އަތް ހުރަސްކޮށްލައި އަނެއްފަރާތު ދޮރުކަނީގައި ވިއްދައިލި އެވެ. ލައިގެން ހުރި އަޅި ކުލައިގެ އަތްދިގު ގަމީހުގެ ދެއަތާއި މޭމަތިން ތަންކޮޅެއް ބޮޑަށް ގަޔަށް ހިފާލައިފައި ހުއްޓެވެ. އަތުކުރި އޮޅާފައި އޮތްއިރު މުލައްދަނޑީގައި ފަޅާފައިވާ ލޯލިތައް ހާމައަށެވެ.

"ކޮޓަރި ކަމުދޭތަ؟" ދާނިޔަލް ސުވާލު ކުރި އެވެ.

ސަޖަން ބޯ ޖަހާލައިފައި ދޮރުކަނީގެ އެތެރެ ކައިރީގައި އަރިއަކަށް ލެނގިލި އެވެ.

"އިތުރު ކަމަކަށް ބޭނުންވަންޏާ ވާނެ ބުނަން. ޒުލޭދައްތަ ނޫނީ ގޭގެ ނޯކަރަކު ކައިރީ ބުންޏަސް ރަނގަޅުވާނެ. ނޫނީ އަހަރެން ކައިރީވެސް ބުނެވިދާނެ.." ދާނިޔަލް ފަހު ޖުމްލަ އިތުރުކޮށްލިއިރު ތުންފަތަށް އަނެއްކާ ވެސް ހިނިތުންވުމެއް ވެރިވި އެވެ.

"އެހެން ބުނަންވެގެންތަ ތިއައީ؟" ޝައުޤެއް ނެތް އަޑަކުން ސަޖަން އެހި އެވެ.

ދާނިޔަލް އެއްޗެއް ނުބުނެ ބަލަން ހުރުމުން އޭނަ ބުމަ އަރުވާލައިފައި ހަށަން ބަނދެލި އެވެ.

"ޔޫ އާ ޑިފަރެންޓް.." ދާނިޔަލް އެހެން ބުނެލީ ހިތުން އަމިއްލަ ނަފްސަށް އެކަނި އިވޭވަރަށެވެ.

"ކީކޭ ތިބުނީ؟" ސަޖަންއަށް އަހައިލެވުނެވެ. އޭނައަށް އެނގުނީ އެއްޗެކޭ ބުނިކަމެވެ. ސާފެއް ނުވި އެވެ.

ދާނިޔަލް ކަރުކެހިލާފައި ދޮރުކަނީން އަތް ވަކިކޮށްލައި ކުލަވަރު ބަދަލުކޮށްލި އެވެ. ދޭން އައި މެސެޖް އިއްވުމުން ސަޖަން ބޯޖަހައިލި އެވެ. ދާނިޔަލް އެވަގުތު އިތުރު އެއްޗެއް ބުނަން އުޅުނުހެން ހީވެ އެވެ. ސަޖަން މަޑުކޮށްލި އެވެ. އެކަމަކު އޭނަ ހީކުރި ގޮތާއި ޚިލާފަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ފެނުނީ ފަސްއެނބުރި ދާންފެށި ތަނެވެ. ސަޖަން މަޑުކުރީ ދާނިޔަލް ގޮސް ގެއްލޭންދެނެވެ. އޭނަ ހިނގައިގަތީ އޭގެ ފަހުންނެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular