18 Jun 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* ޖޫން 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އައި ކޭމް ޓު އީޓް ވިތު ޔޫ..." ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން ސަޖަން ޖަވާބުދިނެވެ.

ދާނިޔަލް ތެދުވެ ބާލީސްތަކުގައި ލެނގިލައިފައި ލޯ ބޮޑުކޮށްގެން ބަލައިލި ގޮތުން ހީވީ ސަޖަންގެ އެއްފަހަރާ ދެބޯ ފެންނަން ހުރީ ހެންނެވެ.

"ވަޓް އާ ޔޫ ޑުއިން ހިއާ؟" ދާނިޔަލް ދެވަނަ ފަހަރަށް ސުވާލުކުރި އެވެ.

"އަހަރެން މިއައީ ދާނިޔަލްއާއެކު ކާންވެގެން." ސަޖަން ތަކުރާރު ކުރި އެވެ. އޭނަ ހީކުރީ ދާނިޔަލްއަށް ޤަބޫލު ނުކުރެވިގެން ދެވަނަ ފަހަރަށް އެހީ ކަމަށެވެ.

"އަހަންނަށް ތިކަން އެނގިއްޖެ. އަހަރެން މިއަހަނީ ކީއްކުރަންހޭ މިތަނަށް ތިއައީ؟" ސަޖަން ކައިރިވެލަން އުޅެނިކޮށް ދާނިޔަލްގެ އަޑު ތަންކޮޅެއް ބާރުވެލުމުން ސިއްސައިގެންދިޔަ އެވެ. ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް ޖައްސާލައިފައި ކަންބޮޑުވެފައި އެމޫނަށް ބަލައިލި އެވެ.

"އައި ޑޯން ނީޑް ޔޯ ޕިޓީ ސަޖަން. އައި ޑޯން ނީޑް އެނީވަންސް ޕިޓީ.." ދާނިޔަލްގެ ޖުމްލަ އަހާފައި ސަޖަން ދެފަރާތަށް ބޯ ހޫރައިލި އެވެ. އޭނަ އުޅުނީ ދެކޮޅު ހަދާފައި ވާހަކަދައްކާށެވެ. އެކަމަކު ދާނިޔަލް އެފުރުސަތު ނުދީ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ކާއެއްޗެހި ގެނެސްދިނީތީ ޝުކުރިއްޔާ. އެކަމަކު ދެން ފަހަރަކުން އެބުރަ އުފުލާނެ ކަމެއް ނެތް. އެކަންކަމަށް މިގޭގަ ނޯކަރުން ތިބޭނެ. ދެން އެންމެ ރަނގަޅު ސަޖަން ދިޔަޔަސް..."

ދާނިޔަލް މަޑުމައިތިރި އަޑަކުން ވާހަކަދެއްކި ގޮތުން ސަޖަންގެ އަނގަ ބަންދުވި އެވެ. އޭނަގެ ބޭނުން ނުފުދެނީސް ރީތި ގޮތުގައި ނިކުންނަން ބުނެލީ އެވެ. އެންމެ ބޮޑަށް ފާހަގަވީ ވާހަކަދެއްކުމުގައި އެހުރި މަޑުމައިތިރި ކަމެވެ. އޭނަ އަދި އެތަނަށް އައީ ދާނިޔަލް ނިކަން އެތިވަރު ގޮވާނެ ކަމަށް ނިންމައި އަމިއްލަ ނަފްސް ތައްޔާރުކޮށްގެންނެވެ. އެކަމަކު އޭގެ ބަދަލުގައި އޭނައާ ބައްދަލުވީ މުޅިން އެހެން ދާނިޔަލްއެއް ކަހަލަ އެވެ.

މާޔޫސްވެގެން ސަޖަން ދާން އެނބުރިލިވަގުތު ދާނިޔަލް ފުން ނޭވައެއް ދޫކޮށްލި އެވެ. ނިތުގައި އަތް ހާކާލައިފައި ސަޖަންއަށް ގޮވާލިއިރު ސަޖަން ހުރީ ތަޅުގައި ހިފާލައިގެންނެވެ. ސަޖަން އެނބުރި ބަލައިލުމުން ދާނިޔަލް ހަތަރުކަޅި ހަމަކޮށްލީ ކުރިއަށްވުރެ ވެސް އޯގާތެރި ލޮލަކާއިގެންނެވެ.

"ސަޖަންގެ ތި އަމަލުގެ ފަހަތުގައި ވަނީ ގިލްޓް ކަމަށް ވަންޏާ އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް. އިޓްސް ނޮޓް ޔޯ ފޯލްޓް. ދުވަހަކު ވެސް އެގޮތަށް ނުވިސްނާތި! އެން ޔޫ ޑޯން އޯ މީ އެނީތިން." ދާނިޔަލްގެ އަޑުން އަންގައިދީ އެބުނީ ތެދުކަމެވެ. އަދި ހިތުގެ އަޑިން މާނަ ކޮށްފައި ބުނިކަމެވެ.

އެވަގުތު ސަޖަންގެ ނޭވާ ކަރުތެރޭގައި ތާށިވި އެވެ. ކަރުނަތައް އެސްފިޔަތަކުގެ ފުރަގަހަށް ބޮނޑިވެ ފައިބަފާނެ ކަމުގެ އިންޒާރު ދިނުމާއެކު އަވަސްއަވަހަށް އެސްފިޔަ ޖަހާލައިފައި ކޮންޓްރޯލް ކުރި އެވެ. ދާނިޔަލްގެ ނަޒަރު އޭނަގެ މޫނުން ދުރަށް ހުއްޓާލުމުން ދެން އެތަނުން ނިކުންނަންވީކަން އެނގުނެވެ. ސަޖަން ނިކުމެ ދޮރު ލައްޕާލިއިރު ދެއަތްތިލަ ހީވަނީ ފިނިކަމުން އެހެންފަދަ ކަމެއް ހެންނެވެ. ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލައިފައި ދެކޮޅު ބަލައިލީ ދެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭމީހަކު ފަދައިންނެވެ. ލިބިފައިވާ ޝޮކުން ބޭރަށް އައުމަށްޓަކައި ހިތުގައިވި ވާހަކަތައް ކޮންމެވެސް ގޮތަކަށް ނެރެލަން ބޭނުންވި އެވެ.

ސަޖަން ގޮސް ޒުލޭޚާގެ ކޮޓަރީގައި ޓަކި ދިނުމާއެކު އެތެރެއިން ހުއްދަ ލިބުނެވެ. ދޮރު ހުޅުވާލިއިރު ޒުލޭޚާ ހުރީ ފެންތައްޓެއް އަޅާށެވެ. ސަޖަން ކައިރީ އެތެރެއަށް ދާން ބުނެފައި ބޭސްކާޑު ނަގައި ބޭސްގުޅައެއް ވަކިކޮށްލި އެވެ. ސަޖަން އެވަގުތު ވަދެ ދޮރު ލައްޕާފައި ބާރު ބާރަށް ގޮސް އިށީންދެލީ އެނދުގަ އެވެ. ޒުލޭޚާ ފެނާއެކު ބޭސްގުޅަ ދިރުވާލައިފައި ބަލާލިއިރު ބޮލުގެ ދެފަރާތުން ހިފަހައްޓާލައިގެން އިނެވެ. ހުސްތަށި ބަހައްޓާފައި އެދިމާއަށް ދަނިކޮށް ސަޖަން އިސްއުފުލާލައިފައި އަތްތިރިކޮށްލައިގެން ވާހަކަދައްކަން ފެށި އެވެ.

"އަހަންނަށް ހަމަ ޔަޤީން އެކޮޓަރީގައި އެއިނީ ދާނިޔަލް ކާލައިގެން އިން ޖިންނިއެއް. ނޫނީ ދާނިޔަލްގެ ހަށިގަނޑަށް އެހެން މީހެއްގެ ރޫޚުވަދެފަ އެއިނީ..." ސަޖަންގެ ޖުމްލަ ނިމުމާއެކު ޒުލޭޚާ ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"ނުބައި ހުވަފެނެއްގައި އުޅެވެނީއޭ ހީވެގެން ގައިގައި ވިކައިގަންނަން ވެސް ޖެހުނު. ކުއްލިއަކަށް މީހަކު އެހާ ބޮޑަށް ބަދަލުވާނެތަ؟ އަހަރެން މިހިތަށް އަރަނީ ދާނިޔަލްގެ ފަޔަށް ލިބުނު ގެއްލުމާއެކު އޭނަގެ ސިކުނޑިއަށް ވެސް އަސަރުތަކެއް ކުރީ ނޫންބާއޭ. ދައްތަމެން އޭނަ ނަފްސާނީ ޑޮކްޓަރަކަށް ދެއްކިންތަ؟" ސަޖަން ޒުލޭޚާއަށް ފުރުސަތު ނުދީ ވާހަކަދެއްކި އެވެ.

"ދެމަސްވަންދެން އެނދުގައި އޮންނަންވީމަ މީހަކަށް އެހެން ވެދާނެ." ޒުލޭޚާގެ ޖަވާބު އައެވެ.

"އަހަންނަށް ހިއެއްނުވޭ މިހާރު ދާނިޔަލްއަށް ރުޅިއަންނަން އިނގޭ ހެނެއް ވެސް. އަދި ކޮބާ އޭނަގެ ހަނދާންވެސް ބަލީ ކަންނޭނގެ. އޭނަ ބުނީ އަހަރެންގެ ކުށަކުން ނޫނޭ އޭނައަށް އެހާދިސާ ދިމާވީ. އެކަމަކު އަހަރެން ރަނގަޅަށް ހަނދާން އެބަހުރި އަހަރެން ކަންތައް ކުރިގޮތުން ރުޅި އައިސްގެން ދިޔަގޮތަށް އޭނަ އެކްސިޑެންޓް ވީ. އަހަރެންގެ ސަބަބުން ދާނިޔަލްގެ ބައްޕަ ވެސް އޭނައާ ދެކޮޅަށް ތެދުވީ..." ސަޖަން އަވަސް އަވަހަށް ވާހަކަދެއްކި އެވެ.

ޒުލޭޚާގެ ސަބަބުން ރައްދު ނައުމުން ބަލައިލިއިރު ދުރު ބަލަން އިންގޮތުން ވާހަކަ އިތުރަށް ކުރިއަށް ގެންދަން އުޅޭކަން ވިސްނިގެން އަޑު އަހަން އިނެވެ.

"ޝަކީލް ބުނި އޭނަ ހޭއަރައިގެން ފުރަތަމަ ދެތިން ހަތަރު ދުވަހު އެއްގޮތަކަށް ވެސް އަނގައިން ނުބުނެ އޮތްވާހަކަ. ގެއަށް ދޫކޮށްލި ފަހުން ވެސް އެކަނިމާއެކަނި އަބަދުވެސް ކޮންމެވެސް ވިސްނުމަކަށް ގެއްލިފައި އޮންނަނީ. ވާހަކަދެއްކި ވަގުތު ފުރަތަމަވެސް ޝަކީލް ކައިރީ އެދުނީ މާފުކޮށްދިނުމަށް. ނުބުނޭ ވަކި ކަމަކަށް. ޝަކީލް އަހަރެން ކައިރީ ބުނެގެނެއް ނޫން އެކަމަކު އަހަރެން އެކޮޅަށް ގޮސް ދާނިޔަލްއާ ބައްދަލުވި ފުރަތަމަ ވަގުތުކޮޅު ވެސް އޭނަ ބަދަލުވެފަ ހުރިކަން ފާހަގަވި. ކޮށްދޭ އެންމެހާ ކުދި ކުދިކަންތައްތަކަށް ދަންދެން އޭނަ ފާހަގަކުރޭ. ޝުކުރުއަދާ ކުރޭ. ފެށުނީއްސުރެ ކަށީގައި ހަރުލާފައިވާ ކަންކަން ބަދަލުކުރަން އުދަނގޫވާނެ އެކަމަކު އޭނަ ވަރަށް މަސައްކަތް ކުރޭ ކުރީގެ ދާނިޔަލްގެ ސިފަތައް ދޫކޮށްލެވޭތޯ." ޒުލޭޚާގެ ނަޒަރު ސަޖަންއަށް ހުއްޓާލިއިރު ސަޖަން އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

"ކޮންމެފަދަ ކަމަކާއި ގުޅިގެން ވިއަސް ދާނިޔަލްއަށް ރަނގަޅު ބަދަލެއް އައުމަކީ އަހަރެން އުފާ ކުރާކަމެއް. އޭނަ އެހެން ބުނިއްޔާ ބުނާނީ ހިތުގެ އަޑިން. ސަޖަން ވެސް ދެން ހިތްހަމަޖައްސާލައިފަ ވެދިޔަ ކަންތައް ހަނދާން ނައްތައިލާ." ޒުލޭޚާ ވާހަކަ ނިންމައިލަމުން ސަޖަންގެ އަތުގައި ހިފާ މަޑުމަޑުން ފިތައިލި އެވެ.

ފެންކަޅިވެފައިވާ ލޮލަކާއިއެކު ހިނިތުންވެލުމުން ސަޖަން ވެސް ހިނިތުންވެލައިފައި ޖަވާބުގައި ބޯޖަހައިލި އެވެ.

***

އައިރާގެ އުފަންދުވަހު ސަޖަން އުޅުނީ އައިރާ ގެއަށް ދިޔަ ނުދޭން އަމިއްލަ ގެއަށް ގެނެސްގެންނެވެ. ހުއްދަ ހޯދަން އެހުމުން ޒުލޭޚާ އުފަލާއެކު އެކަމަކަށް މަރުހަބާ ކިއެވެ. އައިރާ ހުރީ ފުރަތަމަ ފަހަރަށް އައިސް ސަޖަންގެ ގޭގައި އުޅެން ލިބުމުން ނިކަން ފޮނިވެފަ އެވެ. ކޮލެޖް ނިންމާފައި އައިގޮތަށް އެގެއިން ކައިގެން ސަޖަންއާއެކު ވަނީ ކޮޓަރިއަށެވެ.

އަލަމާރީގައި ހުރި ސަޖަންގެ ހެދުންތައް ބަލަބަލާފައި އައިރާ ސަޖަންގެ ހުއްދަ ހޯދައިގެން އެތަނުން ހެދުމެއް ލައިގެން ނިކުތެވެ. އިތުރަށް އެދުނީ ޝޯލްއެއް އަޅަން އެހީތެރިވުމަށެވެ. ސަޖަން ހުރީ ނިކަން ގަޔާވެފަ އެވެ. "އަހަރެން ބުރުގާ އަޅާހިއްވެއްޖެ. އައި ތިންކް އައި ލުކް ބެޓާ ވިތް އިޓް." އައިރާ ލޯގަނޑަށް ބަލަން ހުރެފައި ބުނެލި އެވެ.

"ޔަޤީނެއްނު." އުފާވެރި ހިނިތުންވުމަކާއެކު ސަޖަން އެއްބަސްވި އެވެ.

އައިރާ ފޯނު ނަގާފައި ސެލްފީއެއް ނެގި އެވެ. ސަޖަންއަށް ގޮވުމުން އައިސް ސެލްފީ ނަގަން ބައިވެރިވި އެވެ. އައިރާ އެތަނުން ގަޑެއް ޒައިންއަށް ވައިބާ ކޮށްލި އެވެ.

ހަވީރު ސައިބޯން ތިރިއަށް ގޮސްފައި އައިސް ދާނިޔަލްގެ ވާހަކަ އައިރާ އެހި އެވެ. ސަޖަން ވަގުތުން ހިމޭންވި އެވެ. އޭނައަށް ވެސް ދާނިޔަލް ނުފެންނަތާ ދެތިން ހަތަރު ދުވަސްވެއްޖެ ކަން ހަނދާންވި އެވެ. އައިރާ އެދުނީ ދާނިޔަލްއާ ބައްދަލުކުރަން ގެންދިއުމަށެވެ. އެގެއަށް އައިސް އުޅެފައި ހާލު ބަލާނުލައި ދިއުން އައިރާއަކަށް ރަނގަޅު ކަމަކަށް ނުވި އެވެ. ސަޖަން ބޯޖަހާލައިފައި އައިރާ އެކޮޓަރި ކައިރިއަށް ގެންދިޔަ އެވެ. އައިރާ ޓަކި ދިންއިރު ސަޖަން ހުރީ ކައިރީގަ އެވެ.

އެތެރެއިން ހުއްދަ ލިބުމުން އައިރާ ދޮރު ހުޅުވާލައިފައި ވަންއިރު ސަޖަން ވަނީ ފަހަތުންނެވެ. ދާނިޔަލް ތެދުވެ އެނދުގައި އިނީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ. ދެއަންހެން ކުދިން ފެނުމާއެކު ރިމޯޓް ނަގައި އަޑު މަޑުކޮށްލި އެވެ.

"އަހަރެމެން އަދި އޮފިޝިއަލީ މީޓްއެއްނުވޭ. މީ އައިރާ. ސަޖަންގެ ބެސްޓްފްރެންޑް." އައިރާ އެނދާއި ކައިރިވެ ސަލާމަތް އަތްދިއްކޮށްލާފައި ވާހަކަދެއްކި އެވެ.

"ހައި އައިރާ." ދާނިޔަލް ލުއި ހިނިތުންވުމަކާއެކު އައިރާގެ އަތުގައި ހިފާފައި ވާހަކަދެއްކި އެވެ.

ކުޑައިރުކޮޅަކަށް އޭނަގެ ނަޒަރު ސަޖަންއަށް ދަތުރުކޮށްލާފައި އަނބުރާ އައިރާއަށް ހުއްޓުނެވެ. އަތުގެ އިޝާރާތުން އެތާހުރި ލައުންޖް ގޮނޑި ދައްކައިލުމުން އައިރާއާއެކު ސަޖަން ވެސް އިށީންދެލި އެވެ.

"ސަޖަން ކޮންމެވެސް ވަރަކަށް ކިޔައިދިން ފަޔަށް ގެއްލުން ލިބިގެން ނުހިނގޭ ވާހަކަ. މިހާރު ކިހިނެތް ވަނީ؟ ޕްރޮގްރެސް ފެނޭތަ؟" އައިރާ ކޮޓަރިއަށް ނަޒަރު ހިންގާލައިފައި ދާނިޔަލްއަށް ހުއްޓާލަމުން އެހި އެވެ.

ސަޖަން ނޭވާ ހިފަހައްޓާލައިގެން ޖަވާބު އަހަން ބޭނުންވެފައި އިނެވެ.

"އިޓްސް ގެޓިން ބެޓާ." ދާނިޔަލް ދިނީ ކުރު ޖަވާބެކެވެ. ސަޖަން ބޭނުންވިފަދައިން ތަފްޞީލު ދޭކަށް ނޫޅުނެވެ. ސަޖަންއަށް އެޖަވާބުން މާޔޫސްކަމެއް ލިބުނެވެ.

"މިހާރު ދެން ކިހިނެއް ޓްރީޓްމެންޓް ގެންދަނީ. ގޭގައި ފިޒިއޯ ހަދަނީތަ؟ އަހަރެން ވެސް ފައި ބިންދިގެން އުޅުނިން ދުވަސްކޮޅަކު. ނަސީބަކުން ކުޑަ ސާޖަރީއަކުން ސަލާމަތްވި. ދެން ދުވަސްކޮޅަކު ޖެހުނު ފިޒިއޯހަދަން ދާން. ދެން ބުނީ ގިނައިން ހިނގާ އުޅެން. ތިކަހަލަ ފޯއާމް ކްރަޗް އެއްވެސް ގެންގުޅުނިން." އައިރާ ވާހަކަ ކުރިއަށްގެންދިޔައިރު ސައިޑު ޓޭބަލްގައި ލައްކޮށްފައި ހުރި ކްރަޗްއަށް އިޝާރާތްކޮށްލި އެވެ.

"ގޭގައި ފިޒިއޯ ހަދަނީ." ދާނިޔަލް ޖަވާބުދިންއިރު ނަޒަރު ހުރީ ސަޖަންއަށެވެ.

ސަޖަން އޭރު އިނީ އިސްޖަހައިގެންނެވެ. އޭނަ އެވާހަކައަށް މާބޮޑު ޝައުޤުވެރިކަމެއް ހުރިކަން ދާނިޔަލްއަށް އަންގާކަށް ބޭނުމެއް ނުވެ އެވެ. ދައްކާނެ އިތުރު ވާހަކައެއްނެތި ހިމޭންކަން ދިގުލައިގެން ދާން ފެށުމުން އައިރާ ތެދުވި އެވެ. ދާނިޔަލްއަށް ފާގަތިކަމަށް އެދިފައި ސަޖަން ގޮވައިގެން ނިކުތެވެ.

"އައިރާ އަޅެ ބުނިންތަ ހިނގަން ބުނި ވާހަކަ؟" ކޮޓަރިން ނިކުމެ ތަންކޮޅަކަށް ދެވުމާއެކު ސަޖަން ނުކުރެވިފައި ހުރި ސުވާލުކުރި އެވެ.

އައިރާ ޖަވާބުގައި ބޯޖަހައިލި އެވެ.

"އެކަމަކު އިނގޭތަ ދާނިޔަލް އެއްގޮތަކަށް ވެސް ހިނގާ ހެނެއް ހިއެއްނުވޭ. އޭނަ އަބަދު ކޮޓަރީގަ އިންނަނީ. އެހެންނޫނަސް އެތާ ތެރޭގަ ނެތް މީހަކަށް ކަސްރަތު ލިބޭ ވަރަށް ހިނގޭނެ މާބޮޑު ތަނެއް. ބޭރުގަ ހިނގިއްޔާ ގައިމު މާ ރަނގަޅު ވާނެ.." ސަޖަން އެކުގައި ދަމުން އަވަސްއަވަހަށް ވާހަކަދެއްކި އެވެ.

"ހުރިހާ ކޭހެއް އެއްގޮތެއް ނުވާނެ ސަޖަން. އެކިމީހުންނަށް ވާނީ އެކި ގޮތް. ވެދާނެ އިތުރަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ އެހާ ގިނައިން ނުހިނގަން އޭނަ ކައިރީ ބުނީ ކަމަށް ވެސް." އައިރާ ހުއްޓިފައި ސަޖަންއާ ދިމާއަށް އެނބުރި ވާހަކަދެއްކި އެވެ.

"އެކަމަކު އަހަންނަށް ހަމަ ހީވަނީ ދާނިޔަލް އެހެންމީހުންގެ ތެރެއަށް ނުނިކުންނަން ވެގެން ނުހިނގާ އެތާ އިންނަނީހެން. އަހަރެން ދައްތަ ކައިރީ އަހައިގެން އޮޅުންފިލުވާނަން." ސަޖަން ދަތްދޮޅީގައި ހިފާލައިފައި ވިސްނައިލި އެވެ.

ޒައިން މެސެޖް ކޮށްފައި ތައްޔާރުވި ވާހަކަ ބުނުމާއެކު ސަޖަން އައިރާ ފޮނުވައިލަން ތައްޔާރުވި އެވެ. އައިރާ ކާރަށް އެރިއިރު އަނެއްކޮޅުން އިތުރު ކާރެއް ސަޖަން ބަލާ އައިސް ދުރުގައި އޮތެވެ. އައިރާ އިން ކާރު ދުރަށް ދިއުމާއެކު ސަޖަން ޒައިން ފޮނުވި ކާރުގައި އިނދެ އެގެއަށް ދިމާއަށް ދަތުރުފެށި އެވެ. ރާވާފައިވާ ގޮތުގެ މަތިން އައިރާ އިން ކާރުގެ ޑްރައިވަރު ގެއަށް ދިޔައީ ދުރު މަގުތަކުން ލާފައި ލަހުންނެވެ. އޭރު ސަޖަން އާއި ޒައިން ތިބީ އެގޭގެ ބާކީ ތިބި މީހުންނާއެކު އައިރާ ސަޕްރައިޒްކޮށްލަން ތައްޔާރުވެގެންނެވެ.

ޕާޓީ ނިމުނުއިރު ބާރަ ޖަހައި ބޮޑުވެއްޖެ އެވެ. އައިސް ގެއަށް ވަންނަން ވެގެން ސަޖަން ގުޅީ ރާބިއާ އަށެވެ. ލަސްވާނެ ވާހަކަ ބުނެފައި އޭނަ އޮތީ ކުރިއްސުރެ އެންމެން ކައިރީ ބުނެ ހުއްދަ ހޯދައިފަ އެވެ. ޒައިން ސަޖަންގެ ފޯނުން ވާހަކަދައްކާފައި ގެއަށް ގެނެސްދޭނެ ވާހަކަ ބުނުމުން ޖަވާދާގެ ނުތަނަވަސްކަން ފިލައިގެން ދިޔަ އެވެ. އައިސް ސަޖަންއަށް ވަދެވޭންދެން ޒައިން ބޭރުގައި މަޑުކުރި އެވެ. ދޮރު ހުޅުވިއިރު ވެސް ރާބިއާ އާ ފުރެނީ އެވެ. ސަޖަން ރާބިއާއަށް ޝުކުރު އަދާކޮށްފައި ހަރުކޮށް ސިޑިން އަރައިގެން ދިޔަ އެވެ. ކޮރިޑޯއަށް ވަދެގެން ތަންކޮޅަކަށް ދެވުނުތަނާ އޭނަގެ ސަމާލުކަން އަތުލީ އިވެމުންދިޔަ އަޑެކެވެ. ސަޖަންގެ ދެފައި ހަރުލުމާއެކު ހޯދައިލެވުނެވެ. އެވަގުތު އޭނައަށް ފެނުނު މަންޒަރު ޤަބޫލު ކުރަން ދަތިވި އެވެ.

ކްރަޗްގެ އެހީގައި ހިނގާފައި ގޮސް ކޮރިޑޯގެ ކޮޅުން ބެލްކަންޏަށް އެނިކުންނަނީ ދާނިޔަލް އެވެ. ފިނިވެފައިވާ އަތްތިލަ މުށްކަވާލައިގެން ސަޖަން އެމަންޒަރު ބަލަން ހުއްޓެވެ. އޭނަގެ ދެފައި ހަރަކާތް ކުރަން ފެށުމާއެކު ހިނގަން ފެށުނީ އެދިމާއަށެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular