19 Jun 2018

ދުރުގައި ވިޔަސް

ދުރުގައި ވިޔަސް

* ޖޫން 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ނިކްހާއަށް ދެލޯ މަރާލެވުނެވެ. އޭނާގެ އުނަގަނޑުގައި ހިފަހައްޓައިދިން އުނޭސްގެ ގައިން އެރި "ހޫގޯ" ގެ މީރު ވަސް އޭނާގެ ނޭފަތުގައި ޖެހުމުން ނޭވާ އެތެރެއަށް ދަމާލެވުނެވެ. ކަރުކެހިލިހެން ހީވެ ނިކްހާ ދެލޯ ހުޅުވާލިއިރު އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރި އުނޭސް ހިނިތުންވެލިއެވެ. ހަށިގަނޑު ތެދުކޮށްލާފައި އަވަހަށް ދުރަށް ޖެހި ނިކްހާ މޫނު ވެސް އަނެއްފަރާތަށް އަނބުރާލިއެވެ.

"ސޮރީ" އުނޭސްގެ އަޑުގައި ހުރި ހިތްގައިމުކަން ނިކްހާއަށް ކަމުދިޔައެވެ. ފިރިހެންވަންތަ ބަރު އަޑެކެވެ. އެއަޑަށް ބީރު ކަންފަތެއް ދެމުން ނިކްހާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ކައިރީގައި ހުރި އުނޭސްގެ އިސްކޮޅު ދިގުކަމުން އޭނާއަށް ބަލަން ޖެހޭނީ މޫނު މައްޗަށް ޖަހައިގެންނެވެ. އޭނާ އަންނަނީ ކިރިޔާ އުނޭސްގެ މެއާއި ހަމައަށެވެ.

"ސޮރީ، ސޮރީ، ސޮރީ" އުނޭސް ތަކުރާރުކުރަމުން ދިޔައެވެ. ނިކްހާއަށް އުދަނގޫވެގެން އެންމެ ފަހުން ޖެހުނީ އަނގައިން ބުނާށެވެ.

"އިނަފް،" ހަރުކަށި ރާގަކަށް ނިކްހާ ބުނުމުން އުނޭސް ހުއްޓާލިއެވެ. ނަމަވެސް ނިކްހާގެ ދުލުން މާފުކޮށްފީމޭ ނުބުނާތީ އަނެއްފަހަރުވެސް އޭނާ ފެށީއެވެ.

"އާރ ޔޫ އޯޓިސްޓިކު؟" ނިކްހާގެ އަޑުގައިވީ ނުރުހުމެވެ.

"ނޫން. އަހަރެންގެ ނުހުންނާނެ މެންޓަލް އެއްވެސް މައްސަލައެއް. ކިހިނެއްވީ؟" އުނޭސް ވަގުތުންޖަވާބު ދިނެވެ. ނިކްހާ ދަތް ފިއްތާލީ ރުޅި ގަދަވިވަރުންނެވެ. ޖަދަލުކުރަން ކުޅަދާނަ ޒުވާނަކާއި ބައްދަލުވެ އޭނާއަށް ދުލެއް ނުލިބޭތީ އޭނާގެ އެތެރޭގައި އުފެދެންފެށި ރުޅި އޭނާގެ މޫނުމަތިން ސިއްރެއް ނުވިއެވެ.

"ރިޕީޓިން ސޭމް ތިން، އިޓްސް އަ ސިމްޓޮމް އޮފް އޯޓިޒަމް' ނިކްހާ ބޭނުންވީ ކުރިމަތީގައި ހުރި ގޮތްނޭނގޭ މީހާ ރުޅި އަރުވާލާށެވެ. އެކަމަކު ފަނޑުވުމެއްނެތް ހިނިތުންވުން ފެނި ރުޅި ކެކި އުތުރެންފެށީ އޭނާގެ ހިތު ތެރޭގައެވެ.

"އަހަރެން ކައިރީގައި ހުރި ވަރަށް ބީރު ކުއްޖެއް، އެއްފަހަރު ބުނެގެން އަޑެއް ނީވުން. އަހަރެން މި އެދެނީ ތިޔަ ހަށިގަނޑުން ކިޑްނީއެއް ދޭށެކޭ ނޫން. އަހަރެންގެ ސަބަބުން ތަދުވިހެން ހީވެގެން މަޢާފަށް މި އެދެނީ، ކީއްކުރާނީ؟ ބައެއް މީހުން މޫނުމަތި އުޖާލާވިއަސް ހިތް އޮތީ ކަޅު ދެލިގަނޑެއްހެން.." އުނޭސްގެ ބަސްތަކުން ހީވީ ނިކްހާގެ މޫނުމަތީ ބާރަށް ޖެހިހެންނެވެ. އަދިވެސް އޭނާއަށް މަލާމަތްކުރަނީއޭ ހިތައި ނިކްހާ ތުން ފިއްތާލީއެވެ.

"އައި ހޭވް ނޯ އިންޓްރެސްޓް ޓު ޓޯކު..." ނިކްހާ ކުރިއެކޭ އެއްފަދައިން މޫނު އަނެއްފަރާތަށް އަނބުރާލަމުން ބުނެލިއެވެ.

"ތިޔަ ކުއްޖާގެ ބައްޕަ އަކީ ފަރަންޖީއެއްތަ؟ މަންމަ އަކީ ނަޞީބަކުން ދިވެއްސެއް ދޯ. މިހެން މި އެހީ އަހަރެން ދައްކާ ވާހަކަ ފަހުމް ވާތީ، އަހަރެން މިތާ މިހުރި ކުޑަ ވަގުތުކޮޅު ތެރޭ އަދި ނާހަން ދިވެހިން އެންމެ ބަހެއް ބުނި އަޑެއްވެސް. " އުނޭސް އަދިވެސް ހުރީ ޖެއްސުންކުރުމުގެ ނިޔަތެވެ.

"ޔޫ ކާންޓް ސްޕީކު އިންގްލިޝް." ނިކްހާ އަހައިލީ މަލާމާތުގެ ރާގަކަށެވެ.

"ނޫން. ފަހަރެއްގައި ތިޔަށްވުރެ ފަރިތަކޮށް ވެސް ދެއްކިދާނެ، އަހަރެން ސްކޫލުގައި ކިޔެވީ ބަސް އަހައިގެން، އެއްވެސް ގަޑިއަކު ސަކަރާތެއް ނުޖަހަން. އިނގިރޭސި ވެސް ދަސްކުރިން. ދިވެހި ވެސް ކިޔެވީ ކިޔަވާ ހިތުން، އަނެއްކާ ދިވެހި ގަޑީގައި ސަކަރާތްޖަހައިގެން ބޭރަށް ލާފައިތަ ހުންނަނީ؟" އުނޭސް އެއްލޯ މަރައިލީ އޭނާ ކުރަނީ ސަމާސާކަން އަންގަންވެގެންނެވެ. އެ މަންޒްރުފެނިފައި ނިކްހާ ވަކިން ބޮޑަށް ރުޅި ގަދަވީއެވެ.

ލިފްޓުގެ ދޮރު ހުޅުވުނު އަޑަށް ނިކްހާ ބޭނުންވީ އެތަނުން ނިކުންނާށެވެ. އޭނާއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ކުއްލިއަކަށް އޭނާގެ އަތުގައި ހިފާ ފަހަތަށް ލައްކެއް ޖަހައިފިއެވެ.

"ލޭޑީސް ފަސްޓް، އެއީ އަހަރެން ފޮލޯ ކުރާ ރޫލްއެއް ނޫން. ސޯ ލެޓް މީ ގޯ ފަސްޓް." ނިކްހާ ގެނެސް ފަހަތަށް ލަމުން އުނޭސް ހިނގައިގަތެވެ. އޭނާ ގޮސް ލޯމަތިން ގެއްލެންދެން ނިކްހާ އަށް ހުރެވުނެވެ. ލިފްޓް ލެއްޕެން އުޅޭހެން ހީވެ އަވަހަށް އޭނާ ނިކުންނަން ހިނގައިގަތެވެ.

އަޝްރަފް އައިސް ނިމާލްއަތަށް ދެންމެ ނެގި ކޮޕީތައް ދިއްކޮށްލިއެވެ.

"ޑަސްބިނަށް" ނިމާލް އަތުގެ އިޝާރާތާއި އެކު ދައްކައިލީ ކެބިންގައި ހުރި ޑަސްބިނެވެ. އެއަޑު އަހާފައި ހައިރާންވެފައި އަޝްރަފް އަށް ހުރެވުނެވެ. އެހީއަށް އެދިފައި އައި ކުއްޖާގެ ޑޮކިއުމެންޓްތައް ކޮމިޓީ އާއި ހަވާލުކުރަން ބުނާނެކަމަށް އޭނާ އުއްމީދުކުރިއެވެ.

"ކީއްވެ؟" އަޝްރަފް އަށް އަހާލެވުނެވެ. އެއީ މީގެ ކުރިން ނިމާލް ކަންތައްކުރާ ގޮތް ނޫންވީމައެވެ.

"ލުކް އެޓް ހިމް. ސިފައަށް ބަލާފައި ޖަހާތަ ރަނގަޅުވައްތަރެއް؟ އެ އުޅެނީ ކޮންމެވެސް މީހެއްގެ ލިޔުންތަކެއް ހިފައިގެން ލާރި ހޯދަން. އެކަހަލަ ޒުވާނުން އަހަރެން ދަންނަން، އެމީހުންގެ ގާތްމީހުން މުޅިންވެސް ތިބޭނި، ވަޒީފާއަކަށް ނުގޮސް ފައިސާ ހޯދާނެ ގޮތެއް އެމީހުން ހޯދަނީ. އަޅާނުލާ، އޭނަ ދެން އަތުވެއްޖެއްޔާ ބުނޭ ކޮމިޓީން ފާސްނުކުރި ވާހަކަ، ދެޓްސް އިޓް،" ނިމާލް ގެ ޖަވާބު އަހާފައި އަޝްރަފް އެތަނުން ނިކުންނަން ހިނގައިގަތެވެ. މީހެއްގެ ސިފައަށް ބަލާލާފައި ގޮތް ނިންމުމަކީ ރަނގަޅު ކަމެއް ނޫނޭ ބުނަން އޭނާގެ ހިތަށް އެރިއެވެ. ނިމާލް އަކީ އޭނާގެ ވެރިޔާއަށްވެފައި ބަސްކިއުމުގެ އިޒުނަ ނޯންނާނެތީ ހަނު ހުރީއެވެ.

ނިމާލް އެބުނާ ކަހަލަ ނުބައި މީހަކަށް އުނޭސް ނުވާނެއޭ އަޝްރަފް ހިތް ބުންޏެވެ. އޭނަ އާއި ވާހަކަ ދެއްކީ ރީތިކޮށެވެ. ނިމާލް އަންނަންދެން ކެއްތެރިކަމާއި އެކު އިންތިޒާރުކުރިއެވެ. ރުޅިއެއް ނާދެއެވެ. ލަސްވެގެން ޝަކުވާއެއް ނުކުރެއެވެ. ނިމާލް ވާހަކަ ދެއްކި ގޮތް އަޝްރަފްއަށް ފެނުނެވެ. ފަހުންވެސް އުނޭސްގެ ފަރާތުން ނުރުހުމުގެ އަސަރެއް ނުފެނެއެވެ. އޭނާގެ މޫނުމަތިން ފެންނަ މަޑުމައިތިރިކަން ރަމްޒުކޮށްދެނީ ހިތުތެރެ ވާ ރިހުމެވެ.

އެއްވެސް ލިޔުމެއް ޑަސްބިނަށް ލާން އަޝްރަފް ބޭނުމެއް ނުވިއެވެ. އެހެންވެ އޭނާ ގެންގޮސް ލީ އަމިއްލަ ވަތްގަނޑުގެ ތެރެއަށެވެ.

ނިމާލް އާއި ބައްދަލުކުރަން ޝަކީލް އައީ މެންދުރު ފަހުގެ ވަގުތެއްގައެވެ. ދެ އެކުވެރިން ހީހީފައި ގިނަ ވާހަކަ ދެއްކިއެވެ. ޝަކީލް ތަޢުރީފް ކުރީ ނިކްހާ ގެ މަސައްކަތްތަކަށެވެ. އެއަޑު އަހަން އިން ނިމާލްގެ މޫނުމަތިން އެ ދަރިފުޅުގެ ސަބަބުން އޭނާ ފަޚުރުވެރިވާވަރު އެނގެއެވެ.

"ނަހީކް ކުރަނީ ކޮން މަސައްކަތެއް؟ މިކަމަށް ޝައުޤުވެރިކަމެއް އޭނާނެތްތަ؟" ޝަކީލް އަހާލިއެވެ.

"އާން. އެއީ ޖިމް އިންސްޓްރަކްޓަރ އެއް، އަބަދުވެސް އުޅޭނީ އެކަމުގައި، މިއީ އޭނާގެ ފީލްޑެއް ނޫން. މި މަސައްކަތަށް އެހީވާން ނިކްހާ އެހުރީ ހުސްވެގެން، އައި ޓްރަސްޓް ހާރ، އަހަރެން ނެތަސް މި ވިޔަފާރިތައް އޭނާއަށް ހެންޑަލް ކުރެވޭނެ." ނިމާލް ބުނެލިއެވެ.

"ހޫމް. އަންހެން ދަރިންނަކީވެސް ފަޚުރެއް ދޯ، އަހަރެން އަސްލު އައީ ވަރަށް ބޮޑު ކަމަކު ކިޔަންވެގެން، ތިގޭގައި އެބަހުއްޓެއްނު އެ އެޕާރޓްމަންޓް ކުއްޔަށްދޭ، އެތަން އަހަރެން ބޭނުން ނަގަން." ޝަކީލް އަސްލު މައުޟޫއަށް ޖެހިލިއެވެ.

"ކީއްކުރަން؟ އަންހެނުން ބުނީތަ ގެއިން ނިކުންނަން؟" ނިމާލް އަހައިލިއެވެ. ޝަކީލް އަކީ އަމިއްލަ ގެދޮރުހުރި މީހެކެވެ. ވީމާ އޭނާގެ ގެއިން ކުއްޔަށް ހިފަން އުޅޭ ސަބަބެއް އޭނާ އެނގެން ބޭނުންވިއެވެ.

"ވަރަށް ނިކަމެތި ބަޔަކު އެބަތިބި، އެމީހުންނަށް އުޅޭނެ ތަނެއް ހަމަޖައްސައިދޭންވެގެން. ކުއްޔަށް ހިފައިގެން އުޅެވޭ ވަރަށްވުރެ އެމީހުންގެ މާލީ ހާލަތު ދަށް، އެކަމަކު އެނބުރި ރަށަށް ދެވޭކަށް ނެތް، ބަލި ކުއްޖަކު ހުރެފައި މިކޮޅުން ނޫނީ ފަރުވާކުރެވެން ނެތީމައި، އަހަރެން ބޭނުން އެމީހުންނަށް އެހީވާން، ނިމާލް ބޭނުން އަގެއް އަހަރެން ދޭނަން." ޝަކީލް މޫނުމަތިން އެވާހަކަ ދައްކަން ޖެހިލުންވާކަން އެނގެއެވެ. ޝަކީލް އަކީ ދޮގުހަދާ މީހަކަށް ނުވާތީ ނިމާލް ބޭނުންވީ އިތުބާރުކުރާށެވެ. އެ ނިޔަތުގައި ގެންނަ ބަޔަކު ނަމަ އޭނާވެސް މައްސަލައެއް ނެތެވެ. ދެމީހުން ވާހަކަ ދައްކައި އަގެއް ކަނޑައަޅާފައި އެމީހުން ގެންނަ ދުވަހެއް ވެސް ނިންމިއެވެ. ނިމާލްއަށް ވަރަށް ޝުކުރު އަދާކޮށްފައި ޝަކީލް ދިއުމުން ނިމާލްވެސް ތެދުވީ ދާށެވެ. އެކަމަކު ގެއަށް ދިއުމުގެ ކުރިން ހޮސްޕިޓަލަށް ވަދެލަން އޭނާ ބޭނުންވިއެވެ.

ހޮސްޕިޓަލްގެ ކައުންޓަރަށް ހުއްޓި ބަލިމީހާގެ ނަން ބުނުމުން އެމީހުން ދިން ޖަވާބުން ނިމާލް ހައިރާންވިއެވެ. އަމިއްލައަށް އެދިގެން ގެއަށް ބަދަލުވީކަމަށް ބުނުމުން އޭނާ ހުރީ ސުވާލު ގިނަވެފައެވެ. ދާން ހިނގައިގެންއިރު ހިތުގައި އޮތީ އެންމެ ކަމެކެވެ. އެޑްރެސް ހޯދައިގެންވެސް އެގެއަށް ދާން ބޭނުންވާކަމެވެ.

ނިކްހާ ޓެރަސްއަށް ނިކުންއިރު ނަހީކް އުޅެނީ ކަސްރަތުކުރާށެވެ. އޭނާއަށް ސަމާލުކަން ނުދީ ގޮސް ނިކްހާ އިށީނީ ޖޯލީގައެވެ. ކަސްރަތު މެޓް މަތިން ތެދުވެ ތުވާލި ނަގައި މޫނު ފޮހެމުން ނަހީކް ހިނގައިގަތީ އެދިމާލަށެވެ. ނިކްހާ ކައިރީ ހުއްޓި މޫނު ފޮހެމުން ދިޔަ ތުވާލި އެއްލައިލީ އޭނާގެ މޫނަށެވެ.

"ޗީ، ނުބައި ވަސް ދުވަނީ.." ނިކްހާ ހަޅެއްލަވައިގަންނަމުން ތުވާލި ނަގައި ހޫރާލިއެވެ. ހެމުން ހެމުން ނަހީކް ވެއްޓިގަތީ ނިކްހާ އާއި ޖެހިގެން އިން ޖޯއްޔަށެވެ. ނަހީކްގެ ބަރަށް ނިކްހާ އިން ޖޯލި އުފުލިގެން ދިޔައެވެ.

"މޫޑް ޚަރާބު ދުވަހަކީތަ؟" ނިކްހާއަށް ބަލާލަމުން ނަހީކު އަހާލިއެވެ.

"މިއަދު ވަރަށް ފޫހި މީހަކާއި ދިމާވި، ވަރަށް ލެކްޗަރ ދީފި." ނިކްހާ ގެއަށް އައިފަހުން އަދިވެސް އުޅެނީ އުނޭސް ދެއްކި ވާހަކަތައް އުދަނގޫކުރާތީއެވެ. އަމިއްލަ ނަފްސާއި މެދު ފަޚުރުވެފައި ހުންނަ ނިކްހާއަށް މިއަދު އޭނާގެ ފެންވަރު މީހެއްގެ ދުލުން އަންގައިދިނުމުން އެކަން ޤަބޫލުކުރުމުގެބަދަލުގައި އެކަން ބަލައިނުގަނެވި ރުޅި ކެކި އަރަނީއެވެ. ނަހީކުއަށް އެ ހުރިހާ ކަމެއް ކިޔައިދީ ނިމުން ތަނާއި އޭނާ ފެށީ ހޭށެވެ.

"ހީ ވޯޒް ރައިޓް، ތީ ހަމަ ފަރަންޖީއެއް." ނަހީކް ދިމާކުރަންފެށުމުން ނިކްހާ ނިކަން ބާރަށް އޭނާގެ ގައިގައި ބޮޑިއެއް އަޅާލިއެވެ.

"ޔޫ އާރ ނޮޓް މައި ބްރަދަރ." ނަހީކް ދެކެ އައި ރުޅީގައި ނިކްހާ ބުނެލިއެވެ.

"އެވަރުގެ ކަމަކަށް ރަހިމުގެ ގުޅުންވެސް ކަނޑައިލީ، ވެރީ ބޭޑް." ނަހީކް ދެރަވާކަމަށް ހެދިއެވެ. ނިކްހާ އެހެން ބުނީ އެ ނުދަންނަ މީހާ އާއި ނަހީކް އެއްބައިވާތީކަން އެނގެއެވެ.

"އަހަންނަށް އެނގޭ އަސްލު މައްސަލަ." ނަހީކް ވިސްނަން އިނދެފައިބުނެލިއެވެ. ނިކްހާ ބަލައިލީ ސުވާލު އުފެދިފައި ހުރެއެވެ.

"ތިޔަ އަންނަ ސިގު ރުޅި، ތިޔަ މީހަކާއި ދިމާވީ ލިފްޓް ތެރެއިން ، އެންމެ ދެތިން މިނެޓް ތެރޭ ދެކެވުނު ވާހަކަތައް ބޮލުތެރޭ އެނބުރޭތީ އުދަނގޫވެގެން ތިއުޅެނީ،، މީހަކު ކަމަކަށްހަދާވަރުގެ ކަމެއްވެސް ނެތް، ތިހެން އުޅެންޏާއި ކޮންމެ ދުވަހަކު އޭނަ އާއި ދިމާވާން ފަށާފާނެ، އޭނަ އޮފީހަށް ދިޔައީ ކީއްކުރަންތަ؟" ނަހީކް އެންމެ ފަހުން ކުރި ސުވާލާއި މެދު ނިކްހާ ވިސްނާލިއެވެ. އޭނާ ނިކުންއިރު އުނޭސް ހުރީ އަޝްރަފް އާއި ވާހަކަ ދައްކާށެވެ. އަވަހަށް ގެއަށް އަންނަން ބޭނުންވެފައި ހުރިވަރުން އެއްވެސް ކަމެއް އަހާލުމުގެ ޚިޔާލެއް އެވަގުތު ނެތެވެ. އޮފީހަށް ދިޔައީ ކީއްކުރަންބާއޭ ހިތަށް އެރިއެވެ. ނަހީކް ބުނި ފަދައިން މާދަމާވެސް އެމީހާ އާއި ދިމާވެދާނެއޭ ހިތަށް އެރުމުން މުޅި މޫޑް ޚަރާބުވެގެން ދިޔައެވެ.

ރޭގަނޑުގެ ކެއުމަށް އެންމެން ހާޟިރުވި ގަޑީގައި އެޕާރޓްމަންޓް ކުއްޔަށްދޭ ވާހަކަ ނިމާލް ބުންޏެވެ. މާދަމާ ބަޔަކު އަންނާތީ ކުޑަކޮށް މޮޕްލައިދީ ހެދުމަށް ޝަފީނާ ކައިރީ އެދުނެވެ. ކައި ނިމިގެން ޝަފީނާ އުޅުނީ އެކަމުގައެވެ. ބަޔަކު ނޫޅުނަސް އެތަން އޮންނަނީ އަބަދުވެސް ސާފުކޮށްފައެވެ. އެހެންވެ މާބޮޑު ފޮޅުންތަކެއް ނެތެވެ.

ކައި ނިމިގެން ނިކްހާ އިނީ ލެޕްޓޮޕް ހިފައިގެން މަސައްކަތް ކުރާށެވެ. ނަހީކް ދިޔައީ ޖިމަށެވެ. ނިމާލް ކޮޓަރިއަށް ވަންގޮތަށް ބޭރަކަށް ނުނިކުމެއެވެ. ނަހީކް އެނބުރި އައީ އެގާރަޖެހިފަހުންނެވެ. އޭރުވެސް ނިކްހާ އިނީމަސައްކަތުގެ ތެރެއަށް ގެއްލިފައެވެ. ނަހީކް ކޮޓަރިއަށް ގޮސް ފެންވަރާލައިގެން ނިކުމެ ކޮފީއެއް ގިރަން ދަމުން ނިކްހާ ކައިރީ ބޭނުންހޭ އަހާލިއެވެ. ނިކްހާ އާއެނކޭ ބުނުމުން ފަސްވަރަކަށް މިނެޓް ތެރޭ ނަހީކް އެއީ ދެތަށި ކޮފީ ހިފައިގެންނެވެ. ކުރިމަތީގައި ހުރި މޭޒުގަނޑުގައި ދެ ތަށި ބަހައްޓަމުން ގުދުވެފައި ނަހީކް ޖަހައިލީ ނިކްހާގެ ފުށްކިބައިގައެވެ.

"ތިޔަ ނިންޖާ ޖެހެނީ،" ނަހީކް އިށީންނަމުން ބުނެލިއެވެ. ނިކްހާ ލެޕްޓޮޕް އޮފްކޮށްލަމުން ކޮފީ ތަށި ނެގިއެވެ. ނަހީކް އައުމަށްފަހު އޭނާއަށް މަސައްކަތް ކުރިޔަ ނުދޭނެކަން އެނގޭތީ އަވަހަށް ބެހެއްޓީއެވެ. ކުދި ކުދި ކަންތައްތަކާއި އަބަދު އަރާރުންވެ އުޅުނަސް ދެމީހުންގެ މެދުގައި ކުލުނު އޮވެއެވެ. އެކަކު ނެތަސް ފަޅުކަމާއި ފޫހިކަން އިޙްޞާސްވެއެވެ. ހުރިހާ ކަމެއް ހިއްސާކުރެވެއެވެ.

ރޭގަނޑުގެ ބޮޑުބައެއް ފިލްމު ބެލުމުގައި ތިބުމަށްފަހު ދެމީހުން ނިދަން ވަންއިރު ދޭއްޖަހައި ބޮޑުވީއެވެ، ހެނދުނު ސައިބޯން ތިއްބާ ރަނގަބީލް އަޅާލި އަޑު އިވުނެވެ. އެމީހުން އައީއޭ ނިމާލް ބުނުމުން އަތްދޮވެލާފައި ޝަފީނާ ތެދުވިއެވެ، ބޭރު ދޮރު ހުޅުވާފައި އެމީހުންނާއި ޝަފީނާ ވާހަކަ ދެއްކިއެވެ. ތަޅުދަނޑިތައް ހަވާލުކޮށްފައި ޝަފީނާ އެތެރެއަށް ވަދެ ނަހީކުއަށް ގޮވާލިއެވެ.

"ދަރިފުޅު ދޭބަލަ އެކުއްޖާ އަރުވަން އެހީވާން. " ނަހީކު ތެދުވީ ކަންބޮޑުވެ ހުރެއެވެ. ބަލިކުއްޖަކު ގެންނަކަން އެނގިފައި އޮތަސް އެންމެފަހުން އުފުލަން ޖެހުނީތީ ކަންބޮޑުވެ ހުރެ ހިނގައިގަތެވެ. ނިކްހާވެސް ސައިބޮއި ނިމިގެން އޮފީހަށް ދާންނިކުތެވެ. ތިރިއަށް ފޭބުމުގެ ކުރިން އެބަޔަށް ވަންނަނީ ކޮންބައެއްތޯ ބަލާލަން ނިކްހާ ބޭނުންވިއެވެ.

ސިޑިންފައިބަމުން ދިޔަ ނަހީކްއަށް ފުރޮޅުލީ ގޮނޑީގައި އިން އަންހެންކުއްޖާ ފެނުމުން ހުއްޓެވުނެވެ. އިސްޖަހައިގެން އިން އެ އަންހެންކުއްޖާ އަށް ދަންނަ ވައްތަރެއް ޖެހިއެވެ.

"މި ފޮށިތައް އެތެރެއަށް ލާފައި މި އަންނަނީ އިނގޭ، ދެމީހުން ވެގެން ހިއްލާލީމައި ފަސޭހަވާނި." ކާރުން ފޮށިތައް ބާލަންހުރި ފިރިހެނަކު ބުނެލިއެވެ. ނަހީކް އެމީހަކަށް ތަން ދައްކާފައި އަދިވެސް އެ އަންހެންކުއްޖާއަށް ބަލަން ހުރީއެވެ. ގެއިން ނިކުން ނިކްހާއަށް ފޮށިތައް ހިފައިގެން އަންނަ އުނޭސް ފެނި ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އިސްއުފުލާލިވަގުތު އުނޭސްއަށްވެސް ނިކްހާ ފެނި އެކަހަލަ އަސަރެއް މޫނުމަތިން ފެނުނެވެ. އެކަމަކު އަނެއްކާވެސް އިސްޖަހައިގެން ގޮސް ފޮށިތައް ބަހައްޓާފައި ތިރިއަށް ވަރަށް އަވަހަށް އައެވެ.

އުނޭސް އައިސް އޭނާގެ ކޮއްކޮ ކައިރީ ތެދުވާށޭ ބުނެލީ ވަރަށް އޯގާތެރިކަމާއި އެކުގައެވެ. އެކުއްޖާ ތެދުވަން ހިތްވަރުކުރިއެވެ. އެކަމަކު ފައިގައި ބާރެއް ނެތުމުން އަނެއްކާވެސް އިށީނެވެ. ދެވަނަ ފަހަރަށްވެސް ހިތްވަރުކޮށްފައި ކޮޅަށް ތެދުވިއިރު ދެފައި ތުރުތުރުލާކަން ސިއްރެއް ނުވެއެވެ. އޭނާގެ އެއް އަތް ގެނެސް އުނޭސްގެ ކަރުގައި އަޅުވާލަމުން ދެވޭނެތޯ އަހާލިއެވެ. ބަހެއްވެސް ނުބުނެ ފިޔަވަޅެއް ނެގޭތޯ މަސައްކަތްކުރިއެވެ. އެ މަންޒަރުން ނަހީކުގެ ހިތަށް ތަދުވިއެވެ. އެމީހުންގެ އެޕާރޓްމަންޓާއި ހަމަޔަށް ސިޑިތައް ހުރަސްކޮށްފައި އަރަންވެއްޖެނަމަ އެ އަންހެންކުއްޖާއަށް އެ ލިބެނީ ވަރަށް ބޮޑު އަނިޔާއެކެވެ. ނަހީކް އެމީހުންގެ ކައިރިއަށް އައިސް އުފުއްލާލައިގެން ގެންދަންވީނުންތޯ އަހާލިއެވެ. އުނޭސް ބަލައިލީ ކަންބޮޑުވެހުރެއެވެ. ސިޑިތަކާއި ދިމާލަށް ބަލާލާފައި އުފުލާލަން އުޅޭހެން ހީވެގެން ނަހީކް އަހައިލީ އޭނާ ގެންގޮސްދިނަސް އެންމެ ރަނގަޅުތޯއެވެ. އުނޭސް ބޯޖަހާލުމުން ގުދުވެފައި އެ ކުއްޖާ އުފުލައިލީ ނިކަން ފަސޭހަކޮށެވެ. އެކުއްޖާ ހަށިގަނޑުގެ ބަރުކަން އިޙްޞާސްނުވާ ފަދަ އެވެ. ސިޑިން އަރަމުން ގޮނޑި ހިފައިގެން އަންނާށޭ ބުނެލިއެވެ. އުނޭސް އެގޮނޑި ނަގައި ހިނގައިގަންނަން ނެގި ފުރަތަމަ ފިޔަވަޅު ހުއްޓައިލީ ދޮރުމަތީ އެ މަންޒަރު ބަލަން ނިކުމެ ހުރެ ނިމާލް ފެނިފައެވެ. -- ނުނިމޭ --

ދިގު ވާހަކަ ދުރުގައި ވިޔަސް

Popular