9 Jul 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* ޖުލައި 5 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެކޮޅުން ޝަކީލް ވާހަކަދައްކަން ފެށުމުން ސަޖަންއަށް ޖަވާބުދޭން މަޖުބޫރުވި އެވެ. އެވަގުތު ޝަކީލް ވެސް ބުނީ ދާނިޔަލް ބުނި ވާހަކަ އެވެ.

***

އިމްތިހާނު ނިމުމުން ވަޒީފާއަށް ނިކުންނަން ސަޖަން ތައްޔާރުވި އެވެ. ދެ ހަފުތާ ތެރޭގައި އާ ގެއަށް ހޭނި ދިރިއުޅުމުގެ ކަންކަން ވެސް އޮތީ ހަމައަކަށް އެޅެން ފަށައިފަ އެވެ. ހެނދުނު ހެނދުނާ ތެދުވެ ނާސްތާ ތައްޔާރުކޮށްފައި ފެންވަރައިގެން ނިކުމެ ސަޖަން އުޅުނީ ތައްޔާރުވާށެވެ. އޭނަގެ ހިތް އަވަސްވެފައިވާ ހަމައެކަނި ސަބަބަކީ އަލަށް އޮފީހަށް ދެވޭތީއެއް ނޫނެވެ. ދާނިޔަލް ގުޅާފައި އޮފީހަށް ދަމުން ބަލައި އަންނާނެ ވާހަކަ ބުނުން އެއީ ދެވަނަ ސަބަބެވެ. ދުވަސްގަނޑަކު މަސައްކަތާ ދުރުގައި ހުރުމަށްފަހު ދާނިޔަލް ވެސް އޮފީހަށް ނިކުންނަނީ އެވެ.

ދިމާވި އެކްސިޑެންޓަށްފަހު ދާނިޔަލްގެ ދިރިއުޅުން ކުރީގެ ގޮތަށް ބަދަލު ވުމަކީ އޭނަ ގިނަ ގިނައިން ކުރާ ދުޢާއެކެވެ. އެ އެކްސިޑެންޓް ހިނގުމުގައި އޭނަގެ ކުށެއް ނެތްކަމަށް ދާނިޔަލްގެ މަސައްކަތުން ގަބޫލު ކުރެވުނަސް ހިތުތެރޭ އަބަދުވެސް ކުށްވެރިކަން ވި އެވެ. މިއަދު އެކަމަށް ވެސް ލުއެއް ލިބިގެންދާނެ އެވެ. ޑޮކްޓަރު ހިނގަން އެންގިފަހުން ދާނިޔަލް ކްރަޗް ބޭނުން ކުރާލެއް ވެސް މިހާރު ވަރަށް މަދެވެ. ދެން އެންމެ ދެކެން ބޭނުންވަނީ އެއްގޮތަކަށް ވެސް އޭގެ އެހީ ނުހޯދާ ހިނގާނެ ދުވަހެކެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނަގެ ހިތް އަވަސް ކުރުވާފައި ވަނީ ދެހަފުތާއަށްފަހު ދާނިޔަލްއާ ބައްދަލު ވެވޭތީ އެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި އެމީހުން މުޅިން ވެސް ވާހަކަދެއްކީ މެސެޖްގެ ޒަރީއާއިންނެވެ. ސަޖަން އަބަދުހެން އުޅުނީ ފޯނު ހިފައިގެންނެވެ. އިރުއިރުކޮޅާ ދާނިޔަލްގެ މެސެޖެއް އައިސްފައި ހުރިތޯ ބަލައިލެވެ އެވެ.

ވަޅުފެހި ކުލައިގެ، ތަނބި ކަށްޓާ ހަމައަށް ހުރި ހެދުމާއެކު ސަޖަން އެޅީ ކްރީމްކުލައިގެ ޝޯލް އެކެވެ. ލޮލުގައި އަނދުން އެޅުމުން ކުރިއަށްވުރެވެސް ކަޅުކުލަގަދަ ވެފައި ބޮޑުކަމަށް ދެއްކި އެވެ. ދަބަސްތެރެއަށް ފޯނު ލައިގެން ނިކުމެ ނާސްތާ ކުރަން އިންދާ މަންމަ އައެވެ. ސަޖަން ފެނިގެން ކައިރިވެފައި ލޯއްބާއެކު ބޮލުގައި އަތް ބާއްވާލި އެވެ. މަންމަގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެކެވެ. ލޮލުގައި އުފާވެރިކަމުގެ ކަރުނަ އެވެ.

"ދަރިފުޅަށް ކާމިޔާބަށް އެދެން،" ކުރެހިފައިވާ އަޑަކުން ޖަވާދާ ބުނެލި އެވެ.

"ތެންކިއު މަންމާ،" ސަޖަން އަތް އުފުލާލައިފައި މަންމަގެ އަތުގައި ހިފާލަމުން ޖަވާބުދިނެވެ.

ދެމައިން އެކަކު އަނެކަކަށް ބަލަން ހިނިތުންވެފައި ތިއްބާ ބެލްޖެހި އަޑު އައެވެ.

"ދާނިޔަލް އައީ ކަންނޭނގެ." މަންމަ އަތް ތިރިކޮށްލި ވަގުތު ސަޖަން އަވަހަށް ތެދުވެފައި ބުނެލި އެވެ.

ޖަވާދާ ހިނިއައިސްފައި ދޮރާއި ދިމާއަށް ބަލަން ހުއްޓާ ސަޖަން އަވަހަށް ގޮސް ދޮރު ހުޅުވައިލި އެވެ. ފުރަތަމަ ވެސް ނޭފަތުގައި އައިސް ޖެހުނީ ދާނިޔަލް ޖަހައިގެން ހުރި ސެންޓްގެ ވަހެވެ. ދެން އޭނަގެ ދެލޯ ހުއްޓުނީ އެސޫރަ އަށެވެ. އިޚުތިޔާރެއްނެތި ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލެވުނެވެ. މަޑު ފެހި ކުލައިގެ އަތްދިގު ގަމީހާއި ބްރައުން ފަޓްލޫނާއެކު ކަރުގައި ބައްދާލައިފައި އޮތީ ކްރީމް ކުލައިގެ ޓައީ އެކެވެ. އެމޫނު ތާޒާވެފައި ބަލާފޫހިނުވާ ގޮތެއް ހުއްޓެވެ.

"ރެޑީ؟" ދާނިޔަލް ވާހަކަދެއްކި އަޑަށް ސަޖަންގެ ނަޒަރު އެދެލޮލަށް ހުއްޓުނެވެ.

އަނގައިން ނުބުނެ ކުރިމަތީ ހުރެގެން މިކުރެވުނު ކަމެއް އިހްސާސްވެފައި ލަދުން މަރުވާވަރުވި އެވެ.

"އަންނާނަން ދަބަސް ހިފައިގެން." ދާނިޔަލްގެ މޫނުން ނަޒަރު ވަކިކޮށްލައިފައި ސަޖަން އަވަހަށް ފުރަގަސްދީ ހިނގައިގަތެވެ. މޫނަށް ވެރިވި ކުލަވަރު ފޮރުވާލައި ހަމަޖެހިލަން ލިބުނު އެއީ ރަނުގެ ފުރުސަތެކެވެ.

ފިނިވެފައިވާ އަތްތިލައިން ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިފައި އަނެއްފަރާތަށް އެނބުރުމުގެ ކުރިން ފުން ނޭވައެއް ދޫކޮށްލި އެވެ. ދޮރާއި ހަމައަށް ދެވުމުން އެނބުރި މަންމައަށް ހަނާ އަޅައިލި އެވެ. ޖަވާދާ އޭރު ސައިމޭޒު ދޮށުގައި އިށީންދެ ދެޒުވާނުންނަށް ބަލަހައްޓައިގެން އިނެވެ. ދާނިޔަލް ވެސް ސަޖަން ފަދައިން އަތް ހޫރާލައިފައި ދަނީއޭ ބުނެލި އެވެ. ޖަވާދާ ބޯޖަހައިލިތަން ފެނުމުން ސަޖަން ނިކުމެ ދޮރު ލައްޕައިލި އެވެ.

ދާނިޔަލްގެ ކްރަޗް ނެތްކަން ސަޖަންއަށް ރޭކައިލީ ލިފްޓަށް އެރި ހިސާބުންނެވެ. އޭނަ އެސުވާލު ކުރުމުން ދާނިޔަލް ލުއި ހިނިތުންވުމަކާއެކު ކޮނޑުއަރުވައިލި އެވެ. އެވަގުތު ސަޖަންއަށް އަތް އުފުލާލައި އަނގަމަތީ އަޅައިލެވިއްޖެ އެވެ. އުފާވެރިކަމުގެ މުތީތައް ލޮލުތެރެއަށް އެއްވި އެވެ. އިރުކޮޅަކުން އަތް ތިރިކޮށްލައިފައި ވާހަކަދެއްކުމުގެ ކުރީން ފުރަތަމަ ޖެހުނީ ކަރުކެހިލާށެވެ. އަސަރުކުރިވަރުން އަޑު ހުރީ ކުރެހިފަ އެވެ.

"އައިމް ސޯ ހެޕީ." ސަޖަން ފައުޅުކުރި އެވެ.

އެހުރިހާއިރު ސަޖަންގެ ހަރަކާތްތަކަށް ފުންކޮށް ބަލަން ހުރެފައި ދާނިޔަލް ރައްދު ދިނީ ބޯޖަހައިލުމަކުންނެވެ. ސަޖަން އިތުރު ތަފްޞީލަށް އެދުމުން ދާނިޔަލް ކިޔައިދިނެވެ. ފާއިތުވި ދެހަފްތާ އޭނަ ކުރި ކަމަކީ އެއީ އެވެ. އެކަމަކު އަދިވެސް މާ ބާރަށް ހިނގައި ދުވެ ހަދަން ދަތިތަކެއް ހުރެ އެވެ. ކުރީގެ ގޮތަށް ވާސިލްވާން އަދިވެސް ދުވަސްކޮޅެއް ނަގާނެ ކަމުގައި ލަފާކުރި އެވެ.

***

އޮފީހަށް ވަދެގެން ދާން ފެށުމާއެކު ރިސެޕްޝަނުގައި އިން ކުއްޖާއިން ފެށިގެން ފެންނަ ކޮންމެ މީހަކު ހައިރާންކަމާއި، އުފަލާއެކު ދާނިޔަލްއަށް މަރުހަބާ ކިޔަ އެވެ. ތަނުގެ މުވައްޒަފުންގެ މެދުގައި ދާނިޔަލްގެ މަޤުބޫލުކަން އޮތްވަރު ސަޖަންއަށް ހާމަވަމުން ދިޔަ އެވެ. ދާދި ކައިރީގައި އޭނަ ހުންނަކަން އެއިން މީހަކަށް ރޭކައިވެސް ނުލާ ކަހަލަ އެވެ. ދަންނަ މޫނަކަށް ސަޖަންއަށް ފެނުނީ އިމާން އެވެ. އެއީ ދާނިޔަލްގެ އެކުވެރިކަމުގައި ގެއަށް ގޮސް އުޅޭ ޒުވާނެކެވެ. އިމާން ހިތްހެޔޮ ހިނިތުންވުމަކާއެކު ހާލު އަހުވާލު އޮޅުންފިލުވި އެވެ.

"ކަމް ސަޖަން! އައި ވިލް ޓޭކް ޔޫ ޓު ސަމާ. އެއީ އެޗްއާރް ބައިގަ އިސްކޮށް މަސައްކަތްކުރާ ކުއްޖާ." ލިފްޓްގެ ދޮރުމަތީން ދާނިޔަލް ސަޖަންގެ ކޮނޑުގައި އަތް ޖައްސާލައިފައި ބޮލުގެ އިޝާރާތުން ވަންނަން އެދުނެވެ.

ސަޖަންގެ ޖަވާބަކަށް ވީ ބޯޖަހައިލުމެކެވެ. އެތަނަށް ވަނީއްސުރެ އޭނަ ހުރީ ހިމޭންވެފަ އެވެ. ލިފްޓްތެރޭ ހުއްޓާ ޝަކީލް ގުޅި އެވެ. ދާނިޔަލް ވާހަކަދައްކަމުން ސަޖަންއާ ދިމާއަށް ބަލައިލާފައި މިހުރީއޭ ބުނުމުން ސަޖަންގެ ސަމާލުކަން ލިބުނެވެ. އޮޅުންފިލުވަ ދޭން ވެގެން ބައްޕައޭ ބުނެލުމާއެކު ސަޖަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެލި އެވެ.

އެޗްއާރް ބަޔަށް ވަންއިރު މެދުން ހިނގެން ހުސް ތަންކޮޅެއް އޮވެފައި ދެތިން ހަތަރު މޭޒެއް ހުއްޓެވެ. އެއިން ކޮންމެ މޭޒެއްގެ ދޮށުގައި މުވައްޒަފަކު އިނެވެ. ކަނުގައި އަދި ކުޑަވަރެއްގެ ކެބިންއެއް ހުއްޓެވެ. ދާނިޔަލް ސަޖަން ގެންދިޔައީ އެދިމާއަށެވެ. ދޮރުގެ ކަނާތްފަރާތުން އަޅި ފާރުގައި ހަރުކޮށްފައިވާ ބޯޑެއްގައި "ހެޑް އޮފް އެޗް.އާރް" ލިޔެފައި ހުރުމުން އެއީ ސަމާގެ ކެބިންކަން އެނގުނެވެ. ދާނިޔަލް ޓަކި ޖަހާލައިފައި ދޮރު ހުޅުވާލުމުން ސަމާގެ އަޑު އައެވެ. މުށިކުލައިގެ އޮފީސް މޭޒެއްގެ ފުރަގަހުގައި ބޮޑު ގޮނޑިއެއްގައި އިން އަންހެންކުއްޖާ ސަޖަންއަށް ވެސް ފެނުނެވެ. އެދެމީހުން ފެނިގެން ސަމާ ކޮޅަށް ތެދުވި އެވެ. ކަޅުކުލައިގެ ގަމީސް މަތިކޮޅަކާއި އޮފީސް ބެލްސެއްގައި ހުރިއިރު ފަން އިސްތަށިގަނޑު އޮތީ ފުރަގަހަށް ދޫކޮށްލައިފަ އެވެ. ތުންފަތުގައި ރަތްކުލައެއް ޖައްސާފައި ހުރިއިރު މޫނުން ވެސް މޭކަޕްގެ އަސަރު ފައުޅުވާން ހުއްޓެވެ.

ދާނިޔަލް ސަމާއަށް ސަޖަން ތައާރަފް ކޮށްދިނުމުން އެމޫނުން ހިނިތުންވުމެއްގެ އަސަރު ފެނުނެވެ. އަތުގައި އޮތް ފައިލު ދިނުމަށް އެދިފައި ކުރިމަތީ ހުރި ގޮނޑީގައި އިށީންނަން ބުނެލި އެވެ. ސަޖަން ބޯ ޖަހާލައިފައި ސަމާ އެދުނު ފަދައިން ކަންތައް ކުރި އެވެ. އެވަގުތު ދާނިޔަލް އެނބުރި ގޮސް ނިކުމެ ދޮރު ލެއްޕި އަޑު އައެވެ. ސަޖަންއަށް އެދިމާއަށް މޫނު އަނބުރާލެވުނެވެ. އެކަމަކު ފަސްއެނބުރި ބަލާކަށް ނުކެރުނެވެ.

"ސަޖަން އައުމުގެ ކުރިން ވެސް ޕޯސްޓް އޮތީ ހަމަޖެހިފަ. ވޭކެންޓް ވެފަ އޮތްވާ އިތުރު މަސައްކަތެއް ނުކޮށް އެކަން ވެސް ހައްލުވީ. ފައިލު ގެންނަން ބުނީ ތައުލީމީ ފެންވަރު ބަލައިލަން ވެގެން. ނަތީޖާތަކުން ދައްކަނީ މަސައްކަތަށް އެކަށީގެންވާ ކަމަށް. ބޮޑަށް ދެން ކުރަން ޖެހޭނީ ދާނިޔަލް ކުރަން ބުނާ މަސައްކަތްތައް. ސޯ ކޮންގްރޭޓްސް." ސަމާ ފައިލު ބަލަން އިރުކޮޅަކު އިނދެފައި ލައްޕައިލަމުން ކިޔައިދިނެވެ.

އެއަޑު އަހާފައި ސަޖަން ބަލަން އިނީ އާ އެއްޗެއް ފެނިގެން ބަލާހެންނެވެ. ހިސާބަކަށް ޖެހިލުންވެ އިނދެފައި ، ދާނިޔަލް ބުނާ މަސައްކަތް އެކަނި ކުރަންޖެހޭ ސަބަބު އޮޅުންފިލުވި އެވެ. ސަމާ ކުޑަކޮށް ހިނިއައިސްފައި ހުރެގެން ތެދުވެފައި އައިސް ސަޖަންގެ ކައިރިއަށް ހުއްޓުނެވެ. އޭނަގެ ސުވާލަށް ޖަވާބު ނުދީ ބުނީ ސަޖަންގެ މޭޒު ދައްކަން ގެންދާނެ ވާހަކަ އެވެ. ސަޖަންއަށް އިތުރަށް އަހާކަށް ނުކެރުނެވެ. އޭނަ ބޯޖަހާލައިފައި ސަމާގެ ފަހަތުން ދާން ތެދުވި އެވެ.

ދިޔަ މަގުމަތީގައި ބައެއް މުވައްޒަފުންނާއި ދިމާވެގެން ސަމާ އެމީހުންނަށް ސަޖަން ތައާރަފް ކޮށްދިނެވެ. ދެތިން އަންހެންކުއްޖަކު ފިޔަވައި ދެން ދިމާވި އެންމެންގެ ފަރާތުން ވެސް ފެނުނީ ހިތްހެޔޮ ކަމެވެ.

"މިއޮތް އާދެވުނީ." ސަމާ ހުއްޓުނީ ލިފްޓުން ނިކުމެގެން އައިސް ވަދެވުނު ތަނުގައި ހުރި އެންމެ މޭޒެއްގެ ކައިރިއަށެވެ. އެތާގައި އިތުރަށް ފެންނަން ހުރީ ދިހަ ވަރަކަށް ފިޔަވަޅުން ދެވޭހާ ކައިރީގައި އިތުރު ކެބިންއެކެވެ. ސަމާ އިޝާރާތްކޮށްލުމުން ސަޖަން މޭޒު ވަށާލައިފައި ގޮސް ފަހަތުގައި ހުރި ގޮނޑީގައި އިށީންދެ ފައިލާއި ދަބަސް މޭޒުމަތީ ބެހެއްޓި އެވެ. އޭނަ ދެން ބަލައިލީ ކަނާތްފަރާތުން ފެންނަން ހުރި ކެބިންއާ ދިމާއަށެވެ. ބްލައިންޑްސްތައް ކަހާލައިފައި ހުރިއިރު ދާނިޔަލް އެތެރޭގައި މޭޒު ދޮށުގައި އިންދާ ފެނުނެވެ. ވިސްނައިލުމާއެކު ދާދި ފަސޭހައިން ހިތުގައި އޮތް ސުވާލުގެ ޖަވާބު ލިބުނެވެ.

"އައިމް ހިޒް ޕީއޭ. ރައިޓް؟" ސަޖަން އިތުރަށް ޔަޤީންކޮށްލަން ވެގެން ސުވާލުކުރި އެވެ.

ސަމާ ހިނިތުންވުމާއެކު އެއްލޯ މަރާލައިފައި ރިންގްވާން ފެށި ފޯނު ނަގައި ކަންފަތުގައި ޖަހައިގެން ފުރަގަސްދީ ހިނގައިގެންފި އެވެ. އިރުކޮޅަކުން ފިޔަވަޅުގެ އަޑު ކެނޑި ތަން ހިމޭންވި އެވެ. ސަޖަން މޫނު އަނބުރާލައިފައި ދާނިޔަލް ކޮބައިތޯ ބަލައިލިއިރު ކުރިއެކޭ އެއްގޮތަށް ފޯނުން ވާހަކަދައްކަން އިނެވެ. އޭނަ އެތަނަށް އައިކަން އެނގޭހެނެއް ހިއެއްނުވެ އެވެ.

ލިބުނު ވަގުތުކޮޅުގައި ސަޖަން އެތަނަށް ރަނގަޅަށް ބަލައިލި އެވެ. ހުދު މޭޒު ދޮށުގައި ސަޖަން އިން ގޮނޑި ފިޔަވައި ދެން ހުރީ ތަންކޮޅެއް ދުރުގައި ފާރުކައިރީ ބަހައްޓާފައިވާ ދެ ގޮނޑި އެވެ. އޭގެ އަނެއްފަރާތުން ފާޚާނާއަށް ހުޅުވޭ ދޮރެއް ހުއްޓެވެ. ކަލަންޑަރުގައި ފާއިތުވި މަސް އޮތުމުން ގަނޑު އެއްލާފައި ކޮމްޕިއުޓަރު އޮންކޮށްލި އެވެ. އިރުކޮޅެއްނުވެ އޭނަ ސިއްސުވައިލީ މޭޒުމަތީ ހުރި ފޯނު ރިންގް ވާންފެށި އަޑަށެވެ. ސަޖަން އެއް އަތުން ހިތާއި ދިމާއިން މޭގައި އަޅާލައިގެން އިނދެ އަނެއް އަތުން ފޯނު ނަގައި ކަންފަތުގައި ޖެއްސި އެވެ.

"އާދޭ އެތެރެއަށް!" ދާނިޔަލްގެ ފިރިހެންވަންތަ އަޑުން އެދުނެވެ.

ސަޖަން ލައްބައޭ ބުނެފައި އަތްގަނޑު ބޭއްވިގޮތަށް ތެދުވެއްޖެ އެވެ. ގޮސް ދޮރު ހުޅުވާލިއިރު ދާނިޔަލް ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލައިގެން އިނެވެ. އަތުން އިޝާރާތްކޮށްފައި މޭޒުގެ އަނެއްފަރާތުގައި ހުރި ދެގޮނޑިން ކުރެ އެއްގޮނޑި ދެއްކުމުން ސަޖަން އެދިމާއަށް ދިޔަ އެވެ. ސަޖަން އިށީނުމާއެކު ދާނިޔަލް އެހީ މަސައްކަތުގެ މާހައުލު ކަމުދޭތޯ އެވެ. ސަޖަން މަޑުމަޑުން ބޯޖަހައިލި އެވެ. ތުންފަތުގައި ލުއި ހިނިތުންވުމެކެވެ.

"އެކަމަކު ސުވާލެއް އެބައޮތް؟" ސަޖަން މޭޒާއި ކައިރިވެލި އެވެ.

ދާނިޔަލް ޝައުޤުވެރިވެފައި ބުމަ އަރުވައިލި އެވެ.

"ލައިކް މޫވީސްތަކުގަ ފެންނަ ގޮތަށް، އަހަރެން ޖެހޭނެތަ ކޮފީ ގިރައިގެން ގެނެސްދޭން؟" ސަޖަން ސުވާލު ކުރި އެވެ.

އެވަގުތު ދާނިޔަލް ނުހޭންވެގެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލައިފައި އިސްއުފުލާލައި އެމޫނަށް ބަލައިލި އެވެ. ސަޖަން މައުސޫމު ގޮތަކަށް ޖަވާބެއްގެ އިންތިޒާރުގައި އިނެވެ.

"ސަޖަން ކޮފީ ގިރައިގެން ގެނެސްދީފިއްޔާ އަހަރެން ގައިމުވެސް ބޯނަން." ދާނިޔަލް ޖަވާބުދިނެވެ. އެދެލޯ ސަޖަންގެ މޫނަކުން ނުނެއްޓެ އެވެ.

ސަޖަންގެ ހިނިތުންވުން ފުންވެގެން އައުމާއެކު މަޑުމަޑުން ބޯޖަހައިލި އެވެ. ހިމޭންކަމުގައި މިނިޓެއްހާއިރު ފާއިތުވެ ދިޔަފަހުން ދެން އިސްވެ ފެށީ ސަޖަން އެވެ. ކުރަން ޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން ސުވާލު ކުރުމުން ދާނިޔަލް ވެސް ބަދަލުވީ މަސައްކަތު މާހައުލުގައި އުޅޭ މީހަކަށެވެ. އޮފީހަށް ނައެއް ކަމަކު ދާނިޔަލް ގޭގައި އިނދެގެން މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލި އެވެ. ދާނިޔަލް ވާހަކަދެއްކިއިރު ސަޖަން ޝައުޤުވެރިކަމާއެކު އެހި އެވެ. ދާނިޔަލް އެދުނު ފައިލުތައް ހަރުން ނަގައިގެން ގެނެސްދިނެވެ. ދާނިޔަލްއަށް މުހިންމު ފޯނެއް އައުމުން ސަޖަން އިހަށް ނިކުތުމުގެ ހުއްދަ ދިނެވެ. ދާން ފެށުމުން ގޮވާފައި އެދުނީ އޮފީހުގައި ބޭނުން ކުރުމަށް އާ މެއިލް އެޑެއް ހުޅުވުމަށެވެ. ސަޖަން ބޯޖަހާލައިފައި ނިކުމެ މަސައްކަތް ފެށި އެވެ.

ކޮމްޕިއުޓަރުގެ ސްކްރީނަށް ލޯ ހުއްޓާލައިގެން އިންދާ ކުރިމަތިން ދެމީހަކު ހިނގާފައި އަންނަ އަޑު އިވުނެވެ. ސަޖަން ސްކްރީނުން ނަޒަރު ވަކިކޮށްލާފައި ބަލައިލިއިރު ދެ އަންހެންކުދީންނެވެ. އެއީ ކުރިން ފެނުނު ދެކުދީންކަން ސަޖަން ހަނދާންވީ އެމީހުންގެ މޫނުމަތީން ފައުޅުވާން ހުރި ނުރުހުމުގެ ކުލަ ދެކެފަ އެވެ. ސަމާއާއެކު އައިއިރު ބައްދަލުވި ކުދިންގެ ތެރެއިން އެންމެ ފާހަގަވި ދެމޫނަކީ އެދެކުދީންނެވެ. -- ނުނިމޭ --

Popular