12 Jul 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* ޖުލައި 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެއީ ކުރިން ފެނުނު ދެކުދީންކަން ސަޖަން ހަނދާންވީ އެމީހުންގެ މޫނުމަތީން ފައުޅުވާން ހުރި ނުރުހުމުގެ ކުލަ ދެކެފަ އެވެ. ސަމާއާއެކު އައިއިރު ބައްދަލުވި ކުދިންގެ ތެރެއިން އެންމެ ފާހަގަވި ދެމޫނަކީ އެދެކުދީންނެވެ.

"ކެން އައި ހެލްޕް ޔޫ؟" ދެމީހުން ކުރެ އެކަކު ވެސް އަނގައިން ނުބުނާނެކަން ޔަޤީންވުމުން ސަޖަން ހިނިތުންވުމަކާއެކު އިސްނެގި އެވެ.

"ޝުއާ ޔޫ ކެން. ދާނިޔަލް ފަހަތުން ނެއްޓެން އުޅޭ." ދެކުދީން ތެރެއިން ދިގުކޮށް ހިމަތޮޅިކޮށް ހުރި ކުއްޖާ ބުނެލި އެވެ.

އެއަޑުގައި ސީރިއަސްކަމެވެ. ބޮޑު ދެލޮލުން ސަޖަންއަށް ބަލަން ހުރިގޮތުން ހީވަނީ އަޅިއަށް ހަދައިލަން ތައްޔާރުވެފައިވާ ހެންނެވެ. ދެވަނަ ހަމެއްހެން ފަޔަށް ހިފާފައިވާ ހުދު ސްކިނީ އާއި ނޫ ގަމީސްމަތިކޮޅުގައި ހަށިގަނޑުގެ ރީތިކަން ހުރީ ފައުޅުވާށެވެ. ރާޅުކަމެއް ހުރި އިސްތަށިގަނޑު އެއްފަރާތުން ކޮނޑުމައްޗަށް ދޫކޮށްލައިފައި އޮތެވެ.

"އެން ވައި ވުޑް އައި ލިސެން ޓު ޔޫ؟ ... ތީ ކާކު؟" ސަޖަން އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ހަށަންބަނދެލި އެވެ. އެމޫނުގައި ހަމަޖެހުމެވެ.

ސަޖަންގެ މިހިތްވަރު ދެކެފައި އަންހެންކުއްޖާގެ ދެލޯ ބޮޑުވި އެވެ. ދެ އަންހެންކުދީން ނަޒަރު ބަދަލުކޮށްލައިފައި ކުރިން ވާހަކަދެއްކި ކުއްޖާ އައިސް ސަޖަންގެ ދާދި ގާތަށް ހުއްޓުނެވެ. އެދެމެދުގައި ހުރަހަކަށް ހުރީ މޭޒުގެ ފުޅާމިނެވެ.

"ހީވާގޮތުން މިހިސާބަށް އައިއިރު އެކަކުވެސް އަދި ވޯން ނުކުރަނީ. އައިމް ވީނާ. ދާނިޔަލްގެ ގާރލްފްރެންޑް. އަދި މިތާ އެއްވެސް ޕީއޭއަކު ހަރުނުލައިގެން އުޅޭ ސަބަބަކީ ވެސް އަހަރެން. އެއިން ކޮންމެ މީހަކު ވަކިވެގެން ދަނީ އަމިއްލައަށް. އަހަންނާއި ކުރިމަތިލުމުގެ ބާރުނެތީމަ. މިތާ ވަޒީފާގަ އުޅެން ބޭނުމިއްޔާ ޖެހޭނީ ދާނިޔަލްއާ ދުރުން އުޅެން." ވީނާ ފަޚުރުވެރިކަމާއެކު ވާހަކަދެއްކި އެވެ.

"ތީ އެހެންވީމަ ބުލީއެއް ދޯ؟" ސަޖަން އަނެއްކާ ވެސް ވީނާ ހައިރާންކޮށްލުމުގައި ކާމިޔާބު ހޯދި އެވެ.

ޖަވާބުދޭންވެގެން އޭނަ ތައްޔާރުވެލިތަނާ ދާނިޔަލް ދޮރު ހުޅުވާލައިފައި ނިކުތް އަޑު އިވުނެވެ. ތިންމީހުންގެ ނަޒަރު އެއްފަހަރާ އެދިމާއަށް ދަތުރުކުރި އެވެ. ވީނާ ރުޅިވެރިކަން ފިލުވާލައިފައި ދާނިޔަލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. އެކަމަކު ދާނިޔަލްގެ ނަޒަރު ހުރީ ސަޖަންއަށެވެ.

"އެވްރީތިން އޯކޭ؟" ދާނިޔަލްގެ އަޑުގައި ކަންބޮޑުވުން ވި އެވެ.

"ދާނިޔަލްގެ ނިއު ޕީއޭއަށް މަރުހަބާ ކިޔަން އައިސް އަހަރުމެން މިތިބީ." ސަޖަންއަށްވުރެ ކުރިން ވީނާ ޖަވާބުދިނެވެ.

ދާނިޔަލް ކައިރިއަށް އަންނަން ފެށުމުން ފިޔަވަޅެއް ކައިރިއަށް އަޅާލައިފައި ދާނިޔަލްގެ މުލައްދަނޑީގައި ދެއަތުން ހިފާލި އެވެ. ސަޖަންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލާފައި އަނބުރާ ދާނިޔަލްގެ މޫނަށް ހުއްޓުނެވެ. ހަށަން މޮހާލައިފައި އޭނަ އިށީންދެލީ ގޮނޑީގަ އެވެ. ދާނިޔަލް ވާހަކަދައްކަން ވެގެން ވީނާގެ އަތް ދުރުކޮށްލިތަން ފެނުމުން ސަޖަންގެ ޝައުޤުވެރިކަން އިތުރުވި އެވެ. ވީނާ ކިތަންމެ ލޯބިން ބެލިއަސް ދާނިޔަލްގެ ލޮލުގައި އެފަދަ އެއްވެސް ކުލައެއް ނެތްކަން ފާހަގަވެފައި ހަމަޖެހުމެއް އިހްސާސް ކުރެވުނެވެ.

ދާނިޔަލް ޖެހިލުމެއްނެތި ސަޖަން ކައިރީ ނާސްތާކުރަން އެކުގައި ދާން ބުނުމާއެކު ވީނާގެ ކުލަ ބަދަލުވި އެވެ. ހީވީ މޫނުގައިވި ހުރިހާ ކުލައެއް ދަމައިގަތް ހެންނެވެ. ސަޖަންއަށް ނުހީ އިނދެވުނީ ތިރީ ތުންފަތުގައި ދަތް އަޅައިލިކަމުންނެވެ. އޭނަ ބޯޖަހާލައި ތެދުވުމުން ދާނިޔަލް އަދި އެކުގައި ދަމުން އަތްއުފުލާލައިފައި ބުރަކަށީގެ ތިރިން އަތް ޖައްސާލައިގެން ހުއްޓެވެ. ވީނާއަށް ދައްކަން ކުރިކަމެއް ނޫންބާވައޭ ސަޖަން ހިތަށް އެރި އެވެ. ލިފްޓް ތެރޭގައި ވެސް ވީނާ އަދި އެއްފަހަރު ދާނިޔަލްގެ ޝައުޤުވެރިކަން ހޯދަން މަސައްކަތް ކުރި އެވެ. ދެއްކި ވާހަކައާ ބައިވެރިވުމުގެ ބަދަލުގައި ދާނިޔަލް ހުރީ ފޯނު ނަގައިގެން މެއިލްތަކެއް ހާވާށެވެ.

"ޑިނާ ލިސްޓްތެރޭގަ މީތި ކައުންޓް ކުރެވޭނެތަ؟" ސަޖަން ވާހަކަދެއްކީ މޭޒެއް ހޯދައިގެ އިށީންދެފަ އެވެ.

ދާނިޔަލްގެ ނަޒަރު ވަގުތުން ފޯނުން ސަޖަންއަށް ހުއްޓައިލި އެވެ. "ނޯ." ލާނެތް ހިނިތުންވުމަކާއެކު ޖަވާބުދިން ގޮތުން ސަޖަން ގާތަށް ހިނި އައެވެ.

ވެއިޓަރު އައުމުން ކާއެއްޗެއްސަށް އޯޑަރު ދީފައި ދެމީހުން ވެސް އިރުކޮޅެއް ވަންދެން ފޯނަށް ބަލާށެވެ. ސަޖަން އައިރާގެ މެސެޖަކަށް ރިޕްލައި ކުރަން އިނީ ހިނިތުންވެފަ އެވެ. ދާނިޔަލް ކުރިއެކޭ އެއްގޮތަށް މެއިލްތައް ބަލަމުންދިޔަ އެވެ.

"ގާލްފްރެންޑް ވަރަށް ރީތި." ދާނިޔަލްއަށްވުރެ ކުރިން ފޯނު ނަގައި މޭޒުމަތީ ބާއްވާފައި ސަޖަން ވާހަކަދެއްކި އެވެ.

އެއަޑަށް އަނެއްކާވެސް ދާނިޔަލްގެ ސަމާލުކަން ލިބުނެވެ. ބުމަ ކައިރިކޮށްލާފައި "ގާރލްފްރެންޑް" މިބަސް ތަކުރާރުކޮށްލީ ސުވާލެއްކޮށްލާފަދަ ރާގަކާއެކުގަ އެވެ. ސަޖަން ފެންތަށި ނަގައި ކޯވަރެއް ބޯލާފައި ބަހައްޓަމުން ވީނާގެ ނަން ކިޔައިލި އެވެ. ދާނިޔަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވެލި އެވެ.

"ޖެލަސް؟" ދާނިޔަލް އެސުވާލުކޮށްލުމާއެކު ސަޖަން ފާޑެއްގެ އަޑެއް ލައްވާލައިފައި ލޯ ހަނިކޮށްލި އެވެ.

އޭނަ ބޯ ހޫރުވައިލީ ދެފަރާތަށެވެ. "ޝީޒް ނޮޓް ވޯތް އިޓް." ސަޖަން އިނީ ހަމަޖެހިފަ އެވެ.

"ކުޑަ ދުވަސްކޮޅަކު ވާހަކަދެއްކިން. އޭނަގެ ކެރެކްޓާ ދަސްވީމަ ރުޅިވީ. އެކަމަކު އޭނަ އެންމެ ކައިރީ ކިޔައިގެން އުޅެނީ އޭނަ ބޭނުންވާ އެއްޗެއް." ދާނިޔަލް ވެސް ފޯނު މޭޒުމަތީ ބާއްވާފައި ގޮނޑީގައި ލެނގިލި އެވެ.

ސަޖަން ހަމައެކަނި ބުމަ އަރުވާލައިފައި ނަޒަރު ހުއްޓައިލީ ދުރަށެވެ. ދާނިޔަލް އެލިބުނު ވަގުތުކޮޅުގައި ސަޖަންގެ ރީތި މޫނަށް ހިތް ފުރޭންދެން ބަލައިލި އެވެ.

"އޭނަ އައިސް ބުނާ އެއްޗަކީ ދާނިޔަލްއާ ދުރުގަ ހުންނާށޯ." ސަޖަން އެނބުރި ދާނިޔަލްއަށް ބަލަން އިނދެގެން ކިޔައިދިނެވެ. ސަޖަންގެ ޖުމްލަ ނިމުމާއެކު ދާނިޔަލް ހީގަތެވެ. ސަޖަން ގާތަށް ވެސް ހިނި އައެވެ. ދާނިޔަލް ހިނގަނޑު މައިތިރިކޮށްފައި މޭޒާއި ކައިރިވެލުމުން ސަޖަން ވެސް އަޑުއަހަން ވެގެން ކައިރިވެލި އެވެ.

"އޭނަގެ ވާހަކަ އަހާކަށް ނުޖެހޭނެ ސަޖަން. ޔޫ ކެން ބީ އޭޒް ކްލޯސް އޭޒް ޔޫ ވޯންޓް.." ދާނިޔަލް ސަމާސައަކަށް ހަދާފައި ބުނި ނަމަވެސް ފަހު ޖުމްލަ ބުނެލިއިރު ލޮލުން ސީރިއަސްކަން ފެނުނުހެން ސަޖަންއަށް ހީވި އެވެ. "ގަސްތެއް ނުކުރަން އޭނަ ބުނާ އެކައްޗެއް ވެސް އަހާކަށް." ސަޖަން ވެސް ހަމައެމޭރުމުން ޖަވާބުދިނެވެ. އެކަމަކު އެޖަވާބު އޭނަ ހިތުގެ އަޑިން މާނަކުރި އެވެ.

***

ފުސްގަނޑެއްހެން ފުރަތަމަ ދެހަފުތާ ވޭތުވެގެން ދިޔަ އެވެ. ފުރަތަމަ ކޮޅު ވުމުން ގިނަ މަސައްކަތް ތަކުގައި ދާނިޔަލްގެ އެހީތެރިކަން ސަޖަންއަށް ލިބުނެވެ. އޮފީސްތެރޭ ދާނިޔަލް ފެންނަނީ ސަޖަންއަށް ކުރިން ނުފެންނަ ސިފައެއްގަ އެވެ. މަސައްކަތުގައި މަޝްއޫލުވެފައި ވަނިކޮށެވެ. އެތަނުގައި އުޅޭއިރު އެންމެން ދާނިޔަލްގެ ބަސްއަހައެވެ. ބޯ ލަނބަ އެވެ. ދާނިޔަލްގެ އިރުޝާދު އެންމެނަށް މުހިންމެވެ. އެހާ އިޚުތިރާމް ކުރެ އެވެ. އެކަމަކު އެއީ ބިރަކުން ނޫނެވެ. ދާނިޔަލް ފެންނަނީ އެކުވެރިކޮށެވެ. އޭނައަށް ލިބޭ އިޚުތިރާމްގެ އަސްލަކީ އޭނަ އެހެންމީހުންނަށް ކުރާ އިޚުތިރާމެވެ.

ދާނިޔަލްއާ އަލަށް ބައްދަލުވީއިރު ސަޖަން ހީކުރީ އޮފީސްތެރޭ ދާނިޔަލް އުޅޭނީ ނިކަން ފޮނިކޮން ކަމަށެވެ. ވަށައިގެން އެނބުރޭ ހުރިހާ އަންހެންކުދިންނަށް ސަމާލުކަން ދީފައި މަސައްކަތެއް ކުރާނެ ވަގުތެއް ނުވާނެ ކަމަށެވެ. އެކަމަކު އޭނަ ހީކުރި ގޮތާއި ދާނިޔަލް މުޅިން ޚިލާފެވެ. އަދި އާދައަކީ އެކްސިޑެންޓްގެ ފަހުން އެކަނި އައިސްގެން އުޅޭ ބަދަލެއް ނޫންކަން ސަޖަންއަށް އެނގުނީ ސަމާގެ ފަރާތުންނެވެ. ދެ ހަފްތާވީއިރު އެންމެ ގާތްކަމެައް އުފެދުނު ކުއްޖަކަށް ވީ ސަމާ އެވެ.

އައިރާ ކިޔަވަން ފުރަން ތައްޔާރުވެފައި ވަނިކޮށް އެހުސްތަން ފޫ ބައްދައިދޭނެ އެކުވެރިއަކު ލިބުމުން ސަޖަން ހިތްހަމަޖެހުނެވެ.

މަސައްކަތުގައި އުޅެމުން އެ ދެހަފްތާ ތެރޭގައި ދާނިޔަލްއާއެކު ކެއުމަށް ދެވުނީ ހަތަރު ރެ އެވެ. ގިނައިން އެކުގައި ވަގުތު ހޭދަކުރި ވަރަކަށް ކުރިއަށް ވުރެވެސް ބޮޑަށް ދާނިޔަލްއާއެކު އުޅެން ސަޖަންއަށް ފަސޭހަ އެވެ. ފާޑު ކިއުމަކީ ދާނިޔަލް ކުރާ ކަމެއް ނޫނެވެ. ހަތަރު ވަނަ ރޭ ކެއުމަށް އިންސާފު ކުރަން ތިބިއިރު ކައިރީ ތިބި އެހެން މޭޒެއްގެ ދޮށުގައި ތިބި ޖޯޑަކަށް ސަޖަންގެ ސަމާލުކަން ހުއްޓިފައި ވި އެވެ. އެދެޒުވާނުން ފެނުނީ އެހެން އެންމެންނަށްވުރެ ލޯބިން އުޅޭތަނެވެ. ފުރަތަމަ އޯޑަރު ދީފައި ތިބީ އެކަކު އަނެކަކަށް ބަލަން ވާހަކަ ނުދައްކަ އެވެ. ކުރިމަތިވާގޮތަށް ފިރިހެންމީހާ އިނުމުން ސަޖަންއަށް ފެންނަނީ އޭނަ އަންހެންކުއްޖާއަށް ބަލާ ލޯބި ބެލުމެވެ. ކާއެއްޗެހި ގެނެސް ކޭއިރު އެކަކު އަނެކަކަށް ލަވާތަން ފެނުނެވެ.

"ދާނިޔަލް ދެން ކޮންއިރަކުން ކުއްޖަކާ ރަތްޓެހިވާނީ؟" އެޖޯޑު ތެދުވެގެން ދާތަން ބަލަން އިނދެފައި ސަޖަން ކުއްލިއަކަށް ބުނެލި އެވެ.

ވޮލެޓުން ނެގި ފައިސާގެ ނޫޓުތައް ބިލާއެކު ގެނަ ލެދާ ފޯލްޑާ ތެރެއަށް ލައި ލައްޕާލައިފައި ދާނިޔަލް ހަތަރުކަޅި ހަމަކޮށްލި އެވެ. ސަޖަން އިނީ ބަލާށެވެ. ދާނިޔަލްގެ ޖަވާބު އޭނައަށް މުހިންމެވެ.

"މިހާރު އިހަށް ބޭނުމީ ހަމައެކަނި ސަޖަންއަށް ކޮންސެންޓްރޭޓް ކުރަން." ދާނިޔަލްގެ ޖަވާބުން ސަޖަންގެ ވިންދު އަވަސްވެލި އެވެ. "އެހާ ބިޒީކޮށް ވޯކް ކުރަމުން އަދި ސަޖަންއާއެކު ޑިނާ ކުރަމުން ވަގުތެއް ނުވާނެއެއްނު އެހެންކުއްޖަކަށް ވަގުތު ހުސްކޮށްދޭކަށް. އެއީ މިބުނާ އެއްޗަކީ..." ދާނިޔަލް ދާދި އަވަހަށް މާނަ އޮޅުންފިލުވައިދިނެވެ.

އެވަގުތު ސަޖަންގެ ކުލަ ބަދަލުވި އެވެ. މާޔޫސްކަން ފޮރުވާލަން ވެގެން ސަޖަން ފެށީ ފޯނު ދަބަސްތެރެއަށްލާށެވެ. އޭނަގެ ސަމާލުކަން އަނބުރާ ދެވުނީ ދާނިޔަލް ވެސް ހަމަ އެސުވާލު ތަކުރާރުކޮށްލުމުންނެވެ. އިސްއުފުލާލުމަށްފަހު ދޭނެ ޖަވާބެއް ނޭނގިފައި ސަޖަންއަށް އިނދެވުނެވެ. ފަސޭހައީ ދާނިޔަލްއާއެކު މަސައްކަތް ކުރާށެވެ. އެކުގައި ސަކަރާތް ޖަހައި ސަމާސަ ކުރާށެވެ. އެކަމަކު މީ ގައިމު ވެސް ވާހަކަ ދައްކަން ފަސޭހަ މައުޟޫއެއް ނޫނެވެ.

"މިކަންތައްގަނޑު ހަމައަކަށް އެޅުނީމަ ސަޖަން ވާނެ ޑޭޓްކުރަން ފަށަން. ހުރިހާ ފިރިހެނުން ސަޖަން ބައްޕަ ކަހަލަ މީހަކަށް ނުވާނެ." ދާނިޔަލް އުންމީދު އާކޮށްދޭފަދައިން ބުނެލި އެވެ.

ސަޖަންގެ މެއަށް ބާރުވެގެން އައެވެ. އަތް މުށްކަވާލައި އުނގުމަތީ ބާއްވައިލެވުނެވެ. ދާނިޔަލް އެހެން އެބުނެލީ ކިހާ ފަސޭހަ ކަމާއިކުގައި ހެންނެވެ. އެމޫނުގައި ވެސް ތަފާތު ކުލައެއް ނެތެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން އަނެއް އެކުވެރިއަކަށް ދިން އިރުޝާދެކޭ ތަފާތެއް ނެތެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު ދާނިޔަލްގެ އިހްސާސްތައް ބަދަލުވެއްޖެ ކަމުގައި ސަޖަންއަށް ހީވާންފެށި ވަގުތަކީ އެއީ އެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލަން ވެގެން ފުން ނޭވައެއްލައިފައި ސަޖަން ތެދުވި އެވެ. ދާނިޔަލް ބަލަން އިނުމުން އެމޫނަށް ނުބަލަން ވަށައިގެން ލޯ ހިންގައިލި އެވެ.

ގެއަށް ދިޔަަ މަގުމަތީ ދެމީހުން ވެސް ކާރުގައި ތިބީ ހިމޭނުންނެވެ. މަޑުމައިތިރި މިއުޒިކެއްގެ އަޑު ފިޔަވައި އިތުރު އަޑަކަށް ހުރީ ދެމީހުންގެ ނޭވާގެ އަޑެވެ. ސަޖަން ބިއްލޫރިގަނޑުން ބޭރު ބަލަން އިންއިރު ކަރުތެރޭ ހީވަނީ އެއްޗެއް ތާށިވެފައިވާ ހެންނެވެ. ދާނިޔަލްގެ ޖުމްލަ ތަކުރާރުކޮށް ސިކުނޑީގައި ގުގުމަމުން ދިޔަ އެވެ.

ފޯނަށް މެސެޖެއް އައި އަޑާއެކު ސަޖަން ދޮރުފަތާއި ދުރަށް ޖެހިލި އެވެ. ދަބަސް ތެރެއިން ފޯނު ނަގައި ހުޅުވަން އުޅުނުއިރު ދާނިޔަލް އެއްފަހަރު ބަލައިލިހެން ހީވި އެވެ. ފޯނު ބަލައިލާފައި އައިރާ ލިޔެފައި އޮތް އެއްޗެއް ފެނިގެން ސިހިފައި އާހެއްގެ އަޑު އިއްވާލެވުނެވެ.

"އެވްރީތިން އޯކޭ؟" ދާނިޔަލް ވަގުތު ސަޖަންއާ ސުވާލު ކުރި އެވެ.

އޭނަގެ ނަޒަރު ކުޑަ ވަގުތުކޮޅަކަށް ސަޖަންއަށް ހުއްޓާލައިފައި އަނބުރާ މަގަށް ސަމާލުކަން ދިނެވެ. ސަޖަން އިރުކޮޅަކު ވިސްނައިލުމަށްފަހު ޖަވާބުދޭން ނިންމި އެވެ.

"އައިރާގެ މެސެޖެއް. ޝީ ސެޑް ޒައިން ލައިކްސް މީ." ސަޖަންގެ ޖުމްލަ އަހާފައި ދާނިޔަލް ދެވަނަ ފަހަރަށް ބަލައިލި އެވެ.

ކުއްލިއަކަށް ބުރެކަށް އޮބާނުލައި އިނދެވުނީ ކިރިޔާ އެވެ. ދެމީހުންނަށް އިތުރު ވާހަކައެއް ނުދެވެނީސް އައިރާ ސަޖަންގެ ފޯނަށް ގުޅަން ފެށި އެވެ. ސަޖަން ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އެވެ. އައިރާ އަވަސް އަރުވާލައިފައި ވާހަކަތަކެއް ދެއްކިއިރު ސަޖަން ހިމޭނުން އިނީ އަޑު އަހާށެވެ. ދެފަހަރަކު ހޫމ އަޅުވައިލިހެން ހީވި އެވެ. ދާނިޔަލްއަށް ކުރެވުނުހާ ވެސް ކަމަކީ އިރުއިރުކޮޅާ އެމޫނަށް ބަލައިލުމެވެ.

ސަޖަން އުޅޭ ގެއާ ކައިރިއަށް ދެވުމުން ދާނިޔަލް ކާރު މަޑުކޮށްގެން އިންތިޒާރުގައި އިނެވެ. ފޯނު ބޭއްވިއިރު ސަޖަންގެ މޫނު ހުރި ގޮތުން އައިރާގެ މެސެޖަކީ ކުރި ސަމާސައެއް ނޫންކަން ދޭހަވި އެވެ. ދާނިޔަލް ހައިރާންވީ އެންމެ ކަމަކާ އެވެ. އެއީ ޒައިންފަދަ ޒުވާނަކު ގަޔާވާކަން އެނގިގެން ސަޖަންގެ މޫނުން ޝައުޤުވެރިކަން ނޫނީ އުފާވެރިކަން ފައުޅުވާން ނެތީމަ އެވެ.

"ކީކޭ އޭނަ ބުނީ؟" ސަޖަން ފޯނު ދަބަހަށް ލަނިކޮށް ދާނިޔަލް އެހި އެވެ.

"އޭނަ އަސްލު ބަސްޓްކޮށްލާކަށް ނޫނޭ ބުނީ. މާބޮޑަށް އެކްސައިޓްވެގެން މެސެޖް ކުރެވުނީއޭ. އޭނަ ބުނީ ޒައިން އަހަންދެން ނޭނގޭކަމަށް ހެދިގެން ހުންނާށޭ." ސަޖަން ވާހަކަދައްކާ ނިމިގެން ހަތަރުކަޅި ހަމަކޮށްލި އެވެ. ދާނިޔަލްއަށް ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ.

ސަޖަން ނިކުންނަން ވެގެން އެނބުރިފައި މަޑުޖެހިލައި އެތެރެއަކަށް ނުވަންނާނަންތޯ އެހި އެވެ. ދާނިޔަލް ބޯޖަހައިލުމުން އަނެއްކާ ނިކުންނަންވެގެން އެނބުރިފައި ދޮރު ހުޅުވައިލި އެވެ. ސަޖަން އިތުރަށް ވާހަކަދެއްކީ ލައްޕަންވެގެން ދޮރުފަތުގައި ހިފައިގެން ހުރެ އެވެ.

"އޭނަ އަހައިފިއްޔާ އަހަރެން ކީކޭ ބުނަންވީ؟" ސަޖަން ސުވާލުކޮށްލި އެވެ. -- ނުނިމޭ --

Popular