16 Jul 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* ޖުލައި 12 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އޭނަ އަހައިފިއްޔާ އަހަރެން ކީކޭ ބުނަންވީ؟" ސަޖަން ސުވާލުކޮށްލި އެވެ.

ދާނިޔަލް ބުމަ ކައިރިކޮށްލީ ވިސްނައިލާފަދަ ގޮތަކަށެވެ. ސަޖަން ހުރީ އިންތިޒާރުގަ އެވެ. އެކަމަކު ޖަވާބު ދިނުމުގެ ކުރިން ސަޖަންގެ ސަމާލުކަން ރިންގް ވާންފެށި ފޯނަށް އެނބުރުނެވެ. ސަޖަން ދަބަސް ހުޅުވާލައިފައި ފޯނު ނެގިއިރު ގުޅަނީ މަންމަ އެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖެހިއިރު ދާނިޔަލް ބަލަން އިނެވެ. އެކޮޅުން ދެއްކި ވާހަކައާއެކު ސަޖަންގެ މޫނު ނުތަނަވަސްވިތަން އޭނައަށް ފެނުނެވެ. ދާނިޔަލް މަޑުކުރީ ފޯނު ނިމޭންދެނެވެ.

"މަންމަ އެގުޅީ. ބޮލުގަ ރިއްސާތީ. ބޭސްކާޑެއް އޮންނާނެތޯ ބަލަން ވެގެން." ދާނިޔަލް ސުވާލު ކުރުމުގެ ކުރިން ސަޖަން އޮޅުންފިލުވައިދިނެވެ.

ހޮސްޕިޓަލަށް ދާންވީއެއްނު. ހިނގާ އަހަރެން ގެންގޮސްދޭނަން." ދާނިޔަލް ލަފާދިނެވެ. އެއަޑުގައި އަޅައިލުމެވެ.

"މަންމަ ހޮސްޕިޓަލަށް ގެންދިއުމަކީ ވަރަށް އުދަނގޫ ކަމެއް. ނުވާނެ އެއްބަހެއް. ކިޔައިފި އާދައިގެ ރިހުމެކޭ ބޭސްގުޅައެއް ކަނިކޮށް ރަނގަޅު ވެދާނެއޭ." ސަޖަން ޖަވާބުދީފައި ފުން ނޭވައެއް ދޫކޮށްލި އެވެ.

"ހިނގާ އެހެންވިއްޔާ މަންމައަށް ބޭސްދޭން ދާން. އަހަރެން ވެސް ދައްތައާ ބައްދަލުނުކުރާތާ ވަރަށް ދުވަސްވެއްޖެ. ވަދެލައިފަ ދާނީ." ދާނިޔަލް ދޮރު ހުޅުވާލައިފައި ނިކުތެވެ.

ދެޒުވާނުން އެކުގައި ގޮސް ވަންއިރު ސިޓިންރޫމް އޮތީ ހުހަށެވެ. ސަޖަން ފުރަތަމަ ވެސް މިސްރާބު ޖެހީ މަންމަގެ ކޮޓަރިއާ ދިމާއަށެވެ. ދާނިޔަލް ދިޔައީ ތަންކޮޅެއް ފަހަތުންނެވެ. ސަޖަން ޓަކި ޖަހައިލުމުން އެތެރެއިން ވަނުމުގެ ހުއްދަ ދިނެވެ.

"މަންމަ ބުރުގާ އަޅާބަލަ. ދާނިޔަލް ވެސް އެބަހުރި." ސަޖަން އެނބުރި ފަހަތުގައި ހުއްޓުނު ދާނިޔަލްއަށް ނަޒަރެއްދީފައި ދޮރާއި ދިމާއަށް އެނބުރުނެވެ. ކުޑައިރުކޮޅެއް ފަހުން ޖަވާދާ ދޮރު ހުޅުވައިލި އެވެ.

ބޮލުގައި ހިފާފައިހުރި ބާރު ރިހުމާއެކު ވެސް ދާނިޔަލް ފެނުމުން ޖަވާދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ދާނިޔަލް އެދުނީ ހޮސްޕިޓަލަށް ދިއުމަށެވެ. ޖަވާދާ ދެކޮޅު ހެދުމުން ދާނިޔަލްއަށް ބަލައިލެވުނީ ސަޖަން އަށެވެ. ދެމީހުން ކިޔައިގެން ވެސް އެނިންމުން އިތުރަށް ބަދަލެއް ނުކުރެވުނެވެ. ސަޖަން އެންމެފަހުން ފުން ނޭވައެއް ދޫކޮށްލައިފައި ބޭސް ބަލައިދާން ކޮޓަރިއާ ދިމާއަށް އެނބުރި ހިނގައިގަތެވެ. ދާނިޔަލް އެދިގެން ޖަވާދާ ވަދެ އެނދުގައި އިށީނެވެ.

ސަޖަންއަށް އާދެވުނުއިރު ދާނިޔަލް އިނީ ގޮނޑި ކައިރިކޮށްލައިގެން އިށީނދެ މަންމައާ ވާހަކަދައްކާށެވެ. ސަޖަން ފެނުމާއެކު ތަން ދިނުމުގެ ގޮތުން ތެދުވެފައި ދުރަށް ޖެހުނެވެ. ބޭސް ކައިގެން ޖަވާދާ އޮށޯވެލީ ނިދާށެވެ. ދާނިޔަލް ރަޖާ އަޅައިދިންއިރު ސަޖަން ހުސް ތަށި ހިފައިގެން ދަމުން ހުއްޓި ބަލަން ހުރެވުނެވެ. އޭނަ ގޮސް ތަށި ބަހައްޓާފައި ބަދިގެއިން ނިކުތްއިރު ދާނިޔަލް ވެސް ކޮޓަރީގެ ދޮރު ލައްޕާލައިފައި ނިކުތީ އެވެ.

"ހިނގާ އަހަންނާއެކު ކާން!" ދޮރުކަނީގައި އަތުން ހިފާލައިގެން ހުރެ ހިނިތުންވެލަމުން ސަޖަން އެދުނެވެ. ދާނިޔަލްގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ފެތުރުނެވެ.

"ތިހާ ލޯބިން އެދުނީމަ ކިހިނެއް ދެކޮޅު ހަދާނީ." ދެތިން ފިޔަވަޅެއް އަޅާލައިފައި ދާނިޔަލް ހުއްޓުނީ ސިޓިންރޫމް މެދާކަށް ހިސާބަށެވެ.

"ގްރެޓް. އަންނާނަން ވަރަށް އަވަހަށް ޗޭންޖް ކޮށްގެން." ސަޖަން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ދެމިގަތެވެ. އެހިސާބުން ދާނިޔަލް އައިސް ވެއްޓިގަތީ އެތާ ހުރި ސޯފާއަށެވެ. ފޯނު ނަގައިގެން މެސެޖްތައް ޗެކްކުރަން އިންދާ ސަޖަން ކުރި ސުވާލު ހަނދާންވި އެވެ. ދާނިޔަލްގެ ޝައުޤުވެރިކަން ފޯނާއި ވަކިވީ ދެނެވެ. ނިތުގައި ރިހުމެއް އުފެދެމުން އަންނަކަހަލަ އިހްސާސެއް ކުރެވިފައި ނިތްމަތީ ފިރުމައިލެވުނެވެ. އެގަޑީގައި ސަޖަންގެ މަންމަ ގުޅީތީ ހިތާއި ހިތުން ޝުކުރުކުރެވުނެވެ. އެކަމަކު ކޮންމެވެސް އެހެން އިރަކުން އޭގެ ޖަވާބަކަށް ސަޖަން އެދޭނެކަން އޭނަ ހުރީ ގަބޫލުކޮށްގެންނެވެ.

ދޮރު ހުޅުވުނު އަޑާއެކު ހިޔާލުތައް އެއްފަރާތްވި އެވެ. ދާނިޔަލް ބަލައިލިއިރު ސަޖަން ނިކުތީ ޖިންސަކާއެކު ކަކުލާއި ހަމައަށްހުރި ނޫ ކުލައިގެ ދޫ ހެދުމެއް ލައިގެންނެވެ. ޓީޝާޓް ފޮއްޗަށް ވުމުން ހެދުން އޮތީ ކޮންމެވެސް ވަރަކަށް ގައިގައި ތަތްވެފަ އެވެ. ބުރުގާގެ ކަން ބަނޑާއި ހަމައަށް ފޯރާފައި އޮތަސް އޭގެ މަތިން ވެސް ވަނާތަކުގެ ރީތިކަން ހާމަވާން ހުއްޓެވެ. ދާނިޔަލްއަށް ވަގުތުން ހަށިގަނޑު ތެދުކޮށްލައިފައި ބަލަން އިނދެވުނެވެ. ބޭނުންވިއަސް ނަޒަރު ވަކިކޮށެއްނުލެވުނެވެ.

"ވަޓް؟" ކައިރިއަށް އައިސް ހުއްޓިފައި ސަޖަން އެހީ ކުޑަކޮށް ލަދުގަނެފައި ހުރެގެންނެވެ. އެދެމެދުގައި އޮތް ގުޅުން ރަނގަޅުވިފަހުން ދާނިޔަލް އެގޮތަކަށް ނުބަލަ އެވެ.

"ސޮރީ. ޖަސްޓް.... ތަފާތުކަމުން ހަމަ..." ދާނިޔަލް ވިސްނައިލާފައި ބޭރުކޮށްލީ އެންމެ އެކަށޭނަ ޖަވާބެކެވެ. ހިތުގައި އޮންނަހާ އެއްޗަކީ ބުނަން ޖެހޭ އެއްޗެއް ކަމުގައެއް އޭނަ ނުދެކެ އެވެ.

"އައިރާ ހަދިޔާކުރި ހެދުމެއް މީ. ހުންނަ ގޮތް ބަލައިލަން ވެގެން ލީ. ރީއްޗެއް ނޫން ދޯ؟" ސަޖަން ހުއްޓިފައި ހެދުމުގެ އެއްފަރާތުގައި ހިފާލައިގެން ހުރެ މަތިން ތިރިއަށް ނަޒަރު ހިންގައިލި އެވެ.

"ޔޫ ބެޓާ ޗޭންޖް އިޓް." ދާނިޔަލް ޖަވާބުދިން އަޑަށް ސިހިފައި އެދިމާއަށް ބަލައިލެވުނެވެ. އެކަމަކު އޭނައަށް އެމޫނުން އެއްޗެއް ދޭހަނުވެގެން އުޅެނިކޮށް ދާނިޔަލް ތެދުވެގެން ފުރަގަސްދީފައި ހިނގައިގެންފި އެވެ.

ސަޖަން އިރުކޮޅަކު ދާނިޔަލް ދާތަން ބަލަން ހުއްޓެވެ. ދެން މަޑުމަޑުން ބޯޖަހާލައިފައި ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ. އެނބުރި އައިސް ވަންއިރު ދާނިޔަލް ހުރީ ފެންތައްޓެއް ބޯށެވެ. ދާނިޔަލްގެ މޫނުގެ ކުލައިން ހިތްހަމަޖެހުނުކަން ދޭހަވުމުން ސަޖަން އައެވެ. އޭނަ މޭޒުމައްޗަށް ކާއެއްޗެހި ނަގަން އުޅުނުއިރު ދާނިޔަލް ޓައީ ނަގައި ޖީބަށް ލައިފައި މަތިން ގޮށެއް ނައްޓައިލި އެވެ. ދެއަތް އުޅަބޮށްޓާއި ހަމައަށް އޮޅައިލުމުން އެފިރިހެންވަންތަ މުލައްދަނޑި އޮތީ ހާމައަށެވެ.

ސަޖަން މަސައްކަތް ނިންމާފައި ދާނިޔަލް އިން ގޮނޑިއާއި ކުރިމައްޗަށް ވާގޮތަށް، އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ. އެއްޗެހި އަޅައިގެން ކާން ފެށިއިރު ދެމީހުން ވެސް ތިބީ އާދަޔާ ޚިލާފަށް ހިމޭންކޮށެވެ. ކޮންމެ މޫނަކަށް ބަލާފައި ވެސް ސިކުނޑީގައި ވިސްނުމެއް ދައުރުވަމުން ދިޔަކަން ދޭހަކޮށްދެ އެވެ.

"ކީއްވެ އަސްލު ހެދުން ބަދަލުކުރަން އެދުނީ؟" ހިމޭންކަން ފުނޑުފުނޑުކޮށްލީ ސަޖަންގެ ކުއްލި ސުވާލުންނެވެ.

ދާނިޔަލް އިސްއުފުލާލިއިރު ސަޖަން ބަލަހައްޓައިގެން އިނެވެ. އެމޫނުގައި ސީރިއަސްކަމެވެ.

"ޑޯން ޓޭކް ދިސް ރޯންގް. ހުތުރު ވެގެނެއް ނޫން އަހަރެން އެހެން ބުނީ. އެކަމަކު އެހެދުން.... އިޓް ވޮޒަންޓް ޔޫ..." ދާނިޔަލް ވިސްނަވިސްނާފައި ސަޖަންއަށް އޮޅުންފިލާނެ ފަދަ ގޮތަކަށް ބުނެދެވޭތޯ އުޅުނެވެ.

"ދާނިޔަލްއަށް އިނގޭތަ އަހަރުމެން ދެމީހުންގެ މެދުގައި މިއޮތް އެކުވެރިކަމުން އަހަރެންނަށް އެންމެކަމުދަނީ ކޮންކަމެއްކަން؟ އޮނެސްޓީ." ސަޖަން ކެއުން ހުއްޓާލައިފައި މޭޒުގައި ދެއަތް އަޅާލައިގެން އިތުރަށް ކުރިއަށް ގެންދިޔަ އެވެ. "އަހަރުމެން އެކަކު އަނެކަކުގެ ސީކްރެޓްތައް ހިއްސާކޮށްފިން. އަހަރެމެންގެ މެދުގައި އޮތް ކިލަބުކަން ނެތިކޮށް އެކަކު އަނެކަކަށް މާފުކޮށްފަ މިހިސާބަށް އައީ. ހަމައެގޮތަށް އަހަރެން ދެންމެ ކުރި ސުވާލަށް ވެސް އަހަރެން އެދެނީ ދާނިޔަލް އެއްވެސް ވާހަކައެއް ނުބުނެ ނުބަހައްޓާ ހިތުގައި އޮތްގޮތަށް ތެދަށް ހުރިހާ އެއްޗެއް ބުނަން." ސަޖަން ނިންމާލި އެވެ.

ދާނިޔަލް އެވަގުތު ސަމުސާ ތަށިތެރެއަށް ދޫކޮށްލައިފައި ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލި އެވެ. ހިމޭންކަމުގައި ދެމީހުން އެކަކު އަނެކަކަށް ބަލަން އިރުކޮޅެއް ވަންދެން ތިއްބެވެ.

"ސަޖަން އެހެދުމުގައި ހުރީމަ އެކުވެރިއެއްގެ ހައިސިއްޔަތުން ކުރަންނުވާ ހިޔާލުތައް ކުރެވެނީ. އަދި އަހަރެން ބޭނުމެއް ނޫން މިހާ އުދަނގޫތަކަށްފަހު އަހަރެމެންގެ މެދުގައި އުފެދުނު ހަމައެކަނި ރަނގަޅު ގުޅުމަށް ބުރޫ އަރާކަށް." ދާނިޔަލް ފޮރުވުމެއްނެތި ހާމަކުރި އެވެ.

"ކޮންކަހަލަ ހިޔާލުތަކެއް؟" ސަޖަން އެންމެ އިރުކޮޅަކަށް ވެސް މަޑެއް ނުކުރެ އެވެ.

ދާނިޔަލް ހައިރާންވީ އޭނަ ދެއްކި ވާހަކައިން އެންމެ ކަމުނުދާ ތަންކޮޅުގައި ނޫނީ ސަޖަން އަޅައިނުގަތީމަ އެވެ. އޭނަ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލައިފައި ސަޖަންއަށް ވިސްނަދޭން މަސައްކަތް ކުރި އެވެ.

"ސަޖަން ކޮންދިމާއަކަށް ވާހަކަތިގެންދަނީ؟ އަހަރެން މިބުނީނު އަހަރެން އެކަން ހުއްޓުވަން ބޭނުންވި ވާހަކަ. އަހަރެންނަށް މުހިންމީ މިއެކުވެރިކަން...އާ ޔޫ ޓްރައިން ޓު ފައިޓް ވިތް މީ؟" ދާނިޔަލްގެ އަޑަށް ހިތްހަމަނުޖެހުމުގެ އަސަރު ވެރިވި އެވެ.

"އަހަރެން އޮޅުންފިލުވަން ބޭނުން ދާނިޔަލްގެ ހިތަށްއައި ކުރަން ނުވާ ހިޔާލުތަކަކީ ކޮބައިކަން!" ސަޖަން ވެސް ދޫކުރާކަށް ނޫޅުނެވެ. އޭނަ ތެދުވެގެން އައިސް ދާނިޔަލް އިން ގޮނޑިއާ ޖެހިގެން ކަނާތްފަރާތަށް ހުރި ގޮނޑި ދަމާލައިގެން އިށީންދެ ކުރިމަތިވާގޮތަށް އެނބުރުނެވެ.

"ޔޫ ވާ އެޓްރެކްކްޓިވް... ޔޫ އޯލްވޭސް އާ...އިޓްސް ނޯ ސީކްރެޓް." ދާނިޔަލް ކަނދުރާމަތީ އަތް އުނގުޅައިލާފައި އެމޫނަށް ނުބަލާ އިނދެގެން ލަސްލަހުން ފެށި އެވެ.

"ދެން؟" ދާނިޔަލް ހުއްޓައިލުމުން ސަޖަން އިތުރަށް ބާރުއެޅި އެވެ. ދާނިޔަލްގެ ތިން ލަފްޒާއެކު އެމޫނުގެ ވިދުން ގަދަވެގެން އައިތަން އޭނައަކަށް ނުފެނެ އެވެ. ދާނިޔަލް ހީކުރީ ސަޖަން އަދިވެސް އެއުޅެނީ ހިތްހަމަނުޖެހިގެން ކަމަށެވެ.

"އަދި އަހަރެން ދުވަހަކުވެސް ނުދެކެން ސަޖަން އެކަހަލަ ހެދުމެއް ލައިފަ ހުއްޓައެއް... ޔުއާ ކާވްސް.... އައި ވޯންޓެޑް ޓު ޑޫ ތިންގްސް...އައި ފެލްޓް....." ދާނިޔަލް ވާހަކަ ފުރިހަމަނުކޮށް އިސްއުފުލައިލި އެވެ.

ދެން ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެ އެވެ. އޭނަގެ ފަހަތުން ސަޖަން ވެސް ތެދުވި އެވެ.

"ސަޖަން އަހަންނަށް މާފުކުރޭ. އަހަރެންގެ މިކުށްވެރި ހިތާއި ސިކުނޑިއަށް މާފުކޮށްދީ. އަދި އަހަރެންނަށް އިތުރަށް ކިޔައިދޭން މަޖުބޫރު ނުކުރޭ!..." ދާނިޔަލް ވާހަކަދައްކަ ދައްކާ ހުއްޓާ ސަޖަން ކުއްލިއަކަށް އޭނަގެ މުލައްދަނޑީގައި ހިފެހެއްޓި އެވެ.

ހަތަރުކަޅިހަމަކޮށްލުމުން ދާނިޔަލްއަށް ފެނުނީ އޭނަ ހީކުރިކަހަލަ ރުޅިވެރިކަމެއް ނޫނެވެ. އެކަމަކު އޭނައަށް މާނަކުރަން ނޭނގުނު ކުލަވަރެކެވެ. ކަންބޮޑުވެފައި ދާނިޔަލްއަށް މޫނު އަނބުރާލެވުނީ އަނެއްފަރާތަށެވެ. އެހުރިހާ ދުވަހުން ހާސިލްވި އެކުވެރިކަން ނެތިދިއުމުގެ ވަގުތު ޖެހިއްޖެކަމުގައި ހިތް އިންޒާރުދިނެވެ.

"ދާނިޔަލް އަހަރެން ބޭނުން އޮޅުންފިލުވަން. އަހަރެން ބޭނުން އެނގެން. ދާނިޔަލް އަހަންނާ ދޭތެރޭ ކުރާ އިހްސާސްތަކަކީ ކޮބައިކަން. ދާނިޔަލް ކުރަން ބޭނުންވީ ކީއްކަން. ހިތަށް އެރީ ކޯއްޗެކޭކަން. އެކުވެރިއަކަށްވުމުގެ ކުރިން އަހަންނާއި ދޭތެރޭ ދެކުނު ނަޒަރުން އަދިވެސް ދެކެންތޯ އޮޅުންފިލުވަން ބޭނުން......" ސަޖަން ވާހަކަދައްކަމުން ދާނިޔަލްގެ ކޯތާފަތުގައި ހިފާފައި މަގަތަށް އަނބުރައިލި އެވެ.

"ސަބަބު؟" ވައިއަޑަކުން ދާނިޔަލްއަށް ބުނެލެވުނީ ހަމައެކަނި މިހެންނެވެ.

އޭގެ އެތައް ޖަވާބެއް އޭނަގެ ސިކުނޑީގައި ވި އެވެ. އެކަމަކު އެތަނުން ވަކި ކޮޅަކަށް ޖެހެން ނުކުޅެދުނެވެ. އަދި އެއިން ކޮންމެ ޖަވާބެއް ވެސް ގޮސް ހުއްޓެނީ އޭނައާ ސަޖަންގެ އެކުވެރިކަން ނިމުމަކަށް އަންނަ ހިސާބަށެވެ.

"އެއީ ދާނިޔަލް އަދިވެސް އެނަޒަރުން ދެކޭ ކަމުގައި ވާނަމަ އަހަރެން ބޭނުމެއް ނޫން އެކަން ހުއްޓޭކަށް...." ސަޖަން ހާމަކުރި ޖަވާބާއެކު ދާނިޔަލްއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ކުރިއަށްވުރެ ގިނަ ސުވާލުތައް އެއްފަހަރާ ސިކުނޑިތެރޭ އެނބުރިގަތެވެ. ވާތްފަރާތުގައި ހުރި ގޮނޑީގެ އަތްގަނޑުގައި އެއް އަތުން ހިފާ ބާރުކޮށްލެވުނެވެ.

"އަހަރެން ބޭނުމީ ކުރިއެކޭ އެއްގޮތަށް ދާނިޔަލް އަހަންނާއި ގަޔާވާން. އަހަރެންދެކެ ލޯބިވާން. އަހަރެން ކިތަންމެ ދުވަހެއް މިވާހަކަ ނުބުނަން ހިފަހައްޓައިގެން ހުންނަތާ. އަހަރެންގެ ނަޒަރުގައި އަހަރެން ދާނިޔަލްއަށް ދިން އަނިޔާއަށްފަހު ދާނިޔަލްގެ ލޯއްބަކީ އަހަންނަށް އެކަށީގެންވާ އެއްޗެއް ނޫން. އަހަންނަށް ހައްޤު އެއްޗެއް ނޫން. އަދި އަހަރެން ބިރުގަތީ ދާނިޔަލް އަހަރެންގެ ލޯބި ގަބޫލުނުކުރުމުން ހިތް ހަލާކުވެދާނެތީ. މުޅި އުމުރު އެހިތާމައިގަ އުޅެން ޖެހިދާނެތީ. އެކަމަކު ހަމަ ދެންމެ އަހަރެން ހިތަށް އެރީ ދާނިޔަލްގެ ޖަވާބު ނޭނގި ހުރެ އެކަމާއި ހިތާމަ ކުރުމަށްވުރެ ހިތްހަލާކުވެގެން އުޅުން ވެސް މާ ރަނގަޅުވާނެއޭ. ކުޑަމިނުން ބުނެވުނުކަމުގެ ހިތްހަމަޖެހުން އޮންނާނެ. ޓްރައި ކުރެވުނުކަން އޮންނާނެ. އަދި އަހަރެން ބޭނުމެއް ނޫން އަހަރެންގެ ހިތް އޮތް ގޮތް ނޭނގި ޒައިންއާ އަހަރެން ގުޅެން ދާނިޔަލް ލަފާ ދޭކަށް. އެއީ އަހަންނަށް އިނގޭ ދާނިޔަލްގެ ރަނގަޅުކަމުން އަހަރެންނަށް ދިރިއުޅުމެއް ހޯދަ ދޭން އެގޮތަށް ލަފާދޭން ވެސް ފަހެއް ނުޖެހޭނެކަން. އެހެންވެ އަހަންނަށް މިވާހަކަ ބުނަން މިޖެހުނީ. އަހަރެން ނޭދެން ދާނިޔަލް ނޫން އެހެން މީހަކު. މިހެންބުނާއިރު ވެސް އެނގޭ އަހަންނަށް އިތުބާރު ކުރަން ދާނިޔަލްއަށް ދަތިވެދާނެކަން. އަހަރެން އަމިއްލަ ހިތާއިމެދު ޕްރޮޓެކްޓިވް ވާގޮތަށް ދާނިޔަލް ވެސް އަމިއްލަ ހިތާއިމެދު ޕްރޮޓެކްޓިވް ވާނެ. އެކަމަކު އަހަރެން މިބުނަނީ އަހަރެން ބުނާނެ އެންމެ ބޮޑު ތެދު. އައިމް އިން ލަވް ވިތް ޔޫ ދާނިޔަލް." ސަޖަންގެ ވާހަކަކޮޅު ނިންމާލައިފައި ކަރުނަތައް ވިދަމުންދިޔަ ދެލޮލުން ދާނިޔަލްއަށް ބަލަން ހުއްޓެވެ.

އޭރު ދާނިޔަލް ބަލަން ހުރީ ލޮލަށް ފެނުނު މަންޒަރާއި އިވުނު އަޑުތައް އަދިވެސް ޤަބޫލު ކުރަން ދަތިވެގެން އުޅޭ މީހަކު ފަދައިންނެވެ. އެތައް އިރެއް ފަހުން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލައިފައި ގޮނޑީގެ އަތްގަނޑުން ދޫކޮށްލައިފައި ގެންގޮސް ކަނދުރާމަތީ އުނގުޅައިލި އެވެ.

"ސަޖަން!" ހިމޭންކަން ޤަރުނެއްހާ ދިގު ދެމިގެން ދިއުމަށްފަހު ދާނިޔަލް ފުރަތަމަ ބުނެލި އެއްޗަކަށްވީ ސަޖަންގެ ނަމެވެ. - ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular