9 Aug 2018

ދަތުރުނާމާ

By: Mariyam Yasma

* އޯގަސްޓް 6 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ހަނިމާދޫ އެއާޕޯޓްގައި އެމީހުންގެ އިންތިޒާރުގައި ހުރި މީހަކު ފެނިފައި ކިންޒާގެ ނޭވާ ކަރުތެރޭގައި ތާށިވެއްޖެ އެވެ.

ދެފައި ހީވީ ބިމުގައި ތަތްލި ހެންނެވެ. އެކުގައި ދިޔަ އެންމެން ކުރިއަރައިގެން ދިޔައިރު ކިންޒާއަށް އިތުރަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. ނަޒަރު ވަކިކޮށްނުލެވިފައި ބަލަމުން ދިޔައީ ކުރިމަތީ ފެންނަން ހުރި ޒުވާނާ އަށެވެ. ހަތް އަހަރަށްފަހު ވެސް އެމޫނު ފެނުމުން ވަކި ކުރާކަށް އުދަނގުލެއް ނުވި އެވެ. ހާއްސަކޮށް އެމުށި ދެލޯ އޭނައަށް އެތައް ރެއަކު ހުވަފެނުން ފެނި އުދަނގޫ ވެގެން ހޭލެވުނެވެ. އެދެލޯ މަތިން ހަނދާން ނެތޭނީ ކިހިނެތް ހެއްޔެވެ؟

އެކަމަކު އަށާރަ އަހަރުގެ ޒުވާނާ މިހާރު އެހުރީ ފަންސަވީސް އަހަރުގެ ފުރިހަމަ ފިރިހެނަކަށް ބަދަލުވެފަ އެވެ. އިސްކޮޅުން ކުރިއަށްވުރެ ދިގުހެން ހީވި އެވެ. މަހާޒް އާއި އުމަރުގެ ކުރިމަތީ ހުރިއިރު އެދެމީހުންގެ ބޯމަތިން އެމޫނުގެ ބޮޑުބައެއް ފެންނަން ހުއްޓެވެ. ކުރުކޮށް ކޮށާލައިފައި އޮތް އިސްތަށިގަނޑު ވަރުގަދަ އެވެ. މެދުމިނަކަށް ބަހައްޓާފައި ހުރި ތުނބުޅިއާއި މަތިމަހުން ކުރިން ނުފެންނަ ބޮޑު ތަފާތެއް އެސޫރައަށް ގެނެސްދީފައި ވި އެވެ.

"ޒިވިއަން!....." ކިންޒާގެ އަނގައިން އެނަން ނިކުތީ ވައިއަޑަކަށެވެ.

ބިންގަނޑު ފަޅައިލާފައި މީހާ ހުރިގޮތަށް ދިރުވައިލާނެ ނަމައޭ ހިތަށްއެރި ދުވަހެއް އެނޫނީ ނާދެ އެވެ.

ރައިހާ ކުރިއަށް ޖެހިލާފައި އުމަރާއި ކުދިން ތައާރަފްކޮށްދިނެވެ. ނުދަންނަ މީހަކު ފެނުމުން ކުދިވެރިން ތިބީ ރަކިވެފަ އެވެ. ދެކުދީން އުމަރުގެ ދެފައިގައި ތަތްވެގެން މޫނު ފޮރުވައިގެން ތިއްބެވެ.

"ހަނދާން އެބަހުރި ދޯ ސާރާ؟" ރައިހާ ހުސްކޮށް އޮތް އަތުން ސާރާއަށް އިޝާރާތްކޮށްލައިފައި އެހި އެވެ. ކިންޒާ ނެތްކަން އެނގުނީ ދެނެވެ. ވަށައިގެން ހޯދައިލާފައި ކިންޒާ ފެނުމުން އެމޫނަށް ލޯ ހުއްޓައިލެވުނެވެ. ޒިވިއަން ބޯޖަހައިލާފައި ސާރާ ކުރެން ހާލު ކިހިނެތްތޯ އެހި އެވެ. އެއަޑުގައި އާދައިގެ ގޮތެވެ.

ރައިހާ އެފުރުސަތުގެ ބޭނުން ހިފާފައި ގޮސް ކިންޒާގެ ކައިރިއަށް ހުއްޓި އެއަތުގައި ހިފާލައިފި އެވެ. ރައިހާ ހިނގައިގަތުމުން ކިންޒާ ދެކޮޅު ހެދުމެއްނެތި ކައިރިއަށް އައެވެ. އެކަމަކު އޭނަ ހުއްޓުނީ ސާރާ އާއި ރައިހާގެ ފަހަތުގަ އެވެ. ޒިވިއަންގެ ސަމާލުކަން ލިބިދާނެތީ ދެފައިތިލައަށް ނަޒަރު ހުއްޓާލައިގެން ހުރެ މިނިޓް ގުނަން ފެށި އެވެ. ރައިހާގެ އިޝާރާތާއެކު އެންމެން އެއަޕޯޓުން ނިކުންނަން ދިޔައިރު ފަހަތުގައި ތިބީ ތިން އަންހެނުންނެވެ.

"ރައިހާ ކޮންބޭނުމަކު ޒިވިއަން މިދަތުރުގަ ބައިވެރިކުރީ؟ ތިއުޅެނީ އަހަރެންގެ ކިބައިން ބަދަލެއް ހިފަންތަ؟" ސާރާ ވައިއަޑުން ކޮށްލި ސުވާލަކީ ކިންޒާ ވެސް ކުރަން ބޭނުންވި ސުވާލެވެ.

އެކަމަކު އޭނަ ހުރީ މަޑުންނެވެ. ސާރާ ހުއްޓާ އެއިން އެއްވެސް ވާހަކައެއް ދައްކާކަށް އޭނަ ހިތަށް ވެސް ނާރުވާނެ އެވެ.

"ޗިލް ސާރާ. ޒިވިއަން މިހާރު ހަނދާންވެސް ނުހުންނާނެ ސާރަ އޭނަ ފަހަތުން އަޅައިގަނެގެން އުޅުނުކަމެއް. ތެދަށް ބުނަންޏާ އަހަރެން ހަނދާންނެތިފަ ހުއްޓަ ތިހަނދާންކޮށްދިނީ..." ރައިހާ އެދެމީހުންނަށް އިވޭވަރަށް ޖަވާބުދިންއިރު އަޑުގައި ލާނެތްކަމެއް ވި އެވެ.

ސާރާ ނޫނަސް ކިންޒާ ވެސް ހުރީ ޝައްކެއްގެ މަތީގަ އެވެ. އެދަތުރަކީ އެމީހުންގެ ކިބައިން ހިފާ ބަދަލެއް ނޫންބާވައޭ ހިތަށް އެރި އެވެ. ޒިވިއަންއަކީ ސުކޫލް ދުވަސްވަރު ސާރާ އެންމެ ގަޔާވެގެން ބޭނުންވެގެން އުޅުނު ފަރާތެވެ. ސާރާއަށް އެކަން ކާމިޔާބުނުވީ ޒިވިއަންގެ ފުށުން އެއްވެސް ޝައުޤުވެރިކަމެއް ނުދެއްކީމަ އެވެ.

ދިގު އިންތިޒާރެއް ކުރަން ނުޖެހި ލޯންޗް އައިސް ވާޓަރާއި ކައިރިކޮށްލި އެވެ. ދަތުރު ރޭވިފައި އޮތް ގޮތުން ފުރަތަމަ މަންޒިލަކަށް ހަމަޖެހިފައި އޮތީ ފިނޭ އެވެ. މޫސުން ވެސް ނިކަން ނަލަ އެވެ. ގަދައަށް އަވިދީފައި އޮތްއިރު ނޫ އުޑުގައި ވިލާ ރޮއްޖެއްހާ ހިސާބުވެސް ނެތެވެ. ކަނޑު އެހާ މަޑެވެ.

ވިހި މީހުންގެ ޖާގަ އޮތް ލޯންޗްގައި ޖާގައިގެ ދަތިކަމެއް ނެތެވެ. ކުދިވެރިން ގޮވައިގެން އުމަރު ޖައްސައިލީ އެންމެ ފަހަތުގަ އެވެ. ސާރާ އަރާމުގައި ގޮސް އިނީ އެއާ ޖެހިގެން ކުރިއަށްހުރި ސީޓެއްގަ އެވެ. ހެޑު ސެޓު އަޅާލައިގެން އޭނަ ފެށީ ދަތުރު ކުރުކޮށްލަން ލަވަ އަޑު އަހާށެވެ. ކިންޒާ އާއި ރައިހާ ތިބީ އެބަރީގައި ދެން ހުރި ސީޓުގައި ޖެހިޖެހިގެންނެވެ. މަހާޒް އާއި ޒިވިއަން ކެޕްޓަނުގެ ފަހަތުން ހުރި ސީޓުގައި ތިބެފައި މަހާޒް ފޯނު މައްޗަށް ހިއްލާލައިގެން ފަހަތުގައި ތިބި މީހުން އަރާ ގޮތަށް ސެލްފީއެއް ނެގި އެވެ. އޭރު ރައިހާ ފޯނުން ކަނޑުގެ ލޮނުގަނޑާއި ހަނިމާދޫ މަލަމަތީގެ ބައެއް ފޮޓޯތައް ފޯނުގައި ރައްކާކުރަމުން ދިޔަ އެވެ. ކިންޒާ ދަބަސްތެރެއިން ފޯނު ނަގައިގެން ބަލަން އިނީ ފޯނުގައިވާ ވިޝާލްގެ މިސްކޯލު ތަކަށެވެ.

ވިޝާލްއާއި ކިންޒާގެ ލޯއްބަކީ އަހަރެއް ދެއަހަރެއް ވީ ގުޅުމެއް ނޫނެވެ. އެއީ މުޅި އުމުރުގެ ގުޅުމެކެވެ. ވިޝާލްއަކީ ކިންޒާ ބައްޕަ ގެނެސްގެން ބަލައިބޮޑުކުރި ޒުވާނެކެވެ. ބައްޕަގެ ގާތް އެކުވެރިއެއްގެ ހަމައެކަނި ދަރިފުޅެވެ. ވިޝާލްގެ މަންމަ ވިޝާލް އާއި ބައްޕަ ދޫކޮށްލާފައި ދިޔައީ އެހެން ލޯބިވެރިއެއްގެ ފަހަތުންނެވެ. ކެންސަރު ބަލީގައި ބައްޕަ މަރުވަމުން އެކުވެރިޔާ ކައިރިން އެދުނީ ވިޝާލް ބަލައިދިނުމަށެވެ. އެކުވެރިޔާގެ މައްޗަށް ބައްޕަގެ ހިތުގައި އޮތް ލޯބި އެކުވެރިޔާގެ ދަރިފުޅަށްޓަކައި އޮތެވެ. އެއާއިލާގައި ވިޝާލް އާއި ކިންޒާ ތަފާތު ކުރާ އެކަކު ވެސް ނޫޅެ އެވެ. ބައްޕައެކޭ އެއްފަދައިން މަންމަ ވެސް ދެކެނީ އެއީ އެމީހުންގެ ފިރިހެންދަރިފުޅު ކަމުގަ އެވެ.

ވިޝާލްގެ ހުންނަ ކިޔަމަންތެރިކަމާއި ކުރާ ކޮންމެ ކަމެއްގައި ކާމިޔާބު ކަމުން ބައްޕަ ހުންނަނީ ފަޚުރުވެރިވެފަ އެވެ. ބޮޑުވުމުން ދެމީހުންގެ ކައިވެނި ކުރަން ބައްޕަ އެދޭ ވާހަކަ ބުނި ދުވަހު ކިންޒާ އުފަލުން ފޮޅުނެވެ. ފުރަތަމަ ދުވަހުއްސުރެ އެދެމެދުގައި އޮތީ ހާއްސަ ގުޅުމެކެވެ. އެހެން އެއްވެސް ކުއްޖަކަށް ނުބަހައްޓާ އޯގާތެރިކަމެއް ވިޝާލްގެ އަމަލުތަކުގައި ކިންޒާއަށްޓަކައި ވެ އެވެ. ޒުވާންވެގެން އައިއިރު މައިންބަފައިންގެ ނިންމުމުގެ މަތިން ހަނދާންކޮށްދޭކަށް އެމީހުންނަކަށް ނުޖެހުނެވެ. ކިންޒާ އާއި ވިޝާލް ތިބީ އެކަކު އަނެކަކުގެ ލޯބީގައި ދީވާނާ ވެފަ އެވެ.

ކިޔަވައި ނިމެންދެން މަޑުކުރާކަށް ވެސް ކިންޒާ ބޭނުމެއް ނުވި އެވެ. ނަވާރަ އަހަރުގައި ކައިވެނީގެ ހުވަފެނުގައި ހަޤީޤީ ކުލަ ޖައްސައިފި އެވެ. އެންމެ ގާތުގައި އެއްގެއެއްގައި އުޅޭ މީހެއްގެ ކިބައިގައި ވެސް ކުރިން ނޭނގޭ ކަންތައްތަކެއް ހުރެދާނެކަން ކިންޒާއަށް އެނގުނީ އޭގެ ފަހުންނެވެ.

ކޮނޑުގައި ރައިހާ ހިފާ ތަޅުވާލުމުން ކިންޒާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. ރައިހާ ކަންބޮޑުވެފައި ބަލަން އިންގޮތުން ކިހިނެތްވީހޭ އަހައިލެވުނެވެ.

"އާ ޔޫ އޯކޭ؟" ރައިހާ އެސުވާލުކޮށްލި ރާގުން، އެއީ އެހެން އެހި ފުރަތަމަ ފަހަރެއް ނޫންކަން ކިންޒާއަށް އެނގުނެވެ.

ކަންބޮޑުވެފައި އޭނައަށް ބަލައިލެވުނީ އެހެންމީހަކު ބަލަން އިންތޯ އެވެ. ކުރިމަތިން ފެނުނު މުށި ދެލޮލާއި ހަތަރުކަޅި ހަމަވުމާއެކު މެއަށް ފިނިވެގެން އައެވެ.

ޒިވިއަން އިނީ އެދިމާއަށް އަރިއަކަށް އެނބުރި ގޮނޑީގެ ލެނގޭބައިގައި އެއް އަތް އަޅުވާލައިގެންނެވެ. އެލޮލުގައި ވީ މަސްހުނިކުލަވަރެއް ކަމުގައި ހިތް ބުނެލި އެވެ. އަޅައިލުމާއި ޝައުޤުވެރިކަން ފެނުނުހެން ކިންޒާއަށް ހީވި އެވެ. އަވަހަށް އެމޫނުން ނަޒަރު ވަކިކޮށްލާފައި ރަނގަޅޭ ބުނެ ރައިހާއަށް ޖަވާބުދިނެވެ. ރައިހާގެ މޫނުން އެކަން ޤަބޫލުކުރި ވައްތަރެއް ނުޖެހި އެވެ. އެކަމަކު އިތުރު އެއްޗެއް ނުބުނެ އެވެ. ސްކްރީން ނިވިފައި އޮތް ފޯނު އަނބުރާ ދަބަހަށް ލައިފައި ކިންޒާ ބަލަން ފެށީ ބޭރެވެ.

ރަށަށް ފޭބިއިރު އިސްތިޤްބާލުގައި ޒުވާނަކު ހުއްޓެވެ. ރަށު ޕިކަޕެއްގައި އިތުރު މީހަކު އިނެވެ. ކުދިވެރިން ޕިކަޕް ދުއްވަން ފޯރި ދައްކާލުމުން ދަބަސްތަކާއެކު އެކުދިންނާއި އުމަރު ފޮނުވައިލީ އޭގަ އެވެ. ދެންތިބި މީހުން ދިޔައީ ހިނގާފަ އެވެ. މީހުން އުޅޭ ސަރަހައްދާއި ބަނދަރު ދުރުވިއަސް ހިނގާފައި ދިއުމުން ރަށުތެރެ ފެންނާނެތީ އެމީހުންނަށް ކަމުދިޔައީ އެގޮތެވެ.

ރައިހާ ޝައުންއާއި ވާހަކަދައްކަމުން ކުރީގައި ދިޔައިރު ދެންތިބި ދެ އަންހެނުން ތިބީ އެދެމީހުންގެ ފަހަތުގައި ޖައްސައިފަ އެވެ. މަހާޒް އާއި ޒިވިއަން އެމީހުންގެ ފަހަތުގަ އެވެ. ޒިވިއަންގެ ކުރީގައި ހުރެވުމުން ސާރާ ހިނގަމުން ދިޔަ ގޮތް ވެސް ތަފާތެވެ. ކިންޒާއަށް އެކަން ފާހަގަވީ ސާރާގެ ނޭވާ ކުރުވެފައި ހުރިހެން ހީވެގެން ބެލީމަ އެވެ. ކޮނޑުމަތިން ފަހަތް ބަލާލިއިރު އެދެމީހުން މާފަހަތުގައި ގޯޅިއެއްގެ ކަންމަތީ މަޑުކޮށްގެން ތިއްބާ ފެނުނެވެ. ހެވިދާނެތީ ތިރީ ތުންފަތުގައި ދަތް އަޅާލައިފައި އޭނަގެ ސަމާލުކަން އަނބުރާލީ ކުރިމަތީ އޮތް މަގަށެވެ.

މަގުތައް ކަޑައްތުކޮށްފައި ގެއާއި ހަމައަށް ދެވުނުއިރު މަދުން ނޫނީ ސައިކަލެއް ވެސް ނުފެނެ އެވެ. ހިމޭންކަމާއި ހިތް ފަސޭހަ ކަމުން ކިންޒާ ހުރީ ހައިރާންވެފަ އެވެ. ޖެހިލާ ސާފު ވައިރޯޅިތައް މޫނުގައި ބީހިލާ ގޮތުން ބުނެދޭން ދަތި އުފަލެއް ލިބެމުންދިޔަ އެވެ.

އެމީހުން ތިބެން ހަމަޖެހުނު ގެއަކީ ޝައުންގެ ދައްތައެއްގެ ގެއެކެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ ގޭގައި ތިން ކޮޓަރިއާ ސިޓިންރޫމެއްގެ އިތުރުން ބަދިގެއާއި ގުދަނެއް ހުއްޓެވެ. ޝައުން ދައްތަގެ އާއިލާ ގެ ފަޅަށް ބަހައްޓާފައި މާލެ ގޮސް ހުންނަނީ ދަރިންނަށް ކިޔަވައިދިނުމަށެވެ. ދޮރާށިން ވަދެގެން ދިޔައިރު ފައިދަށުގައި މުރުމުރުލާން ފެށީ ހިމުން އަކިރި އެވެ. ރާނާފައިވާ އުސްފާރާއި ޖެހޭންދެން ފާރުގެ އެއްކޮޅުން އަނެއްކޮޅަށް ފެހި ގަސްތައް ހައްދާފައި ވެއެވެ. މާމެލާމެލި އަޅައި ފަރިވެފަ އެވެ.

ގެއަށް ވަންއިރު ހުޅުވާފައި ހުރި ކޮޓަރި ތެރެއިން ސާރާގެ ދެކުދިން ކުޅެ ސަކަރާތްގަންނަ އަޑު އިވެ އެވެ. ކިންޒާ ގޮސް ވަނީ ރައިހާ ދެއްކި ކޮޓަރިއަކަށެވެ. ފާޚާނާއަށް ވަދެފައި ނިކުމެ ދަބަސް ހޯދަން ނިކުތްއިރު ޒިވިއަންމެން ވެސް އައިސް ގެއަށް ވަދެއްޖެ އެވެ. ޝައުން އޭރު ގެއިން ނިކުންނަން ދެ އެވެ. ޒިވިއަން އައިސް ދަބަސް ނަގައިގެން ދިމާކުރީ ކިންޒާމެންގެ ކޮޓަރިއަށް ވަންނާށެވެ. ކިންޒާ ދަބަސް ނަގައިގެން އެނބުރިފައި އެތަން ފެނިގެން ހުއްޓެވުނެވެ.

"ޒިވިއަން ތިރޫމެއް ނޫން. ތީ އަހަރެމެންގެ ރޫމް." ރައިހާ ދޮރާއި ހަމައިގައި ހުރެފައި އެނބުރުނުތަނާ ޒިވިއަން ފެނިގެން ގޮވާލި އެވެ.

ޒިވިއަންއަށް އެއަޑު އިވިގެން މަގަތަށް އެނބުރުމުން ކިންޒާއާ ކުރިމަތިވި އެވެ.

"ސޮރީ." ޒިވިއަން މަޢާފަށް އެދުނެވެ.

ކިންޒާއަށް ޖަވާބެއް ނުދެވުނެވެ. ބަލަން ހުރެވުނީ އެވެ. ޒިވިއަން އެނބުރި ގޮސް އަނެއްކޮޓަރިއަށް ވަދެ ދޮރު ޖެހި އަޑާއެކު އެދެފައި ހަރަކާތް ކުރަންފެށި އެވެ. އެތެރެއަށް ވަދެވުމާއެކު ދަބަސް ތިރިއަށް ދޫކޮށްލައިފައި އޭނަ ގޮސް އިށީންދެލީ އެނދުގަ އެވެ. މުށުތެރޭ ބެޑްޝީޓް ބޮނޑިކޮށްލައިގެން ތިރި ބަލަން އިންއިރު ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރި އެވެ. ކުޑައިރުކޮޅެއް ފާއިތުވެ ދިއުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އޭނަ ދިޔައީ ސިއްސައިގެންނެވެ.

ރައިހާ ފެނުމުން އެހެން ނީންނަން ވެގެން ތެދުވެގެން ގޮސް ދަބަސް ހުޅުވައިގެން އެއްޗެހިތައް ނަގަން ފެށި އެވެ.

"ކިންޒާ!" ފަހަތުން ރައިހާ ގޮވާލި އަޑު އިވުނެވެ.

ކިންޒާ ބަލައެއްނުލަ އެވެ. ކުޑަ ތުވާލިކޮޅުން މޫނު ފުހެލާފައި ކޮނޑުމަތީ ބޭއްވުމަށްފަހު ރީތިވާ ފުޅިތައް ނަގައިގެން ޑްރެސިންޓޭބަލް މަތީ އަތުރަންފެށި އެވެ. އެދެއަތް މަޑުޖެހުނީ ރައިހާ ދެން ބުނި އެއްޗެއް އިވިފަ އެވެ.

"ޔުއާ ސީކްރެޓް އިޒް ސޭފް ވިތް މީ. އަހަރެން ގަސްތެއް ނުކުރަން ދުވަހަކު ވެސް އެކަން އެހެން މީހަކަށް އަންގާކަށް." ކިންޒާ އެނބުރުނުއިރު ރައިހާ އެނދުގައި އިނީ ބަލަހައްޓައިގެންނެވެ. އެމޫނުގައި ސީރިއަސްކަމެވެ.

ކިންޒާ އެކައްޗެއް ވެސް ނުބުނެ އަނެއްކާ އެނބުރުނީ މަސައްކަތަށެވެ.

"އަހަރެން ހަމައެކަނި ބޭނުންވީ ކިންޒާ ބިރުގަންނަވާލައިގެން މިދަތުރު ގެންނަން. ދެކޮޅު ހެދި ނަމަވެސް އަހަރެން އެވާހަކައެއް ނުބުނާނަން." ރައިހާ އިތުރަށް ވާހަކަދެއްކި އެވެ.

ކިންޒާ ދެން ވެސް ޖަވާބެއް ނުދެ އެވެ. އޭނަ ދެވަނަ ފަހަރަށް އެނބުރުނީ މަސައްކަތް ނިމުނީމަ އެވެ. ހިތްހަމަޖެހޭ ގޮތަށް ފުޅިތައް އަތުރާ ނިމުމުން ހެދުމެއް ނަގައިގެން ގޮސް ފާޚާނާއަށް ވަންނަން އުޅެފައި ހުއްޓުނެވެ. ވަނުމުގެ ކުރީން ރައިހާއަށް ބަލާލައިފައި ބުނީ އެވާހަކަ ޤަބޫލު ނުކުރާ ވާހަކަ އެވެ. ރައިހާއަށް ލިބުނު ސިހުމާއެކު މޫނުގެ ކުލަ ބަދަލުވި އެވެ. ކިންޒާ ވަދެ ދޮރު ލައްޕާލުމުން ލޮލަށް ޖަމާވާން ފެށި ކަރުނަތައް އޮއްބާލައިފައި ގަދަކަމުން ހިނިތުންވެލި އެވެ.

ކިންޒާ ފެންވަރައިގެން ނިކުތްއިރު ސާރާ އެކޮޓަރިއަށް އައިސް އުޅެނީ ހެއަރ ޑްރަޔާއެއް ހޯދަން ވެގެންނެވެ. ރައިހާ ހަމަޖެހިލާފައި ބުނީ އޭނަ އިސްތަށިގަނޑު ހިއްކަނީ ފަންކާގެ ވައިން ކަމަށެވެ. ހިކިކޮށް ހުއްޓަސް ތެތްކޮށް ހުއްޓަސް ބުޅިކަމުން ވަކި ދެގޮތެއް ނުވާ ކަމުގަ އެވެ. ސާރާ ކިންޒާ ކައިރީ އަހަން އުޅެފައި ކުއްލިއަކަށް ހުއްޓުން އެރި އެވެ. ސާރާ ބަލަން ހުރިގޮތުން ކިންޒާއަށް އުދަނގޫވި އެވެ.

"ވަޓް؟" ހިތްހަމަނުޖެހިފައިވާ އަޑަކުން ކިންޒާ ސުވާލުކުރި އެވެ.

"ތީތަ ކިންޒާ ޓްރިޕްގަ ލާން ގެނަ އެއްޗަކީ؟ ހީވަނީ އޮފީހަށް ދާން އުޅޭހެން." ސާރާގެ ވާހަކައިން ކިންޒާއަށް އަމިއްލަ ހެދުމަށް ބަލައިލެވުނެވެ.

ގަމީސްމަތިކޮޅާއި ކަކުލާއި ހަމައަށް އަންނަ ތިރިއަށް ބަލާލުމަށްފަހު އަނބުރާ ސާރާއަށް ނަޒަރު ހުއްޓައިލި އެވެ. "މީ އަހަރެން ލާން ގެންގުޅޭ އެއްޗަކީ. އަބަދުހެން އުޅެނި އޮފީހުގަ ނޫނީ ބިޒްނެސް މީޓިންތަކަށް ދާން ޖެހޭނެ. ގޭގައި ލާން ގެންގުޅޭ ޕިޖާމާތަ ދެން އަހަރެން ގެންނަންވީ؟" ކިންޒާ ދަބަސް ތެރެއިން ހެއާ ޑްރަޔަރ ނެގުމަށްފަހު ސާރާއަށް ދިއްކޮށްލި އެވެ.

ސާރާ އިތުރު އެއްޗެއް ނުބުނެ ނިކުމެގެން ދިއުމުން ކިންޒާ ބެލިއިރު ރައިހާގެ މޫނުގައި ވެސް ހުރީ ސާރާގެ މޫނުން ފެނުނުފަދަ ކުލައެކެވެ.

"ތިގަމީސް އޯކޭ. ސްކާޓްގެ ބަދަލުގައި ޖިންސެއް ލީމަ ރަނގަޅު ވާނެ. އަހަރެން ދީފާނަން ޖިންސެއް. ދެން ކުޅުދުއްފުއްޓަށް ދެވުނީމަ އެތަނުން ފިހާރައަކުން އެތިކޮޅެއް ގަތީމަވީނު." ރައިހާ އަތުން އޭނަގެ ހެދުމަށް އިޝާރާތްކޮށްލާފައި ވާހަކަދެއްކި އެވެ.

ރައިހާގެ އެއްޗެއް ގަބޫލު ނުކުރަން ލައިގެން އައި ޖިންސް އޮންނާނެއޭ ކިޔާފައި ކިންޒާ ތިރި ބަދަލުކޮށްލީ އެޖިންސަށެވެ. ރައިހާ ފެންވަރަން ވަނުމުން އިންތިޒާރުގައި ހުރެ ހުރެފައި ސާރާ ލަސްވެގެން ނިކުތްއިރު ކޮފީގެ ވަސް ނޭފަތުގައި ޖެހުނެވެ. އިޚުތިޔާރަކާނުލާ އެދިމާއަށް ދެފައި ހަރަކާތްކުރަން ފެށި އެވެ. މެންދުރު ގަޑީގައިވެސް ކޮފީގެ ވަސް ޖެހިއްޖެއްޔާ ފަހެއް ނުދެވޭނެ އެވެ.

ބަދިގެއަށް ވަންއިރު އެތަން އޮތީ ހުހަށެވެ. އެއްކޮޅުގައި ހުރި ދޮރުން ޒިވިއަން ނިކުތްތަން ފެނުމާއެކު ސިހުނެވެ.

ބަދިގެ ހުރީ ދެބައިކޮށްލާފައި އެއްބައިގައި ކެވޭ ގޮތަށް އަނެއްބައިގައި ކެއްކޭގޮތަށް ހަދައިފަ އެވެ.

ޒިވިއަންއަށް ނުފެންނާނެ ކަމަށް ކިންޒާ އަވަހަށް ބޭރަށް ދެމިގެންފައި ފަސްދީ ހިނގައިގެންތަނާ ނަމުން ގޮވާލައިފި އެވެ. އެފިރިހެންވަންތަ އަޑުން އޭނަގެ ނަންކިޔާލި ގޮތުން މެއަށް ފާޑެއްގެ ގޮތެއްވެލި އެވެ. އަނެއްކާ ވެސް ބަދިގެއާ ދިމާއަށް އެނބުރިފައި ކުރިއަށް ޖެހިލިއިރު ޒިވިއަން ބަލަހައްޓައިގެން ހުއްޓެވެ. އަތުގައި އާވި އަރައަރާ ހުރި ކޮފީ ޖޯޑެކެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular