13 Aug 2018

ދަތުރުނާމާ

By: Mariyam Yasma

* އޯގަސްޓް 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެނބުރިފައި ކުރިއަށް ޖެހިލިއިރު ޒިވިއަން ބަލަހައްޓައިގެން ހުއްޓެވެ. އަތުގައި އާވި އަރައަރާ ހުރި ކޮފީ ޖޯޑެކެވެ. ކިންޒާ ކިންޒާ ފަސްއެނބުރި ބަލައިލީ މީހަކު އާދޭތޯ އެވެ. އެދެލޮލުން ނުތަނަވަސްކަން ފެންނާން ހުއްޓެވެ.

"ކެން ވީ ޓޯކް؟" ކިންޒާ އެއްޗެއް ނުބުނާނެކަން ޔަޤީންވުމުން ޒިވިއަން ފެށި އެވެ.

"އަހަރުމެން ދައްކާނެ ވާހަކައެއް ނޯންނާނެ." ކިންޒާ ޖަވާބުދިނީ މަޑުމަޑުންނެވެ. ޒިވިއަންގެ މޫނަށް ނުބަލަން ނަޒަރު ހުއްޓައިލީ ދެފައިތިލައަށެވެ. އެކަމަކު އެއަޑުގައި ނުރުހުމެއް ނުވެ އެވެ.

ޒިވިއަންއަށް އިތުރު ފުރުސަތެއް ނުދީ އަނެއްކާ ވެސް އެތަނުން ނިކުންނަން ވެގެން އެނބުރިލުމާއެކު ކޮނޑުގައި އެއަތުން ހިފަހައްޓާލި ގޮތުން ނޭވާލާން އުދަނގޫވި އެވެ.

"ކިންޒާ ޕްލީޒް!...." ޒިވިއަންގެ އަޑުގައި އާދޭހުގެ އަސަރުވި އެވެ. ކިންޒާގެ ކޮނޑުން ދޫކޮށްލައިފައި ފަހަތަށް ފިޔަވަޅެއް އަޅާލުމަށްފަހު އެއަތުން ކޮފީ ޖޯޑުގެ އަނެއްފަރާތުން ހިފަހައްޓާލި އެވެ. ކިންޒާގެ ގައިގައި އިތުރަށް އަތްނުލާން ކުރިކަމެއް ފަދަ އެވެ.

"އަހަރެން ހަމައެކަނި ބޭނުންވަނީ ދިހަ ވަރަކަށް މިނިޓް. އެއަށްފަހު އަހަރެންގެ އުދަނގުލެއް ކިންޒާއަކަށް ނުފޯރާނެ." ޒިވިއަން ޔަޤީންކަންދިނެވެ.

ބޭނުންވިއަސް ދަތުރުގެ ބައިވެރިއަކަށް ވުމުން ޒިވިއަންއަށް ފިލައިގެން ނޫޅެވޭނެކަން ހަނދާންވެފައި ކިންޒާ ފުން ނޭވައެއްދޫކޮށްލި އެވެ. ބަލި ގަބޫލުކޮށްފައި މިހާރަކު ނޫނޭ ބުނީ އެހުރިގޮތަށް ފުރަގަސްދީގެން ހުރެ އެވެ. ދެން ގޮސް ކޮޓަރި ދޮރުމައްޗަށް އަރަންދެން ޒިވިއަންގެ ނަޒަރު އޭނައަށް ހުރިކަން އިހްސާސްވި އެވެ.

ތަޅުގައި ހިފާ އަނބުރާލަނިކޮށް ސާރާ ގޮވާލި އަޑު އިވުނެވެ. ކިންޒާ ދިޔައީ ސިއްސައިގެންނެވެ. އޭނައާއި ޒިވިއަންއާ ދެމެދު ދެކެވުނު ވާހަކަ ސާރާއަށް އިވުނުބާވައޭ ހިތަށް އަރާފައި މޭގަނޑު ތެޅިގަތެވެ. ސާރާއާ ދިމާއަށް އެނބުރުމުގެ ކުރިން ގަދަކަމުން މޫނުގެ ކުލަ ބަދަލުކޮށްލި އެވެ. އެމޫނުން ފާހަގަ ކުރެވޭފަދަ ތަފާތެއް ފެންނަން ނެތުމުން ހަމަޖެހުމެއް ލިބުނެވެ. ސާރާ އައީ ހެއަ ޑްރަޔާ ހިފައިގެންނެވެ. ކިންޒާ އޭގައި ހިފާފައި އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ދޮރުފަތުގައި ބުރަކަށި ޖައްސައިލި އެވެ. ބާރަށް ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަން އޭނައަށް ވަގުތުކޮޅެއް ބޭނުންވި އެވެ. ރައިހާ ފާޚާނާގައި އުޅޭ އަޑު އިވޭތީ އޭނަ ދެން ފެށީ އިސްތަށިގަނޑު ހިއްކާށެވެ.

ފޯނު ވައިބްރޭޓް ވާން ފެށުމުން ކިންޒާ ފުރަތަމަ ނިންމީ އަޅައިނުލުމަށެވެ. އޭނަ އެނދާއި ދިމާއަށް އަރިވެލައިފައި ފޯނު ނެގީ ކެނޑިފައި އަލުން ވައިބްރޭޓް ވާން ފެށީމަ އެވެ. ސްކްރީނުގައި ބައްޕަގެ ނަން އޮތްވާ ފެނުމުން ކުއްލި ސިހުމެއް ލިބުނެވެ. ބައްޕަ ގުޅާނީ ވަރަށް ސީރިއަސްވީމަ އެވެ. އޭނަ ދަތުރު އައިކަން އެނގުނީކަމަށް ލަފާކޮށްލެވުނެވެ. އިސްތަށިގަނޑު ހިއްކުން ހުއްޓާލައިފައި އޭނަ ފޯނު ނަގައި ކަންފަތުގައި ޖަހައިލި އެވެ.

"ކިންޒާ ތިހުރީ ހަމަހޭގައިތަ؟" ފުރަތަމަ ކަންފަތުގައި ޖެހުނީ ބައްޕަގެ ހަރުކަށި އަޑެވެ.

ކަންފަތަށް އުދަނގޫވީވަރުން އިޚުތިޔާރަކާނުލައި ދުރުކޮށްލެވުނެވެ. ދެން ކައިރިކޮށްލިއިރު ވެސް ބައްޕަ ހުއްޓުމެއްނެތި ކުރިއަށް ގެންދަނީ އެވެ.

"މުހިންމު މަސައްކަތްތައް ފުނިޖެހިފަ ހުއްޓަ އެހުރިހާ ކަމެއް ބަހައްޓާފަ ވެކޭޝަންއަކަށް ދާން ނިންމިއިރު އެއްފަހަރު ވެސް ވިސްނައިލިންތަ؟ ވިޝާލް ވެސް އެހާ ދުވަހު ރަށުން ބޭރުގަ އުޅެފަ އެއައީ. އޭނަ ހަމައަކަށް އަޅުވަން ހުރި ކަންކަން އެހާ ގިނަ. މީގެ ކުރިން ދުވަހަކު ކިންޒާ އުޅުނު ގޮތެއް ނޫން ތީ." ބައްޕަ އެންމެ އިރުކޮޅަކަށް ވެސް މަޑުޖެހިއެއްނުލަ އެވެ

ކިންޒާ ރައްދު ދޭންވެގެން ގޮވައިލީމަ ވެސް ބައްޕަ އެފުރުސަތެއް ނުދިނެވެ. އެވަގުތު ރައިހާ ފާޚާނާއިން ނިކުތްތަން ފެނުމުން ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ. ހުހަށް ހުރި ސިޓންރޫމް ހުރަސްކޮށްފައި އޭނަ ނިކުމެ އިށީންދެލީ ގޯތިތެރޭ އެލުވާފައި ހުރި ބޮޑު އުނދޯލީގަ އެވެ. އޭގެ ވަލުގައި ހިފަހައްޓާލައިގެން އިނދެ ބައްޕަގެ ވާހަކަތައް އަހާ ނިމުމުން އޭނަ ދޭން އޮތް ޖަވާބު ވެސް ދިނެވެ. ބައްޕަ ކިތަންމެ ނުރުހުނަސް އޭނައަށް އެނބުރި ދެވެން އޮތީ އެދަތުރު ނިންމައިފަ އެވެ.

ފޯނު ނިންމާފައި ވިސްނާލަން އިންދާ ސާރާ ނިކުމެ އުނދޯލީގެ ކުރިމަތީ އެއްފަރާތެއްގައި ބަހައްޓާފައި ޖޯލިފަތިން ޖޯއެއްޔެއްގައި އޮށޯތެވެ. ނަޒަރު ހުރީ ފޯނުގެ ސްކްރީނަށެވެ. ކިންޒާ އުނދޯލިން ފައިބައިގެން އެތަނުން ދާން އުޅެފައި ހުއްޓުނީ ހިތަށްއެރި އެއްޗަކުންނެވެ. ދެން އަނބުރާލައިފައި އައިސް އިށީންދެލީ ސާރާ އޮތް ޖޯއްޔާއި ޖެހިގެން ހުރި ޖޯލީގަ އެވެ.

"ސާރާ ކީއްކުރަން މިދަތުރުގަ ބައިވެރިވީ؟" ކިންޒާ ސުވާލު ކުރި އަޑަށް ސާރާ އެދިމާއަށް މޫނު އަނބުރައިލި އެވެ.

"ކިންޒާ ވެސް ތިއައީ މިއަތޮޅުގެ ރަށްތައް ބަލައިލާށެއްނު. ސޭމް ރީޒަން." ސާރާ ޖަވާބުދިނީ މާއަވަހަށެވެ. އެވަގުތު ކިންޒާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލުމުން ދެފައި ތިރިއަށް އެލުވާލައިފައި ތެދުވެ އިށީނެވެ. ކިންޒާ ދުރުބަލަން އިނުމުން ފަރުވާވެ އެމޫނަށް ބަލައިލި އެވެ.

"ކިހާ ދުވަހެއް އަހަރުމެން އެއްކޮށް ކެއުމެއްގައި ވެސް ބައިވެރިނުވާތާ؟ އަހަންނަކަށް ނޭނގެ ރައިހާއަށް އަހަރުމެންގެ އެކުވެރިކަން ސާބިތުކޮށްދޭން ސާރާ ބޭނުންތިވާ ސަބަބެއް.." ކިންޒާ ބަލައިލަން ވާއިރަށް ސާރާ ވެސް ދުރު ބަލައިލި އެވެ.

ޖަވާބުގައި ސާރާ ހަމައެކަނި ބުނެލީ ކިންޒާއަށް ކުރެވިގެން އުޅެނީ ކުށްހީއެއް ކަމުގަ އެވެ. އޭނަ ޖޯލީގައި ރަނގަޅަށް ހަމަޖެހިލީ ކިންޒާ ތެދުވެގެން ގޮސް އެތެރެއަށް ވަނީމަ އެވެ. ފާޑަކަށް އަނގަ ހަދާލައިފައި ދެން އަނެއްކާ ވެސް ނަޒަރު ހުއްޓައިލީ ފޯނަށެވެ. ކިންޒާ ބުނީ ދޮގެއް ނޫނެވެ. ރައިހާއަށް އެދެމެދުގައި އޮތް އެކުވެރިކަން ސާބިތުކޮށްދޭން އޭނަ ބޭނުންވެ އެވެ. އަހަރުތަކެއް ކުރީން އޮތް ގުޅުމަށް އަދިވެސް ބަދަލެއް ނާންނަކަން ދައްކަން ބޭނުންވެ އެވެ. އެހާ ދުވަސްފަހުން ވެސް ރައިހާއަށް އޭނަގެ މަޤްސަދުގައި ކާމިޔާބު ނުވާނެކަން އަންގަން ކޮންމެހެން ބޭނުންވެ އެވެ. ކިންޒާ ބައިވެރިވާ ދަތުރެއްގައި ބައިވެރިވާން އެއްބަސްވީއިރު ސިކުންތަކު ވެސް ވިސްނަން މަޑުނުކުރީ މިސަބަބާއިހުރެ އެވެ.

ރައިހާ ނިކުމެ އެންމެންނަށް ގޮވާ ހަމަކޮށްފައި ދަތުރު ރޭވިފައި އޮތް ގޮތް ކިޔައިދޭން ފެށި އެވެ. ޖެހިގެން އަންނަ ދުވަހު މެންދުރެއްހާއިރު ހިރިމަރަދޫ ދަތުރު އޮންނާނެ އެވެ. އޭގެ ކުރިން ފިނޭގެ ތަންތަން ބަލައިލާ ބައްދަލު ކުރަން ހުރި މީހުންނާއި ބައްދަލު ކުރުމުގެ ފުރުސަތު އޮތްކަން ހާމަކުރި އެވެ. ކިންޒާ ބޯޖަހާލައިފައި ޝައްކެއްވެގެން ބަލައިލިއިރު ޒިވިއަން އިނީ ބަލާށެވެ. އޭނައަށް ފަޅާ އެރުމުން ކޮންމެހެން ސިއްރު ކުރާކަށް ވެސް ނޫޅުނެވެ. ވެރިކޮށްލީ ހިނިތުންވުމެކެވެ. ކިންޒާ އަވަހަށް މޫނު އަނބުރައިލި އެވެ. އުމަރުގެ އުނގުގައި އިން އުލާ ބުދެއްގެ އިސްތަށިގަނޑުގައި ފުނާ އަޅުވާތީ އެދިމާއަށް ސަމާލުކަން ހުއްޓާލައިގެން އިންނަން މަސައްކަތް ކުރި އެވެ.

"އަހަރެން ބައްޕަގެ ފަސްޓްލަވް އުޅެނީ މިރަށުގަ. ބައްޕަ ބުނި ހަނދާންވަނީ އައިސަ އެކޭ. އައިސައާ ބައްދަލުކޮށްފަ ނޫނީ މިރަށުން ނުފުރަން ބައްޕަ ވަރަށް އެދިފަ އޮތީ." ރައިހާގެ ވާހަކަ ނިމުނުތަނާ މަހާޒް ބުނެލި އެވެ.

"ބައިވަރު އައިސަ އުޅޭނެ. ބައްޕަ ކައިރީ އަހައިގެން އެމީހާއަށް ކިޔާ އިތުރު ނަމެއް ހޯދަނިކޮށް ފަސޭހަ ވާނެ." ވާހަކަދައްކަން ބޭނުންނުވެ އިނދެފައި ރައިހާ މަހާޒްއަށް ރައްދުދިނެވެ.

ޝައުން ގުޅަން ފެށުމުން ފޯނަށް ބަލައިލާފައި ޖަވާބުދިނެވެ. މެންދުރު ކެއުން ޝައުންގެ ގޭގައި ހަމަޖެހިފައި އޮތް ވާހަކަ ބުނެފައި ރައިހާ ފުރުސަތު ދިނީ ބޭނުން މީހަކު ވިއްޔާ ރަށުތެރެ ބަލައިލަން ނިކުތުމަށެވެ. އެއަޑު އަހާފައި އެންމެ ފުރަތަމަ ތެދުވީ މަހާޒް އެވެ.

ނައިސް އަހަރުތަކެއް ވުމުން ރައިހާއަކަށް ވެސް ހުރިހާ ތަނެއް ނޭނގެ އެވެ. އިރުޝާދު ދޭނެ ވަކި މީހަކު ނެތި އެމީހުންނަށް ހީވާ މަގަކުންވިއްޔާ ކުރިއަށް ދިޔަ އެވެ. ރީތި އަންހެންކުއްޖެއް ފެންނައިރަށް މަހާޒް އައިނު ނަގާފައި ވާހަކަދައްކަން މަސައްކަތް ކުރެ އެވެ. ރައިހާ ހުރީ ރުޅި އައިސްގެން ހަލާކުވާވަރުވެފަ އެވެ. "ސާބަހޭ ފިރިހެނާ ދުވަހަކު އަންހެނަކު ލޮލަށް ނުފެންނަނީތަ މޮޔައެއްހެން ތިއުޅެނީ؟ ތިވައްތަރަށް އުޅެނިކޮށް ވަގުތު ނުޖެހެނީސް މިރަށު މީހުން އައިސް އަހަރުމެން ބޭރުކޮށްލާނީ ކަންނޭނގެ." ރައިހާ ދަތްކުނޑި ވިކާލައިގެން ހުރެ ގޮވި އެވެ.

"ހާދަ ހީވެއޭ ޖޭވެގެން އުޅޭހެން." މަހާޒް އެއްލޯ މަރާލައިފައި ރައިހާ ޖަހައިފާނެހެން ހީވުމުން ދުރަށް ޖެހުނެވެ. ރައިހާ އަތް މުށްކަވާލައިފައި ހުޅުވާލުމަށްފަހު ސަމާލުކަން ދިނީ މަގަށެވެ.

މަހާޒް ދެން ގޮސް ހުއްޓުނީ ދޮރާށިން ނިކުތް އަންހެންކުއްޖެއްގެ ކައިރިއަށެވެ. އެކުއްޖާ ހުއްޓުވައިގެން ސުވާލުތަކެއް ކުރަން ފެށި އެވެ. އެމީހުން ފަސްދީ ދިޔައިރު މަހާޒް ބުނި އެއްޗަކަށް އެކުއްޖާ ހީގަތްއަޑު އިވުނެވެ. އުމަރު ހުންނަނީ ދަރިންތައް ގޮވައިގެންނެވެ. ދެ އަންހެންކުދިން އުމަރުގެ ދެއަތުގައި ހިފައިގެން ކުރިއަށްދިޔަ އެވެ. ކިންޒާ ސާރާގެ ކައިރީގައި ހުރިއިރު ރައިހާގެ ގާތުގައި ހުރި ޒިވިއަންއަށް ނުބަލާވޭތޯ ބަލަ އެވެ. އަވިއައިނު އަޅައިގެން ހުންނައިރު ޒިވިއަން ބެލިއަސް ނޭނގޭނެތީ އޭނަ ހުރީ ވަރަށް ވިސްނައިގެންނެވެ.

ބަނދަރަށް ނިކުމެ ވައިޖައްސަން ހަދާފައިވާ ޖޯލިތަކުގައި ތިއްބާ ޝައުން އައީ އެންމެނަށް ދަޅު ގަނެގެންނެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ގުޅާފައި އެމީހުން ތިބިތަނެއް އޮޅުންފިލުވި އެވެ. ކައިރީގައި އެރަށު ކުޅި އޮންނަ ވާހަކަ ބުނުމުން ބަލަން ދާން އެންމެން ބޭނުންވި އެވެ. ބަނދަރު ކައިރިން ހިމަ މަގަކުން ގަސްތައް ތެރެއަށް ވަދެގެން ގޮސް ކޮންމެ މީހަކު ވެސް ހުއްޓެނީ ރީތިކަމުން ބަސްހުސްވެފައި ހުރެ އެވެ.

"މިތަނަށް އެރެވޭނެތަ؟" ކިންޒާ ސުވާލުކުރުމުން ޝައުން ބޯޖަހައިލި އެވެ.

އެހެން އެންމެން ކުޅީގެ ރީތިކަން ފޯނުގެ ކެމެރާގައި ރައްކާކުރަމުން ދިޔައިރު ކިންޒާ ޖިންސްގެ ދެފައިކުރި އޮޅާލައިފައި ފައިތިލައިގެ ފުނަށް އެތަނަށް އެރުނެވެ. ސާރާއަށް ކިންޒާ ކުރާ ކަމެއް ފެނިގެން ފަކުރުން ވައްތަރެއް ޖައްސާލެވުނެވެ. އެތާ ދިރޭ އެއްޗެހި އުޅެފާނެއޭ ބުނެގެން ވެސް ކިންޒާ ސަމާލުކަމެއް ނުދިނެވެ. އިރުކޮޅަކުން އިވުނީ ރައިހާ ނިކަން ބާރަށް ހަޅޭތްވަލައިގަތް އަޑެވެ. ކިންޒާއަށް ބަލައިނުލެވެނީސް ފެންގަނޑަށް އެއްޗެއް ވެއްޓުނު އަޑު އިވިފައި ގަޔާއި ދިމާއަށް އައި ފެނުން ލައިގެން ހުރި ޖިންސްގެ ކުރިމަތިން ބޮޑުބައެއް ތެމުނެވެ. ތަންކޮޅެއް ދުރުން ކުޅީގެ ތެރެއިން ކޮޅަށް ތެދުވި ރައިހާ ފެނުނީ ދެނެވެ. އެވަގުތު ކަންފަތުގައި ގުގުމައިލީ ފަހަތުން އެންމެން ހޭންފެށި އަޑެވެ.

"މަހާޒް......!!!!!" ރައިހާ ދެއަތް މުށްކަވާލައިފައި މައްޗަށް އުފުލާލައިގެން ހުރެ އަޑުގާ ނެތްތަނަށް ހަޅޭތްލަވައިގަތެވެ.

ރައިހާ ދުއްވައިގަތުމުން ކިންޒާ އިތުރަށް ނުތެމިވޭތޯ ފަހަތަށް ޖެހިލަން އުޅުނެވެ. އެކަމަކު އެކަން ވީ ނާކާމިޔާބެވެ. ރައިހާ ފަސްގަނޑަށް އެރީ ކުރިއަށްވުރެ ބޮޑަށް އޭނަ ތެންމައިލާފަ އެވެ. ޖީބުގައި އޮތް ފޯނު ސަލާމަތްވީ ނަސީބު ރަނގަޅު ކަމުންނެވެ.

ސާރާ ބިނދި ބިނދިފައި ހެމުން ގޮސް އެތާހުރި ގަހެއްގައި އެއް އަތުން ހިފަހައްޓައިލި އެވެ. ކިންޒާ އެނބުރުނުއިރު މަހާޒް އާއި ރައިހާ ފެންނަން ވެސް ނެތެވެ. އެންމެން ހޭ އަޑާއި ހެދި ކިންޒާ އަކަށް ވެސް އިތުރަށް ހިނިގަނޑު ކޮންޓްރޯލް ކޮށްގެނެއް ނުހުރެވުނެވެ. އެކަމަކު އެއީ ކުޑައިރުކޮޅަކަށެވެ. ތަންކޮޅެއް ދުރުގައި ހުރި ޒިވިއަންއާ ހަތަރުކަޅި ހަމަވުމާއެކު ހުނުން ހުއްޓާލެވިއްޖެ އެވެ.

ފެންވަރައިގެން ނިކުތީއްސުރެ ރައިހާ ރާވަންފެށީ މަހާޒްގެ ކިބައިން ބަދަލުހިފާނެ ގޮތެކެވެ. އިރުއިރުކޮޅާ ނިކުމެ މަހާޒް ނައިސްގެން ބެލި އެވެ. އޭނަ ފެންގަނޑަށް ވައްޓާލުމުގެ ކުރިން ފޯނު ވެސް ދިޔައީ އަތުލައިގެންނެވެ. ކިންޒާގެ ފޯނުން ދެފަހަރަކު ގުޅައިގެން ފޯނަށް ޖަވާބުދިނެވެ. ފޯނު ގެންނާށޭ ކިޔާ ހަޅޭތްލަވަން ފެށުމުން ފޯނު ފޮނުވީ ކުއްޖެއްގެ އަތުގަ އެވެ. ރައިހާގެ ރުޅިވީ ގަދަ އެވެ.

ކެއުމުގެ ވަގުތުގައި ހިލޭބައެއްގެ ތެރެއިން ބައްދަލުވުމުން އޭނަ ހުރީ ފުރުސަތެއް ނުލިބިފަ އެވެ. މޭޒުގެ އަނެއްފަރާތުގައި މަހާޒްގެ ކުރިމަތީ ހުރެގެން ކިތަންމެ ވަރަކަށް ވެސް ލޮލުން އަލިފާންކަނި ފޮނުވި އެވެ. މަހާޒް ކަމަކީ ރައިހާ ބަލައިލާއިރަށް އެއްލޯމަރައިލުމެވެ. ނޫނީ ހިނިތުންވެލުމެވެ. ރައިހާއަށް ނުވެސް ކެވުނެވެ. އޭނަ ނިކުމެ އެގޭ ޖޯލިފަތީ ދުފާފޮށި އުނގަށްލައިގެން އިންދާ މުސްކުޅި އަންހެނަކު އައިސް ސަލާމްގޮވި އެވެ. އަނގައިގައި ދަތް ވެސް ނެތް އެމީހާ ދެއްކި ވާހަކައެއް ނޭނގިގެން ރައިހާ ވަނީ އެތެރެއަށެވެ. މަހާޒް ބޭރަށް، ނިކުތީ އޭނަ އުމަރު ބުނެގެން އުލާއަށް ފެން ދޭން ހުއްޓަ އެވެ.

ކާގެއިން ގޯތިތެރެއަށް ނިކުތީ އެންމެން އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އެވަގުތު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މަހާޒްއާއި މުސްކުޅި ދައިތައަށެވެ. މަހާޒް ދައިތަގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރިއިރު ދައިތަ ހުރީ އެއްއަތުން މަހާޒްގެ ފުރަގަހުން އުނަގަނޑާއި ހިސާބުން ހިފާލައިގެންނެވެ. ހެވިފައި ތިބެ ދެމީހުން ވާހަކަދައްކަމުންދިޔަ މަންޒަރު ފެނިފައި އެންމެން އެންމެނަށް ބަލައިލެވުނެވެ.

ގެއަށް ދިޔަ މަގުމަތީ ދިމާކުރަން ފެށުމުން މަހާޒް ހަމަޖެހިލާފައި ބުނީ ލޯއްބަކީ ކަނު އެއްޗެއް ކަމަށެވެ. ހަމުގެ ކުލައާއި އުމުރަކީ މުހިންމު އެއްޗެއް ނޫންކަމުގަ އެވެ. ހަމުގެ ކުލައޭ ބުނެލިއިރު ރައިހާއަށް ބަލައިލި އެވެ. ރައިހާ އިވޭކަމަށް ވެސް ނުހަދާ ހުރީ ދުރު ބަލާށެވެ. މަހާޒް ފަހުން ބުނީ އެއަންހެންމީހާ އަކީ ބައްޕަ ބުނި އަންހެންމީހާ ކަމުގަ އެވެ.

***

ފާރާއި ދިމާއަށް އެނބުރި ލޯ ހުޅުވައިގެން އޮތްއިރު ރައިހާ އެނދުގެ އަނެއް ފަޅީގައި އޮވޭ ފުރޮޅޭކަން އިހްސާސްވަމުން ދިޔަ އެވެ. ކިންޒާ އޮތީ ރައިހާ ފުން ނިދީގެ ތެރެއަށް ގެނބި ނޭވާގެ އަޑު މަޑުވަންދެނެވެ. އެނބުރި އެމޫނަށް ބަލާލައިފައި ތެދުވެ އިށީންއިރު ބާރަ ޖަހަން ދަނީ އެވެ. އެނދުން ފައިބައިގެން ކޮޓަރި ތެރޭ ދެކޮޅަށް ހިނގަ ހިނގާހުއްޓާ ކަރުހިއްކައިގެންފި އެވެ. ބޭރަށް ނިކުތްއިރު ސިޓިންރޫމް އޮތީ ފަނޑުއަލީގެ ތެރޭގަ އެވެ.

ކިންޒާ ބަދިގެއާ ދިމާއަށް ދިޔައިރު ޒިވިއަންގެ ކޮޓަރިއާ އަރާހަމަވުމުން ބަލައިލެވުނެވެ. ފުރުސަތު ނުދޭން ކުރިން މަސައްކަތް ކުރި ނަމަވެސް މިހާރު ހިތަށް އަރަނީ ޒިވިއަން ބުނަން އުޅެނީ ކޮން ވާހަކައެއް ކަމެވެ. ކާކޮޓަރިއަށް ވަދެ ފެންތައްޓެއް އަޅާލައިގެން ގޮސް މޭޒުދޮށުގައި އިނދެ ލަސްލަހުން ފެންތަށި ހުސްކޮށްލި އެވެ. ހުސްތަށި ބަހައްޓާފައި ދުރުބަލަން އިންދާ ދޮރާއި ދިމާއިން ހިޔަންޏެއްވިހެން ހީވި އެވެ.

ހިތް އަވަސްވެގެން ދިއުމާއެކު އަވަހަށް އެދިމާއަށް ބަލައިލެވުނެވެ. ޒިވިއަން ހަށަން ބަނދެލައިގެން ދޮރުކަނީގައި ލެނގިލައިގެން ހުރީ ސޯޓަކާއި ބާ ޓީޝާޓެއްގަ އެވެ. ލޮލުގައި ނިދީގެ އަސަރެއް ނެތެވެ.

ޒިވިއަން ކައިރިއަށް އަންނަން ހިނގައިގަތުމުން ކިންޒާގެ ނަޒަރު ބަދަލުކޮށްލީ އަނެއްކާ ކުރިމަތީ ހުރި ގޮނޑިއަށެވެ. ޒިވިއަން ފްރިޖުން ފެންފުޅިއެއް ނަގައި ދެތިން ކޯވަރެއް ބޯލާފައި އައިސް އެގޮނޑި ކައިރިއަށް ހުއްޓުމުން ކިންޒާގެ ނަޒަރު މައްޗަށް ގެންގޮސް މޫނަށް ހުއްޓައިލި އެވެ.

"މިހާރު ވާހަކަދެއްކޭނެތަ؟" ޒިވިއަން އިތުރަށް ވަގުތު ބޭކާރު ކުރާކަށް ނުހަދަ އެވެ.

ކިންޒާ ބޯޖަހައިލުމުން ކައިރީ ހުރި ގޮނޑި ދަމާލައިފައި އިށީނދެއްޖެ އެވެ.

"އެންމެ ފުރަތަމަ ބޭނުމީ މަޢާފަށް އެދެން." ޒިވިއަން ފެށިގޮތުން ކިންޒާއަށް ބުމަ އަރުވައިލެވުނެވެ. އެއީ އޭނަ އުންމީދުކުރިފަދަ ވާހަކައެއް ނޫނެވެ. އެކަމަކު އޭނަ އެއްޗެއް ނުބުނެ އެވެ. ޒިވިއަން ކުރިއަށްގެންދަން ފުރުސަތުދީގެން މަޑުން އިނީ އެވެ. މޭޒުމައްޗަށް ނަގާފައި އޮތް ދެއަތްތިލަ ގުޅުވާލައިފައި ނަގައި ދަތްދޮޅި ވިއްދައިލި އެވެ.

"ވިޝާލްއާ ބެހޭގޮތުން އަހަންނަށް ހީވީ ރަނގަޅު އެއްޗެއް ނޫން. ބައެއްފަހަރު ލޮލަށް ފެންނަ ކަންކަން ވެސް ދޮގަކަށް ވާތަން އާދޭ. ވެދާނެ އަހަންނަށް ވީ އެފަދަ ކަމެއް ކަމަށް. ހަތަރުއަހަރުގެ ކާމިޔާބު ކައިވެންޏަކީ އޭގެ ހެކި. އަހަރެން އުފާކުރަން އަހަރެންގެ ވާހަކަ ދޮގަކަށް ވީތީ.. އަހަރެން އަބަދުވެސް އެދެނީ ކިންޒާގެ އުފަލަށް." ޒިވިއަން ބުނި ވާހަކަ ޔަޤީންކޮށްދިނުމުގެ ގޮތުން ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"ހަތްއަހަރު ކުރިން ވިޝާލްއާ ބެހޭގޮތުން ޒިވިއަން ދެއްކީ ތެދުވާހަކައެއް." ފުރުސަތު ލިބުމާއެކު ކިންޒާ ބުނެލި އެވެ. އެއަޑު ނިކުތީ އާދައިގެ ގޮތަކަށެވެ. މޫނުން ވެސް ތަފާތު އެއްވެސް އަސަރެއް ނުފެނުނެވެ.

ޒިވިއަންއަށް ލިބުނު ސިހުމުގައި ވާހަކަނުދެއްކިފައި އިންދާ ކިންޒާ އޭނަ އެކަނިކޮށްލާފައި ތެދުވެގެން ގޮސް އެތަނުން ނިކުމެއްޖެ އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular