17 Sep 2018

ދަތުރުނާމާ

By: Mariyam Yasma

* ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ކިންޒާއަށް އިތުރު އެއްޗެއް ނުބުނެވެނީސް އެއް އަތުން އޭނަ ވަށާލައިފައި ގެނެސް މޭގައި ޖައްސާ ބާރުކޮށްލި އެވެ. ދެއަތުން އެދެކޮނޑުގައި ހިފާލައިފައި ވިޝާލް ދުރުކުރެވޭތޯ ކިންޒާ މަސައްކަތް ކުރި އެވެ.

"ވިޝާލް ނޯ." ވިޝާލް މޫނު ކައިރިކޮށްލުމާއެކު ކިންޒާ އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލައިފައި ދެކޮޅުހެދި އެވެ.

"ވައި؟" ވިޝާލް ކުއްލިއަކަށް މަޑުޖެހުނެވެ.

ކިންޒާ މޫނު އަނބުރާލިއިރު އެލޮލުގައި ހުރީ ސީރިއަސްކަމެވެ. ކިންޒާގެ ހިތަށް ފުރަތަމަ އައި ޖުމްލަ ބޭރުނުވީ ތުންފަތުގައި ދަތްއަޅައިލި ކަމުންނެވެ.

"ގަޑިޖެހިދާނެ." ކިންޒާ ޖަވާބުދިނެވެ.

ވިޝާލްގެ ސީރިއަސްކަން ކުރީގެ ކުލައަށް ބަދަލުވުމުން ކިންޒާއަށް ކަމަކުނުދިޔަ އެވެ. ނުބުނަނީސް އެސިކުނޑީގައި އޮތީ ކޯއްޗެއްކަން ދޭހަވި އެވެ.

"ވީ ވިލް މޭކް އިޓް ކުއިކް..." މިޝާލް މިފަހަރު ކިންޒާގެ ޖަވާބަކަށް އިންތިޒާރެއް ނުކުރެ އެވެ. ގުދުވެލާފައި ކިންޒާގެ ކަންފަތުގެ ތިރީން ފެށިގެން ލުއި ހަދިޔާތަކެއް ދެމުން ތިރިއަށް މިސްރާބު ޖެހި އެވެ.

"ވިޝާލް!!!! މިބުނީނޫ ނޫނެކޭ..." ކިންޒާގެ އަޑު ނިކުތީ އޭނަ ބޭނުންވިވަރަށްވުރެ މާ ހަރުކަށިކޮށެވެ.

ވިޝާލް ވަގުތުން ދުރަށް ޖެހިލާފައި ދެއަތް އުފުލާލި އެވެ. އެމޫނުން ކިންޒާއަށް ބަލަން ހުރި ގޮތް އޭނައަށް ކަމަކުނުދިޔަ އެވެ. ހީވަނީ ކުށްވެރިއަކީ އޭނަ ހެންނެވެ.

"ބުނެބަލަ! އެންމެފަހުން ކޮންދުވަހަކު ވިޝާލް އަހަންނަށް ބޭނުންވީ؟ ހަނދާން އެބަހުރިތަ؟" އަމިއްލަ ނަފްސް ހިމާޔަތް ކުރަން މަސައްކަތްކުރާހެން މޭމަތިން ދެއަތް ހުރަސްކޮށްލަމުން ކިންޒާ ސުވާލު ކުރި އެވެ.

"އައިމް ސޮރީ." ވިޝާލް ޖަވާބު ނުދޭނެއޭ ހީވާހާ ވަރަށް ހިމޭންކަން ދިގުދެމިގެން ދިޔަފަހުން މަޑުމައިތިރި އަޑަކުން ބުނެލި އެވެ.

ދެން ކުއްލިއަކަށް ފުރަގަސްދީފައި ގޮސް ތުވާލި ނަގައި އުނުގައި ހަރުލައްވާފައި ދޮރާއި ދިމާއަށް ހިނގައިގެންފި އެވެ. ކިންޒާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ވިޝާލް ނިކުމެ ދޮރު ލެއްޕުމާއެކު މާގަނޑު ދަށަށް ހުއްޓިފައި އަނެއްކާ ވެސް ލޯމަރައިލި އެވެ.

ނަސީބަކުން ކޮޓަރިއަށް ވަންއިރު ވިޝާލް ފެންނާކަށް ނެތެވެ. އެނބުރި އައީ އޭނަ ހެދުން ލައިގެން ރީތިވާ މޭޒު ކުރިމަތީ ހުއްޓަ އެވެ. އެދިމާއަށް ބަލައިވެސް ނުލާ ގޮސް ފާޚާނާއަށް ވަންތަން ފެނުމާއެކު ކިންޒާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

***

ކެބިންއަށް ވަދެ ހަމަޖެހިނުލެވި އުޅެނިކޮށް ފަހަތުން ކިންޒާގެ ޕީއޭ ވަނެވެ. ކިންޒާ ވަގުތުން އަތް އުފުލާލައިފައި ހުއްޓުވި އެވެ. އޭނަ އެދުނީ އިހަށް އެކަނިވެލާނެ ވަގުތުކޮޅަކަށެވެ. ޕީއޭ ނިކުމެ ދޮރު ލައްޕާލުމާއެކު މޭޒުގައި ދެއުޅަބޮށި ވިއްދާފައި ދެއަތްތިލަ ތެރޭ މޫނު ފޮރުވައިލެވުނެވެ. ވިޝާލްއާއި އެއްފުރާޅެއްގެ ދަށުގައި ހަމަޖެހިލަން ވެސް އޭނަ މިއަދު ޖެހިލުންވި އެވެ. ހދ އަތޮޅު ދަތުރު ނިންމާފައި އައިފަހުން ވިޝާލް އޭނަ އާއި ގާތްވާން މަސައްކަތްކުރި އެއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެން ކޮންމެ ފަހަރަކު ވެސް އޭނަ ސަލާމަތްވަނީ ކޮންމެވެސް ދޮގެއް ހަދައިގެން ނޫނީ ބަހަނާއެއް ދައްކައިގެންނެވެ. ބައެއް ރޭރޭ ވިޝާލް އައިސް އުދަނގޫ ކުރިއަސް ނިދާފައި ކަމަށް ހެދިގެން ކެތްކޮށްލައިގެން އޮވެ އެވެ. ވިޝާލް ގޭގައި އުޅޭ ރެއެއްގައި ވިއްޔާ ބައްޕަ ކައިރީ އިނދެފައި ގޮސް ނިދަނީ ކޮންމެވެސް ގެސްޓްރޫމެއްގަ އެވެ.

ހިޔާލު ހޯދަން އެންމެ ބޭނުންވި ވަގުތު ރައިހާ ވެސް ހުރީ ގޮސް މާދުރުގަ އެވެ. ކީމޯ ތެރަޕީ ނަގާތީ ރައިހާ ގިނަ ވަގުތު އޮންނަނީ ހާލުދެރަކޮށެވެ. މަހެއްގެ ތެރޭ މުޅި ކުއްޖާގެ ސޫރައަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ކާހިތް ނުވާތީ އާއި ކާން އުދަނގޫވެ މުޅިން ހިކިފަ އެވެ. ބޮލުން އިސްތަށިތައް ފައިބައި ކުރިއަށްވުރެ ހަންގަނޑު ކުރަކިވެފަ އެވެ. ހޮޑުލައި ވަރުބަލި ވެގެން ގިނަވަގުތު އޮންނަނީ ނިދާފަ އެވެ. ރަނގަޅު ދުވަހެއް އަތުވެއްޖެއްޔާ ކިންޒާ ކޮށްފައި ހުންނަ މެސެޖްތަކަށް އަމިއްލައަށް ޖަވާބު ފޮނުވަ އެވެ. އެހެންނޫނީ ޖަވާބުދޭނީ ރައިހާގެ އެހީތެރިޔާ އެވެ.

ދެއަތް ތިރިކޮށްލާފައި ފޯނު ނެގިގޮތަށް ކޮންޓެކްޓްތައް ހޯދާލައިފައި ކިންޒާ މަޑުޖެހުނީ ޒިވިއަންގެ ނަން ފެނުނީމަ އެވެ. މާލެ އައިފަހުން ފުރަތަމަ ދެހަފުތާ ހޭދަވެގެން ދިޔައީ މަސައްކަތްތައް ހަމައަކަށް އެޅުމުގަ އެވެ. އެއަށްފަހު ބައްޕަ ވެއްޓިގެން ބައްޕައަށް އަޅައިލުމުގަ އެވެ. އެސްފިޔަ ޖަހާލާހައި އަވަސްމިނުގައި މަހެއް ހޭދަވެގެން ދިޔައީ އެވެ. އެ އެއްމަސް ތެރޭގައި އެންމެ ފަހަރަކު ވެސް ޒިވިއަންއަކަށް އޭނަ ނުގުޅަ އެވެ.

ހިޔާލު ބަދަލު ނުވަނީސް ކިންޒާ އެނަންބަރަށް ޑައިލް ކޮށްލައިފި އެވެ. ކަންފަތުގައި ފޯނު ޖައްސާލިއިރު ހިތުގެ ތެޅުން އަވަސްވަމުން އައެވެ. ނޭވާ ހިފަހައްޓައިލެވުނީ ދެވަނަ ރިންގުން ޒިވިއަން ފޯނު ނެގީމަ އެވެ. އެފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމާއެކު ހީބިހި ނެގި އެވެ.

އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމުގެ ގޮތުން ފޯނުގައި އަތް އަޅާފައި ކިންޒާ ކަރުކެހިލި އެވެ. ބެދެމުން އައި ކަރުތެރެއިން އަޑު ނިކުތީ އުދަނގުލުންނެވެ. ހަލޯއޭ ބުނެލުމާއެކު އެކޮޅުން އޭނަގެ ނަން ކިޔައިލީ ހައިރާން ކަމާއިއެކުގަ އެވެ. ހީވީ އޭނަ ޤަބޫލު ނުކުރެވިގެން އިތުރަށް ޔަޤީންކުރަން ވެގެން ސުވާލުކޮށްލި ހެންނެވެ.

"ކިހިނެއްވީ؟ މިހާ އަވަހަށް ހަނދާން ނެތުނީތަ؟" ކިންޒާ ސަމާސަ ކޮށްލި އެވެ.

އެކަމަކު ހަޤީޤަތުގައި ހިތް އޮތީ ޒިވިއަން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ. އެހިތުގައި ސަމާސައިގެ އެއްވެސް އަސަރެއް ނެތެވެ.

"މިސްޑް ޔޫ..." ޒިވިއަން ދިނީ ކިންޒާ އުންމީދު ކުރި ޖަވާބެއް ނޫނެވެ. ލިބުނު ކުއްލި ހައިރާން ކަމާއެކު މެއަށް ފިނިވެލި އެވެ.

"މިސްވިނަމަ ގުޅީހެއްނު..." އިތުރަށް އޮޅުންފިލުވަން ވެގެން ކިންޒާ ބުނެލި އެވެ.

ޒިވިއަން ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. ޖަވާބު ދިނުމުގެ ކުރިން ވިސްނާލިކަން އެނގުނެވެ.

"ގުޅަން ބޭނުންވި. އެކަމަކު....ހިތަށްއެރީ ސްޕޭސް ބޭނުންވާނެއޭ އަދި އިހަށް. ކިންޒާ ގުޅަންދެން އަހަރެން މިހުންނަނީ. ނޭނގެއެއްނު ހިޔާލު ބަދަލުނުވާނެ ކަމެއް ވެސް." ޒިވިއަން ވާހަކަދެއްކީ ކޮންމެ ދެޖުމްލައެއް ދޭތެރޭ ހުސްތަން ދީފަ އެވެ.

"ކެން ވީ މީޓް؟" ޒިވިއަންގެ ވާހަކައަށް ޖަވާބުދިނުމުގެ ބަދަލުގައި ކިންޒާ އެހި އެވެ.

ފޯނު ބޭއްވިއިރު އޭނަގެ އަތް އާދަޔާ ޚިލާފަށް ފިންޏެވެ. ކުރިއަށް އޮތް އެއްގަޑިއިރު ކަޑައްތު ކުރާނެ ގޮތެއް ނޭނގިގެން ދެކޮޅަށް ހިނގަ ހިނގާފައި ގޮސް ފާޚާނާއަށް ވަދެ މޫނު ދޮންނަން ފެށި އެވެ.

ވިޝާލް ކިޔައިދިން ހިސާބަށްވުރެ ތަންކޮޅެއް ކާރު މަޑުކުރުވާފައި ކިންޒާ އެދުނީ ގުޅާލީމައި ބަލާ އައުމަށެވެ. ކާރު ފޮނުވާލައިފައި އަތުގައި އެލުވާލައިފައި އޮތް ދަބަސް ތެރެއިން ފޯނު ނަގައި ޒިވިއަންގެ ނަންބަރަށް ގުޅާލައިފައި ކަންފަތުގައި ޖެހި އެވެ. ދެކޮޅު ހޯދަން ހުއްޓާ ޒިވިއަން ފޯނު ނެގި އެވެ. އިރުކޮޅަކުން ފެނުނީ ދާދި ކައިރީގައި ހުރި ކޮފީޝޮޕެއްގެ ދޮރު ހުޅުވާލައިފައި ނިކުތްތަނެވެ. ކިންޒާގެ ދެލޯ ބޮޑުވުމާއެކު އަވަހަށް އެދިމާއަށް ހިނގައިގަނެވުނެވެ.

ކައިރިވަމުން އައިއިރު ޒިވިއަންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލި އެވެ. މަޑު ފެހިކުލައެއްގެ އަތްދިގު ގަމީހަކާއި އަޅި ފަޓުލޫނެއްގައި ހުރިއިރު ކަރުގައި އޮތީ ހުދު ރޮނގެއް ހުރި ގަދަ ފެހި ޓައީ އެކެވެ. މުށިކުލައެއްގެ އޮފީސް ބޫޓަކަށް އަރާފައި ހުރިއިރު ލޮލުގައި އަވި އައިނެކެވެ.

"ހައި!" ކުރިމައްޗަށް ހުއްޓިފައި ކިންޒާ ބުނެލި އެވެ. އޭނަގެ ތުންފަތަށް ފެތުރުނު ހިނިތުންވުމަކަށް އަމިއްލަ ބާރެއް ނުފޯރުވުނެވެ.

ޒިވިއަން ޖަވާބުދީފައި އެތެރެއަށް ވަންނަން އިޝާރާތްކޮށްލުމަށްފަހު ކިންޒާ ވަންނަން ތަންދައްކައިގެން ހުއްޓެވެ. އެތެރެއަށް ވަދެފައި ކުރިއަށް ދެފިޔަވަޅެއް އަޅާފައި ކިންޒާ ހުއްޓުނީ ތަނުގެ ވަށައިގެން ބަލާލަންވެގެންނެވެ. ދުރުގައި ހުރި ކައުންޓަރެއްގައި ޝޯކޭހަށް ލައިފައިވާ ޕޭސްޓްރީގެ ބާވަތްތައް ހުރިއިރު ތަނުގައި ހިފާލައިފައި ހުރީ ކޮފީގެ މީރުވަހެވެ. ދުރު ދުރުގައި ބަހައްޓާފައިވާ މޭޒުތަކާއި ގޮނޑިތައް ހުރީ ލަކުނޑި ކުލައިގަ އެވެ. ހުދު ފާރުތަކުގައި ވެޔޮގަނޑެއްހެން ޑިޒައިން ކޮށްފައިވާ ކުރެހުމެއްގެ އިތުރުން އެތަންމިތަނުގައި ގަސްމުށިތަކެވެ.

"ބިއުޓިފުލް ޕްލޭސް." އެނބުރި ޒިވިއަންއަށް ނަޒަރު ހުއްޓާލަމުން ކިންޒާ ބުނެލި އެވެ.

ޒިވިއަން ވެރިކޮށްލީ ހިނިތުންވުމެކެވެ. އަތުގެ އިޝާރާތުން ހުސްކޮށް ހުރި މޭޒެއް ދައްކާލައިފައި ގޮސް ކިންޒާ އިށީންނަން ގޮނޑި ދަމާލަދިނެވެ. ކިންޒާގެ މެއަށް ފިނިވެލި އެވެ. ޝުކުރު އަދާކޮށްފައި އޭނަ އިށީންނަން ވާއިރަށް ޒިވިއަން ގޮސް އަނެއް ފަރާތުގައި ހުރި އެހެން ގޮނޑިއެއްގައި އިށީންދެއްޖެ އެވެ. ކައުންޓަރު ދޮށުގައި ހުރި ކުއްޖާ އައި ޕެޑެއް ހިފައިގެން އައިސް ހުއްޓުނީ ފުޅާ ހިނިތުންވުމަކާ އެކުގަ އެވެ.

"އެއީ ދަންނަ ކުއްޖެއްތަ؟" އޯޑަރު ނަގައިގެން އަންހެންކުއްޖާ ދުރަށް ދިއުމާއެކު ލޮލު ކޮޅުން ބަލާލައިފައި ކިންޒާ އެހި އެވެ.

"މީ ދައްތަ ހިންގާ ތަނެއް. އެއަންހެންކުއްޖާ އެއީ ޖެނީ." ޒިވިއަން އޮޅުންފިލުވައިދިނެވެ.

ކިންޒާ ލޯ ބޮޑުކޮށްލައިލީ ދެން އެތަނުގެތެރެއަށް ލޯ ހިންގައިލީ ތަފާތު ނަޒަރަކުންނެވެ. އޭނަ ދެން ބަލާލިއިރު ޒިވިއަން އިނީ ކަޅިޖަހާނުލާ ބަލާށެވެ. ކިންޒާ ރަކިވި އެވެ. ތިރީ ތުންފަތުގައި ދަތް އަޅާލައިފައި ފޯނަށް ބަލާކަމަށް ހެދިގެން ނަގައި ސްކްރީން ދިއްލާލި އެވެ. ޒިވިއަން ދެން ފެށީ ރައިހާގެ ވާހަކަ އެވެ. އެއާއެކު ކިންޒާގެ ޝައުޤުވެރިކަން ލިބުނެވެ.

"އައި ފަހުން މަހާޒްއާ ދިމާވިތަ؟" ކިންޒާ ހަނދާންވެގެން ކުއްލިއަކަށް އެހި އެވެ.

ފެންތަށި ނަގައި ކޯވަރެއް ބޯލާފައި ޒިވިއަން މަޑުމަޑުން ބޯ ހޫރައިލި އެވެ. އޭނަ ދެން ބުނަން އުޅުނު ޖުމްލަ ބޭއްވީ ހިތުގަ އެވެ. ރައިހާގެ ސިއްރެއް ހުއްދައަކާ ނުލާ ޒިވިއަން ކައިރީ ބުނުމާއިމެދު ފަސްޖެހުނެވެ.

"މީހުން ބަދަލު ވާނެތަ؟" ޖެނީ އައިސް ތަށިތައް ބަހައްޓާފައި ދިޔަފަހުން ކިންޒާ ކުއްލިއަކަށް އެހި އެވެ.

އޭނަ އެސުވާލު ކުރާނެ ގޮތަކާއިމެދު ވިސްނާތާ އިރުކޮޅެއްވެއްޖެ އެވެ. ޒިވިއަން އެވަގުތު ކުއްލިއަކަށް ހަތަރުކަޅި ހަމަކޮށްލިއިރު ދެބުމަ ހުރީ ކައިރިވެފަ އެވެ. ކިންޒާ ޝައުޤުވެރި ލޮލަކުން ބަލަން އިނުމުން އޭނަ ވިސްނާލާފަދަ ގޮތަކަށް ކޮފީ ޖޯޑުގެ ކައިރި ފަށުގައި އިނގިލި ކާއްތާލައިފައި އަނބުރާ އެލޮލަށް ނަޒަރު ހުއްޓައިލި އެވެ.

"މީހުންގެ ގޮތެއް ނޭނގެ. ގައިމު ވެސް ވަގުތަކީ ބަދަލުވާ އެއްޗެއް. އަދި ވަގުތާއެކު އަންނަ ބަދަލުތަކަށް އެންމެން ވެސް ޖެހޭނީ ހޭނެން." ޒިވިއަން ދިން ޖަވާބުން ކިންޒާއަށް ބަލަން އިނދެވުނެވެ.

އިރުކޮޅަކުން މަޑުމަޑުން ބޯޖަހައިލި އެވެ. ނަސީބަކުން ޒިވިއަން އިތުރަކަށް ނާހަ އެވެ. އޭނައަށް ޒިވިއަންގެ ފުށުން ފެންނަ އެންމެ ކަމުދާ އެއްސިފައަކީ އެއީ އެވެ. އޭނަ އަމިއްލަ އެދިގެން ކިޔައި ނުދެނީސް ޒިވިއަން އެއްވެސް ކަމަކަށް ބާރެއް ނާޅާނެ އެވެ.

"ސޯ!... ކޮންތާކު ވޯކް ކުރަނީ؟" ފަހަތަށް ޖެހިލައި ގޮނޑީގައި ހަމަޖެހިލާފައި އެއްއަތުން ޒިވިއަން ލައިގެން ހުރި އެއްޗެއްސަށް އިޝާރާތްކޮށްލަމުން ކިންޒާ އެހި އެވެ.

"އަމިއްލަ އޮފީހެއްގަ." ޒިވިއަން ނިންމައިލީ ކުރު ޖަވާބަކުންނެވެ.

ކިންޒާއަކަށް ވެސް އިތުރަށް އަހާކަށް ނުކެރުނެވެ. އިރުކޮޅެއް ފަހުން އެތަނުގެ ދޮރު ހުޅުވާލައިފައި ބަޔަކު ވަން އަޑު އިވުނެވެ. ޒިވިއަންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލިތަން ފެނުމުން އެނބުރި ބަލައިލެވުނެވެ. ބަލާ ބެލުމަށް ތިރީހުގެ އަހަރުތައް ގުނަމުންދާ އަންހެނަކާއި ކުޑަ ދެކުދިން ވަދެގެން އަންނާތީ ފެނުމުން ފަރުވާވެ ބެލުނެވެ. އަންހެންމީހާ ޒިވިއަންއާ ވައްތަރުކަން ފާހަގަވެފައި ކިންޒާ އެނބުރި ބަލައިލި އެވެ.

"ދައްތަ." ފިލަން މަސައްކަތްކުރާފަދަ ގޮތަކަށް ކުރިއަށްވުރެ ބޮނޑަށް ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ޒިވިއަން ޖަވާބުދިނެވެ.

އިރުކޮޅެއްނުވެ ދެކުދިން ކުޑަބެއޭ ގޮވަމުން އައިސް ހުއްޓުނީ އެމީހުން ތިބި މޭޒު ކުރިމައްޗަށެވެ. ކިންޒާ ފާހަގަ ކުރެވުމާއެކު ދެކުދިން ވެސް ފާޑަކަށް ރަކިވި އެވެ.

"ހައި. ތީ ކޮންނަމެއް ކިޔާ ކުއްޖެއް؟" ކިންޒާ ކައިރީ ހުރި އަންހެންކުއްޖާއަށް ސަލާމަތް އަތްދިއްކޮށްލާފައި ސުވާލުކުރި އެވެ.

"ލިލީ." ރަކި ހިނިތުންވުމަކާއެކު އަންހެންކުއްޖާ ޖަވާބުދިނެވެ. އެވަގުތު ފިރިހެންކުއްޖާ ގޮސް ހިފެހެއްޓީ ފަހަތުން އައިސް ކައިރިވި ޒިވިއަން ދައްތަގެ ހެދުމުގެ ފަސްބައިގަ އެވެ.

ޒިވިއަން ފާޑަކަށް އިނދެގެން ކިންޒާ އާއި ދައްތައަށް އެކަކު އަނެކަކު ތައާރަފްކޮށްދިނެވެ. ދައްތަ ހީވަނީ ކުރިއްސުރެ ދެކެފަރިތަ މީހަކު ހެންނެވެ. އެއްވެސް ބީރައްޓެހިކަމެއް ނެތި ވާހަކަދައްކާފައި އަދި އެގެއަށް ކެއުމަކަށް ދާން ދައުވަތު ދިނެވެ. ކިންޒާއަށް ބަލައިލެވުނީ ޒިވިއަންއަށެވެ. ޒިވިއަން މަޑުމަޑުން ބޯ ހޫރައިލިތަން ފެނުނެވެ. އޭނައަށް ޖަވާބެއް ނުދެވެނީސް ޒިވިއަން ދައްތަ ޒިވިއަންގެ ކޮނޑުގައި ބޮނޑިއެއް އަޅާފައި މަޑުން އިންނަން އަންގައިފި އެވެ. ދެން އަނެއްކާ ވެސް ކިންޒާއަށް ބަލާލައިފައި އެއްބަސްވާން އެދުނެވެ. ނުތަނަވަސް ހީލުމަކާއެކު ކިންޒާ އެއްބަސްވި އެވެ. ޒިވިއަން ދައްތައަކީ ޖަވާބަކަށް އެއްވެސް މީހަކު ނޫނެކޭ ބުނެގެން ގަބޫލު ކުރާނެ ފަރާތެއް ނޫންކަން ޤަބޫލު ކުރެވުނެވެ.

ޒިވިއަން ދައްތަ ކުދިންތައް ގޮވައިގެން ގޮސް ކައުންޓަރުގެ އެއްފަރާތެއްގައި ދޮރެއް ހުޅުވާލައިފައި ވަނުމާއެކު ޒިވިއަން ފުން ނޭވައެއް ދޫކޮށްލި އެވެ. ކިންޒާ ގާތަށް ހިނި އައިސްގެން އަނގަމަތީ އަތް އަޅައިލެވުނެވެ.

ނާސްތާގެ ބާކީބައި އެމީހުން ހޭދަކޮށްލީ އެކި އެކި ވާހަކައިގަ އެވެ. ކިންޒާގެ ބައްޕަގެ ބަލި ހާލަތު ހުރި ގޮތް އެނގުމުން ޒިވިއަން ހިތްވަރުދިނެވެ. އެއަތުގައި މަޑުމަޑުން ހިފާލައިފައި ފިއްތާލި ވަގުތު ކިންޒާގެ ލޯ ފެންކަޅިވި އެވެ.

***

އެރޭ ވިޝާލްގެ އިންތިޒާރުގައި ކިންޒާ ހުރީ ކޮޓަރިތެރޭ ހިނގާލަ ހިނގާލަ އެވެ. ވަރީގެ ވާހަކަ ބުނަން މިހާރު ވެސް މާ ލަސްވެއްޖެ ކަމުގައި އޭނަގެ ހިތް އެންގި އެވެ. އެންމެފަހުން ނިދި އަންނަން ފެށުމުން ހެދުން ބަދަލުކޮށްގެން އަރައި އެނދުގައި އޮތީ ފޯނުން ގޭމެއް ކުޅޭށެވެ. ނައިސްގެން އުޅެންޏާ ވިޝާލް ވެސް ނާންނާނެއޭ ކިޔާ ކުދި ކިޔަމުން އެންމެފަހުން ގުޅަން ނިންމި އެވެ. ނަސީބު ދެރަކަމުން ފޯނު އޮތީ ނިއްވާލައިފަ އެވެ. ކިންޒާ ގާތަށް އައި ރުޅިން ފޯނު ސައިޑު ޓޭބަލް މައްޗަށް ދޫކޮށްލާފައި ރަޖާތެރޭ ހަމަޖެހިލި އެވެ.

ނިދެމުން ދަނިކޮށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެކަމަކު އޭރު އޭނަ އޮތީ އެސްފިޔަތައް ދުރުކޮށްލަން ވެސް ބޮޑު ކަމަކަށް ވެފަ އެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން އެނދުގެ އަނެއްފަރާތުން ރަޖާގަނޑު ހިއްލުނުކަން އިހްސާސްވި އެވެ. ކިންޒާ އެއޮތްގޮތަށް ފުރަގަސްދީގެން އޮތްވާ ވިޝާލްގެ ފިނިފިނި އަތުން އޭނަގެ އުނަގަނޑު ވަށައިލި އެވެ. ނޭފަތުގައި ޖެހުނީ ޝަވަޖެލްގެ ލުއި މީރު ވަހެވެ.

"ނިދީތަ؟" ކުރިއަށްވުރެ ވެސް ކައިރިވެލާފައި ކިންޒާގެ ކަރާއި ކޮނޑާއި ދެމެދު މޫނު ކާއްތައިލަމުން ވިޝާލް އެހި އެވެ.

ތުނބުޅިން ކަށިކަށި ލަވައިގަތުމުން ކިންޒާއަށް ތެޅިގަނެވުނެވެ. އޭނަ ކުއްލިއަކަށް އަނެއްފަރާތަށް އެނބުރިފައި ތެދުވެ އިށީނެވެ. ފަނޑު އަލީގައި އެމޫނަށް ވިޝާލް ބަލަން އޮތް ގޮތުން ހިތް ތެޅިލި އެވެ.

"ވިޝާލްއާ އަހަރެން ދައްކަން ޖެހޭ ވާހަކައެއް އެބައޮތް." ލޯ އުނގުޅާލައިފައި އަތް ތިރިކޮށްލަމުން ކިންޒާ ބުނެލި އެވެ.

އޭނަ އެވާހަކަ ނުބުނެ ހޭދަވާ ކޮންމެ ވަގުތުކޮޅަކީ ވިޝާލް އޭނައާ ގާތްވާން މަސައްކަތްކުރާ ވަގުތަކަށް ވާނެ ކަމުގައި ސިކުނޑި އިންޒާރުދިނެވެ.

ވިޝާލް ބުމަ އަރުވާލައިފައި ތެދުވެ އިށީނުމުން ކިންޒާގެ ނަޒަރު ހުއްޓާލެވުނީ އުނގުމަތީ އޮތް ދެއަތްތިލަ އަށެވެ. ކުއްލިއަކަށް ކަރުތެރެ ހިކޭ ކަހަލަ އިހްސާސް ކުރެވުމުން ހިންދިރުވާލަން މަސައްކަތް ކުރި އެވެ.

"ވިޝާލް އަހަރެން ބޭނުން ވަރިވާން." ކިންޒާ ހިތުގައި އޮތް ގޮތަށް ބޭރުކޮށްލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular