15 Oct 2018

ދަތުރުނާމާ

By: Mariyam Yasma

* އޮކްޓޫބަރު 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ސޯ ސޮރީ ކިންޒާ. އަހަރެން ދުވަހަކުވެސް... ފަޅި ސިކުންތަކަށް ވެސް ކިންޒާދެކެ ލޯއްބެއް ނުވަން،" ޖަވާބުދިންއިރު ވިޝާލްގެ އަޑުގައި އެއްވެސް ކަހަލަ މޮޅިވެރިކަމެއް ނުވެ އެވެ. ކިންޒާއަށް ކޮށްފައިވާ އަސަރު ފެނުމުން އޭނަ އެކަމުން އުފާ ލިބިގަންނަމުންދިޔަ ކަހަލަ އެވެ.

ދޮރުގައި ޓަކި ޖަހަން ފެށުމުން ފަހަތަށް ޖެހިލާފައި ވިޝާލް ހިނގައިގަތީ އެދިމާއަށެވެ. ކިންޒާ ސީލިންގާއި ދިމާއަށް މޫނު އުފުލާލައިގެން ހުރެ ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ހިންދާލަން ވެގެން އަތުން ލޮލަށް ވިހެލި އެވެ. އެހެން އެންމެން އަންނަންވާއިރަށް އޭނަ އިށީނދެ އިނީ ކުރިން ވެސް އިން ތަނުގަ އެވެ.

ކިންޒާގެ ޕީއޭ، ޔާދާ އެންމެ ކުރިން އައިސް ކިންޒާގެ ކަނާތުން ގޮނޑިއެއް ދަމާލައިގެން އިށީނެވެ. އަތުގައި ހުރި ފައިލުތައް މޭޒުމަތީ ބަހައްޓާފައި ކިންޒާގެ މުލައްދަނޑީގައި މަޑުމަޑުން ހިފާލުމުން އެމޫނަށް ބަލައިލެވުނެވެ.

"ޔޫ އޯކޭ؟" ޔާދާގެ އަޑުގައި އަޅާލުންވި އެވެ.

ލުއި ހިނިތުންވުމަކާއެކު ބޯޖަހާލައިފައި ކިންޒާގެ ނަޒަރު ހުއްޓައިލީ މޭޒުގެ އަނެއްފަރާތުގައި އޭނައާ ކުރިމަތިވާގޮތަށް އިށީނދެލި ވިޝާލްއަށެވެ. ވިޝާލް ހިތުން އެހުންނަނީ އެންމެފަހު ވަގުތު އޭނައަށް ދިން ބޮޑު ޝޮކާއެކު އޭނަގެ ބަލިކަށިކޮށްލައިގެންނެވެ. އޭނަ ހިތާއި ހިތުން ވިޝާލްއަށް ޝުކުރު އަދާކުރީ އެންމެ ފަހު ވަގުތު ވިޝާލްގެ ހަޤީޤީ ކުލަ ދެއްކީތީ އެވެ. މިހާރު ދެން ވިޝާލްއާމެދު ކުޑަ ވެސް ރަހުމެއް ބަހައްޓާކަށް އޭނަ ވިސްނާކަށް ނުޖެހޭނެ އެވެ. ކުރަން އުޅޭ ކަންތައް ކުރިއަށް ވުރެވެސް ފަސޭހައިން ކުރެވޭނެ މަގު ފެނުނީ އެވެ.

ދެމީހަކު ފިޔަވައި އެހެން އެންމެން ހަމަވުމުން ތެދުވެ ބައްދަލުވުމުގެ ތައާރަފް ދިނީ ޖީއެމް ހަސަން އެވެ. ކިންޒާގެ އިތުރަށް ހުސްވި ސީއީއޯގެ މަޤާމަށް ކުރިމަތިލާފައިވާ ހަމައެކަނި ފަރާތަކީ ވިޝާލް އެވެ. ކިންޒާ ހީކޮށްގެން ހުރި ގޮތަށް އޭނަގެ ފުށުން ދެއްކެން އޮތް ހުރިހާ ބަލިކަށިކަމެއް ވިޝާލް ފާހަގަކުރި އެވެ.

ދާއިރާގައި ތަޖުރިބާ މަދުވުމެވެ. ކޮމްޕެނީގައި މަސައްކަތް ކުރި ކުރު މުއްދަތުގައި އެނގިފައިވާ ކަންކަން ވެސް މަދުވާނެ ކަމެވެ. އަންހެންނަކަށް ވުމުން ކުރިމަތިވާނެ ގޮންޖެހުންތަކެވެ. އެންމެ ކުޑަމިނުން ކިންޒާ ހދ. އަތޮޅަށް ކުރި ދަތުރު ވެސް ފާހަގަނުކޮށް ވިޝާލް ދޫކޮށްނުލި އެވެ. އެގޮތަށް މަސައްކަތް ދޫކޮށްލައިފައި އަމިއްލަ އުފަލަށް ޗުއްޓީ ހަދަން ދިޔަ ފަރާތެއްގެ އަތްމައްޗަށް އެވަރުގެ ބާރެއް ދޫކޮށްލުމުގެ ކުރިން ވިސްނައިލަން އެދުނެވެ. ހަމައެކަނި ލޭގެ ގުޅުން ހުއްޓަސް އަދި މަސައްކަތުގެ ޤާބިލްކަން ހުރުން ލާޒިމް ނޫންކަން ހަނދާންކޮށްދިނެވެ. ވިޝާލްއަށް އެމަޤާމު ލިބިއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރަށް ކޮމްޕެނީގެ މަސައްކަތް ކުރިއަށް ގެންދަން ތައްޔާރުކޮށްފައިވާ ގޮތުގެ ޕްރެޒެންޓޭޝަންއެއް ހުށައެޅުން އޮތީ އެންމެފަހުންނެވެ.

"އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ފަހު ފަހަރަށް ވެސް އިލްތިމާސް ކުރާނީ ރަނގަޅަށް ވިސްނާފަ ގޮތެއް ނިންމަން. އެކެއް ދެމީހެއްގެ ވަޒީފާއަކަށް ނޫން މިނިންމުމުން އަސަރު ފޯރާނީ. އެތައް އާއިލާއެއްގެ ބަނޑުފުރާނަ މުއްތި ކުރުމާއި ގުޅިފައިވާ ނިންމުމެއް މީ. ޒާތީ ނުވެ ޕްރޮފެޝަނަލް ނިންމުމެއް ހުރިހާ ބޭފުޅުން ވެސް ނިންމަވަން ވާނީ." ވިޝާލްގެ ފަހު ބަސް އިއްވާފައި ގޮނޑީގައި އިށީނދެލި އެވެ.

ކިންޒާގެ މޫނަށް ބަލައިލިއިރު އަމިއްލަ މޫނުގައި ސާބިތުކަންވި އެވެ. ހަމަޖެހުންވި އެވެ.

"ގުޑް ލަކް. ޔޫ ވިލް ނީޑް އިޓް!" ލުއި ހިނިތުންވުމަކާއެކު ވިޝާލް ބުނެލި އެވެ.

"ތޭންކްސް." އެއަށްވުރެ ފުޅާ ހިނިތުންވުމަކާއެކު ކިންޒާ ޖަވާބުދިނެވެ.

އޭނަ ޖެހިލުންވެފައިވާކަން ވިޝާލްއަށް އަންގާކަށް ކުޑަކޮށް ވެސް ނޭދެ އެވެ. ތެދުވެ އެކި މީހުންގެ މޫނަށް ބަލާލުމަށްފަހު ކުޑަކޮށް ކަރުކެހިލާފައި އަތުގައި އޮތް ޕެންޑްރައިވް ހިފައިގެން ހިނގައިގަތީ ޕްރޮޖެކްޓަރާއި ދިމާއަށެވެ. އިތުރު ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ކިންޒާ ފުރަތަމަ ވެސް ޕްރެޒެންޓޭޝަން ފަށަން ތައްޔާރުވުމުން ވިޝާލް އިނީ ހިނިއައިސްފަ އެވެ. އޭނަ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އެތާ ތިބި އެހެން މީހުން އެއްޗެއް ހީކޮށްފާނެތީ ސީރިއަސް ކުލަވަރު ގެނެވޭތޯ މަސައްކަތް ކުރި އެވެ.

ކިންޒާ ހުށައަޅަން ފެށުމުން ފަސޭހައިން ކުރިއަށް ދިޔަ ނުދީ ވިޝާލް އިރުއިރުކޮޅާ ކޮންމެވެސް ސުވާލެއް ކުރެ އެވެ. އެއިން ކޮންމެ ސުވާލަކަށް ވެސް ކިންޒާ ފަސޭހަ ކަމާއިއެކު ޖަވާބުދެ އެވެ. އޭނަ ނިންމާލައިފައި އައިސް އިށީނުމާއެކު ޔާދާ މަޑުމަޑުން އެއަތުގައި ހިފާލި އެވެ. ކިންޒާ ބަލައިލުމުން ހިނިތުންވުމާއެކު ހުށައެޅުމަށް ތައުރީފްކުރި އެވެ.

ވޯޓުގެ ކުރިން ކުޑަ ބްރޭކެއް ލިބުމުން ވިޝާލް ނިކުމެގެން ދިޔައީ ނުލަފާ ހިނިތުންވުމަކާއިއެކުގަ އެވެ. އެންމެން ހުސްވެގެން ދިޔައިރު ކިންޒާ ބޭރަށް ނިކުންނަ ހިޔާލެއް ނުކުރެ އެވެ. އޭނަ ފެންފުޅި ނަގައި މެދާއި ޖެހެންދެން ބޯލާފައި ބެހެއްޓުމަށްފަހު ނަގައި ބަލައިލީ ފޯނަށެވެ.

ތިރީސް މިނިޓްގެ ބްރޭކް ނިންމާފައި އެންމެން އައިސް ހަމަވުމާއެކު ކިންޒާ ކޮޅަށް ތެދުވި އެވެ.

"ވޯޓަށް ދިއުމުގެ ކުރިން އަދި އަޅުގަނޑަށް ކުޑަވަގުތުކޮޅެއް ދެއްވާ!" ކިންޒާ އެދުނެވެ.

އެންމެން އެންމެނަށް ބަލައިލުމަށްފަހު ދެތިން މީހަކު އެއްބަސްވެ ބޯޖަހައިލި އެވެ. އެކަކު ކިންޒާއަށް ގޮވާލައިފައި ކުރިއަށް ގެންދަން ބުނުމާއެކު ވިޝާލްއަށް ލޯ ހަނިކޮށްލެވުނެވެ. ވޯޓު ނުލައިގެން އޭނަ އިނީ ލަސްވެފަ އެވެ. ކިންޒާ ވާހަކަދައްކަން ތައްޔާރުވުމުން ގޮނޑީގެ ތެރެއަށް ކުރިއަށްވުރެ ބޮޑަށް ހަށިގަނޑު ދޫކޮށްލައިގެން ފޫހިވެފައި ބަލަން އިނެވެ.

"އަޅުގަނޑު ވެސް ޤަބޫލެއް ނުކުރަން އަޅުގަނޑު ބައްޕައާ ހަމައެކަނި ލޭގެ ގުޅުން އޮވެގެން މިމަޤާމު އަޅުގަނޑަށް ހައްޤު ކަމަކަށް. އެންމެ މުހިންމީ މަސައްކަތް. ކޮމްޕެނީއަށް ވިޝާލް ކޮށްދިން މަސައްކަތް އެއްވެސް ބޭފުޅަކަށް ސިއްރުވެފައެއް ނުވާނެ. ވިޝާލް އެދުނު ފަދައިން އަޅުގަނޑު ވެސް އެދެން އޮތީ ޒާތީ ނުވެ ޕްރޮފެޝަނަލް ނަޒަރަކުން ބެލުމަށް، ވިސްނާ ގޮތެއް ނިންމުމަށް. ބުނަން މިއުޅެނީ އަޅުގަނޑު ކުރިން އެއްގޮތަކަށް ވެސް ބުނަން ނިންމާފައި އޮތް ވާހަކައެއް ނޫން. އޭރު އަޅުގަނޑު ވިސްނައިގެން ހުރީ ވިޝާލްއާ އަޅުގަނޑާއި އޮތް ގުޅުމުގެ ސަބަބުން އެކަން ފާޅު ނުކުރަން. އެކަމަކު ޕްރޮފެޝަނަލް ނަޒަރަކުން ވިސްނާފަ ފާޅުކުރަން މިޖެހުނީ..." ކިންޒާގެ ވާހަކަ މެދުކަނޑާލައިފައި ބޮލުގެ އިޝާރާތުން ޔާދާއަށް ކޮންމެވެސް އެއްޗެއް އަންގައިލި އެވެ.

ޔާދާ މޭޒުމަތިން ފައިލެއް ނަގައިގެން ތެދުވިތަން ދެކެފައި ވިޝާލްގެ ފޫހިކަން ކުއްލިއަކަށް ފިލައިފި އެވެ. ކިންޒާ ކުރަން އުޅޭ ކަމެއް ނޭނގިގެން ޝައުޤުވެރިވެފައި ބަލަންފެށި އެވެ.

ފައިލުގައި ހިފައިގެން ހުރެފައި ކިންޒާ ކިޔައިދިނީ ކޮންމެ ހާއްސަ ދުވަހަކު ވިޝާލް ގެނެސްދޭ އަގުބޮޑު ގަހަނާތަކުގެ ވާހަކަ އެވެ. ކިންޒާ އެއިން ދެ ފޮށްޓެއްވަރު ކަނޑައިގެން ބެލި އެވެ. ދެން އެހެން އެއްޗެހި ނުވެސް ކަނޑައި ހުރިގޮތަށް ބަހައްޓަނީ އެވެ. ވިޝާލްދެކެ ރުޅި އައިސްގެން އެތަކެތި ވިއްކާލައިފައި ފައިސާކޮޅު ތަނަކަށް ހަދިޔާ ކުރަންވެގެން ބެލި ބެލުމުން އޭގެ އަގު ފުރަތަމަ ފަހަރަށް އެނގުނު ދުވަހު އަޖައިބުވި އެވެ. ހަމައެކަނި ކޮމްޕެނީގެ މުސާރައިގައި އުޅޭ މީހަކަށް ލިބޭ މުސާރައިން ނުގަނެވޭހާ ބޮޑު އަގު އެއިން އެންމެ އެއްޗެއްގައި ވެސް ހުއްޓެވެ. ކޮށްދިން މަސައްކަތާއި އެއްވަރަށް ވިޝާލް ވެފައިވާ ހިޔާނާތް އޮޅުންފިލީ ކިންޒާ އިތުރަށް ހޯދި ހޯދުމުންނެވެ.

ވިޝާލްގެ ބައްޕަގެ ނަމުގައި ލަންކާގައި ހުރި ވަކި ހާއްސަ ހޮސްޕިޓަލަކަށް ކެންސަރަށް ފަރުވާ ކުރުމަށް ކޮންމެ އަހަރަކު ވެސް ކަނޑައަޅާފައިވާ އަދަދަކަށް ފައިސާ ފޮނުވަ އެވެ. އެފައިސާތައް އެތަނަށް ނުދާތާ އެތަކެއް އަހަރުވެފައިވާއިރު އެކަން ވިޝާލް އޮތީ ސިއްރުކޮށްފަ އެވެ. ވިޝާލް ހަވާލުވެފައިވާ ޕްރޮޖެކްޓަކަށް ވާތީ އެކަކު ވެސް އެކަން ހިނގާ ގޮތެއް ނުބަލަ އެވެ. ފައިނޭންސް ހެޑަކަށް ހުރި ފަރާތުގެ އެއްބާރުލުމާއެކު އެބައި އަޅަނީ ވިޝާލްގެ އަމިއްލަ ޖީބަށެވެ. އެހީތެރިޔާގެ އަނގަ ބަންދުކުރުމަށް އޭނައަށް ވަކި ވަރެއް ދެ އެވެ. އެފައިސާ ސްވިޒް ބޭންކް އެކައުންޓަކަށް އަޅާފައި ދެން ވިޝާލް ޚަރަދު ކުރަނީ ލޯބިވެރިންނަށެވެ. ޗުއްޓީ ހަދަން ގޮސް މަޑުކުރަން އަގުބޮޑު ގެއެއް ގަނެފައި ހުރެ އެވެ.

ކިންޒާގެ ވާހަކަ ނިމުނުއިރު އޭނަ ދިން ފައިލު ފަހަރަކު މީހަކު ބަލާފައި އަނެކަކަށް ދެމުން އައިސް ވިޝާލްއާ ހަމަވީ އެވެ. ވިޝާލް އައިސް ހުރި ރުޅީގައި ފައިލު އަތަށް ނެގިގޮތަށް ހުރިހާ ގަނޑުތަކެއް އެކީ ވީދާލައި ވައިގެތެރެއަށް އުކާލައިފައި އެވާހަކަ ދޮގު ކުރި އެވެ. ކިންޒާ އިޝާރާތްކޮށްލުމުން ޔާދާ ގޮސް ދޮރު ހުޅުވާލުމުން އެތެރެއަށް ވަދެގެން އަންނާތީ ފެނުނީ ފައިނޭންސް ހެޑަކަށް މަސައްކަތް ކުރާ ޔަޒީދު އެވެ.

ޔަޒީދު ކިންޒާގެ ވާހަކަ ތެދުކޮށް ނިމުމާއެކު ވޯޓުލުން ފެށުނެވެ. ވިޝާލް މޮޔައެއްހެން ހަޅޭތްލަވަލަވާފައި ކައިރީ ހުރި ގޮނޑި އެއްލާލުމަށްފަހު ގޮސް ދިމާކޮށްލީ ކިންޒާ އާއެވެ. ވިޝާލްއަށް ކަމެއް ނުކުރެވެނީސް ހަސަން ތެދުވެ އެދެމެދަށް ހުރަސްއެޅި އެވެ. އޭނަގެ ފަހަތުން ޔާދާ އާއި އަދިވެސް ދެތިން މީހަކު ތެދުވެ ކިންޒާ ފަޅިއަށް އެރި އެވެ.

"ބިޗް! ތިހިރީ ވަރިކޮށްފަ!" ޝާހަދަތް އިނގިލި ހިއްލާލައި ކިންޒާގެ މޫނާއި އަމާޒުކޮށްލައިފައި ވިޝާލް ހަރުކަށިން ބުނެލި އެވެ.

ހަސަން އެއްފަރާތަކަށް ޖެހިލުމުން އެއިނގިލީގައި ހިފާލައިފައި ގަދަބާރުން ތިރިކޮށްލުމަށްފަހު ކިންޒާ ކުރިއަށް ޖެހިލި އެވެ.

"ދެން ދުވަހަކު ވެސް ތިއިނގިލި މަށާއި ދިމާއަށް ދިއްނުކުރާތި! އެންމެ ފުރަތަމަ މިމަޤާމަށް ފޯރީ ވެސް މަގޭ މަންމައާ ބައްޕަގެ ސަބަބުން. ނިޔާވެފައިވާ އަމިއްލަ ބައްޕައަށް ކުލުނެއް ނުވި މީހެއްގެ އަންބެއްގެ ގޮތުގައި ހުންނާކަށް ބޭނުމެއް ވެސް ނޫން. އަހަންނާއި އަހަރެންގެ އާއިލާއާ ނުލާ މިއަދު އަނެއްކާ ވެސް ތިހުރީ ތިމާގެ އަމިއްލަ ސައިޒަށް ވެއްޓިފަ. ދެން ވެސް ސައިޒުގަ ހުރެވޭތޯ ބަލާ!" ކިންޒާ ޖެހިލުމެއްނެތި ޖަވާބުދިނެވެ.

އައިސް ހުރި ރުޅިއާއެކު ވެސް ވިޝާލްގެ ލޮލުން ބަލިކަށިކަން ފައުޅުވި އެވެ. ކިންޒާގެ އަތް ފޮޅުވާލައިފައި ދިޔަ ގޮތަށް ގޮސް ދޮރު ހުޅުވާލައިފައި ނިކުމެއްޖެ އެވެ. ދޮރު ލެއްޕުނުތަން ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލުމަށްފަހު ކިންޒާ ގޮނޑީގައި އިށީންދެލި އެވެ. ފިނިވެފައިވާ ދެއަތްތިލަ ގެނެސް އުނގުތެރޭ ބޮނޑިކޮށްލުމަށްފަހު އަމިއްލަ ކާމިޔާބާއިމެދު އުފާކުރި އެވެ.

***

"ރައިހާ ކީއްވެ ތިގޮތަށް ކަންތައް ތިކުރަނީ؟" މަންމަ ކުރި ސުވާލަކުން ރައިހާއަށް އިސްއުފުލައިލެވުނެވެ.

ބޯންވެގެން އަތަށް ނެގި ޖޫސްތަށި އުނގުމައްޗަށް ތިރިކޮށްލާފައި މަންމަގެ މޫނަށް ފުންކޮށް ބަލައިލި އެވެ. އޭނަގެ ހިމޭން ސުވާލު ދޭހަވެގެން މަންމަ އިތުރަށް ކުރިއަށް ގެންދިޔަ އެވެ.

"މަހާޒް ދަރިފުޅު ދެކޭ ހިތުން މިގެއަށް އަންނަތާ މިހާރު މަހެއް ވީ. ކޮންމެ ދުވަހަކު އައިސް ބޭރުގަ ސޯފާގައި އިނދެ އިނދެފަ ދަރިފުޅު ހުއްދަ ނުދިނީމަ ދަނީ. އެކަމަކު އަނެއް ދުވަހު ވެސް އައިސް އެއިންނަނީ މުޅިން އާ އުންމީދަކާއެކު." މަންމަ ދެއްކި ވާހަކަ އަހަން އިނދެގެން ތަށީގެ ވަށާލައިފައިވާ އިނގިލިތަކުން ބާރުކޮށްލެވުނެވެ.

ރައިހާ އެއްޗެއް ނުބުނެ އިސްޖަހައިގެން އިނުމުން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި މަންމަ ތެދުވެގެން ދިޔަ އެވެ. ނިކުމެ ދޮރު ލައްޕައިލި އަޑާއެކު ރައިހާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހުޅުވާލައިފައި ހުރި ދޮރާއި ދިމާއަށް ބަލަން އިންއިރު މަންމަ ދެއްކި ވާހަކައާ ދޭތެރޭ ވިސްނައިލެވުނެވެ. އޭނަ ކޮންމެ ދުވަހަކު މަހާޒްއަށް ފުރަގަސްދީފައި ދެވަނަ ދުވަހު ވެސް ހަމަ އެގަޑިއަށް އިންތިޒާރު ކުރެވެ އެވެ. މަންމަ އައިސް ވަދެފައި މަހާޒް ބައްދަލުކުރަން އައިސް ބޭރުގައި ހުރި ވާހަކަ ބުނުމުން އަޖައިބެއްފަދަ ހަމަޖެހުމެއް ހިތަށްލިބެ އެވެ.

މަންމަ އުންމީދާއެކު ބަލަން ފެށުމުން ދެކޮޅު ހެދުމުގެ ގޮތުން ބޯ ހޫރާލާއިރު އޭނަގެ އަމިއްލަ ހިތަށް އެލިބޭ ދަތިކަން އެނގޭނީ ޚުދު އޭނައަށެވެ. އެގޮތަށް ބަލި އެނދުގައި ހަތަރުފާރުތެރޭ ހައްޔަރުވެފައި އޮންނަން ވުމުން އޭނަ އެވަނީ ފޫހިވެފަ އެވެ. އާ މޫނުތައް ދެކެން އޭނައަށް ވެސް އެދެވެ އެވެ. ހާއްސަކޮށް މަހާޒްގެ މޫނު ދެކިލާހިތުން ހިތް ތެޅެ އެވެ. އެކަމަކު އެފުރުސަތު ދިނުމުން މަހާޒް ވެސް ކަންކުރާނީ އެހެން މީހުން ފަދައިންނެވެ. ދެކިލަން ލިބުމުން ހަމްދަރްދީގެ ބަސްތަކެއް އިއްވާފައި ނިކުމެގެން ދާނީ އެވެ. ހަޔާތުގައި ބާކީބައި އެބަލި ދާނުގައި ހޭދަ ކުރަން ޖެހޭނީ އޭނައަށެވެ. އެއެކަނިވެރިކަން އިހްސާސް ކުރާނީ ވެސް އޭނަ އެކަންޏެވެ. އެކަމަކު އޭނަ ހުއްދަ ނުދީފިނަމަ މަހާޒް ކުޑަމިނުން އެތަނަށް އަންނާނެ އެވެ. ހިނދުކޮޅަކަށް ވެސް ކޮންމެ ދުވަހެއްގެ ވަކި ވަގުތެއް އޭނައާ މަހާޒް އެއްފުރާޅެއް ހިއްސާ ކުރަން ލިބޭކަން އެއީ މިއަދު އޭނައަށް ކުޑަކަމެއް ނޫނެވެ. މީގެ ކުރިން އޭނަ ކުދި ކުދި ކަންކަން ކަމުގައި ޤަބޫލު ކުރި އެއްވެސް ކަމަކީ މިއަދު އެފަދައިން ދެކޭ ކަންކަމެއް ނޫނެވެ.

އާދައިގެ މަތިން މަހާޒް އެގޭގައި މަޑުކުރާނީ ގަޑިއެއްހާއިރެވެ. ގަޑިއަށް ބަލަން އިނދެފައި މަހާޒް ދިޔައީކަން ޔަޤީންވުމުން ރައިހާ އެނދުން ފޭބި އެވެ. ދުވަހަކަށްވުރެ ދުވަހެއް ހާލަތު ރަނގަޅު ވަމުން އަންނާތީ ހަށިގަނޑަށް ވެސް އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުރަން ފަށައިފި އެވެ. ބޮލުގައި އޮތް ރުމާ ނަގައި މުށުތެރޭ ބޮނޑިކޮށްލާފައި އަމިއްލަ ސޫރައަށް ބަލާލިއިރު ކުރިން ހާމައަށް އޮތް ބޯ އޮތީ ކުރު އިސްތަށިތައް ފަޅައި ކަޅުވެފަ އެވެ. ބުމަ އާއި އެސްފިޔަތައް ވެސް އަލުން ފަޅައިފި އެވެ. އަދި އެންމެ ރަނގަޅަށް ނުކެވުނަސް ހިތްވަރުން އޭނަ ކާ އެއްޗެހީގެ އަސަރު ހަށިގަނޑުން ހުރީ ފެންނާށެވެ.

ހިކި އަނަރޫފަ ވެފަ އޮތް ހަށިގަނޑުން ދިރުމުގެ އަސަރު ކޮންމެވެސް ވަރަކަށް މިހާރު އެބަފެނެ އެވެ. ކުރަކިވެ ނޫވެފައި އޮތް ތުންފަތަށް ކުރީގެ ކުލަ އާއި މަޑުކަން ކޮންމެވެސް ވަރަކަށް އަތުވެއްޖެ އެވެ. އެކަމަކު އަދިވެސް ކަރުގެ ދެފަރާތުގައިވާ ކަށިގަނޑު ހުރީ އެންމެ ބޮޑަށް ފައުޅުވާށެވެ.

ރުމާ އަލުން ބޮލުގައި އައްސާލައިފައި ރައިހާ މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނިކުތެވެ. ރަނގަޅުވާން ފެށިފަހުން އޭނަ ކިރިޔާ ވަގުތެއް ލިބުނަސް ބޭރަށް ނިކުމެލާ އުޅެ އެވެ. ވަރުބަލިވެ ނިދި އަންނަން ފެށީމައި ނޫނީ ކޮޓަރިއަކަށް ނުވަދެ އެވެ. މަހާޒް އައިސް އިންނަ ސޯފާގައި އިށީންދެލަން ލިބުނަސް އޭނަގެ ކުލަ މަރުވެފައިވާ ދިރިއުޅުމަށް ލިބޭ އެއީ ބޮޑު ހަމަޖެހުމަކަށް ނޫނީ ނުވެ އެވެ.

ބަދިގެ ތެރެއިން މަންމަ ވާހަކަދައްކާ އަޑު އިވުމުން އިޚުތިޔާރަކާ ނުލާ އެދިމާއަށް ސަމާލުކަން އެނބުރުނެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ނަޒަރެއް ދީފައި ބައްޕަ ކާ ގަޑިކަން ހަނދާންވެފައި ތެދުވި އެވެ. ލުއި ހިނިތުންވުމަކާއެކު ގޮސް ދޮރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ މޭޒުދޮށުގައި އިން މަހާޒް އަށެވެ. ވަގުތުން ހަށިގަނޑުން ހަރަކާތް ހުއްޓިއްޖެ އެވެ.

ރައިހާ މަންމައާ ވާހަކަދައްކަން އިނދެފައި ދޮރާއި ދިމާއިން ހިޔަނިވެގެން ބަލައިލި މަހާޒްއަށް ވެސް ލިބުނީ ރައިހާއަށް ލިބުނު ފަދަ ކުއްލި ސިހުމެކެވެ. އޭނައަށް އެނގުނު އިރު ތެދުވެ ހުރެވުނީ ކޮޅަށެވެ. ރައިހާގެ ސޫރައަށް އައިސްފައިވާ ބަދަލު ފެނުމުން ލިބުނު ހައިރާން ކަމަށްވުރެ ހިތަށް ލިބުނު ވޭން ގަދަ އެވެ. އަމިއްލަ އިޚުތިޔާރެއް ނެތި ލޮލަށް ޖަމާވާންފެށި ކަރުނަތައް ކޮންޓްރޯލް ކުރަން ދެފަހަރަކު އެސްފިޔަ ޖަހައިލިތަނާ ރައިހާ ދާންވެގެން ފުރަގަސްދީފި އެވެ.

"ރައިހާ އިހަށް މަޑުކޮށްބަލަ!" މަހާޒް އަވަސް އަވަހަށް މޭޒު ވަށާލައިފައި ދޮރާއި ދިމާއަށް ދަމުން ގޮވި އެވެ.

އޭނައަށް ދޮރުން ނިކުމެވުނުއިރު ރައިހާ ގޮސް ސޯފާތަކާއި އަރާ ހަމަވެއްޖެ އެވެ. އަނަރޫފަވެފައިވާ ހަށިގަނޑާއެކު ވެސް ރައިހާ އޭނަ ހީކުރިވަރަށްވުރެ ފިޔަވަޅުތައް އަވަހެވެ. މަހާޒްއަށް ލެވުނުހާ ބާރެއް އެދެފަޔަށް ލައިފައި ގޮސް ރައިހާ އާއި ދޮރާ ދެމެދަށް ހުރަހަކަށް ވެގެން ހުއްޓުނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular