18 Oct 2018

ދަތުރުނާމާ

By: Mariyam Yasma

* އޮކްޓޫބަރު 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އޭނައަށް ދޮރުން ނިކުމެވުނުއިރު ރައިހާ ގޮސް ސޯފާތަކާ އަރާ ހަމަވެއްޖެ އެވެ. އަނަރޫފަވެފައިވާ ހަށިގަނޑާއެކު ވެސް ރައިހާ އޭނަ ހީކުރިވަރަށްވުރެ ފިޔަވަޅުތައް އަވަހެވެ. މަހާޒްއަށް ލެވުނުހާ ބާރެއް އެދެފަޔަށް ލައިފައި ގޮސް ރައިހާ އާއި ދޮރާ ދެމެދަށް ހުރަހަކަށް ވެގެން ހުއްޓުނެވެ.

"އަހަރެންގެ މޫނަށް ބަލާބަލަ ރައި! އަހަރެން މިދައްކާ ވާހަކައެއް އަޑުއަހާބަލަ!" ރައިހާ ތިރިބަލަން ހުރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމަކާއެކު އަމިއްލަ ބޮލުގެ އިސްތަށިގަނޑުގައި ހިފާލައިފައި މަހާޒް ވާހަކަދައްކަން ފެށި އެވެ.

އެމޫނުގައި އަތްލާން ބޭނުންވެ އެއަތް ރައިހާއާ ދިމާއަށް ގެންގޮސްފައި ވެސް ތިރިކޮށްލެވުނީ އެވެ.

"އަހަރުތަކެއް ކުރީން ރައި އަހަރެންގެ އަތުން ވީއްލިގެންދާން ދޫކޮށްލީ އަހަރެންގެ މޮޔަކަމުން..." މަހާޒްގެ ދެވަނަ ޖުމްލައާއެކު ރައިހާގެ ސަމާލުކަން ކުއްލިއަކަށް ލިބުނެވެ. ދެފައިތިލައަށް ހުއްޓާލެވިފައިވާ ނަޒަރު މަހާޒްގެ މޫނަށް ހުއްޓުނެވެ.

"މިއަދު އަހަރެން ރައި އެކަނި އުޅެން ދޫކޮށްލައިފިއްޔާ އަހަރެން ވާނީ އެއަށްވުރެވެސް ބޮޑު މޮޔައަކަށް...." ރައިހާ ހުއްޓުން އަރާފައި އަޑު އަހަން ހުރިތަން ފެނިގެން މަހާޒްއަށް ކުރިއަށްގެންދާނެ ހިތްވަރު ލިބުނެވެ.

އޭނަގެ ވާހަކަ އިވިގެން ރައިހާ ނޭވާ ހިފަހައްޓައިލިތަން ދެކެފައި ކައިރިއަށް ފިޔަވަޅެއް އަޅައިލި އެވެ. ކުޑަކޮށް ޖެހިލުންވެފައި ހުރެގެން އަތް އުފުލާލައި ދަތްދޮޅީ ހިފާލުމުން ރައިހާ ކުޑަކޮށް ތެޅިގަތް ނަމަވެސް ދުރަކަށް ނުދެ އެވެ. މަހާޒް ބެލީ އެއީ އަނެއްކާ ވެސް ލިބުނު ފެހި ސިގްނަލެއްގެ ގޮތުގަ އެވެ.

"މީހުން ބުނެއެއްނު އަތުން އެއްޗެއް ގެއްލުނީމައޭ، އެމީހެއްގެ ހަޔާތުގައި އެއެއްޗެއްގެ މުހިންމުކަން އިހްސާސް ވާނީ. އަހަންނަށް ވެސް ވީ އެހެން. ފާއިތުވެ ދިޔަ ކޮންމެ ދުވަހަކީ އެކަން އަހަރެން ރިގްރެޓްކުރި ދުވަހެއް. އަހަންނަށް އަހަރެންގެ އަމިއްލަ އިހްސާސްތައް އެނގުމުން އަލުން ރައިހާ ހާސިލްކުރަން ބޭނުންވި. އެކަމަކު ދެން އަލުން އިތުބާރު ހޯދުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވުނު. އެކަމަކު އެއީ އަދި ފަހަތަށް ޖެހިގެން ހުންނަންވީ ބަހަނާއެއް ކަމުގައި އަހަރެން މިހާރު ޤަބޫލެއް ނުކުރަން. އަހަރެން ކުރިއަސް އެއީ ފިނޑި އަމަލެއް. އަދި މިއަދު އަހަރެން މިއައީ ކެރިގެން އަހަރެން އެދޭ ގޮތް ރައިހާއަށް އަންގަން. އާދޭސް ކުރަން. އަހަންނަށް ރަހުމްކޮށްދީފަ ރައިހާގެ ހަޔާތުގެ ބާކީބައި އަހަރެންގެ މީހެއްގެ ގޮތުގައި ވެދީ!" މަހާޒްގެ ފަހު ޖުމްލަތައް އަހާފައި ރައިހާއަށް ޖެހިލެވުނީ ފަހަތަށެވެ.

ބިރެއް ފެނިގެން ބަލާހެން އެމޫނަށް ބަލަން ހުރެފައި ވާހަކަނުދެއްކިގެން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. ލޮލަށް ޖަމާވި ކަރުނައާއެކު ސިކުންތުކޮޅެއްގެ ތެރޭގައި އިތުރު އެހެން ކުލައެއް އެލޮލުގެ މައްޗަށް ގަދަވެގެންތަން މަހާޒްއަށް ފެނުނެވެ. ރައިހާގެ ބީހުމުގެ އިހްސާސް ނެތުމާއެކު ހުސްކަން އިހްސާސްވި އަތްތިލަ ޖީބަށް ކޮށްޕާލި އެވެ.

"އަހަންނަށް އިނގޭ މަހާޒް ކުރަން ތިއުޅޭ ކަމެއް. އެކަމަކު އަހަރެން ބޭނުމެއް ނޫން މަހާޒްގެ ހަމްދަރްދީއެއް. އަހަރެންގެ ބަލީގެ ސަބަބުން މަހާޒް ނުޖެހޭނެ ތިހެން ކަންތައް ކުރާކަށް. މިހާރު ޖޯޝުގައި ތިހެން ބުނަންޏަސް ފަހުން އުޅެން ޖެހޭ ހާލުން މޮޔަ ހިތަށް އަރާނެ." އައިސް ހުރި ރުޅިއާއެކު ވެސް ރައިހާގެ ލޮލުން ކަރުނަތިއްކެއް ވެއްޓި ކޯތާފަތުން ތިރިއަށް ދެމިގެން ދިޔަ އެވެ.

ރުޅިވެރިކަމާއެކު އެކަރުނަތިކި ފުހެލާފައި ބަލާލިއިރު މަހާޒް ހުރެގެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރަނީ އެވެ. އެތާ ނުހުނަން ވެގެން ދެވަނަ ފަހަރަށް ކޮޓަރިއަށް ވަންނަން އުޅުމުން ނަސީބަކުން މަހާޒް މިފަހަރު ހުރަހެއް ނޭޅި އެވެ.

"ރައި އަހަރެން އެއްވެސް ތާކަށް ނުދާނަން. އަހަރެން ހުންނާނީ މިތާގަ. އަހަރެން އިންތިޒާރު ކުރާނަން ރައިގެ އަނގައިން އާއެކޭ ބުނާނެ ވަގުތަކަށް." ތަޅުގައި ހިފާ އަނބުރާލިއިރު މަހާޒް ބުނެލިއަޑު އިވުނެވެ.

ދޮރުން އެތެރެއަށް ވަދެވުމާއެކު ހެން ދެފައިކޮޅުން ހީވީ ވާގި ދޫވިހެންނެވެ. އެނދާއި ހަމައަށް ފޯރީ ކިރިޔާ އެވެ. އެއް އަތުން އެނދުމަތީ ވިއްދާލައިފައި ފާޑަކަށް ވެއްޓިގަނެވުމާއެކު ކަރުނަތައް އިތުރަށް ނުހިފޭއްޓިގެން ފައިބަން ފެށި އެވެ.

ރޯން އިނުމުން އިރުކޮޅަކުން ދޮރު ހުޅުވާލައިފައި މީހަކު ވަންއިރު ވެސް ރޭކައެއްނުލި އެވެ. ދިގުދިގަށް ކޮނޑުމަތީ އަތްއަޅާ ގާތްކޮށްލުމުން ސިހިފައި ތެޅިގަނެވުނެވެ. އެވަގުތު މަންމަގެ އަޑުން "ޝްޝްޝްޝް..." އޭ ބުނެލި އަޑަށް ކުރިއަށްވުރެ ހަމަޖެހުނެވެ. މަންމަ ފުރުސަތު ދިނުމުން މަގަތަށް އެނބުރިފައި ލެނގިލީ މަންމަގެ މޭގަ އެވެ. އޭނަ ރޯނެހާ އިރެއް ވަންދެން މަންމަ އޭނަގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ ހިމޭނުން އިނެވެ.

***

ވަރީގެ ކަންތައް ނިންމާފައި ނިކުމެ އުމަރާއި ސާރާ ފަހު ފަހަރަށް ބައްދަލުވީ މަގުމަތިންނެވެ. އެތަނަށް ވަންނަން އައިއިރެކޭ އެއްފަދައިން ދެބީރަތްޓެހިން ފަދައިން ހިމޭންކަމާއެކު ދެ މިސްރާބަކަށް ދާން ހިނގައިގަތެވެ. އުމަރު ގޮސް ސައިކަލަށް އަރާފައި ބެލިއިރު ސާރާ ޓެކްސީއެއްގެ އިންތިޒާރުގައި މަގުގެ އެއްފަރާތުގައި ހުއްޓި ހުއްޓެވެ.

"އަރާ އަހަރެން ގެއަށް ލައިދޭނަން!" އުމަރު ގޮސް ކައިރިކޮށްފައި އެދުނެވެ.

ސާރާ އިރުކޮޅަކު ވިސްނާލަން ހުއްޓެވެ. ދެން މަޑުމަޑުން ބޯޖަހާލައިފައި އަރައި އިށީންދެއްޖެ އެވެ. ފަހު ފަހަރަށް އުމަރުގެ ކޮނޑުގައި އެއް އަތުން ހިފަހައްޓާލައިގެން އިސްޖެހިފައި އިނެވެ. ފާއިތުވެދިޔަ މަދު ދުވަސްކޮޅު އުމަރު އުޅުނީ ގެއިން ނިކުމެ ވަކިންނެވެ. ކުދިން ކައިރީ ސާރާ ބުނީ ބައްޕަ ރަށުގައި ނޫޅޭ ކަމަށެވެ. ބައްޕަ ނާންނާނެ ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އެހެން ބުނެގެން އެކުދިން ކުރާނެ ސުވާލުތަކަށް އޭނަގެ ކިބައިގައި ޖަވާބެއް ނެތެވެ. މިހާރުވެސް ބައްޕަ ނައިސްގެން ނުގުޅައިގެން ކުރާ ޝަކުވާތައް އަހާފައި އޭނަ ހުންނަނީ ރޮވެން ކައިރިވެފަ އެވެ. އެކުދިންގެ މުޅި ދިރިއުޅުން އުމަރުގެ މައްޗަށް ބަރޯސާ ވެފައިވާވަރު ފުރަތަމަ ފަހަރަށް އިހްސާސް ކުރެވުނެވެ. ތެދަށް ބުނަންޏާ އެކުދިން ބަލައި އެވަރު ކުރީ އުމަރު އެކަންޏެވެ. ކުދިން ބޮޑައި ހާކައިފިނަމަ އުމަރު ކުޅަދާނަ ކަމާއިއެކު ކުރާގޮތަށް އެކުދިން ރުއްސާކަށް ވެސް އޭނައަކަށް ނޭނގެ އެވެ. އެއިން ކޮންމެ ވަގުތަކު ނިމެނީ އޭނައަށް ވެސް ރޮވިގެންނެވެ.

މަންމަ އެގޮތަށް ބަލިކަށި ކަމާއެކު ރޯތަން އެކުދިންނަށް ފެނުނީ އަލަށެވެ. ހައިރާންކަމާއި ކަރުނައާއެކު އެކަކު އަނެކަކަށް ބަލަން ތިބެފައި އައިސް ބުނީ ދެން އެގޮތަށް މަންމަ ރޯފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އެހާ ޅައުމުރުގައި ވެސް އެކުދިން ހީވަނީ މާ ވިސްނޭ ކުދިންނެވެ. ރޮވިފައި ސާރާ ދެކުދިން ގެނެސް މޭގައި ޖައްސާލައިފައި ތަކުރާރުކޮށް މާފަށް އެދެންފެށި އެވެ. އެމަންމައަށް އެކުދިންނާއި ދޭތެރޭ ކަންތައް ކުރެވިފައިވާ ހަރުކަށި ގޮތްތަކަކީ ނުހައްޤުން އެކުދިންނަށް ކުރިމަތިލާން ޖެހުނު ކަންތައްތަކެއް ކަމުގައި ފުރަތަމަ ފަހަރަށް ޤަބޫލު ކުރެވުނެވެ.

"ގެއަށް އާދެވުނީ..." އުމަރު ވާހަކަދެއްކި އަޑާއެކު ސާރާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ.

އޭނަ ބޯޖަހާލައިފައި އަވަސްއަވަހަށް ފޭބުމަށްފަހު އުމަރުގެ މޫނަށް ބަލައިލި އެވެ.

"ސާރާ!" އެވަގުތު އުމަރު ގޮވާލި ގޮތުން މެއަށް ވީ ތަފާތު ގޮތެކެވެ. ކުޑަކޮށް ބުމަ ކައިރިކޮށްލައިގެން ހުރެ އެމޫނާއި ދިމާއަށް އަތް ގެންދަން ފެށުމުން ސާރާއަށް ހުރެވުނީ އުމަރު ކުރަން އުޅޭ ކަމެއް ނޭނގިފަ އެވެ. ސައިކަލު މަތީ އިނދެގެން ހިމޭނުން ރޮވުނުކަން އޭނައަށް އެނގުނީ އުމަރުގެ އަތުން ކޯތާފަތުގައިވާ ކަރުނަ ފުހެލަދިނީމަ އެވެ. ސާރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އަހަރެން އެއްޗެކޭ ބުނަން ބޭނުން!" އުމަރު އަތްތިރިކޮށްލިހާ އަވަހަށް ސާރާ ހިތްވަރުކޮށްފައި ބުނެލި އެވެ.

އުމަރު މަޑުމަޑުން ބޯޖަހާލި އެވެ. ސައިކަލު ދުއްވާލައިފައި ގޮސް ދުރުގައި ޕާކްކޮށްފައި އަންނަންދެން ސާރާ ހުރީ އިންތިޒާރުގަ އެވެ. މަގުމަތީ ނުހުރެ އެތެރެއަށް ވަންނަން އެދުމުން އުމަރު ވިސްނައިލިހެން ހީވި އެވެ. އެއްބަސްވުމުން ސާރާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. ދެމީހުން ހުއްޓުނީ އެމީހުން އުޅޭ އެޕާޓްމެންޓްގެ ދޮރުމަތީގަ އެވެ. ހޯލްތެރޭ އެކަކު ވެސް ނެތުމުން ދެމީހުން ބޭނުން ވާހަކައެއް ދައްކާނެ ފުރުސަތު އޮތެވެ. އުމަރުގެ ނިތަށް ގިނަވެފައިވާ ރޫތަކާއި އެކު ދޮރާއި ދިމާއަށް ބަލަން ހުރިގޮތުން ސާރާއަށް ވިސްނުނެވެ. އުމަރު އެވިސްނަނީ އެތެރޭގައި ވީ ކުދިންނާއި ދޭތެރޭގަ އެވެ.

"އަހަރެންނަށް މާފުކުރޭ!" ހިޔާލު ބަދަލުނުވަނީސް ސާރާ ބޭރުކޮށްލި އެވެ.

އުމަރު އެއްޗެކޭ ނުބުނެ ބަލަން ހުރުމުން ސާރާގެ ވާހަކަ ކުރިއަށް ގެންދާނެ ފުރުސަތު ލިބުނެވެ. އެމޫނަށް ބަލަން އުދަނގޫވެގެން ސާރާ ހުރީ ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އަހަރެން ރިގްރެޓް ކުރަން މިއޮތްހާ ދުވަހު އުމަރު އަނދިރީގަ ބެހެއްޓުނީމަ. އެއިރު އަހަރެން ވަރަށް ޅަ. އަހަރެން ހުރީ ވަރަށް ބިރުން. ބަނޑުބޮޑުކަން އެނގިގެން މީހުން ކުރާނެ މަލާމާތާއި ދައްކާނެ ވާހަކަތައް އަހަރެންގެ ސިކުނޑީގައި އޮތީ. އެކަމުން ސަލާމަތްވާން އަހަރެންނަށް އެހީވެދޭނެކަން ޔަޤީންވާ ހަމައެކަނި ފަރާތަކަށް ފެނުނީ އުމަރު...." ސާރާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވުނެވެ. އެދުވަސް ހަނދާންކޮށްލުމުން މިއަދުވެސް އޭނަ ފިނިވެ އެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އުމަރު ކައިރިއަށް ގޮސް އިންނަން އެދުމުން އުފަލުން އައިސް އޭނަ އުރާލި ވަގުތު އޭނައަށް ރޮވުނެވެ. އެކަމުން ސަލާމަތްވީތީ އުފަލުންނެވެ. އޭނައަށް އެހީވާނެ މީހަކު ވުމުން އެކަމާއި އުފަލުންނެވެ. އުމުރުގެ ބާކީބައި ހިތް ނޭދޭ މީހަކާއިއެކު ހޭދަކުރަން ޖެހޭތީ އެކަމުގެ ހިތާމައިންނެވެ. އަދި އޭނަ އުންމީދުކުރި ފަދައިން އުމަރު އެއްވެސް ސުވާލަކާއިނުލާ އޭނައާ އިންނަން އެއްބަސްވުމުން ހިތަށް ލިބުނު ލުޔަކުންނެވެ.

"އަހަރެން ރިގްރެޓްއެއް ނުކުރަން ސާރާ އެދުވަހު އަހަންނަށް އޮޅުވާލައިގެން އަހަރެންގެ ދިރިއުޅުމަށް އައީތީއެއް..." އުމަރު ވާހަކަދެއްކި އަޑަށް ސާރާގެ ނަޒަރު އެމޫނަށް ހުއްޓުނެވެ.

"ސާރާ އަހަރެން ކައިރީ ހަޤީޤަތަށް ބުނި ނަމަވެސް އަހަރެން ހިޔާރު ކުރީހީ ހަމަ އެގޮތް. އަހަރެން ސާރާގެ އިއްޒަތާއި އަބުރު ރައްކާތެރިކުރާކަށް ފަހެއް ނުޖެހުނީމުސް. އަހަރެން ހަމައެކަނި ރިގްރެޓް ކުރަނީ ސާރާގެ އުމުރުގެ އެހާ ގިނަ ދުވަސް ހިތްނޭދޭ ފަރާތަކާއިއެކު ހޭދަ ކުރަން ޖެހުނީމަ. އަހަރެން ކައިރީ ބުނިނަމަ އެކުވެރިއެއް ފަދައިން ސާރާއަށް އެހީވީމުސް. ހަމައެކަނި ނަމެއްގަ ފިރިއެއްގެ ގޮތުގައި ހުރެވުނީސް..." އުމަރުގެ ވާހަކައިގެ މާނަ ދޭހަވުމާއެކު ސާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"އަހަރެން ސާރާއަށް މާފުކޮށްފިން... އަހަރެން ދެން ދަނީ." އުމަރު ފުން ނޭވައެއް ލައިފައި ސާރާއާ ދިމާއަށް އެނބުރުނެވެ.

ސާރާ އެއްޗެއް ބުނަން އުޅުނުހެން ހީވި ނަމަވެސް އެބުނާ އެއްޗެއް އަހަން މަޑުނުކޮށް އޭނަ ގަސްތުކުރީ އެތަނުން ނިކުންނާށެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓުނީ ސާރާ ދެން ބުނި އެއްޗެއް އަހާފަ އެވެ. "އަހަންނަށް މާފުކޮށްފިއްޔާ ކީއްވެ އަހަރެން ދޫކޮށްލާފަ ތިދަނީ؟"

އެނބުރި ބަލައިލިއިރު ސާރާ ހުރީ ޖަވާބެއްގެ އިންތިޒާރުގަ އެވެ.

"ސާރާއަކަށް ނޭނގޭތަ އަހަރެން ސާރާ ދޫކޮށްފަ މިދަނީ ކީއްވެ ކަމެއް؟" ކައިރިއަށް ފިޔަވަޅެއް އަޅާލައިފައި ހަތަރުކަޅި ހަމަކޮށްލަމުން އުމަރު އެހި އެވެ.

ސާރާގެ ޖަވާބު އައީ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލުމަކުންނެވެ.

"މެރީ މީ އުމަރު! މިފަހަރު އަހަރެން އުފަލުން އިންނާނަން އުމަރު އަހައިފިއްޔާ.." އުމަރަށް އެއްޗެއް ނުބުނެވެނީސް ސާރާ ވާހަކަދެއްކި އެވެ.

"ޝަރުތެއް އެބައޮތް!" ހައިރާންކަމާއެކު އެމޫނަށް ބަލަން ހުރެގެން އުމަރު ޖަވާބުދިނެވެ. އެވާހަކަ އަހާފައި ސާރާގެ ލޮލުގައި ދިއްލުނު އުންމީދުގެ ހުޅުކޮޅު ކަނިވިތަން ފެނުނެވެ.

"އެކުދިން، އާލާ އާއި އުލާ އަކީ އަހަރެންގެ ކުދިން. އެކުދިން ދުނިޔެއަށް ގެންނަން މެދުވެރިވި މީހަކީ އެހެން މީހަކަށް ވެދާނެ. އެކަމަކު އެކުދިންގެ ބައްޕައަކީ އަހަރެން. ސާރާ ނުވާނެ އެކަން ހަނދާން ނައްތާލައިގެނެއް. ނުވާނެ އެކުދިންނާއި ދޭތެރޭ އެއްވެސް ވަރަކަށް އިހާނެތިކޮށް ހިތައިގެނެއް. އޭނަދެކެ އަންނަ ރުޅި އެކުދިންނަށް ދައްކައިގެން ނުވާނެ...." އުމަރު ދެޖުމްލައެއް ބުނެލިތަނާ ސާރާ ބޯޖަހަން ފެށި އެވެ.

"އެއީ އުމަރުގެ ކުދިން. އަހަރެމެން ދެމީހުންގެ ކުދިން." ސާރާ އެހެން ބުނެލީ އަމިއްލަ ނަފްސަށް ވެސް އަންގައިދިންފަދަ ގޮތަކަށެވެ.

އެތެރެއިން ދެކުދިން ރޯންފެށި އަޑަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ސާރާ އަވަހަށް ދަބަހުން ތަޅުދަނޑި ނަގާފައި ދޮރު ހުޅުވި އެވެ. ދެކުދިން ދެކޮޅުގައި ތިބެ ބުދެއްގެ ދެއަތުގައި ހިފައިގެން ދެކޮޅަށް ދަމަނީ އެވެ. ކުދިން ބަލަން އައިސް އުޅޭ މީހާ ނިކުތީ އެކުދިންގެ ކޮޓަރިންނެވެ. އެކުދިންނަށް އުމަރު ފެނުމާއެކު ޑެޑީއޭ ކިޔާ ދުވެފައި އައިސް އުމަރުގެ ދެފަރާތުން ދެފައިގައި އޮޅުލައިގެންފި އެވެ. ކުދިންތައް ޝަކުވާ ބައްޕަ އެކުދިން ދޫކޮށްލާފައި ގޮސްގެންނެވެ. އެހާ ގިނަދުވަހު ނުފެނި އުޅުނީމަ އެވެ.

"ދެން ދުވަހަކު ވެސް ނުދާނަން." ކުދިން ކުރި ސުވާލަކަށް ޖަވާބުދެމުން އުމަރު ބަލައިލީ ސާރާއަށެވެ. ސާރާއަށް ވެސް އެކަން ޔަޤީންކޮށްދިން ކަހަލަ އެވެ. ސާރާގެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.

ރައިހާ ގުޅާފައި ކައިވެންޏަށް ދައުވަތު ދިނުމާއެކު ކިންޒާއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. އެވާހަކަ ޤަބޫލު ނުކުރެވިގެން ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ތަކުރާރުކުރަން އެދުނެވެ. ރައިހާ ފެށީ ހޭށެވެ. އެތައް ދުވަހަކަށްފަހު އެއަޑުގައިވި އުފާވެރިކަން އެހާ ދުރުން ވެސް ކިންޒާއަށް އިހްސާސްވި އެވެ. އޭނަ ފޯނު ބޭއްވީ އެދައުވަތު ގަބޫލުކޮށްފަ އެވެ. އެންމެ ފަހު ވަގުތު ޒިވިއަން ވެސް އެދަތުރުގައި ބައިވެރިވި އެވެ. ސާރާ މަރުހަބާ ކީ ފޯނުން ގުޅައިގެންނެވެ.

ކައިވެނީގެ ކަންތަކުގައި އުޅުނުއިރު ރައިހާ އޭނަ އެކަނި ކޮށްފައި ޒިވިއަންއާ ދެމީހުންގެ ކައިވެންޏާއި ބެހޭގޮތުން އެހި އެވެ. ކޯޓުން ވަރީގެ ކަންތައް ނިމުނަސް އޭނަ މުޅިން މިނިވަން ވާން ދުވަސް އޮތްކަން ކިންޒާ ހަނދާންކޮށްދިނެވެ. ރައިހާ އެވާހަކަ ބުނީއްސުރެ ޒިވިއަން ފެންނަ ކޮންމެ ފަހަރަކު އިޚުތިޔާރަކާނުލާ އެދިމާއަށް ހިޔާލުތައް ދެ އެވެ. ވިޝާލް މަސައްކަތާއި ދުރަށް ދިއުމާއި އޭނައަށް ލިބުނު މަޤާމުގެ ޒިންމާއާއެކު ފަހަކަށް އައިސް ޒިވިއަންއާއެކު ހޭދަކުރެވިފައި ވަނީ މަދު ވަގުތެކެވެ. ގިނަ ފަހަރަށް ދެމީހުން ނިންމައިލަނީ މެސެޖްކޮށްގެން ނޫނީ ރޭގަނޑު ނިދަން އޮވެ ކުރާ ފޯނު ކޯލަކުންނެވެ.

މަސައްކަތްތައް ހަމައަކަށް އެޅުމުން ނޫނީ ކައިވެނީގެ ވާހަކަ ނުދައްކަން ޒިވިއަން ނިންމައިގެން ހުރީ ކަންނޭނގެއޭ ހިތަށްއަރަ އެވެ.

***

އާދައިގެ މަތިން އޮފީހުގައި އުޅެފައި ހެނދުނު ސަޔަށް ދާން ނިކުންނަމުން ކިންޒާ ހިތަށް އެރީ ޒިވިއަން މަތީންނެވެ. އޭނަ ދަބަހުން ފޯނު ނެގިއިރު ޒިވިއަން ގުޅަނީ އެވެ. ފުރަތަމަ ވެސް ނެގި ގޮތަށް އުމުރު ދިގު ވާނެއޭ ބުނެ ސަމާސަކޮށްލި އެވެ. އެކޮޅުން ޒިވިއަންގެ ލުއި ހުނުމުގެ އަޑު އަހާފައި ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ކުޑައިރުކޮޅެއްގެ ތެރޭ ބައްދަލުވާން ބުނެފައި އޭނަ ފޯނު ބޭއްވި އެވެ.

"އިނގޭތަ މިއަދު މީ ކޮން ދުވަހެއްކަން؟" ކިންޒާ ވަދެ ކޮފީޝޮޕްތެރެ ހޯދާލައިފައި ޒިވިއަން ފެނިގެން ގޮސް މޭޒުދޮށުގައި އިށީނުމާއެކު ޒިވިއަން އެހި އެވެ.

ދަބަސް ބައިންދާފައި ވިސްނައިލާފަދަ ގޮތަކަށް ދުރު ބަލައިލުމަށްފަހު އަނބުރާ ޒިވިއަންގެ މޫނަށް ހުއްޓާލި އެވެ. ދެން އޭނަ ބޯ ހޫރާލިތަން ފެނިގެން ޒިވިއަން ހިފަހައްޓައިލީ އަތުގަ އެވެ. ވޭޓަރު އައުމުން އޯޑަރު ދީފައި ހޭދަވި މަދު ވަގުތުކޮޅު ކިންޒާ އޭނައަށް ހީވި އެކި ޖަވާބުދިނެވެ. ޒިވިއަން މޭޒުގައި ދެއުޅަބޮށި އަޅުވާލައިގެން ދެއަތުގައި ދަތްދޮޅި ވިއްދާލަގެން އިނީ ހިނިތުންވެފަ އެވެ. ކިންޒާ ދޭ ކޮންމެ ޖަވާބަކާއެކު މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލަ އެވެ.

"އައި ގިވް އަޕް. ދެން ޒިވިއަން ބުނޭ ކޮން ދުވަހެއްކަން." ކިންޒާ މޫނަށް ވައްތަރެއް ޖައްސާލައިފައި ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލައިގެން ހަށަން ބަނދެލި އެވެ.

ވޭޓަރު އައިސް ކިންޒާގެ ކުރިމަތީ ކޮފީ ޖޯޑު ބެހެއްޓުމުން ޒިވިއަން އިޝާރާތުން އެތަށި ދައްކައިލި އެވެ. ކިންޒާއަށް ވިސްނިގެން އެޖޯޑަށް ބަލައިލާފައި ހައިރާންވެގެން މަޑު އާހެއްގެ އަޑު އިއްވާލެވުނެވެ. ކޮފީ ޖޯޑުގެ މަތީ ހުރި ފޮނުގައި ކޮފީ ކުލައިން ލިޔެފައި އޮތީ "މެރީ މީ!" މިލަފްޒް ކޮޅެވެ.

އޭނަ ދެން އިސްއުފުލައިލިއިރު ޒިވިއަން އިނީ ބަލަހައްޓައިގެންނެވެ. ކިންޒާ އަވަސް އަވަހަށް ބޯޖަހާލިއިރު ލޮލުގައި އުފާވެރިކަމުގެ މުތީތަކެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular