12 Nov 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ނޮވެމްބަރު 8 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މާ ވަރުބަލިވެފަ ތިއިނީ. އިހަށް ދެން އިނދޭ މަޑުން. އަހަރެން ގެންގޮސްދޭނަން." ދެއަތުން ފުރޮޅުގައި ހިފަން އުޅެނިކޮށް ސާހިލް ފަހަތަށް ޖެހިލަމުން ވާހަކަދެއްކި އެވެ. އަހަންނަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ.

އަހަރެމެންނަށް ދެވުނުއިރު ފިޒިއޯ ރޫމްތެރެ އޮތީ ހުހަށެވެ. ސާހިލް ގޮނޑިން އަތް ދޫކޮށްލާފައި ފޯނު ނަގައިގެން އެއްފަރާތަކަށް ޖެހިލި އެވެ. އޭނަ ފޯނުން ވާހަކަދައްކަން ހުރި ވަގުތުކޮޅު އަހަރެން ތަނުގެ ވަށައިގެން ލޯ ހިންގައިލީމެވެ. ތަފާތު އެކިކަހަލަ މެޝިންތަކާއި އާލާތްތައް ހުރިއިރު އަހަރެން ކިރިޔާ ވެސް ދަންނަ އެއްޗަކަށް ފެނުނީ ޓްރެޑްމިލް އަކާއި ބައެއް ބަރުކަހަލަ އެއްޗިއްސެވެ. ފާރުގައި ހަރުކޮށްފައިވާ ބައެއް ޕޯސްޓަރުތަކުގައި މުހިންމު މައުލޫމާތުތައް ފެންނަން ހުއްޓެވެ. އޭގެ އިތުރުން ނޯޓިސް ބޯޑެއްގައި ވެސް ލިއުންތަކާއި ސްޓިކީ ނޯޓުކަހަލަ އެއްޗެހި ހަރުކޮށްފައި ހުއްޓެވެ.

އަހަރެން އެތަކެއްޗަށް ނަޒަރު ހިންގަން އިނުމުން ސާހިލް ފޯނު ބޭއްވިކަމެއް ނޭނގެ އެވެ. ވާހަކަދައްކާ އަޑު ނީވޭތީ ބަލައިލިއިރު ގޮސް ހުރީ ކުޑަދޮރު ކައިރީ ބޭރު ބަލަހައްޓައިގެންނެވެ. ސާހިލް މިއަދު ލައިގެން ހުރީ ކަޅު ކުލައިގެ ގަމީހަކާއި އަޅިކުލައިގެ ފަޓްލޫނެކެވެ. ބެގީކޮށްފައި އަތުކުރީ ގޮތް އަޅުވާފަ އެވެ. ކަރުގައި އަޅާފައި އޮތީ ތަންކޮޅެއް އަލި އަޅިކުލައެއްގެ ޓައީއެކެވެ. އަރައިގެން ހުރި ކަޅު ބޫޓު އޮފްކަމުން ކައިރިވެއްޖެނަމަ މޫނު އެނގޭނެ ކަންނޭނގެ އެވެ. އަހަރެންގެ އެކުވެރިޔާ ދުނިޔޭގައި ހުރިކަމަށްވާނަމަ އޭނަ ވެސް ހުންނާނީ އެފަދައިން ކާމިޔާބު މީހެއްގެ ގޮތުގައި ކަންނޭނގެ އެވެ. އޭނަ ވެސް ހަމަ މިހާ އިސްކޮޅުން ދިގުވާނެ ކަމާއިމެދު ޝައްކެއް ނެތެވެ. އުމުރުން ބާރަ އަހަރުގައި ވެސް އެއުމުރުގެ އެހެން ކުދިންނަށްވުރެ ހުރީ ދިގުކޮށެވެ. އަދި އަހަންނަށް އެންމެ ފަހުން ފެނުނުއިރު އަހަރެން އަރަނީ ކިރިޔާ އޭނަގެ ކޮނޑާއި ހަމައަށެވެ.

"ޔޫއާ ސްޓެއަރިން...." ސާހިލްގެ އަޑު އިވިފައި އަހަރެންގެ ނަޒަރު ކުއްލިއަކަށް އެމޫނަށް ހުއްޓުނެވެ.

މެއަށް ފިނިވެގެން އައުމާއެކު ބާރުބާރަށް ހިތް ތެޅެންފެށި އެވެ. އަމިއްލަ މޫނަށްވެރިވި ކުލަވަރު ދެނެގަންނަން ލޯގަނޑެއްގެ އެހީއެއް ބޭނުމެއްނުވި އެވެ. ސާހިލް އަހަންނާއި ދޭތެރޭ ހީކުރާނެ އެއްޗެއް ވެސް ނޭނގެ އެވެ. ތެދުވެގެން ކުރިމަތިން ދުރަށް ދެވޭނީ ވެސް އަމިއްލަ ދެފައިގައި ބާރެއްހުރިނަމަ ނޫންހެއްޔެވެ؟

އަހަރެން އެއްޗެއް ނުބުނުމުން ސާހިލް އެއްބުމަ އަރުވައިލީ ޖަވާބަކަށް އެދޭފަދަ ގޮތަކަށެވެ. މަގަތަށް އެނބުރިލައިފައި ހަށަން ބަނދެލީގޮތުން އެކަމުން ސަލާމަތް ވެވޭނެ އެއްވެސް މަގެއްނެތްކަން ހާމަވި އެވެ.

"އައިމް ސޮރީ. އިޓްސް ޖަސްޓް...." ޖަވާބުދޭނެ ގޮތެއް ނޭނގިގެން އަހަރެންގެ ޖުމްލަ މެދުކެނޑުނެވެ. އުނގުމަތީ އޮތް ދެއަތަށް ނަޒަރު ހުއްޓާލައިގެން އިނދެ ވިސްނައިލެވުނީ އެކުވެރިޔާގެ ވާހަކަ ސާހިލް ކައިރީ ބުނުމާއިމެދުގަ އެވެ. ތެދަށް ބުންޏަސް ސާހިލް ޤަބޫލު ކުރާނީ އަހަރެން ހަދައިގެން ދައްކާވާހަކައެއް ކަމުގައި ކަންނޭނގެ އެވެ.

"އަހަރެންގެ ކުޑައިރުގެ ފްރެންޑެއް އުޅުނު ސާހިލް ކިޔާ." ކޮންމެ ގޮތަކަށް ނިންމިއަސް ހެޔޮކަމަށް އަހަރެން ބުނެލީމެވެ.

އަހަރެން ދެވަނަ ފަހަރަށް އެމޫނަށް ބަލައިލިނުލީނަމަ ސާހިލް "އޯހ" އޭ ބުނެލިކަން ވާނީ ހީވި ހީވުމަކަށެވެ. ވައިއަޑަކަށް ނިކުތް ނަމަވެސް އެތުންފަތް ހަރަކާތްކުރިތަން އަހަންނަށް ފެނުނެވެ. ދެން ހީވީ އިތުރު އެއްޗެއް ބުނަން އުޅުނުހެންނެވެ. އެކަމަކު އަނގަ ހުޅުވާލައިފައި ވެސް އަނެއްކާ ލައްޕައިލުމަށްފަހު މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. ހިޔާލު ބަދަލުވީ ކަންނޭނގެ އެވެ. ނޫނީ އެއްޗެއް ބުނަން އުޅުނުހެން އަހަންނަށް ހީވީ އެވެ. ދޮރުހުޅުވާލައިފައި ނަރުހަކު ނުވަންނަމަ އަހަރެންނަށް، އޭނަ އެއްޗެއް އަހަން އުޅުނިންތޯ ސުވާލުކުރެވުނީހެވެ.

ނަރުސްކުއްޖާ ހިތްހެޔޮކަމާއިއެކު ހާލު ކިހިނެތްތޯ އަހައިލި އެވެ. އެއީ އާދައިގެ މަތިން ފުރަތަމަ ބައްދަލުވުމާއެކު އަބަދު ވެސް ކުރާ ސުވާލެކެވެ. ރަނގަޅުކަމުގައި އަމިއްލައަށް އިހްސާސް ނުވިއަސް އިޚުތިޔާރަކާނުލާ އަބަދު ވެސް ބުނެވެނީ ރަނގަޅުކަމުގަ އެވެ. މީހުން އަބަދު ވެސް ހާލު ކިހިނެތްހޭ އަހައިފިނަމަ ޖަވާބު ދޭނީ ރަނގަޅުކަމުގައި ބުނެފަ އެވެ. އެއީ ބައެއްފަހަރު އަމިއްލަ ހާލަތު ކިޔައިދޭން ބޭނުން ނުވެގެންނެވެ. އަނެއްބައި ފަހަރު އަހަންނަށްވާހެން އެސުވާލު އަހާފައި ދޫމައްޗަށް އަމިއްލައަށް އަންނަ ޖަވާބެކެވެ. އަހަރެން އެޖަވާބުދިން ވަގުތު ސާހިލް ކުއްލިއަކަށް ބަލައިލިތަން ފެނުނީ ލޮލުގެ ކުޑަކޮޅުންނެވެ.

ނަރުސްކުއްޖާ ގެނަ އެއްޗެހި ސާހިލްއަށް ދައްކާފައި ނިކުމެގެންދިޔަ އެވެ. އެވަގުތު ސާހިލް ހަށަން މޮހާލައިފައި ކައިރިއަށް އައެވެ.

ބްރޭސް ނައްޓަން އުޅޭ ވާހަކަ ބުނުމުން އަހަރެން ބޯޖަހައިލީމެވެ. އެނައްޓައިލުމާއެކު އަޖައިބެއްފަދަ ހުސްކަމަކާއި ފަސޭހަކަމެއް އިހްސާސް ކުރެވުނެވެ. އަތް އުފުލާލައިފައި ބަނޑުގައި ޖައްސައިލެވުނެވެ. ސާހިލް ގޮނޑީގައި ހިފާ ދުއްވާލައިފައި ގެންގޮސް ބެހެއްޓީ އެގްޒަމިނޭޝަން ބެޑެއްގެ ކައިރީގަ އެވެ. އޭނަ އަހަރެން އެނދަށް އަރުވަން އުޅޭކަން އަންގާފައި ގުދުވެލައި އަހަރެންގެ އުނަގަނޑުގެ ދެފަރާތުގައި ހިފައިލި އެވެ. އުފުއްލައިލި ވަގުތު ދެއަތުން ސާހިލްގެ ކޮނޑުގައި ބާރުބާރަށް ހިފަހައްޓައިލެވުނެވެ. ސާހިލްއަށް އަހަރެން އިތުބާރު ނުކުރާތީއެއް ނޫނެވެ. ގޮނޑީގެ ރައްކާތެރިކަމުގައި އިނދެފައި އެއިން ނެގުމުން އަމިއްލަ އިޚުތިޔާރެއްނެތި ގެނެވުނު ހަރަކާތެކެވެ.

"ތޭންކްސް." އެނދުގައި ފޫޖެހުމާއެކު ބުނެލެވުނެވެ.

ސާހިލް ވަކި އެއްޗެއް ނުބުނެ ފަހަތަށް ޖެހިލާފައި ނެގީ ނަރުސްކުއްޖާ ގެނަ ދަބަސްތެރެއިން ނޯޓު ފޮތަކާއި ގަލަމެކެވެ. ކުރިއަށް އޮތް ބައިގަޑިއިރު ހޭދަވެގެން ދިޔައީ ސާހިލް އެދުނު ހަރަކާތްތައް ގެނެވޭތޯ މަސައްކަތް ކުރުމުގަ އެވެ. ކޮންމެފަހަރަކު ސާހިލް ނޯޓުފޮތުގައި ކޮންމެވެސް އެއްޗެއް ލިޔެ އެވެ. އަހަރެން ހީކުރީ ނިމުމުން އޭނަ ކޮންމެވެސް އެއްޗެއް ބުނާނެ ކަމަށެވެ. ކޮންމެވެސް މިންވަރެއް އޮޅުންފިލުވަދޭނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވި އެވެ. ސުވާލު ކުރަން އުޅެފައި ވެސް ތުންފަތުގައި ދަތް އަޅާ ހިފަހައްޓައިލީމެވެ. ކޮންމެހެން ބުނަން ޖެހޭ ވާހަކައެއްވިއްޔާ ސާހިލް ބުނާނެ އެވެ.

ދިގު ދިގަށް އޮށޯންނަން ބުނެފައި ފައިގެ ފުރަތަމަ ކަސްރަތު ފެށުނެވެ. ސާހިލްގެ ހުރިހާ ސަމާލުކަމެއް ހުރީ އަހަރެންގެ ފަޔަށެވެ. ފަނަރަ މިނިޓް ފަހުން ދެވަނަ ކަސްރަތެއްކުރި އެވެ. އެހުރިހާއިރު ސާހިލް އެއްފަހަރު ވެސް އަނގައަކުން ނުބުނެ އެވެ. ހިމޭންކަމަކީ މިހާރު އަހަންނަށް އާ އެއްޗެއް ނޫނެވެ. އެކަމަކު ސާހިލްގެ އެހިމޭންކަމުން އަހަންނަށް އުދަނގޫވީ އެތަނަށް ވަނުމަށްފަހު އަހަންނާއި ސާހިލްގެ މެދުގައި ދެކެވުނު ވާހަކައިގެ ސަބަބުންނެވެ. އަހަރެންގެ އެކުވެރިޔާގެ ވާހަކަ ސާހިލް ޤަބޫލު ކުރިކަމާއިމެދު ސުވާލު އުފެދުނެވެ.

"ސާހިލްގެ ވާހަކައަކީ އަހަރެން ހަދައިގެން ދެއްކި ވާހަކައެއް ނޫން.." އަހަންނަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް ބުނެލެވުނެވެ.

އެއަޑު އަހާފައި ސާހިލް އަހަރެންގެ މޫނަށް ބަލައިލި އެވެ. އޭނައަށް އަޑުއިވޭނެކަން ޔަޤީންކޮށްފައި އަހަރެން ކުރިއަށް ގެންދިޔައީމެވެ.

"ހިތަށްއަރައިފާނެ އަހަރެން ބަލަން އިންދާ ފަޅާއެރީމަ ސަލާމަތްވާން ހެދި ދޮގެކޭ ވެސް. އެހެންވެ މިބުނީ. ސާހިލްއަކީ އަސްލުވެސް އުޅުނު މީހެއް. އަހަރެންގެ އެކުވެރިއެއް." އަހަރެން އިތުރު ތަފްޞީލު ދިނީމެވެ.

އެވާހަކަ އަޑު އިއްވުނަސް އެވަރުން އަދި އަހަރެން ހިތްހަމައެއްނުޖެހުނެވެ. އަހަރެން ހަމައެކަނި ބޭނުންވަނީ އޭނައަށް އެކަން އަންގާކަށް ނޫނެވެ. އޭނަ އެކަން ޤަބޫލުކުރަން ވެސް ބޭނުންވެ އެވެ. އަދި ޤަބޫލުކުރާނަމަ އެވާހަކަ އަހަންނަށް އިއްވަން ވެސް ބޭނުންވި އެވެ. އެހިތްހަމަޖެހުން އަހަރެން ބޭނުންވި އެވެ.

ނުވެސް ދަންނަ މީހަކު ދެކޭގޮތް އަހަންނަށް މިހާ މުހިންމުވީ ކީއްވެގެން ހެއްޔެވެ؟ ކުރިއަށް އޮތް ދުވަސްތަކުގައި ތަކުރާރުކޮށް އޭނައާ ކުރިމަތިލާން ޖެހޭތީ ކަންނޭނގެ އެވެ. އާއެކެވެ. ސަބަބަކީ އެއީ އެވެ. ސާހިލްއާ އަހަންނާއި ދޭތެރޭ ސާފު ނަޒަރަކުން ނުދެކޭހާ ހިނދަކު އޭނަ ކުރިމައްޗަށް އަބަދު އައިސް އުޅޭކަށް ނުކެރޭނެ އެވެ. އެކަމަކު އަހަރެން ކަހަލަ ނުހިނގޭ، ނުކުޅެދޭ މީހަކު ކަންބޮޑުވާން މީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން ކަންބޮޑުވާން އެއަށްވުރެ ބޮޑެތި ކަންކަން ހުރީ އެވެ. އަހަރެންގެ މައިދައިތަ ބޭނުންވަނީ އެހެން އަންހެނަކާއި އަހަރެންގެ ފިރިމީހާގެ ކައިވެނި ކުރުވާށެވެ. އަހަރެންގެ ފިރިމީހާގެ ހިތުން އޭނަގެ ލޯބިވެރިޔާގެ ހަނދާންތައް އަދިވެސް ފިލިކަމެއް ނޭނގެ އެވެ. އަހަރެންގެ އުމުރުގެ ބާކީބައި ހޭދަކުރަން ޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގައި ނޫންކަމެއް ނޭނގެ އެވެ. މިކުރާ ކަސްރަތު ތަކުން އެދެވޭ ނަތީޖާއެއް ނިކުންނާނެ ކަމެއް ނޭނގެ އެވެ. އެހުރިހާ ކަމެއް އެހެން ހުއްޓާ އަހަރެން މިކަންބޮޑުވަނީ އަހަރެންގެ ފިޒިއޯ ތެރަޕިސްޓް ގޯސްގޮތަކަށް ދެކިދާނެތީ ހެއްޔެވެ؟ ހިތުގައި ކޮންމެ އެއްޗެއް އޮތަސް އޭނަ އޭނަގެ ވާޖިބު އަދާކުރާނެ އެވެ.

އެކަމަކު އެހިޔާލު ތަކަކަށް ވެސް އަހަރެންގެ އަނގައިން ދެން ނިކުތް ސުވާލެއް ނުހުއްޓުވުނެވެ.

"މިހާރު ޤަބޫލުކޮށްފިންތަ އަހަރެން އޭރު ބުނީ ތެދެއްކަން؟.." އަހަރެން ސުވާލު ކުރުމުން ސާހިލް މިފަހަރު ކަސްރަތު މެދުކަނޑައިލި އެވެ. އަހަރެންގެ ފައި ރީތިކޮށްބާއްވާފައި އެނދުގެ ކައިރިފަށުގައި އެއްފަރާތުން ލެނގިލައިގެން ހުރެ ހަށަން ބަނދެލައިފި އެވެ. އެމޫނުން އެއްވެސް އަސަރެއް ވަކިކުރާކަށް ނޭނގެ އެވެ.

"ޑަޒް އިޓް މޭޓާ؟..." ސާހިލްގެ އަޑުގައި ހުރީ ބީރަތްޓެހި ކަމެވެ. ބުމަ ކައިރިކޮށްލައިގެން ހުރިގޮތުން އަހަންނަށް މާނަކުރެވުނީ ހިތްހަނުޖެހުމެވެ.

"އިޓް ޑަޒް. ތީ އަހަރެންގެ ފިޒިއޯ. އަހަރެން މީ ސާހިލްގެ ޕޭޝަންޓް. ކުރިއަށް އޮތް ދުވަސްތަކުގައި އަހަރުމެން އެކަކު އަނެކަކާއި ކިތަންމެފަހަރަކު ބައްދަލުކުރަން ޖެހޭއިރު މިސްއަންޑަސްޓޭންޑިންއެއް އޮންނާކަށް އަހަރެން ބޭނުމެއް ނުވޭ. ބޭޑް އިމްޕްރެޝަން އެއް ދޭކަށް ބޭނުމެއް ނުވޭ..." އަހަރެންގެ ޖުމްލަ ނިމުނުއިރު ހަޤީޤަތުގައި ވެސް އަމިއްލަ ނަފްސްދެކެ ލަދުގަތެވެ.

"ޓްރަސްޓް މީ! ޔޫ ހޭވް ނަތިން ޓު ވޮރީ." އެންމެ ޖުމްލައަކުން ސާހިލް އަހަރެންގެ ހުރިހާ ނުތަނަވަސްކަމެއް ދުރުކޮށްދިނެވެ.

އަހަރެން އިނީ ބާކީ ވަގުތުތައް އަނގައިން ނުބުނާން އަޒުމް ކަނޑައަޅައިގެންނެވެ. ނަސީބަކުން އެއަޒުމްގައި ހިފެހެއްޓުނެވެ. އެނދަށް އެރުވިގޮތަށް ސާހިލް އަހަރެންގެ އުނަގަނޑުގައި ދެއަތުން ހިފާލައިފައި ފަސޭހަކާއެކު ނަގައި ގޮނޑީގައި ބެއިންދި އެވެ. ކޮޓަރިއަށް އެނބުރިދިއުމާ އަހަންނާ ބައްދަލުކުރީ ހިމޭންކަމެވެ. އެހިމޭންކަމުގައި އަހަންނަށް ވިސްނާނެ ވަގުތު ލިބުނެވެ. ސިލްވިއާ ދެއްކި ވާހަކަތައް ސިކުނޑީގައި ތަކުރާރުވި އެވެ. ކުރިން ވިސްނުން ނުދާ އެހެން މިސްރާބުތަކަށް ވިސްނުން ދިޔަ އެވެ. ކުރިން ޤަބޫލުކުރަން ބޭނުން ނުވި ކަންކަމާއިމެދު ފިނި ހިތަކުން ހިޔާލުކުރެވުނެވެ. އަހަރެން މިހާރު މިއޮތް ހާލަތުން ލިންތާ އާއިންގެ ހަޔާތަށް އައިކަމުގައި ވިއަސް އެކަމުން އަހަރެންގެ ދިރިއުޅުމަށް އަތުވެދާނެ ބަދަލެއް ނުފެނުނެވެ. ސިލްވިއާ ބުނިހެން އަހަރެން ފުރަތަމަ ވިސްނަން ޖެހޭނީ އަހަރެންގެ ޒަރޫރީ ބޭނުންތައް ފުއްދުމާއި މެދުގަ އެވެ. އަހަރެންގެ ފުށުން އެހެން މީހަކަށް ކަމެއްކޮށްދިނުމާއިމެދު ވިސްނުމަކީ އޭގެ ފަހުގެ ކަމެކެވެ. ދެން ހުރީ އާއިން އެވެ.

އާއިންދެކެ އަހަރެން ހިތާއި ފުރާނައިން ލޯބިވަމެވެ. އާއިންގެ ދިރިއުޅުން އަހަރެންގެ ސަބަބުން ހުއްޓުމަކަށް އަންނަންވީ ކީއްވެ ހެއްޔެވެ؟ އަދި އެވެސް އާއިން ލޯބިވާ އިތުރު ކުއްޖަކު ހުއްޓަ އެވެ. އަހަންނަށް ނުކޮށްދެވޭ ކަންތައްތަކެއް އާއިންއަށް ކޮށްދޭން އެހެން މީހަކު ލިބުމުން އަހަރެންނަށް ލިބޭ އެއީ ހިތްހަމަޖެހުމަކަށް ނުވާނެ ހެއްޔެވެ؟ އަހަރެންގެ ކުރިމަތީ އާއިން އުފަލުގަ އުޅޭތަން ބަލަން އަހަރެން އުފާ ނުވާނެ ހެއްޔެވެ؟ ޔަޤީނުން ވެސް އާއިން މިހާރު އެއުޅޭ ގޮތުގައި އުމުރު ދުވަސް ހޭދަކުރާކަށް އަހަރެން ނޭދެމެވެ. ނުކުޅެދޭ މީހެއްގެ ގޮތުގައި ހުރެގެން، ކުޅެދޭ މީހެއްގެ އުފާތައް ނިގުޅައިގަތުމުގެ އެއްވެސް ހައްޤެއް އަހަންނަކަށް ނުވެ އެވެ.

އަހަރެންގެ ހިޔާލުތައް މެދުކެނޑުނީ ދޮރު ހުޅުވާލައިފައި މީހަކު ވަން އަޑަށެވެ. ބަލައިލިއިރު އާއިން އެވެ. އާއިން އައިސް ކައިރިއަށް ހުއްޓޭންދެން އަހަރެން ކަޅިޖަހާނުލާ ބަލަން އޮތީމެވެ. ގުދުވެފައި އަހަރެންގެ ނިތުގައި ބޮސްދިނުމަށްފަހު ކައިރީ ހުރި ގޮނޑީގައި އިށީނދެލަން ދެން އަނގައަކުން ނުބުނަމެވެ.

ކިރިޔާ ފާހަގަވާވަރަށް ބަހައްޓަން އާދަވެފައިވާ ތުނބުޅި ބޯވެ ކަޅުކުލަފަދަވެފައި ވުމުން އާއިން ފެނުނީ ކުރިއަށްވުރެ ފިރިހެންވަންތަ ކޮށެވެ. ފެންވަރާ ތާޒާވެލައިގެން އައިސް ހުރި ނަމަވެސް އެމޫނުގައި ތާޒާކަމެއް ނެތެވެ. ލޮލުގައި ވަރުބަލިކަމެވެ. އާއިން ރަނގަޅަށް ނިދާކަމާމެދު ހިތާއި ހިތުން ސުވާލުކޮށްލެވުނެވެ.

"އާއިން! އަހަރެން ކަމަކުއެދުނިއްޔާ ފުއްދަދޭނަންތަ؟" އަހަރެން ވާހަކަދެއްކުމުން އާއިން ބަލައިލި އެވެ. އޭނަ މަޑުވެސްކޮށްނުލާ ނިކަން އަވަހަށް ބޯޖަހައިލި އެވެ.

"އަހަންނަށް ލިންތާގެ ވާހަކަ ކިޔައިދީފާނަންތަ؟ ދެމީހުން ބައްދަލުވީ ގޮތް. ފުރަތަމަ ގުޅުން ބަދަހިވީ ގޮތް..." އަހަރެންގެ ވާހަކައިން އާއިންއަށް ލިބުނު ސިހުން މޫނުން ދައްކައިދިނެވެ.

"ޕްލީޒް...!" ދެކޮޅުހަދަން އާއިން އަނގަ ހުޅުވާލުމާއެކު އެއަށްވުރެ ކުރިން އަހަރެން ބުނެލީމެވެ. އަކުރުތަކަށް ދަމާލައިފަ އެވެ. އަހަރެންގެ ލޮލުން އޭނައަށް އާދޭހުގެ ކުލަވަރު ފެންނާނެ ކަމާއިމެދު ޝައްކެއް ނުކުރަމެވެ.

އާއިން ބޯޖަހައިލިއިރު އެލޮލުން ފުން ރިހުމެއްގެ އަސަރު ފައުޅުވި އެވެ. އެއީ ހަމައެކަނި އަހަންނަށް ކިޔައިދޭން ޖެހުމުން ވެރިވި ކުލަވަރެއް ކަމެއް ނޭނގެ އެވެ. އަހަންނަށްޓަކައި އާއިން ޤުރުބާންކޮށްފައިވާ ލޯބިވެރިޔާ ހަނދާންވެފައި ހިތަށް ލިބުނު ވޭނުން ވެސް ކަންނޭނގެ އެވެ. އޭނަ ހިތަށް އަރާނީ އޭނަ ކުރި ކުށުގެ ސަޒާ އޭނައަށް ދޭންވެގެން އަހަރެން ކުރަން އުޅޭ ކަމެއްގެ ގޮތުގަ އެވެ. އަހަރެންގެ ސިކުނޑިން އޭނައާއި ލިންތާގެ ކައިވެންޏާއިމެދު ވިސްނާކަމެއް ލަފާކޮށްލާކަށް ވެސް ނޭނގޭނެ އެވެ.

އާއިން ފެށީ އުދަނގޫވެފައި އިނދެގެންނެވެ. ފުރަތަމަ ފަސް މިނިޓު އޭނައަށް ކުރިއަށް ގެންދިޔައީ ހުއްޓަމުންނެވެ. އަހަރެންގެ މޫނަށް ބަލަން އުދަނގޫވެގެން ދުރަށް ބަލަ އެވެ. ފައިމަތީ ބާއްވާފައި އޮތް އަތަށް ބެލި އެވެ. އިރުއިރުކޮޅާ ކަނދުރާމަތީ ހިފައިލާފައި އަތް ތިރިކޮށްލަ އެވެ. އާއިންގެ އަނބިމީހާ ނޫން އެހެން މީހެއްގެ ހައިސިއްޔަތުން އަހަން އެއީ ރީތި ލޯބީގެ ވާހަކައެކެވެ. ފުރަތަމަ ލިންތާ އޮފީހަށް އައި ދުވަސްހު ވެސް އެދެމެދުގައި ދަމާބާރެއް އުފެދުނެވެ. އެކަކު އަނެކަކަށް ދެމީހުން ކަމުދިޔަ އެވެ. އެކަމަކު އާއިން އުޅުނީ ދުރުންނެވެ.

ލޯބިވެރިންނަށް ވުމަށް އެޅުނު ފުރަތަމަ ފިޔަވަޅަކަށް ވީ އޮފީސް ދަތުރެއްގައި އެކުގައި ދާން ޖެހުމެވެ. އޮފީހުގައިވިއްޔާ އަބަދުވެސް އެކުގައި މަސައްކަތް ކުރާ މީހުން އުޅެ އެވެ. އެކަމަކު އެދަތުރުގައި ލިންތާ ދަންނަ މީހަކަށް ހުރީ އާއިން އެކަންޏެވެ. ދުރުން އުޅެން ބޭނުންވިއަސް ހުރިހާ ވަގުތެއްގެ ކެއުމެއް ކުރިއަށް ގެންދަން ޖެހުނީ ލިންތާއާ އެކުގަ އެވެ. ރާއްޖެއިން ބޭރުގައި އުޅެން ލިންތާ ފަރިތައެއް ނޫނެވެ. އަނެއްކޮޅުން އެކަނި ހުރި އަންހެންކުއްޖެކެވެ. ކާ ގަޑި އާއި މީޓިންގެ ވަގުތު ނޫން ގަޑީގައި ލިންތާ އުޅެނީ ކޮޓަރީގަ އެވެ. އާއިންއަށް އުދަނގޫ ނުކުރަން ފިހާރަކަށް ދާން ނޫނީ ތަނެއް ދައްކާލަން ދާން ވެސް ނޭދެ އެވެ. ހަމްދަރްދީ ވެގެން ލިންތާ ގެންދަން ހުށައެޅީ އާއިން އަމިއްލައަށެވެ.

އެކުގައި ހޭދަކުރި ވަގުތުތަކުން އާއިންއަށް އެނގުނީ ލިންތާއާއެކު ވަގުތު ހޭދަކުރަން އޭނަ ބޭނުންވި ވަރެވެ. އެވަގުތުތަކުން ލިބުނު ހިތްހަމަޖެހުމެވެ. އެކަމަކު އެނބުރި އައިސް އަނެއްކާ ވެސް ދެމީހުން އުޅުނީ ދުރުންނެވެ. އަމިއްލަ އިހްސާސްތައް ފައުޅުކުރަން އާއިންއަށް މަޖުބޫރުވީ އޮފީހުގައި އުޅޭ އިތުރު މީހަކު ލިންތާގެ ގާތްކަން ހޯދަން ޝައުޤުވެރިކަން ހުރިކަން ފައުޅުކުރި ހިސާބުންނެވެ. ދެވަނަ މީހަކާއިއެކު ލިންތާ ވާތަން ހިތަށް ގެންނާކަށް ވެސް ބޭނުމެއްނުވި އެވެ.

އާއިން ވާހަކަ ނިންމާލައިފައި ފުރަތަމަ ފަހަރަށް ހަތަރުކަޅި ހަމަކޮށްލި އެވެ. އަހަރެން އޮތީ ކުރީއްސުރެ އެމޫނަށް ބަލާށެވެ. ލިންތާގެ ވާހަކަ ދެއްކިއިރު އެމޫނު ދިއްލުނު ގޮތް އަހަންނަށް ފާހަގަވި އެވެ. ނިންމާލުމަށްފަހު އޭނައަށް އިނދެވުނުތަން ހަނދާންވެފައި، އެކުލަވަރު ބަދަލުވި ގޮތް ފެނުނެވެ. ކުރިން އަހަރެން ހިޔާލު ނުކުރާ ކަމެއްގެ މަތިން ހިޔާލުކޮށްލެވުނީ އެގަޑީގަ އެވެ. އެއީ އަހަރެންގެ ފައި ރަނގަޅު ވިއަސް ލިންތާއާ ނުލާ އާއިންގެ ދިރިއުޅުން އުފާވެރިކަން ނެތެމުން ގޮސް އެކީ ފިލައިފިނަމަ ވާނެ ގޮތެވެ. އާއިން އުފާކުރަން އަހަރެން އެކަނި ނުފުދިއްޖެނަމަ ވާނެ ގޮތެވެ. އެސުވާލުގެ ޖަވާބު ވެސް އަހަންނަށް ލިބުނެވެ. އެއީ ލިންތާ އަހަރެމެންގެ ހަޔާތަށް އައީ އެހެންވެގެން ކަމެވެ. ސިލްވިއާ ވެސް ބުނީ އެވާހަކަ އެވެ.

"އާއިން! އަހަރެން ބޭނުންވަނީ އާއިން ލިންތާއާ ކައިވެނިކުރަން..." ހިޔާލު ބަދަލުވުމުގެ ކުރީން އަހަރެން އެޖުމްލަ ދުލުން ބޭރުކޮށްލީމެވެ. -- ނުނިމޭ --

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular