14 Nov 2018

ނަަރަަކަ

ޗެޕްޓާ 1: ޒާލިމް

ޗެޕްޓާ 1: ޒާލިމް

By: Ahmed Nadym

ބައިސިކަލަށް އަރައިގެން ނައްޓާލުމާ އެކު އޭގެ ދުވެއްޔަށް ބަރުވެ ހުއްޓުމަކަށް އައިސް، ބައިސިކަލާ އެކު އަހަރެން ވެއްޓިއްޖެ އެވެ. ބުރެއް އަޅައިގެން ގޮސް ޖެހުނީ ބައިސިކަލަށް ވުރެން ވެސް ތަންކޮޅެއް ދުރުގަ އެވެ. ތުނޑީގެ މަޑު ވެލިގަނޑު ތެރެ އަށް ވަދެ އޭގެ ދެ ފުރޮޅު ވެލިގަނޑުގެ ތެރޭގައި ފާޑަކަށް ތަތްވީ އެވެ. އެއީ ކަޅު ކުލައިގެ ރެލީ ބައިސިކަލުގަނޑެކެވެ. ވަގަށް ނަގައިގެންނާއި އެތަން މިތަނުން ހޮވައިގެން އެއްކޮށްފައިވާ ބައިތައް ބޭނުންކޮށްގެން ފުރިހަމަކޮށްފައިވާ ބައިސިކަލެކެވެ.

އަހަރެން ވެއްޓުނުތަން ބަލަން އިނދެފައި ނޫރީ، ޗަކަޗަކަލާފައި ހީގަތެވެ. އޭނާ އިނީ އޭނަގެ ރެލީ ބައިސިކަލަށް އަރައި ހެވި ދިއްލިފަ އެވެ. އެކަމަކު ދުރުން ބަލާ މީހަކަށް އަހަރެމެން ދެ މީހުން ފެންނާނީ ކަޅު ކުލައިގެ ދެ ހިޔަނި ފަދައިންނެވެ. އިރު ވެއްޓެމުން ގޮސް އުދަރެސް ފަހަނަޅައިދާން ތައްޔާރުވެފައިވާތީ އެވެ.

ދަނބު ކުލަ އާއި ނޫ، ގަދަ ނުލާއި އާއި އަޅި ކުލަ އާއި ކަޅު ކުލަ އެވެ. ރަތް ކުލަ އާއި ގަދަ ރަތާއި ރަނާއި ރަން ރީނދޫ ކުލަ އެވެ. މި ކުލަތަކުގެ ތެރެއިން ވިލާތައް މަޑުމަޑުން ދައުރުވަމުން ސިފަ ބަދަލުވަމުން އައު ސިފަތައް އުފައްދަމުން ގެންދާ މަންޒަރު ފެނެ އެވެ. ރަށް މަތިން އުދުހޭ ވާލުތައް ކީކީ ލައްވަމުން ގަސްތަކުގެ ތެރެއަށް ވެއްޓެމުން ގެއްލެމުންދާ މަންޒަރު ވެސް ފެނެ އެވެ. އަހަންނަށް ލިބިފައިވާ ހޭވެރިކަމުގައި އެ މަންޒަރުގެ ކުލަ އަސްލަށް ވުރެން ވެސް ހިތްގައިމުހެން ހީވެ އެވެ.

ނޫރީ އާއި އަހަރެންނަށް ރަތްވިލާގެ އެ މަންޒަރު ތަފާތުވެފައި އެވަރަށް ގިނަ ކުލަ ފެނުނީ އިރުކޮޅެއް ކުރިން ބޮއެ ހުސްކޮށްލި ފުޅިއެއްގެ އަސަރުން އަދިވެސް ދެ މީހުން ސަލާމަތްނުވާތީ ކަމަށް ވެދާނެ އެވެ. ފަހަރެއްގައި ބައިސިކަލަށް އަރައިގެން ނައްޓާލުމުން އަހަރެން ވެއްޓުނީ ވެސް އެ އަސަރެއްކޮށްފައި ހުރިވަރު ބޮޑުކަމުންނެވެ.

އަހަރެމެން ތިބީ ތުނޑީގެ އެންމެ ކޮޅުގަ އެވެ. އިރު ގޮސް އުދަރެހުން އޮބާލިޔަސް ތުނޑި ހީވަނީ ދިއްލާލާފައި އޮތް ހެންނެވެ. ދުރުގައި އޮތް ރަށް ވެސް އޭރު ފެންނަނީ ހިޔަންޏެއް ފަދައިންނެވެ. ގަސްތަކާއި ރުކުގެ ފަންތައް ހެލެމުންދާއިރު ހީވަނީ ބޮޑު ފުރޭތައެއް ނިދިން ހޭލައިގެން އަހަރެމެންނާ ދިމާލަށް އަންނަ ހެންނެވެ. އޭރު ހަވީރު ފިންޏަށް ތުނޑިއަށް ފޭބި މީހުންތައް ރަށު ތެރެއަށް ވަދެ ގެއްލެމުން ދާ މަންޒަރު ފެނެ އެވެ.

އަހަރެމެން ދެ މީހުންގެ ސަމާލުކަން ދަމައިގަތީ ރަށަށް ދިއުމުގެ ހިޔާލު ދޫކޮށް ތުނޑިމަތީގައި، މޫދާ ދިމާލަށް މޫނު ލައިގެން ރުއްގަނޑެއްގައި އިށީނދެލައިގެން އިން އަންހެން ކުއްޖެކެވެ.

"ކަލެއަށް ޔަގީންތަ އެއީ އަސްލު މީހެއްކަން،" ބިރުވެރިކަން ވެރިވެފައިވާ ފާޑަކަށް، މަސްތުގެ ވަސްނުބައި ވައިގަނޑަކާ އެކު ނޫރީ އެހި އެވެ.

"މަށަށް ހެޔޮ، ޖިންނިއަކަށް ވިޔަސް،" ދެކޮޅަށް ކިރެމުން އަހަރެން ދުއްވައިގަތީ އެ ކުއްޖަކާ ދިމާލަށެވެ.

އެއީ މީރާ އެވެ. ފިނިފެންމާ ވާދީގޭ ޒަމީރާ އާއި ހާމިދުގެ ލޯބީގެ ދާނަށް ލިބިފައިވާ އެމީހުންގެ އެންމެ ހަގު އަންހެން ދަރި އެވެ. ގާތްގަނޑަކަށް އަހަރެމެންގެ އުމުރެވެ. އަހަރެމެންގެ އުމުރަކީ އަށާރަ ނަވާރައެވެ. މީރާ އަކީ ރަށު ތެރެއިން ފެންނަ އެންމެ ރީތި އަންހެން ކުދިންގެ ތެރެއިން އަކެކެވެ. އުޅެއުޅެ ސެޓްނުކުރެވިފައި ހުރި މަންޖެގަނޑެކެވެ. ނޫރީ ވެސް ފާޑަކަށް ހިތްކިޔައިގެން އުޅޭ ބިޓެކެވެ. އޭނާ އެ ވާހަކަ އަހަރެން ކައިރީގައި ނުބުންޏަސް، އަހަރެމެންގެ އުމުރުފުރައިގެ ކުދިންގެ މެދުގައި އެނބުރޭ ވާހަކަތަކުން އަހަންނަށް އެކަން އެނގޭތީ އެވެ. އެކަމަކު ކިތަންމެ ބޭނުންވިޔަސް، ނޫރީ އެ ވާހަކަ އަހަރެން ގާތު ނުބުނާނެކަން ވެސް އެނގެ އެވެ.

އެހެންވީމަ އަހަރެން ދިނީ ދެ މީހުންނަށް ވެސް މީރާގެ ފައިދާ ކުރާނެ ހިޔާލެކެވެ. އަހަރެން އެ ވާހަކަ ބުނުމުން ނޫރީ އަނގައަކުން ނުބުންޏެވެ.

އަހަރެން ގޮސް މީރާ ގާތުގައި އިށީނުމާ އެކު މޫނުކުނިކޮށް، ރުޅިހަދާލާފައި އޭނާ ތެދުވިގެން ރަށާ ދިމާލަށް ހިނގައިގަތެވެ. އޭރު ލޮލަށް ފެންނަ ހިސާބުގައި ތިބީ އަހަރެމެން ތިން މީހުން އެކަންޏެވެ.

އަހަރެމެން މަޑުކޮށްލައިގެން ތިބީ މީރާ ތުނޑިން ފައިބައިގެން ގޮސް ރަށުގެ އަނދިރިގަނޑުގެ ތެރެއަށް ވަންނަން ދެން އެވެ. އެއަށް ފަހު މީރާ އަށް ވީގޮތެއް ރަށުގެ އެއްވެސް މީހަކަށް ދެން ނޭނގޭނެ އެވެ. އެކަމަކު އަހަރެން އެ ވާހަކަ ކިޔައިދީފާނަމެވެ.

އެކަހެރިކަމުގައި ހިނގާފައި ދަނިކޮށް އަހަރެމެން އޭނާ ވަގަށް ނެގީ އެވެ. ރުހުމުގައި ހާސިލުނުކުރެވިފައި ހުރި ހުރިހާ އުފަލެއް ނުރުހުމުގައި ލިބިގަތީ އެވެ. އަދި އަނިޔާވެސް ކުރީ އެވެ. ހަތަރެސް ފައި އައްސައި ގަހެއްގައި ބަނދެލުމަށް ފަހު، ހެދުންގަނޑު އިރާލީ އެވެ. ލައްވަމުންދިޔަ ހަޅޭކުގެ އަޑު ކެނޑެން ދެން އަނިޔާކޮށް އެ ހަށިގަނޑު ހިތަކަށް ލިބިގަތީއެވެ. ނިމުމަކަށް އައީ އޭނާގެ އަޑުކެނޑި ނޭވާ ހުއްޓިގެންނެވެ.

މީރާ މަރުވީ އެވެ. އެހިސާބުން ނޫރީ ހާސްވެ ތެޅިގަތީ ފިލާށެވެ. ވާހަކަ ދައްކާލައިގެން އަހަންނަށް އޭނާގެ ހިޔާލު ބަދަލުކޮށްލެވުނަސް އޭނާގެ އަނގަ މައިތިރިނުކެރޭވެނެކަން ޔަގީންވި ހިސާބުން އަހަރެންގެ ބޮލަށް އެހެން ހިޔާލެއް ވެސް ވެރިވެ ހަމަޖެހިލިއެވެ.

ޗަސްބިމަށް މީރާގެ ހަށިގަނޑު ގެންދިއުން ނޫރީއާ ހަވާލުކުރީ އެހެން ކަމެއް ހަވާލުކޮށްފި ނަމަ އޭނާ ފިލައިގެން ގޮސްދާނެތީ އެވެ. ޗަސްބިމަށް އެ ހަށިގަނޑު ގެންދިޔައީ އަތިރިމަތީގައި ހުރި ހަރުގެއަކުން ވަގަށް ނެގި ބަރޯ ގާޑިޔަލަކަށް އަރުވައިގެންނެވެ. ބައިސިކަލްގައި އަހަރެން ދިޔައީ ގެއަށެވެ. އޭރު އޮތީ ވިލާތަކުން އުދަރެސް ބަންދުކޮށް ވައިގަދަކޮށްލައިފަ އެވެ. އެކަމަކު ބޮލަށް އެރި މަސްތުގެ އެތިފަހަރުގެ އެއްވެސް ބަނަކަމެއް އޭރަކު ނެތް ފަދަ އެވެ.

ގެއަށް ވަންއިރު މަންމަ އުޅެ އެވެ. އިތުރު ދެ ފިރިހެނަކު ވެސް ގޭގައި އުޅެ އެވެ. ފަޑު އަލިކަމުގެ ތެރެއިން ގޮސް އަހަރެން ނެގީ ޓޯޗް ބައްތިއެކެވެ. އެ ބައްތީގެ ވާ ފަށް ކަރުގައި އެޅުވުމަށް ފަހު ފަކީރާއެއް އަތު ޖައްސައިގެން ދެން އަނެއްކާވެސް ވަގުވަގަށް ގެއިން ނުކުމެގެން ދިޔައީ އެވެ. ބައިސިކަލްގަނޑު ބަހައްޓާފައި ހުސްފައިގަ އެވެ. ވަލު ތެރެއަށް ވަދެގެން ގޮސް ޗަސްބިމަށް ދެވުނުއިރު ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ތަނެއްދޮރެއް ވަކިވާ ވަރެއް ނޫނެވެ. ނަމަވެސް އަލިކަމެއް ނެތަސް ޗަސް ބިމަށް އަހަރެންނާއި ނޫރީހާ ފަރިތަ ދެ މީހަކު ރަށަކު ނޫޅޭނެ އެވެ. ދެ މީހުން ބޮޑުވި ވަލަކީ އެއީއެވެ.

އަހަރެމެން އާންމުކޮށް ބޭނުންކުރާ މަގުން ވަދެގެން ގޮސް އަހަރެން ބައްތި ދިއްލީ، އަހަރެމެން ޖާގަ ހަދައިގެން އުޅޭ ހިސާބަށް ދެވުމުންނެވެ. އެއީ އާންމުން ދިރިއުޅޭ ހިސާބާ ވަރަށް ދުރުގައި އޮންނަ ހިސާބެކެވެ. އެ ހިސާބުގައި ތިބޭއިރު ރަށުގެ އަލިކަމެއް ހިލަމެއް ނުވާނެ އެވެ. ބޮޑު ކުޅީގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދު ފެށޭ ހިސާބެވެ. އެއީ ދަނޑުބިންތަކުން ވައްކަން ކޮށްގެން ނޫރީ އާއި އަހަރެން ގޮސް އާންމުކޮށް ފިލާ ތިބޭ ތަނެވެ.

ޓޯޗު ބައްތި ދިއްލައިގެން އެނބުރިގަނެވުނީ ނޫރީގެ ކުރިމައްޗަށެވެ. އޮށްދާހިއްލާފައިވާ އޭނާގެ ކަޅު މޫނު ފެނިފައި އަހަރެން ދިޔައީ ބިރުން ސިއްސައިގެންނެވެ. ކިތަންމެ ބިރު ނުގަންނަ ކަމަށް ހެދިގެން ހުއްޓަސް އަހަރެންގެ ހިތް ވެސް ދިޔައީ ނިކަން ބާރަށް ތެޅެމުންނެވެ. މީރާ ގެއްލިގެން އުޅޭ ޚަބަރު ރަށު ތެރެއަށް އާންމުވުމުގެ ކުރިން އޭނާގެ ހަށިގަނޑު ނައްތާލަން ޖެހޭތީ އެވެ.

ވަޅުގަނޑު ކޮނުނީ އަހަރެންނެވެ. މޮޅިވެރިވެފައިވާ މޫނަކާ އެކު ނޫރީ ހުރީ ޓޯޗުބައްތި ހިފަހައްޓައިގެން އިށީނދެލައިގެންނެވެ. އަނގައަކުން އެކަކު ވެސް އެކައްޗެއް ވެސް ނުކިޔަ އެވެ.

ފިނިބޮޑުވެގެން ހުދުވެފައި އޮތް މީރާގެ ހަށިގަނޑު ފަދައިން އަހަރެމެން ދެ މީހުން ވެސް ގަބުވެ މަރުވެފައިވާ ކަހަލަ އެވެ. ދިއްލައިގެން ހުރި ބައްތީގެ އަލި އެޅިފައިވާ އެ ހަށިގަނޑަށް ބަލަހައްޓައިގެން ހުރި ނޫރީގެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭރު އަހަންނަށް ފެނެ އެވެ.

މީރާގެ ފުރާނައެއް ނެތް މަސްގަނޑުގައި އޮޅާލާފައި އޮތް ނައިލޯނު ގޯނިގަނޑުގައި ރާގުތައް ކުޅެމުން ދިޔައީ ވާރޭގެ ކަނިތަކެވެ. އޭގައި ވަނީ ކޮން އިހްސާސެއްކަމެއް ބުނެދޭކަށް އެނގޭ މީހަކު އެތަނުގައިނުވެ އެވެ.

އަހަރެން ވަޅުގަނޑު ކޮނުނީ ފުދޭވަރަކަށް ފުންކޮށެވެ. އިސްކޮޅުހާ އަޑިން މައްޗަށް އެރުމަށް ފަހު ނޫރީ އަތުން އަހަރެން ބައްތި ޖަހައިގަނެ ނިތްއެއްލައިލީމެވެ. ކުރިއަށް އޮތީ އޭނާގެ މަސައްކަތްކަން އެންގުމުގެ ގޮތުންނެވެ. އެކަން އެނގުމުން އޭނާ ކުޑަކޮށް ފަސްޖެހުނެވެ. އޭނާ ހުރީ، ތަންދޮރު ނޭނގޭ ވަރަށް ބިރުގެންފަ އެވެ.

އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި އޭނާ ގުދުވެގަތީ މީރާގެ ހަށިގަނޑާ ދިމާލަށެވެ. އޭނާގެ ދެ ފައިގައި ހިފައި ލަކި ޖަހަމުން ގޮސް ވަޅުގަނޑުގެ ތެރެއަށް ވައްޓާލައިފި އެވެ. ވެއްޓިގެން ގޮސް މީރާ ޖެހުނީ ބަންޑުންނެވެ. އޮތީ ޗަސް ބިމުގެ ތެރެއަށް މޫނު އެއްކޮށް ވަދެ ފޮރުވިފަ އެވެ.

އެ ސޫރަ ރިވެތި މައުސޫމް އަންހެން ކުއްޖާ އަށް އަހަރެމެން ދެ މީހުން މިހެދީ ކިހިނެއް ހެއްޔެވެ؟ ހިތަށް ވެރިވި އެ ސުވާލު ވެސް އަހަރެން ވަޅުލީ އެވެ. ދެން ކުރަން ޖެހޭ ކަންތައް އަދި އެއަށް ވުރެން ބޮޑުވީމަ އެވެ.

މީރާގެ ހަށިގަނޑު ވަޅުގަނޑު ތެރެއަށް ވައްޓާލުމަށް ފަހު، ފަކީރާއާ އެކު ނޫރީ ތެދުވި ވަގުތުގެ ދަނޑިވަޅު ބަލައި އޭނާގެ ބޮލަށް އަހަރެން ތަޅާލީ އަތުގައި އޮތް ރީނދޫ ކުލައިގެ ޑައިވިން ބައްތި އެވެ. އެ އަޑުފަށްގަނޑާ އެކު މުޅި ހިސާބުގަނޑު އަލުން އަނދިރިކަމެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެ އެވެ.

ބޮލުގައި އަޅުވާލި އެތިފަހަރާ އެކު ނޫރީ އަހަންނާ ދިމާލަށް އެނބުރުނެވެ. އެވަގުތު އޭނާގެ މޭގައި އަތް އަޅައި އަހަރެން އޭނާ ކޮށްޕާލުމުން ގޮސް ވެއްޓުނީ މީރާގެ ގައި މައްޗަށެވެ. ކަނި ޖަހަމުން ދިޔަ ވާރޭ ބޯކޮށްލީ ވެސް ހަމަ އެވަގުތުގަ އެވެ. އަހަރެން އަވަސް ވެގަތީ ދެ މީހުންގެ އެތަނުގައި ވަޅުލުމަށް ފަހު ވީ އެންމެ އަވަހަކަށް އެހިސާބުން ނުކުންނާށެވެ. ވާރޭ ވެހުން އެއީ ފަހަރެއްގައި އަހަރެންގެ ނަސީބެވެ. ނުވަތަ ބަދުނަސީބެވެ. އަހަންނަށް އެނގޭ ކަމަކީ އިރުއަރަން ދެން އެގޮތަށް ވާރޭ ވެހުނަސް މީރާ އާއި ނޫރީގެ ގަބުރު މައްޗަށް ނާރާނެ ކަމެވެ. އަދި ޝައްކުކުރެވޭނެ ހުރިހާ ކުރެހުމެއް ވެސް ދޮވެވިގެން ދާނެ ކަމެވެ.

ވާރެއާ ތެމިގެން ގޮސް އަހަރެން ގެއަށް ވަންއިރު ވެސް މަންމަ އުޅެނީ ފިރިހެނަކު ގޮވައިގެންނެވެ. އޭނާގެ މޫނު ބީރައްޓެހިކަމުން، އެއީ ރަށު މީހެއް ނޫންކަން އަހަންނަށް ވަގުތުން އެނގުނެވެ. އެއީ ގައިގައި އިސްތަށި ގިނަ، ހަށިގަނޑު ބިޔަކޮށް ހެދިފައިވާ ސިފަ ހުތުރު ފިރިހެނެކެވެ. ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން އެ ބިޔަ ހަށިގަނޑުގައި މާ ބޮޑު ބާރެއް ހުރިހެން ހީއެއް ނުވެއެވެ.

ގޭތެރެއަށް ވަދެގެން ގޮސް އެތެރޭގައި ތިބި ބަޔަކަށް ފަރުވާލެއް ނުދީ އަހަރެން ބޭލީ ލައިގެން ހުރި ހެދުންތަކެވެ. އެ ވަގުތު މަންމަ އެހެން ދިމާލަކަށް މޫނު އަނބުރައިގަތެވެ. ނަމަވެސް ކައިރީގައި ހުރި ފިރިހެން މީހާގެ ޝައުގުވެރިކަން އަހަންނަށް ލިބުނު ކަހަލަ އެވެ. އެނދާ ދިމާލުން މަތީގައި ދަމާފައިވާ ރޯނެއްގައި އަޅުވާފައި އޮތް ހުދު ކުލައިގެ ތުވާއްޔެއް ދަމައިގަނެގެން ގައި ހިއްކާލުމަށް ފަހު އަހަރެން، ޖެހިގެން ހުރި ފޮތި އަލަމާރިން ސޯޓެއް ނަގައިގެން އެއަށް ދެ ފައި ކޮއްޕާލިއިރު ވެސް އެ މުސްކުޅި ފިރިހެން މީހާގަނޑު ހުރީ އަހަންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. މަންމަގެ މެހްމާނަކަށްވުމުން އޭނާއާ ދިމާލަށް އެއްޗެއް ބުނަން އަހަރެން ބޭނުމެއް ނުވީ އެވެ.

ސޯޓު ލައިގެން އަހަރެން އެރީ އެނދަށެވެ. ދަބަރުހިލައި ބައުވެފައިވާ މުސްކުޅި، ދަގަނޑު އެދެކެވެ. ބާލީހުގައި ބައްދައިގެން އޮވެ އަހަރެން ހަމަޖެހެމުންދިޔައިރު އެނދުގެ އިސްފިރޭނުތައް ލައްވަމުން ދިޔަ އަޑަށް ވުރެ ގަދައީ ފުރާޅަށް ވެހެމުންދިޔަ ވާރޭގެ އަޑެވެ. އަހަރެން އެނދަށް އެރިއިރު އަދި ދިހަގަޑި ބައި ވެސް ނުވެ އެވެ. އާންމުކޮށް އަހަރެން ގެއަށް އަންނާނީ ވެސް ރޭގަނޑު އެގާރަ ޖަހައި ބޮޑުވާ ފަހުންނެވެ. އެއީ ކޮންމެ ރެއަކީ ވެސް މަންމަގެ ވިޔަފާރީގެ ބޮޑު ރެއަކަށްވާތީ އަހަންނަށް އިރުޝާދު ދީފައިވާގޮތެވެ. ނަމަވެސް ގެއަށް ވަދެ ނިދިބޮޅަށް ވެއްޓިގަތުން ނޫން އެހެން އިތުރު އިހްތިޔާރެއް އަހަންނަކަށް މިރެއަކު ނެތެވެ. އެކުގައި ބޭރަށް ގޮސް މަޖާކޮށްލާނެ އެކުވެރިޔަކު ވެސް މިރެއަކު ނެތެވެ.

އެނދުމަތީގައި ފުރޮޅިފުރޮޅިލާ އޮއްވައި ނިދި އައިސް އަހަރެން ގައިގައި ބައްދައިގަތްއިރެއް ނޭނގެ އެވެ. ހޭލެވުނީ މީހަކު އަހަރެންގެ މުޅި ގައިގައި ބީހޭކަމުގެ އިހްސާސްކުރެވިގެންނެވެ. އެ އިނގިލިތަކުގައި ވަނީ ފިނިކަމެކެވެ. ޗަސްބިމުން އަރައިގެން އައިސް މީރާ އަހަރެންގެ ފުރާނަ ޖަހައިގެން ގެންދަން އުޅެނީ ބާވައެވެ. އެންމެ ފުރަތަމަ ހިތަށް އެރީ އެހެންނެވެ. ނޫނެކެވެ. ސިއްސައިގެން ގޮސް ހޭލެވުނުއިރު ކައިރިއަށް އަރައި އޮތީ މަންމަ އެވެ. މަންމަ އަށް ހާއްސަ ތަންމަތިން ތެދުވިގެން އައިސް އޭނާ އެގޮތަށް އަހަރެންގެ އެނދުމަތިން ފެނުމަކީ އަހަންނަށް އާ ކަމެއް ނޫނެވެ. އޭރު ގަޑިން މެންދަމުން އަނބުރާ އެކެއް ޖަހަނީ އެވެ. އަމާ ބުނާ ގޮތުން ނަމަ އެއީ ދެ މީހުންގެ ގަޑި އެވެ. އަހަރެން ދެ ލޯ މަރައިގަތީމެވެ. މަންމަ އޭނާގެ މަސައްކަތަށް އެނބުރިގަތެވެ.

އެއީ ރަށްމެދަށް އަހަރެން ވިހެއި އަންހެން މީހާއާ އެކު އަހަރެން ހޭދަކުރި އެންމެ ފަހު ރެ އެވެ. އެ ފިނި މެންދަމުން ހޭލެވިގެން ބަލައިލިއިރު އަހަރެން އޮތީ މުދާއޮޑިއެއްގަަ އެވެ. އޭގެ އިންޖީނުގެ އަޑާއި ވަހާ އެކު ބޮލަށް އެނބުރުންގަނޑެއް އަރައިގެންފައިވާ ކަހަލަ އެވެ. ނުވަތަ ބާރުގަދަ ބޭހެއް ބޭނުންކޮށްގެން އަހަރެންގެ ވަރު އެ އޮތީ ދުއްވާލައިފަ އެވެ. ހޭލެވުނުއިރު ކައިރީގައި ހުރި މީހާގެ މޫނު ދެނެގަނެވުނެވެ. އެއީ ކުރިން ގޭތެރެއިން ފެނުނު މުސްކުޅި ފިރިހެން މީހާ އެވެ.

ހޭލެވުމުން އަހަރެން ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް އަނެއްކާވެސް މަންޒަރު ފުސްވެ އެއްކޮށް އަނދިރިވީ އެވެ. ތޫނު ކަށްޓެއް އަހަރެންގެ ކަރަށް ވަދެގެންދިޔަކަން އެނގުނެވެ. އެއަށް ފަހު ދެންވީނުވީއެއް ނޭނގެ އެވެ.

އަލުން ހޭލެވި ތަންދޮރު އަލުން ވަކިވާވަރުވީއިރު އަހަރެން އޮތީ ފުސް އަނދިރިކަމެއްގެ ތެރެއަށް ގެނބިފައިވީ ކޮޓަރިއެއްގައި ބަންދުކޮށްފަ އެވެ. އަހަންނާ އެކު ފިރިހެން އެހެން ކުދިން ވެސް އެ ކޮޓަރި ތެރޭގައި ތިއްބެވެ. އެމީހުންގެ މޫނު އެނގޭ ވަރެއް ނުވިޔަސް އެ އެންމެން ވެސް މާޔޫސްވެ އިސްދަށަށް ޖަހައިގެން ބަސްހުއްޓި ގަނޑުވެފަ އެވެ. މިހެން ތިއްބައި ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި މީހަކު އެތެރެއަށް ވަން މަންޒަރު ފެނިގެން މި އެންމެން ފާޑަކަށް ތުރުތުރުއަޅަން ފަށައިފި އެވެ. ހުޅުވާލި ދޮރާއެކު ދޯދިތަކެއް އެކުވެގެން ކޮޓަރިއަށް ވަދެގެން އައި އަލި އޭރު ވަނީ އަހަރެމެންގެ މޫނަށް އެޅިފަ އެވެ. ލޯ ހުޅުވަން އުނދަގޫވާވަރުގެ ގަދަ އައްޔެކެވެ. ދޮރު ކައިރީގައި ހުއްޓިލައިގެން ހުރި މީހާ އޭރު ފެންނަނީ ހިޔަންޏެއް ފަދައިންނެވެ.

އެމީހަކު ދެން ގޮވާލީ އަހަންނަށެވެ.

"ޒާލިމް". (ނުނިމޭ)

Popular